އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގައި، ލޯކަލްކައުންސިލްތަކުގެ ނިޒާމު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު
 
އިދާރީގޮތުން ދިވެހިރާއްޖެ އަތޮޅުތައް މިހާރު ހިނގަމުންމިދަނީ، ލާމަރުކަޒީ އުޞޫލުން، ލޯކަލް ކައުންސިލް އޮތޯރިޓީއެއްގެ ދަށުން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކެއް އުފެދިގެން އެތަންތަނުގައި ކައުންސެލަރުން ތިބެގެންނެވެ. މިގޮތަށް މިކަން ބައްޓަންވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގެ ހިޔާވަހިކަމުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނާއި ބެހޭގޮތުން އެއްޗެއް ދަންނެވުމުގެ ކުރިން އަޅުގަނޑު ބަލައިލާނީ މާޒީގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށެވެ.

ލާމަރުކަޒީ އުޞޫލަކީ (މަރުކަޒެއްނެތި) ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތުން (އޭރުގެ ގޮތުން ދަންނަވާނަމަ) ކާރުދަވެރީން، ނުވަތަ ވާރުވެރީން (މިހާރުގެ ގޮތުންނަމަ) އަތޮޅުވެރީން ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް އެ ވަގުތަކަށް ބޭނުންވާ ނުވަތަ ފޯރުކޮށްދެވެން ހުންނަ ޚިދުމަތްތައް ފޯރުކޮށްދެއްވާ އުޞޫލެވެ. އެ ގޮތުން ފޯރުކޮށްދެއްވާ ބައެއްކަހަލަ ޚިދުމަތްތަކުގެތެރޭގައި، ގޯތި ކަނޑައިދިނުމާއި، ދޭދޭމީހުންގެ މެދުގައި ހިނގާފައިހުންނަ މައްސަލަތައް ހަމަޖެއްސުމާއި، އިޖްތިމާޢި، އިޤްތިޞާދީ، ޢިމްރާނީ، ތަޢުލީމީ، ޞިއްޙީ ކަންކަން ވިލަރެސްކުރުން ހިމެނެ އެވެ. ނަމަވެސް ރަށްރަށް ވެރިން ހަމަޖެއްސުންފަދަ ކަންކަން ނިންމަވަނީ، މާލެއަށް ސިޓީ ފޮނުވަގެންނެވެ.

ދޫދޫމަތިން ވަރަށް ޢާއްމުކޮށް ހުވަދުއަތޮޅުގައި ކިޔެމުންއަންނަ ހުވަދޫ ވާރުވެރިޔާ އާއި ހޯނޑެއްދޫ ތިންރުއް މުޙައްމަދުގެ ފުލޯކުން އެނގޭގޮތުގައި ހިލާލީ ދަރިކޮޅުގެ ރަސްކަން ފެށުނުއިރު (1388މ.) އެ އަތޮޅުގައި ވާރުކަންކުރަނީ ހޯނޑެއްދޫގަ އެވެ. ހޯނޑެއްދޫގައި ހުރި ވާރުގެ (އަތޮޅުގޭގެ ނަމުގައި) އެ އަތޮޅު ހަވަރުތިނަދުވަށް ބަދަލުކުރެއްވީ (ޑިސެމްބަރ 16، 1930މ، ގައި) އަތޮޅުވެރިޔާ ޙާޖީ މުޙައްމަދު ކަލޭފާނެވެ. އެކަން އެނގެނީ، އޭނާ އަތޮޅުވެރިކަންކުރެއްވި ދުވަސްވަރު ހަވަރުތިނަދޫ ކަތީބެއްގެ މަޤާމު ފުރުއްވި އަދި އޭނާގެ ކާފަދަރިއަކާއި ކައިވެނިކުރައްވައިގެން އުޅުއްވި އެރަށު ޖަނަވަރީގޭ ޙަސަން ޙިލްމީގެ ލިޔުއްވުމަކުން ނެވެ. އެދުވަސްވަރު ހިނގާފައިވާ ވަރަށްގިނަ އޭނާ ލިޔުއްވާފައިވާ ލިޔުންތައް އަޅުގަނޑު ދުށީމެވެ.

