އަދުގެ ޚާއްސަ

Print

ދިވެހިންގެ ޤަދީމީ ދަތުރު ފަތުރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

ދަތުރުފަތުރުގެ ވަސީލަތުން ޤަދީމީ ޒަމާނުގެ ދިވެހިން، ބޭރުގެ ބައެއް ޤައުމުތަކަށް ރާއްޖެ ތަޢާރުފު ކޮށްދީފައިވެ އެވެ.  


އާދަމް ނަޞީރު އިބްރާހީމް 

ދިވެހިރާއްޖެ އަކީ، ކަނޑު ދަތުރުފަތުރުގެ ސަބަބުން މީހުން އާބާދުވި ޤައުމެކެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ވަޒަން ވެރިންނަށް ރާއްޖެ އާދެވިފައިވަނީ، ކަނޑުމަގުންނެވެ. ޖުޣްރާފީ ގޮތުން ބަލާއިރު، ރާއްޖެ އަކީ، ވަށައިގެން މާ ކަނޑު އޮތް ޤައުމަކަށްވާތީ އެވެ.  ޚައްޠު އިސްތަވާގެ  މެދުގައި، ކުދި ޖަޒީރާ ތަކަކުން އެކުލެވިފައިވާ ރާއްޖެއެއްކަމުގައި ވާތީ އެވެ. އެހެންކަމުން ރާއްޖޭގެ ޤަދީމީ ރަށްވެހިން  އެކި އެކި ބޭނުންތަކުގައި ބޭރުގެ އެކި  ޤައުމުތަކަށް ދަތުރުކޮށް، އެ ޤައުމުތަކަށް ރާއްޖެ ތަޢާރުފު ކޮށްދީފައި ވާ ކަން އެނގެ އެވެ.
އެހެންކަމުން  މި ލިޔުމުގައި ބަލައިލާނީ، ރާއްޖޭގެ ޤަދީމީ ރަށްވެހިން ބޭރުގެ އެކި އެކި ޤައުމުތަކަށް ދަތުރު ފަތުރު ކުރި ބޭނުންތަކަށާއި، އެ ދަތުރުތައް ކުރެވުނު ސަރަހައްދުތަކަށާއި، އަދި ޤަދީމީ ޒަމާނުގައި ވިޔާފާރިކަމުގައި ރާއްޖެ އަށް ދަތުރު ފަތުރު ކުރި ބޭރުގެ ފަރާތްތަކުގެ ސަބަބުން ރާއްޖެ ތަޢާރުފުވި ތަޢާރަފު ވުމުގެ މައްޗަށެވެ.  

ސިޔާސީ ބޭނުންތަކަށް ޓަކައި، ޤަދީމީ ދިވެހިން ދަތުރު ފަތުރު ކުރި އެވެ.


