އަދުގެ ޚާއްސަ

Print

ނިއު އިޔަރ: ލަދުޙަޔާތް ކުޑަކަމުގެ އާރަސްމިއްޔާތެއް

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ފާރޫޤު ޙަސަން

އާ އަހަރު ފާހަގަކުރުމުގެ ރަސްމިއްޔާތު ފެށިފައިވަނީ މީލާދީން ނަވާރަވަނަ ސައްތައިގައެވެ. ސައްތައިގެ ފެށުމުގައެވެ. މިކަންތައް ފަށައިގަތީ އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިންގެ (ރޯޔަލް ނޭވީގެ) ޒުވާނުންނެވެ. ރޯޔަލް ނޭވީގެ ޒުވާނުން ޙަޔާތުގެ ގިނަ ދުވަސްތައް ހޭދަކުރަނީ ކަނޑުމަތީގައެވެ. ހަނގުރާމަ މަތީ އުޅަނދު ފަހަރުގެ ފޫހި ދަތުރުތަކުގެ ސަބަބުން ވަރުބަލިވުމުން އެބައިމީހުން މަސައްކަތްކުރަނީ މަނަވަރު ފަހަރުގެ ތެރެއިން ހިތްހަމަޖެހޭފަދަ ކަންތައްތަކެއް ފެނޭތޯއެވެ. އެގޮތުން އެމީހުން އެކިއެކި ހަފުލާތައް ބާއްވައެވެ. ރާބޮއެވެ. ނަށައެވެ. ވަރުބަލިވުމުން ވެއްޓި ނިދީގެ ދުނިޔެއަށް ވަދެވޭތޯ މަސައްކަތް ކުރެއެވެ. ވިދިގެން އަންނަ ދުވަހު ލޯހުޅުވާލާއިރު އަނެއްކާވެސް ލޮލުކޮޅަށްގޮސް އޮބާލާފައިވާތީ ފެންނަނީ މާސިންގާ ކަޑެވެ. އެކަނޑުގެ ބިރުވެރިކަމާއި ޠޫފާންތަކެވެ. ގަދަވަޔާއި ވިއްސާރައިގައި ރުޅިއައިސްގެން ޙަމަލާދޭ ބިޔަ ރާޅުތަކެވެ.



ރޯޔަލް ނޭވީގެ ޒުވާނުން އަނެއްކާވެސް ކޮންމެވެސް އާކަމެއް ފެނޭތޯ ބަލައެވެ. ޙަފުލާއެއް ބާއްވާނެ މުނާސަބަތެއް ފެނޭތޯ ހޯދައެވެ. ނަމަވެސް އަހަރުގެ ފޫހި ދުވަސްތައް އަވަހަކަށް ހުހެއްނުވެއެވެ. ޙަފުލާ ތަކުގައި ހޭދަވާ ވަގުތުކޮޅު ކުޑައެވެ. އެބައިމީހުން އެކަކު އަނެކެއްގެ އުފަންދުވަސް ފާހަގަކުރެއެވެ. އެކަކު އަނެކެއްގެ އަނބިދަރިންގެ އުފަންދުވަސް ފާހަގަކުރެއެވެ. ވީކެންޑް ފާހަގަކުރެއެވެ. އީސްޓަރާއި، ކްރިސްމަސް ފާހަގަކުރެއެވެ. އެހުރިހާ ދުވަސްތަކެއް ހުސްވުމުން އެކަކު އަނެކެއްގެ ކުއްތާތަކާއި ބުޅާތަކާއި، ގެދޮރުގެ އަހަރީ ދުވަހަށް ދަންދެން ފާހަގަކުރެއެވެ.

