އަދުގެ ޚާއްސަ

Print

އިމްތިޙާން

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ނަޢީމު އިބްރާހީމް

އިންސާނާގެ ލޮލަކީ ޢަޖާއިބެއް ކަހަލަ އެއްޗެކެވެ. ލޯ މަރާލީމާ އެއްވެސް އެއްޗެއް ނުފެނެއެވެ. އަނދިރިކަން ފެތުރިދެއެވެ. ދުނިޔެ ހަމަ އޮތް ގޮތަށް އޮވެއެވެ. އެކަމަކު ލޯ މަރާލައިގެން ހުންނަ މީހާއަކަށް އެ ދުނިޔެ އެއް ނުފެނެއެވެ. ކައިރީގައި ހުރި ހުރިހާ އެއްޗެއް ހުރެއެވެ. އެކަމަކު ނުފެންނާތީ ހުންނަކަން ނޭނގެނީއެވެ.

ލޯ ހުޅުވާލުމާ އެކު ހުރިހާ ތަނަކާއި، ތަކެއްޗެއް ފެންނަން ފަށައެވެ. ކަޅު އަނދިރި ގަނޑެއްގެ ސިފައިގައި ފެނުނުތަން ސާފުކޮށް ފެންނާން ފަށައެވެ. އިންސާނުން އިންސާނުންގެ ސިފައިގައި ފެންނަން ފަށައެވެ. ޖަނަވާރު، ޖަނަވާރުގެ ސިފައިގައި ފެންނަން ފަށައެވެ.

މިއީ އިންސާނާއަށް ލިބިފައިވާ ޚާއްޞަ އިމްތިޔާޒެކެވެ. އޭނާއަށް ހުރިހާ އެއްޗެއް ވަކިކޮށް ދެނެ ގަންނާން އެނގެއެވެ. ހެވާއި، ނުބައި ވަކި ކުރަން އެނގެއެވެ. އައްޔާއި، އަނދިރީގެ ތަފާތު ބުނެދޭން އެނގެއެވެ. ހައްޤާއި، ބާޠިލް ވަކިކޮށް ދެނެ ގަތުމުގެ ޤާބިލްކަން އިންސާނާއަށް ލިބިފައިވެއެވެ. ހެއްކާ އެކު ސާބިތުވެފައިވާ ކަންތައްތަކާއި، ސާބިތު ނުވާ ކަންތައްތައް ވަކި ކުރުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައިވެ ވެއެވެ.

އިންސާނާއަށް ލިބިފައިވާ މި ޙުޞޫޞިއްޔަތަކީ އޭނާގެ އިމްތިޙާން ކަރުދާހެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާ އިމްތިޙާން ކުރައްވާ ދަނޑިވަޅެވެ. އިންސާނާއަށް ކުރަންޖެހޭ ކަމަކީ ހެވާއި، ނުބައި ވަކި ކުރަން އެނގޭކަން ދައްކައި ދިނުމެވެ. އަނިޔާއާއި، އިންޞާފުގެ ތަފާތު އެނގޭކަން ކަށަވަރު ކޮށް ދިނުމެވެ. ކުރިމައްޗަށް މައްސަލައެއް ހުށަހެޅުމުން އޭގެ ހެއްކަކީ ކޮބައިތޯ ސުވާލު ކޮށް، ބުއްދި ޤަބޫލު ކުރާ ހެއްކެއް ނުދެއްކިއްޖެ ނަމަ އެ މައްސަލަ އަނބުރާ ރައްދު ކުރާކަން ދައްކައި ދިނުމެވެ. އަދި ހެކި ދެއްކިއްޖެ ނަމަ އެ މައްސަލައެއް ޤަބޫލު ކުރަން ޖެހިލުން ނުވާކަން ޔަޤީން ކޮށް ދިނުމެވެ.

މިއީ ފެންނަ ފެނުމުގައި ވަރަށް ފަސޭހަ އިމްތިޙާނެކެވެ. މި އިމްތިޙާން ގެ އަގެއް އޮވެއެވެ. އެ އަގަކީ ތިމާގެ އަމިއްލަ ނަފްސު ހަނދާން ނައްތާލުމެވެ. ޙައްޤު ގޮތް ހާސިލު ކުރެވޭނީ ތިމާގެ އެދުން ތަކުގެ ކަރުގައި ހިފައިގެންނެވެ. މި އަގު އަދާ ނުކުރެވޭ މީހުން އިމްތިޙާނުން ފޭލް ވަނީއެވެ.

އިންސާނާގެ ކުރިމަތީގައި ޙައްޤު ފާޅުވަނީއެވެ. އެކަމަކު އޭނާއަކަށް ނޭނގެއެވެ. ޙައްޤު އޭނާއަށް ހަރު އަޑުން ގޮވަނީއެވެ. އޭނާއަކަށް އެ އަޑެއް ނީވެއެވެ. ޙައްޤު އޭނާގެ ކުރިމައްޗަށް އައިސް ހުއްޓެނީއެވެ. އެކަމަކު އޭނާއަކާ ބައްދަލެއް ނުވެއެވެ.

އިންސާނާގެ ޙާލަކީ މިއީއެވެ. އެންމެ ބޮޑު ކާމިޔާބީ އެއް ހޯދަން ޖެހޭ ތާނގައި ނާކާމިޔާބީ އާ ކުރިމަތިލައި، އިނދަ ޖެހެނީއެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