އަދުގެ ޚާއްސަ

Print

ހުރިހާރުކެއް އަޑުގަދަ މީހާއަށް

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަބުދުﷲ ޙިލްމީ

އަޑުގަދަ މީހާގެ ރުއް ގިނަވާނެޔޭ އެބުނާ ބުނުމުގެ ޙަޤީޤަތެއް ވެއެވެ. އެއީ، އަޑުގަދަމީހާގެ ރުއް ގިނަވެގެންދާތަން ފެނުމެވެ. ކޮންމެގޮތަކުން ވިއަސް ވެހެވެ. އެކި ދިމާލުން އެކި ގޮތަށް ވިޔަސް އަޑުގަދަ މީހާގެ ބާރުގަދަވެ، އެމީހާއަށް ލިބޭ ރުއް ގިނަވެގެންދާ ކަން ޤަބޫލުކުރަން ޖެހެނީ، އެކަން ފެންނަމުންދާތީ އެވެ. އަޑުގަދަމީހާގެ ރުއް ގިނަވާކަން އެނގުމާހަމައިން އޭގެފަހުން ހިނގާ އެކިއެކި ކަންކަމާގުޅިގެން، ހަރުބަހާ މީހަކު ބުނިބަހެއްގެ އަޞްލު މާނަނޫން އެހެންމާނައެއް ދޭހަވާ މިސާލު ބަހަށް (މަޖާޒީ ގޮތުން) ވެސް، އެ ޖުމްލަ ބޭނުންކުރެވެމުން ދަނީއެވެ. ޒުވާބުގެ ގޮތުން ދޫނުކޮށް ހިފަހައްޓާމީހާ އަށް ގިނަ ފަހަރަށް ކާމިޔާބު ވާނެކަމަށް، ބެލެވެނީ ވެސް އެހެންވެގެންނެވެ. އަޑުގަދަމީހާގެ ރުއް ގިނަވާނެޔޭ، ބުނާބުނުމުގެ ގިނަ ގޮތްތަކެއް ހުރެއެވެ. އޭގެ ތަފާތު ދެ ގޮތެކެވެ.

އެއްގޮތެއް ކަމަށް ގިނަބަޔެއްގެ ވިސްނުމަށް އަންނަނީ، މީހެއްގެ އަޑުގަދަވުމާއި ހަޅޭއްލެވުމާއި އެފަދަ އެހެން ވެސް ކަންތައްތަކެއްގެ ސަބަބުން، ޙައްޤުނޫން ގޮތަކުން އެ މީހަކަށް އަޞްލު ރުއްތަކެއް ލިބުމެވެ.
އަނެއްގޮތެއް ކަމަށް ގިނަ ބަޔެއްގެ ވިސްނުމަށް ނާންނަނީ، އެތަނެއްގެ ވެރިކަމުގެފަރާތުން އިންޞާފެއް ނެތި މީހަކަށް ކޮށްދެއްވަމުން ގެންދަވާ މަންފާގެ ބައެއް ކަންކަމަށް އިޝާރާތްކޮށް ބުނެވޭ ބުނުމެކެވެ. އެއީ އަޑުގަދަކަމެއް، ޖެހިލުންކުޑަކަމެއް، ނުލަފާކަމެއް، ވަރުގަދަ ނުފޫޒެއް، ދަށުވުމެއް، މިފަދަ ކޮންމެވެސް ކަމެއް ނޫނީ ކަންކަމެއް މީހެއްގެ ހުރެގެން، އެ ސަބަބަށްޓަކައި އެ ސަބަބުގެ ނާޖާއިޒު ބަދަލެއްގެގޮތުން ވެރިކަމުގެފަރާތުން އެ ފަރާތަކަށް ދެއްވާ ޖާހާއި މާލާއި މަންފާތަކަށް އިޝާރާތްކޮށް ބުނެވޭ ބުނުމެކެވެ. ވެރިކަމުގެތެރޭގައި އިންޞާފާއި ޢަދުލުވެރިކަމާއި ހަމަހަމަކަން ރަނގަޅަށް ނެތްކަން ހާމަކޮށްދޭ ބުނުމެކެވެ. މިއީ ރާއްޖޭގެ ރަށްރަށާއި އަދި މަރުކަޒީ ވެރިކަމުގެތެރެއިން ވެސް އެކި ދުވަސްވަރު އެކި ވަރަށް އެކި ގޮތަށް ފެންނަމުންދާ ކަމެއްކަމަށް، ބުނެވޭނޭ ފުރުޞަތު އެބަ އޮތެވެ.

