އަދުގެ ޚާއްސަ

Print

ދިވެހިރާއްޖޭގެ، ލޯކަލްކައުންސިލުގެ ނިޒާމު (4)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

http://www.fanvai.info/images/stories/12344.jpgވޯޓްގެ ލިސްޓަށް ތިންވަނައަށް އިތުރުވީ އަތޮޅުކޮމިޓީ މެންބަރުންގެ ވޯޓެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ވޯޓުގެ ޙަޤީޤީ މަންފާ އަދި މިހާރު ވެސް ރައްޔިތުންނަކަށް ނޭނގެ އެވެ. އަދި ހަމަ އެހެންމެ ނޭގުމުގެ މައްސަލައެއްވެސް ނެތެވެ. އަދި އެނގުމުގެ ބޭނުމެއްވެސް ނެތެވެ. (އަޅުގަނޑު މިދެންނެވީ، ވަކިކަމަކަށް ލާ ވޯޓުގެ ވާހަކައެއްވެސް ނޫނެވެ.) މިހެނީ، ވޯޓްގެ ނިޒާމަށްބަލާއިރު (ބޭންކިން ސިސްޓަމުން) ރައްޔިތުންނަކީ "ރަހުނުކުރެވޭ" މުދާކަމަށްވެފައި، ބޭންކަށް ނަގާ މުދަލަކީ، ރަހުނު ކުރެވޭ ރައްޔިތުން ކަމަށްވާތީ އެވެ. މިއަށްވުރެ ތަފްޞީލުކޮށް ދަންނަވާނަމަ، ދެންނެވޭނީ ލޯނު އަދާކުރަން ޖެހެނީ، ރައްޔިތުންގެ ދަލާއި، ލެއިން ކަމަށެވެ. (ބަނޑަށް ޖެހި ބިކަ ވަނީ، ރައްޔިތުން ނެވެ.) އާދެ! ވެނުމަސް، ވެނަށް ކާންދޭ އުޞޫލުން އިންތިޚާބަށް ޚަރަދުކުރަނީވެސް ރައްޔިތުންގެ ފައިސާ އެވެ. އެކަމުގެ ސަބަބުން ހަނަފަސްވަނީވެސް ރައްޔިތުންގެ ދަނޑުފަނގުތަކެވެ. (އެންމެ ފުރިހަމަކަމާއެކު، މިވާކަހަ ތަފްޞީލު ކުރުމަކީ، މިބަޔާނުގެ މަޠުލަބެއް ނޫނެވެ.)

އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 6 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށް 600 ވަރަކަށް ގަނޑު ވޯޓް ލިބި މަޖިލީހަށް ހޮވުނު މެންބަރުންވެސް ބުނަނީ، އޭނާއަކީ، އެދާއިރާގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިގެން މަޖިލީހަށް ހޮވިފައިވާ މީހެއް ކަމަށާއި، ރައްޔިތުންގެ "ވިންދު" އެނގޭކަމަށާއި، އޭނާ މަސައްކަތްކުރަނީ ވެސް ރައްޔިތުންނަށްޓަކައި ކަމަށެވެ. ނަމަވެސް ރައްޔިތުންގެތެރެއިން ގިނަމީހުން ބުނަނީ، މިހާރު އޮތް ރައްޔިތުންގެ މަޖިލިސް، ރައްޔިތުންނަށް ފެންނަނީ، މައްސުނި ބަގީޗާއެއްގެ ގޮތަށްކަމަށެވެ.

"މަތީގައި މިދެންނެވި ގޮތުގެމަތިން މެމްބަރުންގެ ބަސްމަގުގައިވެސް ގޯހެއް ނެތެވެ. މިހެން މިދެންނެވީ، (ވަރަށް ޤާބިލު ފަރާތްތަކުން ކުރިމަތި) ލެއްވި އެންމެ ފަހުގެ، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮވާފައިވާ މެމްބަރުންގެ ފެންވަރާއި، ގިންތިތަކަށް ރިޢާޔަތްކޮށްފަ އެވެ. ކުރުކޮށް ބުނާނަމަ، ބުނެވޭނީ، ބައެއް މެމްބަރުންގެ ކިބައިގައި އަސާސީ ތަޢުލީމުގެ ކުޑަފޮތުގެ ފެންވަރުވެސް ނެތް ކަމަށާއި، ނަމަވެސް އެ މެމްބަރުންގެ ނިންމުންތައް ތަންފީޒުކުރަން، ޝަރުޢީ، ޞިއްޙީ، ތަޢުލީމީ އަދި މިނޫން ދާއިރާތަކުގައި ވެސް، އިސްކޮށް ތިބި ގިނަ މީހުންނަކީ، ޑިގްރީ ހޯލްޑަރުން ކަމަށްވާތީ އެވެ."

