އަދުގެ ޚާއްސަ

Print

މުސްލިމުންގެ މަޢީޝީ ތަރައްޤީއާއި، ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމީ އުންމަތުގެ ވަރަށް ގިނަބަޔަކު ދިރިއުޅެމުން ގެންދަނީ، ފަޤީރުކަމާއި އަތްމަތި ދަތިކަމުގެ ނިހާޔަތުގައެވެ. ޒުވާނުންކުރެ އެތައްބަޔަކުވަނީ ފޯރުންތެރިކަން ކުޑަވުމާއި، ވަޒީފާނުލިބުމުގެ ސަބަބުން ގޮތްހުސްވެފައެވެ. އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ފަޤީރުކަމުގައި އެންމެ ކަންބޮޑުވާންޖެހޭ އެއްމަސްއަލައަކީ ދުޅަހެއިކަމާއި ޒުވާންކަމުގެ ނިޢުމަތްދެއްވައިފައިވާ އެތައްބަޔަކުވެސް އާމްދަނީ ހޯދުމުގެ ވަސީލަތަކަށް ސަލާންޖެހުން ޚިޔާރުކޮށްފައިވާ ކަމެވެ.

ފަޤީރުކަމާއި ނުފޯރުންތެރިކަމުގެ ޠޫފާނެއް އުންމަތާ ކުރިމަތިވެފައިވާއިރު އުންމަތުގައި ތިބި މުއްސަނދީންނާއި ފޯރުންތެރީން އެބައިމީހުންގެ ޞަދަޤާތާއި ޒަކާތާމެދު ޢަމަލުކުރާގޮތަކީވެސް އުންމަތުގެ ޒަޚަމް އިތުރަށް ފުންވުމުގެ ސަބަބަކަށް ވަނީވެފައެވެ. ކަންމިހެން ހުރުމާއެކު މުސްލިމުންގެ މަޢީޝަތު ކުރިއެރުވުމާ ބެހޭގޮތުން އިސްލާމްދީނުގެނަބިއްޔާ صلّى اللّه عليه وسلّمގެ ސީރަތުން ލިބޭ އިރުޝާދުތަކާއި ނަމޫނާތައް އަލުން ބަލައި ވިސްނައިލުމުގެ މުހިންމުކަން ވަރަށްބޮޑެވެ.
    
އިސްލާމްދީން އައުމުގެކުރީން ޢަރަބީންގެ މަޢީޝީ ޙާލަތު އޮތްގޮތް

އިސްލާމްދީން އައުމުގެ ކުރިން ޢަރަބިކަރައިގެ އާބާދީގެ ބޮޑުބަޔަކީ ބަދަވީންނެވެ. ބަދަވީންނަކީ އެއްތަނެއްގައި ޤާއިމުވެތިބެ އިޤްތިޞާދީ ތަރައްޤީއާއި ރަށްވެހިކަން ހޯދަން އުޅުނު ބައެއްނޫނެވެ. އެބައިމީހުންގެ ގެރި ބަކަރިޔަށް ބޭނުންވާ ފެނާއި ވިނަ އޭރަކު ލިބެންހުރި ތަނަކަށް ނަޤުލުވަމުން ދިޔަ ބައެކެވެ. ގެރިބަކަރީން ލިބޭ ކުޑަކުޑަ އާމްދީންގެ އިތުރަށް އެބައިމީހުންގެ މަޢީޝަތުގެ ވަސީލަތަކީ ދަތުރުވެރީން ލޫޓުވުމެވެ. އަޢުރާބީންގެ ތެރެއިން ވަކިތަނެއް ޤަޞްދުވެ ވަޒަންވެރިވެގެން އުޅުނު ޤަބީލާތަކުގެ ޙާލަތުވެސް ވަކި ސަހަލެއް ނޫނެވެ. އެބައިމީހުންގެ އިޤްތިޞާދީ މަސައްކަތްތަކުގެ ފޮނިކޮޅު ބޮއިލަނީ ޤަބީލާތަކުގެ ޝައިޚުންނާއި ސަރުދާރުންނެވެ.

