އަދުގެ ޚާއްސަ

Print

ރޭޑިޔޯ ޓެލެފޯނާއި، ވޯކީޓޯކީ މުވާޞަލާތު

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ތާރީޚް


ޢަބުދުﷲ ޙިލްމީ
 
ހުވަދުއަތޮޅުގެ ފުރަތަމަ ހަމަނުޖެހުމަށްފަހުހަވަރުތިނަދޫގައި ހުންނައަތޮޅުއޮފީހުގައި މާލޭގެ ކަމާބެހޭ ފަރާތާ ގުޅޭގޮތަށް ސަރުކާރުންބަހައްޓަވައިފައިވާ ވަޔަރލެސް ސެޓެއް ހުއްޓެވެ. ނަމަވެސް "ސުވައިދީބު"ގެ ދެވަނަހަމަނުޖެހުން ހިންގި ރޭ އެސެޓުގެ ބޭނުމެއް ނުކުރެވޭގޮތަށް އެއަށްވަނީގެއްލުންތަކެއް ކޮށްފައެވެ. ހަވަރުތިނަދޫން މީހުން ބޭލުމަށްފަހު ގައްދޫގައިއަތޮޅުއޮފީސް ގާއިމުކުރުމާ ގުޅިގެން އެ އޮފީހުގައި ސަރުކާރުންބެހެއްޓެވީ "މާކަރީ ބްރޭންޑް"ގެ ރޭޑިޔޯ ޓެލެފޯން ސެޓެކެވެ. އެއީ 2 ޖޫން 1961ގައި މާލެއާ އަތޮޅުތަކާ ރޭޑިޔޯޓެލެފޯނުން ގުޅާލުމުގެ މަސައްކަތްހިނގަން ފެށުމާ ގުޅިގެންނެވެ. ހދ. އާއި އަދި 30 ސެޕްޓެމްބަރ 1965 ގައިއައްޑުއަތޮޅު އަތޮޅުއޮފީހުގައި ރޭޑިޔޯޓެލެފޯން ބެހެއްޓުމަށްފަހު އެހެންއަތޮޅުތަކުގާވެސް އެމަސައްކަތް ހިނގަމުންދިޔައިރު ގައްދޫގައި ހުރިއަތޮޅުއޮފީހުގައި ރޭޑިޔޯޓެލެފޯން ސެޓް ބެހެއްޓެވީއެވެ.

އަތޮޅުތަކުގެ އަތޮޅުއޮފީސްތަކުގެ ރޭޑިޔޯޓެލެފޯނުން މާލެއިން ޢާއްމުކޮށްގުޅަންޖެހެނީ ޓީ.ސީ.ޑީ (ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓް)އާއެވެ. އަދިބޭނުންވެއްޖެނަމަ ދާޚިލިއްޔާއާ ގުޅާލެވެންވެސް ހުރެއެވެ. ޓީ.ސީ.ޑީގެ ކޯލްސައިންއަކީ8.Q.2 އެވެ. އެދުވަސްވަރު އެތާނގައި ގިނަ އޮޕަރޭޓަރުންމަސައްކަތް ކުރެއްވިއެވެ. ގދ. އަތޮޅުއޮފީހުގެ ރޭޑިޔޯ ކޯލް ސައިންއަކީ 8.Q.Q އެވެ.އަތޮޅުއޮފީހުގެ ފުރަތަމަ ރޭޑިޔޯ އޮޕަރޭޓަރަކީ ގައްދޫ ކޮމާ، އފ. ޢަބުދުލް ޢަޒީޒު މުޙައްމަދެވެ. އޮޕަރޭޓަރ ފިޔަވައި އެސެޓުންވާހަކަދެއްކުމުގެ ހުއްދަ އޮންނަނީ ހަމައެކަނި އަތޮޅުވެރިޔާއަށެވެ. އޭނާނެތް ހިނދެއްގައި އޮފީހާ އެވަގުތަށް ޙަވާލުވެހުންނެވި ބޭފުޅަކަށްދާޚިލިއްޔާއިން ޚާއްޞަ ހުއްދަ ދެއްވުމުން އެބޭފުޅަކަށް އެއިން ވާހަކަދެއްކެވެއެވެ. އެނޫންމީހުން ވާހަކަދެއްކުމަކީ މަނާކަމެކެވެ.