އިސްވެ ދެންނެވި ވޯޓާއި ގުޅޭ ޚަބަރުތައް އެއީ ހަމައެކަނި، އަތޮޅުކޮމިޓީ ތަކުގެ ދުވަސްވަރަށް އަމާޒު ކޮށްގެން ލިޔުނު ވާހަކަތަކެއް ނޫނެވެ. އަތޮޅުކޮމިޓީތަކުގެ ވޯޓުގެ އެދުވަސްވަރަކީ، ފަހުގެ ތާރީޚުގައި ރާއްޖޭގެ ރައްޔިތުން ތަޙައްމަލްކޮށްފައިވާ އެންމެ ބޮޑު ގިލަންވެރިކަމުގެ ދުވަސްވަރޭ ދަންނަވާކަށް އަޅުގަނޑު ޖެހިލުމެއް ނުވަމެވެ. މިހެން މި ދެންނެވީ އެގިލަންވެރިކަން އަޅުގަނޑު ވެސް ތަޙައްމަލްކޮށްފައިވާތީ އެވެ.

އާދެ! ކުރިން ނުދަންނަ ކިތައްމެ ކަންތަކެއް، ވޯޓާއި ގުޅިގެން އެދުވަސްވަރު ދަސްވެ، ފަރިތަވެފައިވެ އެވެ. ޚާއްޞަކޮށް ޤާނޫނުތަކާއި، ޤަވާޢިދުތައް ފަހަނަޅާ ދިއުން އެއީ އެންމެބޮޑަށް ދަސްކޮށްދެވިފައިވާ އެއްކަމެކެވެ. އެ ގޮތުން އާޑަފުއްސާރަ ކުރުމާއި، ޖާނާއި، މާލާއި، މުދަލަށް ގެއްލުންދިނުމާއި، ސިޔާސީ ބަދަލުހިފުންތަކާއި، ފަޟީޙަތްކުރުމާއި، އަދިވެސް އެޒާތުގެ ކިތައްމެ ކަމެއް ވަނީ، ދަސްކޮށްދީފަ އެވެ. (ދަސްވީކީ ނޫނެވެ.)

އިސްވެ މިދެންނެވި ކަންތައްތަކުގެ ފެށުމާއިމެދުވެސް (ކުރުގޮތަކަށް) ބަލާލަން އެބަޖެހެ އެވެ. އާދެ! މީލާދީން 1950 ގެ އަހަރުތަކުގެ ފަހުކޮޅުގައި (އެދުވަސްވަރަށް ބަލާއިރު) ސިޔާސީގޮތުން ވަރަށް ކުޅަދާނަ ބޭކަލަކު ގއ.އަތޮޅުގެ ރަށަކަށް އަރުވާލާފައި ހުންނެވި އެވެ. އޭނާއަކީ، މަޝްހޫރު ޙަކީމް ދީދީގެ ޝަރީޢަތްކުރެއްވުމަށް އަމީން ދީދީއާ އެކު ދުރުވި (އޭރު) ސިފައިންގެ ބޭކަލެކެވެ. ނަމަވެސް އޭނާ އަރުވާލެއްވީ އަމީން ދީދީގެ ޖުމްހޫރިއްޔާގެ ގަޑުބަޑުގައި، އެ ދީދީ އާއި ދެކޮޅަށް ހިންގެވި ޢަމަލުތަކާއި ގުޅިގެންނެވެ. އޭނާއަކީ، ހުވަދުއަތޮޅުގައި ބަޣާވާތްކުރި ދުވަސްވަރު ހަވަރުތިނަދޫގައި ތިބި "ސުވާދީބު ސަރުކާރުގެ ސިފައިން" ތަމްރީނުކުރަން އެމީހުން ބޭނުންވި މީހެކެވެ. ނަމަވެސް ފުރަތަމަ ފަހަރު (1959) އިބްރާހީމް ނާޞިރު ހަވަރުތިނަދުވަށް ވަޑައިގަތުމުން (ނާޞިރަށް ސިޓީއެއް ފޮނުވައިގެން އާދެ! މަޖްބޫރުވެގެން އެކަން ކޮށްދިން މީހެއްކަމަށް ދަންނަވައި) ސަލާމަތްކަން އޭނާ ހޯދީ އެވެ. އެހާހިސާބުން އޭނާ ކުށުން ސަލާމަތްވެ، ހީވާގޮތުން ދެން ހަވަރުތިނަދުވަށް އޭނާ އައީ ދެވަނަ ފަހަރަށް ހަވަރުތިނަދޫގައި މީހުން ވަޒަންވެރިކުރިވި ފަހުންނެވެ. ކޮންމެއަކަސް އޭނާގެ ރަންޒަމާނަކީ، އަތޮޅުކޮމިޓީތަކުގެ އިންތިޚާބުގެ ދުވަސްވަރު އާދެ! 1969 އާއި 1975 އާއި ދެމެދުގެ ދުވަސްވަރެވެ. ބޭސްވެރިކަމުގެ މަޢުލޫމާތު ކޮންމެ ވެސް މިންވަރަކަށް ދެނެލައްވާ އެމީހާއަކީ، ބޭސްވެރިކަމާއި އަދި މާލީ ގޮތުންވެސް މީހުންނަށް އެހީތެރިވި މީހެކެވެ. ހަމައެހެންމެ އެދުވަސްވަރުގެ (އަތޮޅުކޮމިޓީތަކުގެ ސަބަބުން) ދެ ބައި ވެފައިވާ ނުވަތަ ސިޔާސީގޮތުން (ހުވަދު އަތޮޅުގެ ކޮންމެރަށެއްގައި ވެސް) އުފެދިފައިވާ "ދެ އުޅަނދުގެ" ކައްޕިތާނަކީ ވެސް އޭނާ އެވެ. އޭނާއަކީ، ވަރަށްކުޅަދާނަ [ނަކުވާ] އެކެވެ. ދެފަރާތަށް ވެސް ހަމަހަމަ ކަމާއެކު ޝަކުވާގެ ސިޓީތައް ޑްރާފްޓްކޮށްދެނީ، އޭނާ އެވެ.

