އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (45)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު
 
އޭގެ ފަހުގައި ޖަޔާ ނުފެނެއެވެ. ވިއްސަކަށް މިނެޓްއިރު ޖަލާލީ އެގޮތަށް ސޯފާގައި އޮތެވެ. ދެން ބަދިގެއާވީ ފަރާތަށް ހިނގައްޖެއެވެ.

އާދައިގެ މަތިން ކާންހަދާފައި ހުއްޓެވެ. ކުޑައެތިކޮޅެއް ކެއުމަށްފަހު ހުއްޓާލިއެވެ. ބަދިގޭ ތެރެއިން ވަރަށްމީރު ކާއެއްޗެއްގެ ވަސް ދުވައެވެ. އެކަމަކު ދެރަވެފައި އިންވަރުން އެތެރެ ބަލާލާހާ ހިތްވަރެއްވެސް ނުލިބުނެވެ. އަދި މަޑުމަޑުން ހިނގާފައި ކޮޓަރިއަށް އަތުވެއްޖެއެވެ.

ފަހެއްޖަހަން ކައިރިވެފައި ހުއްޓާ ކާރުގެ އިންޖީނުގެ އަޑު އިވެން ފަށައިފިއެވެ. އެމީހުން އެންމެން އެކުގައި އައީކަން ހަމަޔަޤީނެވެ.

ޖަލާލީ އެމީހުންގެ އިސްތިޤްބާލުގައި ކޮޓަރިން ނުކުމެއްޖެއެވެ.

ކޮރިޑޯއިން ލާފައި ޖަޔާވެސް އެދިމާއަށް އަންނަނީއެވެ. ޖަލާލީ ނާޖިޔާއަށް ބަލާލިއެވެ. އޭނާހުރީ ރަތްކުލައިގެ ބަނާރަސީ ސާޅިއެއް އަޅައިގެންނެވެ. ކަރުގައި ގަހަނާވެސް އަޅާފައި ހުއްޓެވެ. މޭކަޕް ކޮށްފައިވެއެވެ. އަދި ރީތި ވައްތަރަކަށް އިސްތަށިގަނޑު ހަދާލާފައިވެއެވެ. ބޮލު ހުޅީގައި ސާޅިއާ އެއްކުލައިގެ މާފައްޗެއް އޮޅާލާފައިވެއެވެ. އަދި ދެއަތުގައި ތަނޑު އަޅާފައިވެއެވެ.

ޖަލާލީ ބަލާލިތަން ދެކެފައި އޭނާ ލަދުގެންފިއެވެ.

[އެމީހުން އަތުވެއްޖެއެވެ.] ޖަޔާ ބުންޏެވެ. އަދި ބޭރު ދޮރާދިމާއަށް ހިނގައިގަތެވެ. ޖަލާލީވެސް މިއަދުހުރީ ވަރަށް ރީއްޗަށް ނަލަހެދި ލައިގެންނެވެ. އެގޮތަށް ހުންނައިރު އެހާ ހުތުރުހެނެއް ހިއެއް ނުވެއެވެ.

ޖަޔާ މިގޮތަށް ތައްޔާރުވުމުން އޭނާ ޙައިރާން ވެއްޖެއެވެ. އެކަމަކު އޭނާ ޖަޔާއަކާ ސުވާލެއް ނުކުރެއެވެ. އަދި މެހްމާނުންނާ އިސްތިޤްބާލު ކުރުމަށްޓަކައި ޖަޔާގެ ފަހަތުން ހިނގައިގެންފިއެވެ.

ޖަޔާގޮސް ބޭރު ދޮރު ހުޅުވާލައިފިއެވެ. އެއާއެކު ޖަލާލީ އޭނާގެ ކައިރިއަށް ހުއްޓިއްޖެއެވެ.

ރަޙްމަތްތެރިން ޙަޤީޤަތުގައިވެސް ޙަމަލާދީފިއެވެ. މަންސޫރާއި ތާބުޝް، ސަލީމާއި ޕްރާން ރަފީޤާއި ނާސިރު އަދި ފަހްދު މިއައީ ކޮންމެ މީހެއްގެ ބޭގަމްވެސް ގޮވައިގެންނެވެ. ހުރިހާ މީހުން ޖަލާލީ ވަށާލާފައި މުބާރިކުބާދު ކިޔަން ފަށައިފިއެވެ.

ހުރިހާ އަންހެނުން ޖަޔާއާ ކަރާކަރުޖައްސާ ސަލާންކުރަން ފަށައިފިއެވެ. އަދި ލޯތްބާއެކު ޚަބަރު ދަބަރު އަހަމުން ގެންދިޔައެވެ. ޖަޔާ ލަދުން އިސްޖަހާލިއެވެ.

އެންމެން ބައްދަލުކުރާ ކޮޓަރިއަށް އަތުވެއްޖެއެވެ. މިކޮޓަރީގެ ތަރުތީބު ބަދަލުވެފައިވާ ކަމުގައި ޖަލާލީއަށް ހީވިއެވެ. ގިނަމީހުނަށް ތިބެވޭގޮތަށް ތަނަވަސް ވެފައިވެއެވެ. ގުލްދާން ތަކުގައި މާތައް އިތުރުވެފައިވެއެވެ.

