Print

ކަރާގެ ރަދީފު (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


ކަރަޔަށް ޖެހޭ ބައެއް ބަލިބަލި


އާދަމް ނަޞީރު އިބްރާހީމް

ކަރާގެ ރަދީފު (2) ގައި ހިމަނައިލެވޭތޯ އަޅުގަނޑު ބެލީ ކަރާ ހެއްދުމުގެ މަސައްކަތުގައި ބޭނުން ކޮށް އުޅޭ، އެ ނަމެއްގެ ކުރިޔަށް [ކަރާ] މި ލަފުޒު އިތުރުކޮށްފައި ނުވާ ބައެއް ނަންނަމެވެ. ޚާއްޞަކޮށް ކަރާވެޔޮ ހެދިބޮޑުވުމުގެ އެކި މަރުޙަލާއާ ގުޅިގެން ބޭނުންކުރާ ބައެއް ނަންނަމެވެ. މި ބައިގައި ބަލައިލާނީ ކަރާވެލަށާއި ކަރަޔަށްޖެހޭ ބައެއް ބަލިބައްޔަށް ކިޔައިއުޅޭ ނަންނަމަށެވެ.

1-    ކޫޑެ
ކޫޑެ އަކީ ސާދާ ބަހުރުވައިގައި [ކޫޑި] އޭ މި ކިޔާ ބައްޔެވެ.  މި ބަލި ކަރާ ވެލަށް ޖެހުމަށް ކިޔައި އުޅެނީ ކޫޑެ އެޅުމެވެ.  [މި އުޅެނީ ކަރާވެލުގައި ކޫޑެ އަޅައިގެންނޭ] ބުނެ އުޅެއެވެ. [ކޫޑެ] އަކީ  ޒާތެއްގެ ދިރޭ ސޫތްޕެކެވެ.  ތިން ބާވަތެއްގެ ކޫޑެ [ކަރަލުގައި] އަޅާކަމަށް ވެއެވެ. ހުދު ކޫޑެ އެވެ. ކަޅު ކޫޑެ އެވެ. އަދި ރީނދޫ ކޫޑެއެވެ.  މީގެ ތެރެއިން  އެންމެ ނުރައްކާތެރި ބާވަތެއް ކަމަށް ވަނީ ރީނދޫ ކޫޑެއެވެ. އަލީ އާދަމް ކިޔައިދެއްވި ގޮތުގައި ރީނދޫ ކޫޑެ އަޅައިފިއްޔާ ލަހެއް ނުވެ މުޅި ވެޔޮ ހަކުރަށްވެދެއެވެ.

ހަކުރަށް ވުމަކީ ކޮބައިތޯ އެވެ؟ [ހަކުރަށް ވެފައި ހުރި ] ބައެއް ކަރާ ވެޔޮވެޔޮ އަޅުގަނޑު ވެސް ދުށީމެވެ. އެ ފަދަ ވެޔޮވެލަށް ވަދެ ހިނގައި ވެސް ހެދީމެވެ.  ރީނދޫ ކޫޑެ އަޅައި  ކަރާ ވެލެއް ހަކުރަށް ވުމުން ވެލުގައި ހިނގަން ވެސް އުނދަގުލެވެ. ތަތްލަވާ ވަރުންނެވެ. ހަމަ ހީވަނީ މުޅި ވެލަށް ދޯބުރާލި ހަކުރު ބުރުއްސައި، އަވީގެ ހޫނުން އެ ވިރި ދިޔާ ވެގެން ތަތްލަވަނީ ހެންނެވެ. ނުވަތަ މުޅި ވެލަށް ދިޔާ ހަކުރު (ދިވެހި ހަކުރު) އުކައިފައި އޮތް ހެނެވެ. މި ހެން ވުމުން ދާދި އަވަހަށް ވެޔޮ ބަލިވެ މަރުވެދެއެވެ.
 
އެހެންވީމާ، ރީނދޫ ކޫޑެ އަޅައިފިނަމަ،  ހަކުރަށްވުމުގެ ކުރީގައި އެއަށް ފަރުވާކުރުން މުހިންމެވެ. ހަކުރަށްވެއްޖެއްޔާ އެ ވެލެއްގެ ދުވަސް ދިޔައީއެވެ.

