Print

މަޖުބޫރު ލޯބި (39)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

[ދެން އަޅުގަނޑު ދަނީއެވެ.] މިސިޒް ހެރަލްޑް ފަޟާ ކިލަނބުވެގެން ދާތަން ދެކެފައި ޖަލާލީއާ ދިމާއަށް އަތް ދިއްކޮށްލިއެވެ.

[މުއްދަތު ހަމަވާއިރަށް އަންނާނަން ދޯއެވެ. އަހަންނަކަށް އެކަންޏަކު ނޫޅެވޭނެއެވެ. ހެރަލްޑަށް މިކަން އެނގޭނެއެވެ.] ޖަލާލީ ހޫނު ޖޯޝަކާއެކު ސަލާން ކޮށްލަމުން ބުންޏެވެ.

[އެއްވެސް ޝަކްވާއެއް އުފެދުނަކަ ނުދޭނަމެވެ. މިސްޓަރ ޖަލާލީއެވެ. ޖަލާލީގެ ހުރިހާ އާދައެއް ވަރަށް ރަނގަޅަށް އަޅުގަނޑަށް އެނގެއެވެ. މަންމައަކަށް ދަރިއެއްގެ އާދަކާދަ އެނގޭފަދައިން ހުރިހާކަމެއް އަޅުގަނޑަށް އެނގެއެވެ.] މިސިޒް ހެރަލްޑް ބުންޏެވެ.

[ޝުކުރިއްޔާއެވެ.] މިސްޓަރ ޖަލާލީ ބުންޏެވެ. އަދި ކަތި ނަޒަރަކުން ޖަޔާއާ ދިމާއަށް ބަލާލާފައި ހެރަލްޑާ މުޚާޠަބު ކުރިއެވެ. [ރަނގަޅު އާދަތަކެއް ހުއްޓަސް އަދި ނުބައި އާދަތަކެއް ލިބިފައިވިޔަސް މަންމަ އެކަންތައްތަކަށް ކެތްކުރަން ޖެހޭނެއެވެ. އަހަންނަށް ހިފިފައިވާ އާދަތަކާމެދު ހެރަލްޑް ކެތްކުރަން ޖެހޭނެއެވެ.]

[އަޅުގަނޑު ދެކޭގޮތުގައި ތިޔައީ އަޅުގަނޑުގެ ޢިއްޒަތްތެރި ކިޔަމަންތެރި ދަރިއެކެވެ.]

[ޝުކުރިއްޔާއެވެ!]

[ދެން މިދަނީއެވެ.] އޭނާ ޖަޔާއާ ދިމާއަށްވެސް އަތް ދިއްކޮށްލިއެވެ. ޖަޔާ ޙަރަކާތެއްނެތް އަތް ހެރަލްޑްގެ އަތްމަތީގައި ބާއްވާލިއެވެ.

އަދި ދެމީހުން އެކުގައި ހިނގާފައި ބޭރު ދޮރާހަމައަށް އަތުވެއްޖެއެވެ. ޚުދާ ޙާފިޡް ކިޔާލުމާއެކު ދެމީހުން ލޯތްބާއެކު އޮޅުލައިގަތެވެ.

ޖަޔާ އެހުރިތާނގައި ހުއްޓެވެ. އަދި ހެރަލްޑް ލޯމަތިން ގެއްލެންދެން އަތް ހޫރަމުން ދިޔައެވެ.
އޭނާ އެނބުރިލިއިރު ފުރަގަހުގައި ޖަލާލީ ހުއްޓެވެ. ޖަޔާގެ ހަށިގަނޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ. ފިރިހެނެއްގެ ހޫނުގައި ޖެހުމުން އުފެދޭ ކަހަލަ ކަރަންޓެކެވެ. ޖަލާލީވެސް މިކަހަލަ ޖަޒްބާތީ ކަރަންޓެއް އިޙްސާސްކުރި ކަމުގައި ހީވިއެވެ. ޖަލާލީ އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ޖަޔާވެސް އެތެރެއަށް އަތުވެއްޖެއެވެ.

*************************

[ދެން ބުނެބަލާށެވެ. ނާޖިޔާ ބޭގަމްއެވެ. ޕްރޮގްރާމް އޮތީ ކިހިނެއް ހެއްޔެވެ. އެނބުރި ރަށަށް ދާކަށްވެސް ބޭނުމެއް ނުވެއެވެ. ނުވެސް ދެވޭނެއެވެ. ހުންނަންވީ މިތާނގައެވެ.