ބޭރު ދަތުރު ކޮށް އުޅުމުގައި ދިވެހި ޤަދީމީ ކާބަފައިންގެ އެއް ބޭނުމަކަށް ވެފައި އޮތީ ސިޔާސީ ބޭނުމެވެ.   ވެރިކަމުގެ ފަރާތުން ބޭރުގެ ފަރާތްތަކާ އެކު ބާއްވަން ބޭނުންވާ ސިޔާސީ ގުޅުން ޤާއިމު ކުރުމުގައި އެއްވަސީލަތަކަށް ވެފައިވަނީ ކުރެވޭ ދަތުރު ފަތުރެވެ. ޚާއްޞަކޮށް ރާއްޖޭގެ ރަދުންގެ ފަރާތްޕުޅުން ފޮނުއްވޭ ވެދުމާ ގެން، އެހެން ދައުލަތްތަކަށް ކުރެވޭ ދަތުރުތަކެވެ. މި ގޮތުން، މުޙައްމަދު އިބްރާހީމް ލުޠުފީ (1998) ހާމަ ކުރައްވާ ގޮތުގައި ރާއްޖެ އިސްލާމްވުމުގެ 216 އަހަރު ކުރިން، ހިޖުރައިން 97ވަނަ އަހަރު، ސްރީލަންކާގެ ރަސްގެފާނާއި، ދިވެހިރާއްޖޭގެ ރަދުން ބަޞަރާގެ ގަވަރުނަރު އަލްޙާއްޖު ބިން ޔޫސުފަށް ވެދުން ފޮނުއްވާފައިވާކަން، މުއައްރިޚުންގެ ލިޔުންތަކުން އެނގެން ހުރިކަމަށް، ހިޖުރައިން 332 ވަނަ އަހަރު އަލްމަސްޢޫދީ ލިޔުއްވި ''މަރޫޖުއްޛަހަބު'' ގައި ބަޔާން ކުރައްވައިފައިވެ އެވެ. (ޞ. 171) ހަމަ އެހެންމެ ރޯމަނުންގެ ރަސްގެފާނު ޖޫލިއަންގެ އަރިހަށް، އިރުމަތީ ރޫމީ އަމްބަރާޠޫރިއްޔަތު ނުވަތަ ބައިޒެންޓައިން އެމްޕަޔަރގެ ވެރިރަށް ޤުޞްޠަންޠީނިއްޔާ، މިހާރުގެ ތުރުކީގެ އިސްތަންބޫލަށް ދީވީންނާއި ސަރަންދީވީން ވެދުމައިގެން ދިޔަކަން، ސޫރިޔާގެ އަންޠާކިޔާގެ ލިޔުންތެރިޔެއްކަމުގައިވާ އަމިޔާނޫސް މަރުސެލީނޫސް (362) ބަޔާން ކުރައްވައިފައި ވާކަން، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1998) ޔަޤީން ކޮށްދެ އެވެ. (ޞ. 15) މަރުކަޒު (1998) އިތުރަށް ކަށަވަރު ކޮށްދެއްވާ ގޮތުގައި މީލާދުން 785 ވަނަ އަހަރާއި، 805 ވަނަ އަހަރާ ދެމެދު ޗައިނާ ބަހުން ލިޔެފައިވާ ލިޔުމެއްގައި ވާ ގޮތުން ދިވެހިރާއްޖޭގެ ރަދުންގެ ސަފީރަކު، ވަރަށް ދިގު ދަތުރުފުޅަކަށްފަހު، ރަދުންގެ ވެދުމައިގެން ޗައިނާގެ ރަސްގެފާނުގެ އަރިހަށް ޒިޔާރަތް ކުރެއްވި އެވެ. (ޞ. 17)  ސީނުކަރައިގައި ރަސްކަން ކުރި ޓޭންގ ދަރިކޮޅުގެ ރަސްކަލެއްކަމުގައިވާ، ކައި – ޓުސުންގ ގެ ރަސްކަމުގައި ދެ ފަހަރެއްގެ މަތިން އެ ރަސްގެފާނުގެ އަރިހަށް، ދިވެހި ރަދުންގެ ފަރާތްޕުޅުން ވެދުން ހިފައިގެން ގޮސްފައި ވާ ކަން ވެސް، ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1991) ކަށަވަރު ކޮށްދެއްވައެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ރަދުންގެ ފަރާތްޕުޅުން ވެދުން ހިފައިގެން ރާއްޖޭގެ ހުޅަނގު ބިތުން، އިރާޤު ކަރަޔަށާއި، އިރުމަތީ ރޫމީ އަމްބަރާޠޫރިއްޔަތު ޤާއިމުވެފައި އޮތް ތުރުކީގެ ޤުސްޠަންޠީނިއްޔާއަށް ނުވަތަ ކޮސްޓަންޓިނޯޕްލަށާއި، އަދި ރާއްޖޭގެ އިރުމަތީ ބިތުން، ސީނުކަރައަށް ދިވެހި ޤަދީމީ ކާބަފައިން ދަތުރު ފަތުރު ކޮށްފައިވާތީ، ސިޔާސީ ބޭނުންތަކަށްޓަކައި ދިވެހި ޤަދީމީ ކާބަފައިން ބޭރު ދަތުރު ފަތުރުކޮށް، އެ ޤައުމުތަކަށް ރާއްޖެ ތަޢާރުފު ކޮށްދީފައި ވާކަން ސާބިތުވެ އެވެ. 
 

ވިޔާފާރީގެ ބޭނުންތަކަށްޓަކައި، ޤަދީމީ ދިވެހިން ދަތުރު ފަތުރު ކުރި އެވެ. 