މިދެންނެވި ބާވަތުގެ ޙަފުލާތައް ފާހަގަކުރުމުގެ ތެރޭގައި ޒުވާނެއް އާޚިޔާލެއް ފާޅުކުރިއެވެ. އޭނާ ބުންޏެވެ. [އަހަރެމެން އެންމެން ބައިވެރިވެގެން އާ އަހަރަށް މަރްޙަބާ ކިޔަމާ ހިނގާށެވެ.] ޚިޔާލަކީ ރަނގަޅު ޚިޔާލެކެވެ. އެހެންކަމުން މަނަވަރުގެ ހުރިހާ ފަޅުވެރިން އެއްތިރީސް ޑިސެމްބަރުގައި މަނަވަރު [ބޯލްރޫމް] ޒީނަތްތެރި ކުރިއެވެ. މިޔުޒިކު ކުޅުމާއި ރާބުއިމުގެ އިންތިޒާމު ހަމަޖެއްސިއެވެ. ރޭގަނޑު ދިހައެއް ޖެހުމުން އެންމެން އެއްވެގެން ކަމުދާ ވަރަށް ރާބުޔެވެ. އެންމެން ނަށާން ފެށިއެވެ. ބާރަޖަހައި އެއްމިނިޓް ހިނގުމުން އެކަކު އަނެކަކަށް މަރުޙަބާއާއި މުބާރިކުބާދީ އަދާކުރިއެވެ. އެކަކަށް އަނެކެއްގެ އަތުން ރާތައްޓެއް ދިނެވެ. [ނިއު އިޔަރ ނައިޓް] ގެ ފެށުމަކީ މިއީއެވެ.


ނިއު އިޔަރ ނައިޓަށް ތައްޔާރުވުން:

ވިދިގެން އައި އަހަރުގެ ސެޕްޓެމްބަރ އޮކްޓޯބަރ ހައިތަނުން [ނިއު އިޔަރ ނައިޓް[ގެ އިންތިޒާރުކުރަން ފެށިއެވެ. ޑިސެމްބަރ މަސް ފެށުމާއެކު ޖޫނިޔަރ އޮފިސަރުން ސީނިޔަރ އޮފިސަރުންނަށް އިލްތިމާސް ކުރިއެވެ. [އަޅުގަނޑުމެން ރަށާއި ގެދޮރާ ދުރުގައި އެތައް ދުވަހެއް ވެއްޖެއެވެ. ކަނޑުމަތީގެ ފޫހި ދިރިއުޅުން އަޅުގަނޑުމެނަށް އަމިއްލައަށް މަރުވުމަށް ދަޢުވަތުދެއެވެ. އަޅުގަނޑުމެން އާ އަހަރު ފާހަގަކުރަން ބޭނުމެވެ. އަޅުގަނޑުމެންނާއެކު ނަށާނެ އަންހެން ކުދިން ބޭނުމެވެ. އަޅުގަނޑުމެން އެންމެ ރެޔަކަށް އެއްގަމުން އަންހެން ކުދީން ގެނައުމަށް ހުއްދަ ދޭށެވެ.] ސީނިޔަރ އޮފިސަރުންނަށް އެބައިމީހުންގެ ދަށުގައި ތިބޭ ފަޅުވެރީންގެ [ބޭނުންތައް] އިޙްސާސްވެއެވެ. އެހެންކަމުން މަނަވަރަށް އެއްގަމުން އަންހެން ކުދީން ގެނައުމުގެ ހުއްދަ ދިނެވެ. ނިއު އިޔަރ ނައިޓަށް އެންމެ ކައިރި ބަނދަރުން ކަސްބީ އަންހެނުންގެ އިންތިޒާމް ހަމަޖެއްސިއެވެ. އެ ނިއު އިޔަރ ނައިޓް އެހެނިހެން ނިއު އިޔަރ ނައިޓްތަކަށްވުރެ ކުލަގަދައެވެ. މާބޮޑަށްވެސް މަޖަލެވެ. ޒުވާނުންނަށް ރާގެ [މަސްތާއެކު ޒުވާންކަމުގެ މަސްތުވެސް] ލިބުނެވެ.