އަދި މިތާނގައި ހުންނަން ޤަޞްތުކުރާ ކަމުގައި ވަންޏާ ޖަލާލީއާ ބެހޭގޮތުން ޚިޔާލަކީ ކޮބައި ހެއްޔެވެ.
ޖަލާލީ މިހާރު އެހުންނަނީ ކަލޭގެ މަތިން ފޫހިވެފައެވެ. ކަލޭ އޭނާ ބަދުނާމު ކޮށްފީމުއެވެ. އޭނާއާމެދު އިންސާނެއް ކަމުގައި ނުދެކެމުއެވެ. ކިހިނެއްވީ ހެއްޔެވެ. ސިފަހުތުރެއް ކަމަކު ވާނީ ކޮންކަމެއް ހެއްޔެވެ. އެއީ ހަމަ އިންސާނެކެވެ.
އާނއެކެވެ. މިހާރު އޭނާގެ ސިފައާއިމެދު ކުޑަކޮށް ކަލޭ ހިތްހަމަ ޖެހެއެވެ. ކުރީގައި އަންނަ ވަރަށް ރުޅިއެއް ނާދެއެވެ. ތެދަށް ބުނާކަމުގައި ވަންޏާ..... ބުނަންވީ ހެއްޔެވެ؟ ބުނަންވީ ހެއްޔެވެ........؟
ކަލޭ އޭނާ ދެކެ ބިރެއް ނުގަނެއެވެ. ރުޅިއެއް ނާދެއެވެ. އޭނާ ދެކެ ލޯބިވާންވެސް ފަށައިފިއެވެ. އޭނާއާ ގައިގޯޅި ވުމަށް ހިތް އެދެއެވެ.

ބުނެބަލާށެވެ..... އަހަރެންގެ ތަޖްރިބާ ގޯސް ހެއްޔެވެ. އަހަރެން މިބުނީ ދޮގެއް ހެއްޔެވެ...... ތެދެއް ބުނުމުން ހާސްވީ ކީއްވެގެން ހެއްޔެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވީ ކީއްވެގެން ހެއްޔެވެ.]
ޙަޤީޤަތުގައިވެސް ޖަޔާ ހާސްވެއްޖެއެވެ. އިންސާނާގެ ސިކުނޑިއަށް ކޮންފަދަ ޚިޔާލުތަކެއް އާދޭ ހެއްޔެވެ.
އޭނާ ކިހާވަރަކަށް ވިސްނާ ހެއްޔެވެ. މިވިސްނުންތައް ބޭރަށްނުކުމެ އޮރިޔާން ވެއްޖެއްޔާ ވާނީކިހިނެއް ހެއްޔެވެ.

ނާޖިޔާ ކަންބޮޑުވެފައި ކޮޅަށް ތެދުވެއްޖެއެވެ...... އޭނާ އިނީ ލިވިންގރޫމުގައެވެ. މިސިޒް ހެރަލްޑް ދިއުމުން އޭނާ އައިސް މިތާނގައި ޖައްސާލިއެވެ. އޭނާ ވިސްނުމުގެ ތެރޭގައި ބެދިފައިވެއެވެ. ކުރިއަށް ވިސްނާލަނީއެވެ. އަންނަން އޮތް ހިނދުކޮޅު ތަކަށްޓަކައި ތައްޔާރު ވެލަނީއެވެ.
ޚިޔާލުތަކުން ދުރުވުމަށްޓަކައި އޭނާ ގޭތެރޭގައި އެނބުރެން ފަށައިފިއެވެ. ކުރީގައިވެސް އޭނާ މުޅިގެ ބަލާފައިވެއެވެ. އެކަމަކު ހީވަނީ މިހާރުވެސް މިސިޒް ހެރަލްޑްގެ އެހީގައި ގޭތެރެ ބަލާލަން ހިނގެނީ ހެންނެވެ.

މިހާރު މިސިޒް ހެރަލްޑް ހިނގައްޖެއެވެ.

ހުރިހާކަމެއް ޚުދު އޭނާ ކުރަން ޖެހިއްޖެއެވެ.