ޤަދީމީ ދިވެހިން ބޭރު ދަތުރު ފަތުރު ކޮށް އުޅުމުގެ ސަބަބެއް ކަމުގައި ވިޔާފާރީގެ ބޭނުންތައް،  ހިމެނިފައިވެ އެވެ. ދިވެހިން ވިޔާފާރި ކަމު ގޮސް އައިސް އުޅުނު ސަރަހައްދުތަކުގައި ފައިސާގެ ގޮތުގައި ބޭނުން ކޮށް އުޅުނީ ދިވެހި ބޮލި ކަމުގައި ވާތީ، ދިވެހިންގެ ދަތުރު ފަތުރާ ވިޔާފާރިއާ ބޮއްޔާ ގުޅިފައިވާ ކަން އެނގެ އެވެ. ނަސީމާ މުޙައްމަދު (2004) ހާމަ ކުރައްވާ ގޮތުގައި  ދިވެހި ރާއްޖޭގެ އެންމެ ޒަމާންވީ ވިޔަފާރި ގުޅިފައި ވަނީ ދިވެހި ބޮއްޔާ އެވެ. އޭނާ އިތުރަށް ކަށަވަރު ކޮށް ދެއްވާ ގޮތުގައި އެވޭލާ ޒަމާނުގައި މި ބޮލި އުފައްދާ ޚާއްޞަ ޤައުމަކީ ދިވެހިރާއްޖެ އެވެ. ހަމަ އެހެންމެ ސަލާމް ލެއްވި ޢީސާގެފާނުގެ 16 ޤަރުނުގެ ކުރީއްސުރެ ފެށިގެން، މީލާދުން 8 ވަނަ ޤަރުނާ ހަމައަށް ސީނުކަރަ އާއި މެދު އިރުމައްޗާއި، ހުޅަނގު އެފްރިކާގައި ފައިސާގެ ގޮތުގަ އާއި، އަގުހުރި ގަހަނާ ހެދުމުގައި ދިވެހި ބޮލި ބޭނުން ކޮށްފައި ވާކަމާއި، ރާއްޖޭން ފުރާ ބަންގާޅު ނާފަހަރުގެ ނިގާރަމަކަށް ވެސް ދިވެހި ބޮލި ލައި އުޅުނުކަން ނަސީމާ މުޙައްމަދު (2004) ބަޔާން ކުރައްވާތީ، ދިވެހިންގެ އެ ޒަމާނުގެ ދަތުރުފަތުރާއި ދިވެހި ބޮއްޔާއި ވިޔާފާރިއާ ހުރި ގުޅުން ފިސާރި ރަނގަޅަށް ހާމަވެ އެވެ. ނަސީމާ މުޙަންމަދުގެ މި ވިދާޅުވުމަށް އިތުރަށް ބާރު ލިބޭގޮތުގައި މުޙަންމަދު އިބްރާހީމް ލުޠުފީ  (1991) އިބްނު ބަޠޫޠާ އާ ޙަވާލާ ދެއްވައި  ވިދާޅުވާ ގޮތުގައި  ދިވެހިރާއްޖޭން ބޭރުކުރާ ބޮލި، ބަންގާޅާއި، ސޫދާނާއި، ޔަމަނުކަރަ އާއި، މާލީ، އަދި، ޖޫޖޫ އިން ދެކެވަޑައިގަތްކަމަށް އިބުނު  ބަޠޫޠާ ޔަޤީން ކޮށްދެއްވައިފައިވެ އެވެ. އިބުނު ބަޠޫޠާ އިތުރަށް ކަށަވަރު ކޮށްދެއްވާ ގޮތުގައި މާލީ އާއި ޖޫޖޫ ގައި ރަން ދީނާރަކަށް 1150 ބޮލި ވިއްކަނިކޮށް ސީދާ އޭނާ ދެކެވަޑައިގެންފައިވެ އެވެ. އެހެންކަމުން، ދިވެހިން ދަތުރު ފަތުރު ކޮށް އުޅުނު ސަރަހައްދުތަކުގައި ފައިސާގެ ގޮތުގައި ވެސް ގެންގުޅުނީ ދިވެހި ބޮލިކަން ނަސީމާ މުޙަންމަދު (2004) އަދި، ލުޠުފީ (1991) ކަށަވަރު ކޮށް ދެއްވައިފައި ވާތީ، ވިޔާފާރީގެ ބޭނުންތަކުގައި އެވޭލާ ކާބަފައިން، ދަތުރު ފަތުރުކޮށް އުޅުނުކަން ސާބިތުވެ އެވެ.
 