2-    މާޖާޑިއެނބުރުން
މި ބަލި ޖެހުމުން ދުވެދުވެ ހުރި ކުރިތަކުގެ މިސްރާބު ބަދަލުވެއެވެ. ވަޅާ ދުރަށް ދުވެދުވެ ހުރި ކުރިތައް، ކުރިލަނބައި އެނބުރި ވަޅާ ދިމާ އަށް މިސްރާބު ޖަހައެވެ. ހީވާނީ އެނބުރޭ ވައިރޯޅިއެއްގައި ހުރިހައި ކުރި އަނބުރައި އޮޅައިފައި އޮތްހެނެވެ.  މި ބަލި ޖެހުނު ވާހަކަ ބުނާކަށް، މާޖާޑި ޖެހިއްޖެޔެކޭ ނުވަތަ މާޖާޑި އަޅައިފިޔެކޭ ވެސް ނުކިޔައެވެ. ކިޔަނީ ހަމަ އެކަނި، މާޖާޑި އެނބުރުމެވެ. [މާޖާޑި އަނބުރައިގެން ކަރާވެޔޮ ހަލާކުވެއްޖޭ] ބުނެ އުޅެއެވެ.

3-    ކަޅުފޮޅު
މިއީ ފަތްތަކުގައި ޖަހާ ބައްޔެކެވެ. ކުދި ތިކިތަކެއް ޖަހަނީއެވެ. ދެން އެ ތިކިތައް ފޮތިވެލި ފުއްތަކެއް ވަރަށް ބޮޑެތިވެދެއެވެ. ދެން އެ ތިކިތަކާއެކު މުޅިފަތް ހިކިގެންދެއެވެ. ނަމަވެސް އާންމުގޮތެއްގައި ފަތެއް ހިކޭ ގޮތަކަށް ނޫނެވެ. ބަލައިލާއިރު ހީވާނީ ހަމަ އަލިފާނުން އަނދައިފައި ހުންނަހެނެވެ. މި ބަލީގެ އަސަރު ފޯރުމަށް ކިޔަނީ [ޖެހުމެވެ.]  [މި އުޅެނީ ކަރާވެލުގައި ކަޅުފޮޅު ޖަހަންފަށައިގެނޭ] ބުނެ އުޅެއެވެ.

4-    މަގުލުހިތި
މި ބަލީގައި ވެސް ކުދި ކުދި ތިކިތަކެއް ފަތްތަކުން ފާޅުވެއެވެ. އެއާ އެކުފަތްތައް ހަރުވެދެއެވެ. މީގެ ސަބަބުން ވެލުގެ ދުވުން މަޑުޖެހިދެއެވެ. މި ބަލި ޖެހުމަށް ކިޔަނީ މަގުލުހިތިއެޅުމެވެ. [މަގުލުހިތި އަޅައިގެން މިފަހަރު ކަރާ ދުވާ ގޮތެއް ނުވި] އޭ ބުނެ އުޅެއެވެ.

5-    އޮނުތޫރި
މި ބަލި ޖެހުމުން ފަތްތައް ހުންނަނީ އޮޅިފައެވެ. ކިހިނެއްތޯ އެވެ؟ ފަތަކުން ގޮށްޓެއް ހަދަން ފަތް އޮޅައިލާ ބީދައިންނެވެ. އެއާ އެކު ކަރާ ކުރި ބިމުން  މައްޗަށް އުފުލެއެވެ. ބައެއް ފަހަރަށް ފޫޓެއްހައި މައްޗަށް ވެސް އުފުލިދާނެއެވެ. [މި ފަހަރު ކަރާ ނުދުވުނީ އޮނުތޫރި ޖެހިގެންނޭ] ބުނެ އުޅެއެވެ. ހަމަ އެހެންމެ މާބޮޑަށް މި ބަލީގެ އަސަރު ކޮށްފައިވާ ހާލަތުގައި [މުޅިވެލުގައި އެ އޮތީ އޮނުތޫރި ހިފައިފައޭ] ބުނެ އެވެ. ޢަލީ އާދަމް ބުނުއްވާ ގޮތުގައި [ހިފުން] މި ގޮތަށް މި ނަން ބަދަލުވެފައި އެ ވަނީ އެ ބަލީގެ ބާރަށް ބަލައިފައެވެ. މި ބަލި ޖެހުމުން ހީވާނީ ހަމަ މީހަކު ކަރާ ކުރިތައް އަނބުރައި އުފުލައި ފަތްތައް އޮޅައިފައި ހުންނަހެނެވެ. އެހެންވީމާ މަޖާޒީ ގޮތެއްގައި އޮނުތޫރިއަށް އެ ދެވެނީ ފުރާނަ ހުރި އިންސާނެއްގެ ސިފައެވެ. [އޮނުތޫރި ހިފުމޭ] އެ ބުނެވެނީ އެ މާނައިގައެވެ.

