އަދުގެ ޚާއްސަ

Print

ޙައްޖު: އަލުން އުފަންވުމެއް

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


އިބްރާހީމް ރަޝީދު މޫސާ

މިއީ ޙައްޖު މޫސުމުގެ ދުވަސްވަރެވެ. ޙައްޖަކީ ބަދަނީ އަދި މާލީ އަޅުކަމެކެވެ. އެއީ ރޫޙުތައް މަތިވެރިވެ، ނަފްސުތައް އުޖާލާވާ މޫސުމެކެވެ. ޙައްޖުވެރިން ﷲގެ ޙަޟްރަތާ ކުއްތަންވެފައިވާ މިންވަރުގެ ސަބަބުންނެވެ. ﷲގެ ރިޙާބުގެ ތެރޭގައި، އަލްމަސްޖިދުލް ޙަރާމުގެ ޙަރަމުފުޅުގެ ތެރޭގައި އެމީހުން ތިބޭތީއެވެ. ޙައްޖުވެރިންނަކީ ﷲގެ ވަފްދެވެ. ﷲގެ ޙަޟްރަތަށް ޒިޔާރަތްކުރާ ބަޔަކަށް ﷲ ކަމޭ ހިއްތަވާނެއެވެ. ދީލަތިވެ ވޮޑިގަންނަވާނެއެވެ. އެމީހުން ކަމަކަށް އެދި ދަންނަވައިފިނަމަ އެކަމެއް ފުއްދަވާ ދެއްވަވާނެއެވެ. އެމީހުން ފާފަ ފުއްސަވާ ދެއްވުމަށް ދަންނަވައިފިނަމަ އެމީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެއެވެ. އެމީހުން ދަންނަވާ ދުޢާތައް އިޖާބަ ކުރައްވާނެއެވެ. ކީރިތިރަސޫލާ ޙަދީޘްކުރައްވަނީ [الْحُجَّاجُ وَالْعُمَّارُ وَفْدُ اللَّهِ، إِنْ دَعُوهُ أَجَابَهُمْ، وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ (1)
1-    ޙައްޖުގެ އެންމެ މުހިންމު އަޅުކަމަކީ ޙައްޖުމަހުގެ 9 ވަނަ ދުވަހު ޢަރަފާތު ބިމުގައި މާތް ﷲ އަށް ނިކަމެތިވެ މަޑުމޮޅި ކަމުގައި ތިބޭ ތިބުމެވެ. ޢަރަފާތު ދުވަހަށް ޙައްޖު ދުވަހޭ ކިޔެނީ މިހެން ވެގެންނެވެ. އެ ދުވަހު މާތްﷲ އެކަލާނގެ އަމުރުފުޅަށް ކިޔަމަން ގަނެގެން ޙައްޖަށް ދިޔަ މީހުންނާމެދު ފަޚްރުވެރިވެ ވޮޑިގަންނަވާނެއެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވަނީ  انْظُرُوا إِلَى عِبَادِى جَاءُونِى شُعْثًا غُبْرًا (2) - [ތިމަން ރަސްކަލާނގެ އަޅުން ތިމަން ރަސްކަލާނގެ އަމުރުފުޅަށް އިޖާބަދީ ދަތުރުފަތުރުކުރުމުގެ ވަރުބަލިކަމާ އެކު، މިތަނަށް އައިސްތިބިގޮތް، ތިޔަބައިމީހުން، ފަހެ، ދެކެ ބަލާށެވެ.]  އެކަލާނގެ އެކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރައްވާނެއެވެ. އަދި އެކަލާނގެ އެކަލާނގެ މަލާއިކަތުން ހެކި ކުރައްވާ އެކަލާނގެ އަޅުންނަށް ފާފަ ފުއްސަވާ ދެއްވާނެއެވެ. މިކަމުގެ ސަބަބުން ޙައްޖުވެރިން އެމީހުންގެ މައިންގެ ބަނޑުން އުފަންވި ދުވަސް ފަދައިން އެއްވެސް ފާފައެއްނެތް ޠާހިރު ބަޔަކަށް ވެގެންދާނެއެވެ. އެހެންކަމުން ޙައްޖަކީ އަލުން އުފަންވުމެކެވެ. مَنْ حَجَّ وَلَمْ يَرْفُثْ وَلَمْ يَفْسُقْ رَجَعَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمُّهُ (3) -  ފާޙިޝް ޢަމަލެއް އަދި ފާސިޤު ޢަމަލެއް ނުކޮށް ޙައްޖުވި މީހާ، ފަހެ، އޭނާގެ މައިމީހާ ޙައްޖުގެ ތެރޭގައި ފާޙިޝްކަމެއް އަދި ފާސިޤުކަމެއް ނުކޮށް ޙައްޖުވި މީހާ އޭނާގެ މަންމަ އޭނާ ވިހޭދުވަސް ފަދައިން (ޠާހިރުކަމަށް) އެނބުރި ހިނގައްޖެއެވެ.]
އަލުން އުފަންވުމަކީ ބާއްޖަވެރި ރަނގަޅުފެށުމެކެވެ. ޙައްޖުވެރިޔާ އަލަށް އުފަންވި މީހަކާ އެއްފަދަ ކުރެއްވުމުގެ މާނައަކީ؛
1- އޭނާއަކީ ސަލާމަތް ހިތެއްގެ ވެރިއެކެވެ.
2- އޭނާއަކީ ސަލާމަތް ހަށިގަނޑެއްގެ ވެރިއެކެވެ.
3- އޭނާއަކީ ސަލާމަތް ފިޠުރަތެއްގެ ވެރިއެކެވެ.
4- އޭނާއަކީ އާޚިރަތާ ދިމާއަށް ރަނގަޅަށް މިޞްރާބު ހިފާފައިވާ މީހެކެވެ.
އެހެންކަމުން ޙައްޖުގެ މަނާސިކުތައް އަދާކޮށް ހެޔޮ ރަނގަޅު ގޮތުގައި އަލަށް އުފަންވެގެން އައިމީހާ މިދަންނަވާ ކަންތައްތަކުގައި ތެދުމަގަށް އެނބުރި ގަންނަން ޖެހޭނެއެވެ.