ޖަލާލީއާއި އޭނާއާ ދޭތެރޭގައި މައްސަލަ ޙައްލުކުރަން ހުރި ހެރަލްޑް މިހާރަކު ނެތެވެ. އެއްބަސްވުން ޤާއިމު ކުރުމަކީވެސް ބޭނުން ކަމަކަށް ވެއްޖެއެވެ. އެހެންކަމުން މިހާރު ހުރިހާކަމެއް ޚުދް އަމިއްލައަށް ކުރަން ޖެހިއްޖެއެވެ.

އޭނާ ހުރިހާ ކޮޓަރިއަށް ދިޔައެވެ. ހުރިހާ އެއްޗެއް ބެލިއެވެ. ބައެއް އެއްޗެތި ތަރުތީބުވެސް ކުރިއެވެ. ރަނގަޅު ކުރިއެވެ. ފުރަތަމަ ފަހަރަށް އޭނާ މިގޭގައި އަމިއްލަ ވަންތަކަން އިޙްސާސް ކުރިއެވެ...... މިއީ ޖާދުވީ އިޙްސާސެކެވެ. އަދި މިއީ އޭނާ ޖަލާލީ ޤަބޫލުކޮށްފިކަމުގެ އިޝާރާތެކެވެ. ހިތްމައިތިރި ވެއްޖެކަން ފާޅުކޮށްދޭ ހެއްކެކެވެ.

އޭނާ ކޮރިޑޯއަށް އައެވެ. ކަނާތް ފަރާތަށް އޮތްމަގުން ދެވޭނީ ޖަލާލީގެ ކޮޓަރިއަށެވެ. އޭނާގެ އޮފީސްވެސް ހުރީ އެތާނގައެވެ. ޖަލާލީގެ ނިދާ ކޮޓަރިއަށް ވަދެލުމަށް ބޭއިޚްތިޔާރުގައި އޭނާގެ ހިތަށް އެރިއެވެ. އަދި އެކޮޓަރި ބަލާލުމަށް ވަރަށް ބޮޑަށް ބޭނުން ވެއްޖެއެވެ. އެކަމަކު ފައިގައި ކަސްތަޅު އެޅިއްޖެއެވެ. ބިރު ކަނޑާލާފައި ދާކަށް ނުކެރުނެވެ.

ދެން ޚިޔާލު އައެވެ..... ޖަލާލީ އެތެރޭގައި ނެތްކަމެއްވެސް ނޭނގެއެވެ. މިސިޒް ހެރަލްޑް ދިއުމަށްފަހު އޭނާ ކޮޓަރިން ނުކުތްކަމެއް ނޭނގެއެވެ.

އޭނާ ހަލުއިކޮށް ހިނގާފައި އަތުވެއްޖެއެވެ. ޖެހިގެންހުރި ދޮރުން ބޭރަށް ނުކުމެއްޖެއެވެ. އަދި ގަރާޖާ ދިމާއަށް މިޞްރާބު ޖަހާފައި ހިނގައިގަތެވެ.

ޖަލާލީގެ ކާރު އެތާނގައި އޮތެވެ. އަދި ޖަޔާއަށް ގަނެދިން ކާރުވެސް އެތާނގައި އޮތެވެ..... އޭނާ ކާރާ ދިމާއަށް ޝުކުރުވެރިކަމުގެ ނަޒަރަކުން ބަލަހައްޓައިގެން ހުއްޓެވެ. އަދި ހިތާހިތުން ކާރު ދައްވަން ދަސްކުރުމަށް ނިންމައިފިއެވެ.

[އެކަމަކު ދަސްކުރާނީ ކިހިނެއް ހެއްޔެވެ. ދަސްކޮށްދޭނީ ކާކު ހެއްޔެވެ.] އޭނާ ވިސްނާލިއެވެ. އަދި ހަމައެއާއެކު ހަނދާން ވެއްޖެއެވެ. އޭނާއަށް ކާރުދުއްވަން ދަސްކޮށްދޭނެ އިންތިޒާމުވެސް ޖަލާލީ ހަމަޖައްސާފައި އޮތް ވާހަކަ ހެރަލްޑް ބުނެފައިވެއެވެ.

އެކަމަކު މިހާރު......؟!

އޭނާ އެސްފިޔަ ޖަހަޖަހާފައި ކާރާ ދިމާއަށް ބަލަމުން ގެންދިޔައެވެ.

