އަދުގެ ޚާއްސަ

Print

ދިވެހީންނާއި، ވާރުޚަރާޖު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް


މަޑަވެލީ ޢަލީ ނަޞީރު

http://www.fanvai.info/images/stories/gst.jpgވާރުޚަރާޖަކީ، މިހާރު މިކިޔާ ޖީ.އެސް.ޓީ، އެވެ. ދިވެހި ކޮންމެ ރައްޔިތަކު ވެސް ވާރުޚަރާޖު ދައްކަން ޖެހެއެވެ. ވާރުޚަރާޖަކީ، ޢުމުރުން 15 އަހަރުން މަތީގެ ކޮންމެބޮލަކުން އަހަރަކު އެއްފަހަރު ސަރުކާރަށް ދައްކަންޖެހޭ ތަކެއްޗެވެ. ވާރުޚަރާޖުގެ ގޮތުގައި ނުވަތަ ވާރަށް، ކޮންމެ ބޮލަކުން (1) އެއްރާތާ ކަޑުމަސް ނުވަތަ (ފައިސާގެ ގޮތުގައި ކުދިބޮލި ބޭނުންކުރި ޒަމާނުގައި) ވަޅެއް ނުވަތަ ކަނޑައެޅޭ ވަކި ޢަދަދެއްގެ "ކުދިބޮލި" ނުވަތަ ސަރުކާރުން ކަނޑައަޅާފައިވާ، އަގުމަގުކުރެވޭ ކޮންމެ ވެސް އެއްޗެއް ނުވަތަ މިންވަރެއް ސަރުކާރަށް ދައްކަން ޖެހެ އެވެ. އެމީހެއްގެ ކިބައިގައި، ވާރުދޭންޖެހޭފަދަ ތަނަވަސްކަން ހުރިކަން ނުވަތަ ނެތްކަން ކަނޑައަޅުއްވަނީ، ސަރުކާރުންނެވެ. ވާރުދޭންޖެހޭ މީހަކު ވާރުނުދީފިނަމަ، އެމީހަކު ކުށްވެރިވާނެ އެވެ.
 

އާދެ! ރަށްރަށުގެ ކަތީބުން މުދިމުންނަށާއި، އެހެނިހެން ޚަރަދުބަރަދު ހިންގަން ރައްޔިތުންގެ އަތުން ނެގަނީ، މަސްބައި، އެރިބައި، ރުކުރާ ފަދަ ތަކެއްޗެވެ. އެއީ، ކަތީބު ނުވަތަ މުދިމުންގެ "ބައި" އެވެ. އެއަށް ކިޔާ ނަމަކީ "އުޖޫރަ" އެވެ. އެއީ ވާރުޚަރާޖެއް ނޫނެވެ. ސަރުކާރުގެ މުއައްޒަފުންނަށް، ސަރުކާރުން މުސާރަ ދެއްވަން ފެއްޓެވީ، އަލްފާޟިލް އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމުގަ އެވެ. 

ވާރުޚަރާޖުގެ ގޮތުގައި ރައްޔިތުންގެ އަތުން ނަގާ ކުދިބޮލި (ބޮލިކޮއްޓޭތައް) ސަރުކާރުގެ ކަމާބެހޭ ފަރާތަށް ފޮނުވެންދެން ރައްކާ ކޮށްފައި ބަހައްޓަނީ، މިސްކިތްތަކުގެ މަތިވަޑާމުގެ މަތީގަ އެވެ. އަދި ރައްކާތެރި ތަންތަނުގައި ވަޅުލާފައި ވެސް ބަހައްޓަ އެވެ. އެތަކެތީގައި އަތްލައި ހެދުމަކީ، މަނާކަމެއްކަމަށްވާތީ، އެއްވެސް މީހަކު އެ ތަކެއްޗާއި، ނުބެހޭނެ އެވެ. ބޮލިކޮއްޓޭއަކީ، ފަންވަތުން ވިޔެފައިހުންނަ މުޅި ނުވަތަ ގޮނު ނުވަތަ މުންސާ ނުވަތަ ދަބަސް ފާޑުގެ އެއްޗަކަށް ކިޔާ ނަމެކެވެ. 