އަޑުގަދަމީހާގެ ޙަޤީޤީ ރުއް ގިނަވުމުގެ އަޞްލު ގުޅިފައިވަނީ، ތަންކޮޅެއްކުރީގެ ޒަމާނާ އެވެ. ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި މީހުން ދިރިއުޅުމަށް ދޭ ބިމާއި، އެހެން ބޭނުންތަކަށް ދޭ ބިންތައް ދީފައިވާ ބޮޑުމިނަކީ ނުވަތަ އިމަކީ ކޮބައިކަން، އެންމެ ރަނގަޅަށް އެނގޭގޮތަށް އެ ރަށެއްގެ ވެރިކަމުގެފަރާތުން އެކަން ބެލެހެއްޓެވިފައި ނެތް ޒަމާނާ އެވެ. އެ ޒަމާނުގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގެ ދެ ގޯއްޗެއްގެ އިންތައް ގުޅޭ ހިސާބާއި، ވަލުތެރޭގެ ތަންތާނގައި މީސްމީހުން ރުއްގަސްތައް އިންދުމުން، އެތަކެތި ހެއްދީ ކާކުކަމާއި، އޭގެ ޙަޤީޤީ މިލްކުވެރިއަކީ ކޮބައިކަމާމެދު، ވަރަށް ގިނަފަހަރު މައްސަލަ ޖެހެއެވެ. ނައިބުގެޔަށާއި ވެރީންގެގާތަށް އެކަމުގެ ޝަކުވާ މީސްމީހުން އުފުލައި އުޅެއެވެ. ނައިބުންނާއި ވެރީން އެކަންކަން ބައްލަވައި ނިންމެވުމުގައި ދިމާވާ އެންމެބޮޑު ދައްޗަކީ، އެންމެ ރުކުއް ނުވަތަ ގަހެއްގެ މިލްކުވެރިއަކީ އެމީހަކުކަމަށް، އެކަކަށްވުރެ، ގިނަމީހުން ބުނުމެވެ. އެކަމާއި އެމީހުންޝަކުވާ ކުރުމެވެ. ކޮންމެމީހަކު ވެސް ބުނަނީ، އެ ރުކެއް ނުވަތަ އެ ގަހެއް އިންދީ، އޭނާކަމަށެވެ. ދެ ގޯތީގެ އިން ގުޅޭ ހިސާބުގައި، ނުވަތަ ވަލުތެރެއަށް ނުވަތަ އެތާކަށް ގޮސް، އެ ރުކެއް ގަހެއް އިންދީ އޭނާކަމަށެވެ. އިތުރުމީހަކު އެކަމުގައި ބައިވެރިނުކޮށް އޭނާ އަމިއްލައަށް އެއެއްޗެއް އިންދީ ވެސް އެކަނި އެކަން ކުރެވިދާނެތީއާއި އަދި އިތުރުމީހަކަށް އޭގެ މިލްކުވެރިކަމުގެ ބަޔެއް އެޅުމަށް ބޭނުންނުވާތީ ކަމަށެވެ. އެހެންވީމާ، އޭގެ މިލްކުވެރިކަން އޭނާފިޔަވައި، އެހެން ފަރާތަކަށް ދާން ނުޖެހޭނެ ކަމަށެވެ. އިންދީ ވެސް އޭނާއެވެ. ހެއްކަކީ ވެސް އޭނާއެވެ. އެ ލިބެންޖެހޭ މީހަކީ ވެސް ހަމަ އޭނާއެވެ.

