އަދުގެ ޚާއްސަ

Print

ގދ.ތިނަދޫ އެންމެ ތާރީޚީ ސަރަހައްދު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

ހުވަދުއަތޮޅު ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން ވަޒަންވެރި ވުމަށްޓަކައި މަގުތަކާއި، ގޯތިދޭނޭ ތަންތަނާއި އެހެނިހެން ކަންކަމަށް އެ ރަށުގެ ބިންތައް ހަމަޖެއްސިއިރު، އެ ރަށާއި އަދި އެ އަތޮޅު ހިންގުމުގެ ކަންކަން ކުރުމަށްޓަކައި ބޭނުންވާނޭ ޢިމާރާތްތައް ޤާއިމުކުރެވުނީ ވެސް އޭގެ އެތައް އަހަރެއްގެ ކުރިންވެސް އެފަދަ ކަންކަން ބަލަހައްޓައި ކަންކަން ކުރުވި، ޢިމާރާތްތައް ހުރި ހިސާބު ބިމުގައެވެ. އެ ބިމަކީ، ޚާއްޞަކޮށް ތިނަދޫގެ ޢާއްމުކޮށް ހުވަދު އަތޮޅުގެ ވަރަށްމުހިއްމު ކަންތައްތަކެއް، އެތަނެއްގައި ހިންގާފައިވާ، ތާރީޚީ ބިމެވެ. ކުރިން ހުވަދުއަތޮޅު، އަތޮޅުއޮފީސް، ފަހުން ގދ.އަތޮޅު އޮފީސް އަދި އޭގެފަހުން ގދ.އަތޮޅުކައުންސިލްގެ އިދާރާ ހުރީވެސް އެ ބިމުގައެވެ. އެ ކޮށީގައި، ހުވަދުއަތޮޅު ވާރުގެ ފަހުން އަތޮޅުގެ ޢިމާރާތް ކުރައްވަން ފެއްޓެވީ ރަޖަބް 26، 1349ހ. (ޑިސެމްބަރ 16، 1930މ.) ގައި އެ އަތޮޅުގެ އޭރުގެ އަތޮޅުވެރިޔާ ހަވަރުތިނަދޫ އަލްމަރުޙޫމް ޙާޖީ މުޙަންމަދު ކަލޭފާނެވެ. މި ޢިމާރާތް ރޭނުމަށް ބޭނުންވާނޭ ގަލާއި، ވެއްޔާއި، އުވަ ހޯދައި މަސައްކަތް ކުރުވީ، އަތޮޅުގެ ރަށްރަށުގެ މީހުންގެ ނިސްބަތުންކަމަށް ގދ.ތިނަދޫ އެވަރފާސްޓް އަލްފާޟިލް ޙަސަން އިބްރާހީމް ދީދީ މަޢުލޫމާތު ދެއްވިއެވެ. (ހަވަރުތިނަދޫގައި ވާރުގެ ބިނާކުރުމުގެ ކުރިން، ވާރުގެ ހުރީ ހޯޑެއްދޫގައެވެ.)

ގދ.ތިނަދޫގައި ޙާޖީ މުޙައްމަދު ކަލޭގެފާނު ބިނާކުރެއްވި އެ ޢިމާރާތަށް އެދުވަސްވަރުން ފެށިގެން، ކުދިކުދި ބަދަލުތައް ގެނެވިފައި ވިޔަސް 1962މ. ވަނަ އަހަރު ހަވަރުތިނަދޫން މީހުން ބޭލުމާއި ހަމައަށް (ދެއަހަރެއްހާ ދުވަސް ފިޔަވައި) ހުވަދުއަތޮޅު، އަތޮޅުއޮފީސް ހިންގާފައި ވަނީ، މުޙައްމަދު ކަލޭގެފާނު ކުރެއްވި އެ ޢިމާރާތުގައެވެ.

ވާރުގެ ނިމުނުކަމަށް ވިޔަސް މުޙައްމަދު ކަލޭގެފާނުގެ (ދެފަހަރުގެ) 31 އަހަރުގެ އަތޮޅުވެރިކަމުގައި ވާރުގޭގެ މާބޮޑު ބޭނުމެއް އޭނާ ނުކުރައްވައެވެ. އެދުވަސްވަރަށް ބަލާއިރު އަތޮޅުގެ ހިންގުމާއި ބެހޭ ކަންކަމުގައި ބޭނުންކުރާ ލިޔެކިޔުމުގެ ބައެއް ތަކެތި އެތަނުގައި ހުރިކަމަށް ވިޔަސް މުޙައްމަދު ކަލޭގެފާނު ގޭގައި އުޅުއްވާ ވަގުތުތަކުގައި، އޭނާގެ އެންގެވުމަށް އޭނާގެ ކާތިބު (ތިނަދޫ ނައިބު އިސްމާޢީލް ޒާހިރު) އަތޮޅުވެރިންގެ ގޭގައި އިންނަވައިގެން، އަތޮޅުގެ ރަށްރަށުން ރުއްލަކުޑި ކަޑުވައިދޭ ސިޓީތަކާއި، ރަށްރަށުގެ ވެރިންނަށް އެވަގުތަކު ކޮންމެހެން އަންގަވަންޖެހޭ ބައެއް ކަންކަމުގެ ސިޓީ ބިޓީ ލިޔުއްވައި، އަތޮޅުވެރިން އޭގައި ސޮއި ކުރައްވައެވެ.

