އަދުގެ ޚާއްސަ

Print

ތަންތަން ބަލައިލާނެ އެންމެ ތިން ދުވަސް ލިބިއްޖެނަމަ (2)

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އެނގޭތަ


ލިޔުއްވީ: ހެލަން ކެލަރ 1933 ގައި

ތަރުޖަމާ: އަޙްމަދު ސަމީރު ޢަލީ

އަޅުގަނޑުގެ ލޮލަށް އެއްގޮތަކަށްވެސް ނުފެންނާތީ އާއި އަޑުވެސް ނުއިވޭތީ ބައެއްފަހަރު ދެރަވެ ހިތާމަކުރެވެއެވެ. އެއީ ހަމަ އެކަނި އަތްޖައްސާލައިގެން އަޅުގަނޑަށް މި ލިބިގަނެވޭ ތަފާތު އިހުސާސުތަކުން މިލިބޭހާ އުފާ ލިބޭއިރު، ފެނުމާއި އިވުމުން މަހުރޫމުނުވެ، އެހެންމީހުންހެން، އަޅުގަނޑަށްވެސް ފަސް ހިއްސު ސަލާމަތުން ލިބުނުނަމަ އެނިއުމަތްތަކުގެ އަގު އަޅުގަނޑަށް ވަޒަންކުރެވޭނީ ކޮންފަދަ ފުން މާނައެއްގައިކަން  ހިތަށް އަރާވަރުންނެވެ! އަޅުގަނޑު މިހެން އިތަށް އަރަނީ ލޯއަނދިރިމީހަކަށް ވީތީބާއެވެ؟ ލިބިފައިވާ އުފަލެއް ލުއިލުއި ގޮތަކަށް ގަބޫލުކޮށްލައި ނުލިބޭ އެއްޗެއް ހޯދަން އުޅުމަކީ ހަމަ އިންސާނީ ތަބީއަތްބާއެވެ؟ މިހެން ހިތަށް އަރާ ސަބަބަކީ ދެލޮލަށް އެންމެ ފުރިހަމައަށް ފެނުމުގެ ހުރިހައި ކުޅަދާނަކަމެއް ލިބިފައިވާ މީހުންނަށް ހަގީގަތުގައި [ފެންނަލެއް] މަދުކަމުންނެވެ.
އެތައް ހާސް ކުލައެއް، ކޮންމެ ކުލައެއްގައި ދިހަ ބާރަ ފަނޑުމިންތަކާއި ގަދަ މިންތައް އެކުލެވިގެންވާކަމެއް ގިނަމީހުންގެ ވާހަކައަކުން ފާޅެއް ނުވެއެވެ. އަގު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް، ފެނުމުގެ އަގު ބޮޑު ނިއުމަތް ގިނަމީހުން ބޭނުންކުރަނީ ދުނިޔޭގައި އުޅެން ފަސޭހައަކަށެވެ!! އެމީހުންގެ އަނބި ދަރިންގެ މޫނުތައް ދައްކައިދޭ، މާމެލާމެއްޔާއި ދޫނި ސޫފާސޫތްޕާއި ކޯރުތަކާއި ފަރުބަދަ ތަކާއި ރީތި ގޮނޑުދޮށްތައް ދައްކައިދީ، ދިރިއުޅުމަށް ލާމަސީލު ފުރިހަމަކަމެއް ގެނެސްދޭ މުއުޖިޒާތެއްކަން، އެއީ އިލާހީ ހަދިޔާއެއްކަން ދަންނަނީ މަދުބައެކެވެ.

