އަދުގެ ޚާއްސަ

Print

ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ދިވެހީންގެ މައްޗަށް އެހާގަދަވީކީއްވެ؟

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުﷲ ޢިމްރާން / އދ. ހަންޏާމީދޫ

ތަޢާރަފު

ވޯރާއިންނަކީ އުތުރު ހުޅަގު އިންޑިޔާގެ ރައްޔަތުންނަށް އިހުގެ ދިވެހީން ކިޔާއުޅުނު ނަމެކެވެ. މީލާދީން 1857އަހަރުގެ ކުރިން ވޯރާއިންނާއި އެހެނިހެންވެސް ބޭރުގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި ވިޔަފާރި ކުރަމުންއައީ ވަކި މޫސުމެއްގައި ރާއްޖެއަށް އައިސް މާލޭގެ ބޮޑުފާރުން ބޭރުގައި ވަގުތީ ހިޔާތަކެއް ޤާއިމުކޮށްގެން ކޮންމެ އަހަރަކުވެސް ހަތަރު މަހެއްހާ ދުވަހު ކަމަށް އަބްދުލް ހަކީމް ހުސައިން މަނިކު (2000) ބަޔާންކުރައްވައެވެ. ނަމަވެސް ދިވެހި ބޮޑުންގެ ތެރޭގައި އުފެދުނު ވާދަވެރިކަމެއްގެ ސަބަބުން ރާއްޖެއަށް ވިޔަފާރިކުރާން އައިސް އުޅުނު ވޯރާއިންނަށް ދާއިމީ ގޮތެއްގައި ރާއްޖޭގައި ވަޒަންވެރިވެގެން ވިޔަފާރިކުރުމުގެ ހުއްދަތައް ދެވެން ފެށުނެވެ. މި ހުއްދަތަކާއި ގުޅިގެން ވިޔަފާރި ކުރުމަށް ރާއްޖޭގައި ވަޒަންވެރިވި ވޯރާއިންގެ ނުފޫޒު ދިވެހީންނާއި ދިވެހި ވެރިކަމުގެ މައްޗަށް އިންތިހާއަށް ގަދަވިއެވެ. މި ކުރު ދިރާސީ މަޒުމޫނުގައި ބަލާލާނީ ވޯރާވިޔަފާރިވެރިން އެހާ ނުފޫޒު ގަދަބަޔަކަށް ވާންޖެހުނު ސަބަބުތަކުގެ މައްޗަށެވެ.

ވޯރާއިންނަށް ރާއްޖޭގައި ވަޒަންވެރިވެވުނުގޮތާއި އެމީހުންގެ ނުފޫޒު ގަދަވާންދިމާވި ސަބަބުތައް
އަތިރިގޭ އާއިލާއަކީ ރާއްޖޭގައި އުފެދުނު އެންމެމުއްސަދި އާއިލާ އެވެ.
 
މި އާއިލާއާ ވިޔަފާރީގެ ގޮތުންނާއި ސިޔާސީގޮތުން އެންމެ ބޮޑަށް ވާދަކުރަމުންއައި އާއިލާއަކީ ކަކާގޭ އާއިލާ އެވެ. އެހެންކަމުން އަތިރީގޭ އާއިލާއަށްވުރެ މުއްސަދިވުމުގެ ބޭނުމުގައި ކަކާގޭ މުހަންމަދު ރަންނަބަނޑޭރިކިލެގެފާނު އޭނާގެ ބޮޑުވަޒީރުކަމުގައި ވޯރާ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ޓީ. އައި. ޖޭ. ނޫރުބަހީ ކުންފުނީގެ ވިޔަފާރިވެރިން ރާއްޖެއަށް ގެންނެވިކަމަށް އަބްދުލްހަކީމް ހުސައިންމަނިކު (2000) ބަޔާންކުރައްވަ އެވެ.
 
މިއީ ރައްޖޭގައި ވަޒަންވެރިވެގެން ދާއިމީކޮށް ވިޔަފާރިކުރުމުގެ ހުއްދަދެވުނު ފުރަތަމަ ވޯރާ ވިޔަފާރި ކުންފުންޏެވެ. ދިވެހި ދައުލަތުން ދިން ދައުވަތު ޤަބޫލުކޮށް މިކުންފުނީން ރާއްޖެއައިސް ދިގުފިހާރަކިޔާފިހާރައެއް ހަދައިގެން ވިޔަފާރިކުރާން ފަށީ 1857މ.ގަ އެވެ.