1. އޭނާގެ ބަސްތައް: މާތް ވަޙީ ކުރައްވަނީ "  أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا (4) -  އޭ އީމާންވެއްޖެ މީސްތަކުންނޭވެ!  ތިޔަބައި މީހުން ﷲއަށް ތަޤްވާވެރިވެ ސީދާވެގެންވާ  ބަހަކުން ބަސްބުނާށެވެ. " މިގޮތަށް ޢަމަލުކުރާމީހުންނަށް މާތްﷲ ދެއްވާ ސަވާބާއި ދަރުމަ ބަޔާންކޮށްދެއްވައި ވަޙީކުރައްވަނީ " يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ‌ لَكُمْ ذُنُوبَكُمْ  (5)  - (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް  އެކަލާނގެ އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނޞީބު ލިބުމަކުން އެމީހާއަށް ނަޞީބު ލިބިއްޖެއެވެ. "

2. އޭނާގެ ޢަމަލުތައް: މާތް ﷲވަޙީ ކުރައްވަނީ "  مَنْ عَمِلَ صَالِحًا مِّن ذَكَرٍ‌ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً (6)  - އީމާންވެގެންވާ ޙާލު، ޞާލިޙު ޢަމަލުކުރާ މީހާ، އެއީ ފިރިހެނަކަށް ވިޔަސް ނުވަތަ  އަންހެނަކަށް ވިޔަސް، ފަހެ ތިމަން ރަސްކަލާނގެ އެމީހަކު ރަނގަޅު ވެގެންވާ ޙަޔާތެއްގައި ދިރުއްވަވާ ހުށީމެވެ."

3- އޭނާގެ ޙާލު އަޙްވާލު: މާތް ﷲ ވަޙީ ކުރައްވަނީ "  فَاسْتَقِمْ كَمَا أُمِرْ‌تَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ‌ (7)     ފަހެ، ކަލޭގެފާނަށް އަމުރު ކުރެއްވުނު ފަދައިން ކަލޭގެފާނުގެ އަރިހުގައި އީމާންވެ، ތަވްބާވެގެންތިބި މީހުންނާ އެކު،  ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ!  އަދި ތިޔަބައި މީހުން ޙައްދު ފަހަނަޅާ ނުދާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ތިޔަބައިމީހުން ކުރާ ޢަމަލުތަކަށް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. " 

އިސްވެ ދެންނެވި ކަންތައްތައް ކުރެވޭނީ މާތްﷲ އަށް ކިޔަމަން ގަތުމާއި މުންކަރާތްތަކާ ދުރުހެލިވުމަށް ދަހިވެތިވެ ގަދައަޅާ މަސައްކަތް ކުރުން މަތީގައި ދެމިހުރެގެންނެވެ.

