އަދުގެ ޚާއްސަ

Print

ދަތުރުނާމާ ( ހަދުވަރު )

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ޖޯގްރަފީ


މުޙައްމަދު  ޝަރީފް ލަބަން ށ. ފުނަދޫ

ހަވީރު ފަހެއްޖެހިއިރު " ހަނދުވަރުބޯޓް" ގައި މާލެދިއުމަށް ފުނަދޫން ފުރީ ވަރަށް އަރާމު ދަތުރެއް ލިބުމަށް އުންމީދުކުރަމުންނެވެ. ބޯޓުގައި ހީވަނީ ލަންދޫ ވައްޓެއްގައި ކަނޑޫޖަހާފައި ހުރިހެންނެވެ. އެހާވެސް  މީހުން ގިނައެވެ. މަދަރުސާތަކުގެ ބޮޑު ބަންދުކަމުން އެކިއެކި ބޭނުންތަކަށް ފުރަމާލެޔަށް ދަތުރުކުރާ މީހުންނެވެ. ބޯޓުގައި މީހުންތިބި އަދަދެއް ލަފާކުރާކަށްވެސް ނޭގެއެވެ. އެހާވެސް މީހުން ގިނައެވެ.  ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ. ބޯޓު ދުއްވަނީ ހއ. ކެލާގައިކަމުން މިރަށަށް ޖައްސަނީ ދަތުރުގެ މެދުންނެވެ. އެހެންކަމުން ބޯޓުތެރެއިން އެގަހުކޭލެއް މިގަހުކޭލެއް ވަކިކުރާކަށް ނޭގެއެވެ. ނުދަންނަ މޫނުތަކެވެ. އިރުވާ މޫސުމުގެ ހަޅަޖަހާ މަޑުވެ ވައި އުތުރުން ޖެހޭ ދުވަސްވަރުކަމުން ވައިރޯޅިވަނީ އިރު އުތުރުންނެވެ. ކަނޑުމަޑުވެފައި އޮމާނެވެ. ބޯޓުތެރެވެސް އަމާނެވެ. ކަނޑުގަދަމޫސުމުގައި ގިނަ އަންހެންވެރިން އުޅޭ ޒާތައް އުޅޭމީހުން އެއްގޮތަކަށް ނުފެނެޔޭ ދެންނެވިދާނެއެވެ. އެންމެންވެސް ތިބީ ވަރަށް އުފަލުގައެވެ.