އޭނާ ކާރު ދުއްވަން ދަސްކުރަން ބޭނުންކަމުގައި ޖަލާލީ ގާތުގައި ބުނެވޭނީ ކިހިނެއް ހެއްޔެވެ.... އެންމެ ރަނގަޅެވެ. އޭނާ ބޯހޫރާލާފައި މުޅިގޭގެ ވަށައިގެން ހިނގާލިއެވެ..... އަދި ގޭގެ ފުރަގަހުގައި ހުރި ތޭރިޖެހި ދޮރުން އެތެރެއަށް ވަދެއްޖެއެވެ.

މިއީ ކުޑަވަރެއްގެ ކޮޓަރިއެކެވެ. ގެސްޓް ރޫމެއްކަން ނޭނގެއެވެ. މެހްމާން ޚާނާތައް ހުންނަނީ މިކަހަލަ ގޮތަކަށެވެ. އެތާނގައި އެނދެއް ހުއްޓެވެ. ކުޑަވަރެއްގެ މޭޒަކާ ގޮނޑިއެކެވެ. މޭޒުމަތީގައި ބައްތިއެއް ހުއްޓެވެ. ދޮރު ފޮއްޗާއި މޭޒު ފޮތިގަނޑު އަދި ފަލަނގު ފޭލިވެސް އޮތީ އެއްކުލައިގެ ފޮއްޗަކުންނެވެ. ކަނާތް ފަރާތު ފާރުގައި ފޮޓޯތަކެއް ހަރުކޮށްފައި ހުއްޓެވެ. ބޭނުންވާނެ އެހެން ހުރިހާ ސާމާނެއްވެސް ތަރުތީބުން ބަހައްޓާފައި ހުއްޓެވެ.

ނާޖިޔާ ދޮރުލައްޕާލިއެވެ. އަދި އެތެރެއަށް ހުޅުވެންހުރި ދޮރާ ދިމާއަށް އަތުވެއްޖެއެވެ. ދޮރުފަތްހުރީ ކުޑަކޮށް ހުޅުވިފައެވެ. އޭނާ ސިއްރުން އެތެރެއަށް ބަލާލިއެވެ. އަދި ކުއްލިއަކަށް ފަހަތަށް ދެމިގަތެވެ.

އަރާމު ގޮނޑިއެއްގައި ޖަލާލީ އޮށޯވެލައިގެން އޮތެވެ. އޭނާ އޮތީ އެއްފައި މައްޗަށް އަނެއްފައި އަރުވައިގެންނެވެ. ދެފައި އޮތީ މޭޒުމަތީގައެވެ. އަދި ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ ގޮތަކަށް ފައިތަޅުވަމުން ގެންދިޔައެވެ. އޭނާގެ ފުރަގަސް ދިމާވެފައިވަނީ ދޮރާދިމާއަށެވެ. ބޮލުގެ ފުށްކިބަ ފެނެއެވެ. އޭނާ ސިގިރޭޓް ބޮމުން ގެންދިޔައެވެ. ނިވިފައިވާ ސިގިރޭޓް ބުރިތައް ކަނާތް ފަރާތުގައި ހުރި އަޅިކެނޑީގައި ހުއްޓެވެ. އަދި ބައެއް ފިލްޓަރ ބުރިތައް މޭޒުމަތީގައިވެސް ހުއްޓެވެ. އަދި ސިގިރޭޓް އަޅިތައް މުޅި މޭޒު ހަޑިކޮށްފައިވެއެވެ. ހީވަނީ އެގޮތަށް އޭނާ ސިގިރޭޓް ބޯން އިންނަތާ އެތައްއިރެއްވެއްޖެ ހެންނެވެ.

ނާޖިޔާ އެންމެ ފުރަތަމަ އެމަންޒަރު ފެނިފައި ސިހުނެވެ. އަދި ކަންބޮޑުވެފައި އެނބުރިލި ވަގުތު މޭޒުގައި އަޅައިގެންފައި މޭޒުމަތީގައި ހުރި ބައްތި ކާޕެޓް މައްޗަށް ވެއްޓިއްޖެއެވެ.

ޖަލާލީއަށް އަޑުއިވުމާއެކު ކުއްލިއަކަށް އެނބުރި ބަލާލިއެވެ.

[ކާކު ހެއްޔެވެ؟] އޭނާ ބުންޏެވެ.

