އަދުގެ ޚާއްސަ

Print

އަނގަމަޑުރާނީ(1)

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

އެއްސަހަރެއްގައި އުޅުއްވި ރަސްކަލެއް، އެރަސްގެފަނަށް އެ ސަހަރުގެ މީހުން ކިޔައިއުޅެ މަޝްހޫރު ނަމަކީ (އަނބިންނަށް ނުބައި ރަސްގެފާން) އެވެ. ރަސްގެފާނަކީ ރީތި ޒުވާން ބޭފުޅެކެވެ. ރަސްފާންގެ އާދަފުޅަކީ ކޮންމެވެސް ބޭފުޅަކާއި ކައިވެނިބައްލަވައިގެން ކުޑަދުވަސްކޮޅަކު އުޅުއްވުމަށްފަހު އަނބިކަނބަލުންގެ މައްޗަށް ކޯފާވެ ވަޑައިގެން އަނބިކަނބަލުން ގަތުލުކުރައްވައި، ދެން އެހެންބޭފުޅަކާ ކާވަނި ބައްލަވައިގަންނަވަނި އެވެ. ކޮންމެ އަނބިކަލަކަށް ވެސް އުޅުއްވެވެނީ ހަފްތާއެއް، ދެހަފްތާއެއް ހައި ދުވަހަކަށެވެ.

ރަސްގެފާނުގެ ކަންތައް ހުންނަވާ ގޮތްކޮޅަކީ އަވަހާރަފުޅަށް އޮންނަވައިފައި ކަރުފުޅު ކެހި ވަޑައިގެން ކުޅު ފޮދެއް ޖެއްސެވުމަށް ބައްލަވާއިރު ފީކުތާނު (ކުޅު ޖަހާ އެތި) ބޯލާ ކޮލުގައި ހުރިއްޔާ ކޯފާވެވަޑައިގެން ވިދާޅުވަނީ ފައިލާކޮޅުގައި ނުބެހެއްޓީ ކީއްވެހެއްޔެވެ. ފައިލާކޮޅުގައި ހުރިއްޔާ ވިދާޅުވާނީ ބޯލާކޮލުގައި ނުބެހެއްޓީ ކީއްވެހެއްޔެވެ. ހެދުނު ތެދުވެ ވަޑައިގެން ނާނޭފުޅު ފިއްލަވާ އިރު ފިނިކޮށް ހުންނަފެން ހުރެއްޖެނަމަ ވިދާޅުވާނީ ހޫނު ފެން ބޭނުންފުޅު ކަމުގައިއެވެ. ހޫނު ފެން ހުރެއްޖެނަމަ ވިދާޅުވާނީ ބޭނުންފުޅު ވަނީ ހިހޫ ފެންކަމުގައެވެ. ކޮންމެ ކަމެއްގައި ވެސް ގެންގުޅުއްވަނީ މިކަހަލަ ގޮތް ކޮޅެކެވެ. މިއިން ކޮންމެ ކަމަކީ ވެސް ކޯފާ ވަޑައިގެން  އަނބިކަބަލުން ޤަތުލު  ކުރައްވަން ޖެހޭ ކުށްތަކެވެ.

 ކަންތައް މިހެންވަމުން ދާއިރު އާންމުރައްޔިތުން ރަސްގެފާނާމެދު ނުރުހިގެން ތިބޭނެވަރާއި ކިޔާނެ އެއްޗަކާ މެދު ރަސްގެފާނު ހުންނަވަނީ އާފިލު ވެވަޑައިގެން ފައެއް ނޫނެވެ. ރަސްގެފާނު ހެދުންކޮލު ބަދަލު ކުރައްވައިގެން މީހުން އެއްވެ އުޅޭ  އާންމު ތަންތަނަށް ވަޑައިގެން، މީހުން ކިޔާ އެއްޗިއްސާ ބުނާ އެއްޗެއްތީގެ އަޑުހުންނަވަނީ އައްސަވާއިގެންނެވެ.