[ޚާއްޞަކޮށް މިމީހުނަށްޓަކައި ޖަޔާ ތައްޔާރު ކުރީއެވެ.] އޭނާ ވިސްނާލިއެވެ.

އެމީހަކު ބޭނުން ތަނެއްގައި އެމީހަކު އިށީނދެއްޖެއެވެ.

އަދި އެކޮޓަރި ތަފާތު އަޑުތަކާ ހުނުމުގެ އަޑުން ގުގުމާލައިފިއެވެ.

މިގޮތަށް އިރުކޮޅެއް ވަންދެންދެމިއޮތެވެ. އެކަކު ދައްކާ ވާހަކައެއް އަނެކަކަށް ނޭނގެއެވެ. ސުވާލެއް ޖަވާބެއް ވަތްކެއް ނުވެއެވެ.

ޖަލާލީ އިނީ ފިކުރު ބޮޑުވެފައެވެ. އޭނާ އިނީ ސިއްރު ބޭޒާރުވުމުން ދޭނެ ޖަވާބަކަށް ތައްޔާރު ވެގެންނެވެ. އެކަމަކު ޖަޔާ އިނީ ހަރުދަނާ ކަމާއެކު ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވައިގެންނެވެ.

ކުޑައިރުކޮޅަކަށްފަހު އަންހެނުންނާ ފިރިހެނުން ދެބަޔަކަށް ވަކިވެއްޖެއެވެ. ތަނަވަސް ކޮޓަރީގެ އެއްކޮޅަކަށް ހުރިހާ އަންހެނުން ޖަމާވެއްޖެއެވެ. އަނެއް ކޮޅުގައި ފިރިހެނުންނެވެ.

ފިރިހެނުން ތިބީ އެމީހުން ތިބި ގޮނޑިތަކުގައެވެ. ސިގިރޭޓްގެ ދުންތައް އަރައަރައިގެން ދެއެވެ.

ހުރިހާ އަންހެނުން ޖަޔާ ވަށާލައިފިއެވެ. ސޯފާއިން ޖާގަ ނުލިބުމުން ދޫލަމަތީގައިވެސް އެއްބަޔަކު ތިއްބެވެ. ޖަގޫއާއި ޝަވާލީ ތިބީ ޖަޔާގެ ކުރިމަތީގައެވެ. ޖަޔާ އަލަތުއަންބެއް ފަދައިން ލަދުން އިނެވެ. އަދި ހެމުން ބޮޑިވަމުން ދިޔައެވެ.

ޖަލާލީ ރަޙްމަތްތެރިންނާ ވާހަކަ ދައްކަމުން ދިޔައެވެ. އެކަމަކު ސަމާލުކަން ދެވިފައިވަނީ ޖަޔާއާ ދިމާއަށެވެ.

[މިއީ ކޮންކަހަލަ އަދާއެއް ހެއްޔެވެ.] އޭނާ ވިސްނަމުން ދިޔައެވެ.

ޝަވާލީ ޖަޔާއާ ސަމާސާކުރަމުން ދިޔައެވެ. ޖަގޫއާއި މިސިޒް ސަލީމުވެސް ޖަޔާ ހެއްވަމުން ދިޔައެވެ. އެއީ ޢުމުރުގެ ގޮތުން ދާދި އެއްވަރެއްގެ ކުދިން ކޮޅެކެވެ.

[ވާހަކައެއް ބުނެފާނަން ހެއްޔެވެ؟] ޝަވާލީ ނާޖިޔާގެ ކަކުލުގައި ހިފަހައްޓާފައި ބުންޏެވެ.

[ކޮންވާހަކައެއް ތޯއެވެ؟] އޭނާ ހިނިތުންވެލަމުން ބުންޏެވެ.

[ތެދަށް ބުނެފާނަން ހެއްޔެވެ؟] ޝަވާލީ ސުވާލުކުރިއެވެ.

[ޖަވާބު ދެވޭނީ ސުވާލު ކުރެއްވީމާ ނޫންތޯއެވެ؟]

[ޝަވާލީއަކީ ކަންކަން އޮޅުން ފިލުވަން ވަރެއް ހުންނަ އަންހެނެކެވެ.] ޖައްގޫ ބުންޏެވެ.

[އަހަރެން ހުއްޓާލާނީ ހުރިހާ ވާހަކައެއް އަހާފައެވެ.]

[ޝަވާލީއެވެ! އެފަކީރަށް ތިހާވަރަށް އުނދަގޫނުކުރާށެވެ.] މިސިޒް ތާބުޝް ބުންޏެވެ. އޭނާ އިނީ ފައުޒިއްޔާއާ ޖެހިގެންނެވެ.

[ދައްކަން މިއުޅޭ ވާހަކަ އަޑުއަހާށެވެ.] ޝަވާލީ އަތްމައްޗަށް ނަގަމުން ބުންޏެވެ.