މުޙައްމަދު ކަލޭގެފާނުގެ ދައުރުގެ ގިނަދުވަހު ވާރުގެ ބެލެހެއްޓުމަށް އެތާނގައި ހުރި މީހަކީ، ހައްދުންމަތީ ކޮއްކޯބެ ކިޔާ މީހެއްކަމަށާއި، ވާރުގެއާއި ކޮއްކޯބެގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެއްލެވުމަށް މުޙައްމަދު ކަލޭގެފާނުގެ މައިފުށުގެ ދެބެއިންގެ ދެދަރި ދައްތަ ޢާއިޝާ (ބޭސް އައިސާ/ މެންގޯޓްރީ) ކޮންމެދުވަހަކު، ވާރުގެއަށް ދުރުވާކަމަށް އެނގޭކަމަށް ތިނަދޫ އެވަރފާސްޓް ޙަސަން އިބްރާހީމް ދީދީ މަޢުލޫމާތު ދެއްވިއެވެ. ޢާއިޝާއަކީ، ޙަސަން އިބްރާހީމް ދީދީގެ މާމައެވެ. ކޮންމެއަކަސް އަތޮޅެއްގެ ވެރިކަމުގެ ދާއިރާގައި އިސްވެ ބަސް ކިޔަން، އެންމެ ފުރަތަމަ ހަމަޖެއްސި އަންހެން ބޭކަނބަލަކީ، މި "ޢާއިޝާ" ކަމުގައި ދަންނަވަން ޖެހެއެވެ. އާދެ! ހުވަދު އަތޮޅުގައި، ރަސްމީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އެންމެ ފުރަތަމަ ފެށުނު ދުވަސްވަރަކީ، އެއީ ކަމުގައި ދަންނަވަން ޖެހެ އެވެ.

އާދެ! ޙާޖީ މުޙަންމަދު ކަލޭފާނު ޢިމާރާތް ކުރެއްވި، ވާރުގެ ނުވަތަ އަތޮޅުގެއަކީ، އެ ސަރަޙައްދުގައި ބިނާކުރެވިފައިވާ އިދާރީ އެންމެއިސް ޢިމާރާތެވެ. އެ ޢިމާރާތުގައި ޙާޖީ މުޙަންމަދު ކަލޭގެފާނުގެ މަންމަ ފަރާތްޕުޅަށް ނިސްބަތްވާ އެ ދަރިކޮޅުގައި ހިމެނޭ ކޮންމެވެސް ބޭފުޅަކުއަތޮޅުގެ ނުވަތަ ރަށުގެ އިސް ވަޒީފާއެއް އަދާކުރައްވަމުން ގެންދަވާކަން އެއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެގޮތުން ހަވަރުތިނަދޫގެ އަޅިވިލާގޭ / އަލްމަރްޙޫމް ޢަބްދުﷲ ކަތީބާއި،ހުސްނުހީނާގޭ / އަލްމަރުޙޫމް މުޙައްމަދު ސަޢީދު ކަތީބާއި، ދެލްވައްތަ / އަލްފާޟިލް މުޙައްމަދު ޙަމީދާއި، މާކޯނި / އަލްފާޟިލް ޢަބްދުޞަމަދު ޙުސައިނާއި، މަދަރުސާދޮށުގޭ / އަލްފާޟިލް ޢަބްދުﷲ ޙިލްމީއާއި، މިއުޒިކްހޯމް / އަލްފާޟިލް މުހަންމަދު ނިޔާޒާއި، ހިންދޫސް / އަލްފާޟިލް މުޙަންމަދު ޙަސަން ދީދީ އާއި، ސަނީޑޭލް / އަލްފާޟިލް މުޙަންމަދު ޤައިސް އާއި އަދި އެނޫންވެސް ބައެއް ބޭފުޅުން ހިމެނެއެވެ.