ޖަޔާއަށް ޖަވާބު ދެވޭނީ ކިހިނެއް ހެއްޔެވެ. އޭނާ ބައްތިނަގަން ގުދުވެލިއެވެ.

އެވަގުތު ޖަލާލީ ދޮރުހުޅުވާލާފައި އެތެރެއަށް އަތުވެއްޖެއެވެ.

[އޯހ....] އޭނާގެ އަނގައިން އަޑު ނުކުތެވެ.

[ބައްތި ވެއްޓުނީއެވެ.] ނާޖިޔާ ހާސްވެފައި ބުންޏެވެ.

[އެއީ އެއްވެސްކަމެއް ނޫނެވެ.] ޖަލާލީވެސް ބައްތި ނަގަން ގުދުވެއްޖެއެވެ. އަދި އެހާވަރަށް ވިސްނައިގެން އުޅެނިކޮށްވެސް ބައްތި ނެގުމުގެ ތެރޭގައި ނާޖިޔާގެ އަތުގައި އޭނާއަށް ޖެހެވިއްޖެއެވެ.
ގަދަކަރަންޓެއް ޖަލާލީގެ ހަށިގަނޑުގައި އުފެދުނު ކަހަލައެވެ. ހަމަ އެކަހަލަ ކަރަންޓެއް ޖަޔާއަށްވެސް އިޙްސާސް ކުރެވުނެވެ.

ދެމީހުންވެސް ކުއްލިއަކަށް ބައްތިން ދޫކޮށްލައިފިއެވެ. އަނެއްކާވެސް ބައްތި ވެއްޓިއްޖެއެވެ. ޖަލާލީ ހަށިގަނޑު ތެދުކޮށްލިއެވެ. ޖަޔާ ގުދުވެލިގޮތުން ހީވީ ކާޕެޓް މަތީގައި އޮށޯންނަން އުޅެނީ ހެންނެވެ.

[ސޮރީއެވެ!] ޖަލާލީވެސް އަވަސް އަވަހަށް ދުމެއް ޖެހިހެން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ވަރަށް ކަންބޮޑު ވެއްޖެއެވެ. އެކޮޓަރިއަކުވެސް މަޑެއް ނުކުރިއެވެ. އެދިޔަ ގޮތަށްގޮސް ނިދާ ކޮޓަރިއަށް ވަދެއްޖެއެވެ.
މިވީގޮތެއް ޖަޔާއަކަށްވެސް ނޭނގުނެވެ. ޖަލާލީ ސޮރީއޭ އެބުނީ ކީއްވެގެން ހެއްޔެވެ. އަދި އެހާ ހަލުއިކޮށް ނުކުމެގެން އެދިޔައީ ކީއްވެގެން ހެއްޔެވެ. އެކައްޗެއްވެސް ނުވިސްނުމާ އެކުގައިވެސް އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލައިފިއެވެ. މީރުކަމެއްގެ އިޙްސާސް މުޅި ހަށިގަނޑަށް ވެރިވެއްޖެއެވެ. އޭނާ ކޮޅަށް ތެދުވިއިރު ކާލި އަޅައެވެ. ހީވަނީ މަސްތުވެފައިހުރި މީހެއް ހެންނެވެ.

ނާޖިޔާ ކޮޓަރިއަށް އައިސް ޑަންލާފައި އެނދުގައި އިށީނދެއްޖެއެވެ.

ދެން އޭނާއަށް ކުރެވުނީ ކޮންކަހަލަ ޚިޔާލެއް ކަމެއްވެސް ނޭނގެއެވެ. ރީތިވާ ކޮޓަރިއަށް ހިނގައްޖެއެވެ. އަދި އަލަމާރި ހުޅުވާލާފައި ހެދުންތައް ބަލަން ފަށައިފިއެވެ. ވަރަށް ރީތި ސާޅިއެއް ނަގައިފިއެވެ. ގައިގައި ޖައްސާލާފައި ލޯގަނޑުން ބަލާލިއެވެ. އޭނާ ލަދުގަތީ ކީއްވެގެން ކަމެއް ނޭނގެއެވެ..... ނާޖިޔާ ސާޅި އަޅައިފިއެވެ. އޭނާގެ ހަށިގަނޑުގެ ކޮންމެ ވަނާއެއްގައި ސާޅީ އޮޅިކަމުގައި ވިޔަސް އެހާމެ ރީއްޗެވެ. އިސްތަށިގަނޑުވެސް ވަރަށް ރީއްޗަށް ހަދާލިއެވެ. ވަރަށް ގިނައިރު ވަންދެން ރީތިވާ އެއްޗެހި ހިފައިގެން މޭޒުކައިރީގައި އިނދެ ރީތިވިއެވެ. ލޯގަނޑުން ފަރިބެލިއެވެ. މިއީ އެންމެ ފުރަތަމަ ފަހަރަށް ހިތްހަމަ ޖެހިގެން އޭނާ ކުރި މޭކަޕެވެ.

