އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (44)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

 
[ނުކެރެންވީ ކީއްވެގެން ހެއްޔެވެ. ބުނަން ޖެހޭނެއެވެ.]

[ކޮންމެވެސް އެހެން ވާހަކައެއް ދައްކަވާށެވެ.]

[ކަމާނުބެހޭ ވާހަކަ ދައްކަން ވަރަށްގިނަ ވަގުތު އެބައޮތެވެ.]

[ޝަވާލީއަކީ ވަރަށްމަޖާ ބޭކަނބަލެކެވެ.]

[ވާހަކައިގެ މިޞްރާބު ބުދަލުކުރަން ނޫޅޭށެވެ.]

[އެންމެ ރަނގަޅެވެ. ރަނގަޅަށް ވާހަކަ ދެކެވޭނީ މިގެއަށް ދުރުވީމާ ނޫންތޯއެވެ.]

[މިހާރު ދާން ތައްޔާރުވަނީއެވެ. ދިހަވަރަކަށް މީހުންނެވެ. ހާސްނުވާށެވެ. ފަހެއްޖަހާއިރު ތިބޭނީ ތިޔަގޭގައެވެ.]

[ހާސްވާންވީ ކޮންކަމަކާ ތޯއެވެ.]

[ސައިތައްޔާރު ކުރަން ވާނެއެވެ.]

[ތިޔައީ އެހާބޮޑު ކަމެއްނޫނެވެ.]

[މިއީ އަދި ކާވެނި ސައިކަމުގައި ހީނުކުރާށެވެ. އެކަން ފުރިހަމަކުރާނީ ކޮންމެވެސް ރަނގަޅު ހޮޓަލަކުންނެވެ.]

[އެންމެ ރަނގަޅެވެ.]

[ޖަލާލީ ކޮބައި ހެއްޔެވެ.]

[އޮފީހުގައި ކަންނޭގެއެވެ.]

[އަންނާނީ ކޮންއިރަކު ހެއްޔެވެ؟]

[ދުރުވާކަށް ވަކިވަގުތެއް ކަނޑައެޅިފައެއް ނޯވެއެވެ.]

[ވާނީވެސް އެހެންނެވެ. އޭނާއަކީ ވަރަށް މަސައްކަތް ގިނަ މީހެކެވެ. މިހާ ގިނަދުވަހު ޗުއްޓީގައި ހުރުމުން މަސައްކަތްތައް ހުންނާނީ ބޮނޑިޖެހިފައެވެ.]

[ޗުއްޓީއޭ ތޯއެވެ؟]

[އަހަރެން މިބުނީ ހަނީމޫންގެ ވާހަކައެވެ.]

[އެހެންތޯއެވެ.]

[ނާޖިޔާއެވެ.]

[ލައްބައެވެ.]

[މިއަދު ހުންނަންވާނީ އާކައިވެނީގެ ހެދުމުގައެވެ.]

[ތިޔައީ ވަރަށް މުސްކުޅި ގޮތެކެވެ.]

[އަހަރެމެން މިއަދު ވަރަށް ރަނގަޅަށް ނާޖިޔާ ބަލަން ބޭނުމެވެ.]

[އެހެންތޯއެވެ.]

[އާނއެކެވެ. ދެން ވަކިވެލަނީއެވެ.]

ޝަވާލީއާއި މަންސޫރު އަނެއްކާވެސް ހުރިހާ ރަޙްމަތްތެރިންނަށް ފޯނުކޮށް ވާހަކަ ދެއްކިއެވެ.

[ފަހެއް ޖަހާއިރަށް އަހަރެމެން ދާން ޖެހޭނެއެވެ. ތައްޔާރުވެ ތިބޭށެވެ.]

މަންސޫރާއި ޝަވާލީ ފެންނަނީ ވަރަށް އުފާވެރި ގޮތަކަށެވެ.

[އަހަރެމެން ޖަލާލީއާއި ނާޖިޔާއަށް ދަޢުވަތުދޭން ޖެހޭނެއެވެ.]

[ފެނިލައްވާ ގޮތެކެވެ.]

[މިއީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.]