ކަނޑުންލައްގާތަކެއްޗާއި، ބިންކޮނަނިކޮށް ފެންނަ (އަގުމަގުކުރެވޭ) ތަކެއްޗަކީ ވެސް ސަރުކާރުގެ ތަކެއްޗެވެ. އެތަކެތި ދައްކަން ޖެހެނީ، ސަރުކާރަށެވެ. ޚާއްޞަކޮށް މާވަހަރެއް ހޮވިމީހަކު "އޭނާހޮވި، މާވަހަރަށް" ކުޑަނަމަވެސް އުނިކަމެއް ކޮށްފިނަމަ އޭނާއަށްދޭ އަދަބަކީ 15 އެތިފަހަރުން ތަޢުޒީރުކުރުމަށްފަހު އަދަގޮނޑީގައި ޖެހުމެވެ. 

އާދެ! ތަޢުޒީރުކުރުމަކީ، ކަކުލުހުޅުން މަތީގައި (ފުރަގުގައި) ފައިގެ ފަލަމަސްގަނޑުގައި ދުއްރައިން ތެޅުމެވެ. (ދުއްރައިން ތެޅުމަށް، އިނގިރޭސިބަހުން ކިޔަނީ "ޕެޑަލް ޕަނިޝްމަންޓް" އެވެ.) އެގޮތުން ހުވަދު އަތޮޅު މާމެންދޫ މޫސާބޭ އެވެ، ކިޔާމީހަކު، ގޮނޑުދޮށުން ހޮވި، ކަޅުކުލައިގެ އެއްޗެއް ބޭނުން ކޮށްގެން އުދުނެއް ހަދައިގެން ރާކައްކަން އުޅުމުގެތެރޭގައި އޭތި ވިރިގެންދިއުމުން، އެއީ މާވަހަރެއްކަން އެނގި، އޭނާއަށް ސަރުކާރުން އަދަބު ދިންކަމަށް ބުނެވެ އެވެ. އަދި ހުވަދު އަތޮޅު ނަޑެއްލާގެ ކުޑަކޮއިއެވެ، ކިޔާމީހަކު ހޮވި މާވަހަރެއް ފޮރުވުމުގެ ކުށުގައި މާލެއަށް ގެންދިޔަގޮތަށް އަދިއަދަށް ވެސް އޭނާގެ ޚަބަރެއް ނުވާކަމަށް ވެސް ބުނެވެއެވެ. (ބުނެވޭ ގޮތުގައި އޭނާ ޖާޑީއަކަށް ލައި ގަނޑުވަރުތެރޭގައި ވަޅުލީ އެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ކަމެއް ނޭނގެ އެވެ.) މި ދެ ޙާދިސާ ހިނގާފައިވަނީ (1902މ. ން 1934މ. ށް ރައްކަންކުރެއްވި) އައްސުލްޠާން މުޙަންމަދު ޝަމްސުއްދީނު (111 ވަނަ) ގެ ރަސްމަގުގަ އެވެ. ދާދިފަހަކާ ޖެހެންދެން ވެސް އެކަން އެތުގައި ދެމިއޮތެވެ. 

