އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

http://www.fanvai.info/images/stories/12344.jpgވޯޓުގެ ވާހަކަ ދިވެހިރާއްޖޭގައި ޢާއްމުކޮށް ދެއްކެވެން ފެށީ ރާއްޖޭގައިއޮންނަން ފެންނަނީ ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ މި ސުވާލާ ހިސާބުން ނެވެ. (އެއީ މުޙައްމަދު ޝަމްސުއްދީނު ރަސްކަމުން ޢަޒުލު ކުރުމަށްފަހު އެވެ. އެ ރަދުން ރަސްކަމުން ޢަޒުލުކުރީ 1934 ވަނަ އަހަރު އެވެ.) ރަސްކަމެއްތޯ / ޖުމްހޫރިއްޔަތެއްތޯ މި ނަމުގައި ފެއްޓި ކެމްޕޭނުގައި ބޭނުންކުރެއްވީ ތަރިއަކާއި، ދިވެހި ރުކެކެވެ. މާނައަކީ، އުޑުގައި ހުރި ތަރިއެއްގައި އަތްނުލެވުނަސް، ބިމުގައި އިން ރުކެއްގައި އަތްލެވޭނެ ކަމަށެވެ. އެއީ، ރަސްކަމަށް ތަރިއެއް، ޖުމްހޫރިއްޔަތަށް ރުކެކެވެ. (ގދ.ތިނަދޫ / ޢަބްދުޞަމަދު ޙުސައިން)

މިދެންނެވި ކެމްޕޭނުގައި ގިނަ ވޯޓް ލިބުނީ ޖުމްރިއްޔާ އަކަށެވެ. ދެން ކެމްޕޭން ފެށުނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކަށް އަލްއަމީރު މުޙައްމަދު އަމީން، ނާއިބު ރައީސަކަށް އިބްރާހިމް މުޙައްމަދު ދީދީ (ވެލާނާގޭ އިބްރާހިމް ދީދީ) ގެ ކެމްޕޭނެވެ.  ވޯޓުން ހޮވޮނީ، އެ ދެ ބޭފުޅުންނެވެ. އޭގެ އަށެއްކަ މަސް ފަހުން، އަމީން ދީދީގެ ޖުމްހޫރިއްޔާގެ ކަށުކަމާކެމީގެ ކަންކަން ނިމި، އަނެއްކާ ވެސް ވޯޓް ލީ ރަސްކަމެއްތޯ ޖުމްހޫރިއްޔަތެއްތޯ ބެލުމަށެވެ. އެފަހަރު ފާސްވީ ރަސްކަމަށެވެ. ރަސްކަމަށް އިންތިޚާބުވީ އަލްއަމީރު މުޙައްމަދު ފަރީދު ފާށަނާކިލެގެފާނު (އަލްމުންތަޚަބް ލިޢަރްޝިއްދަވްލާ ޖަލާލަތުލްމުލްކް މުޙައްމަދު ފަރީދުލްއައްވަލް) ގެ ނަންފުޅުގަ އެވެ. އޭނާ ރަސްކަންކުރެއްވީ، މާރޗް 7، 1954 ން ނޮވެމްބަރ 11، 1968 ށެވެ. އޭނާއަކީ، 1932 އާއި 1934 އާއި ދެމެދު ބޮޑުކަޒީރުކަންކުރެއްވި ބޭފުޅެކެވެ.

މުޙައްމަދު ފަރީދުގެ ރަސްކަމުގެ ފުރަތަމަ ބޮޑުވަޒީރަކީ، ސުމުއްވުލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. އޭނާއަށް ބޮޑުވަޒީރުކަން ލިބިވަޑައިގަތީ، މާރޗް 11، 1954 ގަ އެވެ. ބޮޑުވަޒީރުކަމުން އިސްތިޢުފާދެއްވުމަށް ހުށަހެޅުއްވުމުން އެ މަޤާމުން އޭނާ އިސްތިޢުފާދެއްވީ، ޑިސެމްބަރ 12، 1957 ގަ އެވެ. މިތާރީޚުން ފެށިގެން ނޮވެމްބަރ 11، 1968 އާއި ދެމެދު ބޮޑުވަޒީރުކަން ކުރެއްވީ، ވެލާނާގެ އަލްފާޟިލް އިބްރާހީމް ނާޞިރު އެވެ. ރަސްކަމުން އިސްތިޢުފާދެއްވުމަށް ހުށަހެޅުއްވުމުން މުޙައްމަދު ފަރީދު އެމަޤާމުން އިސްތިޢުފާ ދެއްވީ އެވެ. އެހާހިސާބުން އަނެއްކާވެސް ޙާލަތު ބަދަލުވެ ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު (ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ) ގަސްތުކުރެއްވީ ޖުމްހޫރިއްޔާއަކަށް ބައްޓަންކުރެއްވުމަށްޓަކައި އަނެއްކާވެސް ފެންނަ / ނުފެން "ރައްޔިތުންގެ ރިފަރެންޑަމަކަށް" ނުވަތަ ވޯޓަކަށް ދާށެވެ. އެގޮތުން އަނެއްކާވެސް ޖުމްހޫރިއްޔާއަކަށް ފައިހަމަވެ، އޭގެފަހުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅުނީ، މުޅިން ތަފާތު ގޮތަކަށެވެ.