ދިވެހިރާއްޖޭގައި ދާއިމީގޮތެއްގައި ވޯރާއިން ވިޔަފާރި ކުރާން ފެށުމާއެކު ދިވެހީންގެ ވިޔަފާރިތަކަށް ހީނަރުކަން އަންނަންފެށި އެވެ. މިހެންވުމަށް މެދުވެރިވި އެއްސަބަބަކީ ވޯރާއިން ވިޔަފާރިކުރާގޮތަށް ފުޅާދާއިރާއެއްގައި އޭރުގެ ޢާންމު ދިވެހީން ވިޔަފާރިކުރަމުން ނުދިޔުމެވެ. އެގޮތަށް ވިޔަފާރިކުރާ ދިވެއްސަކަށް އޭރު ރާއްޖޭގައިހުރި ހަމައެކަނި ވިޔަފާރިވެރިޔަކީ އަލީ ދޮށިމޭނާ ކިލެގެފާނުކަމަށް ނަސީމާ މުޙަންމަދު (2010) ވިދާޅުވެއެވެ. ވޯރާއިންނަށް ދެވުނު ހުއްދައާމެދު ހިތްހަމަޖެހިވަޑައިނުގެން އެކިލެގާފުވެސް ރާއްޖެދޫކުރައްވައި ސިލޯނުގެގާއްޔަށް ގޮސް އެތަނުގައި ވަޒަންވެރިވުމުން ދިވެހީންގެ ވިޔަފާރިތަކަށް ލޮޅުންއެރުމަށް މަގުފަހިވީ އެވެ. އަނެއްކޮޅުން ވޯރާއިން ރާއްޖޭގައި ވިޔަފާރިކުރާންފެށީ އޭރު ރާއްޖޭގައި ތިބި ވިޔަފާރިވެރިންނާއި ނުބައްދަލުވާހައި ބޮޑެ ތިރައުސްމާލު ތަކަކުންނެވެ (މުޙަންމަދު ނަޝީދު،1993). މިހެންވުމުން ދިވެހި ވިޔަފާރިތައް މަޑުމަޑުން ހުއްޓުމަކަށް އައީއެވެ. ވޯރާއިންނަށް ދިވެހި ވިޔަފާރިތަކުގެ ލަގަން ލިބިގެންދިޔައީ އެވެ.
     
ދިވެހީންގެ އުޅަދުތައް ކުދިވުމުންނާއި ދިވެހީންގެ ވިޔަފާރިތަކުގެ "ސޭލްސް" ދައްވުމުން، ދިވެހި އޮޑިފަހަރު ބޭރަށްކުރާ ދަތުރުތައް މަދުވިއެވެ. މިދަތުރުތައް މަދުވާން ދިމާވި އަނެއް ސަބަބަކީވޯރާއިން މުދާއެތެރެކޮށް ބޭރުކަރަމުންދިޔައީ އެމީހުންގެ އަމިއްލަ އުޅަދުފަހަރުގައި ކަމަށްވުމެވެ (ނަސީމާ މުޙަންމަދު، 2010). ހަމައެއާއެކު ރާއްޖޭންބޭރުގައި ވޯރާއިންގެ ވިޔަފާރިތައް ހުރުމުން، ރާއްޖެއިން އެމީހުން ބޭރުކުރާ މުދާއެތަންތަނުގައި ރީޓޭލްކޮށް ހެޔޮއަގުގައި ވިއްކާންފެށި އެވެ. މުޙަންމަދު ނަޝީދު (1993) ހާމަކުރައްވާގޮތުގައި މީގެ ނަތީޖާއަކަށްވީ ދިވެހިވިޔަފާރިން އިދަޖެހި ވިޔަފާރިތައް ބަގުރޫޓްވެގެންދިޔުމެވެ. މިހާހިސާބުން ދިވެހިރާއްޖޭގެމުޅިއިޤްތިޞާދު ކޮންޓްރޯލްކުރާ ބަޔަކީ ވޯރާއިންކަމަށްވި އެވެ. މިހެންވުމުން ދިވެހީންގެ ކަންކަމާއި ބެހި ގޮތްކިޔުމަށް ވޯރާއިންނަށް މަގު ތަނަވަސްވި އެވެ.

ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (1993)ބަޔާންކުރާގޮތުގައި ވަޤުތުގެ ބޭނުން ހިފައި ވޯރާއިން އެމީހުންގެ ނުފޫޒު ދިވެހީންގެ ދާޚިލީކަންކަމަށް ފޯރުވާންފެށި އެވެ. ވީމާ ވޯރާއިން އެހާ ނުފޫޒުގަދަ ބަޔަކަށްވީ އެއް ސަބަބަކީ ދިވެހި އިޤްތިޞާދު އެމީހުންގެ ބާރުގެ ދަށަށް ދިޔުންކަން ހާމަވެ އެވެ.