ޤަދީމީ ދިވެހިންގެ ދަތުރު ފަތުރުގައި ވިޔާފާރި މުދަލުގެ ގޮތުގައި ރާއްޖޭގެ އެއްގަމާއި ކަނޑުގެ އުފެއްދުންތައް ރާއްޖެން ބޭރު ކޮށްފައިވެ އެވެ. މުދާ އެކްސްޕޯޓު ކުރުމަކީ ދަތުރު ފަތުރުގެ ބޭނުމާ ގުޅިފައިވާ ވިޔާފާރީގެ މަޤުޞަދެކެވެ. އިބްނު ބަޠޫޠާ އާ ޙަވާލާ ދެއްވައި މުޙަންމަދު އިބްރާހީމް ލުޠުފީ (1991) ހާމަ ކުރައްވާ ގޮތުގައި، އުތުރުކަރަ އާއި، ސީނުކަރަ އާއި، އަދި ޔަމަނުކަރަ އަށް، ދިވެހިން ހިކި މަސް ބޭރު ކޮށްފައިވެ އެވެ. (ޞ. 37) ލުޠުފީ އިތުރަށް ކަށަވަރު ކޮށް ދެއްވާ ގޮތުގައި، ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަސްވަރުން ފެށިގެން، ރާއްޖޭގެ ހިކި ކަނޑު މަހާއި، ކާއްޓާއި، ރޯނާއި، ބޮއްޔާއި، ކަހަނބުފަތާއި، ފޭރާމާއި، ލޯ ކަންވާރު ރާއްޖެއިން ބޭރު ކުރާކަން އެނގިފައިވެ އެވެ. (ޞ. 133) ހަމަ އެހެންމެ  އަބުލްޙަސަން އަލް މަސްޢޫދީ (916) އާ ޙަވާލާ ދެއްވާ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (1998) ކަށަވަރު ކޮށް ދެއްވާ ގޮތުގައި، ދިވެހިރާއްޖެއިން ވަރަށް ގިނަ ޢަދަދަކަށް ކާށި އެކްސްޕޯރޓު ކުރެ އެވެ. މި ބުނުމަށް އިތުރު ސާބިތު ކަމެއް ލިބިދޭގޮތުގައި،  އަބުލްޙަސަން (1026) އާ ޙަވާލާ ދެއްވާ މުޙަންމަދު އިބްރާހީމް ލުޠުފީ (1992) ކަށަވަރު ކޮށް ދެއްވާ ގޮތުގައި  ދިވެހި ރާއްޖެއިން ހިކި ކަނޑުމަހާއި، ބޮއްޔާއި، ކަހަނބު ފަތާއި، އެފުރިކާއަށް އެތެރެ ކުރަނީ ވަރަށް ގިނައިންނެވެ. އޭގެ އިތުރަށް ރޯމަނުން އެ ދުވަސްވަރު ގަހަނާ ހަދައިއުޅުނު އިތައަކީ ވެސް ރާއްޖޭން ރޯމަށް އެކްސްޕޯޓު ކުރާ ތަކެތިކަން ލުޠުފީ ސާބިތު ކޮށްދެއްވައެވެ. އަލް އިދުރީސީ އާ ޙަވާލާ ދެއްވައި ލުޠުފީ (1992) ހާމަ ކުރައްވާ ގޮތުގައި ދިވެހިރާއްޖޭން ކަހަނބު ފަތް އެކްސްޕޯޓު ކުރާ ކަމާއި،  ވެލާ ބިހާއި، ވެލައި މަސް، އެތައް ފަހަރަކު އަރަބި ކަރައިން، އަލް އިދްރީސީ ފަރީއްކުޅުއްވި ކަން އޭނާ ޔަޤީންކޮށް ދެއްވަ އެވެ.  އަދި، ކޮސްމޮސް އިންޑިކޯޕް ލެއުސްޓޭސް (522) އާ ޙަވާލާ ދެއްވައި ޤައުމީ މަރުކަޒު (1998) ޔަޤީން ކޮށް ދެއްވާ ގޮތުގައި  ދިވެހި ރާއްޖޭން ބޮއްޔާއި މާވަހަރު އެކްސްޕޯޓް ކުރާކަން ޔަޤީންވާތީ، ވިޔާފާރީގެ ބޭނުންތަކަށް ޓަކައި ޤަދީމީ ދިވެހިން ދަތުރު ފަތުރު ކޮށްފައިވާކަން ސާބިތުވެ އެވެ. ލުޠުފީ (1992) ކަށަވަރު ކޮށް ދެއްވާ ގޮތުގައި ޤަދީމީ ދިވެހިންނަކީ، ކުރި އަރާފައިވާ ރަށްވެރިކަމެއް ލިބިފައިވުމާއެކު، އަމިއްލަ އުޅަނދު ފަހަރުގައި އެފުރިކާއާއި، ގަލްފު ޤައުމުތަކާއި، މައިކަރަ އާއި، އޮޅުދޫކަރަ އާއި، ސިޔާމާއި، މެލޭޝިޔާ އާއި އަދި ޖާވާކަރައާ އަށް ދަތުރުކޮށް އެތަންތަނާ ގުޅުން ޤާއިމު ކޮށްފައިވާ ކުޅަދާނަ ބައެއްކަން އެއްވެސް ޝައްކެއް ނެތި ކަށަވަރުވެ އެވެ. އެހެންކަމުން ލުޠުފީ (1992) އަދި މަރުކަޒު (1998) ހަމަ އެހެންމެ ކޮސްމޮސް (522) ވިދާޅުވާ ގޮތުގައި ވެސް ދިވެހިންގެ އެކްސްޕޯޓު ނިޒާމެއް އޮތުމާއި، ދަތުރު ފަތުރުގެ ޤާބިލުކަން އޮތުމާއެކު، ދުރު ހިސާބުތަކަށް ވިޔާފާރި ދަތުރު ފަތުރު ކޮށްފައިވާކަން ސާފުކޮށް އެނގެން އޮތީތީ، ޤަދީމީ ދިވެހިންނަކީ ވިޔާފާރީގެ ބޭނުމުގައި ދަތުރު ފަތުރުކޮށް، ރާއްޖެ ތަޢާރުފު ކޮށްފައިވާ ބައެއްކަން ސާފުކޮށް ޔަޤީންވެ އެވެ. 