އެއްދުވަހަކު ފިރިހެނުންތަކެއް ކޮންމެވެސް ބާވަތެއްގެ ބުރަމަސައްކަތެއް ކުރަން ތިބީ އަންހެނުން ފެންގެންދާ ވަޅެއްގެ ވަރަށް ކައިރީގައެވެ. އެ ވަޅު ދޮށަށް އަންހެން ކުއްޖަކު ފެންބަލައި އަތުވެއްޖެ އެވެ. އެފިރިހެނުންތަށް، ފިރިހެނުން އަންހެނުންނާ ފޮށޭ ޒާތުގެ ހަށަވާދަ ކިއުންތަކުން ފޮށިގެން ފިއެވެ. އަދި ބުންޏެވެ. ތިޔަގޮތަށް ނަލަ ދައްކާފައި ބޮޑުވެ ފަތާރާސީ ވެގެން އުޅެވޭނީ އަބިންނަށް ނުބައި ރަސްގެފާނާ ޖެހޭ ދެންނެވެ. (މިއި މިސަހަރުގައި މިހާރު ފިރިހެން ކުދިން އަންހެން ކުދިންނާ ދިމާއަށް ބުނާ އާއްމު އަތްމަތީ ބަހެކެވެ.) އެއަބިންނަށް ނުބައި ރަސްގެފާނާ ޖެހުނީމާ އޮންނާނީ ތިޔަ ފޮނި ދެއްކި ހަމަވެފަ އެވެ. މިއަންހެން ކުއްޖާއަކީ ޒުވާބު އަވަސް އަނގަ ގަދަ ތޫނު ކަނޑިއެއްކަހަލަ ތޫނު ބަހުން ވާހަކަ ދެއްކާ ދޫ ފަސޭހަ ކުއްޖެކެވެ. އެއަންހެން ކުއްޖާ ބިރެއް ސިހުމެއް ނެތި ބުނެލައިފި އެވެ. ތިޔަ ބުނާ އަނބިންނަށް ނުބައި ރަސްގެފާނަކަށް ތިޔަ ފާޑަކަށް ތިޔައުޅުއްވެވެނީ މަކަހަލަ ކުއްޖަކާ ނެޖެހިގެން ނެވެ. ތިޔަ ރަސްގެފާނު މަށާ ޖެހިއްޖެނަމަ އެރަސްގެފާނު ލައްވައި މަގޭ ފައި މޮޑުވައިފާ، ކުކުޅު ލޯގަޑު އުފުލު ވާނަމެވެ. ނޯކިރީ ކުރުވާނަމަވެ.

މިއަންހެން ކުއްޖާ މިބުނި އެއްޗެއް ބުނި އިރު އެރަސްގެފާނު ހުރި ކަމުގައި ވަނީ އެފިރިހެނުން ތަކުގެ ތެރޭގައެވެ. ރަސްގެފާނު މިއަޑު އައްސަވައިފާ އެއަންހެން ކުއްޖާގެ ބޯކޮޅު ބަލަމުން ފަސް ފަހަތުން ވަޑައިގެން އެއަންހެން ކުއްޖާ ގެއަށް ވަނުމުން އެގެ ފާހަގަކޮށްފައި ގަނޑުވަރަށް ވަޑައިގެން ފިއެވެ.  ގަނޑުވަރަށް ވަޑައިގެން ބޮޑު ވަޒީރަށް ވިދާޅުވިއެވެ. އެވެނި ތާނގައި ހުންނަ މިވެނި ގޭގައި އުޅޭ އެވެނި އަންހެން ކުއްޖާ، ތިމަން ރަސްގެފާނު މިރޭ ކާވެނިފުޅު ބައްލަވައި ގަތުމަށް މިގަނޑުވަރަށް ގެންނާށެވެ. ދެން ވަޒީރު ދުރުވެ އެއަންހެން ކުއްޖާ ގަނޑުވަރަށް ގެންނަވައި، ރަސްގެފާނު ކަވެނިފުޅު ބައްލަވައި ގެންފިއެވެ.