ވޯރާއިން ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން ވިޔަފާރިކުރަން ފެށިތަނާހެން ދިވެހީންގެސިޔާސީ މަސްރަހަށް ބަދަލުތަކެއް އައެވެ. މުސްކުޅިބަންޑާރައިން އަވަހާރަވެ، އެރަދުންގެ ދަރިކަލުން އިބްރާހީމްނޫރައްދީން ރަސްކަމަށް އިސްވިއެވެ. ބޮޑުވަޒީރަކަށް ހުންނެވި އަދި ވޯރާއިން ރާއްޖެއަށް ގެންނެވި، ކަކާގޭ މުހަންމަދު ރަންނަބޭރިމަނިކުފާނު ބޮޑުވަޒީރުކަމުން ދުރުކުރެވި، އަތިރީގޭ އިބްރާހީމްދޮށިމޭނާކިލެފާނަށް އެމަޤާމުދެއްވުނެވެ(މަންދޫމުޙަންމަދުވަހީދު (1987).މިހެންވުމުން ކުރީއްސުރެ އަތިރީގެއާއި ކަކާގޭއާއި ލާއާދެމެދުގައިހިނގަމުންއައިވިޔަފާރީގެވާދަވެރިކަމަށްބޮޅެއްއިތުރުވުމަށްމަގުފަހިވިއެވެ. ނަތީޖާއަކަށްވީ އަތިރީގޭއިބްރާހީމްދޮށިމޭނާކިލެގެފާނުއޭނާއަށްވާގިވެރިވާނޭވޯރާވިޔަފާރިކުންފުންޏަކަށް ރާއްޖޭގައިވިޔަފާރިކުރުމުގެ ހުއްދަދެއްވުންކަމަށްއަބްދުލްހަކީމްހުސައިންމަނިކު(2000) ވިދާޅުވެއެވެ.

އެކުންފުންޏަކީ އޭރުލަންކާގައި އެންމެނަންމަޝްހޫރުވޯރާވިޔަފާރިކުންފުނި، ކަރީމްޖީޖައުފަރުޖީގެކުންފުންޏެވެ.  ދިވެހި ބޮޑުންގެތެރޭގައި އޮތް މިސިޔާސީ ވާދަވެރިކަމުގެ ސަބަބުން،ދިވެހިބޮޑުން ދިޔައީ ވޯރާއިންނަށް އެކި ސިފަސިފައިގައި އެކިކަހަލަ ހުއްދަތަކާއިހިމާޔަތްތައް ދެމުންނެވެ (މުޙަންމަދު ނަޝީދު 1993).މިހެންވުމުން ވޯރާއިންނަށް ދިވެހި ސިޔާސަތާއި ބެހި ފާޑުކިޔުމަށް ފުރުޞަތު ލިބިގެންދިޔައެވެ. ކުރުކޮށް ދަންނަވަނީނަމަ ސިޔާސީ ފަރާތްތަކުން ސިޔާސީ ހަތިތާރެއްގެގޮތުގައި ވޯރާއިން ބޭނުންކުރުމުގެ ސަބަބުން ވޯރާއިންގެ ނުފޫޒު ދިވެހީންގެ މައްޗަށް ގަދަވުމަށް މަގުފަހިކުރުވިއެވެ.