ބޯޓުގެ ދަތުރު ކުރިޔަށް ގެންދާއިރު ކާމީހުންނާ ނިދާމީހުންގެ އިތުރުން ކޮފީބޯމީހުންނާ ފާޑުފާޑުގެ ވާހަކަ ކިޔާމީހުން އެމީހުންގެ ކަންކަމުގައި އުޅެމުންދެއެވެ. ބޯޓުވެސް އޭގެ ވާޖިބު އަދާކުރަމުން ކަނޑު ކަފަމުން އޮވެގެން ދެއެވެ. ކަނޑުގައި އަޅާފައިއޮތް އައްޓެއްހާ ބޮޑު ބޯޓެއްކަމުން ބޯޓުތެރޭގައި ތިބި ގިނަމީހުންނަށް ކަނޑުމަތީގައި ތިބެވޭކަން އިހުސާސްނުވާކަހަލައެވެ. އިރު އޮއްސިއްޖެއެވެ. އިރުމަތީ ފަރާތުން ހަނދުގެ ދޮންކަން ފެންނަން ފެށިއިރު މިރެޔަކީ ހަނދުމަހެއްގެ ސަތާރަވިލޭރޭކަމުން ސޯޅައަނދިރި ގަންނަ ރޭގެ އަނދިރިކަން ކޮންމެވެސް ވަރަކަށް ހުއްޓެވެ. މާގިނަ އިރުތަކެއްނުވެ ހަނދުގެ ރަން ދޯދިން މުޅި ޖައްވަށް އަލިކަން ގެނެސްދީފިއެވެ. މޫސުމުގެ ސާފުކަމާ ހަނދުން ދޭ ނަލަ އަލި ކަނޑަށް އެޅިފައި ހުރުމުން ވާހަކާގައި ކިޔާކަހަލަ ޚިޔާލީ ދުނިޔެއެއްގެ ތެރެޔަށް ވަދެވިފައިތިބިމީހުން މަދެކޭ ދަންނަވާހިތެއް ނެތެވެ. ބޯޓުގެ ހުންގާނު ކޮޓަރީގައި ތަފާތު ސިޔާސީ ބަހުސް ހިނގުމަކީ މިފަދަ ބޯޓުފަހަރުގެ އާދައެއްކަމުން މިދަތުރުގައިވެސް ސިޔާސީ ހޫނުކަން ކުރިޔަށްދެއެވެ. ކޮންމެވެސްވަރަކަށް މި ހޫނުކަމުން އުފާ ހާޞިލުކުރުމުގެ ބޭނުމުގައި ހުންގާނު ކޮޓަރިޔަށްއަރާ އެތާގައި ދެކެވޭ ވާހަކަތަކުގެ ފޮނިމީރުކަމުގައި ވަގުތުތަކެއް ހޭދަކޮށްލައިފީމެވެ. އޭރު ގަޑިން ރޭގަނޑުގެ ނުވައެއްޖަހައިފިއެވެ. ބަރަވެލިކަނޑަށް ބޯޓު ނިކުތުމުން އިރުވާ މޫސުމުގެ ބޮޑުބާނީގެ އަސަރު އިހުސާސްކުރެވެއެވެ. ތޮށަލި ދުޅަޔަށް ބޯޓު ދަތުރު ކުރަމުންދެއެވެ. ބާންޏާ ތިރިޔަށްދާ ފަހަރާ މަައްޗަށް އަރާ ފަހަރެވެ. އެހެންނަމަވެސް ބޯޓު ރޯލަށް ނުދާތީ އެކަމުން އުނދަގޫ އިހުސާސްކުރާކަށް ނުޖެހެއެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ގޮވާލެވުމުން ތިރިޔަށްގޮސް ރަނގަޅަށް ކައި ފެންބޮއި ދުފާ ހަދައިފީމެވެ. ކުކުޅު ރިހަޔާ ބަތެވެ. އޮރެންޖު ޖޫހެވެ. ބާރާއަރާކޭން ނޫނެއްކަމަކު ކުކުޅު ކާންލިބިއްޖެއެވެ. ބޯޓުގެ ކަމަރާމަތީގައި ކުދިބަޔަކު މާ އޮލަވާހަކައެއްގައި ތިބިތަން ފެނިފައި އެތަނަށްގޮސް އެމަޖަލުގައިވެސް ބައިވެރިވެލައިފީމެވެ. ނިދުމަށްވުރެ މިގޮތަށް ބޯޓުތެރޭގައި އުޅުމަކީ ކުރާހިތްވާ ކަމަކަށްވާތީއެވެ.        

ކާށިދޫ ބޮޑުކަނޑު ދުވުމަށް ބޯޓު ނިކުތްއިރު މެންދަމު ބާރަޖަހައިފިއެވެ. ބޯޓުތެރެ ހަމަހިމޭންވެއްޖެއެވެ. ހާލަކުން މީހަކު ހޭލާ އުޅުނުކަމުގައިވިޔަސް ގިނަމީހުން ނިދައިފިއެވެ. މީހުންނިދާ ފައިހިލަވަޅު އޮބުނީއެވެ. ކޮންމެއަކަސް މިހާރު ލޮލަށް ބަރުކަން އިހުސާސްކުރެވެން ފަށައިފިއެވެ. ކުޑަކޮށް ތާއްޔަށް ޖެހެން ފަށައިފިއެވެ. " ބޮޑުފޮތިވެއްޓުން، ބިގަރު މެންޓެލިވެއްޓުން" ކަމަށް ބުނާކަހަލަ ގޮތެއްވާންފަށައިފިއެވެ. ހުންގާނު ކޮޓަރިތެރެއިން ލިބުނު ކުޑަ ބާލީހެއްކަހަލަ އެއްޗެއް ބޯދަށަށް ލައިގެން ޖައްސާލައިފީމެވެ. އޭރު ކާށިދޫ ބޮޑުކަނޑުދުވެ ކަގިކަނޑުން މާލެއަތޮޅުތެރެޔަށް ވަދެވިއްޖެއެވެ.  މާގިނައިރެއްނުވެ " ދަތުރު ފެންނަންފަށައިފި" އެވެ.