އާދެ! ރައީސުލްޖުމްހޫރިއްޔާއަކަށް ވެލާނާގޭ އަލްފާޟިލް އިބްރާހިމް ނާޞިރަށް ފެންނަ / ނުފެންނަ ވޯޓެއް ލާށެވެ. އެފަހަރު ނާއިބު ރައީސެއްގެ ނަން ހިމެނިފައި ނުވެ އެވެ. އެފަހަރު ހަމަޖެހުނީ، ރައްޔިތުންގެ މަޖިލީހުގައި ނަގާ ސިއްރުވޯޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބޭ މީހެއްގެ ނަން ރައްޔިތުންނާ ހަމަޔަށް (ރައްޔިތުންގެ) ފެންނަ ނުފެންނަ ވޯޓަކަށް ހުށަހެޅުމަށެވެ. އެގޮތުން ރައްޔިތުންގެ ކުރިމައްޗަށް ހުށަހެޅުނީ، އަލްފާޟީލް އިބްރާހީމް ނާޞިރުގެ ނަންފުޅެވެ. ވޯޓުން ހޮވިގެން ރައީސްކަމާއި ޙަވާލުވެވަޑައިގަތީ، ނޮވެމްބަރ 11، 1968 ގަ އެވެ. އެމަނިކުފާނުގެ ދެވަނަ ދަވްރު ނިމުނީ، ނޮވެމްބަރ 11، 1978 ގަ އެވެ. ދެން އިބްރާހިމް ނާޞިރުގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ދުވަސްވަރު ހ.އޯރކިޑްމާގޭ އަލްފާޟިލް އަޙުމަދު ޒަކީ އަށް ބޮޑުވަޒީރުކަން ދެއްވި އެވެ. އޭނާ އެ މަޤާމު ފުރުއްވީ، އޯގަސްޓް 1، 1972 ން، މާރޗް 6، 1975 ށެވެ. އޭނާ އެ މަޤާމުން ވަކިކުރައްވައި ފުރަތަމަ ދޫނިދޫގައި ބަންދުކޮށް، ފަހުން ފުވައްމުލަކަށް ފޮނުވާލެއްވީ އަލްފާމީލް އިބްރާހިމް ނާޞިރު އެވެ.
އިބްރާހިމް ނާޞިރަށްފަހު، ނޮވެމްބަރ 11، 1978 ން ފެށިގެން (ނާޞިރުގެ އެ ނިޒާމުގެ ދަށުން) ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުކުރީ، އަލްއުސްތާޒް މައުމޫނު ޢަބްދުލްޤައްޔޫމްއެވެ. 5 އަހަރުގެ 6 ދަވްރަށްފަހު، އިލެކްޝަނުގައި ނާކާމިޔާބުވެ، މަޤާމުން އެމަނިކުފާނު ވަކިވީ، ނޮވެމްބަރ 11، 2008 ގަ އެވެ.

{ކުރިން ދެންނެވި އިބްރާހިމް ނާޞިރުގެ ދުވަސްވަރު، ރަށްރަށަށް ފޮނުވާފައި ހުރި ޕޯސްޓަރުތައް އަޅުގަނޑު ދުށީމެވެ. "ރައީސުލްޖުމްހޫރިއްޔާއަކަށް" އިބްރާހިމް ނާޞިރު، ދެން ތިރީގެ ދެ ގޮޅީގައި ފެންނަ، ނުފެން ފާހަގަލާ ގޮތަށެވެ.}