ރަސްގެފާނު އެރޭ ކުޅުޖައްސަވަން ވެގެން ބެއްލެވިއިރު ފީކުތާނު ހުރީ ފައިލާކޮޅުގައި މަތިޖަހައިފަ އެވެ. ރަސްގެފާނު މިކަމާމެދު އަނބިކަަބަލުންނަށް ކޯފާވެ ވަޑައިގެން ފިއެވެ. އެކަމަނާ ދެންނެވިއެވެ. ކުޅުޖަހާ ފީކުތާނު މަތިނުޖަހައި ބޯލާކޮޅު ހުރުމުން، ކޮޓަރި ތެރޭގައި ހުންނަ ވަޔާއެކުވެގެން އެކުޅުގައި ހުންނަ ޖަރާސީމުތައް މަނިކުފާނުގެ އަގަފުޅާއި ނޭފަތްފުޅަން އެތެރެއަށް ވަދެ ބަލި އިތުރު ވާނެ އެވެ. މަނިކުފާނު ކެއްސައި ވަޑައިގަންނަވަން ޖެހޭ އާލާސް ކަންފުޅުގެ އަޞްލު ސަބަބަކީ ވެސް މިކަހަލަ ކަންތައްތަކަށް ވިސްނައި ވަޑައި ނުގެން އުޅުއްވުމުގެ ނަތީޖާއެވެ. ރަސްގެފާނަށް އަނބިކަމަނާގެ ބަސް ބާޠިލު ކޮށްލެވޭ ފަދަ އެއްވެސް ޙުއްޖަތެއް ނުދެއްކެވުނެވެ. ދެން ޖެހިވަޑައިގަތީ ކޯފާވެ ވަޑައިގަތުމުގެ ބަދަލުގައި، މަޑުން އޮންނަވައިގެން ފިކުރުފުޅު ކުރައްވާށެވެ.

ހެދުނު ތެދުވެ ވަޑައިގެން ނާނޭފުޅު ފިއްލެވުމަށް ވަޑައިގެން ބެއްލެވި އިރު ހުރި ހުނު ފެނެއެވެ. ރަސްގެފާނު މިކަމާ ވެސް އަނބިކަމަނާ އަށް ކޯފާވެވަޑއަިގެން ވިދާޅުވީ ތިމަން މިހަރު ބޭނުން ފުޅުވަނީ ހިހޫފެނެވެ. އަނބިކަބަލުން ދެންނެވިއެވެ. މަނިކުފާނު ރޭގަޑު ފިނިކަމުގައި އަވަހާރަފުޅު ލައްޕަވައި އެފިނިކަމުގެ މައްޗަށް ހީހޫފެނުން  ނާނޭފުޅު ފިއްލެވުމުން ހަށިކޮޅުގައިވާ ނާރުފުޅުތަކަށް عصبي އާލާސްކަންފުޅު އެއްދުވަހުން އަނެއް ދުވަހަށް އިތުވަމުންދާ ސަބަބަކީ އެއީ އެވެ. ހީހޫފެން ބޭނުންފުޅު ކުރައްވަން ވާނީ ހޫނުފެނުން ނާނޭފުޅު ފިއްލަވައި، ނާރުފުޅުތަކުގައި ލޭފޮދު ރަގަލަށް ހިގައި ގަތުމުގެ ފަހުގައެވެ. މިރޮގުން މިފަަހަރުވެސް އަނބިކަބަލުން ދެންނެވިހައި ދެންނެވުންތަކަށް އިންކާރު ކުރާނޭ ތަނެއް ރަސްގެފާނަކަށް ނުފެނުނެވެ.