ކުރިން ކަންކަން ހިނގާފައިވާގޮތުގެ މަޢުލޫމާތު އެނގިފައި ނުވެ އެވެ. ނަމަވެސް ޙަސަން ހިލްމީގެ ލިޔުއްވުންތަކާއި އަދި އެދުވަސްވަރުގެ ކަންކަން ދެކެފައިވާ ފަރާތްތަކުން ކިޔައިދިން ގޮތުގައި އަތޮޅުތެރޭގެ ދަތުރަށް އޭނާ ފައްޓަވަނީ އޭނާގެ އަމިއްލަ ދޯނީގަ އެވެ. މޫސުން ހުންނަ ގޮތުން ބައެއްފަހަރު ކޮލަމާފުށިން ނުވަތަ މަޑަވެލީން ނެވެ. ނިދިކުރައްވަނީ ދޯނީގަ އެވެ. ކޮންމެ ރަށެއްގައި ވެސް (މަދުވެގެން) އެއްރެއާއި، އެއްދުވާ ހޭދަކުރައްވައި އެ ރަށެއްގެ މީހުންގެ މުހުތާދުތައް ނިމެންދެން މަޑުކުރައްވަ އެވެ. އޭރުގެ ހުވަދު އަތޮޅަކީ، މިހާރުގެ ގއ. އަދި ގދ. އަތޮޅެވެ. އޭރުވެސް ރަށްރަށަށް ވެރީން ހަމަޖައްސަވަނީ މާލޭގައި ދަންނަ ވައިގެންކަން އެނގެނީ، އެއްފަހަރަކު އަތޮޅުވެރިން އަތޮޅުތެރެއަށް ފުރުއްވީ، ޖަނަވަރީގޭ ޙަސަން ޙިލްމީ އަށް މަޤާމު ހަމަޖެއްސެވު މަށްޓަކައި ސިޓީ އެއް ލިޔުއްވާފައިކަމަށް ވާތީ، އެދުވަސްވަރުގެ މަސްރަހު ހުރިގޮތުން އެކަން ހިނގިގޮތް އެނގުމަށް ޟަރޫރަތު ތަންދީފައިވާތީ އެވެ. (ޢަބްދުއްޞަމަދު ޙުސައިން / ތިނަދޫ މާކޯނި)

ޙާޖީ މުޙައްމަދު ކަލޭފާނުގެ އަތޮޅުވެރިކަމުން ވަކިކުރެއްވީ އަލްއަމީރު މުޙައްމަދު އަމީން (ޑަންގީ ރަޙްމާނީގައި) އައްޑު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައއެވެ. (ކަނޑުންފިރުކެމުން ވައިންއުދުހެމުން) މުޙައްމަދު އަމީނުގެ ވެރިކަން ބަދަލު ކުރެއްވުމަށްފަހު ދެން ފެށުނީ، މުޙައްމަދު ފަރީދުގެ ރަސްކަމެވެ. އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ، އޭގެ ފަހުން އިބްރާހިމް ނާޞިރުގެ ބޮޑުވަޒީރުކަމާއި އޭގެފަހުން އިބްރާހިމް ނާޞިރުގެ ރައީސްކަމާއި، މައުމޫނު ޢަބްދުލްޢައްޔޫމުގެ ރައީސް ކަމެވެ.

މިހާރު ޢަމަލުކުރަންމިގެންދާ ލޯކަލް ކައުންސިލްގެ ޤާނޫނަކީ، މައުމޫނު ޢަބްދުލްޤައްޔޫމުގެ ރައީސްކަމުގެ ފަހު ދަވްރުގައި (އާދެ! އޮގަސްޓް 7، 2008 މ. ގައި) އަލަށް އެކުލަވައިލެއްވި ޤާނޫނު އަސާސީ އާއި ގުޅިގެން އުފެދިފައިވާ ލޯކަލް ކައުންސިލުގެ ޤާނޫނެކެވެ. ލޯކަލް ކައުންސިލުގެ އުޞޫލުތައް ޤާއިމުކޮށް ރައްޔިތުންގެ ވޯޓުން ހޮވާ އަތޮޅު ކައުންސެލަރުންނާއި، ރަށުކައުންސެލަރުން ރަށްރަށް ހިންމުމަށް އެންމެބޮޑަށް ބާރުއެޅުއްވީ އޭރު މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، މިހާރު (2012މ.) ގެ ނާއިބު ރައީސް މުޙައްމަދު ވަޙީދުއްދީން އެވެ. އަތޮޅުވެރިންގެ 11 ވަނަ ބައްދަލު ވުމުގެ މަޢުލޫމާތު ފޮތުން ވަޙީދުއްދީނު (ޑީން އަދާކުރެއްވި ދަވްރު އެނގިވަޑައިގަންނަވާނެ އެވެ. ކޮންމެއަކަސް މިހާރު ހިނގަމުން މިދަނީ (ޑީން) އުންމީދުކުރެއްވި އެދުވަހެވެ. އާދެ! ޑީންގެ މިނިސްޓަރު ކަމުގެ ދުވަސްވަރުގެ ވާހަކަތަކަށް ބަލާލުމުގެ ކުރިން މާޒީއަށް ބަލާލުން އެއީ މުހިންމު ކަމެއްކަމެކެވެ.

