އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގައި، ލޯކަލްކައުންސިލްގެ ނިޒާމު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު 

ފުރަތަމަ ބައިގައި ވާނީ، އަތޮޅުކޮމިޓީތައް އުފަންވެ އަދި ކަފުން ކުރެވުނު ހިސާބަށް ލިޔެފައެވެ. އަދި ހަމަ އެ ފަދައިން އެ ކޮމިޓީތައް އުވާލަން ޖެހުނު ސަބަބުތައް ވެސް (ކުރުގޮތަށް) ލިޔެފައިވާނެއެވެ. ވުމާއެކު، އެ ދުވަސްވަރު (ގދ.އަތޮޅުގައި) ހިނގާފައިވާ ބައެއް ޙާދިޘާތައް (ތާރީޚަށްޓަކައި) ޚުލާޞާ ކޮށްލުން އެއީ ވެސް އެންމެ ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެހެންނަމަވެސް އެ ވާހަކަތަކަށް ދިއުމުގެ ކުރިން ކޮންމެހެން ފާހަގަކޮށްލަން ޖެހޭ ވަރަށް މުހިންމު އެހެން ކަންކައްތަކެއް ވެސް އެބަހުއްޓެވެ.
އެ ގޮތުން، އާދެ! އަތޮޅު ކޮމިޓީތައް އުވާލަން ޖެހުނު މައިގަނޑު ސަބަބުތައް ފުރަތަމަ ބަޔާނުގައި ދަންނވާފައި އެ ވާ ގޮތަށް ހުރިކަމަށް ވިއަސް، އަތޮޅު ކޮމިޓީތަކަށް ހޮވޭ ހުރިހާ މެންބަރުންނަކީ، ނާޤާބިލު މީހުންކަމުގައި ދެންނެވޭކަށް ނެތެވެ. އެ މެންބަރުންގެތެރޭގައި ޤާބިލު މީހުންނާއި، ނާޤާބިލު މީހުންތިބިކަމަށް ވިއަސް، އެކަން އުކުޅަށްއަރައި، ފުއްވަޅުން ނެއްޓެން މެދުވެރިވީ، އެ ދުވަސްވަރުގެ ސިޔާސީ މާހައުލަކީ، ބަނިޔާދަންކަންކުޑަ މާހައުލަކަށްވާތީއެވެ.  

ކޮންމެއަކަސް ހަތަރު އަނގޮނޅިއެއްގައި ހުރެ، ހަމަހަމަކަމާއެކު، ބަލައިފިނަމަ ގއ. އަދި ގދ. އަތޮޅުގެ އަތޮޅު ކޮމިޓީތަކަށް ހޮވުނު މެންބަރުންނަކީ (އެ ދުވަސްވަރަށް ބަލާ އިރު) ވަރަށް ޤާބިލު ބޭފުޅުންކަމުގައި ދަންނަވަން ޖެހެ އެވެ. 

އެކިފަހަރުމަތިން ގދ.އަތޮޅުގެ އަތޮޅުކޮމިޓީގެ މެންބަރުކަން ކުރެއްވި ބައެއް ބޭފުޅުންގެތެރޭގައި، ގައްދޫ ޙަސަން މަނިކު، ވާދޫ ތުއްތުކަތީބު، މާތޮޑާ އިބްރާހިމް ވަޙީދު، ފިޔޯރީ ޢަބްދުﷲ ދީދީ، ރަތަފަންދޫ ބަޝީދު، ޙަނީފް، ނަޑެއްލާ ޢަލީ މުސްޠަފާ، ނަޑެއްލާ ޢަލީ ރަޝީދު، ހޯނޑެއްދޫ ޙަސަން މަނިކު، މަޑަވެލީ ޢުޘްމާނު ޒަކީ، ހަވަރުތިނަދޫ، ޢަބްދުއްޞަމަދު ޙުސައިން އާއި މޫސާ ފަތުޙީ އާއި މުޙައްމަދު ޙަމީދު އާއި ޙަސަން ޙިލްމީ އާއި ޙަކީމު ޙުސައިން ޢަފީފު ފަދަ ބޭފުޅުން ހިމެނެ އެވެ. 