އެދުވަސްވަރު ޢަރަބި ކަރައިގައި ރަށްވެހިކަމުގެ ސިފަލިބިފައިހުރި ސަހަރުތައް ވަރަށްމަދެވެ. މައްކާއާއި މަދީނާއާއި، ޠާއިފާއި، ޞަންޢާއި، ޙަޟްރަމައުތު ފަދަ މަދު ރަށެއް ފިޔަވައި އާބާދުވެފައިވާ ސަހަރުތަކެއް ނެތެވެ. ސަހަރުތަކެއްކަމުގައި ބެލެވުނު ރަށްރަށަކީވެސް މާބޮޑެތި އާބާދީތަކެއް އޮތް ރަށްރަށެއްނޫނެވެ. ކަންމިހެން ހުރުމާއެކުވެސް، އެރަށްރަށަކީ ޖުމްލަ ގޮތެއްގައި ތިޔާގި ރަށްރަށޭ ދެންނެވިދާނެއެވެ. އެ ރަށްރަށުގައިވެސް މީސްތަކުން ތިބީ ތަފާތު ފަންތިތަކަށް ބެހިފައެވެ. ދަށުފަންތީގެ މީހުންނާއި [މެދުކެނބީން] ނާއި، މަތީފަންތީގެ މީހުންނެވެ. ކޮންމެ ބަޔަކުވެސް ގެންދިޔައީ ތިމާމެންނަށްވުރެ ދަށު ދަރަޖައިގެ މީހުންގެ ޙައްޤުތައް ފޭރެމުންނެވެ. މަދީނާގެ ޔަހޫދީން ތިބީ ވިޔަފާރިއާއި ދަނޑުވެރިކަމަށް ވެރިވެގެންނެވެ. ރިބާގެ ދާތައް މުޅި ކަރަޔަށް ފަތުރައި ލައިގެންނެވެ. މައްކާއާއި ޠާއިފުގެ ބޮޑެތި މުއްސަނދީންވެސް އާމްދަނީގެ އެއް ވަސީލަތަކަށް ހަދައިފައި އޮތީ ސޫދުކެއުމެވެ. މަތީ ފަންތީގެ ބައެއް ބޮޑުންގެ އިސްރާފުކުރުން ހުރީ އޭގެ އިންތިހާގައެވެ. ރާބޮއި ޢަމަލުވެގެން އެއް ފަހަރާ ފަންސާހަކަށް ޖަމަލު ކަތިލައިލި ކަމުގައިވިޔަސް ބެލެވެނީ އެބައިމީހުންގެ ދީލަތިކަން ކަމުގައެވެ.

އަނެއްކޮޅުން ޢަރަބިކަރައިގެ ޢާންމުންގެ މާލީ ޙާލަތު ވަރަށްދަށެވެ. ބަނޑުހައި ހޫނުކަމުގެ އަލިފާން ނިއްވުމުގައި ނަޖިސްތަކެތިވެސް ދުލެއް ނުކުރެއެވެ. ގޮށްފުޅަނގި އަރައިފިނަމަ ހެޔޮ ނަސީބެއް ކަމުގައި ބަލައިގެން އެތަކެތިވެސް ހަފައި ކައިލައެވެ. ހޯނުވެސް ކައިއުޅުނެވެ. މުޅަތަކެތީގެ މަހާއި، ގަނޑކޮށް ހިއްކައިފައި ހުންނަ ލެޔާއި ހިކި ހަންވެސް ކައިއުޅުނެވެ. ދިރޭ ޖަނަވާރުތަކުން މަސްކޮށައިގެން ކައިއުޅުނެވެ. އެއްގޮތަކަށްވެސް ޙަރާމެއް ޙަލާލެއް ވަތްކެއް ނުކުރެއެވެ.

އުނުފޭރާމާއި، ކެއިން ބުއިމާއި، ބޯހިޔާކުރުމުގެ މަސްއަލަ ޙައްލުނުވާއިރު ތަޢުލީމާއި ޞިއްޙަތާމެދު ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ކަންތައްތަކާމެދު ޚިޔާލު ހިންގާނެ ޖާގައެއް ނޯންނާނެކަން ކަށަވަރެވެ. ބޭސް ފަރުވާގެ ގޮތުގައި ކޮށްއުޅުނު ދާދިމަދު ކަންތައްތަކެއްގެ ވާހަކަ ފޮތްތަކުގައި ލިޔެވިފައި ހުރިކަމުގައި ވިޔަސް ބައްޔެއް ވެއްޖެނަމަ ޢާއްމުކޮށް ގޮސް އުޅުނީ ބުދުތަކުގެ ކައިރިއަށެވެ. މާއެޅުމަށާއި، ވެދުން ބަރުތީލަ ކުރުމަށެވެ. ނުވަތަ ކާހިނުންނާއި، ނުޖޫމީ ޢިލްމުވެރީންގެ ގާތަށެވެ. އެބައިމީހުންގެ ޖީބުތައް ރަންރިހީން ފުރެމުން ދިޔައިރު ބަލިމީހުންތައް ދިޔައީ ޝިފާއެއް ނުލިބި މަރާ ކުރިމަތި ލަމުންނެވެ.