ޙައްޖަކީވެސް ޖިހާދެކެވެ. އެކަމަކުއެއީ އެކަމުގެ ތެރޭގައި ހަނގުރާމައެއް ނެތް، ކުރިމަތިލުމެއް ނެތް ޖިހާދެކެވެ. އެހެންކަމުން ޙައްޖުން އަވަދިވެގެން ޤައުމަށް އެނބުރި އައިސް ޖިހާދުގެ މަތީގައި ދެމިހުންނަން ވާނެއެވެ. ޖިހާދުގެ ތެރޭގައި ނަފްސާ ދެކޮޅަށް ކުރެވޭ ޖިހާދާއި، ޝައިޠާނާއާ ދެކޮޅަށް ކުރެވޭ ޖިހާދާއި ، ޤައުމަށްޓަކައި ކުރެވޭ ޖިހާދު ހިމެނެއެވެ. އޭގެ ތެރޭގައި އުއްމަތުގެ އެއްބައިވަންތަ ކަމަށްޓަކައި ކުރެވޭ ޖިހާދުވެސް ހިމެނެއެވެ. ޙައްޖުގެ މަނާސިކު ތަކަކީ އުއްމަތުގެ އެއްބައެއްވަންތަކަން ކަށަވަރު ކޮށްދޭ ކަމެކެވެ. ޙައްޖުގެ މަނާސިކުގެ ތެރޭގައި ޙައްޖުވެރިންގެ އަޅުކަންތަކާއި ތަލްބިޔާއާއި އިޙްރާމު ހެދުމުން ފެނިގެންދަނީ މިއުއްމަތުގެ މަތިވެރިކަމާއި އެއްބައިވަންތަކަމެވެ. ޙައްޖުގެ އަޅުކަންތަކުގެ ތެރޭގައި ޤައުމުތަކުގެ ތަފާތުކަމާއި، ނަސްލުތަކުގެ ތަފާތު ކަމާއި، ބަހުގެ ތަފާތު ކަމާއި ،ކުލައިގެ ތަފާތުކަންވަނީ ނެތިގެން ގޮސްފައެވެ.

އިސްލާމީ އުއްމަތުގެ ކާމިޔާބީތަކާއި ،މަތިވެރިކަމާއި ،އައުދާނަކަން އޮތީ މި އެއްބައި ވަންތަކުގެ މަތީގައެވެ.  ﷲ ތަޢާލާ  ވަނީ އަޅުގަނޑުމެންނަށް ބައިބައިވެގެން ނުދިއުމަށް އަންގައިފައެވެ. މާތް އަންގަވަނ " وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِ‌يحُكُمْ (8)  -  ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ. އޭރުން ތިޔަބައިމީހުން ނާކާމިޔާބު ވެދާނެއެވެ. އަދި ތިޔަބައި މީހުންގެ ބާރު ނެތި ހިނގައިދާނެއެވެ."
އިސްލާމްދީނުގެ ދުޝްމަނުން އެމީހުންގެ ރޭވުންތަކާއި މަޝްރޫޢުތައް ތަންފީޒު ކުރުމަށްޓަކައި މި އެއްބައިވަންތަކަށް ނަގައިލުމަށް ފިޔަވަޅު އަޅައިފައިވެއެވެ. މުސްލިމުންގެ އެއްބައިވަންތަކަމުގެ ބާރާއި ނުފޫޒު އެމީހުންނަށް ފެނިފައިވާތީއެވެ. މިހެންވެ ހުރިހާ ޒަމާނެއްގައިވެސް އިސްލާމްދީނުގެ ދުޝްމަނުން މަސައްކަތްކޮށްފައިވަނީ މުސްލިމުންގެ ސަފުތައް ބައިބައިކުރުމަށެވެ. އެމީހުންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރުމަށެވެ. މުސްލިމުން ޣާފިލުކަމާއި ޖާހިލުކަންމަތީ ބައި ތިއްބުމަށް ޓަކައެވެ. އެމީހުންގެ ވެރިކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ބޭނުމުގައެވެ.
ޢަރަފާތުގައި ޙައްޖުވެރިން ހޭދަކުރާ ވަގުތުކޮޅަކީ މިއެއްބައިވަންތަކަމުގެ ޢަމަލީ ތަމްރީނުތައް ލިބިގަންނަ ވަގުތުކޮޅެކެވެ. ޙައްޖުވެރިޔާ ޤައުމަށް އެނބުރި ގޮސް ޙައްޖު މޫސުމުގައި އުޅުނު ރިވެތި އަދި މާތް އަޚްލާޤުގެ މަތީގައި އުޅެވޭތޯ ބަލަން ޖެހޭނެއެވެ. ޙައްޖުގެ އަޚްލާޤުން ގަހަނާ އަޅައިގެންނެވެ. އޭނާގެ ހުރިހާ މުޢާމަލާތުތަކާއި ސުލޫކެއްގައި ލެވިފައި ހުންނަން ޖެހޭނީ މިއަޚްލާޤުގެ ދަވާދެވެ.