ތައްޔާރުވެ ނިމިގެން އޭނާ އެކިގޮތްގޮތަށް ލޯގަނޑުން ފަރި ބެލިއެވެ. ޙަޤީޤަތުގައިވެސް އޭނާ ވަރަށް ރީއްޗެވެ.

އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. އަދި ކަނާތްފަރާތުން ލާފައި ބޭރު ދޮރާދިމާއަށް ހިނގައިގަތެވެ. ދޮރު ހުޅުވާލާފައި އޭނާ ގޯތި ތެރެއަށް ނުކުމެއްޖެއެވެ. އަދި ސާޅިއާގުޅޭ ފިނިފެންމަލެއް ބޮލުގައި ޖެހުމަށްޓަކައި މާގަސްތަކުގެ ކައިރިން ހިނގައި ގަތެވެ.

ވަރަށް ރީތި ބޮޑު މަލެއް އޭނާއަށް ފެނިއްޖެއެވެ. އަދި ކުރިއަށް ޖެހިލާފައި ދެބައިކުޅަ އެއްބައި ފޮޅިފައިވާ އޮރެންޖް ކުލައިގެ މާގޮފިގަނޑުން ވަކިކޮށްލައިފިއެވެ. އޭނާ މާބިނދެގެން އަވަހަށް ކޮޓަރިއަށް ހިނގައްޖެއެވެ. އަދި ލޯގަނޑުން ބަލަހައްޓައިގެން ހުރެ ޖަހާފައިވާ ރީތި ހުޅީގައި އެރީތިމާ ހަރުކޮށްލައިފިއެވެ.
އޭނާ އެތައްއިރަކު އެގޮތަށް ފަރިބަލަން ހުއްޓެވެ. އޭނާ އުފަލުން ފޮޅެނީއެވެ.

ފުރިހަމައަށް ތައްޔާރު ވެލައިގެން އޭނާ އަނެއްކާވެސް ލޮބީއަށް އަތުވެއްޖެއެވެ. ގަޑި ބަލާލިއިރު މެންދުރު ކެއުމާ ދޭތެރޭ ކުޑަ ވަގުތުކޮޅެއް އޮތެވެ. މިއަދު މެންދުރުގެ ކެއުން ތައްޔާރުކުރަން ޖެހޭނީ އޭނާ އަމިއްލަ އަށެވެ. ޖަލާލީއާއެކު ކެއުމުގެ ތަޞައްވުރު އޭނާ ތުރުތުރު އަޅުވާލިއެވެ.

ނާޖިޔާ ބަދިގެއަށް އަތުވެއްޖެއެވެ. ފުރިޖް ހުޅުވާލިއެވެ. ތަށިތެލިތައް ބަލާލިއެވެ. އަވަންގެ މަތިގަނޑު ނެގިއެވެ. ފުރިޖް، ކާ އެއްޗެހިން ފުރިފައިވެއެވެ. އެއްގަމުމަހާއި ކަނޑުމަސް ތަރުކާރީއާއި ބިސް މިހެންގޮސް ވަރަށްގިނަ ސާމާނު ހުއްޓެވެ. މޭވާ ޓުކުރި އެއްވެސް ހުއްޓެވެ.