އޮގަސްޓް 22، 1964މ. ގައި ގދ.ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދު ކުރުވުމަށްފަހު، އެ ރަށުގައި ގދ.އަތޮޅު އޮފީސް ރޭނުއްވީ 1967މ. (1387ހ.) ވަނަ އަހަރު ގައްދޫ ޙުސައިން މަނިކުގެ އަތޮޅުވެރިކަމުގަ އެވެ. އަތޮޅު އޮފީސް ހަވަރުތިނަދުވަށް ބަދަލުކުރެއްވީ 1968 ވަނަ އަހަރު އެވެ. އޭގެ ކުރިން 1962މ. ން 1967މ. ށް ގދ.އަތޮޅުއޮފީސް ހިންގީ ގދ.ގައްދޫގަ އެވެ.ޢިމާރާތަށް ބައެއް އުނި އިތުރު، ގެނެވުނު ކަމަށް ވިއަސް، ފެބުރުއަރީ 8، 2012މ. ވަނަ ދުވަހުގެރޭ އަތޮޅުތަކުގައި ހިންގާފައިވާ ސިޔާސީ ޙަރަކާތްތަކެއްގައި، އެ ޢިމާރާތް އަންދާލަންދެން އަތޮޅުގެ އެންމެ އިސް، އިދާރީ އޮފީސް ހިންގާފައި ވަނީ، ގައްދޫ ހުސައިން މަނިކުގެ އަތޮޅުވެރިކަމުގައި ރޭނުއްވި މިދެންނެވި ޢިމާރާތުގަ އެވެ. އަތޮޅުތަކުގެ ރަށެއްގައި، އެހާ ގިނަދުވަސްވީ ޢިމާރާތެއް (އިދާރީ އޮފީހެއްގެ ގޮތުގައި) ބޭނުން ކޮށްފައިވާނެހެންއަޅުގަނޑަކަށް ހީއެއްނުވެ އެވެ. ގދ.އަތޮޅު ކައުންސިލުގެ އިދާރާގައި (އެރަށުގެ ބަޔަކު) ރޯކޮށްލި ޚަބަރު އަޅުގަނޑަށް ލިބުނީ، އެރޭ 21:21 ގަ އެވެ.

ކުރިންވެސް ދަންނަވާފައިވާނެ ފަދައިން، ގައްދޫ ޙުސައިން މަނިކުގެ އަތޮޅުވެރިކަމުގައި ގދ.ހަވަރުތިނަދޫގައި ޢިމާރާތްކުރި މިދެންނެވި ޢިމާރާތް އަންދާލިއިރު އެއީ އަތޮޅު ކައުންސިލުގެ އިދާރާ އެވެ. އޭރު ގދ.އަތޮޅު ކައުސިލްގެ ރައީސަކީ، ގައްދޫ އަލްފާޟިލް މުޙަންމަދު ނިޒާމެވެ.

 
އިސްވެ މި ދެންނެވި، ކޮށީގައި ޢިމާރާތްކުރެވުނު ދެވަނަ ޢިމާރާތަކީ ވެސް ޙާޖީ މުޙަންމަދު ކަލޭފާނު ކުރެއްވި ޢިމާރާތެކެވެ. އެއީ މަދަރުސަތުލް އަޞްބާހެވެ. އެ ޢިމާރާތް ކުރެވުނީ، ޖުމާދިލްއައްވަލް 17، 1350ހ. (ސެޕްޓެމްބަރ 29، 1931މ.) ވަނަ އަހަރު އެވެ. މަދުރަސަތުއް ސުބުލައްސަލާމާއި، މަދަރުސަތުލް އަމީރުއިބްރާހީމުވެސް ހިންގީ އެތަނުގައެވެ. މަދުރަސަތުއް ސުބުލައްސަލާމުގެ ނަން މަދަރުސަތުލް އަމީރުއިބްރާހީމްގެ ނަމަށް ބަދަލުކޮށް ހުޅުވުމަށްޓަކައި އެ ޢިމާރާތަށް ޒަމާނީ ބައެއްބަދަލުތައް ގެންނަވައި އެމަސައްކަތް ކުރެއްވީ އަލްފާޟިލް މޫސާ ހިރިހަމާތި ކަލޭގެފާނުގެ އަތޮޅުވެރިކަމުގައި އޭނާގެ ދަރިކަލުން ހަވަރުތިނަދޫ އަޅިވިލާގޭ ޢަބްދުﷲ ކަތީބުގެ ބެއްލެވުމުގެ ދަށުންނެވެ. ހުވަދުއަތޮޅުހަވަރުތިނަދޫ ބޮޑުއަށިގެއާއި އަދި މަދަރުސަތުލްއަމީރުއިބްރާހީމުގެ ނަމުން މަޝްހޫރުވެފައިވަނީ ވެސް މިދެންނެވި ޢިމާރާތެވެ. އެތަނުގައި 1959މ.ން 1962މ. އާއި ދެމެދު ސަރުކާރުގެ ބޮޑުއިސްޓޯރުގެ ގ.އަތޮޅު ގޮތްޕާއި، ފާރޮށިގެ ހިންގާފައިވެ އެވެ. މި ޢިމާރާތާއި އަދި ވާރުގޭގެ ޢިމާރާތަކީ، ހަވަރުތިނަދޫން މީހުން ބޭލުމާއި ހަމައަށް ވެސް، ދެ ކޮއްޓެއްގައި ހުރި ދެ ޢިމާރާތްކަމަށް ވިޔަސް އެރަށުގެ ދެވަނަ އާބާދީގައި މި ދެ ޢިމާރާތް ހުރީ ވެސް އެއްކޮއްޓެއްގަ އެވެ.

ހަވަރުތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށް ސަރުކާރުން ފޮނުއްވީ، މާލޭ މަޑުފެހިގޭ އަލްފާޟިލް އަޙުމަދު ރަޝީދު (ތުއްތު ދީދި ދޮންމަނިކު) އެވެ. އޭނާގެ އިސްކޮށް ހުންނަވައިގެން ވެސް އެ ކޮށީގައި އަމީރު އިބްރާހީމްގެ ނަމުގައި (އެދުވަސްވަރު) މަދަރުސާއެއް ހިންގި އެވެ. އަދި އޭގެފަހުން އެރަށުގެ އަމިއްލަ ފަރާތަކުން އުފެއްދެވި މިސްބާޙުލްހުދާ (ސްކޫލް) ހިންގުން އަތޮޅުކޮމިޓީއާ ޙަވާލުކުރެއްވުމުން އެ ސްކޫލާއި 1979މ. ގައި އުފެއްދި އަތޮޅު މަދަރުސާ ވެސް ހިންގީ އެކޮށީގައި ހުރި ޢިމާރާތެއްގަ އެވެ. އަތޮޅު މަދަރުސާއަށް ނިމުންއައީ (އެއީ 1984މ. ވަނަ ހާތަނގައި) ގދ.އަތޮޅު ތަޢުލީމީ މަރުކަޒް ޤާއިމުވުމާއި ގުޅިގެން ނެވެ. ހަމަ އެ ކޮށީގައި ގދ.އަތޮޅުއޮފީހާއި، އަތޮޅުކޮމިޓީގެ އޮފީހާއި، އަތޮޅުގެ ވިޔަފާރި ޝޮޕާއި، ތިނަދޫ އޮފީހާއި، ތިނަދޫ ކޯޓާއި، އަތޮޅުކޯޓާއި، ހެލްތް ސެންޓަރާއި، ކަންރެހާ ސިނަމާއާއި، އެސްޓީއޯ ފިހާރައާއި، ޔޫތު ސެންޓަރާއި، ތިނަދޫ ޕޮލިސް ސްޓޭޝަނާއި،ރީޖަނަލް ފަޔަރ ސަރވިސްއާއި،ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގދ.އަތޮޅާ ބެހޭ ބަޔާއި، ލޯކަލް މާރުކޭޓާއި، އަދި އެނޫން ވެސް ބައެއް ތަންތަނާއި ކަންކަން ހިންގި އެވެ. އެނގެން އޮތް ތާރީޚަށް ބަލާއިރު، އިދާރީ ބޭނުންތަކުގައި އެކޮށި ބޭނުން ކުރެވެމުންދާތާ މިހާރު ގާތްގަނޑަކަށް 83 އަހަރު ވެފައި ވިއަސް، އެ ސަރަޙައްދުގައި ހިނގާފައިވާ ކަންކަމާއި، ތަންތަނުގެ ތާރީޚަކީ އަދި މިއައްވުރެ ވެސް މާކުރީގެ ތާރީޚެއް ކަމަށް ވެސް ވެދާނެ އެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ބޮޑުތަކުރުފާނުގެ ދުވަސްވަރު (1573މ. ން 1585މ. ށް) ހަވަރުތިނަދޫ މީހުން އަތުން މާލޭ ހަވަރަށް "ޖިޒީ" (ފަހުން ގޮއިވެރިޔާ، ގޮއި) ނެންގެވި މަރުކަޒު ހުރީ ވެސް އެކޮށީގަ އެވެ. އެގޮތަށް އެކަން ހިނގާފައިވާ ނަމަ، އިދާރީ ބޭނުންތަކަށް އެ ސަޙައްދު ބޭނުންކުރެވޭތާ 500 އަހަރު ވެދާނެ އެވެ. ކޮންމެއަކަސް މީލާދީން 1573މ. ން 1962މ. ށް ހަވަރުތިނަދޫގައި މީހުން ދިރިއުޅުނީ ދިވެހި ސަރުކާރަށް (އަޅުވެތިކަމުގެ ރަމްޒެއްކަމަށްވާ) ޖިޒީ ދީގެންނެވެ. އަދި މީގެއިތުރަށް މީލާދީން 1573 ން 1979 ށް (ގާތްގަނޑަކަށް 406 އަހަރެއްހާ ދުވަހު) މީހުން ދިރިއުޅުނު ހުވަދުއަތޮޅު ތިނަދޫ (ހަވަރުތިނަދޫ) އަކީ "މާލޭ ހަވަރުގެ" ރަށެކެވެ. އެރަށުން މާލެއަށް ގެންދާ ޖިޒީ ގެ ތަކެތި ބައްސަވަނީ ވެސް ހަވަރުގެ ބޭކަލުންނަށެވެ.