ބޭރުގެ ނާނާ ފަހަރާއި ދިވެހިން: 


ދަތުރު ފަތުރުގެ ވަސީލަތުން ޤަދީމީ ދިވެހިން ރާއްޖެ ބޭރަށް ތަޢާރުފު ކުރުމުގައި ބޭރުން ރާއްޖެ އަންނަ ނާފަހަރުގެ މީހުންނާ ދިވެހިންނާ ދެމެދު ބޭއްވި ރަޙްމަތްތެރިގުޅުން ހިމެނެ އެވެ. މި ގޮތުން، ބޭރުގެ ތަފާތު ސަރަހައްދުތަކުން ރާއްޖެއައި ނާނާފަހަރާ ޤަދީމީ ދިވެހިންނާ ދެމެދު އޮތް މައިގަނޑު ގުޅުން ބިނާ ވެފައި އޮތީ، ވިޔާފާރީގެ ގުޅުމުގެ މައްޗަށެވެ. އިބްނު ބަޠޫޠާ އާ ޙަވާލާ ދެއްވައި، މުޙަންމަދު އިބްރާހީމް ލުޠުފީ (1991) ހާމަ ކުރައްވާ ގޮތުގައި، ބޭރުން އަންނަ ނާނާ ފަހަރުން ތަވަޔާއި ފުފޭ އަދި ރުނބާ ފަދަ ތަކެތި، ބަދަލުގައި ކުކުޅު ހައު ދީފައި،  ދިވެހިން ގަނެ އެވެ. ހަމަ އެހެންމެ ރާއްޖޭގެ އުފެއްދުންތައް ކަމުގައިވާ ކަނޑުމަހާއި، ކާށި، ފޮށައާއި ފަގުޑި، އަދި ލޯކަންވާރު އަރުވައި ބަރާކޮށްގެން އެ ނާނާ ފަހަރު ރާއްޖޭން ފުރާ މަންޒަރު އިބުނު ބަޠޫޠާ ދެކެވަޑައިގެންފައިވެ އެވެ.  ހަމަ އެހެންމެ ބަންގާޅު މީހުންނަށް ބޮލި ވިއްކައި އުޅެނީ ހަނޑުލަށް ކަމަށާއި، ޔަނަމުކަރަގައިގެ މީހުންނަށް ވެސް ބޮލި ވިއްކި ކަމަށާއި، ދޮންވެލީގެ ބަދަލުގައި ޔަމަނު މީހުން ނިގާރަމަކަށް ވެސް ލަނީ ބޮލި ކަމަށް އިބުނު ބަޠޫޠާ ބަޔާން ކޮށްދެއްވާކަމަށް، ލުޠުފީ ކަށަވަރު ކޮށްދެއްވައިފައިވާތީ، ބޭރު ގައުމު ގައުމުން ރާއްޖެ އަންނަ ނާނާ ފަހަރުގެ މީހުންނާ ޤަދީމީ ދިވެހިންނާ ދެމެދު ވިޔާފާރީގެ މުޢާމަލާތުގެ ސަބަބުން ގުޅުންތައް ބިނާވެފައިވާކަން އެނގެ އެވެ. ލުޠުފީ އިތުރަށް ހާމަ ކުރައްވާ ގޮތުގައި އީރާނުގެ ކެޕްޓަނެއްކަމުގައިވާ ''ސުލައިމާނު'' ރާއްޖެއާ ބެހޭ ގޮތުން