ރޭޑިޔޯ ޓެލެފޯނާ ގުޅާ އެންޓަނާ މާސްޓް ނެގުމަށް އެދުވަސްވަރު ފުރަތަމަބޭނުންކުރީ ގާތްގަޑަކަށް 60 ފޫޓްގެ އުސްމިން ލިބޭވަރަށް ދިވެހިރުކުގެބައިބައި ގުޅައިގެންނެވެ. ބިމުގެ ކަނޑައެޅޭ ދުރުމިނެއްގައި އޭގެ ދެއެތިޖަހައި އެދޭތީގެ މަތިން ދަމާލެވޭ އެންޓަނާ ނަރަކުން (ފީޑަރަކުން)ރޭޑިޔޯޓެލެފޯނާ ގުޅައިގެންނެވެ. ތިނަދޫގެ ދެވަނަ އާބާދީގައި އަތޮޅުއޮފީސްތިނަދޫއަށް ބަދަލުކުރުމަށްފަހުވެސް އެންޓަނާ މާސްޓަށް ފުރަތަމަ ބޭނުންކުރީމިގޮތަށް ދިވެހިރުކުގެ ބައިބައެވެ. ދެތިންއަހަރުފަހުން އޭރިޔާއަށް ޖެހީއެކަމަށް ތައްޔާރުކޮށް ސަރުކާރުން ފޮނުއްވާފައިވާ ދަގަނޑު ހޮޅިއެވެ.

އެދުވަސްވަރުގެ މަޢުލޫމާތާ ތަޖުރިބާއަށް ބަލާއިރު އެފަދަ އޭރިޔާމާސްޓެއް ކޮޅަށް ޖެހުމަކީ އުނދަގޫ ވަރަށްބޮޑު ކަމެކެވެ. ތިނަދޫގައިދަގަނޑުހޮޅީގެ އޭރިޔާ މާސްޓް ނެގުމުގެކަންތައް ފުރަތަމަ ހިނގިގޮތްއެދުވަސްވަރު ގދ. ހެލްތު ސެންޓަރގައި ހުންނެވި ހެލްތުއެސިސްޓެންޓްއަލްފާޟިލް މުޙައްމަދު ޒަކަރިއްޔާ އޭނާގެ އެދުވަސްވަރުގެ ޑައިރީގައިލިޔުއްވާފައިވެއެވެ.

[ހުކުރުދުވަހު ދޭއްޖެހިއިރު ސަންގު ފުމޭން ފެށުނެވެ. އަލުންވެސްރޭޑިޔޯތެލްފޯނު އޭރިޔާ (އެންޓަނާ މާސްޓް) ކޮޅަށްޖެހުމުގެ މަސައްކަތަށްރައްޔިތުން އެއްކުރުމަށެވެ. ކަމަކީ ހަމަ ކޮންމެމީހަކަށް އައުމަސައްކަތެކެވެ. ނަގައި ކޮޅަށްޖަހަން ޖެހެނީ ދަގަނޑުހޮޅީގެ އޭރިޔާއެކެވެ. ގޮތްތައް ކިޔެމުންދެއެވެ. އަޑުގަދަވެ ހޯބޯލަވަނީއެވެ. ތަޖްރިބާއެއްނެތިކޮންމެމީހަކުވެސް އެމީހަކު ދެކެފައިވާ ގޮތެއް ކިޔަނީއެވެ. ތުއްތުކަތީބުއެގޮތަކަށް ތާއީދު ކުރައްވައެވެ. މިހާރު ކޮންމެވެސް ގޮތަކަށް ނެގުމުގެމަސައްކަތް ފެށިއްޖެއެވެ. ނަމަވެސް އެފަދައެއްޗެއް ނަގަން ޖަހާފައިވާލަނބުރާންތައް ކުރެވެ. ވަރަށް މަދު ލަނބުރާނެއް ނޫނީ މުގޫވެފައިވެސްނެތެވެ. ފަހަރަކު ބަޔެއް ނެގެމުން އެބަދެއެވެ. މަތީކޮޅު ނެގުމަށްޓަކައިވަރަށްދިގު އޮނު ކައްތިރިޔެއް އެބަ ބޭނުން ކުރެވެއެވެ. މިހާރުވަކިހިސާބަކުން އޭގެބާރު ކެނޑިއްޖެއެވެ. ކައްތިރި ކޮޅަށް ޖެހުނީއެވެ. ލަނބުރާންތަކުން ކަންޓްރޯލް ކުރަން ޖެހުނީއެވެ. މުގޫކުރެވޭހާ ދިގުމިނެއްލަނބުރާންތަކަކު ނެތެވެ. އެންމެން ހާސްކޮށްލައިފިއެވެ. މަޑުމަޑުންކިރެލުމަށްފަހު މަތީބައި ޑަންލާފައި އައިސް ތިރިވީއެވެ. އެއޮތްފަލައޮނުކައްތިރި ބިންދާލާފައެވެ. ދެބުރި މޫދަށެވެ. އިރުއޮއްސެން ކައިރިވިއިރުމަސައްކަތް ނާކާމިޔާބުވީއެވެ. ކޮޅަށްހުރި ބައިވެސް ތިރިކޮށްލަންޖެހުނީއެވެ. ކަމަށް އެކަށޭނަ ސާމާނު ހޯދިފައި ނެތީއެވެ. މީހުންވެސްމަދީއެވެ. ތަޖްރިބާ ލިބިފައިވާ މީހަކު ޢަމުދުން ނެތީއެވެ.