މިކޮށީގެ އުތުރުން ޖެހިޖެހިގެން އޮތް ދެ ކޮއްޓާއި، އަދި އެ ދެކޮއްޓާއި ޖެހިޖެހިގެން ހުޅަނގަށްއޮތް ދެ ކޮއްޓަކީ ވެސް (ހަވަރުތިނަދޫގެ ތާރީޚާއި ގުޅިފައިވާ ކަންކަމަށް ބަލާއިރު) ވަރަށް ތާރީޚީ ކޮށިތަކެކެވެ. އެއީ މިހާރުގެ (2011މ.) ބޯޅަދަނޑާއި، އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނޭ ކޮށިތަކެވެ. ހަވަރުތިނަދޫގައި އެދުވަސްވަރު ފާހަގަކުރެވޭ ބަސް ވިކޭ މީހުންނާއި، ކަމުވޮށިގެންވާ މީހުންނާއި، ގިނަ މުއްސަނދީން ދިރިއުޅުއްވި ގޯތިގެދޮރު ހުރީ ވެސް އެ ސަރަޙައްދުގަ އެވެ. އެފަދަ ބައެއް ގެތަކުގެތެރޭގައި، ޙާޖީ މުޙަންމަދު ކަލޭފާނުގެ ގެއާއި، މުދިމް ޙުސޭން ތަކުރުފާނުގެ ގެއާއި، އަބޫބަކުރު ޚަތީބު ކަލޭގެފާނުގެ ގެއާއި، ޙުސޭންފުތުބޭގެ ގެއާއި، ޙުސޭން ކަލޭގެފާނުގެ ގެއާއި، ނައިބު އިސްމާޢީލް ޒާހިރުގެ ގެއާއި، ބޭސް ދޮންކަލޭގެފާނުގެ ގެއާއި، މުޞްޠަފާ މަންޞޫރުގެ ގެއާއި، އަދި މިނޫންވެސް ކިތައްމެ ގެއެއް ހިމެނެ އެވެ. އެގޮތުން ހަވަރުތިނަދޫގެ (މިހާރުގެ ގދ.ތިނަދޫގެ) "ހިތާއި" އަދި އެ ހިތުގެ ގިނަ ލޭނާރުތައް މިދެންނެވި ސަރަޙައްދާއި ގުޅިފައިވާކަމުގައި ދަންނަވަން ޖެހެ އެވެ.

އިސްވެ ބަޔާންކޮށްފައިވާ ކޮށީގައި އެކިދުވަސްވަރު ކުރެވުނު އެކިއެކި ޢިމާރާތްތަކަށް އެކިކަހަލަ ގޯނާތައް ކޮށްފައިވާކަން ތާރީޚީ ގޮތުން އެނގެން އެބަހުއްޓެވެ. ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، މީލާދީން 1848 ވަނަ އަހަރު އެރަށުގައި ހިންގާފައިވާ އަލިފާނުގެ ޙާދިޘާގައި ވެސް އެރަށުގައި ހުރި ހިޔާވަހިތަކުގެ2/1 ޔާ އެކު، އިދާރީ އޮފީސްއަންދާލާފައިވެ އެވެ. އަދި އޭގެފަހުން، ފެބުރުއަރީ 16، 1959މ. ވަނަ ދުވަހުގެ ރެއާއި، ޖޫން 16، 1961މ. ވަނަ ދުވަހުގެރޭ ގައި ވެސް، އަތޮޅުގެއަށް ގެއްލުންދީ އެތަނުގައި ހުރި ފައިސާ ފޭރިގެންފައިވެ އެވެ. އެންމެ ފަހުން އެ ޢިމާރާތަށް ގެއްލުންދީ އަންދާލީ، ފެބްރުއަރީ 8، 2012މ. ވަނަ ދުވަގެ ރޭގަ އެވެ.

 
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީސް

ދިވެހިރާއްޖޭގެ ލާމަރުކަޒީ ޤާނޫނު ފާސްވެ، ކައުންސިލްތައް ހިނގަން ފެށުމާއެކުގދ.ތިނަދޫގައިހުރި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީސް ޤާނޫނީ ގޮތުން އުވުނީއެވެ. އަދިއެ އޮފީސް ހިންގި ޢިމާރާތުގައި ގދ.އަތޮޅު ކައުންސިލްގެ އިދާރާ ހިނގަމުން ދަނިކޮށް،ފެބްރުއަރީ 8، 2012 ވަނަ ދުވަހުގެ ރޭއަލިފާން ރޯކޮށް، އެތާނގައިވާ ތަކެއްޗާއެކު، މުޅިތަން އަނދައި، އެ ޢިމާރާތް، ބޭނުންކުރެވޭނޭ އެއްވެސްގޮތެއް ނެތުމާއިގުޅިގެން، އެވަގުތުން ފެށިގެން ޢުމްރާނީގޮތުންވެސް (ފެންނަންހުރި ޢިމާރާތުގެ ގޮތުން) މުޅިތަން ބިމާ ހަމަވެ، ސުންނާފަތިވެ، ނެތި ދިޔައީއެވެ.

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުއޮފީސްއެ އަތޮޅު ތިނަދޫގައި ހިންގި ޢިމާރާތްއަނދަމުންދިޔަ މަންޒަރު، އަޅުގަނޑު ދުށީމެވެ. އެމަންޒަރު ފެނުމުން އަޅުގަނޑު ވަރަށްބޮޑަށްދެރަވެ، ލޮލުން ކަރުނަ ހިލި، އިޙްސާސްކުރަން ދަތި އުދަނގޫ އަސަރުތަކެއް ހިތަށް ކުރުވިއެވެ. އެއީ އެއްގޮތަށްވުރެ ގިނަ ސަބަބުތަކެއް އޭގައި ހުރީމައެވެ.