[ބުނެބަލާށެވެ.] ގާތްގަނޑަކަށް އެންމެން އެއަޑަށް ސަމާލު ވެއްޖެއެވެ.

[އަހަންނާ ޖައްގޫ އަދި މިސިޒް ސަލީމު މިއުޅެނީ ވަރަށް ސިއްރު ވާހަކައެއް ޖަޔާގާތުން އަހާލަން ވެގެންނެވެ. މިވާހަކަ އަޑުއަހާފައި އޭނާ ލަދުން މަރުވާނެކަން ޔަޤީނެވެ.]

އެންމެން ހޭން ފަށައިފިއެވެ.

[އަހަރެމެން މިތިބީ މުސްކުޅިވެފައެވެ.] މިސިޒް ތާބުޝް ފައުޒިއްޔާ ގާތުގައި ބުންޏެވެ.

[ޒުވާން އަންހެންކުދިން އެކަހަލަ ސަމާސާ ކުރާނެއެވެ.] މިސިޒް ފަހުދު ބުންޏެވެ.

[އެކަމަކު އެފަކީރަށް އެހާވަރަށް އުނދަގޫ ނުކުރާށެވެ.] ފައުޒިއްޔާ ބުންޏެވެ.

[ހާދަހާ ވަރުގަދު ހަމްދަރުދީ އެކެވެ.] ޖަގޫ ބުންޏެވެ.

[ކޮއިފުޅާއެވެ. ކާވެނި ކުރުވައިގެން އޭނާ މިތަނަށް ގެނައީ އަހަންނެވެ. އެހެންވީމާ އަހަރެން އޭނާއާއިމެދު ޚިޔާލު ބަހައްޓަން ޖެހޭނެއެވެ.] ފައުޒިއްޔާ ބުންޏެވެ.

[ފައުޒިއްޔާ ދައްތާއެވެ! ޝުކުރިއްޔާއެވެ.] ނާޖިޔާ ބުންޏެވެ.

ހުނުމާ ސަމާސާ ފެށިއްޖެއެވެ.

[އިހަށް އަޅުގަނޑު އެތެރެއަށް ދިޔަދެއްވާށެވެ.] ނާޖިޔާ ތެދުވަމުން ބުންޏެވެ.

[އަނެއްކާ މެހްމާން ނަވާޒީއެއް އޮތީ ހެއްޔެވެ.]

[އެހެންކަމަށް ހީކޮށްލައްވާށެވެ.]

[ހިނގާށެވެ. އަހަރެމެންވެސް އެހީވާނެމެވެ.]

[ހިންގަވާށެވެ.]

[މިސިޒް ހެރަލްޑް ކޮބައި ހެއްޔެވެ؟]

[ޗުއްޓީގައެވެ.]

[އޮހޯ.....! އެހެންވީއިރު ތިޔައުޅެނީ އެކަނިތާއެވެ. ހިނގާށެވެ. އަހަރެމެންވެސް މަސައްކަތުގައި އެހީވާނަމެވެ.]

ޖަޔާއާއެކު ޝަވާލީ ތެދުވެއްޖެއެވެ. އަދި މިސިޒް ސަލީމާއި ޖަގޫވެސް ތެދުވެއްޖެއެވެ.

ޖަލާލީގެ ނަޒަރު ހުއްޓިފައިވަނީ ޖަޔާއާ ދިމާއަށެވެ.

[އޭ- މިސްޓަރއެވެ!] މަންސޫރު ޖަލާލީގެ ކަނދުރާގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.

[ކިހިނެއްވީ ހެއްޔެވެ؟]

ޖަލާލީ ލަދުގަތުމާއެކު ދެއްކުމުގެ ހިނިތުންވުމެއް ފާޅުކޮށްލިއެވެ.

[ޖަލާލީއެވެ. ކިހިނެއްވީ ހެއްޔެވެ.] ތާބުޝް ބުންޏެވެ. އޭނާ ޖަލާލީގެ މޫނު މަތީގެ ކުލަވަރު ބަލަން އިންނަތާ އިރުކޮޅެއް ވެއްޖެއެވެ.

[ކަމެއް ނުވެއެވެ. އެއްވެސްކަމެއް ނުވެއެވެ.] ޖަލާލީ އަވަސް އަވަހަށް ބުންޏެވެ. އަދި ސިގިރޭޓެއްގެ ބަހަނާގައި މޭޒާ ދިމާއަށް ހިނގައިގަތެވެ.

ބަދިގޭ ތެރޭން ހުނުމުގެ އަޑުއިވެމުން ދިޔައެވެ. ޖަލާލީ އެދިމާއަށް ސަމާލުކަން ދީގެން ހުއްޓެވެ.

[ކޮއިފުޅާ ޖަލާލީއެވެ. ކަލޭވެސް ބަދިގެއަށް ދާންވީނޫން ހެއްޔެވެ.] ރަފީޤު ސަމާސާ ކޮށްލިއެވެ. [ތިޔަ ވަރު ބޮޑެެވެ. ބޭގަމް ތެދުވެގެން ދިޔަފަހުން ތިޔަހުންނަނީ އެކަމާމެދު ފިކުރު ކޮށްލަ ކޮށްލައެވެ. ހިނގާށެވެ. އަހަރެން ގެންގޮސް ދީފާނަމެވެ.]