އަތޮޅު ކޮމިޓީތަކުގެ އިންތިޚާބުތަކާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ދެ ޖަމާޢަތެއް އުފެދުނުވެ. އެދުވަސްވަރަކީ، އަނިޔާވެރިކަން އަތުފަތު ނުޖެހި ހިނގަމުންދިޔަ ދުވަސްވަރެކެވެ. ހަމައެއާއެކު، ސަރުކާރުގެ އޮފީސްތަކަށް ހުށަހެޅެމުން ދިޔަ (ޝަކުވާގެ) ސިޓީތަކުގެ ޢަދަދުވެސް ހަމަ އެހާމެ ގިނަ އެވެ. މާދަމާ އިރުއަރާއިރު ގޯތިގެދޮރުގައިހުރި ގަސްގަހުގެ ސަލާމަތާމެދު ކުޑަވެސް ޔަޤީންކަމެއް ނޯވެ އެވެ. ފަޅުގައި ހުރި އޮޑިދޯނި ފަހަރާއި، ބޮއްކުރާ ފަހަރު ފައްތާނުލައި ނުވަތަ އޮޔާ ނުގޮސް އޮންނާނެ ކަމުގެ ޔަޤީންކަމެއްވެސް ނޯވެ އެވެ. ޓިނު ފުރާޅުތައްހުރި ގޭގެ މީހުންނަށް ލޮލުފިޔައެއް ނުޖެހޭނެ އެވެ. ހަޅޭއްފަޅޭއްލެވުމާއި، ތަންތަނުގައި ހުޅުޖެހުންވަނީ ޢާއްމުވެފަ އެވެ. ބައެއް ރަށްރަށުގެ އިސްކޫލުތަކުގައިވެސް ހުޅުޖަހާފައިވެ އެވެ. އެގޮތުން ޑިސެމްބަރ 10، 1969 ގައި ހަވަރުތިނަދޫ ރައްޔިތުންގެ މަދަރުސަ [ހަވަރުތިނަދޫ މިސްބާހުލްހުދާ] އާއި އެނޫން ތަންތަނުގައިވެސް ވަނީ ހުޅުޖަހާފަ އެވެ.

(އެދުވަސްވަރު އެ އަތޮޅުގެ މަސްރަޙް އޮތް ގޮތް ޅ.ނައިފަރު މީނާޒް އަލްފާޟިލް މުޙައްމަދު ޒަކަރިއްޔާގެ ޑައިރީން ވަރަށްސާފުކޮށް އެނގެ އެވެ.) އެއީ ވަރަށް ނުރައްކާތެރި އަދި ވަރަށް ބިރުވެރި ދުވަސްވަރެކެވެ. މިހާރުގެ ގޮތަށް ދަންނަވާނަމަ، އެދުވަސްވަރަކީ، އެކަށައެޅިފައި އޮތް ސްޓްރެޓެޖީ އެއްގެ ދަށުން ކަންކަން ހިންގަމުންގެންދިޔަ ދުވަސްވަރެކެވެ. އެގޮތުން އެއްޗަކަށް ނުވަތަ ތަނަކަށް ގެއްލުން ދޭން ބޭންވެއްޖެނަމަ އެންމެ ފުރަތަމަ ގެއްލުންދެނީ (ބަހަނާއެއްގެ ބޭނުމުގައި) ތިމާގެ އަމިއްލަ ނުވަތަ ގާތްތިމާގެ މީހެއްގެ އެފަދަ ތަކެއްޗަށެވެ. ތިމާ ތާއީދުކުރާ ބައިގެ މީހުންނޫން އެހެން މީހުންނަކީ، އިންސާނުންކަމަކަށްވެސް ނުބެލެވެ އެވެ. އެއީ މަންމަ / ބައްޕަ ނުވަތަ ދަރީން / އެއްބަނޑު ތިމާގެ މީހުންކަމަށް ވިއަސް މެ އެވެ.
-----------------
(ނުނިމޭ)

އިދާރާ

ވާހަކަ