ހުކުރުދުވަހު މެންދުރުފަހުން އަލުންވެސް އޮތީ އޭރިޔާ ނެގުމުގެމަސައްކަތެވެ. އެއިރު މަސައްކަތް ކުރަމުން ގެންދިޔައީ އާދައިގެ ކުނބުނަގާގޮތަކަށެވެ. އިރުއޮއްސުމުގެ ކުރިން ތިންބައިކުޅަ އެއްބައި ބިމުންނެގިއްޖެއެވެ. ނަމަވެސް އެހިސާބުން އެއީވެސް އަދި ކާމިޔާބުވާނޭ ގޮތަކަށްނުވިއެވެ. ދެރޯޒު އަޅައިގެން ކުރިޔަށް ގެންދަންވެސް މަސައްކަތްކޮށްއިރުއޮއްސި އަނދިރިވަމުން ދިޔައިރު މަސައްކަތް ނުނިމޭތީ އެހެން ދުވަހަކަށްލަސްކޮށްލެވުނެވެ.”
މުޙައްމަދު ޒަކަރިއްޔާގެ ލިޔުއްވުމުގައި އެވަނީ އެކަންހިނގިގޮތެވެ. އެދުވަސްވަރު އަޅުގަނޑަކީ އަތޮޅުއޮފީހުގެ ވޯކީޓޯކީއޮޕަރޭޓަރެވެ. އޭރުގެ މުސާރައަކީ މަހަކު -/15 ރުފިޔާއެވެ. އަތޮޅުއޮފީހުގެރޭޑިޔޯޓެލެފޯން އޮޕަރޭޓަރަކީ ވާދޫ ފިނިފެންމާގޭ އފ. އަޙުމަދު ނަޞީރެވެ. އޭރުގެ މުސާރައަކީ މަހަކު -/75 ރުފިޔާއެވެ. އަތޮޅުވެރިޔާގެ މުސާރައަކީމަހަކު -/250 ރުފިޔާއެވެ.

މާލޭ ގ.ކެތީރޯޒް އފ. މުޙައްމަދު ޝަރީފުގެ އަތޮޅުވެރިކަމުގެ ދުވަސްވަރު 1އިންޗި ހޮޅިން ހަދާފައިވާ އެންޓަނާ މާސްޓް އަކަށް އަތޮޅުއޮފީހުގެރޭޑިޔޯޓެލެފޯން އެންޓަނާ ބަދަލުކުރިއެވެ. އެފަހަރު ތިނަދޫގެ ރައްޔިތަށްސަންގު ފުމެގެން ރައްޔިތުން ނެރެގެން އޭރިޔާ ނަގާކަށް ނުޖެހެއެވެ. އެއީމަޢުލޫމާތާ ތަޖުރިބާގެ ސަބަބުންނެވެ. އެފަހަރު އަޅުގަނޑުހުރީއަތޮޅުއޮފީހުގެ މެކޭނިކެއްގެ ވަޟީފާގައެވެ. އޭރިޔާ ޖަހާނޭގޮތުގެ ތަމްރީނާމަޢުލޫމާތު ދެއްވުމަށް އަޅުގަނޑު ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓަށްމާލެގެންދެވިއެވެ.އެކަންކުރާނޭގޮތް ދަސްކޮށްދެއްވީ އފ. މައިޒާން އަޙުމަދުމަނިކެވެ. އެހެންކަމުން އަތޮޅުއޮފީހުގެ ދެ މުވައްޟަފުންކަމަށްވާ ޓޫލެޓްޙަސަން ޢަލީއާއި ތާނގީދޮށުގޭ ޢަބުދުﷲ ނަޞީރާއި، އަޅުގަނޑާތިންމީހުންނަށް އެކަނި ދެދުވަހުން 60 ފޫޓްގެ ދެ އެންޓަނާ މާސްޓް ޖަހައިނިންމާލެވުނީ އެކަން ކުރާނޭގޮތުގެ މަޢުލޫމާތާ ތަޖުރިބާ ލިބިފައިހުރުމުންނެވެ.