ޖަލާލީ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ.

އެކަމަކު........

ރަފީޤު އޭނާގެ އަތުގައިހިފާ ދަމަމުން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ޕްރާންވެސް އެކަމުގައި ބައިވެރި ވެއްޖެއެވެ.

[މިބުނާ އެއްޗެއް އިހަށް އަޑުއަހާބަލާށެވެ.] ޖަލާލީ ވަރަށް އުނދަގުލުން އެމީހުންގެ އަތްދަށުން ސަލާމަތްވަމުން ބުންޏެވެ.

[ބުނެބަލާށެވެ.] ޕްރާން މޭފުއްޕާލުމާއެކު ޖަލާލީގެ ކުރިމައްޗަށް އަރާފައި ބުންޏެވެ.

[ވެގެން މިއުޅޭގޮތަކީ... ކާންގެނައި ހުރިހާ އެއްޗެއް ހުރީ ކާރު ތެރޭގައެވެ.]

[ބުއްދިވެރި ބަހަނާއެކެވެ.] ތާބުޝް އަތްތިލަބަޑި ޖަހާލިއެވެ. [އަވަހަށް އޭނާ ދޫކޮށްލާށެވެ.]

ޖަލާލީ ސަލާމަތްވެގެން ބޭރަށް ނުކުމެއްޖެއެވެ. އަދި ބޭކަރީން ގެނައި އެއްޗެހި ބަލާ ގަރާޖާ ދިމާއަށް ހިނގައި ގަތެވެ.

ބަދިގޭތެރޭން ކެނޑިނޭޅި ހުނުމުގެ އަޑުއިވެމުން ދިޔައެވެ. ޖަޔާގެ އަޑުވެސް އޭގެތެރޭގައި ޝާމިލުވެއެވެ. ޖަލާލީ ހުރީ ޙައިރާން ވެފައެވެ.

ކާރުތެރޭން އޭނާ ބޮޑު ތިން ފޮށިގަނޑު ނެރެފިއެވެ. އަދި މިއެއްޗެހި ހިފައިގެންގޮސް ވަލުފަރާތު ދޮރުން ބަދިގެއަށް ވައްދަފިއެވެ. [ފަހަރީއެވެ. މިހިރީ ސާމާނެވެ.] އޭނާ ޝަވާލީއާ ދިމާއަށް އިޝާރާތް ކުރަން ބުންޏެވެ.

[ތިޔަ...... ތިޔައީ ކޮންއެއްޗެއް ހެއްޔެވެ.] ޝަވާލީ ޙައިރާންވެފައި ބަލާލިއެވެ.

[މިއީ ބޭކަރީން އަހަރެން ގެނައި ކާއެއްޗެއްސެވެ. މި އެއްޗެހިތައް ހުރީ ކާރު ތެރޭގައެވެ.] ޖަލާލީ ބުންޏެވެ. ޖަޔާ ހުރީ ކޮންމެވެސް އެއްޗެއް ތައްޔާރު ކުރުމުގައި މަޝްޣޫލު ވެގެންނެވެ. އެހެން ހުރެފައި އެއްފަހަރު ޖަލާލީގެ މޫނަށް ބަލާލިއެވެ. ދެން އެފޮށިތަކަށް ބަލާލިއެވެ.]

[ފަހަރީއެވެ! ދެން މީގައި ހިފާށެވެ.] ޖަލާލީ އަނެއްކާވެސް ބުންޏެވެ. އެއާއެކު ޝަވާލީ ލާނެއް ގޮތަކަށް ބުންޏެވެ.

[ޖަލާލީގެ ބޭގަމް ސާހިބާ އަތަށް ދޭށެވެ.]

[އަޅުގަނޑުގެ ހުއްދަ އެބައޮތެވެ. އެ އެއްޗެހި ނަންގަވާށެވެ.] ޖަޔާވެސް މަޖާގޮތަކަށް ޝަވާލީއާ ދިމާއަށް ބުންޏެވެ. އަދި ޖަލާލީ ޙައިރާންވެފައި ޖަޔާއާ ދިމާއަށް ބަލާލިއެވެ.

[ތިޔަހާ ދަހިވެތި ގޮތަކަށް ތިޔަބަލަނީ ކީއްވެގެން ހެއްޔެވެ.] މިސިޒް ސަލީމު ހެމުން ޖަލާލީއާ ޖަޔާއަށް ބަލާލިއެވެ.

[އަހަރެން މިހިރީ ޙައިރާން ވެފައެވެ.] ޖަލާލީ ބުންޏެވެ. އަދި ބޭގަމް ސާހިބާއާ ދިމާއަށް ކަތިނަޒަރަކުން ބިލާލިއެވެ.

