އަދުގެ ޚާއްސަ

Print

ރާއްޖެއަށް ފެނުނު ބައެއް ދުންތަރި

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ލިޔުނީ: ތިންމީމު


ކާއިނާތުގައިވާ އެކިއެކި ކަންތައްތަކާއި ތަންތަން ހާމަކޮށްދެނީ ކަށަކުޅަދުންވަންތަ ކަލަކު ވޮޑިގެންވާކަމެވެ. އެކަލާނގެ ކުޅަދުންވަންތަކަމެވެ. ކުޅަދުންވަންތަކަމުގެ ހެކިތަކެވެ. ބައެއް ހެކިތައް އަބަދު ފެންނަން ހުރެއެވެ. ބައެއް ހެކިތައް އެކި ޒަމާނުގައި އެކިވަގުތުގައި ފެންނަން ހުރެއެވެ. ދުންތަރިއަކީ މިފަދަ ހެތްކެކެވެ. އެ ފެންނަނީ ފަލަކުގައި ބުރުޖަހަމުންދާއިރު ލޮލަށް ފެންނަ މިންވަރަށް ދުނިޔެއާ ގާތްވާތީއެވެ.


ބައެއްފަހަރަށް ކުޅަދުންވަންތަކަމުގެ ހެކިތަކާ އެކިކަންކަމާ ގުޅުވާލައެވެ. އަނެއްބައި ފަހަރަށް ނުގުޅުވައެވެ. މިއީ ބައެއް އިންސާނުންގެ އާދައެވެ. ބައެއް ފަހަރަށް ދިވެހިންގެ ވެސް އާދައެވެ. ޒަމާން ބަދަލުވަމުން ދިޔަ ގޮތަށް ދިވެހިންގެ ވިސްނުން ވެސް ދިޔައީ ބަދަލުވަމުންނެވެ. ކަންކަން އެނގޭ މިންވަރު ދިޔައީ ބަދަލުވަމުންނެވެ. ހޭލުންތެރިކަން ދިޔައީ އިތުރުވަމުންނެވެ. ހޭލުންތެރިކަން އިތުރުވަމުން ދިޔަ ވަރަކަށް ތަރިތަކާ އެކިއެކި ހާދިސާތަކާ ގުޅުވުންވެސް ދިޔައީ މަދުވަމުންނެވެ. ރާއްޖެއަށް ފެނުނު ބައެއް ދުންތަރީގެ ވާހަކަ ދައްކާފައި ވަނީ މިކަހަލަ ގޮތަކަށެވެ.


ލިޔުންތަކުގައި އެންމެފުރަތަމަ ދުންތަރިއެއް ފެނުނުކަމަށް އޮތީ ހިޖުރައިން 1149 ވަނަ އަހަރުގެ ޝައްވާލުމަހުގެ 12 ވަނަ ދުވަހުއެވެ. މި ދުންތަރި ފެނުން ހުއްޓުނީ އެ އަހަރު ޛުލްޤަޢިދާމަހަށް ހަނދުބެލިތަނާއެވެ. ޖެހިގެން އައި އަހަރު އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2) ގެ ދޮށީ އަނބިކަނބަލުން އަވަހާރަވިއެވެ. ދުންތަރި ފެނުނީ އެކަމުގެ ޢަލާމާތެއްގެ ގޮތުގައި ކަމަށް ހީކުރެވިފައި އޮތެވެ.


ހިޖުރައިން 1157 ވަނަ އަހަރުގެ ކުރީކޮޅުގައި ދުންތަރިއެއް ފެނުނެވެ. މި ދުންތަރި ފެނުނުއިރު ވެސް ތަޚުތުގައި ރެދަލިކުރައްވަމުން ގެންދެވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2) އެވެ. ހަމަ އެ އަހަރު މުޙައްރަމު މަހު 27 ވަނަ ދުވަހު ރަދުންގެ މަންމާފުޅު އަވަހާރަވިއެވެ. މި ފެނުނު ދުންތަރިއަކީ، މި ހިނގި ހާދިސާގެ ޢަލާމާތެއް ކަމުގައި ހީކުރެވުނެވެ.


ތިންވަނައަށް ދުންތަރިއެއް ފެނުނީ 1947 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ބައެއް ލިޔުންތަކުގައި އެއީ 1948 ވަނަ އަހަރު ޖަނަވަރީ މަސް ކަމަށް ވެސް ވެއެވެ. ހިޖްރީގޮތުން އެއީ 1367 ވަނަ އަހަރު ޞަފަރު މަސް ކަމުގައި ވެސް ލިޔެފައިވެއެވެ. މި ދުންތަރިއާ ގުޅުވާލީ ރާއްޖެއިން އިނގިރޭސީންނަށް ދެމުން އައި ޖިޒީއާއެވެ. 23 އޭޕްރިލް 1948 ގައި، ދިވެހިރާއްޖެއިން އިނގިރޭސީންނަށް ދެމުން އައި ޖިޒީ ދިނުން ހުއްޓާލިއެވެ.