6-    ދަބަރުބަލި
ދަބަރު ބަލިޖެހުމުން ހީވާނީ ޒަމާންވެ ދަބަރަށް ވެފައިވާ ފީފާޔަކަށް (ދަގަނޑު ތާނގީއަކަށް) ފެން އަޅައި އިސްކަރާބަކުން އެތެރެކަހަކަހައިފައި، ދެން އެ ހުރިހައި ފެން ކަރާވެލަށް ބުރުއްސައިލައިފައި އޮންނަހެނެވެ. މުޅިވެޔޮ އޮންނާނީ ދަބަރުކުލައިގައެވެ. މުށިކުލައިގައެވެ. ފަތްތައް ފޫވެއްޓި އެ ގޮތް މި ގޮތްވެފައެވެ. މި ބަލީގެ އަސަރު ކުރުމަށް ދަބަރުބަލިޖެހުމޭ ކިޔައި އުޅެއެވެ.

7-    ބިންހޮނު
މި ބަލި ޖެހުމުން ކަރާކުރި ވަކި ހިސާބަކުން މިލާނެއެވެ. އެންމެ ކުރިޔަށް ހުންނަ ދެ ތިން ހަތަރު ފަތާ     ހިސާބުންނެވެ. އެ އަށްފަހު އެހިސާބުން ބުރިވެގެން ވެއްޓިދެއެވެ.  ވެލުން ވަކިވާ ބައިގެ ކޮޅު ހީވާނީ އަނދައިފައި ވާހެންނެވެ. މީހަކު ބޮއިފައި ނިވައިލައިފައިވާ ސިނގިރޭޓެއް ނުވަތަ ސުއްޓާއެއްގެ ކޮޅުހެންނެވެ.  ބިންހޮނު ކިޔަނީ މި ސިފަ (އަލިފާނުގެ ހޫނާ ގުޅިފައިވާ ސިފަ) އަށް ނިސްބަތްކޮށެވެ. މި ބަލި ޖެހުމަކަށް،  ބިންހޮޅު ޖެހުމެކޭ ވެސް ނުވަތަ ބިންހޮޅު އެޅުމެކޭ ވެސް ނުކިޔައެވެ. ބުނެ އުޅޭނީ [ބިންހޮނާ ހެދި ކުރިތައް ހަލާކުވެއްޖޭ ބިންހޮނުގެ ސަބަބުން މި ފަހަރު ކަރާ ދުވާގޮތެއް ނުވިޔޭ، ނުވަތަ މި އުޅެނީ ބިންހޮނުގެ ކަންތައް ލައްވައިލައިގެންނޭ] މި ކަހަލަ ގޮތްގޮތަށެވެ.

8-    މިލާބަލި
މި ބަލިޖެހުމުން ކަރާވެލުގެ އެކި ދިމަދިމާއިން ވެޔޮ މިލައެވެ. ވެޔޮ މިލުމޭ ބުނެ އުޅެނީ ވެޔޮގަނޑާއި ފަތްތައް  މިލުމުގެ މާނައިގައެވެ. ބައެއް ފަހަރަށް މުޅި ވެޔޮ އެކީގައި ވެސް މިލައިދެއެވެ. ޢަލީ އާދަމް ދެކެލައްވާ ގޮތުގައި މި ކަމަކީ ފަހަކަށް އައިސް،  ފުރެއްދެ ގަސް ކާނާ ބޭނުންކުރުމުގައި އޭގެ ހަމަ ގޮތްތައް (މިންތައް) ނޭނގި،  ގަސް ކާނާ އަޅަން ފެށުމުން ދިމާވާން ފެށި ކަމެކެވެ. މި ބަލީގެ އަސަރުފޯރުމަށް މިލާބަލިޖެހުމޭ ކިޔައި އުޅެއެވެ.