އަޅުގަނޑަކީ ޔުނިވަރސިޓީއެއްގެ ރައީސް ނަމަ، ހުރިހައި ދަރިވަރުން ކިޔަވަން މަޖުބޫރު މާއްދާއެއްގެ މުގައްރަރު އެކުލަވާލައި އެމާއްދާ ކިޔަވައިދޭނެ ގޮތުގެ އިރުޝާދު ޕްރޮފެސަރުންނަށް ދިނީމުހެވެ. އެ މާއްދާއަށް އަޅުގަނޑު ދޭނެ ނަމަކީ [ލޮލުގެ ބޭނުން ހިފާނެ ގޮތް] މިއެވެ. ޕްރޮފެސަރ އެކުދިންނަށް ދަސްކޮށްދެއްވަން ޖެހޭކަންކަމަކީ، އެކުދިންނަށް ފާހަގަ ނުކުރެވި، އެއްގޮތަކަށްވެސް 'އަޅައިނުގަނެ' ކުރިމަތީގައި ވާ ކަންތައް، ފެންނަ އެތައްހާސް ކުލަތައް، އެތަކެއް ހިޔަނިތައް އެކި ވަގުތު އަލި އެޅޭ ގޮތުން ކުލަތަކަށް އެ އަންނަ ބަދަލުތައް  ގަސްތުގައި ދެނެގަނެ ފާހަގަ ކުރަން ދަރިވަރުންނަށް ދަސްކޮށްދިނުމެވެ! މިހެން ތަކުރާރުކޮށް އެކުދިންގެ ކިބައިގައިވާ ހިއްސުތަކުގެ، ކަންނެތްވެ ނިދާފައިވާ ބައިބައި ހޭލައްވައި އެކުދިންނަށް ލިބިފައިވާ ނިޢުމަތުގެ އަގު އަލުން ދަސްކޮށްދީ އެކަމަށް ޝުކުރުވެރިކުރުވުމެވެ!

ތިޔަ ބޭކަލުންނެކޭ އެއްފަދައިން ފަސް ހިއްސު އަޅުގަނޑަށް ވެސް ވަގުތީ ގޮތުން ދެތިން ދުވަހަށް ލިބިއްޖެ ނަމަ އަޅުގަނޑު ކުރާނެ ކަންތައް ޚިޔާލުކޮށްލާނަމެވެ. އަޅުގަނޑުގެ ތަފާތު ޚިޔާލުތައް ލިޔެލަން އެއްކޮށް ޖަމާކޮށްލަން މި ނަގާ ވަގުތު، ތިބާވެސް މި ޖުމްލަ ކިޔުއްވައި ނިމުމުން ކުޑަ އިރުކޮޅަކު ހަމަ ހިމޭނުން އިންނަވައި، ތިބާ ކުރައްވާނެ ކަންކަމާމެދު ވިސްނައިލެއްވުން ކީއްތޯއެވެ؟ ތިބާއަށް ވެސް ލިބިލައްވާނީ ހަމަ ތިން ދުވަސް ކަމުގައި ހިތްޕުޅުގައި ބާއްވަވާށެވެ. ތިންވަނަ ދުވަސް ނިމި، ދެން އަރާ އިރެއް ތިބާއަކަށް ފެނިއެއް ނުލައްވާނެއެވެ. އެ އަލިން ހަކަތަ ހޯދާ އެއްވެސް ގަހެއް މަލެއް، އަރައިގެން އަންނަ އިރުގެ ތާޒާ ހޫނުކަމުގެ އުފަލުގައި އުދުހޭ އެއްވެސް ދޫންޏެއް ތިބާ އަކަށް ފެނިއެއް ނުލައްވާނެއެވެ.  ވީމާ މިހާރު މި ލިބެން އުޅޭ އާދަޔާ ޚިލާފު ފުރުސަތުގައި ދެކިވަޑައިގަންނަވަން ބޭނުންފުޅީ ކޮން ތަނެއް، ކޮން އެއްޗެއް، ނުވަތަ ކާކު ތޯއެވެ؟ އުފަލުން އަވަސް އަވަހަށް ވިދާޅުވެލައްވާނީ ކޮން ފޮތެއްތޯއެވެ؟