ތާރީޚީ ފަތްފުށްތަކުން ވާރުޚަރާޖު


މީލާދީން 1388 ވަނަ އަހަރު ރަސްކަންކުރެއްވި ފެހެންދޫ އުޘްމާނު ރަސްގެފާނު (އުސްމާނު 1 ވަނަ) ގެ ރަސްކަމުގައި ހުވަދު 
އަތޮޅު ވާރުއޮޑި، ވާރަށް ދައްކަންޖެހޭ ތަކެތި ހިފައިގެން މާލެ އައި ވާހަ ފުލޯކު ވާހަކާގައި ކިޔާފައިވާތީ، ސަރުކާރަށް ބޭނުންވާ ތަކެތި، "ރައްޔިތުންގެ އަތުން، ނެންގެވުމަކީ" އަންދުހު އާދަމަތިން، އަބަދު ވެސް ހިނގަމުންދާ ކަމެއްކަމަށް ޤަބޫލުކުރެވެ އެވެ. (ދިވެހި ތާރީޚް)
މީލާދީން 1704 ން 1720 ށް ރަސްކަންކުރެއްވި އައްސުލްޠާން މުޟައްފަރު މުޙަންމަދު ޢިމާދުއްދީނު (2 ވަނަ) ނުވަތަ ދިޔަމިގިލީ ބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގެންނެވި އިރު ހަމަޖެހިފައި އޮންނަ އުޞޫލަކީ، އެދުވަސް ވަރެއްގައި މާލޭގައި ކުރަންޖެހޭ ސަރުކާރުގެ މަސައްކަތްތައް ފަޅުއޮޑިފަހަރުގެ މީހުންލައްވައި ކުރުވާގޮތަށެވެ. އާދެ! ދިޔަމިގިލީ ބަންޑާރައިން ރަސްކަމަށް އިސްވެ ވަޑައި ގަތުމަށް ފަހު، އެރަދުން އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކަށްފަހު (ފަޅުއޮޑިފަހަރުގެ މީހުންނަށް ނުވަތަ ރައްޔިތުންނަށް ލުއިކޮށް ދެއްވުމުގެ ގޮތުން) ހަމަޖެއްސެވީ، ކުރިން މަސައްކަތްކުރުވަމުން ގެންދިޔަ ގޮތް ބަދަލުކޮށް، ރައްޔިތުންގެ އަތުން ވާރުޚަރާޖު ނަންގަވައި، އެތަކެތީން އަގުދެއްވައިގެން މަސައްކަތް ކުރައްވާ ގޮތަށެވެ. 

ދައުލަތަށް ތަކެތި ލިބޭ ގޮތް


1 . ރައްޔިތުންގެ ކިބައިން ނެނގޭ ވާރު
2 . ކަނޑުން ލައްގާ ތަކެތި 
3 . ދަނޑުފަނގު ގޮއި (ދަނޑުފަގުން ލިބޭ ތަކެތި)
4 . ވިޔަފާރުވެރީންގެ އަތުން ނެގެވޭ ތަކެތި
5 . ފުރަބަންޑާރަ ރަށްރަށުގެ ތަކެތި. މިއިން ކޮންމެ ތަކެއްޗަކާއިމެދުގައި އެކިއެކި ޒަމާނުގައި، އެކިއެކި ގޮތްގޮތަށް ނެގެވިފައިވާކަމަށް ފެންނާން އެބަހުއްޓެވެ.

ދައުލަތުން ކުރެވޭ ޚަރަދު


މިކަންތައްތަކުގެ ވަކިމިވެނި އިންތިޒާމެއް އެއްވެސް ޒަމާނެއްގައި އޮތްކަމަކަށެއް ނުފެނެ އެވެ. ތަޢުލީމުގެ މައްޗަކަށް، ބޭސްވެރި 
ކަމުގެ މައްޗަކަށް ޚަރަދެއް ހިނގި ޒަމާނެއް ނުފެނެ އެވެ. އިސްކަންދަރު ރަސްގެފާނުގެ ޒަމާނުން ފެށިގެން ދެއްވަދޫ ރަސްގެފާނުގެ ޒާމާނުގެ ނިޔަލަށްދާންދެން ދީނުގެޢިލްމު އުނގެނނެވުމަށް ޒާތަކުގެ ބާރެއް ދަވްލަތުގެފަރާތުން ހުއްޓަތީ ފެނެ އެވެ. ޚަރަދެއް ކުޅައުމަށް ކޮންމެހެން ބޭނުން ވެއްޖެ ކޮންމެކަމަކަށް ޚަރަދު ހިންގަނީ އެވެ.  އެ ވަގުތަކަށް ކުރާންވެއްޖެ ކަމަކަށް އަބަދަށްމެ ރައްޔިތުންގެ ކިބައިން އެކިއެކި ޒާތްޒާތަށް ތަކެތި ހިފެވެމުންދާތީ ފެނެ އެވެ. (ދިވެހި ރާއްޖޭގެ ޤާނޫނީ ޙަޔާތް: ޞ 5 ން 10 ށް)

އާދެ! މޯލްޑިވްސް ކަސްޓަމްސްގެ ރިޕޯރޓުން އެނގޭގޮތުގައި އެންމެ ފުރަތަމަ އިމްޕޯޓް ޑިއުޓީ ނަގަންގަވަށް ފެށުނީ 1890މ. ވަނަ އަހަރު އެވެ. ނަމަވެސް އޭރު ޑިއުޓީ ނަންގަވަނީ، ހަމައެކަނި ކާޑުގެ ބާވަތްތަކުންނެވެ. 