އާދެ! އެއްކަމަކީ، އެ ޢިމާރާތުގެ ތެރެއިން އިންސާނިއްޔަތަށް، ޚާއްޞަކޮށް ގދ.އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ގިނަގުނަ މަތިވެރި ޚިދުމަތާއި އެތާނގައިވާ ލިޔުންތަކާއި ހިސާބުތަކާއި ތަކެތީގެ ބޭނުންތެރިކަމާއި މުހިއްމުކަމުގެ ބޮޑުކަން އެންމެރަނގަޅަށް ވަޒަންކުރެވޭ، އަދި އެކަން އެނގޭ އެކަކީވެސް، އަޅުގަނޑުކަމަށް ނުވެ ނުދާނެތީއެވެ.

އަނެއްކަމަކީ، އެކިފަހަރުމަތިންވިޔަސް އެޢިމާރާތުގެތެރޭގައި ވަޒީފާތަކުގެ މަސައްކަތް އެންމެގިނަ ދުވަހު ކުރި ތިން ހަތަރު މީހެއްގެތެރެއިން އެކަކީވެސް، އަޅުގަނޑުކަމަށްވުމެވެ.ގދ.ގެ އަތޮޅުވެރިކަން ކުރެއްވި ބޭފުޅުންގެތެރެއިންގދ.ގައްދޫ ޙުސޭން މަނިކާއި، ގދ.ތިނަދޫ މޫސާ ފަތުޙީއާ ގދ.ތިނަދޫ ޢަބުދުއްޞަމަދު ޙުސޭނާ މ.ސްޓާރލިންގ އާދަމް ޙަލީމާއި ގ.ކެތީރޯޒް މުޙައްމަދު ޝަރީފާއި، މާލޭ ލޯޖެހި ޢަލީ ވަޙީދާއި،މ.ރެޑްކޯސްޓް ޙުސޭން މޫސާއާއި، މ.ނިޔަމި އަޙުމަދު ރަޝީދާއި، ބ.ހިތާދޫ އައްޝޭޚް ޝުޢައިބު ޔޫސުފާއި، ހ.ކޮތަރިވިލާ އަޙުމަދު މޫސާއާއި، ހއ.ހޯރަފުށީ ޢަލީ ޝަރީފާއި، އަދި ގދ.ގެ އެންމެފަހުގެ އަތޮޅުވެރިޔާ ވިލމާފަންނު ދަނަސް އަލްފާޟިލް އާދަމް ޙަލީމާއި، އެއާއި ޖެހިގެންދެން އަތޮޅުއޮފީހުގައި އިސްވެރިއަކަށް ހުންނެވި އަތޮޅު ކައުންސިލަރ މުޙައްމަދު ނިޔާޒުގެ އަރިހުގައިވެސް، އެ ޢިމާރާތުގައި ވަޒީފާގެ މަސައްކަތް ކުރީމެވެ.އޭގެ އިތުރަށް އަތޮޅުވެރިކަން ކުރެއްވި ތިން ބޭފުޅެއްގެ އެދިވަޑައިގަތުމަށް، އެބޭފުޅުންގެ ރަސްމީ މަސައްކަތްޕުޅުތަކަށް އެވަގުތު އަޅުގަނޑު އެ އޮފީހުގެ ވަޒީފާއެއްގައި ނެތި،އަމިއްލަގޮތުންވެސް ވެދެވެންއޮތް އެހީތެރިކަމެއްބައެއް ފަހަރު އެ އޮފީހަށްގޮސްގެންވެސް އެބޭފުޅުންނަށް އެރުވީމެވެ. 2008 ގެ ރިޔާސީ އިންތިޚާބުގެ ފަހުން ރާއްޖޭގެ ވެރިކަމުގެ ފަރާތުން ޕްރޮވިންސް އޮފީސްތައް އުފެއްދެވުމާއެކު، އެއޮފީސްތަކުގެ ވަގުތީ ޒިންމާދާރުވެރިއަކަށް ހަމަޖެއްސެވީ، އެވަގުތަކު ޕްރޮވިންސް އޮފީސް ޤާއިމްކުރެއްވި ރަށުގައި ހުރި އަތޮޅުއޮފީހެއްގެ ޒިންމާދާރު ވެރިއަކަށް ވާތީ މަތިދެކުނު ޕްރޮވިންސް އޮފީހުގެ ވަގުތީ ޒިންމާދާރު ވެރިއެއްގެ ގޮތުން އެމަސައްކަތް ފަށައިގަންނަށް އަޅުގަނޑަށް ޖެހުނީވެސް ގދ.އަތޮޅުއޮފީސް ހިންގާ ޢިމާރާތުގައެވެ.

