www.fanvai.info

Print

ލޮނުމިރުހު ހިތާނު!

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ ސަމާސާ އަދަބު


މުޙައްމަދު ފާތިޙް

އެއީ ބިރުވެރި ދުުވަހެކެވެ. އެބިރުވެރި ދުވަހު އެބިރުވެރި ކޮޓަރީގެ ބޭރުގައި ގޮނޑިއެއްގައި އިށީނދެގެން އިންއިރު އަހަރެންގެ ދެފައި ރޯމަހެއްހެން ތެޅެމުން ދިޔައެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެންގެ ކައިރީގައި ތިބެގެން އަހަންނަށް ހިތްވަރު ދެމުން ދިޔައެވެ. އަހަރެންގެ އުމުރުފުރާގެ ކުދިންގެ ތެރެއިން ފަހަރަކު ކުއްޖެއް އެބިރުވެރި ކޮޓަރިއަށް ވަންނަމުން ދިޔައެވެ. އަހަރެން ހިތަށް އެރިއެވެ. ޞުބްޙާނަﷲއެވެ! ވާން މިއުޅެނީ ކީއްބާވައެވެ؟ ޖެހެން މިއުޅެނީ ކޮންފަދަ މުސީބާތެއްހެއްޔެވެ؟

އިސާހިތަކު އެކޮޓަރީގެ ތެރެއިން އަހަރެންގެ ނަން ގޮވާލައިފިއެވެ. ގަތްބިރުން މޭގަނޑު އަނގައިން ނުނިކުތީ ކިރިޔާއެވެ. ކުޑައިރު މާމަ ބުނާތީ އަޑުއަހަމެވެ. ޖިންނި ކުރުސިދެކެ ބިރު ގަންނާނެއެވެ. މަޑުމަޑުން ކުރުސި ކިޔަމުންގޮސް އެކޮޓަރިއަށް ވަނީ ބައްޕަގެ އެދުމުގެ މަތިންނެވެ. ބައްޕަ ދެއްވާނަމޭ ބުނި މޮޓޯރ ކާރު ލިބޭނެ ކަމުގެ ފުރިހަމަ އުންމީދުގައެވެ. ކޮޓަރިއަށް ވަތްއިރަށް ކުރިމަތީގައި އެތުރެލީ ވަރުގަދަ ހަތަރު ފިރިހެނުންނެވެ. އެހިސާބުން އަހަރެންގެ ބަޑި ފަޅައިގެން ގޮއްސިއެވެ. އޯގާވެރި ގޮތަކަށް ބައްޕަ އަހަރެން އުރާލައިގެން ގެންގޮސް އެނދުމަތީގައި ބާއްވައިލިއެވެ. އަހަރެން އެކަށްޗެކޭވެސް ނުބުނަމެވެ. ހަމަ މޮޓޯރ ކާރުގެ ބޭނުމުގައެވެ. އެނދުގައި އޮށޯތްތަނުން އަހަރެންގެ ލޮލުގައި އަޅައިގަތީ މަންމަ ފަހަން ގެންގުޅޭ ކަހަލަ އެކި ސައިޒްގެ ކަތުރު ތަކެކެވެ. އެހިސާބުން އަހަރެން ތެޅެގަންނަން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަކަށް ބާރެއް ނުފޯރުނެވެ. އެހަތަރު ފިރިހެނުން އަހަރެން ހިފަހަށްޓާ ބަރަހަނާ ކޮށްފިއެވެ. ގަތީ އަމަށަކު ލަދެއްނޫނެވެ. އެތަނުން އެކަކުގެ އަތުގެ މިސްރާބު ދިޔައީ އަހަރެން ހީވެސް ނުކުރާ ކަހަލަ ދިމާއަކަށެވެ.
 
އަހަރެން ލޯ މަރައިލީމެވެ. ހިތްދަތި ކަމާ އެކުގައެވެ. ދެން ކުއްލިއަކަށް މީގެކުރިން ދުވަކުވެސް ނުވާވަރުގެ ތަދެއްވިއެވެ. އިރުކޮޅަކުން ތައްޓަކަށް އަޅާފައިހުރި ރަތް ކުލައިގެ އެއްޗެއް ގެނައެވެ. އަހަރެން ވަސްބަލާލަން އެދުނީމެވެ. އެއީ ހަމަ ޔަގީނުންވެސް ލޮނުމިރުހެވެ. އަހަރެން ގަތް ބިރުން ތެޅިގަތީމެވެ. އެމީހުން ހިތަކަށް އަސަރެއްވެސް ނުކުރެއެވެ. ރަހުމެއް ހަމްދަރުދީއެއް ނެތެވެ. ކޮންމެ އަކަސް އެމީހުން ހަދާނެ އެއްޗެއް ހަދާ ނިންމައިލައިފިއެވެ. އެކޮޓަރިން ނިކުމުވެނުއިރު އަހަރެން ހުރީ ދެވަރުން އެއްވަރު ވެފައެވެ. އެތަނުން ނުކުތުމުން މަންމަ ބުންޏެވެ. ހިތާނަކޮށް ނިމުނީ ދޯއެވެ. އަހަރެން ހިތަށް އެރިއެވެ. ކާފަ އެކިޔާ ހިތާނަކުރުމަކީ މިއީއެވެ.

(ނިމުނީ)
މިލިޔުން ފޮނުވުން : މުޙައްމަދު ފާތިޙް


www.fanvai.info