ތިންވަނައަށްވީ އަހަރުގެ ޙަފުލާގައި ބައްތި ނިއްވައިލުމުގެ އާދަވެސް އުފެދިއްޖެއެވެ. އެކަމުގެ ފެށުމަކަށްވީ މަނަވަރުގެ އިލެކްޓްރޯނިކް ސިސްޓަމާ ޙަވާލުވެހުރި މީހާއެވެ. މަނަވަރުގެ އޮފިސަރެއް އޭނާއަށް ޕައުންޑްކޮޅެއް ދީފައި ބުންޏެވެ. ރޭގަނޑު ބާރަޖެހުމާއެކު ސިކުންތުކޮޅަކަށް ހުރިހާ ބޮކިތައް ނިއްވައިލާށެވެ. އިލެކްޓްރޯނިކް ސިސްޓަމާ ޙަވާލުވެހުރި މީހާ އެގޮތަށް ޢަމަލުކުރިއެވެ. ބާރަޖެހުމާއެކު މަނަވަރުގެ ހުރިހާ ބޮކިތަކެއް ނިވިއްޖެއެވެ. ފްލޯގައި ތިބި އެންމެންނަށް އެއްފަހަރާ ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް ކުއްލިއަކަށް ހުރިހާ ބޮކިތަކެއް ދިއްލިއްޖެއެވެ. ބޮކިތައް ނިއްވައިލުމުގެ ކަންތައް ހިންގި އޮފިސަރ މައިކުގެ ޒަރީޢާއިން އެންމެންނަށް [ހެޕީ ނިއު އިޔަރ] ކިޔެވެ. ހުރިހާ އޮފިސަރުންނާއި ފަޅުވެރީން އަތްތިލަބަޑި ތަޅައިގެންފައި ޝުކުރިއްޔާ އަދާކުރިއެވެ. ވިދިގެން އައި އަހަރު އެންމެންވެސް ބޮކިނިވުމަށް އިންތިޒާރު ކުރިއެވެ. ބޮކިތައް ނިވުމާއެކު ހުރިހާ އަންހެން ކުދީންނާއި ފިރިހެން ކުދީން އެކަކު އަނެކަކާ އޮޅުލައިގަތެވެ.


ނިއު އިޔަރ ކަނޑުމަތިން އެއްގަމަށް:

ބްރިޓިޝް ރޯޔަލް ނޭވީގެ އެމަނަވަރުން [ނިއު އިޔަރ ނައިޓް] އެހެނިހެން މަނަވަރު ފަހަރަށްވެސް ތަޢާރަފުވިއެވެ. އެއަށްފަހު ކަނޑުމަތީން އެއްގަމަށްވެސް އެކަންތައް ގެނެވުނެވެ. އެތަނެއްގައި ނިއު އިޔަރ ނައިޓް ފާހަގަކުރުމުގެ [ނަސީބު] އެންމެ ފުރަތަމަ ލިބުނު ތަނަކަށްވަނީ އެނާޑީނެވެ. އެއީ 1910 ވަނަ އަހަރެވެ. ރޯޔަލް ނޭވީގެ އޮފިސަރުން ބަނދަރުގައި މަދު ގަޑިތަކެއް ހޭދަކުރުމުގެ ހުއްދައަށްއެދި އިސްވެރީންނަށް ހުށަހެޅިއެވެ. އެމީހުންނަށް އެހުއްދަ ލިބުނެވެ. ނޭވީގެ ޒުވާނުން އެބައިމީހުންގެ އަނބީންނަށާއި، ގާލިހާއިން (އެންގޭޖްވެފައި ތިބި އަންހެން ކުދިން) ނަށާއި، އަންހެން ރަޙްމަތްތެރީންނަށް ސްކޮޓްލޭންޑުގެ އެ މަޝްހޫރު ނޫން އައްސޭރިއަށް ޖަމާވާން ދަޢުވަތު ދިނެވެ. މަނަވަރު ބަނދަރު ޖެހިއިރު އަންހެނުންނާއި ފިރިހެނުންގެ އެތައް ބަޔަކު ނޭވީ އޮފިސަރުންގެ އިންތިޒާރުގައި ބަނދަރު މައްޗަށް އެއްވެ ތިއްބެވެ. އެއްވެތިބި އެކުވެރީން ނޭވީ އޮފިސަރުންނަށް މާބޮނޑިތައް ހަދިޔާކުރިއެވެ. މިޔުޒިކް ކުޅެދިނެވެ. ރާބޯން ދިނެވެ. އެއަށްފަހު އެންމެން އެއްވެގެން ނަށައި ހެދިއެވެ. އެންމެ ފަހުން އާ އަހަރު ލައިގަތުމާއެކު ލަދު ހުތުރުކަމުގެ އާބާބެއް ހާޅުވައިލިއެވެ.