{ހެލަން ކެލަރ ގެ މުދައްރިސާ އޭން ސުލިވަން،  ކުޑަކުޑަ ހެލަން އާ ބައްދަލުވީއިރު  ހެލަންގެ އުމުރަކީ އެންމެ ހަ އަހަރެވެ. އެކަނިވެރި، ލޯފަން، މަންމަން ކުއްޖެކެވެ. ރުޅިގަދަވެ ބޯ ހަރުކަމުން ހެލަންގެ މައިން ބަފައިން ވަނީ ހަދާނެގޮތް ހުސްވެފައެވެ. ހަދިޔާއެއްގެ ގޮތުން އޭންސުލިވަން ހެލަން އަށް ބުދެއް ގެނެސްދެއްވައި އިނގިރޭސިބަހުން ބުދުގެ ސްޕެލިން 'ޑީ އޯ އެލް އެލް' ހެލަންގެ އަތްތިލައިގައި ވަކިގޮތަކަށް ފިއްތައިގެން ވިސްނައިދިނެވެ. އޭން ސުލިވަން ހައިރާންވީ އެ އަކުރުތައް، ހަމަ އެ ތަރުތިބުން މުދައްރިސާގެ އަތައް ފިއްތައިގެން ހެލަން 'ކިޔައިދިނީމައެވެ' އެހިސާބުން މުދައްރިސާ އޭން ސުލިވަން އަށް ހެލަން ކެލަރގެ ވިސްނުން ތޫނުކަން އެނގިލެއްވިއެވެ. މުދައްރިސާ އޭން ސުލިވަން އެއްދުވަހު ހެލަންގެ އެއް އަތަށް ފެން އަޅުއްވަމުން އަނެއް އަތުގައި ފެން (ވޯޓަރ) ލިޔަން ކިޔަން ބޭނުންވާ އަކުރުތައް ފިއްތަމުން ކިޔައިދެއްވަމުން ދިޔުމުގައި، ކުޑަކުޑަ ހެލަން އަށް އެނގުނީ ކޮންމެ އެއްޗަކަށް ނަމެއް ވާކަމާއި އެއްނަން އަނެއްނަމާ ހުރި ތަފާތެވެ. މިހިސާބުން ހުރިހާ އެއްޗެއް އެއްފަހަރައި ކިޔަވާހިތުން އުޅުނުވަރުން، އެދުވަހު މުދައްރިސާ އާއި އޭން ވަރުބަލިވެގެން ވެއްޓޭވަރުވިއެވެ. އެހިސާބުން، މާޔޫސްކަންމަތީ އުޅުނު ހެލަން ކެލަރ ރުޅި މަޑުވެ ދުނިޔެ ދެކެ ލޯބިވެ، ކިޔަވާ ހިތްވީއެވެ!} - ސަމީރު -  


އަޅުގަނޑުގެ ތަބީއަތަކީ އަޅުގަނޑު އަނދިރީގައި އުޅުނު ދުވަސްތަކުގައި އަޅުގަނޑަށް އެންމެ މުހިންމު ކަމަށް ވިސްނިފައިވާ މީހުންނާއި ތަންތަން ދެކިލުމެވެ. ތިބާވެސް ބޭނުންވާނީ ހަމަ މިކަހަލަ ކަމެކެވެ. ވީހައި ގިނަ ތަނެއް، ގިނަ ބައެއްގެ މޫނު ދެކިލައި، ހަނދާންތައް ލިބިގަނެ، އަނދިރިކަމުގެ ތެރެއަށް ދެވަނަ ފަހަރަށް ދިޔުމުގެ ކުރިން އަގު ބޮޑު ހަނދާންތަކަކުން ސިކުނޑި ފުރާލައިގެން ތައްޔާރުވުމެވެ!

ކޮންމެވެސް މުއުޖިޒާތަކުން އަޅުގަނޑަށް ލޮލަށް ފެންނަ ތިންދުވަސް ލިބި، އެއަށް ފަހު އަނެއްކާވެސް އަނދިރިކަމުގެ ތެރެއަށް ދާން އަޅުގަނޑަށް މަޖުބޫރު ނަމަ، އަޅުގަނޑަށް ލިބޭ ނުހަނު އަގު ބޮޑު ތިންދުވަސް  އަޅުގަނޑު ބަހައިލާނީ ތިން ބަޔަކަށެވެ.