[ޖަލާލީއަށް ލިބިފައިވަނީ އެފަދަ ކުއްޖެކެވެ.] ޝަވާލީ ބުންޏެވެ. [ހިއްސުތައް ޙައިރާން ކޮށްލާފަދަ އަންހެން ކުއްޖެކެވެ....... ޖަޔާއެވެ. ޖަލާލީ ފަކީރު ޖާދޫގައި ޖައްސައިފީމުއެވެ.

އެންމެން ހޭންފަށައިފިއެވެ. ޖަޔާވެސް ހެނީ ކަންނޭގެއެވެ. ޖަލާލީ އަކަށް އޭނާގެ މޫނެއް ނުފެނެއެވެ.

ޖަލާލީ ބޭރަށް ނުކުތުމާއެކު ޖަގޫ ޖަޔާގެ ގިލިގިލި ކޮއްޓާލަމުން ސުވާލުކުރިއެވެ.] މިހާރު ޖަލާލީގެ ހިއްސުތަކަށް ވެރިވެގަތީ ހެއްޔެވެ.]

[އެހެންވާންވެސް ޖެހޭނެއެވެ.] ޝަވާލީ ބުންޏެވެ.

[ދެން ތަށިތަށްޓަށް އެއްޗެހި އަޅުއްވަން ފައްޓަވާށެވެ.] ޖަޔާ ވާހަކަ ބަދަލުކޮށްލަމުން ބުންޏެވެ.

[އާނއެކެވެ. އަވަސްކުރާށެވެ. މި އެއްޗެހީގެ މީރުވަހުން އަހަރެންގެ ބަނޑުހިރުވަން ފަށައިފިއެވެ.] މިސިޒް ސަލީމު ބުންޏެވެ.

[ޙަޤީޤަތުގައިވެސް މިދުވަސްކޮޅު ބަނޑުހައިކަން ކަލާއަށް ވަރަށްބޮޑަށް އުނދަގޫ ކުރެއެވެ.] ޖަގޫ ބުންޏެވެ.

[ކުޑަކުދިން ކައިއުޅޭ ކަހަލަ އެއްޗެހިވެސް ކައި އުޅެއެވެ.] ޝަވާލީ ބުންޏެވެ. ޖަޔާ ޙައިރާން ކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ. ދެން ހިނިތުން ވެލިއެވެ.

[ކުރިއަށް އޮތީ ޖަޔާގެ އަހަރެވެ.] ޖަގޫ ޖަޔާއާ ޙަމަލާދިނެވެ.

[އޮހޯ....] ޝަވާލީ ބުންޏެވެ. ޖަޔާއެވެ. އެކަހަލަ މޮޔަކަމެއް އަދި ނުކުރާށެވެ. ރަނގަޅަށް މަޖާނެގުމުގައި ތިން އަހަރު ދުވަސް ހޭދަކޮށްލުމަށްފަހު ދެން އެކަހަލަ ކަންތައްތަކާމެދު ވިސްނާށެވެ. ކުދިން ހޯދާނެ ދުވަސް ކުރިއަށް އެބައޮތެވެ. މިސިޒް ސަލީމު ގާތުގައި އަހާބަލާށެވެ. ކާވެންޏަށް ހަތަރުއަހަރު ދުވަސް ވެއްޖެއެވެ. މިހާރު އިރާދަކުރެއްވިއްޔާ.....]

[އާނއެކެވެ. ނާޖިޔާއެވެ.] މިސިޒް ސަލީމުވެސް ޚިޔާލު ދިނެވެ. ދެތިން އަހަރު ދުވަސް ހުސްކޮށް ދުއްވާލަން ވާނެއެވެ.]

[އަހަރެމެން ހުސްކޮށް އުޅޭތާ ހަތަރު އަހަރު ވެއްޖެއެވެ.] ޖަގޫ ހީނލާފައި ބުންޏެވެ.

[ޖަގޫއާ ޖަޔާއާ ވަރަށް ތަފާތެވެ. [ޝަވާލީ ބުންޏެވެ.] ޖަޔާ އަހަރު ދެކޮޅު ވިހާނެއެވެ.]

[މާތްކަލާކޯއެވެ!] ޖަޔާ ލަދުގެންފިއެވެ. [ތިޔަނޫން އެހެން ވާހަކައެއް ނޭނގެނީތޯއެވެ.]

[ދައްކަންވީ މިކަހަލަ ވާހަކައެވެ.]

ވާހަކަ ދެއްކުމުގެ ތެރޭގައި ކާއެއްޗެހިވެސް ތަށިތައްޓަށް އަޅާ ތަބައްތަކުގައި ބެހެއްޓިއްޖެއެވެ.

ދެން އެންމެން އެކުވެގެން ހުރިހާ އެއްޗެހި ކާކޮޓަރިއަށް ގެންގޮސްފިއެވެ. އަދި ވަރަށް ރީތިކޮށް މޭޒު ތައްޔާރު ކޮށްފިއެވެ.

[ހުރިހާ މެހްމާނުން މިކޮޅަށް ދުރުވާށެވެ.] ޝަވާލީ އެންމެނަށް ދަޢުވަތު ދިނެވެ.