  
ގދ.އަތޮޅުއޮފީސް ހިންގި ޢިމާރާތް އަނދަމުންދިޔަ މަންޒަރު ފެނުމުން ފުން އަސަރެއް އަޅުގަނޑަށް ކުރުވިއެހެންކަމަކަށް ބަލާނަމަ އެކަމަކީ، އެ އޮފީސް ޢިމާރާތް ކުރެވުނުފަހުންއެތާނގައި ކުރަންޖެހޭ އޮފީސް މަސައްކަތުގެ ބޭނުމާއި ފަސޭހައަށްޓަކައި، ޢިމާރާތުގެ ބޭރަށާއި އެތެރޭގެ ބައިތަކަށް އެންމެގިނަ ބަދަލު ގެނައިތިންފަހަރުގައި ތިއްބެވިތިން ވެރީންކަމަށްވާ އަލްފާޟިލް ޙުސައިން މޫސާ އާއި، އަލްފާޟިލް އަޙުމަދު ރަޝީދާއި، އަދި އަލްފާޟިލް ޢަލީ ޝަރީފު ދެއްވި އިރުޝާދުގެ މަތީންއެތާނގައި އެ މަސައްކަތް ކުރުވައި ހިންގާ ބެލެހެއްޓީވެސް، އަޅުގަނޑުކަމަށްވުމެވެ. މިހެންކަމުން އިންސާނީ ޙައިސިއްޔަތުން ބެއްޔަސް ގދ.އަތޮޅުއޮފީސް ހިންގި އެ ޢިމާރާތާއި އަޅުގަނޑާއި ވަރަށްބޮޑު ގުޅުމެއް އޮތުން އިންސާނިއްޔަތު ލާޒިމު ކުރާތީވެ، އެގުޅުން އެގޮތަށް އޮތީއެވެ. އިންސާނީ ބައެއް ގުޅުންތަކަކީ، ހަމަކޮންމެހެން ފެންނަފަށުގައި ހިނގާ ކަންކަމެއް ނޫނެވެ. ގދ.އަތޮޅުއޮފީސް ހިންގި ޢިމާރާތް އެނދިއިރު، އަޅުގަނޑަކީ އެތާނގެ ވަޒީފާއެއް އަދާކުރަމުންދާ މީހަކަށް ނުވާތީ، އެތަނާއި އަޅުގަނޑާއި އެއްވެސްގުޅުމެއް ނޯންނާނޭކަމުގެ އިޙްސާސްއެއް އަޅުގަނޑަށް ނުވުމަކީ، އަޅުގަނޑުގެ އުނިކަމެއްކަމަށް އަޅުގަނޑަށް އަދި ޤަބޫލެއް ނުކުރެވެއެވެ.

އަޅުގަނޑަށް ވިސްނައިގަތުމަށް އުނދަގޫވާ ކަމެއް މިހިސާބުން ދަންނަވާލުން ކީއްތޯއެވެ. މުޖުތަމަޢުގައި އެއްވެސްގޮތަކުން ހިނގާ ހަމަނުޖެހުމެއްގައި ޢިމާރާތްތަކާއި، އެތަންތާނގައި ގެންގުޅޭ ތަކެއްޗަށް މިފަދަ ހިތާމަވެރި ދެރަ ގޮތްގޮތްވުމުގައި އެ ޢިމާރާތްތަކާއި އެތަންތާނގައި ގެންގުޅޭ ތަކެތި އަދާކުރާ މަސްއޫލު ދައުރަކީ ކޮބައިބާވައެވެ. އެފަދަ ދައުރެއް އެބައޮތްތޯއެވެ. ނެތްތޯއެވެ. އޮތްނަމަ، ޢިމާރާތްތަކާއި ތަކެއްޗަކީ އިންސާނެއްގެ ދައުރެއް އެ ތަކެތީގައި ނެތި އޭގެ އަމިއްލަ ޒާތުގައި،އަމިއްލަ ސިކުނޑިއެއްގައި، ޙަރަކާތްތެރިވެ، ހެލިފެލިވެ އުޅޭ އެއްޗެއް ބާވައެވެ. ހެލިފެލިވެ އުޅޭ މިޒަމާނުގެ ރޮބަޓްފަދަ ތަކެއްޗަކީވެސް އިންސާނުން މެދުވެރިވެ، ނުވަތަ އޭގެ މެޝިނަރީއަށް އިންސާނުން ފީޑްކުރާ އެއްޗެއް ފީޑްކުރާ ގޮތަކަށް ހެލިފެލިވާ އެއްޗެހިކަމަށް ބުނާތީ އިވެއެވެ. މާނައަކީ، އޭގެޙަރަކާތުގެ އަޞްލަކީ އިންސާނާއެވެ. އެހެންވީމާ އެތަކެތީގެ ހެލިފެލިވުމުގެ ޛިންމާއެއް އޮންނާން ޖެހޭނަމަ، އެޛިންމާ ނަގަންޖެހެނީ އެކަމެއް އުފައްދައި ޙަރަކާތްކުރުވި އިންސާނެކެވެ. ކޮންމެހެން އެތަކެއްޗެއް ނޫނެވެ.ދެންއޮތީ އެފަދަ ތަކެތީގެ އަމިއްލަޒާތުގައި ޛިންމާދާރު ދައުރެއް ނުވާނަމަ، ޢިމާރާތްތަކާއި އެތަންތާނގައި ގެންގުޅޭ ތަކެއްޗަށް މިފަދަ ހިތާމަވެރި ދެރަ ގޮތްގޮތް ވާންޖެހެނީ ކީއްވެތޯ ކުރެވޭ ސުވާލެވެ. އޭގެ ޖަވާބެއް އެބަ އޮތްތޯ، ނެތްތޯ، ކުރެވޭ ސުވާލެވެ. މިއީ ހަމަ ކޮންމެ މީހަކު ކޮންމެ ވަގުތަކު ކޮންމެ ޙާލަތެއްގައިވެސް، އަމިއްލައަށް ކުރަން ޖެހޭ، އަމިއްލައަށް ޖަވާބުދޭން ޖެހޭ، ސުވާލެކެވެ. (ޢަބްދުﷲ ޙިލްމީ / މަދަރުސާދޮށުގެ ގދ.ތިނަދޫ)