އަތޮޅުކޮމިޓީތައް އުފެދުން

ރާއްޖޭގެ ޤުދުރަތީ އަތޮޅުތައް ސިޔާސީ ގޮތުން ވަކިއަތޮޅުތަކަކަށް ބަހާލައިގެން ހިންގުމުގައި ޑިމޮކްރަސީއާއި އެންމެ ގާތްކުރާ ގޮތަކަށް އެޅުނު އެއް ފިޔަވަޅަކީ، އަތޮޅު ކޮމެޓީ ތަކެވެ. މި ކޮމިޓީތަކަށް އެއްބައި ދުވަސްވަރެއްގައި ޤާނޫނީ ބާރު އޮތެވެ. އަނެއް ބައި ދުވަސްވަރެއްގައި ހިނގީ އެފަދަ ބާރަކާ ނުލަ އެވެ. ކޮންމެ ސިފަޔަކަށް ހިންގިއަސް އެއީ މިހާރުވެސް މިކިޔާ ލާމަރުކަޒީ އުޞޫލެވެ. ނަން ތަފާތު ވިއަސް އެއްޗަކީ، ހަމަ އަތޮޅު ކައުންސިލެވެ.

ރާއްޖެ އުފެދިފައިވާ ހަމަތަކަށް ބަލާއިރު މައި ވެރިކަމުގެ ދަށުގައި މުޅި އެޑްމިނިސްޓްރޭޝަން ހިންގުމަކީ، އެއްވެސް ދުވަސްވަރެއްގައިވެސް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ދިވެހި ވެރިކަމުގެ އިންތައް ޖެހުމުގައި އަތޮޅުތަކުގެ ވެރިކަން ނުވަތަ ވެރިކަންކުރާ ރަށްތަކެއް ކަނޑައަޅައި ވަކި އެޑްމިނިސްޓްރޭޝަންތަކެއް ހިންގަމުން އައީ {ކާރުދަވެރީންނާއި} ވާރުވެރިންނާއި، އަތޮޅުވެރިންގެ ގޮތުގަ އެވެ. އެކި އިރު އެކި މަގަށެވެ.

ރާއްޖޭގައި ފުރަތަމަ އަތޮޅު ކިމިޓީތައް އުފެދުނީ، ރަދުން މުޙަންމަދު ފަރީދުގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަކާއި ގުޅިގެން ނެވެ. އެ ބިލުގައި ބުނަނީ، ރާއްޖޭގެ އަތޮޅުތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ރައްޔިތުން ބޭނުންވާ ވެރިއަކު އަތޮޅު ހިންގަން ބެހެއްޓުމަށްޓަކައި، ކޮންމެ އަތޮޅެއްގައި ޤާނޫނީ ބާރު ލިބިފައިވާ އަތޮޅު ކޮމިޓީއެއް އުފައްދަން ބޭނުންވާ ކަމަށެވެ. އަދި އަތޮޅުކޮމިޓީތައް ރައްޔިތުންގެ ވޯޓަކުން ހޮވައި އިންތީޚާބުކުރާ ގޮތަށް އޮންނަން ފެންނަކަމަށް ވެސް ބުނެފައިވެ އެވެ.
 