ނާނޭފުޅު  ފިއްލަވައި ނިމިވަޑައިގެން ގައިކޮޅުން ފެން ހިއްކަވައި ލައްވާފައި ބެއްލެވިއިރު އަދި ހިކި ފޭރާންކޮޅެއް ނުގެންނަވަ އެވެ. މިކަމާ ވެސް ރަސްގެފާނު އަނބިކަމާނާއަށް ކޯފާވެ ވަޑައިގެންފިއެވެ. އެކަމަނާ ދެންނެވިއެވެ. މަަނިކުފާނު ނާނޭފުޅު ފިއްލެވުމުން ހުންނާނީ ހަށިގަނޑުވާ مسانه (އިސްތަށި ބުޑުތައް) ހުންނާނީ ފާވެފަ އެވެ. ގައިހަމުގެ ފެންހިކޭހައި އަވަހަކަށް مسانه ތަކުގެ ފެނެއް ނުހިކޭނެއެވެ. އެ مسانه ތައް ހިކި އެތަން ތަނަށް ސާފުވައި ލިބުމުގެ ކުރީގައި ހިކި ފޭރާން ކޮޅު ތުރު ކުރެއްވުމުގެ ސަބަބުން ވާގޮތަކީ، ހަށިގަނޑު އުފެދޭ ހޫނުކަމެއްގެ ސަބަބުން ހަށިކޮޅު މާއަވަހަށް ދާފޮދު ނުކުންނަ ގޮތް ދިމާވަނީ އެވެ. އެ مسانه ތަކުގައި ބަންދުވެފައި ހުންނަ بحارا އެކުވެގެން ދާފޮދު ހިލި ހަށިކޮޅާއި، ފޭރާންކޮޅުގެ ވަސް ނުބައިވާގޮތަށް ދިމާވާނީ އެވެ. އެކަމުގެ ސަބަބުން މާ އަވަހަށް ލޮޑުވެ ބޯބަރުވެ ނިދިއަންނަ ކަހަލަ ގޮތްތަކެއް ވަނީއެވެ. މިކަހަލަ އެތަށް ސަބަބުތަކަކާ ހުރެ ހިކި ފޭރާން ކޮޅު ތުރުކުރައްވަން ރަގަޅުވާނީ ނާނޭފުޅުގެ ކަންތަކުން މިނި ކުޑައިރުކޮޅެއް ފަހުންނެވެ. މިސަބަބު ތަކަށްޓަކައި ހިކި ފޭރާން ކޮޅު ގަނައުން ލަސްކޮށްލީ އެވެ. އެހެން ނޫންނަމަ މަނިކުފާނު  ނާނޭފުޅު ނިމިވަޑައިގަތުމާއެކު ހިކި ފޭރާން ތުރު ކުރެއްވީހެވެ.

 މިފަހަރުވެސް އަނބިކަމަނާ ދެއްކި ވާހަކަތަކަށް ދެކޮޅު ހަދައި ކޯފާ އިސްވެވޭ ގޮތެއް ނުވިއެވެ. ޖެހިވަޑައިގަތީ އިސްދަށަށް ޖައްސަވައިގެން އަޑުއަހަން ހުންނަވާށެވެ. މިގޮތަށް ދުނިޔޭގެ ދުވަސްތަށް ދައުރުވަމުން، ދުވަސްތައް ހަފްތާއަށްވެ، ހަފުތާތަކުން މަސްވަރުތަކަށްވެ މަސްވަރުތަކުން އަހަރުތަކެއް ވަމުންދެއެެވެ. މިދުވަސް ތަކުގެ ތެރޭގައި ރަސްގެފަނަށް އަބިކަމަނާ ކުށްވެރި ކުރުވައިގެން ޤަތުލު ކުރެވޭނެ އެއްވެސް ގޮތެއް ނުވިއެވެ.