އާދެ! ރައްޔިތުންނާއި މުޚާޠަބުކުރުމުގައި ގައްދޫ ޙަސަން މަނިކަކީ، އެފަދަ ދެވަނައެއް ނެތް ކަމުގައި ދެންނެވިދާނެ ޝަޚްޞިއްޔަތެކެވެ. އޭނާ އެ ދައްކަވާ ވާހަކަފުޅަކީ، ރީތި ޢިބާރާތުން ލިޔެފައިވާ ލިޔުމެކާ އެއްފަދަ ވާހަކަފުޅުތަކެވެ. އެކަމަކުވެސް އެއީ އެއީ ލިޔުމެއް ބައްލަވައިގެން ދައްކަވާ ވާހަކަފުޅެއް ނޫނެވެ.

ފިޔޯރީ ޢަބްދުﷲ ދީދީއަކީ، މަޑުމައިތިރި ކަމާއި، އޯގާތެރިކަމާއި، ކެތްތެރިކަމާއެކު، ރައްޔިތުންގެ އިޙްސާސް ތަކަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވާ ބޭފުޅެކެވެ. ޢަބްދުއްޞަމަދު ޙުސައިނަކީ، ތަރައްޤީގެ ޙިއްސުތައް އޭނާގެ މިޒާޖުގައި ހުރި ހަރުދަނާ ޝަޚްޞިއްޔަތެކެވެ. އަދި އޭނާއަކީ ގދ.ތިނަދޫގެ މިޒަމާނުގެ ތަރައްޤީގެ އެންމެ އިސް މޭސްތިރާކަމުގައި އަޅުގަނޑު މިދަންނަވަނީ، ފެންނަންހުރި ހެކިތަކުގެ އަލީގަ އެވެ. މާތޮޑާ އިބްރާހިމް ވަޙީދާއި، ހަވަރުތިނަދޫ ޙަކީމު ޙުސައިން ޢަފީފު މެންފަދަ ބޭފުޅުންނަކީ، އާދެ! އަތޮޅުކޮމިޓީތަކުގެ މެންބަރުކަންކުރެއްވި ގިނަ ބޭފުޅުންނަކީ، ރައްޔިތުންގެ ބަފައިންކަމުގައި އެ ރައްޔިތުން އެދުވަސްވަރު ބެލައިގަތް ބޭފުޅުންނެވެ. އެހުރިހާ ބޭބޭފުޅުންގެ ނަންފުޅުތަކާއި، ޚިދުމަތްތައް ލިޔަން ގަސްތުކޮށްފި މީހަކަށް މިކަހަލަ އެތަކެއް ޞަފްޙާތަކެއް ލިޔެވިދާނެ އެވެ. އަޅުގަނޑުގެ ކިބައިގައި ހުރިހާ މަޢުލޫމާތެއް ނެތްކަމަށްވިއަސް ވިލިގިނލީ ތުއްތުކަތީބު މެންފަދަ އެތަކެއް ބޭފުޅުން އެ އަތޮޅަށްވެސް ވަނީ، ގިނަގުނަ ޚިދުމަތްތަކެއްކޮށްދެއްވާފަ އެވެ. ކޮންމެއަކަސް އިސްވެ މިދެންނެވި ބޭބޭފުޅުން، އާދެ! ޢާއްމުކޮށް ދިވެހިޢަވްމަށް ޚާއްޞަކޮށް ހުވަދުއަތޮޅަށް ގިނަގުނަ ޚިދުމަތަކެއްކުރެއްވި ބޭބޭފުޅުންގެ ޚިދުމަތާމެދު ލިޔެފައިވާ އެންމެ ޖުމަލައެއްކަމަށްވިއަސް، ސަރުކާރުގެ ރަސްމީ ލިޔުންތަކުން (މިއަދާހަމަޔަށްވެސް) ފެންނަން ނެތުމަކީ، ޤަވްމުގެ ބިނާކުރުމަށް އޮތް ވަރަށްބޮޑު ހުރަހެކެވެ. އަންނަނިވި ޖީލުތަކަށް، އެފަދަ މަޢުލޫމާތު ލިބޭނެ ވަޞީލަތްކެއް ނެތުމުގެ ސަބަބުން އަދުގެ ޖީލާއި އަދި އަންނަނިވި ޖީލުތަކަށް ޤަބޫލުކުރެވެނީ، މިޤަވްމަށް އެއްވެސްކަހަލަ އަރުތަވެރިކަމެއް އަޅުގަނޑުމެންގެ ކާބަފައިން ނުކޮށްދޭ ކަމަށެވެ. މި ޤަވްމުގެ އިސްރަށްވެހީންނާއި ބެހޭގޮތުން ލިޔުނަސް ލިޔެފައިހުއްޓަތީ ފެންނަނީ، ކޮންމެވެސް "ބަދު" ވާހަކަ ތަކެކެވެ. ހާމަކޮށް ހުޅުވަމުން ގެންދަނީ، ވެފައި އޮތް ކުޑަނަމަވެސް އުނިކަމެއް އޮތިއްޔާ އެކަމެކެވެ. ހަމަ ސީދާ އެމީހެއްގެ ނަމަށް ނިސްބަތް ކޮށެވެ. އާޑަފުރައްސާރަ ކުރުމާއި، އަބުރާ ބެހުމެވެ. 