1948 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައިވެސް ދުންތަރިއެއް ފެނުނެވެ. މި ދުންތަރި ފެނުނީ މާލޭ އިރުމަތި ފަރާތު ގަސްކަރަމަތިން ފަތިހުގެ ވަގުތުގައެވެ. މިއީ ވަރަށް ރީތިކޮށް ފެނުނު ދުންތަރިއެކެވެ. މި ދުންތަރީގެ ޢަލާމާތެއް ކަމުގައި ހީކުރެވިފައޮތީ އިނގިރޭސި ޝާހީ ޢާއިލާގެ ބޭފުޅެއްގެ އަވަހާރަވުމާއެވެ.


ދުންތަރީގެ ސިލްސިލާއަށް ބޮޅުތައް އިތުރުވަމުން ގެތެމުން ދިޔައެވެ. 18 އޯގަސްޓް 1957، 21 މުޙައްރަމް 1377 ގައި ފެނުނު ދުންތަރިއަކީވެސް ބޮޑު ޢަލާމާތެއް ކަމުގައި ވާހަކަ ދެކެވުނެވެ. ޖެހިގެން އައި ދުވަހު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ވަޒީރުއްދާޚިލިއްޔާ ކަމުން އިސްތިޢްފާ ދެއްވިއެވެ. ހަމަ އެދުވަހު އެ މަގާމަށް އަލްފާޟިލް އިބްރާހީމް ނާޞިރު އިސްކުރެވުނެވެ. ވާހަކަ ދައްކާ މީހުން މިހިނގި ކަންތައްތަކާއި މިފެނުނު ދުންތަރިއާ ގުޅުވާލީ ނުލާހިކު ފަސޭހަކަމާއެކުގައެވެ.

ތަރިތަކުގެ ބުރުޖެހުން ހުއްޓުމަކަށް ނާންނާތީ ދުންތަރި ފެނުން ނުހުއްޓެއެވެ. 1965 ވަނަ އަހަރު އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ދުންތަރިއެއް ފެނުނެވެ.  އަދި 1970 ވަނަ އަހަރު އޭޕްރިލްމަހުގައި ވަރަށް ކުޑަކޮށް ދުންތަރިއެއް ފެނުނެވެ. މިއިން އެއްވެސް ދުންތަރިއަކާ އެއްވެސް ހާދިސާއަކާ ގުޅުވި ކަމެއް އެނގޭކަށް ނެތެވެ.


ދުންތަރި ޢާއިލާއަށް އިތުރުވެގެން ދިޔަ އަނެއް ތަރިއަކީ، "ހޭލީސް ކޮމެޓް" އެވެ. މި ދުންތަރި ފެނުނީ 1986 ވަނަ އަހަރު އޭޕްރިލްމަހުގެ ތެރޭގައެވެ. މިއީ ކޮންމެ 75 ނުވަތަ 76 އަހަރަކުން އެއްފަހަރު ފެންނަ ތަރިއެކެވެ. މި އަހަރު މި ދުންތަރި ރާއްޖެއަށް ފެނިފައިވަނީ ވަރަށް ކުޑަކޮށްނެވެ. ނަމަވެސް، ތަފާތު އާލާތްތައް ބޭނުންކޮށްގެން ބެލިމީހުން ވަރަށް ގިނައެވެ. މި ދުންތަރިއާ އެއްވެސް ހާދިސާއަކާ ގުޅުވާފައެއް ނެތެވެ.


"ކޮމެޓް އޮސްޓިން" ނަމަކަށް ކިޔުނު ދުންތަރި ފެނުނީ 1990 ވަނަ އަހަރު މާޗްމަހުގައެވެ. އެމަހުގެ ކުރީކޮޅުން ފެށިގެން އެ އަހަރު ޖޫންމަހުގެ 8 ވަނަ ދުވަހާ ހަމައަށް ފެނުނެވެ. ފެނުނީ ފަތިހުއެވެ. "ހޭލް-ބޮޕް" ނަމަކަށް ކިޔުނު ދުންތަރި ފެނިފައިވަނީ، 4 އޭޕްރިލް 1997 ގައެވެ. ފަލަކީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދުންތަރިއަކީ 19 ވަނަ ޤަރްނުގައި ރާއްޖެއަށް އެންމެ ރީތިކޮށް ފެންނާނެ ދުންތަރިއެވެ. މިއިން އެއްވެސް ދުންތަރިއަކާ އެއްވެސް ހާދިސާއެއް ގުޅުވިކަމެއް އެނގޭކަށް ނެތެވެ.


ކުޅަދުންވަންތަކަމުގެ ހެކިތައް އަބަދުވެސް މިދަނީ ފެންނަމުންނެވެ. ދުންތަރިއަކީ ވެސް ކުޅަދުންވަންތަކަމުގެ ހެތްކެކެވެ. ކާއިނާތުގެ ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ. ތަކެތީގެ ގިނަކަން ހާމަކޮށްދޭ ކަމެކެވެ. ތަރުތީބުކަން ހާމަކޮށްދޭ ކަމެކެވެ. ޚަލްޤުތަކުންގެ ވެރި ރަސްކަލާނގެ މި ކާއިނާތު ހައްދަވާފައިވަނީ ވަރަށް ފުރިހަމައަށެވެ. ޢިބްރަތެއް ހާސިލުކުރެވޭނީ ވިސްނާ ބަޔަކަށެވެ. މިފަދަ ކަންތައްތަކުން ޢިބްރަތް ހާސިލުކުރާ އީމާންތެރި ބަޔަކަށް ވަމާތޯއެވެ!

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