ރާއްޖެތެރޭގެ ރޭޑިޔޯޓެލެފޯންތަކުގައި އެދުވަސްވަރު ބޭނުންކުރަނީ ޑީ.ސީ24 ވޯޓެވެ. 24 ވޯޓްގެ 1 ބެޓްރީ ނުވަތަ 12 ވޯޓްގެ 2 ބެޓްރީއެވެ. ޗާރޖްކުރަނީ ޖެނެރޭޓަރެއް ހިންގައިގެން އޭސީ، ޑީސީއަށް ބަދަލުކުރާޕެނެލްބޯޑެއް މެދުވެރިކޮށް އެއިންނެވެ. ތިނަދޫއަށް އަތޮޅުއޮފީސްބަދަލުކުރުމަށްފަހު، ބެޓްރީ ޗާރޖްކުރާ ލިސްޓަރ ޖެނެރޭޓަރ ބަހައްޓާފައިހުރީމިހާރު އަތޮޅުގޭގެ ދެކުނުފަރާތު ވާރޭފެން ތާނގީ ބަހައްޓާފައި ހުންނަތާނގައި ހިޔާކޮށް ހަދާފައިހުންނަ ކުޑަ ތަނެއްގައެވެ. ބެޓްރީގެ އެސިޑްދެރަވެ ޗާރޖް ހިފަހައްޓަން ދަތިވާ ދުވަސްވަރު ދުވާލަކު މަދުވެގެން ދެފަހަރުބެޓްރީތައް އަތޮޅުއޮފީސް ޢިމާރާތުން ޗާރޖަރ ހުންނަތަނަށް އުފުލަންޖެހެއެވެ. މިއީ ވަރަށް އުނދަގޫ އުފުލަން ޖެހުނު ކަމެކެވެ. އެކަކަށް ކުރަންދަތިކަމެކެވެ. މިމަސައްކަތް އެންމެގިނައިން ކުރައްވާފައިވާނީ ތިނަދޫއެވަރފާސްޓް އފ. ޙަސަން އިބްރާހީމްދީދީއެވެ.

ރޭޑިޔޯޓެލެފޯނުގެ ޓްރާންސްމިޓް އޮންކޮށް މެސެޖް ފޮނުވުމާއި ވާހަކަދައްކަން ނުޖެހޭ ވަގުތުތަކުގައި ބެޓްރީގެ ޚަރަދު ކުޑަކުރުމަށް ހަމައެކަނިއަޑު އެހުމަށްޓަކައި އިތުރު ރޭޑިޔޯއެއް ބޭނުންކުރެއެވެ. އެދުވަސްވަރުޢާއްމުކޮށް އަޑުއެހުމަށް ބޭނުންކުރީ 2182 (ކިލޯހާޓްސް) ފްރިކްއެންސީއެވެ. ނަމަވެސް މެސެޖް ފޮނުވުމާ ވާހަކަދެއްކުމަށް ޢާއްމުކޮށް ބޭނުންކުރަނީ 2536އާއި 2438 އާއި އަދި އެހެން ފްރިކްއެންސީއެވެ. 2182 (ކިލޯހާޓްސް) މިއީއެދުވަސްވަރުވެސް ކަނޑުމަތީ އުޅަނދުތަކުގެ ކުއްލިޙާލަތުގެ އިންޓަރނޭޝަނަލްކޯސްޓަލް ފްރިކްއެންސީވެސް މެއެވެ.