[މިއަދު ކައްކާނީ ކޮން އެއްޗެއް ބާވައެވެ.] އޭނާ އަމިއްލަ ހިތާ ސުވާލުކުރިއެވެ.
އޭނާއަކީ ކެއްކުމުގެ މާބޮޑު ތަޖުރިބާއެއް ލިބިފައިވާ މީހެއްނޫނެވެ. އެކަމަކު ބައެއް ފަހަރު ޝާމީ ކަވާބު ތެލުލާ އުޅެއެވެ. ކުކުޅު ރޯސްކުރަންވެސް ދަނެއެވެ. އަދި ވައްތަރު ވައްތަރުގެ ރިހަ ކައްކަންވެސް އެނގެއެވެ. މިސިޒް ހެރަލްޑް ތައްޔާރުކުރާ ބޭރުގެ ކާނާ އޭނާ ކައިއުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ އެއްޗެހި ވަރަށް މީރެވެ. އެކަމަކު އެފާޑުގެ އެއްޗެހި ކެއުމަށް އާދަވެފައި ނުވުމާއެކު ކެއުމަކަށް މާބޮޑު ފޯރިއެއް ނުހުރެއެވެ. މިއަދު މެންދުރަށް ތައްޔާރުކުރާނެ އެއްޗެހި އޭނާ ނޯޓްކޮށްފައިވެއެވެ. ހުރިހާ އެއްޗެހިވެސް ހަދަން ގަސްތުކުރީ ޕާކިސްތާނު ވައްތަރަށެވެ. ޖަލާލީ އަށްވެސް ޕާކިސްތާނު ކެއުން ވަރަށް ރަނގަޅު ކަމުގައި މިސިޒް ހެރަލްޑް ބުނެފައިވެއެވެ.

އަދިފުދޭވަރަކަށް ވަގުތު އެބައޮތެވެ. އެހެންކަމުން އޭނާ ބަދިގޭން ނުކުމެއްޖެއެވެ.
ބޭކާރު ވަގުތުތަކެއް ހޭދަކުރެވޭނީ ކިހިނެއް ހެއްޔެވެ..... މައިންބަފައިންގެ މަތިން އޭނާއަށް ހަނދާން ވެއްޖެއެވެ. އެމީހުންގެ ސިޓީއެއް އޭނާ އަދިވެސް ޖަވާބެއް ނުފޮނުވައެވެ.

[ސިޓީ ނުލިޔަންވީ ކީއްވެގެން ހެއްޔެވެ؟] އޭނާ ވިސްނާލިއެވެ.

ސިޓީއެއް ލިޔެލާނެ ގަލަމެއް ގަނޑުކަނޑާ ފޮތެއްވެސް އޭނާގެ އަތަކު ނެތެވެ. ސިޓީއުރައެއްވެސް ނެތެވެ. އޭނާ ވަރަށް ދެރަވެއްޖެއެވެ. މިސިޒް ހެރަލްޑް އަތުން ސިޓީލިޔާ ސާމާނު އަތުލިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ.

މިހާރު އޭނާ އެއްވެސް ނެތެވެ. އަނެއްކޮޅުން ނާޖިޔާ ސިޓީލިޔަން ބޭނުމެވެ.

[ޖަލާލީ ގާތުގައި ސިޓީއުރައެއް ދޭށޭ ބުނުމަކީ ގޯސްކަމެއް ހެއްޔެވެ؟....... ނޫނެކެވެ.]

އޭނާގެ ހިތް ބުންޏެވެ. ދެން ހިތްވަރު ކޮށްލާފައި އޭނާ ޖަލާލީގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ކިތަންމެ ފަހަރަކު އޭނާގެ ފައި އޮޅުނެވެ. އެހެން ނަމަވެސް ހިތްވަރު ކުރިއެވެ.

ކޮންމެއަކަސް އޭނާ ހުންނަން ޖެހޭނީ މިތާނގައެވެ. މިހާރަކު މިސިޒް ހެރަލްޑެއްވެސް ނެތެވެ..... ހުރިހާ ވާހަކައެއް ދައްކަން ޖެހޭނީ ޚުދް އޭނާ އަމިއްލަ އަށެވެ. އޭނާ ސިހިފައި އެތައް ފަހަރަކު ހުއްޓުނެވެ. އޭނާއާމެދު ޖަލާލީ ބަލާނީ ކޮންލޮލަކުން ހެއްޔެވެ. ޖަލާލީ މިހާރު ހުރިހާ ގުޅުމެއް ކަނޑާލައިފިއެވެ. އޭނާ މިހާރު އެހުންނަނީ ހުރިހާ ލިޔުމެއް ފުރިހަމަ ވުމަށްފަހު ޖަޔާ ރަށަށް ފޮނުވާލުމުގެ އިންތިޒާރުގައެވެ.

(ނުނިމޭ......)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