އަދުގެ ޚާއްސަ

Print

ރާއްޖޭގެ ގޮނޑުދޮށްތައް ރައްކާތެރި ކުރުން މުހިއްމު!

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ އިޖުތިމާޢީ


ުމުޙައްމަދު މުއާޒު
 
އިންޑިއާ ކަނޑުގައި މަޑު ފެހި ކުލައިގެ މުތީތަކެއް ފަދައިން ވިދަމުން ދާ ޖަޒީރާ ތަކަކީ، ދިވެހިރާއްޖޭގެ ރަށްތަކެވެ. މި ރަށްތަކުގެ ވަށައިގެން ލެވިފައި ވަނީ ހުދު ސާލެއްފަދަ ދޮންވެލިގަނޑެކެވެ. ޤައުމީ އިޤްތިސާދުގެ ބޮޑުބައެއް ހިއްސާ ކުރާ މިދޮންވެލިގަނޑަކީއެ ޖަޒީރާތަކަށް ޤުދުރަތުން ލިބިފައިވާ އެންމެ އަގުބޮޑު ހަދިޔާއެވެ. ވީމާ، ރައްކާތެރިކަމާއިއެކު މި ގޮނޑުދޮށްތައް ބެލެހެއްޓުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ވާޖިބެކެވެ.

ފަތުރުވެރި ކަމުގައި ގޮނޑުދޮށްތައް ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ.އެގޮތުން ދުނިޔޭގެ އެތައް މިތަނުން މި ރާއްޖެއަށް ފަތުރުވެރިން އަންނަ މައިގަނޑު އެއް ސަބަބެއްގެ ކަމުގައި ރާއްޖޭގެ ގޮނޑުދޮށްތައް ހިމެނެއެވެ. އަދި ގޮނޑުދޮށްތަކަކީ ފަތުރުވެރީން އިރުގެ ދޯދިން ހަށިގަނޑަށް ހޫނުކަން ހޯދާ މައިގަނޑު މަސްރަހެވެ.އަދި އެމީހުން ދުނިޔަވީ އުފާ ހޯދާ ތަނަކީ ގޮނޑުދޮށްތައް ކަމުން ރީތި ސާފު ގޮނޑުދޮށްތައް ނެތްނަމަ ފަތުރުވެރީންނަށް އުފާވެރިކަން ނުލިބޭނެއެވެ. އެހެންކަމުން ފަތުރުވެރިކަމުން ލިބޭ ނަފާ ކުދަ ވާނެއެވެ.

މިޔާއެކުވެސް، ދިވެހި ރާއްޖޭގެ ގިނަ ޒުވާނުންނަކީ މުނިފޫހި ފިލުވުމާއި ކުޅިވަރު ކުޅުމަށް ވަރަށް ޝައުޤުވެރިވާ ބައެކެވެ. އަދި ގޮނޑުދޮށަކީ ގިނަ ބަޔަކު ދަތުރުގޮސް މަޖާ ކޮށްލަން ވަރަށް ބޭނުންތެރި ހިތްފަސޭހަތަނެކެވެ. އަދި ދޮންވެލިގަނޑަކީ  އަނިޔާނުވެ ކޮންމެ ކުޅިވަރެއްވެސް ކުޅެލެވޭ ތަނެކެވެ. އަދި ހަމައެހެންމެ ހަށިގަނޑަށް ޖިސްމާނީ އުފާތަކާއި ޤުދުރަތީ މަންޒަރުތަކުން ހިތްތަކަށް ރޫހީ އުފާތަކެއް ލިއްބައިދެއެވެ.

ޤުދުރަތީ ދިރުންތަކާއި ގޮނޑުދޮށްތަކާއި ވަރށް ގާތް ގުޅުމެއް ވެއެވެ. އެގޮތުން ސާފު ތާޒާ ވަޔާއި އޮއި ލިއްބައިދިނުމުގައި ގޮނޑުދޮށްތަކަކީ ވަރަށް މުހިއްމު ތަނެކެވެ.މިޔާއެކުވެސް،ހަމަހިމޭން މާހައުލަކަށްވުމާއިއެކު ހަމަ އެކަނި ޤުދުރަތީ އަޑުތައް ނޫން އަޑުތަކެއް ނީވޭ މާހައުލެކެވެ.

ކޮންމެއަކަސް،ރަށްތައް ހިމާޔަތް ކުރުމުގައި ގޮނޑުދޮށްތައް ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. އެގޮތުން ގޮނޑުދޮށް ތަކަކީ  ކޮންމެ ރަށެއްގެ މޫނުމައްޗެވެ. އަދި ގިނަގިނައިން ރުއްގަސްތައް އެތާނގައި ހައްދަން ޖެހެއެވެ. އެހެންނަމަވެސް މި ގޮތައް ކަންތައް ނުކޮށްފިނަމަ ރަށްގިރުމުގެ މައްސަލަތަކަކާކުރިމަތި ވެއެވެ.އަދި ގޮނޑުދޮށަކީ ރަށެއް ހިމާޔަތްކުރުމުގައި އެކަމެއްގެ މައިގަނޑު އަށްޑަނައެވެ.

މިގޮތުން އަދި ރާއްޖޭގެ ކުރިމަގަށް ގޮނޑުދޮށްތަކުން ވަރަށް މުހިއްމު ފައިދާތަކެއް ކުރާނެއެވެ. އެގޮތުން ބައިނަލްއަޤުވާމީ ދުނިޔޭގައި މިހާރަށްވުރެ ގިނަވުމާއިއެކުވެސް ތޮށިލެވުމުގެ ނަތީޖާއެއްގެ ގޮތުން ރަށްތައް ގިރުމުގެ މައްސަލަ ހައްލުވެ ގޮނޑުދޮށްތައް ހިމާޔަތް ކުރެވެއެވެ. އަދި ހަމައެހެންމެ ގޮނޑުދޮށްތަކުގައި އިންދަމުންދާ ގަސްގަހާގެހީގެ ސަބަބުން މާހައުލަށް ފިނިކަންކަމާއި ތާޒާކަން ލިބެއެވެ. އެހެންކަމުން އެކަންކަމުގެ މަންފާއާއި ލާބަ އެކިގޮތްގޮތުން ޙާސިލްވެއެވެ.

އެހެންކަމުން، ފަތުރުވެރިކަމާއި،ކުޅިވަރުކުޅުމާއި މުނިފޫހި ފިލުވުމަށް ގޮނޑުދޮށަކީ ވަރށް މުހިއްމު ދައުރެއް އަދާކުރާތަނެކެވެ. އަދި ހަމައެހެންމެ ޤުދުރަތީ ދިރުންތައް އަދި ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރުމުގައިވެސް ގޮނޑުދޮށްތައް ވަރަށް މުހިއްމު ރޯލެއް އަދާކުރެއެވެ. އެހެންކަމުން ރާއްޖޭގެ ކުރިމަގަށް ގޮނދުދޮށްތައް ރައްކާތެރިކޮށް ބުލެހެއްޓުމަކީ ވަރށް މުހިއްމު ކަމެކެވެ.

                    ***********

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