ރަސްގެފާނު އަބިކަމަނާ ދެކެ ފޫހިފުޅުވާގޮތް ބޮޑުވަމުން ދިޔަ ނަމަވެސް އެކަމަނާ އަނގައިގެ ކުރިމަތީގައި ރަސްގެފާނަށް ފަތަޙައެް ލިބިވަޑައެއް ނުގެންނެވިއެވެ. ކޮންމެ ފަހަރަކުވެސް ޖެހޭނީ އެކަމަނާގެ ކުރިމާތީގައި ހަތިޔާރު ބަހައްޓާށެވެ. އެންމެފަހުން ރަސްގެފާނު އެކަމަނާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓަން ނުޖެހޭ ކަހަލަ މޮޅު ފިކުރު ފުޅެއް ހޯދަވައި ފިއެވެ. (ބީރުބޮލުވެސް ތިން ދޮގު ހަދަން ޖެހިގެން ދެދޮގު ހެދިގެން އެންމެ ފަހުން ވަޒީރު ދެންނެވީ ތިންވަނަ ދޮގަކަށް ކޮންމެ އެއްޗެއް ދެންނެވިއަސް ތިޔައީ ތެދެކޭ ވިދާޅުވާށޭ) ބުނިކަހަލަ ފިކުރު ފުޅެކެވެ.

އެއްދުވަހަކު ރަސްގެފާނު އަނބިކަމަނާ އާދިމާއަށް ވަރަށް ބޮޑަށް ކޯފާ ވަޑައިގެން ވިދާޅުވިއެވެ. ކަމަނާ ޤަތުލު ކުރެވޭ ފަދަ އެއްވެސް ކުށެއް މައްޗެއް ނުކުރެވުނެވެ. ނަމަވެސް ތިމަން ރަސްގެފާނު މިހާރު ކަމަނާ ދެކެ ފޫހި ފުޅުވެއްޖެއެވެ. ތިމަން ރަސްގެފަނު ފޫހި ފުޅުވަނީ ކަމަނާގެ އަނގަ ގަދަކަމުންނެވެ.  ކަމަނާގެ ގެއަށް ކަމަނާ ވަޑައިގަންނަވާށެވެ. މިގަނޑުވަރުން ނުކުމެ ވަޑައިގަންނަވާށެވެ. ތިމަން އެހެން ރާނީއަކު މިގަނޑުވަރަށް ގެންނަ ހިތްޕުޅު ބޮޑުވެއްޖެއެވެ. ކަމަނާގެ ކުށަކީ ކަމަނާގެ އަނގަ ގަދަކަމެވެ. އެކަމަނާ ދެންނެވިއެވެ.