ހުރިހާ ފިރިހެނުން ސިގިރޭޓް ބުރިތައް އަޅިކެނޑިއަށް ލައިފިއެވެ. ދެން ތިބި އަންހެނުން ސާޅީ ރަނގަޅު ކުރަމުން ކޮޅަށް ތެދުވެއްޖެއެވެ.

**************************

[ފަހަރީ އެވެ. ހާދަހާ މީރުކަމެއް މީގައި އެކުލެވިފައި ވެއެވެ.....]

[އަދި މިހިރަ ކަވާބުގައިވެސް މިސާލެއް ނެތެވެ.]

[ދަހީވެސް ވަރަށް މީރެވެ.]

ކޮންމެ މީހަކުވެސް ތަށްޓަށް އެއްޗެހި އަޅައިގެން ކަމުންގެންދިޔައެވެ. ކާކޮޓަރި ފުދޭވަރަކަށް ބޮޑެވެ. ކާމޭޒުވެސް ވަރަށް ތަނަވަހެވެ. މެހްމާނުން ހަތަރު ފަރާތުގައި އެތުރިގެން ތިއްބެވެ. ވާހަކައިގެ ތެރޭގައި ޖަޔާއަށް ތަޢުރީފު ކުރެވެމުން ދިޔައެވެ. ޖަޔާ ހިނިތުން ވުމާއެކު ތަޢުރީފު ލިބިގަންނަމުން ދިޔައެވެ. އޭނާހުރީ ވަރަށް އުފާވެފައެވެ.

ޖަލާލީ އަދިވެސް ހުރީ ޙައިރާން ކަންމަތީގައެވެ. ސިހިސިހިއެވެ. ޖަޔާގެ ޢަމަލުތައް ހުރިގޮތުން ކަންބޮޑު ވަމުންވެސް ދިޔައެވެ.

ތަށްޓަށް އެއްޗެހި އަޅައިގެން ކޮންމެ މީހަކުވެސް ތަންކޮޅެއް ދުރަންޖެހި ވާހަކަ ދައްކަމުން ކަމުން ގެންދިޔައެވެ.

މަންސޫރުހުރީ ޖަލާލީގެ ކައިރީގައެވެ. ޖަޔާ ދަހީ އަޅާފައިހުރި ތަށި މަންސޫރުއާ ދިމާއަށް ދިއްކޮށްލިއެވެ.

[ޝުކުރިއްޔާއެވެ.] މަންސޫރު ތަށްޓަށް ސަމުސަލެއް އަޅާލަމުން ބުންޏެވެ.

[އެހެން އެއްޗެއް ބޭނުންތޯއެވެ. އަދި އަޅުއްވާށެވެ.]

[ނޫނެކެވެ. ޝުކުރިއްޔާއެވެ.]

[ކަމު ނުދަނީތޯއެވެ؟]

[ނޫނެކެވެ. ފަހަރީއެވެ. ވަރަށް މީރެވެ.]

[ތިޔައީ ފަހަރީއެއް ނޫނެވެ. ނާޖިޔާއެވެ.] ޖަލާލީ މަންސޫރު ގާތުގައި މިހެންބުނީ ކީއްވެގެން ކަމެއް ނޭގެއެވެ. ޖަޔާ މި މަލާމާތް އިޙްސާސް ކުރިއެވެ. އެކަމަކު އެއްޗެކޭ ނުބުނެއެވެ.

[ޖަލާލީގެ ކުރިމަތީގައި ނާޖިޔާކަން ހަމަގައިމެވެ. އެކަމަކު މިއީ އަހަރެމެންގެ ފަހަރިއެވެ. ފަހަރި ބުނަނީ ކީކޭ ހެއްޔެވެ؟] މަންސޫރު ހީނލިއެވެ.

[މަންސޫރެވެ. އަޅުގަނޑަކީ ހަމަ އަޅުގަނޑެވެ. ކޮންމެ އެއްޗެކޭ ކިޔުއްވި ކަމުގައި ވިޔަސް އަޅުގަނޑުވާނީ ހަމަ އަޅުގަނޑަށެވެ.] ޖަޔާވެސް ހިނިތުން ވެލިއެވެ.

[ވަރަށް ރަނގަޅެވެ. ތިޔަ ފާޅުކުރީ ޅެންވެރިކަމެވެ. ޖަވާބުގައި އެއްވެސް އުނިކަމެއް ނެތެވެ.] މަންސޫރު އެންމެންގެ ސަމާލުކަން އެދިމާއަށް ދަމައިގަތެވެ.

ތާބުޝްއާއި ފަހުދު އަދި މިސިޒް ރަފީޤު އެމީހުންގެ ކައިރިއަށް އަތުވެއްޖެއެވެ.

[ވަރަށް ވިސްނުން ރަނގަޅެވެ. ވަރަށް ހުޝިޔާރެވެ.] މަންސޫރު ބުންޏެވެ.

[ޝުކުރިއްޔާއެވެ.] ޖަޔާ ނިތްކުރިއާ ދިމާއަށް އަތް ގެންދަމުން ކުޑަކޮށް ގުދުވެލާފައި ބުންޏެވެ.