އެދުވަސްވަރު ރާއްޖޭގެ ސަރަޙައްދަށްގަވަޢިދާޚިލާފަށް ވަދެގެންއުޅޭ ބޭރުގެ މަސްބޯޓްތައް އަތުލައިގަތުމުގާވެސް 2182ފްރިކްއެންސީގެ ބޭނުންތެރިކަން ހިފުނެވެ. އެފަދަ ބޯޓްތައް އަތުލުމުގެއޮޕަރޭޝަން ސަލާމަތީ ބާރުން ކަނޑުމަތީ އުޅަނދެއްގައި ކުރަމުން ގެންދާއިރުރޭޑިޔޯޓެލެފޯނަކުން އެކަމާބެހޭ ހުރިހާ އޯޑަރެއް ދެއްވަމުން ގެންދަވަނީއެދުވަސްވަރުގެ ވެރިކަމުގެ އެންމެމަތިންނެވެ.8.Q.4ގެ ކޯލް ސައިނުންނެވެ. އެ އޯޑަރަކީ ގިނަފަހަރު ސީދާ ސަލާމަތީބާރުގެ އެދުވަސްވަރުގެއެންމެއިސްވެރިޔާ (ރައީސުލްޖުމްހޫރިއްޔާ) އަތިރީ މާފަންނުގޭގައި ސެޓްކައިރީ އިންނަވައިގެން އެމަނިކުފާނު ދެއްވާއޯޑަރއެވެ.

އެދުވަސްވަރު8.Q.4 އިން ޢާއްމުގޮތެއްގައި ވާހަކަދައްކަވާ އޮޕަރޭޓަރަކީ ސިއްކަގޭމަނިކުފާނެވެ. ގަވަޢިދާ ޚިލާފަށް ރާއްޖޭގެ ސަރަޙައްދަށް ވަދެގެން އުޅޭބޯޓެއް، ސަލާމަތީބާރުގެ އަމުރަށް ކިޔަމަންނުވާ ޙާލަތުގައި އެބޯޓެއްގެކައިރީ ކަނޑުގެ ލޮނުގަނޑަށް އިންޒާރުގެ ބަޑި ޖަހައެވެ. ބައެއްފަހަރު ބަޑީގެއަޑު އަތޮޅުތަކުގެ ރޭޑިޔޯޓެލެފޯނަށްވެސް ލިބެއެވެ. އެއަޑު ލިބެނީ ސަލާމަތީބާރުގެ ހަތިޔާރު އުޅަނދުގެ ރޭޑިޔޯޓެލެފޯނުން ވާހަކަދައްކަމުންދާ ވަގުތާދިމާވާނަމައެވެ.
ރޭޑިޔޯޓެލެފޯނުން އަތޮޅުއޮފީސްތަކާ މާލޭގެ ބައެއް އޮފީސްތައްގުޅަންފަށައި އަހަރުތަކެއް ވޭތިވެދިޔައިރުވެސް އަތޮޅުތަކުގެ މީހުންއުޅޭއެއްރަށުން އަނެއްރަށާއި އަދި އެރަށްރަށާއި އަތޮޅުއޮފީހުން ގުޅޭނޭގޮތެއްނޯވެއެވެ. ރަށްރަށުގެ އޮފީސްތަކާ އަތޮޅުއޮފީސްތަކުގައި ވޯކީޓޯކީން ގުޅުންގާއިމުކުރެވުނީ ރޭޑިޔޯޓެލެފޯންގެ ފަހުންނެވެ. ރާއްޖެއަށް ފުރަތަމަވޯކީޓޯކީ ސެޓެއް ގެންނެވީ 1961 ވަނައަހަރުގައި ނައިފަރު އފ. އަޙުމަދުޢަބުދުލް ޙަކީމް ކަމުގައި އެނގިފައިވެއެވެ. އޭގެފަހުން ސަރުކާރުންވެސްގެންނެވިއެވެ. 1962 ގައި ހަވަރުތިނަދޫން މީހުން ބޭލި ދަތުރުގައި "ސިލްވަރކްރެސްޓް" އިން ވޯކީޓޯކީ ގެނެސް އޭގެ ބޭނުން އެފަހަރު ކުރިއެވެ. ރަށްރަށުގެރަށު އޮފީސްތަކުގައި ޢާއްމުކޮށް ވޯކީޓޯކީގެ ބޭނުންކުރަން ފެށުނީ އޭގެމާފަހުންނެވެ.