192 ޤައުމުގައި ފާޙިޝްކަން:

ވިދިގެން އައި އަހަރު އެ އައްސޭރީގައި ވަނީ ފޭލިގެ ޖަހައިފައެވެ. ވަގުތީ ހޮޓާތައް ހަދައިފައެވެ. މިޔުޒިކާއި ރާގެ ތަނަވަސް އިންތިޒާމުތަކެއް ހަމަޖައްސައިފައެވެ. ނޭވީގެ އޮފިސަރުންނާއި ފަޅުވެރީންގެ ތެރެއިން [އަމިއްލަ މީހަކު] ނެތް މީހުންގެ ހިތް އުފާކޮށް ދިނުމަށްޓަކައި އެތަކެއް ޑަޒަން ކަސްބީ އަންހެނުން އެއްކޮށްފައި ތިއްބެވެ. އެ [ނިއު އިޔަރ ނައިޓް] އޮތީ އެހެން އަހަރުތަކަށްވުރެ މާބޮޑަށް ހުޅުވައި ލެވިފައެވެ. މާނިވާކަންކުޑަ ކޮށެވެ.

އެހައިތަނުން ބްރިޓިޝް ނޭވީގެ އާދަޔަކަށްވީ ކޮންމެ ނިއު އިޔަރ ނައިޓަކަށް ކޮންމެވެސް ކައިރި ބަނދަރެއްގައި މަޑުކުރުމެވެ. އާ އަހަރު ފާހަގަ ކުރުމަށްފަހު އެބައިމީހުންގެ މަންޒިލްތަކާ ދިމާޔަށް ދަތުރު ފެށުމެވެ. ދުނިޔޭގެ އެއްވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައިވެސް އެއާދަ ދެމިއޮތެވެ. ހަނގުރާމަ ނިމުމާއެކު ނޭވީ އޮފިސަރުން އެބައިމީހުންގެ ފޮށި ތަންމައްޗާއެކު ބަނދެގެން ގެއަށް ގެންދިޔަ [ތަކެތީގެ] ތެރޭގައި ނިއު އިޔަރ ނައިޓް ފާހަގަ ކުރުންވެސް ހިމެނެއެވެ. ކަނޑުގެ ސިފައިންގެ ޒުވާނުންނާއި އޮފިސަރުންނާއި ފަޅުވެރީންނާއެކު ލަދުހަޔާތް ކުޑަކަމާއި ފާޙިޝްކަމުގެ މިޙަރަކާތްވެސް ރަށްރަށަށް ނަގުލުވެއްޖެއެވެ. ދުނިޔެ އަނެއްކާވެސް ތާރީޚުގެ އާ ދައުރެއްގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. މިހާރު ދުނިޔޭގެ 192 ޤައުމެއްގައި އާ އަހަރު ފާހަގަކުރަމުން ގެންދެއެވެ. ދުނިޔޭގެ ބޮޑެތި ހަތްހާސް ރަށެއްގައި އާ އަހަރު ފާހަގަ ކުރުމަށްޓަކައި އޮރިޔާންކަމުގެ ހައްދެއްނެތް ޙަފުލާތައް ބާއްވަމުން ގެންދެއެވެ.


ނިއު އިޔަރ ފާހަގަކުރުމުގެ ލަދުކުޑަ ޙަފުލާތައް:

އެމެރިކާގެ ނިއުޔޯކު ސެންޓަރާއި، ލަންޑަނުގެ ޓްރައި ފޮލްގަރ ސްކްއަރއާއި ޖަރުމަންވިލާތުގެ ބްރައިޑަންބަރގް ގޭޓަކީ ނިއު އިޔަރ ނައިޓް ފާހަގަކުރުމުގެ އެންމެ ޚާއްޞަ ޙަފުލާތައް ބޭއްވޭ ތަންތަނެވެ. ނިއުޔޯކުގައި ބާއްވާ ޙަފުލާގައި އެއްލައްކަ ވަރަކަށް ޒުވާނުން ބައިވެރިވެއެވެ. ޓްރައި ފޮލްގަ ސްކްއަރއަށް ފަސްދޮޅަސްހާސް މީހުން ޖަމާވެއެވެ. ނިއު އިޔަރ ފާހަގަކުރުމުގެ އެންމެބޮޑު ޙަފުލާއެއް ބޭއްވެނީ ބްރައިޑްން ގޭޓުގައެވެ. އެޙަފުލާގައި ފަނަރަލައްކަ ޖޯޑު ބައިވެރިވެއެވެ. ޑިސެމްބަރ މަހުގެ އެއްތިރީސްވަނަ ދުވަހުގެރޭ ރޭގަނޑު ބާރަޖެހުމާއެކު ހުރިހާ ބައްތިތަކެއް ނިވާލައެވެ. ހަމައެއާއެކު ހަވާ އެރުމުގެ ކުޅިވަރު ފެށެއެވެ. ދެނަކާ ދެނެއް ނޯވެއެވެ. ރާބޮއިގެން ޢަމަލުވެފައި ތިބޭ ޒުވާނުންގަނޑު ފެނުގެ މަތީގައި ނަށާން ފަށައެވެ. މި ޙަފުލާ ދުނިޔޭގެ އެތަން މިތާގެ ޓެލެވިޒަންތަކުން ދައްކައެވެ. ދުނިޔޭގެ [ކުރިއަރާފައިވާ] ހުރިހާ ތަނެއްގެ ފަސްތަރީގެ ހޮޓާތަކާއި، މުއްސަނދީންގެ ގޭގޭގައި އާ އަހަރު ފާހަގަކުރުމުގެ ޙަފުލާތަކުގެ އިންތިޒާމް ހަމަޖެހިފައި އޮވެއެވެ. ސާރވޭއަކުން އެނގިފައިވާ ގޮތުގައި ހަމައެކަނި އެމެރިކާގައި ނިއު އިޔަރ ފާހަގަކުރާ ރޭރޭ ސަތޭކަ ހަތްދިހައެއް ބިލިއަން ޑޮލަރުގެ ރާބޮއެވެ. ހަސަތޭކަ މިލިޔަން ޑޮލަރުގެ ހަވާ އަރުވައެވެ. ޒުވާނުން ނަށާ ތަންތަނަށް އެތައް ބިލިޔަން ޑޮލަރެއް ތަޅައިލައެވެ.


ނިއު އިޔަރ ނައިޓްގެ ސަބަބުން ޒުވާން ޖީލަށް ފޯރާ އަސަރު:

ނިއު އިޔަރ ނައިޓްގެ ޙަފްލާތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ޘަޤާފަތަށް އަންނަނީ ފޯރަވަމުންނެވެ. ފާހިޝްކަމާއި، ލަދުކުޑަވުމާއި، ޢައްޔާޝީކަމުގެ ޖަރާސީމުތައް ޒުވާން ޖީލުގެ އަޚްލާޤިއްޔާތު ކައި ހަފައި ހުސްކުރަމުން ގެންދަނީ ބިރުގަންނަފަދަ ދަރަޖައަކަށެވެ. އާވާރާކަމާއި، ލަދުޙަޔާތް ކުޑަކަމާއި، ޖިންސީގޮތުން ފެންބޮވައިގަތުމުގެ ބަލި ޒުވާނުންގެ ތެރޭގައި ޢާންމުވަމުން ދަނީ ހިތަމާކުރަން ޖެހޭ މިންވަރަށެވެ.


ނިއު އިޔަރ ފާހަގަކުރުމުގެ އަނެއް ގެއްލުން:

ނިއު އިޔަރ ނައިޓް ފާހަގަކުރުމާ ގުޅޭ ދެވަނަ ގެއްލުމަކީ އެކަމާ ގުޅިފައިވާ ޖާނީ ގެއްލުންތަކެވެ. މުޅި ދުނިޔޭގައިވެސް މިހާރު އެކަންތައްތައްވަނީ ވަރަށްބޮޑު މައްސަލައަކަށް ވެފައެވެ. ކޮންމެ އާ އަހަރު ވިލޭރެއަކާ ގުޅިގެން އެތައް ޙާދިޘާތަކެއް ހިނގައެވެ. ބްރެޒިލްގެ ރަށެއްކަމުގައިވާ ރިއޯޑި ޖެނީރޯގެ މަޝްހޫރު ގޮނޑުދޮށެއް ކަމުގައިވާ [ކޮޕަކާބާނާ] ގޮނޑުދޮށަކީ ހަތަރެއްބައި ކިލޯމީޓަރުގެ ގޮނޑު ދޮށެކެވެ. އެގޮނޑުދޮށަށް 2003 ވަނަ އަހަރު ފަނަރަ ލައްކަ ޒުވާނުން އެއްވިއެވެ. ރޭގަނޑުގެ ބާރަ ޖެހުމާއެކު އެގޮނޑު ދޮށުގައިވާ ހުރިހާ ބޮކިތައް ނިވާލައި ހަވާ އަރުވަން ފެށިއެވެ. އަލިފާނުގެ ކުޅިވަރު ފެށުމާއެކު އެތާނގައި ވަރަށްބޮޑަށް ހަމަނުޖެހުންވެސް ފެށިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ވަރަށްގިނަ ޒުވާނުން ކަނޑަށް ވެއްޓުނެވެ. އެތަކެއްހާސް އަންހެން ކުދީންގެ ޢިއްފަތްތެރިކަން ފޭރެވުނެވެ. މީހުން ގިނަކަމުގެ ސަބަބުން ފައިދޮށުވެ އެތައްބަޔަކު މަރުވިއެވެ. ޖެނުއަރީ އެއްވަނަ ދުވަހު އިރުއެރިއިރު އެގޮނޑުދޮށުން ފެންނާންހުރީ ލެއާއި، އިންސާނީ ގުނަވަންތަކާއި، ވީދާލާފައިހުރި ހެދުންތަކެވެ.
ބަގޯޓާއަކީ ކޮލަމްބިޔާގެ އެންމެބޮޑު ސަހަރެވެ. އާ އަހަރު ވިލޭރޭ އެރަށުން އެއްގަޑިއިރުގެ ތެރޭގައި 149 މީހުން މަރުވިއެވެ. ހައްތަހާވެސް ޒުވާން ޖޯޑުތަކެވެ. އެރޭ އާ އަހަރު ފެށުމުގެ އިޢުލާން ކުރެވުމާއެކު އެއްބަޔަކު އަނެއް ބަޔަކަށް ހަމަލަދިނީއެވެ. އެޙަމަލާގައި 64 ޒުވާނެއްގެ ގަޔަށް ބަޑީގެ ވަޒަން އަރައިގެން މަރުވިއެވެ. 22 ޒުވާނަކު ޚަންޖަރުގެ ޙަމަލައިގެ ސަބަބުން މަރުވިއިރު އެގާރަ ޒުވާނަކު ހިލަތަކުގެ ދަށުވުމުގެ ސަބަބުން މަރުވިއެވެ. ހަމަ އެރޭ މަގުމަތީގެ ޙާދިޘާތަކުގެ ސަބަބުން ފަންސާސް މީހުން މަރުވިއެވެ. ކޮލަމްބިޔާގެ ސަރުކާރުން އަންދާޒާކުރާ ގޮތުގައި އެރޭ އެކި ޙާދިޘާތަކުގެ ސަބަބުން މަރުވި މީހުންގެ ޙަޤީޤީ ޢަދަދު 400 އަށް އަރާނެއެވެ.އެލްސެލްވަޑޯރގައި 38 މީހުން މަރުވެ 295 މީހުން ޒަޚަމުވިއެވެ. އެ އެންމެންނަކީވެސް ކޯރުކޯރުގެ އައްސޭރިއާއި ގޮނޑު ދޮށްތަކުގައި އާ އަހަރު ފާހަގަކުރަމުން ގެންދިޔަ މީހުންނެވެ. ބިއުނަސް އައިރިސްގައި ސަތޭކަ މީހުން މަރުވިއެވެ. އިނގިރޭސި ވިލާތުގައި 1362 މީހުންނަށް އަނިޔާވިއެވެ. އޭގެ ތެރެއިން އެތައްބަޔަކު ވަނީ އެކިއެކި ގުނަވަންތަކުން މަޙްރޫމް ވެފައެވެ. ސާޅީސް ގޭގައި އަލިފާން ރޯވިއެވެ. ފަސްސަތޭކަ ކާރު ޙަލާކުވިއެވެ. އިނގިރޭސިވިލާތުގެ ވެލްސްގައި އެރޭ ބޭއްވުނު ބަޑިބޭހުގެ ކުޅިވަރުތަކުގެ ސަބަބުން 4825 ސޫފި އަނދައިގެން މަރުވިއެވެ. އެމެރިކާގައި ފަނަރަ މީހުން މަރުވެ ފަންސާސް މީހުން ނުރައްކާތެރި ދަރަޖަޔަކަށް ޒަޚަމުވިއެވެ.


