އަދުގެ ޚާއްސަ

Print

ހަޤީޤީ ފޮނިކަމާއި މީރުކަން ވަނީ .......

ޝާޢިއުކުރީ Administrator3 . ހިމެނޭބަޔަކީ އިޖުތިމާޢީ


އިސްމާޢީލް އަލީ ރ.ކަނދޮލުދޫ
     
ހާލަތު މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ.އަމާން އޮމާން ވެށި ވަނީ ކިލަނބުވެ ނާމާންކަން އުފެދި،ހިތް ނުތަނަވަސް ކުރުވާ،ލޮލުން ލޭ ކަރުނަ އޮހޮރޭފަދަ ބިރުވެރި ތަނަކަށް ބަދަލު ވެފައެވެ.
     
ބިރުވެރި ފިލްމުތަކުން ފެންނަ ފަދަ ނޭވާ ހިފަހަށްޓާލަންޖެހޭ،ލޮލުން ކަރުނަ އަންނަ މަންޒަރުތައް އަޅުގަޑުމެންގެ ކުރިމަތީގައި ހިނގަމުން،ފެންނަމުން،ޢާއްމު ވަމުން ދަނީ އެވެ.ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމައެވެ.ފިލްމުތަކުން އެފެންނަނީ ޙަޤީޤީ ޙާދިޘާއެއް ނޫންކަން އެނގޭއިރު ،އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެކަން ޔަޤީންވާއިރުވެސް އަޅުގަނޑުމެންގެ ހިތް ރޮއްވާލައެވެ.އަސަރު ކުރެއެވެ. ވީއިރު ޙަޤީޤީބިރުވެރި ޙާދިޘާތައް ހިނގަމުންދާއިރު އަޅުގަޑުމެންގެ ހިތްތައް ޒަޚަމު ވާނުވަރު ހިތައް ތަސައްވަރު ކޮށްލުން ކީއްހެއްޔެވެ؟
   
އިންސާނުންނަކީ ނުހަނު މާތް ބައެކެވެ.ރަޙުމާއި ހަމްދަރުދީއާއި، ކުލުނާއި ލޯބި އެކުލެވިގެން އުފެދިފައިވާ ބައެކެވެ. ޚާއްޞަގޮތެއްގައި އިސްލާމްދީނުގެ އަޤީދާ ހިތުގައި ބިންވަޅުނެގުމާއިއެކު އިސްލާމްދީނުގެ އުޖާލާކަން އިންސާނާ ހަމައަށް ފޯރުވުމާއިއެކު ކުރިން ދެންނެވި ހުރިހާ ސިފަތަކެއް ވަރަށް މަތީ ދަރަޖައަކަށް އަށަގަނެއެވެ. އަދި އަނިޔާވެރިވުމާއި، ރަޙުމުގެކުނޑިފުކެއްވެސް ނުވާ ފަދަ ޢަމަލުތައް ހިންގާ މީހުންނަށް ނަފްރަތުގެ މައްޗަށް ނަފްރަތު އުފެދެއެވެ. އެ އަނިޔާވެރި ޢަމަލުތައް ހިންގާ މީހުން ހަމަމަގަށް އެޅުވުމުގެ ވިންދު ހިތުގައި ޖަހައެވެ. އަނިޔާވެރިކަމާއި ދެކޮޅަށްތެދުވެއެވެ. އިސްލާމްދީން ނުހަނު މަތީ ދަރަޖައަކަށް މަނާކޮށްފައިވާ ފާހިޝްޢަމަލުތައް ހިންގާ މީހުންނަށް އެކަމަށް އޮންނަ އެންމެ ބޮޑު އަދަބެއްދިނުމެވެ. ހިތްއެދި ގޮވާލައެވެ. ވެށިގެ އަމާންކަމަށްޓަކައެވެ. ޞުލްޙަވެރި، ބާއްޖަވެރި ދިރިއުޅުމެއް ހޭދަކުރުމުގެ ފުރުޞަތު އެންމެންނަށް ލިބިދިނުމަށްޓަކައެވެ. އިންސާނީ ވާޖިބު އަދާކުރުމަށްޓަކައެވެ.
     
އިންސާނާ ފުރިހަމަ އިންސާނެއްގެ ގޮތުގައި، ބާއްޖަވެރިކަމާއިއެކު އުޅުމުގެ މަދަދުޤާރަކީ އިސްލާމްދީނެވެ. އިސްލާމްދީން އިންސާނާއަށް ގޮވާލަނީ ދެ ޙަޔާތަށް މަގުފަހިކުރުމަށެވެ. ހެޔޮނުބައި ވަކިކުރުމަށާއި، ރަޙުމާއި ޙަމްދަރުދީގެ ވިންދުޖެހުމާއި، ނަފްޞު ހޭލައްވާލުމުގައި އިސްލާމްދީން ކުޅެދޭ ދަޢުރުމަތިވެރީއެވެ. އިސްލާމީ ގިއުގަނޑު ބިނާވެފައިވަނީ ﷲއަށް ބިރުވެތި ވުމުގެ މައްޗަށެވެ. އިސްލާމްދީން އަންގާ ކަންތައް ކުރުމަށާއި ނަހީކުރައްވާކަންތައްތަކުން ދުރުވެގެން އުޅެނީ ނަމަ އީމާންކަމުގެ އަޤީދާގެ ބިންވަޅު ފުންވަމުންދާނެއެވެ. ރޫޙާނިއްޔަތަށް ދިރުންލިބިގެންދާނެއެވެ.
   