ގޮއިފާލައްބަ


"ގޮއިފާލައްބަޔެއް ލިޔުއްވައިގެން އުޅޭ މީހެއްގެ ބަޔެވެ. މިފަދަ ގަސްރުކަށް "ދެބައި" މިހެން ކިޔައި އުޅެއެވެ. ފަސްތައް: ގަހެއް ރުކެއްގައި ފަސްތައް ޖަހާފައިވަނީނަމަ، އެއީ ތައްކަށްޓަށް ހަމަޖެހިފައިވާ އެއްޗެކެވެ. މީހުން އުޅޭ ރަށްރަށާއި ފަޅުރަށްރަށުގައި ވެސް ދަނޑުގޮވާންކުރެ އެވެ. އެ ޒަމާނާއި އެކަށީގެންވާ މިންވަރަށް ބިމުގެ ފައިދަ ހޯދައެވެ. ވުޒާރަތުލްމާލިއްޔާއިން ފަޅުރަށްރަށާއި، ގޮއިފާލައްބަ ލިއުއްވައިގެން އުޅޭމީހާއަށް." (ޞަލާޙުއްދީން ޑޮޓްކޮމް)

އައިސާބީގެ ދަރު ޙުސައިން ތަކުރުފާނުގެ ފުތް، އަލްފަޤީޙު އިބްރާޙީމް ތަކުރުފާނު (އައިސާބީގެ ދަރު ދޮންބެއްޔާ) ދުނިޔޭގައި ހުންނެވިހައި ދުވަހު އައްޑޫ ގަމުގެ ގޮއި އޮތީ، މި ތަކުރުފާނުންގެ މޭޒުމައްޗަށް ވަރުވާޔަކާއި ނުލައި ދެއްވައިފައެވެ. ދެއްވީ ޢިމާދުއްދީން 
ރަދުންގެ ޒަމާނުގަ އެވެ. އޭނާ ރަސްކަންކުރެއް 1893މ. ން 1902މ. އަށެވެ. (ދިވެހި / ތާރީޚް)

ޢީދު ގާތްވަމުން އަންނައިރު، އަންހެންވެރިން ވަލަށްގޮސް ބޮޑެތި މުޅޯށިތައް ފުރަފުރައިގެން އުނބު، ދަރުގެންނާނެ އެވެ. ގޮއިފާލައްވަތަކަށް، ހިންނަތަކަށް ވަދެ ކާށި ހޮވައި، އޭގެ ތެރޭން ބޮޑެތި ކާށީން ތެޔޮ ހާނަ އެވެ.

ރައްޔިތުންގެ އަތުން ރަށުގެ ވެރީންނަށް ނަންގަވާ ތަކެތި

މަސްވެރީން ބާނާ މަހުން ކަތީބުން، މުދިމުންނަށް ބައި ނެގުމުގެ އާދާއަކީ 1959މ. ވަނަ އަހަރާ ހަމަޔަށް ހިނގަމުންއައި އާދަ އެކެވެ. އެދުވަސްވަރު ނަގަނީ ކޮންމެ "ހިޔަ" ކުން 4 މަހެވެ. (ހިޔަ އަކީ 98 މަހެވެ.) އެގޮތުން ކޮންމެ މަސްދޯންޏަކުން، ބާނާ މަސް ހިޔައަކުން މުދިންމީހާއަށް 4 މަސް ކަތީބުންނަށް 4 މަސް ނަންގަވަ އެވެ. ކަތީބުމަސް ބަހަނީ ހުރިހާ ކަތީބުންނަށެވެ. އަދި ރާއެރީންގެއަތުން ހަކުރު ވެސް ނަންގަވަ އެވެ. އެއީ ކަތީބުން، މުދިމުންގެ އުޖޫރަ އެވެ. އޭގެ ފަހުން ރަށްރަށުގައި ރައްޔިތުންގެ މާލިޔާތައް ޤާއިމުކުރެވި، މާލިއްޔާއަށް މަސްބައެއް ނަގަން ފެށުނެވެ. އަދި ހަކުރާއި، ކާއްޓާއި، ބޮއްޔާއި، ރޯނާއި، އަދި މިނޫނަސް އެފަދަ އެހެންތަކެތި ނަންގަވަމުންގެންދިޔައެވެ. މާލިއްޔާއަށް ނަންގަވާ ތަކެއްޗަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމުގެ ޚަރަދުބަރަދަށް ނަންގަވާ ތަކެއްޗެވެ. 

