www.fanvai.info

Print

އިބްރާހިމްބެ ކައިގެން އެއްޗެއް އެރުން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ޝަރީފް ލަބަން ށ. ފުނަދޫ

                       
އިބްރާހީމް ބެޔަކީ ރަށުގެ މުސްކުޅިންގެ ތެރެއިން ފާހަގަކޮށްލެވޭ މީހެކެވެ. ކެރޭ ހީވާގި މީހެކެވެ. މުސްކުޅި އުމުރުގައިވެސް އަމިއްލަޔަށް މުސްކުޅިވެ ގޭގައި އޮތުމުގެ ބަދަލުގައި މަސައްކަތްކޮށް ހެލިފެލިވެ އުޅޭ މީހެކެވެ. އިބްރާހީމްބޭގެ އުމުރުން މިހާރު 60 އަހަރަށްވުރެ މަތިވެދާނެއެވެ. އަބަދުވެސް ފެންނާނީ ކޮންމެވެސް މަސައްކަތެއްގައި އުޅޭތަނެވެ. ރުއްއެރުމާއި ފަންގިވިނުންފަދަ އޭރު އެޒަމާނުގެ މަސައްކަތްތަކުގައި މުރާލި މީހެކެވެ. ދުވާލު މަސައްކަތް ނިންމާލުމަށްފަހު ރޭގަނޑު އަރާމުކޮށްލުމަށް އަތިރިމަތީ ހޮޅުއަށީގައި ވަރަށް ގިނައިން އޮންނާނެއެވެ. އެޒަމާނަކީ ކަރަންޓް ހުންނަ ޒަމާނަކަށްނުވާތީ ފިނިކޮށްލުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ. ހަމަ އެޔާއެކު ހަނދުވަރު ރީތި ރޭރޭ ފަތްކަފަން ވެސް އިންނާނެއެވެ. އިބްރާހީމްބެ ގޭގައި ހޭދަކުރާ ވަގުތަށްވުރެ ގޭން ބޭރުގައި ހޭދަކުރާ ވަގުތު މަދެއްނުވާނެެއެވެ. ލިބޭހުސްވަގުތުގައި ކުދިންނަށް ވާހަކަކިޔާލަދީ އުޅޭ، މަޖާ މިޒާޖެއްގެ، މީހުންނާ ގުޅޭ މީހެކެވެ.

އާދައިގެމަތިން އިބްރާހީމްބެ މިރޭވެސް އޮތީ އަތިރިމަތީގައި ހުރި އައްޓެއްގައެވެ. ކޮންމެވެސްވަރަކަށް މަދިރިހަފާ ރެއެއްކަމުން މަދިރިން ސަލާމަތްވުމަށްތޯއްޗެކެވެ. ހަށިގަނޑުގައި ރަޖައެއް އަޅާފައިއޮތެވެ. މިހާރު އިޝާދަންވެ މީހުން ނިދާ ފައިހިލަވަޅު އޮބެންވެސް ފަށައިފިއެވެ. އިބްރާހީމްބެޔަށްވެސް ކުޑަކޮށް " ދަތުރު ފެންނަންފަށައިފި" އެވެ. އިރުދަށުންޖެހޭ މަޑުވައިރޯޅީގެ ފިނިކަމުގައި މިގަޑީގައި ވާނީވެސް އެހެންތާއެވެ.
                        