އިންސާނުންނަކީ ﷲގެ އަޅުންނެވެ. ﷲގެ އަޅަކަށްވީތީ ކޮންމެ ދުވަހަކު އަޅުގަނޑުމެން ހެއްދެވި ހުރިހާ އެއްޗެއް މިލްކުވެ ވޮޑިގެންވާ ގަދަ ކީރިތިވަންތަ ﷲއަށް އިޚްލާސްތެރިކަމާއެކު އަދާކުރަންޖެހޭ ކަންތައްތަކެއްވެއެވެ. މިކަންތައްތައް ބަރާބަރަށް އަދާކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންސާނާ އަބަދުވެސް ހުންނާނީ ހަމަ މަގުގައެވެ. މަގު ގެއްލގެން، މަގު އޮޅިގެން ނުދާނެއެވެ. ހެއްދެވި ފަރާތާއި އިންސާނާ އާއި ދެމެދު އޮންނަ ގުޅުން ކެނޑިގެން ނުދާހާހިނދަކު އެހެން ފަރާތެއްގެ އަޅުވެތި ކަމަށް ހެއްލޭކަން ނުޖެހޭނެއެވެ.
   
އިންސާނާ ކުށުގެ ފާފައިގެ އަނދަވަޅަކަށް ވެއްޓިގެންދަނީ ﷲ އެންގެވި މަގުދޫކޮށް ޝައިތާނީ ވަސްވާހަށް ހެއްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އިންސާނާގެ ނަފްސުގެ މައްޗަށް ޝައިތާނީ ބާރު ހިންގާލަނީ އިންސާނާ އެ ފުރުޞަތު ޝައިތާނާއަށް ދޭތީއެވެ. ޝައިތާނީ ވަސްވާސްތަކުގެ ވަކިތަކުގެ މައްޗަށް ދެވުމުން ކޮންމެ ފަދަ ނުބައި ފާހިޝް މުޑުދާރު ޢަމަލެއް ހިންގަންވެސް ޖެހިލުން ނުވަނީއެވެ.
   
ނޭދެވޭ ޢަމަލެއް ހިންގަން އުޅޭ ވަގުތު ޝައިތާނީ ބާރު ގަދަވާންފަށައެވެ. ތިމާއަށް މިކުރެވޭން އުޅެނީ ގޯސްކަމެއްކަންވެސް ހިތްބުނާނެއެވެ. ނަމަވެސް އެއްކަލަ ޝައިތާނީ ބާރު ވަސްވާސް ދެމުން ގެންދާނެއެވެ. ދަހިވެތިކަން ހޭލައްވާލާދޭނެއެވެ. އަމިއްލަ އެދުން ކުރިއަށް ނެރެވޭނެއެވެ. ދެންކޮށްލާށެވެ. މި އަޑު އިވިއިވި ހުންނާނެއެވެ. ބައެއް ފަހަރު ހާދަ ފިނޑިއޭވެސް ބުނާނެއެވެ. މީހަކަށް ނޭންގޭނެއޭވެސް ބުނާނެއެވެ. އެންމެ ފަހުން އެ މުޑުދާރު ޢަމަލު ހިންގާލަނީއެވެ. މިހާހިސާބުން މަޑުމަޑުން ވިސްނޭން ފަށައެވެ. ހެދުނު ގޯހާއިމެދު ކުރެވުނު ވިޔާނުދާ ކަންތައްތަކާ މެދު ދެރަވެ ލަދުގަންނާން ފަށައެވެ. އެކަމުގެ ފިކުރުތައް ހިތުގައި ހިނގަން ފަށައެވެ.
   
ކޮންމެ މީހަކުވެސް ދިރިއުޅެންވާނީ ފުރިހަމަ އިންސާނެއްގެ ގޮތުގައެވެ. ﷲ އިންސާނާއަށް ދެއްވާފައިވާ އިޚްތިޔާރާއި ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެއެވެ. ރަނގަޅު މަގުން ހިނގުމަށް އަބަދުވެސް މަސައްކަތްކުރާށެވެ. ކަށި ޖަންގައްޔަށް ވަދެވުމުން ގެއްލުންތަކެއް ފޯރާނޭކަމާއި، އެތަނުން ނުކުންނަން އުނދަގޫވާނޭކަން ހަނދުމަކުރާށެވެ. މަނާކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނީނަމަ ވަދެވޭނީ ކަށި ކުނބުރު ޖަންގައްޔަކަށެވެ. އެތަނުން އަރާމެއް އުފަލެއް އެއް ޙަޔާތެއްގައިވެސް ނުލިބޭނެއެވެ. ނަފްސުގެ ހިތްހަމަ ޖެހުމެއް ދުވަހަކުވެސް ހާޞިލެއް ނުވާނެއެވެ.
   
ހަޤީގީ ލައްޒަތާއި ފޮނިކަމާއި މީރުކަންވަނީ ﷲގެ ރުއްސެވުމުގައެވެ. ތިމާ ހެއްދެވި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް  ބޯލަނބާ ކިޔަމަންތެރިވާށެވެ. ﷲ ގަދަ އަމުރުން ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވެ ރައްކާތެރިވެގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