ވާހަކަތައް ފެށިއްޖެއެވެ. ޖަޔާވަރަށް ފަރުވާތެރިކަމާއެކު ޖަވާބުދެމުން ގެންދިޔައެވެ. އެންމެން ތިބީ ވަރަށް އުފަލުންނެވެ. ޙައިރާންވެ ގާވެފައި އިނީ ހަމައެކަނި ޖަލާލީއެވެ.

[ޖަޔާއެވެ. މިފަހަރު ހަނީމޫންގައި ދިޔައީ ކޮންކޮންތާކަށް ހެއްޔެވެ.] ވާހަކަ ދެއްކުމުގެ ތެރޭގައި ފައުޒިއްޔާ ސުވާލުކުރިއެވެ. ޖަޔާ ޖަލާލީއާ ދިމާއަށް ބަލާލިއެވެ. ޖަލާލީ ވަރަށް ބޮޑަށް ހާސް ވެއްޖެއެވެ.

އެކަމަކު ނާޖިޔާ ވަރަށް ރީތިކޮށް ވާހަކަ ހަދާލިއެވެ.] ވަރަށް ގިނަ ތަންތަނަށް ދިޔައެވެ. އެމެރިކާގެވެސް ވަރަށް ގިނަ ތަންތަން ބަލައިފީމެވެ.]

[ވަރަށް ރީތިދޯއެވެ؟]

[ލައްބައެވެ. ވަރަށް ރީއްޗެވެ.]

[ދުވާލު ހަތަރުދަމު ޖަޔާއާ ޖަލާލީ އުޅެނީ ބޭރުގައި ދޯއެވެ.]

[ތިޔަހެން ހީކޮށްލައްވާށެވެ.]

ދެން ނާޖިޔާ ޢުޒުރުވެރިވެފައި އެހެން މެހްމާނުންނަށް އެއްޗެހި ގެންގޮސް ދޭން ފަށައިފިއެވެ. ނާޖިޔާގެ ވާހަކަ އަޑުއަހާފައި ޖަލާލީހުރީ ޙައިރާންވެ އަންތަރީސް ވެފައެވެ. ރަޙްމަތްތެރިންގެ ސުވާލުތަކުންވެސް އޭނާއަށް އުނދަގޫވެއެވެ.

[ޓަވަރު ބަލަން ހިނގައްޖައިމު ހެއްޔެވެ.] ތާބުޝް ސުވާލުކުރިއެވެ.

[އަހަރެން ހެއްޔެވެ؟]

[އާނއެކެވެ. މިދައްކަނީ ޖަލާލީގެ ވާހަކައެވެ. ޖަޔާގެ ވާހަކައެވެ. ތިޔަ ދެމަފިރިންގެ ޕްރޮގްރާމްގެ ވާހަކައެވެ.]

[އޯހ.... އެހެންދޯއެވެ.]

ތާބުޝްގެ ސުވާލާމެދު ޖަލާލީ ޖެހިލުން ވެއްޖެއެވެ. އެކަމަކު ނާޖިޔާ ކުރިއަށް ޖެހިލާފައި ބުންޏެވެ. [މުޅި އެމެރިކާ ބެލުމުގެ ތެރޭގައި ވޯލްޑް ޓަވަރުވެސް ބަލާލާނަމެވެ.]

[ހަމަ ރަނަގަޅަށް ހެއްޔެވެ؟] ސަލީމު ބުންޏެވެ. [ޖަލާލީއެވެ. އެންމެ ފުރަތަމަ ކަމަކަށް ޖަޔާއަށް އެމެރިކާ ދައްކަން ދާންވީނޫން ހެއްޔެވެ.]

[އާނއެކެވެ.] ޖަލާލީ އަޅައަޅައި ގަންނަމުން ބުންޏެވެ.

ޖަޔާ ހިނުތުން ވެލިއެވެ.

ކެއުމަށްފަހު އެންމެން ސައިތަށި ހިފައިގެން އައިސް ސޯފާގައި އިށީނދެއްޖެއެވެ.

އަނެއްކާވެސް ޖަޔާގެ ތަޢުރީފު ފެށިއްޖެއެވެ. މައުޟޫޢަކީ ރީތިކަމާ އަޚްލާޤެވެ.

[ޖަލާލީއެވެ. ތިޔައީ ވަރަށް ނަސީބުގަދަ އިންސާނެކެވެ.] މިސިޒް ތާބުޝް ބުންޏެވެ.

[ވަރަށް ނަސީބުގަދަ މީހެކެވެ.] ޖަލާލީގެ އަޑުގައިހުރި ރިހުން އިޙްސާސް ކުރެވެނީ ހަމައެކަނި ޖަޔާ އަށެވެ.

[ތިޔަ ލިބުނީ އަގުބޮޑު ޖަވާހިރެކެވެ.] ތާބުޝް ބުންޏެވެ.

[މިއީ އަހަރެން ހޯދި ޖަވާހިރެކެވެ.] ފައުޒިއްޔާ ހީނލާފައި ބުންޏެވެ.