ގދ.އަތޮޅުކައުންސިލުގެ އިދާރާގައި އަލިފާންރޯކޮށް އެތަން އަންދާލުމުގެ ދެތިންދުވަސްފަހުން އެރަށުގެ ހަރުދަނާ ބޭކަލަކާއި
އަޅުގަނޑު އެވާހަކަ ދެއްކީމެވެ. އެ ޢިމާރާތަކީ، އިދާރީ އޮފީސް ހިންގުމަށް ބޭނުންކުރާ، މިހާރު ރާއްޖޭގައި ހުރި އެންމެ ގިނަދުވަސްވީ ޢިމާރާތްކަމަށާއި އަދި އެތަނުގައި ހުރި ލިޔެކިއުންތަކަކީވެސް ވަރަށްގިނަ ބައެއްގެ ޙައްޤުތަކެއް ކަމަށްވެސް އަޅުގަނޑު ބުނީމެވެ. އަދި އެރަށުގެ ކޯޓުގެ ވާހަކަވެސް ފާހަގަކުރީމެވެ. ޖަވާބުގައި އޭނާ ބުނީ، އެ ދެތަން އަންދާލުމާއި އަދި އަނދަމުންދިޔަ މަންޒަރު އެއީ މިހާތަނަށް އޭނާއަށް ފެނުނު އޭނާ އެންމެބޮޑަށް އުފާވި މަންޒަރު ކަމަށެވެ. އެ ދެތަން އަންދާލީ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވުމުން، ރައްޔިތުން ކަމަށެވެ.

އާދެ! ނަމަވެސް އެ ދެތަނުގައިހުރި އެހެންމީހުންގެ ޙައްޤުތަކާމެދު އޭނަގެ ކުޑަވެސް ފަރުވާލެއްނެތެވެ! އޭގެ ފަހުން އޮގަސްޓް 24، 2012 ވަނަ ދުވަހު އަޅުގަނޑާއި ބައްދަލުވެގެން އޭނާ އަޅުގަނޑުގެ ގާތު ބުނީ އެރަށުގެ ރަށުކޯޓާއި، އަތޮޅު ކައުންސިލުގެ އިދާރާ އާއި ޕޮލިސް ސްޓޭޝަން އަންދާލީ 2012 ފެބުރުއަރީ 9 ވަނަ ދުވަހު ހެދުނު 8 ގެ ފަހުން ޕާޓޭން ކަމަށެވެ. އެކަންއެގޮތަށް ހިނގަން މެދުވެރިވީ ފުލުހުން އެތަންތަން ނުބެލެހެއްޓުމުގެ ސަބަބުން ކަމަށެވެ. ޖަވާބުގައި އަޅުގަނޑު ބުނިން ފުލުހުންގެ އިދާރާގައި އޮތް ވޭނެއް 8 ވަނަ ދުވަހުގެ ރޭ އަނދަމުންދިޔައިރު އެ ވޭނާއި ނުގުޅި މާއެތެރޭގައި އަނދަމުންދިޔަ މަންޒަރެއް ފޮޓޯއިން ފެންނަ ކަމަށެވެ. އެކަމަކަށް އޭނާ އޭނާ ޖާވާބެއް ނުދެ އެވެ.

އާދެ! މަޑަވެލީ ރަށުކައުންސިލުގެ އިދާރާއި ހުޅުޖެހުމަށްޓަކައި ޕެޓްރޯލް ހަމެއް ހިފައިގެން ހިނގައިގަތުމުން، އޭނާގެ އަންހެނުން، ރައްޓެހީންނާއި، ދަންނަހާ ބަޔަކަށް ފޯނުކޮށް ރަށުގެ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނައުމުގެ ސަބަބުން އެރަށުގެ ކައުންސިލުގެ އިދާރާ ސަލާމަތްކުރެވުނެވެ. ކޮންމެއަކަސް އޭނާގެ އަންހެނުންގެ އެމަސައްކަތަކީ، ޤަވްމަށްޓަކައި ނުވަތަ ރަށުގެ ސަލާމަތައްޓަކައި ނުވަތަ ފިރިމީހާގެ ދިފާޢަށްޓަކައި ކުރެއްވި ހިތްވަރުގަދަ މަސައްކަތެއްކަން ކަށަވަރެވެ. އެހެންނަމަވެސް ތިނަދޫގެ ތަންތަނުގައި ރޯކުރުމަށްފަހު، އެމީހުން ދިޔައީ ފަޔަރު ލޮރީގައި ތަޅުލާފައި ތަޅުދަނޑިވެސް ހިފައިގެންކަމަށް ބުނެ އެވެ!

(ނިމުނީ)



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