9-    ފެންދަދު
މި ބަލި ޖެހެނީ ކަރަޔަށެވެ. ކަރަޔޭ މި ދެންނެވީ  މޭވާގެ މާނައިގައެވެ.  ކަރާ ބިމުޖެހުނު ހިސާބުގައި ދަދެއްގެ ސިފައިގައި ބޮޑު [ލަކުނެއް]ލައެވެ.. މި [ލަކުނު] ހުންނަނީ އިންސާނުންގައި ނަގާ ދަދު، ފެތުރި، ފަދަ އެއްޗެހި ހުންނަ ސިފައިގައެވެ.  މި ބަލި ކަރަޔަށް ޖެހުމަށް ކިޔަނީ ފެންދަދުޖެހުމެވެ.  [އަހަރެމެން ވެލު ކަރަލެއްގައި ވެސް ފެންދަދެއް ޖަހައިފައި ހުއްޓައި ފެނިއްޖޭ، ފެންދަދު ޖަހައިގެން މި ފަހަރު މުޅި ކަރާވެޔޮ ވީ ހަލާކޭ] ބުނެ އުޅެއެވެ.  މި ދަދު ޖަހާތާ ހިނދުކޮޅެއްގެ ތެރޭގައި  ވަށައިގެން  ފެންބަޑިލައިފައި ހުރެއެވެ. ގައިގައި ނަގާ ފޮޅެއް ފަދަ އެއްޗެއް ފެންބަޑިލައި ކަނޑަކަނޑައިގެންދާ ގޮތަށެވެ.

10-    ކޮޅުވައްޓާ
މި ބަލި ޖެހުމުން ކަރާކުރިތަކުގެ ކޮޅު މޮއްވެއެވެ. ފަތްތައް މެޅިގެންދެއެވެ. އޭގެ ސަބަބުން ކުރިދުވުން ހުއްޓެއެވެ. މި ބަލީގެ އަސަރު ފޯރުމަށް ކޮޅުވައްޓާ ޖެހުމޭ ކިޔައެވެ.

11-    އެންތެރަކުސް
މިއީ ކަރާގެ މަތިފަރާތުގައި ޖަހާ ދަދެކެވެ. ވަރަށް އަވަހަށް ފެތުރިގެންދާ ބައްޔެކެވެ. ހަވީރު ކަރާވެލަށް ފެންދީފައި ގެއަށް އަންނަ އިރު ރީތިކޮށް ހުންނަ އެތައް ކަރައެއް ހެނދުނު ދާއިރު މި ދަދުޖަހައި މުޅިން ހަލާކުވެފައި ހުރެ އެވެ.  މި ނަން އުފެދުނު ގޮތުގެ ސަބަބެއް ކަމަށް ބެލެވެނީ 2001ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ހުޅަނގުގެ އެމްބަސީއަކަށް ޕޯސްޓުން ދިޔަ ސިޓީ އުރައަކާ ގުޅިގެން ދުރަށްފެތުނު ޚަބަރެވެ.  އެ ޚަބަރުގައި ކިޔައިފައިވަނީ އެންތުރެކްސް (anthrax)ގެ ވާހަކައެވެ. އެ ސިޓީ އުރައަކީ އެ ފަދަ ނުރައްކަލެއް ފެތުރުމުގެ ވަސީލަތެއް ކަމަށެވެ.  ޚަބަރުގެ ތަފުސީލުގައި ދެން މުޅިން ވެސް ކިޔައިފައިވަނީ އެންތުރެކްސް ގެ ނުރައްކާތެރިކަމުގެވާހަކައެވެ. އެ ފެތުރޭ ގޮތާއި ފެތުރުނީމާ ވާގޮތެވެ. އެ ހިސާބުން ތޮއްޑޫ ދަނޑުވެރީންނަށް، ނަންނުލިބި އޮތް ބައްޔަކަށް ނަން ލިބުނީއެވެ. އެ ބައްޔަކީ އެ ދުވަސްވަރު ފެންނަންފެށި ބައްޔެއް ވެސް މެއެވެ. އެންތުރެކްސް ފަދައިން ކުޑަ ވަގުތުކޮޅެއްގައި ފެތުރިގެންދާ [ނުރައްކާތެރި] ބައްޔެކެވެ. މި ދުވަސްވަރު ތޮއްޑޫގެ ކޮންމެ ވެސް ދަނޑުވެރިޔަކު އޭނާގެ ދަނޑަށް [އެންތެރަކުސް] ޖެހުނުކަމަށް ބުނެ ހޮޅުއަށީގައި އެ ވާހަކަ ދެއްކިއެވެ. ކަރާތަކަށް ޖެހޭ ގޮތް ނޭނގޭ ބަލި ފެތުރޭލެއް އަވަސްކަމާއި އޭގައި ޖަހާ ފޮޅުތައް ހުންނަ ސިފައާއި މި ކަންކަން އޭނާ ގުޅުވައިލީ ރޭޑިޔޯ އާއި ޓީވީން އަލަށް މި ޚަބަރު އިވޭ ބަލީގެ އަލާމާތްތަކާ އެވެ. އެހިސާބުން ކަރާވެލަށް ވެސް އެންތެރަކުސް ޖެހެންފެށީ އެވެ. [އަހަންނަށް މި ފަހަރު ކަރާ ނުދުވުނީ އެންތެރަކުހާ ހެދިއޭ] ބުނެ އުޅެއެވެ.