އިބުރާހީމްބެޔަށް ހޭލެވުނީ އަތިރިޔަކަށްދާންޖެހިގެނެވެ. މާބޮޑުކަމަކަށް ނުހަދާ ކައިރީގައިއޮތް އަތިރިޔަށްގޮސް އަވަދިވެގެން ތެދުވެ ރަޖާގަނޑު ރަނގަޅުކޮށްލައިގެން މަޑުމަޑުން އެއްގަމަށް ހިނަގައިގެންފިއެވެ. މަޑުމަޑުންގޮސް އަށީގައި އިށީނދިލާ މަޑިސީލަޔާ ދެންވެސް ގެނެވިފައިހުރި ބައެއް އެއްޗެތި ހަމަކޮށްގެން އެއްގަމަށް ހިނގައިގަތެވެ.  ހަނދަށް ބަލައިލުމުން މިހާރު މެންދަމާވަރަށް ގާތްވެފައިވާކަން އެނގުނެވެ. ގެޔަށް ދިޔުމުގެ ނިޔަތުގައި އެއްގަމަށް އަރާ އަވަށުތެރައަށް އެރިއިރު ގޭގޭގައި އާދަޔާ ޚިލާފަށް ދޮރު ލަައްޕާފައި ހުރެއެވެ. އެކަން ފާހަގަކުރެވުނީ އެހެނާ އެއްގޮތަކަށްވެސް ދޮރު ނުލައްޕާ ގޭގޭގައި ދޮރުލައްޕާފައި ހުރީމައެވެ. ދޮރޭ ދެންނެވިއަސް ގިނަގޭގޭގައި ފުޅައްގަނޑެވެ. ކޮންމެއަކަސް މިއީ މާ ބޮޑުކަމަކަށްނުހަދާ އިބްރާހީމްބެ މިސްރާބުޖެހީ އޭނާގެ އަމިއްލަ ގެޔާދިމާއަށެވެ. ފަތިހުގެކުރިން އަރާމު ނިދިކޮޅެއް ލިބުމުގެ އުންމީދުގައެވެ. ގެޔާ ކައިރިވަމުންއައިއިރު ގޭތެރެއިން ރުއިމެއްގެ އަޑުއިވޭކަން ފާހަގަކުރެވުނެވެ. އިބްރާހީމްބެގެ ހިތް އަވަސްވިއެވެ. އަނެއްކާ ދަރިޔަކަށް ކަމެއްވީބާވައޭ ހިތަށްއަރައި ހިނގުން ބާރުކޮށްލިއެވެ. އިބްރާހީމްބެޔަށް ލިބުނީ ހައިރާންކަމެކެވެ. ގޭގެ ދޮރުވަނީ ލައްޕާފައެވެ. އަދިވެސް އިބްރާހީމްބެޔަކަށް ވެގެން އުޅޭގޮތެއް ނޭގުނެވެ. ދޮރުގައި ހިފާލިއިރު އެތެރޭން އައްސާފައެވެ. އިބްރާހީމްބެ ވަރަށްބޮޑަށް ހައިރާންވިއެވެ. އެހެންނާ ދުވަހަކުވެސް މިދޮރަކީ އައްސާދޮރެއްނޫންކަން އިބްރާހީމްބެ ރަނގަޅަށް ދެނަހުރީތީއެވެ. އެތެރޭން އިވެމުންދިޔަ ރުއިމުގެ އަޑުން އެއީ އޭނާގެ އަންހެނުން ފާތިމާގެ އަޑުކަން އެނގުނެވެ. ކުދިންގެ ގިސްލުމުގެ އަޑެއްވެސް އިވޭހެން ހީވެއެވެ. އިބްރާހީމްބެ ހާސްވެއްޖެއެވެ. ފައިދަށުން ބިންގަނޑު ދެމިގެންހެން ހީވިއެވެ. ބިރުގަންނަންވެސް ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. އިޝާނަމާދުންފައިބައިގެން ގެޔަށްއައިސް ކައިހަދައިގެން ގެއިން ނިކުތްއިރުވެސް އަންެހެނުންނާ ކުދިންވެސް ރަނގަޅެވެ. ބަލާކަށްނުހުރެ ދޮރުގައި ހިފާ ބާރަށް ތަޅުވައިގަތެވެ.

ގޭތެރެއިން ރުއިމުގެ އަޑު ގަދަވިއެވެ. ހީވީ ކުއްލިޔަކަށް ބިރުވެރި އެއްޗެއް ފެނިގެން ރޯންފެށިހެންނެވެ. އިބްރާހީމްބެގެ ހައިރާންކަން އިހުނަށްވުރެ އިތުރުވިއެވެ. ހަދާނެގޮތް ހުސްވެއްޖެއެވެ. ބަލާކަށްނުހުރެ ޖެހިގެންހުރި ގޭގެދޮށަށްގޮސް ދޮރުގައި ހިފާލިއެވެ. އެދޮރުވެސްހުރި އައްސާފައެވެ. ގޭތެރެއިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އިބްރާހީމްބެ އަނެއްކާވެސް ގޭދޮށަށް ހިނގައްޖެއެވެ. މާކަގިނައިރެއްނުވެ އިބްރާހީމްބެ ދިޔައީ ސިއްސައިގެންނެވެ. އިވެފެށި އަޑާއެކު ފަހަތަށް ބަލައިލިއެވެ. ރަށުގެ ވަރަށްގިނަ ރައްޔިތުން މިތިބަގެން އަންނަނީއެވެ. އެންމެ ކުރިޔަށްހުރީ ކަތީބެވެ. ގިނަ މީހުންގެ އަތުގައި ދަނޑިބުރިބުރި އޮތެވެ. ބައެއްމީހުން އަތުގައި ކަވަރު ހުރިތަންވެސް ފެނުނެވެ. އިބްރާހީމްބެ ބިރުން ތުރުތުރު އަޅައިގަތެވެ. ހަދާނެގޮތް ހުސްވެއްޖެއެވެ. އިބްރާހީމްބެ ހިތުގައިޖެހުނެވެ. މިމީހުންނަށް ފިލާނީ ކިހިނަކުންހެއްޔެވެ. އެވެސްމަރެވެ. މިވެސް މަރެވެ. އިބްރާހީމްބެ ބާރަށް ހަޅޭއްލަވައިގަތެވެ. އެވަގުތު ކަތީބު ގޮވާލިއެވެ. ޝަހާދަތްކިޔާށެވެ. އިބްރާހީމްބެޔަށް ލިބުނީ ހައިރާންކަމެކެވެ. " އަހަރެން ދީންދޫކޮށްލީ ކޮން އިރަކުހެއްޔެވެ" އިބްރާހީމްބެ ހިތާހިތާ ކިޔާލިއެވެ. ކުޑަވެސް ލަސްކުރުމެއްނެތި ޝަހާދަތް ފެށުނީއްސުރެ ނިމެންދެން ކިޔާލައިފިއެވެ. އެންމެވެސް ތިބީ ހައިރާންވެފައެވެ. ކުއްލިޔަކަށް ގޭގެ ދޮރުވެސް ހުޅުވައިފިއެވެ. އެންމެން އެންމެނަށް އިބްރާހީމްބެގެ ކައިރިޔަށް އަތުވެއްޖެއެވެ. އޭރުވެސް ވެގެންމިއުޅެނީ ކީއްކަމެއް އިބްރާހިމްބެޔަކަށް ނޭގެއެވެ. އެތާހުރި މީހަކުކުރެން އަހާލިއެވެ. އެމީހާ ބުނިގޮތުގައި ވެގެންއުޅޭގޮތް އެނގޭނީ ކަތީބަށެވެ. އެއިރު އިބްރާހިމްބެގެ އަންހެނުންވެސް ގެއިންނިކުމެއްޖެއެވެ." ތީ މަގޭ އިބްރާހިމުދޯ" އޭ ކިޔާ ބުރިކަށީގައި ފިރުމާލިއެވެ. 