އާދޭހެވެ! އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނުރަގަނޅު ކިތައްމެ ކަމެއް (މާޒީގައި) ވަނީ ހިނގާފަ އެވެ. އެފަދަ ބައެއް ކަންކަން (ވަގުތުވާވަރަކުން) އަޅުގަނޑުވެސް ހާމަކުރާނަމެވެ. ނަމަވެސް އެކަންކަމަކީ، ހަމައެކަނި އެކަންކަންކުރި މީހުންގެ އަމިއްލަ ވިސްނުމާއި ފިކުރާއެއްގޮތަށް ހިނގާފައިވާ ކަންކަމެއްވެސް ނުމެ، ނޫންމެވެ. 

އާދެ! އެކަންކަން އެގޮތަށް ހިނގާފައި އެވަނީ، އެދުވަސްވަރުގެ މާޙަވްލު ބައްޓަންވެފައި އޮތް ގޮތުންނެވެ. ނުވަތަ އެދުވަސްވަރުގައި ހޭލުންތެރިކަން ހުރި މިންވަރުންނެވެ. ވުމާއެކު، އެދުވަސްވަރުގެ ބުރުސޫރަ ސިފަކޮށްދެވޭތޯ އާދެ! އުނިފަރާތް ގެނެސްދެވޭތޯ ބެލުމުގެ އަޅުގަނޑުގެ ހަމައެކަނި، ބޭނުމަކީ، އެއީ ޤަވްމުގެ ތާރީޚު ކަމަށްވާތީ، އެކަންކަން އިޞްލާޙްކުރުން އެދި އެވެ. ހިނގިކަމެއް ނުހިގާކަމަށް ހަމަ ހިލާ ނުވާނެ އެވެ. ޤާނޫނުތަކާއި، ޤަވާޢިދުތައް ހެދުމުގައި ދޯހަޅި ކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ބައްޓަންކުރުމަކީ، އެއީ އެންމެ ރަނގަޅުގޮތްކަމަށް ވާތީ އެވެ. ޤާނޫނުތަކާއި، ޤަވާޢިދު ހެދުމުގައި، ދެތިންހަތަރުގޮތަށް މާނަކުރެވޭގޮތަށް ޖުމްލަތައް އެތުރުން އެއީ ވެސް ހަމަ ހައިޖާނެކެވެ. މިއަދުގެ ޙަލަތަށްބަލާއިރު ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތަކުގެ މާނަ ޚޮދު ދިވެހީންނަށް ވެސް ނޭނގޭ ކަހަލައެވެ. ނުވަތަ އެނގެން ބޭނުންނުވާ ކަހަލައެވެ. މިއީ އަދުގެ މާޙަވްލުގައި މިކަންކަން ހުރިގޮތް ނޫންތޯ އެވެ؟ 

އަޅުގަނޑުގެ ބަޔާންތަކާމެދު ކިއުންތެރީން އުފައްދާނެ ސުވާލެއް ވެސް އެބަ އޮތެވެ. އެ ސުވާލަކީ، ގިނަ ވާހަކަތައް ހަމަ އެކަނި ހުވަދުއަތޮޅަށް އަމާޒުކުރަނީ ކީއްވެގެންތޯއެވެ! ޖަވާބުގައި އަޅުގަނޑު ދަންނަވާނީ، އެކަމުގައި ދެ ސަބަބެއް އެބަ އޮތެވެ. ފުރަތަމަ ސަބަބަކީ، ސިޔާސީ ކަންކަމާއި، ގުޅުންހުރި، ގިނަ މަޢުލޫމާތު އަޅުގަނޑަށް ލިބިފައިވަނީ، ހުވަދު އަތޮޅާއި ބެހޭގޮތުން ކަމަށްވާތީ އެވެ. ދެވަނަ ސަބަބީ، ހުވަދުއަތޮޅަކީ (މާލެ ފިޔަވައި) ރާއްޖޭގައި ސިޔާސީ ކަންކަން އެންމެ ގިނައިން ހިނގާފައިވާ އެއްއަތޮޅަކީ، ހުވަދުއަތޮޅު ކަމަށްވާތީ އެވެ. 