ތަޢުލީމު ދިނުމުގެ ޙަރަކާތްތައް އޮތީ ވަރަށް ހަނި ދާއިރާއެއްގައެވެ. ހަމައެކަނި އާބާދު ރަށްރަށުގެ މަތީފަންތީގެ މަދު ޢާއިލާތަކެއްގެ މެދުގައެވެ. ޢަރަބީންގެ ދެންތިބި އެންމެންގެވެސް ތަޢުލީމަކީ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ މަދަރުސާއިން ޙާޞިލުވާ ފިލާވަޅުތަކެވެ.

އެ ޒަމާނުގެ ޢަރަބި މުޖްތަމަޢުގެ އެންމެ އަސާސީ މަސްއަލައަކީ ބަނޑުފުރާނަ މުއްތިކުރުމެވެ. ޝައްކެއްނެތެވެ. އެޤައުމެއްގެ ތަނަވަސް އަޣުލަބިއްޔަތެއްގެ ތާއަބަދުގެ ފިކުރަކީ [މިއަދު ކައިލާނީ ކޮން އެއްޗެއް ބާވައެވެ؟] މިސުވާލު ކަމުގައިވާ ޤައުމެއްގައި މަތިވެރި ޙަޤީޤަތްތަކެއް ހޯދައިގަތުމުގެ ޝައުޤުވެރިކަމެއް ނުއުފެއްދޭނެއެވެ. މާތްމަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ފަށައެއް ނުގަނެވޭނެއެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ފަދައެއްނެތް ބަޔަކަށް އެކަމުގެ މަގުފަހިކޮށްދެވި އެބައިމީހުންގެ ދިރިއުޅުމުގެ ފެންވަރު ހިސާބަކަށް ނަމަވެސް މައްޗަށް ޖައްސައި ދިނުމުގެ ބަދަލުގައި އެބައިމީހުންނަށް ދެވޭ ހަމައެކަނި ކާނާއަކީ ވަޢުޡާއި ނަސީޙަތް ކަމުގައި ވެއްޖެނަމަ އެބައިމީހުންގެ ތެރޭގައި މާބޮޑު ޙަރަކާތްތެރިކަމެއް ނުއުފެއްދޭނެއެވެ. ކަނޑީގެ ބާރުގައި ޤަބީލާތައް ބޯލަންބައި ރަށްތައް ފަތަޙަކުރި ކަމުގައިވިޔަސް އެތަނެއްގެ އާބާދީގެ އެންމެ އަސާސީ މަސްއަލަތައް ޙައްލުކޮށް ނުދެވޭނަމަ މަތީ ދަރަޖައިގެ އަޚްލާޤީ މަފްހޫމުތައް ވިސްނައިގަނެ ބިނާކުރުމަށާއި އިޞްލާޙުކުރުމަކަށް ޢާއްމުން ތައްޔާރެއް ނުވާނެއެވެ. އަދި ކީއްތޯއެވެ. ބިނާކުރުމާއި އިޞްލާޙު ކުރުމާމެދު އެބައިމީހުން ދެކޭނީ ކުރިމަތިވާ އައު މުޞީބާތެއް ކަމުގައެވެ. އިތުރަށް ދެވޭ ޢަދަބެއް ކަމުގައެވެ.