އަތިރީގޭއިބްރާހީމްދޮށިމޭނާކިލެގެފާނުދައުލަތުގެ ޚަރަދުތައް ދެކޮޅުޖެއްސެވުމަށާއި ވޯރާއިންގެ ކިބައިން ރާއްޖޭގެ އިޤްތިޞާދުސަލާމަތްކުރެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވިއެވެ.ނަމަވެސް ވޯރާއިން އެދިޔަވަޅުތަކާއި އެއްގޮތަށް އަމަލެއް ނުކުރެއެވެ. އެމީހުންނާއި ދެކޮޅަށް ދައުލަތަށް އެއްވެސް ފިޔަވަޅެއް ވެސް ނޭޅުއްވުނެވެ. އަބްދުލްހަކީމްހުސެންމަނިކު(2000) ބަޔާންކުރާގޮތުގައި މިހެންވާންޖެހުނީދިވެހި ރަދުންނާއި (ނޫރައްދީން ބަންޑާރައިންނާއި) ބޮޑުންގެ ތެރެއިން އެތައްބަޔަކު ވޯރާއިންނާއިގުޅިފައިވުމުންނެވެ. ސަރުކާރުގެ ހުކުމްތައް ވޯރާއިންގެ މައްޗަށް ނުހިންގޭނެކަން ވޯރާއިންނަށް ވިސްނުމުން އެމީހުން ހިތުހުރި ގޮތަކަށް ވިޔަފާރި ކުރާންފެށިއެވެ. އޭރު ދިވެހި ބޮޑުންނާއި ދައުލަތް އޮތީބޮޑެތި އަދަދުތަކުން ވޯރާއިންނަށް ދަރާވިކިފައިވެސްމެއެވެ. އެގޮތުން މީލާދީން 1887އާހަމައަށް އައިއިރު ހަމައެކަނި ކަރީމްޖީޖައުފަރުޖީ ކުންފުންޏަށް އެކަނިވެސް ދައުލަތުން ލައްކައަކާ ގާތްކުރާމިންވަރަކަށް ދަރާފައި އޮތްކަމަށް ނަސީމާ މުޙަންމަދު (2010) ބާޔަންކުރައްވައެވެ. އަދި އެ ނޫން ފަރާތްކަށްވެސް ބޮޑެތި އަދަދުތަކަކުން ދަރާފައިވި އެވެ. މިދެރުމާއި ދައުލަތުގެ ވެރީންގެ ތެރެއިން ބަޔަކު ވޯރާއިންނާއި ގުޅިފައިވުމުގެ ސަބަބުން ވޯރާއިންގެ ނުފޫޒު ސަރުކާރާއި ރައްޔިތުންގެ މައްޗަށް ބޮޑުވެގެންދިޔައެވެ.