ނިމުން އަންނަނީ ފެށުން އޮތް ގޮތަކަށެވެ.

އާދޭހެވެ! މަތީގައި ބަޔާންކޮށްފައި އެވަނީ ނިއު އިޔަރ ނައިޓް ފާހަގަކުރުމުގެ ލޮލުން ދެކެ އަތުން ހިފޭ ގެއްލުންތަކެވެ. މުޅި ދުނިޔެ ބަރުދާސް ކުރަމުންގެންދާ ގެއްލުންތަކެވެ. ނަމަވެސް މިކަމުގެ ސަބަބުން ޤައުމުތަކުގެ ޘަޤާފަތަށާއި، އަޚްލާޤިއްޔާތަށާއި، އިޖްތިމާޢިއްޔާތަށް ކުރަމުންދާ ވިހަ އަސަރު އަންދާޒާކުރެވޭ ވަރަށްވުރެވެސް މާބޮޑެވެ.

އާ އަހަރަށް އިސްތިޤްބާލު ކުރުމަކީ ލާޒިމުކަމެއް ކަމުގައިވާނަމަ މަޑުމައިތިރިކަމާއި، އަބުރުވެރިކަމާއި ލޯތްބާއި ހެޔޮދުޢާތަކާއި ޞަދަޤާތުގެ ޒަރީޢާއިންވެސް އިސްތިޤްބާލް ކުރެވިއްޖައީސް ކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. ވިސްނައިލަމާ ހިންގަވާށެވެ. ފަޓާސްޖެހުމާއި، އަލިފާނުގެ ކުޅިވަރުތަކާއި، ނެށުމާއި، ރާބުއިމުން ފަށައިގަންނަ އަހަރެއް އަޅުގަނޑުމެންނަށް ގެނެސްދޭނީ ކޮންހެޔޮކަމެއް ތޯއެވެ. ކޮން ފާގަތިކަމެއް ތޯއެވެ؟ އެފަދަ ޒައްޤޫމް ގަސްތަކަކުން އަޅުގަނޑުމެންނަށް ހެޔޮކަމުގެ މޭވާތަކެއް ބިނދެވޭނެތޯއެވެ؟ އިނގިރޭސި ބަހުގެ ހަރުބަހެއްގައި ވެއެވެ. [ކަމެއްގެ ފެށުން ނުބައިވެއްޖެނަމަ އެކަމެއްގެ ނިމުންވެސް އަންނާނީ ނުބައިކޮށެވެ.] އެހެނިހެން ކަންކަމަށްވުރެ މާ ޞަރީޙު ގޮތެއްގައި ނިއު އިޔަރ ފާހަގަކުރުމާ ބެހޭގޮތުން އަޅުގަނޑުމެންނަށް އަންނަނީ މިހަރުބަހަކީ ޙަޤީޤަތެއްކަން ސާބިތުވަމުންނެވެ. ސައްތައިން ސައްތަ ތެދެއްކަން ބަޔާން ވަމުންނެވެ.

ވަރަށްބޮޑު ޙަޤީޤަތެކެވެ. އެ މުޖްމަޢެއްގެ ޒުވާނުންނަކީ ލަދެއް ޙަޔާތެއްނެތް އަޚްލާޤު ނުބައި ބަޔަކަށް ވެއްޖެނަމަ އެމުޖްތަމަޢެއް ބަދަލުވެގެން ދާނީ ފާވެ ހިތިއަޅައިފައިވާ ފެންގަނޑެއް ފަދަ ތަނަކަށެވެ. އެފަދަ ތަނަކުން މީހުންނަށް ލިބޭނީ މަދިރިއާއި ނުބައިވަހުގެ [ހަދިޔާ] އެވެ. މީރުވަހާއި، އަމާންކަމާއި، ހިތްހަމަޖެހުން ގެނެސްދިނުމަކީ އެފަދަ ފާ ފެންގަނޑެއްގެ ޒާތާ ގުޅިފައިވާކަމެއް ނޫނެވެ.


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