Print

ކާމިޔާބު ދިރިއުޅުމަކަށް ފުރިހަމަ ޞިއްޙަތެއްގެ މުޙިއްމުކަން

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝަނޫން
     
ދިރިއުޅުމަކީ ވިދިވިދިގެންވާ ހަނގުރާމައެކެވެ. މިބޮޑު ހަނގުރާމައިގެ އެކިއެކި ކުޑަ ހަނގުރާމަތަކުގެ ކުރިމަތީގައި ބޮޑެތި ރަސްރަސްކަލުންގެ އިސްތަށިފުޅުވެސް ލެނބިދެއެވެ. ދިރިއުޅުމުގެ މިބޮޑު ހަނގުރާމައިން ނަޞްރު ލިބުމަށްޓަކައި މައިދާނަށް ނިކުންނަ ފަހުލަވާނަކީ މާލުވެރިއަކަށްވާކަށް ނުޖެހެއެވެ.
 
ޖާހުވެރިއަކަށްވެސް ވާކަށް ނުޖެހެއެވެ. އަދި ޢިލްމުވެރިއަކަށް ވުމަކީވެސް ލާޒިމުކަމެއް ނޫނެވެ. އިދިކޮޅު ލަޝްކަރުތަކުން ފޮނުވާ ތީރުތަކަށް ބިރުން މައިދާން ދޫކޮށް ފިލަން ދުއްވައިގަންނާނީ ގައިގައި ވަރުނެތް ސިކުނޑީގައި ތެތްކަމެއް ނެތް 'ފީކަޅާ' މީހުންނެވެ. ކަންއޮތީ މިހެންކަމަށްވާއިރު، ދިރިއުޅުމުގެ މިބޮޑު ހަނގުރާމައިން ނަޞްރު ލިބިގަތުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު އެކައްޗަކީ ފުރިހަމަ ޞިއްޙަތެކެވެ. މީހަކީ ފުރިހަމަ ޞިއްޙަތެއްގެ ވެރިއެއްނަމަ، އިތުރު ހިއްވަރާއި މިންނަތާއެކީ މާލުވެރިއަކަށްވެސް ވެވިދާނެއެވެ. މުރައްބީއަކަށް ނުވަތަ މުޢައްލިމަކަށްވެސް ވެވިދާނެއެވެ.
     
ކާމިޔާބު ދިރިއުޅުމަކަށްޓަކައި ފުރިހަމަ ޞިއްޙަތަކީ ނުހަނު މުޙިއްމު އެއްޗެކެވެ. އިންސާނާއަށް ބޭނުންވާ ނަފުސުގެ ހިތްހަމަޖެހުމާއި ރޫޙާނީ ހިތްހަމަޖެހުން އިންސާނާއަށް ލިބެންއޮތް ހަމައެކަނި މަގަކީ ކީރިތި ﷲސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށްޓަކައި ޚާއްޞަކުރައްވާފައިވާ އަޅުކަންތަކުގައި މަސްޢޫލުވެ އުޅެވޭފަދަ ދުޅަހެޔޮ ހަށިގަނޑެއް ލިބުމެވެ. އަދި ހަމައެހެންމެ، މާތްވެގެންވާ އިސްލާމްދީނުގައި ވާގޮތުން، އިންސާނާގެ ޒުވާން އުމުރުގައި ކުރާ އަޅުކަންތަކަށް މުސްކުޅި އުމުރުގައި ކުރާ އަޅުކަންތަކަށް ވުރެ ގިނަ ހެޔޮކަމާއި ދަރުމަ ލިބެއެވެ. ދިރިއުޅުމެއް ކާމިޔާބު ކުރެވޭނީ އެދިރިއުޅުމެއްގައި ދިމާވާ އެކިއެކި އާފާތްތަކާއި މުޞީބާތްތަކުން ސަލާމަތްވުމަށް ކެރިގެން ކުރިމަތިލެވޭފަދަ މީހަކަށް އިންސާނާ ވެގެންނެވެ. ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫތަކާއި ކުރިމަތިލުމަށްޓަކައި ބޭނުންވާ ހިތްވަރާއި ކެތްތެރިކަން އިންސާނާއަށް ލިބޭނީ އިޚްލާޞްތެރި ހިތަކާއެކު ﷲ އަށްޓަކައި ކުރާ އަޅުކަންތަކުގެ ސަބަބުން އިންސާނާއަށް އެލިބޭ ބަޔާންނުކުރެވޭފަދަ ބޮޑު ހިތްހަމަޖެހުމުގެ ސަބަބުންނެވެ. ދިރިއުޅުމުގައި ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުން (މިސާލަކަށް: ދުންފަތުގެ އިސްތިއުމާލުކުރުން) އިންސާނާ ބަލިއެނދުގައި އޮންނަންޖެހުމަކީ ކާމިޔާބު ދިރިއުޅުމަކަށްޓަކައި ހުޅުވިފައިވާ ދޮރު ބަންދުވެގެންދާނެ ކަމެކެވެ. ދުނިޔޭގެ އެތަން މިތަނަށް ދަތުރުކޮށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ތަޢުލީމެއް ހޯދުން އެއީ ކާމިޔާބު ދިރިއުޅުމަކަށްޓަކައި ފުރިހަމަ ޞިއްޙަތެއްގެ މުހިއްމުކަން ވަޒަންކޮށްދޭ އެހެންކަމެކެވެ.
     