މަޢުލޫމާތު އެއްކުރައްވައި ލިޔުއްވައިފައިވެ އެވެ. ރާއްޖެ އިސްލާމްވުމުގެކުރިންނާއި ފަހުން ވެސް އިންޑިޔާ ކަނޑުގައި ''ނަގައި ކިޔައި'' އުޅުނު ޤައުމަކީ ''ފާރިސްކަރަ'' ކަމާއި، އީރާނުގެ ނުފޫޒު ރާއްޖެ އޮތް ސަރަހައްދުގައި ވެސް އޮތުމުން އީރާނަށް ވެސް ރާއްޖެ ތަޢާރުފުވެފައިވާކަމާއި، އަދި އެ ތަޢާރުފު ވެފައިވަނީ ދަތުރުފަތުރާއި ވިޔާފާރީގެ ސަބަބުންކަން އެނގެ އެވެ. ހަމަ އެހެންމެ ލުޠުފީ (1991) ހާމަ ކުރައްވާ ގޮތުގައި ދިވެހިން އިހުގައި އޮޑި ދޯނި ފަހަރު ބަނދެ އުޅުނީ އޭގެ މަޑޫތައް ރޯނުން ބަނޑަވަރު އަޅައި ބަނދެގެންނެވެ.  ނަމަވެސް އޮމާނާއި، އަސޭކަރައިގެ ސުމަތުރާގެ ފަންނުވެރިކަން ދިވެހިން ލިބިގަނެ ދިވެހިންގެ ދަތުރު އޮޑިތައް އިލިޖަހައިގެން ބަންނަން ފެށި އެވެ. (ޞ.133) އިބުނު ބަޠޫޠާ އާ ހަވާލާ ދެއްވައި ލުޠުފީ އިތުރަށް ހާމަ ކުރައްވާ ގޮތުގައި ''މަޤުދިޝޫ'' އިން ގެންނަ ހުވަނދާ ހިކި އަތަރު ދިވެހިން ހުވަނދެއްގެ ގޮތުގައި ގައިގައި ލުމަށް ބޭނުން ކުރެ އެވެ. އެހެންކަމުން ބޭރު ނާނާ ފަހަރުން ރާއްޖެ އެތެރެ ކުރެވޭ އާންމު އަސާސީ ތަކެތި ދިވެހިންގެ އަސާސީ ދިރިއުޅުމުގައި ބޭނުން ކުރާކަން ލުޠުފީ (1991) ގެ ވިދާޅުވުމުން ހާމަ ވުމާއި، ރާއްޖެ އައި ނާނާ ފަހަރާ ދިވެހިން ވިޔާފާރީގެ މުޢާމަލާތުތައް ކޮށްފައިވާ މުޢާމަލާތުގެ އިތުރަށް،  އޮޑިދޯނި ފަހަރު ބަނުމުގެ ފަންނީ ހުނަރުތައް ބޭރުގެ ކަރަތަކުން ލިބިގެންފައިވުން ފަދަ ކަންކަމުން ރާއްޖެ އައި ބޭރުގެ އޮޑިފަހަރުގެ ވަސީލަތުން ދިވެހިންނާ ބޭރުގެ ފަރާތްތަކާ ގުޅުންތައް ބަދަހިވެ ދެފަރާތް ދެފަރާތަށް ތަޢާރުފުވެފައިވާކަން ޔަޤީވެ އެވެ. 