އެ ބިލް މަޖިލީހަށް ހުށަހެޅީ، ޖުލައި 16، 1961މ. ގައި ކަމަށްވެސް ބައެއް މީހުން ބަޔާންކުރެ އެވެ. އަނެއްބައި ލިއުންތަކުގައި، ޖުލައި 18، 1961މ. ކަމަށްވެސް ބުނެ އެވެ. މި ފަހުން އުވާލި ޤަވްމީ މަރުކަޒްގެ ލިޔުންތަކާއި، ކޮލި ޙަސަން އަޙުމަދު މަނިކާއި، އެނޫން ވެސް ތާރީޚީ ލިޔުންތެރީން ބުރަވެވަޑައިގަންނަވަނީ، ޖުލައި 16، 1961މ ކަމަށެވެ.

މި ބިލް ވުޒާރަތުންދާޚިލިއްޔާ އިން ހުށަހެޅީ ރަދުން މުޙަންމަދު ފަރީދު އަތޮޅު ކޮމިޓީތައް އުފައްދަވަން ނިންމަވައި ރައްޔިތުންގެ މިޖިލީހުގެ ރުހުން އޮތްގޮތް ބެއްލެވުމަށް ބޭނުންފުޅު ވެގެންނެވެ. ރަދުން ބޭނުންފުޅުވީ، އަތޮޅުކޮމިޓީތަކުގެ އިންތިޚާބުގައި 19 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ވާދަކުރެވޭއިރު، ކޮމިޓީ އިންތިޚާބު ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ގޮތަށެވެ.

އެ ހުށަހެޅުއްވުމުގައިވެސް އަދި މަޖިލީހުގެ މެމްބަރުންގެ ބަހުޘްތަކަށް ފަހުގައިވެސް އަތޮޅުކޮމިޓީތަކަށް ދޭން ފެނުނު ބާރު ތަކެއް ހުއްޓެވެ. އެގޮތުން ތަރައްޤީއަށްޓަކައި އަތޮޅުގައި ކުރަންހުރި މަސައްކަތްތައް ކުރަންވީ ގޮތް ކަނޑައެޅުމާއި، ކަރަންޓުލުމާއި، މާރުކޭޓާއި، އެޒާތުގެ ތަންތަން ހެދުމާއި، ބޭސް ވިއްކުމާއި، ވިޔަފާރިކޮށް ނަފާ ހޯދުމާއި، ކުޅިވަރުގެ ކަންކަން ހިންގަންވީ ގޮތް ކަނޑަ އެޅުމުގެ ބާރާއި، ލޯނު ނެގުމާއި، އަދާކުރުމާއި، ތަޢުލީމީ ޕްލޭންތައް އެކުލަވާލައި ހިންގުން ހިމެނެ އެވެ.

މީގެ އިތުރުން، އޮގަސްޓް 13، 1961މ. ގައި އަތޮޅުތަކުގެ ފުރަބަންޑާރަ، އަތޮޅުކޮމިޓީތަކަށް ފެންނަ ބަޔަކަށް ދިނުމުގެ
ބާރު ކޮމިޓީތަކަށް ދޫކޮށްލައި، ޤާނޫނުގައި އެކަން ކަނޑައެޅި އެވެ. ހަމައެހެންމެ، ޖެނުއަރީ 18 1962މ. ގައި އަތޮޅުކޮމިޓީތަކުގެ މެމްބަރުންނަކީ، ހަމައެކަނި އެވަޒީފާގައިތިބޭ ބައެއްގެ ގޮތުގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރު ނިންމެވުމުން ރަށެއްގެ ކަތީބުކަމާއި، އެނޫންވެސް އެފަދަ މަޤާމުތަކުގައި ތިބެގެން އިންތިޚާބު ވެފައިވާ މެމްބަރުން ދާއިމީ ވަޒީފާއިން އިސްތިޢުފާ ދިނުމާއި، އަތޮޅު ކޮމިޓީގެ މަޤާމަކީ، މާ މަތީ މަޤާމެއް ކަމަށް ދާޚިލިއްޔާ އިން އެންގެވި އެވެ.