ޙައްޖުވެރިޔާ ޤައުމަށް އެނބުރި އައިސް އޭނާގެ ގުޅުންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އޭނާގެ ވެރި ރަސްކަލާނގެއާ އޭނާގެ އަހްލުންނާއި، އޭނާގެ އަވަށްޓެރީންނާއި، ރަޙްމަތްތެރީންނާއި، ގާތްތިމާގެމީހުންނާއެކު އޮންނަ ގުޅުން ،ރަނގަޅު ގުޅުމަކަށް ހަދަން ޖެހޭނެއެވެ. ކީރިތި ރަސޫލާ ޙަދީް ކުރައްވަނ " خَالِقِ النَّاسَ بِخُلُقٍ حَسَنٍ (9) - ތިބާ މީސްތަކުންނާއެކު ރިވެތި އަޚްލާޤުން މުޢާމަލާތުކުރާށެވެ."
ޙައްޖަކީ މާޟީވެސް ހަދާންކޮށްދޭ ކަމެކެވެ. ދުނިޔޭގެ ތާރީޚުގެ މޫނުމަތި ބަދަލު ކޮށްލައިފައިވާ ބޮޑެތި ހާދިސާތަކެއް ހަދާނަށް ގެނެސްދޭ ކަމެކެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ޠާހިރު އަޞްޙާބުން އިސްލާމީ ދަޢުވަތް ފެތުރުއްވުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ ޛިކްރާއެވެ. މި ހަދާންތަކުން އަޅުގަނޑުމެންނަށް ކެތްތެރިކަމާއި ޢަޒްމު ވަރުގަދަކަމާއި ބުރަތައް ތަޙައްމުލު ކުރުމުގެ ބޮޑެތި ފިލާވަޅުތަކެއް ލިބެއެވެ. މިއީ މިއަދުގެ ޙަޔާތަށް މަތިވެރި ދަރްސު ތަކެކެވެ.

މީގެ އިތުރަށް ޙައްޖުގެ މަނާސިކުގެ ސަބަބުން ނިޒާމު ދަސްވެއެވެ. ކޮންމެ ކަމެއްވެސް އެކަމެއްގެ ވަގުތުގައި ކުރުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް ދަސްވެއެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ކިބައިން ކަންނެތްކަން ފިލުވާލައި އަޅުގަނޑުމެން ނިދިން ހޭލައްވާނެ ކަމެކެވެ. އަޅުގަނޑުމެންގެ ޢަމަލީ ޙަޔާތަށް ބަލާއިރު އަޅުގަނޑުމެންނަށް މިއަދު  ގިނައިން މި އުޅެވެނީ ނިޒާމުގެ ހަވާސާއިން ބޭރުގައެވެ. މިއަދުގެ މަސައްކަތް ފަސްކޮށްގެންނެވެ. މިކަމުގެ ސަބަބުން ޢާންމު މަސްލަޙަތަށް ލިބޭ ގެއްލުންތައް ވަރަށް ބޮޑެވެ. ނިޒާމާ އެއްގޮތަށް ކަންތައްތައް ކުރެވިއްޖެނަމަ ތަނުގައި އޮންނާނީ އަމާން އޮމާން ވެށްޓެކެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ޚިދުމަތެއް އޮންނާނީ ލިބިފައެވެ. ކީރިތި ރަސޫލާ ޙަދީސްކުރައްވަނީ "  خَيْرُ النَّاسِ أَنْفَعَهُمْ لِلنَّاسِ (10) - އެންމެ ރަނގަޅު މީހަކީ މީސްތަކުންނަށް އެންމެ ފައިދާބޮޑު މީހާއެވެ. "

ޙައްޖަކީ މިކަހަލަ ބޮޑު މަދްރަސާއެކެވެ. މި ކަހަލަ ބޮޑު ތަމްރީނުދޭ މަރްކަޒެކެވެ. އަލުން އުފަންކުރުވާފައި އަލުންޙަޔާތަށް ގެނެސްދޭ އަޅުކަމެކެވެ.
-------------
(ނިމުނީ)
ހަވާލާ؛

[1]  - المعجم الكبير للطبرانى

[2] - رواه البيهقى والطبرانى

[3]  - رواه البخارى

[4] - الأحزاب  :70

[5] - الأحزاب  :71

[6] - النحل :97

[7] - هود : 112

[8] - الأنفال :46

 

[9] - رواه الطبرانى والحاكم وأحمد

[10] - الجامع الصغير (3289 )




ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