ތަޑު ގަހަކުން ހިކި ތޮށި ފައިބާހެން ގަޑު އަޅު ދެކޮޅެއް ބަލަނު ހަދަން

        ކަޑުލާ ރަނޑުލާ ވަކިނުވި ރަސްފުތު މަޑުއަނގަ ރާނީ ގެންނާށޭ

ނަމަކުން ފިރިހެން ކިއިގެން ތިއުޅޭ ކަމަކާވީތާ ތިދިމާ

          ސަމުގާދަނޑިއަށް ގޮސްފާ މަބުނާ އަނގަމަޑުރާނީ ގެންނާށޭ

ކެރިގެން ކަމުގާ ކުރިމަތިލަންޏާ މެރިފާހުރިލޯ ހުޅުވާށޭ

            އެރިހެން ރަށަކަށް ބެރިތިމާނުވެ އަނގަމަޑުރާނީ ގެންނާށޭ

ދަނޑިފަށްގަނޑުގާ ހުންނަ ވިލާވައި އަޑިއަށްނުދަނީސް އޮޑިދެނެގެން

          އަޑިވާ ދިޔަނަމަ ކުުރިއަށް ދުއްވާ މަޑުއަނގަރާނީ ގެންނާށޭ

އިޑިއަށްޕަން ބަލަ މީރަސްނުކެވޭ ފިނޑިފިރިހެންކަން ބޮޑުވީމާ

        ސިޑިތައްކުރަމުން އުނދަގޫވިގިރާ މަޑުއަނގަރާނީ ގެންނާށޭ

ރަސްގެފާނު އާއްމު ދަރުބާރެއް އެއްކުރައްވައި އަމީރުންނާއި ވަޒީރުންނަށް ވިދާޅުވި އެވެ. ތިމަންމަނިކުފާނު އެކަނިގިނިކަންޏާ ދަތުރުފުޅެއް ކުރައްވަންވެގެން ތިޔައެންމެބޭފުޅުންނަށް ދަންނަވާލީ އެވެ. ތިމަންރަސްގެފާން އެނބުރި ވަޑައިގަންނަވާދެން ރަސްކަމުގެ ހުރިހާކަމެއް މި ހަވާލުކުރަނީ ތިޔައެންމެބޭފުޅުން ވެސް ދެނެވަޑައިގެން ތިއްބަވާ، މުސްކުޅި އެދުރުކަލޭގެފާނުގެ ދަރިކަނބަލުން އަޅުގަނޑުގެ އަނބިކަނބަލުން عميرة އާއެވެ. ތިޔަހުރިހާ ބޭފުޅުން އެކަމަނާއަށް އެހީތެރިވެގެން ރަސްކަމުގެ ހުރިހާކަމެއް ރަނގަޅަށް ބަލަހަށްޓާށެވެ.
   
ރަސްގެފާނު ދަތުރުފުޅު ކުރައްވައިފިއެވެ. ރަސްކަން އޭގެ ކީރިތިކަމާއި މޫރިތިކަމާއެކު އެކަމަނާ ހިންގަވަމުން ގެންދަވައެވެ. އެކަމަނާ އެދި ވަޑައިގަންނަވާ ކަމަކަށް ވާނަމަ، ރަސްގެފާނަށް މިރަސްކަމުގެ ތަހުތުގައި ދެން ދުވަހަކުވެސް އިށީދެވަޑައި ނުގެންނެވުނީހެވެ. ސަހަރުގެ އެންމެން އެކަމަނާއާ މެދު، ހިތުގެ އެންމެ އަޑިން ޝުކުރުގެ ޝުޢޫރުތަށް ރައްދު ކުރަމުންދެއެވެ. އެތަކެއް ސަތޭކަ އަންހެން ކުދިންގެ ފުރާނަތަށް ކަށްވަޅުތަކުން ސަލާމަތްކުރި عميرة އަކީ އެންމެންގެ ހިތްތަކުން އެކަމަނާއަށް فاتحاالاعظيم ގެ މަޤާމު ދީފާވާ ބޭފުޅެކެވެ.

 އެއްދުވަހަކު އެކަމަނާގެ ހިތްޕުޅުގައި ޖެހިވަޑައިގަތެވެ. ތިމަން މިހެން ހުރެގެން އެރަސްގެފާނަށް ވަޑައެއް ނުގެންނެވޭނެ އެވެ. އަނގަމަޑު ރާނީގެ ކާވެނިފުޅު އެދިވަޑައިގެން ވަޑައިގެންނެވި އެތައްސަތޭކަ ޢަމީރުންނާއި ވަޒީރުންނާ، ރަސްކަލުންނާ، ރަސްދަރިކަލުންނެއް ވަނީ އެސަހަރުގައި ހައްޔަރުވެ ނިކަމެތި ވެގެންނެވެ. އެކަމަނާގެ ކާވެނިފުޅަށް ޝަރުތު ކުރެވިފައިވާ ސުވާލު ތަކުގެ ޖަވާބު ދޭން ނޭގިގެން ނެވެ. ކޮންމެ ބޭފުޅަކު ވެސް ކުރިމަތިލަނީ ދެފުށަށް ދެފަތް ލިޔެ ސޮއިކޮށް ގެންނެވެ. ޝަރުތު ކުރެވިފައިވާ ސުވާލު ތަކުގެ ޖާވާބު ދެވިއްޖެނަމަ އަނގަމަޑު ރާނިގެ ކާވަނިފުޅާ އެކަމަނާގެ ރަސްކަން އެމީހަކު ބޭނުން ކޮންމެ ގޮތަކަށް ބޭނުން ކުރަން ލިބޭނެ އެވެ. ޝަރުތު ކުރެވިފައިވާ ސުވާލުތަކަށް ޖާވާބު ނުދެވިއްޖެނަމަ ކުރެވިފައިވާ ޝަރުތުގެ މަތިން އެމީހެއްގެ ބޯ ބާލައި ބޮލުގައި ރީދޫ އުގުޅާފައި ބޮޑުބަދިގޭ ފުށު އުދުނު ބިއްދަށު މަސައްކަތް ޙަވާލު ކުރެވޭނެ އެވެ. ފުށު އުދުނު ބިއްދަށު މަސައްކަތު މީހުން ހަމަވެއްޖެނަމަ އެންމެ ކުރީގާ އެމަސައްކަތާ ޙަވާލު ކުރި މިހާ އަޅެއްގެ ގޮތުގައި ރަށުގެ ތެރެއަށް ވިއްކައި ލެވޭނެ އެވެ. އެމީހަކު ރަށުން ބޭރަކަށް ނުގެންދެވޭ ނެއެވެ.