އަތޮޅުއޮފީހާ ރަށު އޮފީސްތަކާ ގުޅުމަށް ފުރަތަމަ ބޭނުންކުރީވޯކީޓޯކީ ހޭންޑް ސެޓެވެ. މިއެއްޗެތިން އޮފީސްތަކާ ގުޅައި މެސެޖް ފޮނުވައިއުޅެނީ ރަށުގެ އަތިރިމައްޗަށް ނުކުމެއެވެ. ވޯކީޓޯކީތައް އެކަތިއަނެކައްޗާ ދެމެދު ރަށުގެ ރުއްގަސް ޢިމާރާތްފަދަ އެއްޗެއްގެ ސީދާހުރަހެއް ނުވާނެގޮތް ބަލައިގެންނެވެ. އެހެންވުމުން ގުޅަންޖެހޭ ގަޑީގައިވާރޭ ވެހޭނަމަ ނުގުޅޭފަހަރު އަންނާތީ ބައެއް ރަށްރަށުގެ އަތިރިމަތީގައިޓޯކީ ގުޅުމަށްޓަކައި ދަނޑިފަނުން ހިޔާ ތަންކޮޅެއްވެސް ހަދާފައިހުރެއެވެ. ހޭންޑް ސެޓް ގެންގުޅުނުއިރު މެސެޖް ފޮނުވުމާ ނެގުމުގައި ވަރަށްބޮޑުދަތިތަކާ ކުރިމަތިވެއެވެ. ޚާއްޞަކޮށް ދިމާވާ އެންމެބޮޑު ދައްޗަކީ އޭރުގެންގުޅުނު ވޯކީޓޯކީއަކީ "ސީ ބޭންޑް" އެއްޗަކަށްވާތީ އިންޓަރފޭރަންސްގަދަޔަށް ހުންނަ ގަޑިތަކުގާ އެއްގޮތަކަށްވެސް މުވާޞަލާތު ނުކުރެވޭކަމެވެ. އަދި އެދުވަސްވަރު ބޭރުގެ މަސްބޯޓްފަހަރުގެ "ސީ ބޭންޑް" ސެޓްތަކުންވާހަކަދައްކާ އަޑުތައް ގަދައަށް ލިބޭގޮތް ވުމަކީވެސް އޮފީސްތަކުގައިގެންގުޅުނު ހޭންޑް ޓޯކީތަކަށް މަސައްކަތް ނުކުރެވޭ ކަމެކެވެ.

ދުނިޔެއަށް އަންނަމުންދިޔަ ތަރައްޤީގެ ކުރިއެރުމާއެކު އޮފީސްތަކުގެމުވާޞަލާތީ ނިޒާމަށްވެސް ދިޔައީ އެކިފަހަރު ކުރިއެރުމުގެ އެކިބަދަލުއަންނަމުންނެވެ. ފޯނާ ފެކްސްއާ މެއިލްއާ އީ. ގަވަރންމަންޓްގެވިއުގައިގެ ނިޒާމާ އެނޫންވެސް ޕްރިންޓާ އިލެކްޓްރޯނިކްސް ފަދަނިޒާމްތަކުންވެސް މުވާޞަލާތްކުރުމުގެ ފަސޭހަކަން މިއަދުވަނީޙާޞިލްވެފައެވެ.

އަތޮޅުއޮފީސްތަކާ ރަށުއޮފީސްތަކަށް ވޯކީޓޯކީ ތަޢާރަފުކުރެވުނުއިރުހުވަދުއަތޮޅު އަތޮޅުވެރިކަން ކުރަނީގައްދޫގައެވެ. ލަފާކުރެވޭ ގޮތުގައިއެއަތޮޅުގެ ރަށްތަކަށް އެންމެ ފުރަތަމަ ވޯކީޓޯކީ ތަޢާރަފު ކުރެވުނީ 1966މ. ވަނަ އަހަރުއެވެ. ކޮންމެއަކަސް 1967މ. ވަނަ އަހަރުތެރޭގައި އެއަތޮޅުހަވަރުތިނަދުއަށް ބޭރުގެ ޔޮޓެއް ބަނދަރުކޮށް އެކަމާބެހޭ ކަންކަން ހިނގަމުންދިޔައިރު (އެދުވަހު) އެއަތޮޅުގެ އަތޮޅުވެރިޔާ ގައްދޫ ހުސައިން މަނިކުހުންނެވީ މަޑަވެލީގައެވެ. އެ ޔޮޓާބެހޭ ކަންކަމުގައި މަޑަވެލީއަތިރިމަތީގައި ގޮނޑުދޮށުގައި ހުންނަވައިގެން އޭނާ ވާހަކަދެއްކެވިއެވެ.