އަތޮޅުކޮމިޓީތަކުގެ މެމްބަރުންނަށް މުސާރަ ދޭންފެށީ، އޭޕްރީލް 18، 1962މ. ގައެވެ. އަތޮޅުތަކުގެ މާލީޙާލަތު ރަނގަޅު ކުރުމަށް ސަބްސިޑީއެއް ދިނުމުގެ ގޮތުން، އޮކްޓޫބަރ 18، 1962މ. ގައި ކޮންމެ އަތޮޅަކަށް މާލޭގައި އަތޮޅުފިހާރައެއް ހުޅުވައި ޢާމްދަނީގެ ބޮޑުބައި އަތޮޅު ކޮމިޓީތަކަށް ދޭން ފެށި އެވެ. {ތަޢުލީމީ ފަންޑަށް ޢިމާރާތްތަކެއް ދެއްވީވެސް އެދުވަސްވަރުގައެވެ.}

އަތޮޅުކިމިޓީތަކުގެ މި ބިލް ފާސްކުރީ، ޖުލައި 19، 1961މ. ގަ އެވެ. ޤާނޫނެއްގެ ގޮތުގައި ރަދުން ބިލް ތަސްދީޤް ކުރެއްވީ، ޖުލައި 22، 1961މ. ގަ އެވެ. ޢަމަލުކުރަން ފެށީ ވެސް އެ ތާރީޚުގަ އެވެ.

ރަސްކަމުގައި މުޙަންމަދު ފަރީދު އިންނެވީ ފުރަތަމަ ޖުމްހޫރިއްޔާ އިންޤިލާބުކޮށްލުމަށްފަހު، ރާއްޖެ ހިންގުމަށް އެކުލަވައިލި އިންޤިލާބީ ކޮމިޓީގެ ފަރާތުން އިންތިޚާބުކުރި ރަސްކަލެއްގެ ގޮތުގަ އެވެ. ޤަވްމުގެ ވެރިޔާ އާއި، ދަވްލަތް ހިންގުމުގެ ބާރުތައް ވަނީ، ތަފާތުކޮށް ވަކިކޮށްފަ އެވެ. އެކަމަކު ރާއްޖޭގެ މުޅި "މެޝިން" ހިނގަމުން އައީއަކީ، ރިޔާސީ ނިޒާމަކަށްވެސް އަދި ޕާލަމެންޓްރީ ނިޒާމަކަށްވެސް ވަޑިފަތިވެގެނެއް ނޫނެވެ.

އޭރު ސިޔާސީ ގޮތުން އިން ޖަހައި ރާއްޖެ ބައިކޮށްފައި އޮތީ 18 އަތޮޅުގެ މައްޗަށެވެ. ނަމަވެސް އަތޮޅުކޮމިޓީތައް ފެށިގެން އައި އިރު އެ 18 އަތޮޅުގެ ތެރެއިން ދިވެހި ދަވްލަތުގެ ބާރުގެ ދަށުގައި އޮތީ 15 އަތޮޅެވެ. މާނައަކީ، ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑުއަތޮޅާއި، ފުވައްމުލަކާއި، ހުވަދުއަތޮޅު އޭރު އޮތީ، ދިވެހިދަވްލަތާއި އެހަކެރިވެގަނެ "ސްވައިދީބް އައިލެންޑްސް" ގެ ނަމުގައި ޣައިރު ޤާނޫނީ ވަކިދަވްލަތެއް އުފައްދައި މުޅިން ވަކި އެޑްމިނިސްޓްރޭޝަނެއްގެ ތެރެއަށް ވަދެ އެވެ. ސްވައިދީބް އައިލެންޑްސް އިޢުލާންކުރީ، މާރޗް 13، 1959މ. ގަ އެވެ.

އޮގަސްޓް 29، 1961މ. ގައި ފުރަތަމަ އުފެދުނީ މާލެ އަތޮޅު އަތޮޅު ކޮމިޓީ އެވެ. އެ ކޮމިޓީ އިފްތިތާޙްކޮށްދެއްވީ ވަޒީރުއް ޞިއްޙާ ޞ،ސ އަލްފާޟިލް އަޙުމަދު ޙިލްމީ ދީދީ އެވެ.