ކުއްލިއަކަށް ވީގޮތެއްވެސް ނޭގުނެވެ. ހޭލެވުނުއިރު ހުރެވުނީ ކޮޅަށްތެދުވިފައެވެ. މީހުންތައް " ޖެހިއްޖެ ޖެހިއްޖެ" ގޮވާލާ އަޑުއިވުނެވެ. ބޯޓު އެނބުރިގެން ދިޔަކަން އިހުސާސްކުރެވުނެވެ. ވާގޮތެއް ނޭގެއެވެ. އެންމެ ފުރަތަމަވެސް ހިތަށްއެރީ މާހަލަށް ބޯޓުއަރާ ގަލެއްގައި ޖެހީކަމަށެވެ. ހުންގާނު ކޮޓަރިތެރެ ކަނުއަނދިރިއެވެ. ޖެހިގެން ހުންނަ މީހާވެސް ނޭގެއެވެ. ލޯއަނދިރި މީހަކު ތަނަކަށްދާން އުޅޭހެން ތަންތަނުގައި ހިފަމުން އަތްޖެހޭ ތަންނަތަނުގައި ފިރުމަމުން  ކޮޓަރިން ބޭރަށް ނިކުމެ ވަރަށް ބާރަށް ތިރިޔަށް ފައިބައިފައި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ދަތުރުކޮށްފައި އައި ދޫންޏެއްގެ ޝިކާރައަކަށްވެ ބޯޓު މިއޮތީ މުޅިން ހަފުސްވެފައެވެ. މިދެންނެވުނީ ރަނގަޅަކަށް ނޫނެވެ. ދަތުރުކޮށްފައިއައި ދޯންޏެއްގެ ތުންޑިޔާގަނޑު ބޯޓުގެ މެދު ހަށިން ބޯޓުތެރެއަށް އަރާފައިހުއްޓެވެ. އޭރު މަޑުމަޑުން ތުންޑިޔާގަނޑު ބޯޓުން ބޭރަށް ހިނގައްޖެއެވެ. ދޯނިއެރި ދިމާއިން ބޯޓުގެ ފައްގަނޑުވަނީ ނޮޅިގެން ގޮސްފައެވެ. އެދިމާލަކީ ބޯޓުގެ ބަދިގެޔާ ދިމަކަމުން އަތްދޮންނަ ތައްޓާ ބަދިގެވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. ރޯމީހުން ރޮނީއެވެ. ކުޑަކުދިންތައް ބިރުން ތުރުތުރު އަޅައެވެ. ހާސްވެ ކަންބޮޑުނުވާ ހަމަ އެކަކުވެސް ނެތެވެ. ބޯޓަށް ދިޔަވާގޮތް ވެއްޖެނަމަ ބައެއްގެ ފުރާނަ ދިޔުން ގާތްކަން އެންމެންނަށްވެސް އެނގެއެވެ.