ފަޅުން ބޭރުވެ މާސިންގާ ކަނޑެއްގައި ދަތުރުކުރަމުން އަންނަ ދިރިއުޅުމުގެ ދޯނި އަމާން ބަނދަރަކަށް ލެފުމަށްޓަކައި ޢިލްމުގެ ނޫރުން ހިމާޔަތް ލިބިގަތުމަކީ ކޮންމެ އިންސާނަކުވެސް ހިތްއެދޭނޭ ކަމެކެވެ. ވީއިރު، ތިމާ ބޭނުންވާ ރޮނގަކުން ނުވަތަ ތިމާ ބޭނުންވާ ދާއިރާއަކުން ތަޢުލީމު ހާސިލްކުރުމަށްޓަކައި ތިމާއަކީ ފުރިހަމަ ޞިއްޙަތެއްގެވެރި މީހަކަށްވުން ޒަރޫރީ ކަމަކަށްވީ، ތަޢުލީމު ހާސިލްކުރުމުގެ މަރުޙަލާއަކީ ގިނަގުނަ ހަރުފަތްތަކެއް ގިރާކުރަންޖެހޭ ކަމަކަށްވެފައި އެހަރުފަތްތައް ގިރާކުރުމަކީ މަޢުލޫމާތާއި މަސައްކަތުގެ އަލީގައިމެނުވީ ގިރާނުކުރެވޭނެ ފަދަ ހަރުފަތްތަކަކަށް ވާތީއެވެ. ތަޢުލީމުގެ ހަރުގަނޑުން ހަރުފަތަކަށްފަހު ހަރުފަތެއް ކަޑައްތުކޮށް މައްޗަށް އެރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި މަސައްކަތް ކުރެވޭނީ އެންމެ އިސްކަމަކަށް ތިމާގެ ހަށިގަނޑާއި ސިކުނޑިއަށް މީރުފެނާއި ތާޒާވަޔާއި ފައިދާހުރިކާނާ ދިނުން ހަދައިގެންނެވެ. މިހެން ކަންތައް ވެއްޖެނަމަ ދުޅަހެޔޮ ސިކުނޑިއެއްގެ އިތުރަށް ތިމާއަށް ވަރުގަދަ ހަށިގަނޑެއް ލިބޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ވީއިރު، ފުރިހަމަ ޞިއްޙަތެއް ލިބުމުގެ ސަބަބުން ތިމާއަށް ޢިލްމީގޮތުން އާބޮޅުތަކެއް ހާސިލްވެ ދިރިއުޅުން ކާމިޔާބު ވެވިދާނެކަމީ ޔަޤީންކަމެކެވެ. ކާމިޔާބު ދިރިއުޅުމަކަށްޓަކައި ފުރިހަމަ ޞިއްޙަތަކީ ތަޢުލީމު ހާސިލްކުރުމަށް އިތުރު 'ފަސޭހައެއް' ކޮށްދޭ ކަމަކަށް ވީފަދައިން ވަޒީފާއެއް އަދާކުރުމަށްޓަކައި 'ތިމާމީހާއަކީ ފުރިހަމަ ޞިއްޙަތެއްގެ ވެރި މީހަކަށްވުން' ވާޖިބު ޝަރުޠަކަށްވީ އޭގެ ސަބަބުން ދިރިއުޅުން ކާމިޔާބު ވެގެންދާނެތީއެވެ.
     