[އަހަރެން ތިޔަކަން މަނާކުރީ ކޮންއިރަކު ހެއްޔެވެ. ކޮންމެހެންވެސް ދަޢުވަތު ދޭން ޖެހޭނެއެވެ. އާދައިގެ ޕާޓީއެއް ނޫނެވެ. އަވަހަށް ބަޖެޓް ހަމަޖައްސަންވީއެވެ.]

[ތިޔައީ އަހަރެންގެ ކަމެކެވެ.]

[ވަރަށް އުފާވެރި ކަމެކެވެ.]

[އެމީހުނަށް ހަދިޔާއެއްވެސް ދޭން ޖެހޭނެއެވެ.]

[އާނއެކެވެ.]

[އަހަރެންގެ އަތުގައި އަނގޮޓިއަކާއި ކަންފަތުލާ އެއްޗެއް އޮންނާނެއެވެ. އަހަރެމެން ހަދިޔާކުރާނީ އަހަރެމެންގެ ފެންވަރުންނެވެ.]

[ޝަވާލީއެވެ. ހަދިޔާއަކީ ވަކި މިންގަނޑެއް އޮންނަ އެއްޗެއްނޫނެވެ. ހެޔޮ ހިތުންދޭ ކޮންމެ އެއްޗަކީ ހަދިޔާ އެކެވެ.]

[ޖަލާލީ އަހަރެމެންނަށް ވަރަށްބޮޑެތި ހަދިޔާދީފައިވެއެވެ. އޭނާ ދެނީ ޖަވާހިރުގެ ފެންވަރުގައެވެ. އަހަރެމެންނަށް ދެވޭނީ ރަންރިހީގެ ފެންވަރުންނެވެ.]

[ދެން އެންމެ ރަނގަޅެވެ. ތިޔަކަމާމެދު ވިސްނާނީ ފަހުންނެވެ. ފުރަތަމަ ކާން ހަދާށެވެ. ޖަލާލީގެ ކަންތަކުގައި އުޅެން ހަދައިގެން ކެއުމުގެ މަތިންވެސް ހަނދާން ނެތިއްޖެއެވެ.]

[އަސްތާއެވެ! މަންސޫރެވެ! އަހަރެންވެސް މިހުންނަނީ ހަނދާން ނެތިފައެވެ. އަހަރެން ދާން މިއުޅުނީ ހަވީރު ލާނެ ހެދުމެއް ނަގަން ވެގެންނެވެ.]

މަންސޫރު ޝަވާލީގެ އުނގަނޑުގައި އަތްއަޅުވާލައިގެން ބަދިގެއާ ދިމާއަށް ހިނގައްޖެއެވެ. [ފުރަތަމަ ހައިހޫނުކަން ފިލުވާނީއެވެ. މަސައްކަތް ކުރާނީ ފަހުންނެވެ.]

ޝަވާލީ ހެމުން މަންސޫރުގެ އަތް އޭނާގެ އުނަގަނޑުން ނައްޓުވާލިއެވެ. އަދި އަވަސް އަވަހަށް ކާންހަދަން ފަށައިފިއެވެ.

ކެއުމުގެ ތެރޭގައިވެސް އެމީހުން ދެއްކީ ޖަލާލީއާ ނާޖިޔާ ވާހަކައެވެ.

**********************
 
ޖަލާލީ ގެއަށް ދިޔައިރު ހުރީ ވަރަށް ފިކުރު ބޮޑުވެފައެވެ. މިއަދު އޭނާގެ ހުރިހާ ރަޙްމަތްތެރިން ގެއަށް އަންނަނީއެވެ. އޭނާގެ ރޭވުން މިއަދު ފަޅާއަރާނެއެވެ. އޭނާ ހުރިހާ ރަޙްމަތްތެރިން ގާތުގައި ދެހަފްތާއަށް ބޭރަށް ދަނީކަމުގައި ބުނެފައިވެއެވެ. މިވާހަކަ އޭނާ ނާޖިޔާ ގާތުގައިވެސް ނުބުނެއެވެ.

ނާޖިޔާ ލިވިންގރޫމްގައި އިނެވެ. އާދައިގެ ރީނދޫ ކުލައިގެ ހެދުމެއްގައެވެ. މޭކަޕެއް ނުކުރެއެވެ. އިސްތަށިގަނޑުގައި ފުނަލެއް ނާޅައެވެ. ދޯޕައްޓާއެއް ނެތެވެ. ހެދުމުގެ އަތުކުރި އޮޅާލާފައިވެއެވެ.