އަތޮޅު ކޮމިޓީތައް ފުރާވަރުގެ ޢުމުރާއި ކުރިމަތިލީއިރު ގދ.އަތޮޅުގެ އަތޮޅުވެރިކަމުގައި ހުންނެވީ، ގައްދޫ ޙުސައިން މަނިކެވެ. އެހެންނަމަވެސް 1969 ވަނަ އަހަރު އަތޮޅުކޮމިޓީގެ އިންތިޚާބު ގދ.އަތޮޅުގައި ބޭއްވިއިރު ގައްދޫ މަގުދޮންފުތުގެ މައްސަލައިގެ ނަމުން މަޝްހޫރުވެފައިވާ މައްސަލައާ ގުޅިގެން ޙުސައިން މަނިކު ހުންނެވީ ވަޒީފާއިން ވަކިކޮށްފައެވެ. އަތޮޅު އޮފީސް ވަގުތީ ގޮތުން ހިންގެވުމާއި ޙަވާލުވެ ހުންނެވީ ހަވަރުތިނަދޫ / މާނެލް އައްޝައިޚު ޔޫސުފު ޞިދުޤީ އެވެ. 

އަތޮޅު ކޮމިޓީތަކުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާ ބޭފުޅަކަށް އަތޮޅުވެރިކަން ލިބިވަޑައިގަންނަވައެވެ. ދެވަނައަށް އެންމެގިނަ ވޯޓް ލިބިވަޑައިގަންނަވާ ބޭފުޅަކަށް، އަތޮޅުކޮމިޓީގެ ރައީސްކަން ލިބިވަޑައިގަންނަވައެވެ. އަތޮޅުވެރިން (ދައުރު ހަމަވުމުގެކުރިން) އެއްވެސް ސަބަބަކާހުރެ މަޤާމުން ވަކިވެއްޖެނަމަ ދެން އަތޮޅުވެރިކަން ލިބިވަޑައިގަންނަވާނީ، ކޮމިޓގެ ރައީސަކަށެވެ. އެ ގޮތަށް އެކަން ހަމެޖެހިފައި އޮންނާތީވެ، އަތޮޅުވެރިން ކުށްވެރި ކުރުމަށްޓަކައި ކޮމިޓީގެ ރައީސާއި، ދެން ތިއްބަވާ ފަސް މެންބަރުން ތިއްބަވަނީ، ދަމާއެއްރޮއްޖަކަށް ފޫގަޅައިގެންނެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ރާއްޖެ ޣަރަޤުވުމުގެ މަރުޙަލާ މާބަނޑުވުމުގެ ފުރަތަމަ ފިޔަވަހީގެ ފެށުމަކީ، މިއީއެވެ. 