ދެން އެކަމަނާ ބޮޑު ވަޒީރަށްވިދާޅުވިއެވެ. ތިމަންކަމަނާގެ ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވާތީ ގޭގައި ކުޑަދުވަސް ކޮޅަކަށް އުޅެން ޖެހިއްޖެ އެވެ. ރަސްކަމުގެ ކަންތައް ރަގަޅަށް ބަލަހައްޓަވާށެވެ. މިހެން ވިދާޅުވެ ގެއަށް ވަޑއިގެން ބައްޕައިފުޅުގެ އަރިހުން ކަމާބެހޭ މަޢްލޫމާތު ހޯއްދަވައިގެން ބައްޕާފުުޅުގެ ލަފާފުޅާ ވެސް އެކުގައި ދަތުރަށް ނުކުމެ ވަޑައިގެންފި އެވެ. ގިނިކަންޏާ ދަތުރުފުޅު ކުރައްވައިފައި ވަޑައިގެން، އަނގަމަޑު ރާނީގެ ސަހަރުގެ ރަށްބޭރުގައި މަޑުކުރައްވައިފި އެވެ. ދެން ދަތުރު ކުރެއްވީ ފިރިހެން ހެދުމުގެ އިތުރަށް މަޞްނޫޢި ތުބުޅިއަކާ މަތިމަހެއް ޖައްސަވައިގެންނެވެ. ދެން ސަހަރުގެ ރަށް ބޭރު ބޮޑުދޮރޯށި ކައިރިއަށް ވަޑައިގެން އައި ބޭނުމުގެ ވާހަކަ ދޮރު ފާރެވެރިންނަށް ވިދާޅުވެއްޖެ އެވެ. ދެން ކުޑައިރުކޮޅަކުން އަމުރު ލިބިގެން އެތެރެއަށް ގެންދެވިއްޖެ އެވެ. ދެން އަގަމަޑު ރާނީ އާއި ކާވަންޏަށް އަންނަމީހުންނާ މެދު އޮންނަ ޤަވާޢިދުތައް ސާފުކޮށް ދެވިއްޖެ އެވެ. އޭގެ ފަހުގައި އިޤްރާރުވެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ އެވެ. އޭގެފަހުގައި އެތާ އޮންނަންޖެހޭ ލިޔުން އެތާބާއްވައި، އަގަމަޑުރާނީގެ ކާވަންޏަށް އަންނަ މީހާއަށް ދޭ ލިޔުން ދަތުރުވެރިޔާ އާއި ހަވާލުކުރުމަށްފަހު ސުވާލުތައް ކުރަން ފެށިއްޖެ އެވެ.

ސުވާލުކުރާމީހާ: މާތްރަސްކަލާގެ މިއުޑާއި ބިމާއި ދެމެދުގައި ލައްވާފައިވާ އެއްޗެއްވެއެވެ. އެކަމަކު އެއްޗެއް މިއުޑާއި ބިމާއި ދެމެދުގައިވާ ޖާގައަށް ވުރެ މާ ތަނަވަސްކަން ބޮޑެވެ. އެއީ ކޮން އެއެްޗެއް ހެއްޔެވެ؟

(ނުނިމޭ...)



ހަމަމިގަލަމުން

އިދާރާ

ވާހަކަ