އެންމެ ފުރަތަމަ ދުވަހު އަޅުގަނޑު ކުރާނެ ކަމަކީ އަޅުގަނޑަށް އެންމެ ހެޔޮ، އެމީހުންގެ ސިފަކޮށްދެން ނޭނގޭހައި ކެތްތެރިކަމާއި ހަމްދަރުދީއާއި ކުލުނު އަޅުގަނޑަށް ދިން މީސްމީހުންގެ މޫނަށް ނުހަނު ލޯބިން ބަލައި އުޅުމެވެ. އަޅުގަނޑުގެ ދިރިހުރުން ގުޅިފައިވަނީ އެމީހުންގެ މިންނެތް ކެތްތެރިކަމާއި ގުރުބާނީ އާއެވެ. އެންމެ ފުރަތަމަ އަޅުގަނޑު ދެކެން ބޭނުމީ އަޅުގަނޑުގެ މުދައްރިސާ އޭން ސުލިވާންގެ މޫނެވެ. އެމޫނަށް ވަރަށް ގިނައިރު އަޅުގަނޑު ބަލާނަމެވެ. މިސިޒް އޭން ސުލިވަން މޭސީ އަޅުގަނޑު ގާތަށް ދުރުވީ  އަޅުގަނޑު ވަރަށް ކުޑައިރުއެވެ. ބޭރު ދުނިޔެ އަޅުގަނޑަށް ހުޅުވައިދެއްވީ މި ލާމަސީލު މުދައްރިސާއެވެ. މި މާތް މުދައްރިސާގެ މޫނުގެ ބޭރުފުށް އެކަނި ފެނިގެން އަދި އަޅުގަނޑަކަށް ނުފުދޭނެއެވެ. އަޅުގަނޑުގެ ހަނދާނުގައި ބަހައްޓަން ބޭނުން މާގިނަ ސިފަތައް މި މުދައްރިސާގެ ކިބައިގައި އެބަހުއްޓެވެ. އޭނާގެ އޯގާވެރިކަމާއި ހަމްދަރުދީ އާއި ކެތްތެރިކަން އެކުވެގެން ނޫނީ އަޅުގަނޑު ކަހަލަ ކުއްޖަކަށް ކިޔަވައިދޭނީ ކޮންގޮތަކުންތޯއެވެ. މި މުދައްރިސާގެ ކިބައިގައި ފާހަގަ ކުރެވޭ ހުރިހައި ސިފަތަކެއް އޭނާގެ މޫނުން ފެނޭތޯ ބަލާނަމެވެ. ބޯހަރުކަމާއި ގޮތްދޫނުކުމަކީ ވެސް ހަމަ އެންމެ އެކަށީގެންވާވަރަށް އަޅުގަނޑުގެ މުދައްރިސާގެ ކިބައިގައި ހުރި ސިފަތަކުގެ ތެރެއިން ދެ ސިފައެވެ.  ނަމަވެސް އޭނާގެ ޝަޚްސިއްޔަތުގައިވާ ކުލުނާއި ހަމްދަރުދީއަކީ އަޅުގަނޑަށް ފުދިއިތުރުވެ މުޅި އިންސާނިއްޔަތަށް ވެސް ފުދޭހައި މިންވަރަށް، މީނާގެ ކިބައިގައި ހުރި މާތް ސިފަތަކެވެ. މި ދެންނެވި އޯގާވެރިކަމާއި ހަމްދަރުދީ އަކީ ކެނޑިނޭޅި އޭނާގެ ކިބައިން އަޅުގަނޑަށް ފެންނަ ރިވެތި އަޚްލާޤީ ސިފަތަކެވެ.