12-    ގުރުޑުބަލި
މި ބަލިޖެހުމުން ފަތްތަކުގެ ޅަނދޮޅުކަން ގެއްލި ކުރިތައް ދުވުން ހުއްޓިދެއެވެ.  ފަތްތައް ގުރުޑުވެއެވެ. މި ބަލީގެ އަސަރު ފޯރުމަށް ކިޔަނީ ގުރުޑުބަލި ޖެހުމެވެ.

13-    ދޮންބަލި
މި ބަލި ޖެހުމުން ފަތްތަކުގެ އާރޯކަން ގެއްލި ފެހިކަން ފަނޑުވެދެއެވެ. ވެލަށް [ލޮޑުކަން] ލިބިދެއެވެ.  މިބައްޔަށް ދޮންބަލި ކިޔަނީ ފަތްތައް ދޮންވާތީއެވެ. އެކަމަކު މިއީ ރަނގަޅަށް ފޮޅި ހަރުވެ ދޮންވެގެން ގަސްގަހުންނާ ވެޔޮވެލުން ވެއްޓޭ ދޮންފަތުގައި އެ ހުންނަ ކުލަ، ފަތަށް ލިބުމެއް ނޫނެވެ. ފަތުގެ ގަދަ ފެހިކަން ގެއްލި، ޒާތަކަށް ހުދުވުމެވެ. ފަނޑުފަނޑު ފެހި ކަމަކާއެކީގައެވެ.  މި ބަލީގެ އަސަރުފޯރުމަށް ކިޔަނީ ދޮންބަލި އެޅުމެވެ. ޖެހުމެއް ނޫނެވެ.

14-    ކަނަކުރިވަނުން
ކަނަކުރިވަނުމަކީ ބައެއް ކަރާގެ އެތެރެއިން ބައެއްގެ މަޑުކަން ގެއްލި، ވަކިގޮތަކަށް ހަރުވެލައިފައި ހުންނަ ހުރުމަކަށް ކިޔާނަމެކެވެ. މި ފަދަ ކަރާ ފަޅައިލާ އިރު އޭގެ ކޮންމެވެސް ދިމާއެއް މާބޮޑަށް ހަރުވެފައި އޮވެދާނެއެވެ. ހަށިގަނޑުގައި ޖަހާ މުލިހީގެ ވަށައިގެން، ގޮށެއްހެން ތަންގަނޑެއް ހަރުވެފައި އޮންނަ ގޮތަށެވެ.  ކަނަކުރިވަދެފައި އޮންނަ  ދިމާގައި އާންމުކޮށް ދޮންކަމެއް (ރަތް ކުލައެއް) ވެސް ނުހުންނާނެ އެވެ.  ހުންނަނީ ހުދުކަމަކާއެކީގައިވާ ދޮން ރީނދޫކުލައެކެވެ. ރަހަޔަށް ބަލާއިރު މި ބައި އަނގަޔަށް ވަރަށް ނުބައިވާނެއެވެ. މި ބަޔަށް އިޝާރާތްކޮށް ކަނަކުރިގަނޑެކޭ ވެސް ކިޔައެވެ. މި ބަލިޖެހުމަށް ކިޔަނީ ކަނަކުރިވަނުމެވެ. ކަނަކުރި ޖެހުމެއް ކަނަކުރި އެޅުމެއް ނުކިޔައެވެ. މިއީ ވަރަށް މަދު ހާލަތެއްގައި މަދު ކަރައެއްގައި ހުންނަ ކަމެކެވެ. ބައްޔަކަށްވުރެ ބޮޑަށް މާނަ ކުރެވެނީ އައިބެއްގެ ގޮތުގައެވެ.
----------------------------
(ނުނިމޭ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