ބަދިގޭގެ ދޮރުހުޅުވާފައި ހުއްޓެވެ. ކާއެއްޗެހީގެ މީރުވަސް ލިވިންގރޫމަށްވެސް އައިސްއައިސް ހުއްޓެވެ. އިއްޔޭން ފެށިގެން ޖަލާލީ ކަނީ ގެއިންނެވެ. ހުރިހާ އެއްޗެއް ކާމޭޒުމަތިން އޭނާއަށް ލިބެއެވެ. އޭނާ ޖަޔާ ގާތުގައި ކާން އަންނާށެކޭ ނުބުނެއެވެ. ޖަޔާވެސް އޭނާގެ ކާއެއްޗެހި މޭޒު މައްޗަކަށް ނާރުވައެވެ. ކާން ހަދަނީ ހަމައެކަނި ޖަލާލީއަށެވެ.

ޖަލާލީ ހުރީ ވަރަށް ހާސްވެފައެވެ. ލިވިންގރޫމަށް ވަނުމާއެކު ނާޖިޔާ ފެނިފައި ބުންޏެވެ. [ނާޖިޔާއެވެ.] ނާޖިޔާ ބަލާލިއެވެ. ކަންބޮޑުވުމާ ހާސްކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

ޖަލާލީ ގޮނޑީގެ ވަށައިގެން ބުރެއް އަޅާލާފައި އައިސް ގޮނޑިއަށް ވެއްޓިގަތެވެ. އަދި ލެނގޭބައިގައި ބޯ ޖައްސާލިއެވެ. އޭނާ ހާސްކަމާއެކު ދެއަތް ދެއަތަށް އުނގުޅަމުން ދިޔައެވެ.

އިރުކޮޅެއް ވަންދެން ހިމޭކަމާއެކު ނާޖިޔާ ބަލަހައްޓައިގެން އިނެވެ. ފޮޓޯ ފްރޭމް ތަޅާލިފަހުން އޭނާ ހުންނަނީ ވަރަށް ދެރަވެފައެވެ. ކޮންމެ ކަމެއްގައި ޖަލާލީ ނަގަނީ އެހެން މާނައެކެވެ. އޭނާއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ. ޖަޔާގެ ނިންމުމަށް މުޅިން ބަދަލު އަތުވެއްޖެއެވެ.

އެކަމަކު.......

އޭނާއަށް ވިސްނޭނީ ކިހިނެއް ހެއްޔެވެ. އޭނާ އަމިއްލަ ދުނިޔެ ޤާއިމުކޮށްފިއެވެ. އެދުނިޔޭގައި ވަނީ މުޅިން އަނދިރިކަމެވެ. ނާކާމިޔާބުގެ ހިރަފުހެވެ. ނާކާމިޔާބަކީ އޭގެ މަޤާމުގައި ވަރަށް ހިތިކަމެއްކަން ކަށަވަރެވެ. އެކަމަކު ލިބިފާއޮތް އެއްޗެއް ގެއްލިދިއުމަކީ އަދިވަކިން ބޮޑަށް އަސަރުކުރާނެ ކަމެކެވެ. މިކަން އިޙްސާސް ކުރެވޭނީ މިކަހަލަކަމެއް މެދުވެރިވެފައިވާ މީހަކަށެވެ.

ހިނދުކޮޅަކު ޖަލާލީ އެގޮތަށް އިނެވެ. އަދި ޖަޔާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

ދެން ޖަލާލީ ހަށިގަނޑު ސީދާކޮށްލިއެވެ.

[ނާޖިޔާއެވެ.........] އޭނާ ހިނދުކޮޅަކަށް މަޑުކޮށްލާފައި ބުންޏެވެ. [އަހަރެންގެ ރަޙްމަތްތެރިން މިއަދު އެބައާދެއެވެ.]

[ލައްބައެވެ.]

ޖަލާލީ ކޮޅަށް ތެދުވެއްޖެއެވެ. އަދި ހާސްކަމާއެކު މަޑު ފިޔަވަޅު އަޅަމުން ބުންޏެވެ.