ބޯޓުގެ ފަސިންޖަރެއް ފަޅުވެރިއެެއް ތަފާތެއް ނޫނެވެ. ބޯޓަށް ލިބިފައިވާ ގެއްލިން ދެނެގަތުމަށް މަސައްކަތް ފަށަައިފިއެވެ. އިންޖީނު ނިއްވާލުމަށްފަހު ދިޔަވާ ތަނެއް ހުރިތޯ ބޯޓުތެރެ ހޯދަން ފަށައިފިއެވެ. ގިނަބަޔަކުތިބީ ހައިރާންކަމެއްގެ ތެރޭގައި ސުވާލު އުފެދިފައެވެ. ދެން ވާނީ ކިހިނެތްކަން ނޭގޭތީއެވެ. މީހުން ލައިފްޖެކެޓް އަޅަން ފަށައިފިއެވެ.  ކުޑަކުދިން ސަލާމަތްކުރާނެ ގޮތަކާމެދު އެންމެންވެސް ހާސްވެ ގޮތްހުސްވެއްޖެއެވެ. އެހެންނަމަވެސް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ބޯޓުން އެއްވެސްތަނެއް ފޫގޮސްފައެއް ނުވެއެވެ. އޭރުވެސް ދަތުރުކުރި ދޯނި ކައިރީގައި މަޑުކޮށްލައިގެން އޮތެވެ. ލޮލަށްގޮވާމީހުންނާ އެނޫންވެސް ތަފާތު އެއްޗެތި ގޮވާމީހުން އުޅެއެވެ. ބޯޓު އިސްޓާޓުކުރުމަށްފަހު ކޯސްޓްގާޑަށް އަންގަން ގުޅާ ހެދިއެވެ. އެހެންނަމަވެސް ބައިގަނޑިއިރުވީއިރުވެސް ކޯސްޓުގާޑުގެ ޚަބަރެއް ނުވުމުން ދެދޯނި ދެކޮޅަށް ދަތުރު ފެށީއެވެ. އަރާމުގައި ކުރަމުން އައި ދަތުރު ބިރުވެރި ނާމާން ދަތުރަކަށް ވެގެން ހިނގައްޖެއެވެ. ބޯޓު މާލެޔާދިމާއަށް ދަތުރު ފެށިކަމުގައިވިޔަސް އެއްވެސް މީހަކަށް މާލެދެވޭނެކަމުގެ އުންމީދެއް ނުކުރެވެެއެވެ. ބޯޓުވެސް ހަމަދުވެލީގައި ދުއްވާކަށް ނުކުރުނެވެ. ކައްޕިތާނަށްވެސް ބޯޓަށް ލިބިފައިވާ ގެއްލުން ޔަގީންކުރަން ނޭގޭތީއެވެ. ހާސްކަމާ މާޔޫސްކަމުގެ ތެރޭގައި ފަނިފޮދަކަށް ފެންފޮދަކަށް ތުން ހަލައިލާ މީހަކުވެސް ބޯޓުތެރެއްކުން ނުފެެނެއެވެ. ނިދަން ކީއްކުރަންތޯއެވެ. އޮށޯވެލާ މީހަކުވެސް ނެތެވެ. ފަތިހު ފަހެއްޖަހައިރު މާލެޔަށް ވަދެވޭނެކަމަށް ކައްޕި ބުނި ނަމަވެސް މިދިމާވި ހާދިސާއިން ބޯޓުގެ ދުވެއްޔަށް ބަދަލު ގެންނަން ޖެހުމުގެ ސަބަބުން މާލެޔަށް ވަދެވުނީ ހެނދުނު އަށެއް ޖެހިފަހުންނެވެ. ލަސްވިޔަސް ސަލާމަތުން މާލެޔަށް ލެފުމުން އެންމެންވެސް އުފާކުރިއެވެ. ޖާނު ސަލާމަތްވި ކަމަށްޓަކާ ﷲ ށް ޝުކުރުކުރިއެވެ. ނިޔާމަ އަރާމު ދަތުރު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔައީއެވެ. މާލެ ވަނުމާއެކު ފުލުހުން އަރާ ބޯޓަށް ލިބިފައިވާ ގެއްލުން ބަލާ ހެދިއެވެ. އެހެންނަމަވެސް ފަސިންޖަރުން އެކަމަކަށް ސަމާލުކަމެއް ނުދެއެވެ. ގެޔަށް ދެވުން އިރު ހުރީ 9 ޖަހާފައެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