ޢާއްމުގޮތެއްގައި އެދުވަސްވަރު ވޯކީޓޯކީ ގުޅަނީ އަތިރިމައްޗަށް ގޮހެވެ. (ވާދޫގެ ރަށުއޮފީހާ އަތިރިމައްޗާ ވަރަށްދުރެވެ. ޓޯކީ ގުޅުމުގެދެގަޑިއެއްހާ އިރު ކުރިން އެރަށުން ޓޯކީގުޅާ މީހާ އަތިރިމައްޗަށްހިނގައިގަނެއެވެ.) ވާހަކަދައްކަމުން މެސެޖުވެސް ލިޔަމުން ގެންދިއުމަކީވަރަށްދަތިކަމެއްކަމަށް ވިއަސް އެކަންކުރަނީ އެގޮތަށެވެ. މޭޒެއް އަދިގޮނޑިއެއްހާ ހިސާބުވެސް ގިނަ ރަށްރަށުގައި ނުހުރެވެ. ބައެއްރަށްރަށުގައިބޭނުންކުރަނީ އަތިރިމަތީ އޮންނަ ލަކުޑިބުރިއެއް ނުވަތަ އެފާޑުގެކޮންމެވެސް އެއްޗެކެވެ. އަޑު ސާފުކުރުމަށްޓަކައި އަތިރިމަތީ ހުންނަގަސްތަކަށް ދިގު ދަނޑިއެއް ނަގައި ނަރެއްވެސް ގުޅާފައި ހުރެއެވެ. ވަރަށްއަވަހަށް ބެޓްރީގެ ބާރު ދެރަވެއެވެ. ބެޓްރީ ފޮނުވަނީއަތޮޅުއޮފީހުންނެވެ.

މަޑަވެލީގައި ވޯކީޓޯކީ ގުޅަނީ އޮފީހުގެ ޕިޔޯނު ޝާދީވިލާ، އިސްމާޢީލްޒާހިރެވެ. ޢާއްމުގޮތެއްގައި އޭނާ ހަދާގޮތަކީ ފޮނުވާ މެސެޖު ފުރަތަމަބިންމަތީގައި ލިޔަނީއެވެ. ލިޔެ ނިމުމުން ޓޯކީ އޮފްކޮށް ދެން ފޮތުގައިލިޔަނީއެވެ. އެދުވަސްވަރު މެސެޖުގައި ލިޔާ (ޖަހާ) އޮބްލިކަކީވެސް ވަރަށް އާއެއްޗެކެވެ. ގިނަ ރަށްރަށުގައި "އޮކްލިކް" އެގޮތަށް ލިޔަނީއެވެ. 1980މ. ވަނަ އަހަރު އަތޮޅެއްގެ ރަށަކުން އަތޮޅުއޮފީހަށް ސިޓީއެއް ފޮނުވީއޮބްލިކަށްވުރެ ލިބުނު ހިލޭ ކަދުރުގެ އަދަދު މަދުވެގެންނެވެ. ވީގޮތަކީމާމީހުން މަދުރަށަކަށް ފޮނުވި މެސެޖުގައި އޮބްލިކުގެ ފަހަތަށްއޮތްޢަދަދުމާގިނައެވެ. މީހުންގިނަ ރަށެއްގެ އޮބްލިކްގެ ފަހަތަށް ކަދުރުގެ ޢަދަދުމާގިނަވީއެވެ. މިސާލަކަށް އެއްރަށަށް ފޮނުވި މެސެޖުގައި ލިޔެފައިވަނީއޮބްލިކް 15 އެވެ. އަނެއް ރަށަކަށް ފޮނުވި މެސެޖުގައި ލިޔެފައިވަނީ އޮބްލިކް 150 އެވެ. އެރަށަށް ލިބުނު ކަދުރު މާމަދުވީއެވެ.

މުވާޞަލާތީ މިހާރުގެ ފަސޭހަތަކާއެކު ކުރީގެ މުވާޞަލާތީ ކަންކަންހުރިގޮތާ އޭރުގެ އުނދަގޫތައް އެނގުމަކީވެސް އެންމެރަނގަޅު ކަމެކެވެ.
                   ----------------------------------------------

ހަމަމިގަލަމުން

އިދާރާ

ވާހަކަ