[އަހަރެން އެމީހުން ގާތުގައި ބުނެފާއޮތީ އަހަރެމެން ދެހަފްތާއަށް ބޭރަށްދަނީ ކަމުގައެވެ. އެކަމަކު މިއަދު މަންޞޫރު ހައިވޭއިން އަހަރެން ދެކެފިއެވެ. އަދި އެކަންތައް ހުރިހާ ރަޙްމަތްތެރިންނަށް އަންގައިފިއެވެ. އެމީހުން ހީކޮށްގެން މިހާރު ތިބީ އަހަރެމެން މާއަވަހަށް އައީ ކަމުގައެވެ.]

[ލައްބައެވެ.] ޖަޔާ ހަމައެކަނި މިވަރަށް ބުނެލިއެވެ.

[އަހަރެން އެގޮތަށް ކަންތައްކުރީ މިގޭގައި މިހިނގާ ކަންތައްތައް ސިއްރުކުރުމަށް ޓަކައެވެ.] ދެން ފިނި ނޭވާއެއްލަމުން ބުންޏެވެ. [އަހަރެން ހީކުރީ މިސިއްރު ފާޅުނުވާނެ ކަމުގައެވެ. ކޮންމެއަކަސް މިއަދު އެންމެން އަންނަނީއެވެ.]

[އަޅުގަނޑު ދެނެހުރީމެވެ.] ޖަޔާ ބުންޏެވެ. އެއާއެކު ޖަލާލީ ސިހިފައި ބަލާލިއެވެ. އަދި ކުރިމަތީގައި ހުރި ސޯފާގެ ފުރަގަހަށް ހުއްޓިއްޖެއެވެ.]

[ކިހިނެއް ހެއްޔެވެ؟]

[އަޅުގަނޑަށްވެސް މިސިޒް މަންސޫރު ފޯނު ކުރެއްވިއެވެ.]

[އެހެންދޯއެވެ.]

ޖަލާލީ ސޯފާގެ ލެނގޭބައިގާ ބާރަށް ދެއަތުން ހިފަހައްޓާލިއެވެ.

[ނާޖިޔާ އޭނާ ގާތުގައި ބުނީ ކީކޭ ހެއްޔެވެ؟]

[ދައްކަން ބޭނުންވާ ވާހަކައެވެ.]

[ރަނގަޅެވެ. މިގެއަށްއައިސް ހުރިހާކަމެއް ސާފުވުމުގެ ކުރީގައި އެމީހުނަށް ކިޔައިދިންކަން ވަރަށް ރަނގަޅެވެ.]

[އެމީހުން ފަހެއްޖަހާ އިރަށް އަންނާނެއެވެ.]

[އާނއެކެވެ.]

[އަޅުގަނޑުވެސް މިހުންނަނީ އެމީހުނާ ބައްދަލުކުރުމުގެ އުއްމީދުގައެވެ. ގާތްތިމާގެ މީހުންނާ ބައްދަލުވުމުގެ އިޙްސާސް ވަރަށްބޮޑަށް ކުރެވެއެވެ.]

[ތިޔަބުނީވެސް ރަނގަޅު ވާހަކައެކެވެ.] ޖަލާލީ ބުންޏެވެ.

ނާޖިޔާ ކޮޅަށް ތެދުވެއްޖެއެވެ.

[ވާންވީގޮތް ވެނިމުނީއެވެ. އަހަރެން މިހުންނަނީ ވަރަށް ހާސްވެފައެވެ.] ޖަލާލީ މަޑުމަޑުން ބުންޏެވެ. [ކޮންމެވެސް ދުވަހަކުން އެމީހުންނަށް އެނގޭނެއެވެ.]

[ގައިމެވެ.] ޖަޔާ މިހެންބުނެފައި ނުކުމެގެން ހިނގައްޖެއެވެ.] ޖަލާލީ ސޯފާއަށް ތިރިވެއްޖެއެވެ. ފުރާނަނެތް ގުޅަވަރެއް ފަދައިންނެވެ. އޭނާގެ އިޙްސާސްތައް ކަންނެތްވެފައިވާ ކަހަލައެވެ. ކުރެވެން އައި ޚިޔާލުތައްވެސް ފެނަށްވެގެން ހިނގައްޖެއެވެ.

(ނުނިމޭ...)

މި ލިޔުން؛

       ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
       އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
       ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)



ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