އަނެއްކޮޅުން އިންސާނުންގެ ޢާޤިބަތާއެކު އެބައިމީހުންގެ ދުނިޔެވެސް އާބާދުކޮށްދެވެމުން ދާނަމަ އެބައިމީހުން ތިބޭނީ އިޞްލާޙަށް ގޮވާލާ ފަރާތުގެ ވާހަކަ ކަނުލައި އަޑުއަހާގޮތަށެވެ. އިންސާނުންގެ ޚުލުޤު ރިވެތި ކުރަމުން ގެންދާއިރު އެބައީމީހުންގެ ހައިހޫނުކަންވެސް ފިލުވައިދެމުން ގެންދާނަމަ އެބައިމީހުން ތިބޭނީ ވެރިކަމުގެ ފަރާތުގެ ދުއްރަވެސް އުފުލާއެކު ޤަބޫލުކުރަން ތައްޔާރަށެވެ.

އިސްލާމްދީނަކީ އިންސާނާގެ މިދެންނެވި ދެ ބޭނުމަށްވެސް މަގުފަހިކޮށްދޭ ދީނެކެވެ. އިސްލާމްދީނަކީ އާޚިރަތުގެ ބާއްޖަވެރިކަން ހޯދަން މަސައްކަތްކުރަމުން ގެންދާއިރު ދުނިޔެއިން ލިބެންވާ ނަސީބުވެސް ހަނދާން ނައްތައި ނުލުމަށް އިރުޝާދުދޭ ދީނެކެވެ. އެހެންކަމުން އިންސާނިއްޔަތުގެ މުޙްސިނު ހިންގެވި ތަޙްރީކުގައި އީމާންކަމުގެ ނޫރުން ހިތްތައް އަލިކުރައްވައި އަޚްލާޤީ އަގުތަކުން ފުރާނަތައް ފާންކޮށް ދެއްވަމުން ގެންދެވިއިރު ބަނޑުހައިހޫނުކަން ނައްތައިލެއްވުމަށްވެސް އެންމެ އެކަށޭނަ ތަދުބީރުތައް ކުރައްވަމުން ގެންދެވިއެވެ. އިސްލާމީ ދަޢުވަތުގެ އެންމެ ޅަފަތުގެ އަޚްލާޤީ ކަންތައްތަކުގެ ކުރުކުރު ލިސްޓުގައިވެސް މިސްކީނުންނަށް ކާންދިނުންވަނީ ވަރަށްބޮޑު އަހަންމިއްޔަތަކާއެކު ހިމަނުއްވައިފައެވެ. ޔަތީމުންނާއި ހުވަފަތުންނާއި، ދަތުރުވެރީންގެ ޙާލުދެކި އެހީތެރިވުން ކޮންމެ މުސްލިމެއްގެ މައްޗަށްވަނީ ލާޒިމު ކުރައްވައިފައެވެ.

އެޒަމާނުގެ އުފެއްދުންތެރިކަމުގެ ވަސީލަތްތައްމަދު ޢަރަބީންގެ ތެރޭގައި މުދާވެރިކަމުގެ އަޞްލުތަކަކަށް ހުރީ ރަން ރިއްސާއި ފެހާމާނު މުދަލާއި، ދަނޑުބިމާއި، ނަޢަމު ސޫތްޕެވެ. އެތަކެތި ހުރީ ނުހަމު މަދު އަތްތަކަށް ޖަމާވެފައެވެ. އެއްގޮތަކަށްވެސް ދައުރުވުމެއްނެތި ހިފެހެއްޓިފައެވެ. މުދާވެރިކަމުގެ ކޯރުތަކުގެ ޑޭމްތައް ހުޅުވައިލައި އެތަންތާނގެ ފެންގަނޑު ޢާއްމުންނާ ދިމާޔަށް ހިނގައިގަންނާނެގޮތް ހެދުމަކީ އިންތިހާ ދަރަޖައިގެ އުނދަގޫ ކަމެކެވެ. ނަމަވެސް އެމަސްއަލަ ޙައްލުނުކޮށެއް އިންސާނީ އަޚްލާޤިއްޔާތުގެ ބޮޑެތި ބޮޑެތި ގޮށްތައް މޮހައިލެވޭ ކަށެއްވެސް ނެތެވެ. އިސްލާމްދީނުގެ މަޢީޝީ ޤާނޫނުތައް (ޒަކާތާއި، އެނޫންވެސް ކަންކަމުގެ ޤާނޫނުތައް) ބާވައި ލައްވަމުން ގެންދެވީ ތަދުރީޖީ ގޮތެއްގައެވެ.

---------------
(ނުނިމޭ)
 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