ވެރިކަމުގެ (ރައީސުލްޖުމްހޫރިއްޔާ އަކަށް މީހަކު އިންތިޚާބުރުމުގެ) ނިޒާމު 2008 ވަނަ އަހަރު ބަދަލުވީ ސީދާ ރައްޔިތުންގެ ވޯޓަކުން (ފަންސާސް އެކެއް އިން ސައްތަ) ލިބޭ މީހަކު ރައީސުލްޖުމްހޫރިއްޔާ އަކަށް ޢައްޔަންކުރާ ގޮތަށެވެ. އެ ނިޒާމު ބައްޓަންވެފައި އޮތީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހަކު، އޭނާގެ ނާއިބަކާ އެކު (އަލްއަމީރު މުޙައްމަދު އަމީން ކުރެއްސެވި ބުރުޞޫރަ އާއި އެއްގޮތަށް) ކުލިމަތިލާ ގޮތަށެވެ. އެ ދެ މީހުންނަށްމެ އެއް ވޯޓެއްލާ ގޮތަށެވެ. މި މަރުޙަލާ ފެށުނުއިރު ސިޔާސީ ޕާޓީތައް އުފެދިފައި ވިއަސް، ވެރިކަމަށް ކުލިމަތިލުމުގައި ވަކިފަރާތެއް ޚާއްޞަކޮށް އަދި ވަކިފަރާތެއް އިސްތިސްނާކޮށް ނުވަތަ ވެރިކަން ލިބޭ މީހާ ސިޔާސީ ޕާޓީއަކަށް ނިސްބަތް ވިއަސް އެއީ އެޕާޓީގެ ސަރުކާރެއް ކަމަށް ދޭހަވާފަދަ ޢިބާރާތެއް "ޤާނޫނު އަސާސީގައި" ބަޔާންކޮށްފައެއް ނުވެ އެވެ. ފާޅުކަން ބޮޑު ގޮތެއްގައި ޤާނޫނު އަސާސީ ހެކިދެނީ، އެއީ ދިވެހިސަރުކާރު ކަމަށެވެ. ޤާނޫނު އަސާސީން ދެން ފާހަގަކުރެވޭ އެނެއް ނުކުތާ އަކީ، އެއްވެސް ސަބަބަކާހުރެ، މަޤާމުގެ މަސްއޫލިއްޔަތްތަކާއި، ވާޖިބުތައް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކު ނުކުޅެދިއްޖެނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެ މަޤާމާއި ޙަވާލުވާން ޖެހޭނެކަމަށް ބަޔާންކޮށްފައި އޮތް އެވެ. ޤާނޫނު އަސާސީގައި އެގޮތަށް ބަޔާންކޮށްފައި ވާތީ، މިއީ އެވަގުތަކު ވެރިކަމުގައި ހުންނެވި ބޭފުޅެއްގެ ޕާޓީގެ ސަރުކާރެއް ކަމަށްބުނެ އަޑު އުފުލުމަކީ، ޤާނޫނު އަސާސީ އާއި ޚިލާފަށް ކުރެވޭ ކަމެކެވެ.

މަތީގައި ދެންނެވި ގޮތަށް (1934 ވަނަ އަހަރުން ފެށިގެން) ދައުލަތުގެ އެންމެ އިސްވެރިޔާ ޢައްޔަންކުރުމުގެ ކަންކަން ހިނގަމުންދިޔަ އިރު ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގެ ކަންކަންވެސް ހިނގަމުންދިޔަ އެވެ. އެދުވަސްވަރު އެކަންކަން ހަމަޖެހިފަ އޮންނަގޮތަކީ، އަތޮޅުގެ ވެރިކަންކުރާ ރަށުގައި ނުވަތަ ރަށުގައި ހުންނަ ނުފޫޒު ގަދަ ކޮންމެވެސް ފަރާތަކުން މިވެނި މީހަކަށް ވޯޓްލާށޭ ބުނުމުން ވޯޓް ލަނީ އެވެ. ވޯޓްލާ މަރުކަޒްތަކުގައި ކެނޑިޑޭޓުންގެ ލިސްޓެއް ހުރެ އެވެ. ނަމަވެސް ނަން އެނގުން ފިޔަވައި، ވޯޓް ލެވޭ މީހާއަކީ، ކާކުކަންވެސް ނޭނގޭނެ އެވެ.

އާދެ! ވޯޓް ހޯދަން ރައްޔިތުންގެ ގާތަށް ދާ މީހާގެ ފަރާތުން ވޯޓް ދޭ މީހުންނަށް އެދުވަސްވަރު ވެސް މަދަދުތަކެއް ލިބެ އެވެ. އަޅުގަނޑުގެ ހަނދާނުގައި (1970 އަދި 1980 ގެ އަހަރުތަކުގައި) އެންމެ ޢާއްމުކޮށް ލިބެނީ، ފަޅު ރަށްރަށުން ދަރު،ފަން، ދަނޑި، ކާށި އަދި ހިއްތަލަ ފަދަ ތަކެއްޗެވެ. (ވޯޓާއި ގުޅިގެން ލިބޭ ހިއްތަލައަށް އެދުވަސްވަރު ކިޔާ ނަމަކީ "ބުޅާމެރި" އެވެ. އެގޮތަށް ނަން ކިޔަނީ ހިއްތަލަ އުނދުނަށްލައިގެން ފިހެ ރިހާކުރާ އެއްކޮށް މޮޑެ ބުޅަލަށް ކާންދިނުމުން ބުޅާ މަރުވާތީ އެވެ.) ހާމަކަންބޮޑު ގޮތެއްގައި، ވިޔަފާރި މުދަލަށް ނުވަތަ ވިއްކާ އެއްޗެއްގެގޮތުގައި ވޯޓް ހަމަޖެހުނީ 1990 ގެ އަހަރުތަކުގަ އެވެ.
--------------
(ނުނިމޭ)

އިދާރާ

ވާހަކަ