އެކައްޗަކާމެދު އެކައްޗެއް މިކިޔަނީ އެތައް ފަރާތަކުންކަމަށް ވާތީވެ، އެކަން ނިންމާނެގޮތެއް ހޯދުމަށް ރަށުގެ ނައިބުންނާއި ވެރީންނަށް ވަރަށްބޮޑަށް ދަތިވެއެވެ. އެންމެބޮޑު ދައްޗަކީ، އެކައްޗެއްގެ މިލްކުވެރިކަމަށް އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝަކުވާކުރާ އިރު، އެކަންއެނގޭނޭ ހެއްކެއް ނެތުމުގެއިތުރަށް، އެ އެއްޗަކީ ވެސް އިންސާނުންނަށް އެނގޭބަހަކުން އިވޭ ގޮތަކަށް ވާހަކަދައްކާ އަދި ކުރާ ސުވާލަކަށް ޖަވާބެއްދޭނޭ އެއްޗަކަށް ނުވުމެވެ. އެހެންނަމަ، ކަލޭ އިންދީ ކާކުތޯ ވެސް، އެ ރުކެއް ނުވަތަ ގަހެއްގެ ކައިރިއަށް ނައިބުމީހާ ނުވަތަ ކަތީބުމީހާ ގޮސް އަމިއްލައަށް ވެސް އެހިދާނެތާ އެވެ. އެކަމަކު އެކަމެއްވާކަށް ނެތެވެ. ވީމާ އެ ރުކެއް ނުވަތަ ގަހެއްގެ މިލްކުވެރިއެއް ކަމަށް ނައިބުގެއިން އެންމެފަހުން ނިމިގެންދާތީ ފެންނަނީ، ޝަކުވާކުރާ މީހުންގެތެރެއިން އެންމެ އަޑުގަދަ މީހާއެވެ. އެންމެ ބާރަށް ހަޅޭއްލަވާމީހާ އެވެ. އެންމެ ރުޅިގަދަ މީހާ އެވެ. އެންމެ ނުލަފާ މީހާއެވެ. އެންމެ ޖެހިލުންކުޑަ މީހާއެވެ. ނައިބުމީހާގެ ކުރިމަތީގައި ފުންމަފުންމައިގެން ދާ މީހާއެވެ. އެ މީހާއަށް އެ އެއްޗެއް ދިނުންނޫން އެހެންގޮތެއް ނައިބުމީހާއަށް ނޯވެއެވެ. ނުދިނަސް ނަގާނެއެވެ. އެހެންނޫނީ، ނައިބުމީހާއަށް ގޭގައި ނިދަން ވެސް ނޯވެވޭނެ އެވެ. ރޭގަޑު ދަންވަރު ނައިބުމީހާގެ ގޭގެ ބޭރުގައި ޑަބިޔާތަޅައި، ހޯއްގޮވައި، އެންމެފަހުން ގޭގެ ފުރާޅުގެ ޓިނު ނުބާލާނެކަން ވެސް ނޭނގެއެވެ. އެހެންވީމާ، ވާނެގޮތްވީ އެވެ. އަޑުގަދަމީހާގެ ރުއް ގިނަވީއެވެ.

ނައިބުމީހާގެ ގާތަށް ގޮސް ރުއްގަހާމެދު ޝަކުވާކުރި މީހުންގެތެރެއިން އެންމެ އަޑުގަދައީ، ދޮންސޮރަށް ވީމާ އޭނާ އަމިއްލައަށް އިންދީ އެންމެ ރުކެއްކަމަށް ވިއަސް އޭނާނޫން އެހެން މީހުންކަމަށްވާ އާދަނާއި، ކާސިމާއި، ބޮޑޭއާއި، އީސަޔާއި، ދޮންސޮރާއި، ކުޑަފުޅާއި މިއެންމެން އެތައް ދުވަހަކުއްސުރެ އިންދައި ހައްދައި ފޯދިފައިވާ ހުރިހާ ރުކެއް ގަހެއްވެސް، ދޮންސޮރުގެ ތަކެއްޗަށްވީ އެވެ. ދޮންސޮރަށް އެ ތަކެތި ލިބުންނޫން އެހެން އެއްވެސްގޮތެއް ހަމަ ނޯންނާނެތީވެ، އެގޮތްވެ، ނިމުނީ އެވެ. އެކަމާ އެހެން މީހުންނަށް ކުރެވޭނޭ އެއްވެސްކަމެއް މިދުނިޔޭގައި ނެތެވެ. އަދި ކުރަންއުޅުނަސް ކުރެވޭކަށް ވެސް ނެތެވެ. އެންމެ އަޑުގަދައީ ދޮންސޮރަށްވީތީ އެވެ. އެންމެ ރުޅިގަދައީ ދޮންސޮރަށްވީތީ އެވެ. އެންމެ ނުލަފައީ ދޮންސޮރަށްވީތީ އެވެ. އަދި އެންމެ ނުފޫޒުބޮޑީ ވެސް ދޮންސޮރަށްވީތީ އެވެ.

--------------------
(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