ކޮމިޓީތައް އުފަންވުމާއި ގުޅިގެން، ކޮންމެ ރަށެއްގައިވެސް ދެ ޖަމާޢަތެއް އުފަންވިއެވެ. މިހާރުގެ ޢިމާރާތުންނަމަ ދެ ޕާޓީ އެވެ. އެދުވަސްވަރު ގދ.އަތޮޅުގައި އޮތީ ދެ ޕާޓީ އެވެ. ހަވަރުތިނަދޫ އެއީ މޫސާ ފަތުޙީ އަށް ނިސްބަތްވާ ޕާޓީ އަކާއި، އެރަށު ޢަބްދުއްޞަމަދު ޙުސައިންނަށް ނިސްބަތްވާ ޕާޓީ އެކެވެ. އެ އަތޮޅުގެ ސިޔާސީ ފިޔޮއްތައް ވިއްސާ ހާއްޔަކީ ވެސް ހަމަ ހަވަރުތިނަދޫއެވެ. ކޮންމެއަކަސް 1969 ވަނަ އަހަރު ބޭއްވި އަތޮޅުކޮމިޓީ އިންތިޚާބުން އެއްވަނަ ވޯޓް ލިބިވަޑައިގަތީ ހަވަރުތިނަދޫ އަތިރީގޭ އަލްފާޟިލް މޫސާ ފަތުޙީ އަށެވެ. އެހާހިސާބުން އޭނާ އަކީ ގދ.އަތޮޅުގެ އަތޮޅުވެރިޔާ އެވެ. 1972 ވަނަ އަހަރު ބޭއްވި އިންތިޚާބުން،1 ޖަނަވަރީ، 1973 ން ފެށިގެން ކުރިއަށްއޮތް ދެ އަހަރަށް ހޮވުނީ ހަވަރުތިނަދޫ މާކޯނި ޢަބްދުއްޞަމަދު ޙުސައިން އެވެ. މޫސާ ފަތުޙީ ހޮވުނު ފަހަރު އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ ޢަބްދުއްޞަމަދު ޙުސައިނަށެވެ. ޢަބްދުޞަމަދު ޙުސައިނު ހޮވިވަޑައިގެންނެވި ފަހަރު އެންމެ ގިނަ ވޯޓް ލިބިވަޑައިގަތީ، މޫސާ ފަތުޙީ އަށެވެ. އެކަމުގައި އިސްކޮށްއުޅުއްވި އެއްބޭކަލެއްކަމަށްވާ ހަވަރުތިނަދޫ ގަހާކޯޅީ ޢަބްދުލްމުޙްސިނު މޫސާ (2011މ.ގައި) ބުނުއްވި ގޮތުގައި އެފަހަރު މޫސާ ފަތުޙީ އަށް ލިބިވަޑައިގެންނެވި ނަވާވީސްގަނޑު ވޯޓް ޢަބްދުއްޞަމަދުގެ ބަޔަށް ލެއްވުމުން މޫސާ ފަތުޙީއަށް ލިބިވަޑައިގަތީ ދެވަނަ ވޯޓެވެ. އެގޮތުން އަތޮޅުވެރިކަން އެފަހަރު ލިބިވަޑައިގަތީ ޢަބްދުޞަމަދު އަށެވެ. (ގައްދޫ ޙަސަން މަނިކު، ފިޔޯރީ ޢަބްދުﷲ ދީދީ، ވާދޫ ތުއްތުކަތީބުމެން ތާއީދުކުރައްވަނީ ޢަބްދުޞަމަދަށެވެ. ނަމަވެސް ހޯނޑެއްދޫ ޙަސަން މަނިކާއި މަޑަވެލީ މުޙައްމަދު ރަޝީދުމެން ތާއީދުކުރަނީ މޫސާ ފަތުޙީ އަށެވެ.) 

ވޯޓްގެ ކަންކަން ނިމި ބާރުވެރިކަން ލިބުމާއެކު ދެން ފެށެނީ ބަދަލުހިފުމުގެ މަރްޙަލާ އެވެ. އަތޮޅުކޮމިޓީ ނިޒާމް ދެކެ ރައްޔިތުން ފޫހިވާންފެށީ ބަދަލުހިފާން ފެށުމުގެ ސަބަބުންނެވެ. އެގޮތުން މޫސާ ފަތުޙީ އަށް ވޯޓު ނުލުމުގެ ސަބަބުން 1971 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ހަފުތާގައި މަޑަވެލީ / ފޯރވިންޑްސް ޖަމީލާ ޙުސައިން ގދ.މަޑަވެލީ ގުދަނުގައި ބަންދުކުރެވުނީ (1970 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެތެރޭގައި) ރިކާބީއަކަށް ގާއަޅައިގެން މޫސާ ފަތުޙީއަށް ތާއީދުކުރާ މީހުންގެ ގޭގެ ފުރާޅަށް ގާއުކަން ދިޔަކަމަށް ބައްޓަންކޮށްފައިވާ ރިޕޯރޓަކާއި ގުޅިގެން އެކަމުގެ ތުހުމަތުގަ އެވެ. މަސްދުވަހަށް ގުދަނުގައި ބަންދުކުރެވުނު އިރު، ދަރިފުޅުގެ ޢުމުރުން ދޮޅުމަސް ނުފުރެއެވެ. އެކުއްޖާ އުފަންވީ، ނޮވެމްބަރ 6، 1970 ގަ އެވެ. ''ދޮޅުމަސް ނުފުރޭ ތުއްތު ކުއްޖަކަށް ގާތުން ބުއްދޭ މަޔަކު، އެއްމަސްދުވަހަށް ގުދަނުގައި، މަސްދުވަހުގެތެރޭގައި ފެންވެރުވީ އެންމެ ފަހަރަކު" އަސަރުން ފުރިގެންވާ، އެކަމުގެ ތަފްޞީލާއި، އިތުރު ތަފްޞީލް އެހެން ބަޔާނެއްގައި! .. 
--------------
(ނުނިމޭ)

ފޮޓޯ:
http://ahmedzahid.blogspot.com/2011/05/undisturbed-life.html

އިދާރާ

ވާހަކަ