[ޔުނައިޓެޑް ސްވައިދީބް އައިލެންޑްސް] ގެ ނަމުގައި އޮތް ވަކިދަވްލަތެއްގެ ދަށުގައި ވެގެންތިބި ހުވަދުއަތޮޅާއި، ފުވައްމުލަކާއި، އައްޑުއަތޮޅު އަލުން ދިވެހިދަވްލަތުގެ ބާރުގެ ދަށަށް ގެނައުމަށް ފަހު، ޖޫން 15، 1961މ. ގައި ހުވަދުއަތޮޅު ދެ ބައި ކޮށްފައި ވަނިކޮށް މި ދެ އަތޮޅު އެއްކޮށް އަނެއްކާ ފަހުން، ފެބުރުއަރީ 7، 1962މ. ގައި ދެބައިކޮށް ގއ.އަތޮޅާއި އަދި ގދ.އަތޮޅު ކޮމިޓީތައް އުފެއްދީ، ފެބުރުއަރީ 9، 1961މ. ގައެވެ. އައްޑުއަތޮޅު އަތޮޅުކޮމިޓީ އިފްތިތާޙްކުރީ 1964މ.ގަ އެވެ. ފުވައްމުލަކުގެ އަތޮޅުކޮމިޓީ އިފްތިތާޙްކުރެއްވީ 1970މ. ގަ އެވެ. {ފެބްރުއަރީ 7، 1962 ގައި ގައްދޫ ޙުސައިންމަނިކަމަށް ގދ.އަތޮޅުގެ އަތޮޅުވެރިން ދެއްވީ ވެސް އިންތިޚާބުކޮށްގެންނެވެ}

އާދެ! އަތޮޅު ކޮމިޓީތައް އިންތިޚާބުކުރި ނަމަވެސް އަތޮޅުވެރިން ޢައްޔަންކުރީ ސަރުކާރުން ނެވެ. އެއީ ރަދުން މުޙަންމަދު
ފަރީދުގެ ބެއްލެވުމުގެ ދަށުން ނެވެ. ނަމަވެސް 1971މ. އާއި 1973މ. ގައި ބޭއްވި އަތޮޅުކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކީ އެ އަތޮޅެއްގެ އަތޮޅުވެރިޔާ ކަމަށް ހަމަޖެހިފައި އޮތެވެ.

އަތޮޅު ކޮމިޓީތައް އުވާލަން ޖެހުނީ، ވެރިކަމުގެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ ހޭލުންތެރިކަން އިންތިހާދަރަޖައަށް ކުޑަވެ، ލިޔަންކިޔަން ނޭނގޭ މީހުން ހެސްކިޔާފައި ގިނަވެ، އެފަދަ ޖާހިލުކަމުގައިތިބި ގިނަ ފައިސާވެރިންތަކެއްގެ ބާރާއި، ނުފޫޒުގެ ދަށުގައި އަތޮޅުކޮމިޓީތައް "ފިތި" މުޅިން ހާވިޔާވެ، މުޅި ސިސްޓަމް ބޮއްސުންލައިގެން ކަމަށް އޭރުގެ ބައެއްމީހުން ބުނެ އެވެ. އަތޮޅުކޮމިޓީތައް އުވާލީ، ޖޫން 11، 1975މ. ގަ އެވެ. އެއީ ޖޫން 8، 1975މ. ގައި ރައްޔިތުންގެ މަޖްލީހުން އެކަން އެގޮތަށް ފާސްކުރުމުން ނެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި އެޓޮލްސް އެޑްވައިޒަރީ ބޯޑަށް އެހީވުމަށް އަތޮޅުވެރިޔާގެ ރިޔާސަތުގެ ދަށުގައި އޮންނަ އަތޮޅު ކުރިއަރުވާ ކޮމިޓީ ތަކެއް، އޭޕްރީލް 13، 1979މ. ގައި އެމަނިކުފާނުގެ ޤަރާރަކުން އުފެއްދި އެވެ. އޭގެފަހުން އޮކްޓޫބަރ 1980މ. ގައި އެމަނިކުފާނުގެ ފަރާތުން ދެއަހަރުން އެއްއަހަރުގެ ދައުރެއްލިބޭ އަތޮޅުކޮމިޓީތައް އުފައްދަން ނިންމެވި އެވެ.
(ސަން ނަންބަރ 16: ފެބުރުއަރީ 9، 2011މ. ޞ 10،11،12 މުންޑޫ އާދަމް ޙަލީމު)

ފެބުރުއަރީ 8، 2010މ. ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ: ޑީ.އާރް.ޕީ %47، އެމް.ޑީ.ޕީ %35، މިނިވަން ކެނޑިޑޭޓް %15، ކުދި ޕާރޓީ %3 އެވެ. (ނިމުނީ)
-----------------
(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