ލިބޭ ދަރިންނަކީ ތިމާމެން މުސްކުޅިވެ ލޯބޯކޮށިވާދުވަހު ތިމާމެންނަށް އަޅާލައި އޯގާތެރިކަމުގެ އަތެއް ދިއްކުރާނޭ ބައެއްކަމަށް އުންމީދުކުރަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. މިއަދު އަނބިދަރިންގެ ބަނޑުފުރާނަ މުއްތިކޮށްދިނުމަށްޓަކައި ތިމާމީހާ 'ހަނާހުނިވެގެން' ނަމަވެސް ވަޒީފާއެއް އަދާކުރަން މިވަނީ މަޖުބޫރުވެފައެވެ. ފާޚާނާ ސާފުކުރާމީހެއްގެ ވަޒީފާއިން ފެށިގެންގޮސް އޮފީހެއްގެ މެނޭޖަރެއްގެ ވަޒީފާވެސް އަދާކުރެވޭނީ ތިމާމީހާއަކީ ހެލިފެލިވެ އުޅުމުގެ ބާރު ލިބިފައިވާ މީހަކަށް ވާނަމައެވެ. ބައްޔެއްގެ ސަބަބުން އެއްފަރާތް ވާގިނެތި ނުވަތަ ބައްޔެއްގެ ސަބަބުން ބުރަކަށި ސީދާނުކުރެވޭ މީހަކަށް މިއިން އެއްވެސް ވަޒީފާއެއް އަދާނުކުރެވޭނެކަމީ ޤަބޫލުކުރަންޖެހޭ ހަޤީގަތެކެވެ. ކަންމިހެން އޮތްއިރު، ވަރުދެރަ ސިއްޙަތެއް ލިބުމުގެ ސަބަބުން ވަޒީފާއެއް އަދާކުރުމުގެ ޤާބިލުކަން ގެއްލި ފަޤީރު ހާލަތަކަށް 'ވެއްޓުމަކީ' އެއްވެސް ބަފަޔަކު ނުވަތަ މަޔަކު ބޭނުންވާނެ ކަމެއްނޫނެވެ. އެހެނީ، ކުދިވެރީންގެ އިންޓަވަލާއި ގޭގެ ކަރަންޓުބިލާއި އާއިލާއަށް ބޭނުންވާ ކެއިންބުއިމުގެ ޚަރަދަކީ އެއިން ބަރީޢަ ނުވެވޭނެ ޚަރަދުތަކަކަށް ވާތީއެވެ. އެހެންކަމުން، ކާމިޔާބު ދިރިއުޅުމެއް ވެއަތުކުރުމަށްޓަކައި ފުރިހަމަ ސިއްޙަތެއްގައި ދެމިހުރުމަށް މަސައްކަތްކުރުމަކީ ވަރަށް މުޙިއްމު ކަމެކެވެ. ކާމިޔާބު ދިރިއުޅުމެއް ވެއަތުކުރުމަށްޓަކައި ފުރިހަމަ ސިއްޙަތެއްގައި ދެމިހުންނަށް މަސައްކަތްކުރަން ޖެހެނީ، ފުރިހަމަ ސިއްޙަތަކާ ނުލައި ޖަމާޢަތުގެ ކަންކަމުގައިވެސް ޙަރަކާތްތެރި ނުވެވޭނެތީއެވެ.
     