ވޯރާއިންގެ ބޮޑުދޮލަގާއި ހަދިޔާބަދިޔާގެ ދަހިވެތިކަމުގައި ދިވެހިބޮޑުންގެ ގިނަބަޔަކުއެމީހުންނާއިގާތްގުޅުންތަކެއްބޭއްވިއެވެ. އަބްދުލްހަކީމްހުސައިންމަނިކު (2000) ބާޔަންކުރައްވާގޮތުގައިމިކަންކަމުގެސަބަބުން ވޯރާއިންބޭނުންވެއްޖެކޮންމެހިނދެއްގައި ބޮޑުންގެގޭގެއަށްގޮސްބޮޑުންނާއިބައްދަލުކުރުމަށް މަގުފަހިވެފައި އޮތެވެ. އަނެއްކޮޅުންދައުލަތަށްސިއްރުން ވޯރާއިން ކުރަމުންދިޔަ ބައެއް ކަހަލަ ވިޔަފާރިތަކުގައި ދިވެހީންގެ ބަޔަކުއެމީހުންނަށްވާގިވެރިވަމުންދިޔައެވެ(އަބްދުލްހަކީމްހުސައިންމަނިކު، 2000).އެގޮތުންއޮޅުވާލައިގެންރާއްޖެއިންފައިސާއާއި ރަން ބޭރުކުރުމުގައާއި މަސް ކިރުމުގައި ދިވެހީންގެބަޔަކު ވޯރާއިންނަށް އެހީތެރިކަންދެމުންދިޔަ އެވެ. ނަތީޖާއަކަށްވީ ފައިސާއާއިހަދިޔާބޭނުންކޮށްގެން ވޯރާއިންބޭނުންވާކޮންމެކަމެއްވެސްރާއްޖޭގައި ކުރެވިދާނެކަންއެމީހުންނަށްޔަޤީންވުމެވެ.އެހެންކަމުން ދިވެހީންގެ ދަހިވެތިކަންވީ ވޯރާއިން އެހާ ނުފޫޒުގަދަ ބަޔަކަށް ވުމަށް މެދުވެރިވި ސަބަބަކަށެވެ.
ވޯރާވިޔަފާރިވެރިންނަކީއިންޑިއާބަޔަޔަކަށްވާތީއޭރު އެމީހުންހިމެނުނީއިނގިރޭސިރައްޔިތުންގެތެރޭގައެވެ.އެހެންކަމުންދިވެހިރާއްޖޭގައި އޭރުގައި ހިނގަމުންދިޔަ ކަންކަމާއި ގުޅިގެން ވޯރާއިންނަށްވާ ކޮންމެ ގެއްލުމެއްގެ ބަދަލާއި، ރައްކާތެރިކަން ހޯދުމަށްޓަކައި އިނގިރޭސި ދައުލަތަށް ވޯރާއިން ލިޔެއަންގަމުންދިޔައެވެ(ނަސީމާ މުޙަންމަދު (2010).އެގޮތުން މީލާދީން 1887ގައި މާލޭގައި ހިނގި ބޮޑުހުޅުގައި ވޯރާއިންނަށް ލިބުނު ގެއްލުންތަކުގެ ވާހަކަތައްވެސް ވޯރާއިން އިނގިރޭސީންނަށް އަންގައި، ޝަކުވާކުރިއެވެ. މިޝަކުވާތަކާއި ގުޅިގެން އިނގިރޭސީން އެކަންކަން ތަހުގީގުކޮށް ބެލުމަށްފަހު ވޯރާއިންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިންކަމަށް ދިވެހިރާއްޖޭގެ ތާރީޚުލިޔާ ކޮމިޓީ(1990) ބުނެއެވެ. އަދި މުޙަންމަދު ނަޝީދު (1993) ފާހަގަ ކުރައްވާގޮތުގައި "އިނގިރޭސީން ދިވެހީންގެ އެތެރޭގެ ކަންކަމުގެތެރެއަށް ވަންނަ ކޮންމެފަހަރަކުވެސް ވަދެފައިވަނީ ވޯރާއިންގެކޮންމެސްކަމަކާއިގުޅިގެންނެވެ." މިކަމުން އެގި ހާމަވާ އެއް ހަޤީޤަތަކީ ވޯރާއިންގެ ނުފޫޒު އެހާބޮޑުވެގެންދިޔުމުގައި އިނގިރޭސީން ވޯރާއިންނަށް ދެމުންދިޔަ ރައްކާތެރިކަން މުހިންމު ދައުރެއް އަދާކުރިކަމެވެ.
ނިންމުން
      ވޯރާއިންގެ ނުފޫޒު ދިވެހި ދަޢުލަތުގެ މައްޗަށް އެހާގަދަވުމަށް އެތައް ސަބަބުތަކެއް މެދުވެރިވިއެވެ. އޭގެތެރޭގައި ދަޢުލަތް ވޯރާއިންނަށް ދަރާފައިވުމާއި، ބޮޑުންގެ މެދުގައި އޮތް ވާދަވެރިކަމާއި، ސިޔާސީ ފަރާތްތަކުން ވޯރާއިންނަށް ދެމުންދިޔަ ހިމާޔަތް މުހިންމު ދައުރެއް އަދާކުރިއެވެ. މީގެ އިތުރުން އިނގިރޭސީން ވޯރާއިންނަށް ދެމުންދިޔަ ރައްކާތެރިކަމާއި، ދިވެހި އިޤްތިޞާދު ވޯރާއިންގެ އަތްދަށުގައިވުމާއި، ދިވެހީންގެ ތެރެއިން ބަޔަކު ވޯރާއިންގެ ހަދިޔާތަކަށް ހެއްލިފައިވުން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް ޤައުމުގައި އޮތް ދާޚިލީ ހަމަނުޖެހުން އެއީ އެކަން އެގޮތަށް މެދުވެރިވުމަށް ދިމާވި އެންމެ މުހިންމު ސަބަބެވެ. އެހެންވީމާ ޖުމުލަކޮށް ދަންނަވާނަމަ ވޯރާއިން އެހާ ނުފޫޒު ގަދަބަޔަކަށް ވެގެންދިޔައީ އެތައް ސަބަބެއް މެދުވެރިވެގެންނެވެ.
ރިފަރަންސް ލިސްޓް
ނަސީމާ މުޙަންމަދު. (2010). ދިވެހި ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ
މަރުކަޒު.
މުޙަންމަދު ނަޝީދު. (1993). ދަގަޑު ދަހަނާ. މާލެ: މާލޯފާނު ޕަބްލިޝާރޒް.
މަންދޫ މުޙަންމަދު ވަޙީދު. (1987). ޙިމާޔަތުގެ އަޅުވެތިކަން. ފަތްތޫރަ 100. މާލެ: ދިވެހިބަހާއި ތާރީޚަށް
ޚިދްމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިރާއްޖޭގެ ތާރީޚުލިޔާ ކޮމިޓީ. (1990). ދިވެހި ތާރީޚަށް އައު އަލިކަމެއް. މާލެ: ދިވެހިބަހާއި ތާރީޚަށް
ޚިދްމަތްކުރާ ޤައުމީ މަރުކަޒު.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (1993). ދިވެހި ތާރީޚް. މާލެ: ދިވެހިބަހާއިތާރީޚަށް
ޚިދުމަތްކުރާޤައުމީމަރުކަޒު.
އަބްދުލް ހަކީމް ހުސައިން މަނިކު. (2000). ވޯރާއިން ދިވެހިންނަށްދިން ބޮޑު ގެއްލުން. ފުރަދާނަ. މާލެ:
މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