އިތުރު ތަފްޞީލް:


އާދެ! ހުވަދު އަތޮޅުގައި ރައްޔިތުންގެ މަލިއްޔާއެވެ. އެ މާލިއްޔާ، ޤާއިމުކުރެއްވީ އެ އަތޮޅުގެ އަތޮޅުވެރިޔާ، އަލްފާޟިލް ވީރު އަލި ދީދީ އެވެ. އޭނާއަށް ފުރަތަމަ ފަހަރަށް އަތޮޅުވެރިކަން ލިބިވަޑައިގަތީ، ޖުމާދަލްއާޚިރާ 28، 1363ހ. (ޖޫން 19، 1944މ.) އެވެ. ހުވަދު އަތޮޅު ރައްޔިތުންގެ މަލިއްޔާ އުވުނީ 1957މ. ވަނަ އަހަރު އެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ ރަސްމިއްޔާތު ޒީނަތްތެރިކުރުމަށްޓަކައި، ސިލޯނުގެ އުނބުޗީ މަރައްކާރު އަތުން ދިވެހި ސަރުކާރުންގެނައި ތަކެއްޗަށް ދަރާފައިވާ ދަރަންޏަށް ދައްކަންޖެހުނު އައްޑިހަ ހާސް ރުފިޔާގެ ދަރަނި ޚަލާޞް ކުރުމަށްޓަކައި، މާލިއްޔާއިން ކޮޅުބަށްގެންދިޔަ އައްޑިހަހަންދަރު ހިކިކަނޑުމަސް (އެފަހަރު ގެންދި ހުރިހާމަސް) ދިނުމުގެ ސަބަބުން ނެވެ. 

ހަވަރުތިނަދޫ ބަޣާވާތުގެ ދިރާޘާއިން އެނގޭގޮތުގައި، އަލްފާޟިލް އިބްރާހިމް ނާޞިރުގެ ބޮޑު ވަޒީރުކަމުގައި (1958މ. ވަނަ އަހަރު ފެށިގެން) ދަވްލަތަށް ނަންގަވާ ޢާމްދަނީގެ ދާއިރާ ފުޅާކުރެއްވި އެވެ. އެގޮތުން އިމްޕޯރޓް އެކްސްޕޯރޓް މުދަލުން ޑިއުޓީ ނަންގަވައި، ފަޅުރަށްރަށް ވާރުވާއަށް ލިޔެދެއްވައި، އޮޑިދޯނިފަހަރުން "ފީ" ނަންގަވާގޮތަށް ހަމަޖެއްސެވި އެވެ. އޭރު އެތަކެއްޗަށް ކިޔަނީ "މަޢުމޫލު" އެވެ. އެދުވަސްވަރާ ހަމަޔަށް ވެސް ރަށްރަށުގެ ވެރީންނަށް އުޖޫރަ ދެއްވަނީ، ރައްޔިތުންނަށް ލިބޭ ޢާއްމުދަނީ ކަމަށްވާ މަހާއި، ހަކުރާއި، ކާއްޓާއި އަދި މިނޫން ވެސް އެފަދަ ބާވަތް ތަކުންނެވެ. ކަތީބުން، މުދިމުންނަށް ދެމުންގެންދިޔަ މަސްބައި ކަނޑުއްވައި ލައްވައި އެމީހުންނަށް މުސާރަދެއްވާގޮތަށް ހަމަޖެއްސެވީ، ބޮޑުވަޒީރު އަލްފާޟިލް އިބްރާހިމް ނާޞިރެވެ. އެދުވަސްވަރު އެއަރ ޕޯރޓް ހެދުމުގެ މަސައްކަތަށް ކޮންމެރަށަކުން ގެންދިޔަ ދެމީހުންގެ އުޖޫރަޔަށްދިނީ ރަށުގެކޮންމެ މަސްދޯންޏަކުން މަސްބައެކެވެ.

------------ 
(ނުނިމޭ)

އިދާރާ

އެނގޭތަ؟

ވާހަކަ