ޢާއިލާ ގޮވައިގެން އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ މީހަކު ދެން އެންމެ ކުރަންބޭނުންވާނެ ކަމަކީ މުޖުތަމަޢުގެ މައްސަލަތައް ޙައްލުކޮށް މުޖުތަމަޢު އިޞްލާޙުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ އަދި އިޖުތިމާޢީ ރޫޙު ދައްކުވައިދޭ އެހެނިހެން ކަންކަމުގައި ބައިވެރިވުންކަމީ ޤަބޫލުކުރަން އުނދަގޫކަމެއް ނޫނެވެ. މީހަކީ ހެޔޮލަފާ ރަނގަޅު މީހެއްކަމުގައި ވަނީނަމަ ތިމާގެ ޢައިލާއަކީ 'ހެޔޮ' ޢާއިލާއަކަށް ހެދުމަށް މަސައްކަތްކުރާނެއެވެ. އާލާތެއް ނެތި ކެޔޮޅުކަމެއް ނުވާނެއޭ ބުނާ އުޞޫލުން ފުރިހަމަ ޞިއްޙަތެއްނެތި މިފަދަ ކަންކަމުގައި މީހަކަށް ބައިވެރިއެއް ނުވެވޭނެއެވެ. މަސްތުވާތަކެތީގެ ކަސްތޮޅުގައި އެޅި ޒުވާން އުމުރު ބޭކާރުކޮށްލާ މީހަކަށް އިޖުތިމާޢީ ކަންކަމުގައި ބައިވެރިއުޅުމަށް ބޭނުންވާފަދަ 'ހެޔޮވަރު' ހަށިގަނޑެއް ލިބިފައެއްނުވާނެއެވެ. އަދި އެފަދަ މީހަކަށް ރައްދުވާނީ އެއިން ދެވަނަ އެއްޗެއް ނޫނެވެ. އެހެނަސް މަލާމާތުގެ ބަސްތަކެވެ. އަދި ހަމައެއާއެކު އެފަދަ މީހެއްގެ ދިރިއުޅުން ވާނީވެސް ނާކާމިޔާބެވެ. އެހެނަސް، ފުރިހަމަ ޞިއްޙަތެއް ލިބި ޖަމާޢަތުގެ ކަންކަމުގައި ބައިވެރިވެ އުޅުމަކީ ދިރިއުޅުން އުފާވެރިކޮށްދޭނެ ކަމެކެވެ.
     
ކާމިޔާބު ދިރިއުޅުމަކަށްޓަކައި ފުރިހަމަ ޞިއްޙަތެއްގެ މުހިއްމުކަން ތަޞައްވުރުކުރެވޭނީ ބައްޔެއްގެ ސަބަބުން ނުވަތަ އެހެންކަމެއްގެ ސަބަބުންވިޔަސް ތިމާ ބަލިއެނދުގައި ދުވަސްތަކެއް ގުނަންފެށުމުންނެވެ. މީގެ ސަބަބުން ﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުމުގައި  ތަކުލީފުތަކަކާއި ކުރިމަތިލާންޖެހުމުންނެވެ. އަދި ޖާހިލުކަމުން ސަލާމަތްވުމަށް ބޭނުންވާ ޢިލްމު ހޯދޭނޭމަގު ބަންދުވެ ވަޒީފާއެއް އަދާކުރުމަށް ބޭނުންވާ ލަޔާޤާތްތެރިކަން ތިމާގެ ކިބައިން ކެނޑުމުންނެވެ. އަދި ހަމައެހެންމެ ތިމާގެ އަނބީން ކުޅެދުމެއްނެތް ތިމާގެ ހަށިގަނޑުދެކެ ފޫހިވެ ތިމާގެ ދަރީން ބިކަވުމުންނެވެ. އެންމެ ފަހުން ދުނިޔޭގެ ހަތަރު ބިތުން ތިމާއަށް މަލާމާތުގެ ހުނުންތައް ރައްދުވާން ފެށުމުންނެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