ޤަދީމީ ދިވެހިން ދަތުރު ފަތުރުކޮށް އުޅުނު ސަރަހައްދުތައް. 


ޤަދީމީ ދިވެހިންގެ ދަތުރު ފަތުރުގެ ދާއިރާ ވަރަށް ފުޅަލެވެ. މި ގޮތުން ރާއްޖޭގެ އިރުމަތީ ބިތުން މާލާބާރަށް ދިވެހިން ދަތުރު ކޮށްފައިވާކަމަށް އިބުނު ބަޠޫޠާ އާ ޙަވާލާ ދެއްވައި މުޙަންމަދު އިބްރާހީމް ލުޠުފީ (1991) ހާމަ ކުރައްވަ އެވެ. ލުޠުފީ އިތުރަށް ބަޔާން  ކުރައްވާ ގޮތުގައި ''ޝައިޚު އިބްރާހީމް'' ކިޔުނު ދިވެއްސަކު މަލާބާރުގެ ''ޟިހާރު'' އަށް ގޮސް އެ ރަށުގައި ވަޒަންވެރިވެ ދަނޑުހައްދައި އުޅުނެވެ. (ޞ. 31- 32) ބަޞަރާގެ ގަވަރުނަރުގެ އަރިހަށް (ހިޖުރައިން 97 ވަނަ އަހަރު) ދިވެހިންގެ ވަފުދެއް ވެދުމައިގެން ދަތުރު ކޮށްފައިވާކަން އަލްމަސްޢޫދީއާ ޙަވާލާ ދެއްވައި ލުޠުފީ (1991) ކަށަވަރު ކޮށްދެއްވާތީ، ހުޅަނގުން އިރާގު ކަރައާ ހަމައަށް ދިވެހިންގެ ދަތުރު ފަތުރު ފުޅާވެފައި އޮތްކަން އެނގެ އެވެ. ހަމަ އެހެންމެ އަމިޔާ ނޫސް މަރުސެލީ ނޫސް (362) އާ ޙަވާލާ ދެއްވާ ލުޠުފީ (1991)  ބާޔާންކުރައްވާ ދިވެހީންގެ ބަޔަކު ރޫމީ އަންބަރާ ޠޫރުގެ އަރިހަށް ކުރެއްވި ޒިޔާރަތާ ބެހޭ މަޢުލޫމާތުން އެނގޭ ގޮތުގައި އިރާގު ކަރަ ފަހަނަޅައި ހުޅަނގު ބިތުން ދިވެހިން އެވަނީ ތުރުކީގެ އިސްތަންބޯލާ ހަމަޔަށް ދަތުރު ފަތުރު ކޮށްފަ އެވެ. ހަމަ އެހެންމެ ސުލައިމާނު (850) އާ ހަވާލާ ދެއްވާ ލުޠުފީ (1992) ބަޔާންކުރައްވާ  ގޮތުގައި ޝްރީލަންކާ، ބަންގާޅު، ސިޔާމު، މެލޭޝިޔާ، ޖާވާ، އަށް ދިވެހިން އަމިއްލަ އޮޑި ފަހަރުގައި ދަތުރު ފަތުރު ކޮށްފައި ވާކަން އެނގެ އެވެ. އެހެންކަމުން  ރާއްޖޭގެ އިރުމަތީ ބިތުގެ ސަރަހައްދުތަކަށް  ވެސް ޤަދީމީ ދިވެހިން ދަތުރު ފަތުރު ކޮށްފައިވާކަން ސާބިތު ވެ އެވެ. ހަމަ އެހެންމެ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމި މަރުކަޒު (1988) ހާމަ ކުރައްވާ ގޮތުގައި، މީލާދުން 685 ވަނަ އަހަރާއި، 805ގެ ޞީނީ ލިޔުންތަކުން އެނގޭ ގޮތުގައި ދިވެހިން ސީނުކަރަ އަށް ދަތުރުކޮށްފައިވުމާއި، މީލާދުގެ 662ގައި ވެސް ދިވެހިން ޞީނުކަރަ އަށް ދައުލަތުގެ ފަރާތުން ދަތުރު ކޮށްފައިވާކަން އެނގޭތީ، ޤަދީމީ ދިވެހިން ދަތުރު ފަތުރު ކޮށް އުޅުނު ސަރަހައްދުތަކުގެ ތެރޭގައި އިރުމަތިން، ސީނު ކަރަ ވެސް ހިމެނޭކަން ސާބިތުވެ އެވެ. އެހެންކަމުން ހުޅަނގުން އިރާގު ކަރައާއި، ކުރުކީ ވިލާތް،  އިރުމަތިން، ސީނުކަރައާއި އަސޭ ކަރައާއި، ބަންގާޅާއި، ސިޔާމު، އަދި ސަރަންދީބާއި، ސިންދު ކަރައިގެ ބައެއް ރަށްތައް ހިމެނޭކަން ލުޠުފީ (1991،1992) އަދި މަރުކަޒު (1998) ކަށަވަރުކޮށްދޭތީ،  ޤަދީމީ ދިވެހިންގެ ދަތުރު ފަތުރުގެ ވަސީލަތުން، ދުރު ސަރަހައްދުތަކަކަށް ރާއްޖެ ތަޢާރުފުވެ ގިނަ ސަރަހައްދުތަކާ ގުޅުން އުފެދިފައިވާކަން ސާބިތުވެ އެވެ. 