މީހެއްގެ އެތެރެއަށް ބަލައިލެވޭ ކުޑަދޮރޭ މިކިޔާ ދެ ލޮލަށް ބަލައިގެން މީހެއްގެ ހިތުގެ އިހުސާސްތައް ފެންނާނެޔޭ އެބުނާ ބުނުމަކީ ކޮބައިކަމެއް އަދި އަޅުގަނޑަކަށް ތަޖުރިބާ ކުރެވިފައެއް ނެތެވެ. އަޅުގަނޑަށް އަދި މީހެއްގެ މޫނަށް މި  [ބެލެނީ]  [ބަލަން] ބޭނުން މީހެއްގެ މޫނުގައި އަޅުގަނޑުގެ އިނގިލިތަކުގެ ކުރި ޖައްސައިގެންނެވެ. މީހުންގެ އުފާވެރިކަމާއި، ހުނުމާއި ހިތާމައިގެ އިތުރުން ޖަޒުބާތީ އެހެނިހެން އިހުސާސުތައް ވެސް މިގޮތުން އިނގިލި ޖައްސައިގެން ދެނެގަނެވެއެވެ. ރަހުމަތްތެރިންގެ މޫނުގައި އަތްޖައްސާލައިގެން އަޅުގަނޑުގެ ރަހުމަތްތެރިން ވަކިކުރަން އެނގެއެވެ. ނަމަވެސް މިގޮތުން މި އެނގެނީ ހަމައެކަނި މޫނުގެ ތަފާތެވެ. އެމީހުންގެ ޝަޚްސިއްޔަތުގެ ހުރި ހަރުދަނާކަމެއް އަޅުގަނޑަށް އެނގެން އޮތް  ހަމައެކަނި ގޮތަކީ އެމީހުން ބުނާއެއްޗަކުންނާއި ކުރާ ކަންތަކުންނެވެ. އެމީހުންގެ ކުރިމަތީގައި ކުއްލިޔަކަށް ހިނގާކަމެއްގެ ސަބަބުނު އެމީހުންގެ މޫނަށް އަންނަ ބަދަލެއް، ލޯމައްޗަށް އަރާ ވިދުވަރެއް، ވެރިވާ ނުތަނަވަސްކަމެއް، މިއީ އަޅުގަނޑަށް ވަގުތުން އެނގޭނެ ކަންކަމެއްނޫނެވެ.

އަޅުގަނޑު ގާތުގައި އާންމުކޮށް އުޅޭ ރަހުމަތްތެރިން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ.  އެކިފަހަރު މަތިން ތަފާތު ކަންތައް ދިމާވުމުގެ ސަބަބުން އެމީހުންގެ ޝަޚްސިއްޔަތު އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އަލަށް ދިމާވާ ރައްޓެހިންނާއި ބެހޭގޮތުން އެނގެނީ އެމީހުން ބުނާއެއްޗެއް އެކަންޏެވެ. އެމީހުން ބުނާ އެއްޗެއް އަޅުގަނޑު އަޑު އަހަނީ އެމީހުން ވާހަކަދައްކާއިރު އެމީހުންގެ ތުންފަތުގައި އަޅުގަނޑުގެ އިނގިލި މަޑުމަޑުން ޖައްސާލައިގެންނެވެ. ބައެއްފަހަރު އެމީހުން އަޅުގަނޑުގެ އަތުގައިވެސް ވަކި ގޮތަކަށް ފިއްތާ ހެދުމުން އެނގެއެވެ. މިއީ މަންމަން ލޯފަންމީހުންގެ ބަހުގެ އަކުރު ލިޔެއުޅޭގޮތެކެވެ. މުދައްރިސާ އޭން ސުލިވާން އަޅުގަނޑަށް އެންމެ ފުރަތަމަ ދަސްކޮށްދެއްވީ އެ އަކުރުތަކެވެ.
-----------------
( ނުނިމޭ )

އިދާރާ

އެނގޭތަ؟

ވާހަކަ