މިވީގޮތެއް ނޭގިގެން އިބްރާހީމްބެވަނީ ހައިރާންވެ އަންތަރީސްވެފައެވެ. އަދިވެސް ކަތީބު ހުރީ ރުޅިއައިސްފައެވެ. ފުޅި މުޙައްމަދު ކޮބައިތޯ ވަރަށްބާރަށް ކަތީބު އެހިއެވެ. އޭނާ ހޯދައިގެން ގެނައުމަށް ކަތީބު އެންގެވިއެވެ. ހަލުވި ދެކުއްޖަކު ދުވެފައިގޮސް މުޙައްމަދު ގެނައިރު ހުރީ ހުންއައިސް ރަތްވެފައެވެ. އިބްރާހީމްބެ ފެނުމުން ބިރުން ތުރުތުރު އަޅައިގަތީމާ ކަތީބު ބުނެޏެވެ. ކަލެޔަށް ފެނުނުގޮތަށް ކިޔައިދީބަލާށެވެ. މުޙައްމަދު ކިޔައިދިންގޮތުގައި އޭނާ އަތިރިޔަކަށް ދާންވެގެން ގެއިން ނިކުމެގެން ގޮސް ގޮނޑުދޮށަށް ނިކުތްއިރު އިބްރާހީމްބެ ތާހިރުވެގެން އެއްގަމަށް އަރަނީއެވެެ. ކަމަކުދާކަށްނެތެވެ. ކަނޑުން އަރަގެން އަންނަ އެއްޗެއް އައިގޮތަށް އައިސް ބޮޑު ދެފިޔަގަނޑު އިބްރާހީމްގައިމައްޗަށް ވައްޓާލާ، މާ ގިނައިރެއްނުވެއެވެ. އޭތި އިބްރާހީމްބޭ ކާލައިގެން އެއްގަމަށް ހިނގައިގެންއިރު އިބްރާހީމްބެެޔަކާ ތަފާތެއް ނެތެވެ. ދެން އޭނާ ދުވެފައި އައިސް ކަތީބަށް އެކަން އެންގީއެވެ. ކަތީބު ޗޮކެއް ކަޑާލާފައި މުހައްމަދާދިމާލަށް ވަށްލޯ އަޅަގެންފައި ބުންނެވެ. ކަންކަ ވާގޮތް ރަނގަޅަށް ނުބަލާ ތިޔަޒާތަށް ވާހަކަ ދައްކަންވެއްޖިއްޔާ މިޔަށްވުރެވެސް ދަލުގަންނަން ޖެހޭދުވަސް މަދެއްނުވާނެއެވެ. މިފަހަރުވެސް ހުރިހާ ލަދެއް ގަންނަން މިޖެހުނީ އަޅުގަނޑަށެވެ. ކުރާނެކަމެއްނެތެވެ. މިހެންބުނެފައި ކަތީބު އަނބުރާލާފައި ގެޔާދިމާލަށް ހިނަގައިގަތްފިއެވެ. އެހެންމީހުންވެސް އެކި ވާހަކަ ދައްކަމުން ގޭގެޔަށް ހިންގައްޖެއެވެ. އިބްރާހީމްބޭގެ ދެމަފިރިންވެސް ގޭތެރެޔަށް ވަދެއްޖެއެވެ.
----------------
(ނިމުނ)  

www.fanvai.info