ނިންމުން:
 
ޤަދީމި ދިވެހިންނަކީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ދުރު ހިސާބުތަކަށް ގޮސް އައިސް އުޅުނު ބައެކެވެ. ސިޔާސީ ބޭނުންތަކުގަ އެވެ. ވިޔާފާރީގެ ބޭނުންތަކުގަ އެވެ. ދިރިއުޅުމުގެ ބައެއް އެހެނިހެން ބޭނުންތަކުގައި ވެސް މެ އެވެ. މި ބޭނުންތަކުގެ ސަބަބުން ދިވެހި ބޮއްޔާއި، ދިވެހި އުފެއްދުންތައް ދިވެހިން ގޮސް އައިސް އުޅުނު ސަރަހައްދުތަކަށް ތަޢާރުފުވެ، މަޤުބޫލުވި އެވެ. ދަތުރު ފަތުރުގެ ވަސީލަތުން ދިވެހިން ދަތުރު ފަތުރު ކޮށް އުޅުނު ސަރަހައްދުތަކަށް ރާއްޖެ ތަޢާރުފުވެ ވިޔާފާރިއާއި، ސިޔާސީ ގޮތުން ގުޅުންތައް ގާއިމުވެފައިވެއެވެ. އެހެންކަމުން މި ދިރާސާގައި ބަލައި ލެވުނު ދާއިރާތަކަށް ހުށަހަހެޅުނު މަޢުލޫމާތުން އެނގުނު ގޮތުގައި، ޤަދީމީ ދިވެހިންގެ ދަތުރު ފަތުރާއި، ބޭރުގެ ނާނާ ފަހަރު ރާއްޖެ އައުމުން ދިވެހިން ކަންކޮށް އުޅުނު ގޮތުގެ ސަބަބުން ދިވެހިންނާ ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހިވެ، ރާއްޖެ ބޭރު ދުނިޔެއަށް ތަޢާރުފުވެ ދިވެހިންގެ އުފެއްދުންތަކަށް ބޭރުގެ ފަރާތްތަކުގެ މަޤުބޫލުކަން ލިބިފައިވެ އެވެ. 
--------------------
(ނިމުނީ)

ހަވާލާ: 

މުޙަންމަދު އިބްރާހީމް ލުޠުފީ. (1991). އިބްނު ބަޠޫޠާ ދިވެހިރާއްޖޭގައި. މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1998). ދިވެހިރާއްޖޭގެ ޤަދީމީ ތާރީޚު. ދިވެހިންގެ ތަރިކަ 5. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
 
މުޙަންމަދު އިބްރާހީމް ލުޠުފީ.(1992). ފަތްތޫރަ: 160. މާލެ:  ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ނަސީމާ މުޙަންމަދު. (2004).  ފަތްތޫރަ: 307.  މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