[ޙަޤީޤަތުގައިވެސް ފައުޒިއްޔާއަށް ތަޢުރީފުކުރުން ޙައްޤެވެ.] ޕްރާން ބުންޏެވެ.

[ތަޢުރީފުގެ ޙައްޤުވެރިއަކީ ނާޖިޔާއެވެ.] ޝަވާލީ އުފާވެފައި ބުންޏެވެ.

[އެއީ ކީއްވެގެން ތޯއެވެ؟] ޖަޔާ ބުންޏެވެ.

[ނާޖިޔާ ވަރަށްބޮޑު ހާސްކަމަކުން ޖަލާލީ ސަލާމަތް ކޮށްދީފީމުއެވެ.] އޭނާ ބުންޏެވެ. [ޖަލާލީއެވެ. މާފުކުރާށެވެ. މިއީ ޙަޤީޤަތެވެ.

ޖަލާލީ ކެތްތަމުދުވެފައިވާ ކަހަލަގޮތަކަށް ގޮނޑީގައި ހަމަޖެހިލިއެވެ. ޖަޔާ މޫނުމަތީގައިވެސް އަނދިރިކަމެއް ދުވެލިއެވެ.

[އެއީ ތެދެކެވެ. ޙަޤީޤަތެވެ.] އެންމެން އެއްއަޑުން ބުންޏެވެ.

[ކަލާނގެ ކިބަފުޅަށް ޝުކުރު ހުއްޓެވެ.] ފައުޒިއްޔާ ބުންޏެވެ. [އަހަރެން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެކަމަކު މިހާރު އަހަރެންގެ ހިތްވެސް ހަމަޖެހިއްޖެއެވެ.]

[ޚުދް ޖަލާލީއަކީވެސް އަގުބޮޑު ޖަވާހިރެކެވެ.] ތާބުޝް ސީރިއަސްވެފައި ބުންޏެވެ.

[ޖަޔާއަށް އެކަން އިޙްސާސް ކުރެވެނުކަމުގެ މައްޗަށް ޝުކުރުކުރަމެވެ.] މިސިޒް ސަލީމު ބުންޏެވެ.

ޖަޔާ ތެދުވެއްޖެއެވެ. އަދި ތަށިތައް ބެހެއްޓުމުގެ ބަހަނާގައި އެތެރެއަށް ހިނގައްޖެއެވެ. އޭނާ އެދިޔައީ މިމީހުންގެ ވާހަކައިން ސަލާމަތް ވާންވެގެންކަން ޖަލާލީއަށް ރަނގަޅަށް އެގުނެވެ.

ޖަޔާ ދިއުމަށް ފަހުގައިވެސް ތަޢުރީފު ކުރެވެމުން ދިޔައެވެ.

[ޖަލާލީއަކީ ވަރަށް ނަސީބުގަދަ މީހެކެވެ.] ކޮންމެ މީހަކުވެސް ބުނަނީ މިހެންނެވެ.

[ކާވަންޏާމެދު ޖަލާލީހުރީ ވަރަށް ބިރުންދޯއެވެ.] މަންސޫރު ހީނލާފައި ބުންޏެވެ.

[މާތްރަސްކަލާނގެ އޭނާގެ މައްޗަށް ރަޙުމްވެރިވެ ވޮޑިގެންފިއެވެ.] ސަލީމު ބުންޏެވެ.

[އެކަމަކު އަހަރެންގެ ޝަކްވާއެއް އެބައޮތެވެ.]

[ކޮބައި ހެއްޔެވެ؟] އެންމެން އެއްފަހަރާ ބުނެފިއެވެ.

[ހުރިހާ އެއްޗެއް ޖަލާލީއަށް ދެއްވާފައިވެއެވެ. ދުނިޔޭގައި ލެއްވިހާ މުދަލެވެ. ދުނިޔޭގައިވާ އެންމެ ރަނގަޅު އަނބިމީހާއެވެ. ހިސާބެއްނެތް ލޯތްބެވެ. އެކަމަކު އަހަރެން......]

[ޝުކުރު ނުކުރަނީ ކީއްވެގެން ހެއްޔެވެ. ޖައްގޫއަކީ މިސާލެއް ނެތްފަދަ އަންހެނެކެވެ.]

[މައްސަލައަކީ ތިޔަ ބުނާހެން ނުވާތީއެވެ.]

އެންމެން ހީނގެންފިއެވެ.

މިވާހަކަތަކުން ޖަލާލީއަށް އުނދަގޫވަމުން ދިޔައެވެ. އޭނާ އެއްވެސް ވާހަކައަކާ ބައިވެރިއެއް ނުވެއެވެ. މިކަން މަންސޫރަށް އިޙްސާސް ކުރެވުމުން ބުންޏެވެ.

[ކިހިނެއްވީ ހެއްޔެވެ. ނެގިމަޑުވެފައި ތިޔަ އިންނަނީ ކީއްވެގެން ހެއްޔެވެ.]

[ޖަލާލީ ސިހިއްޖެއެވެ. އެކަމަކު ހަމައަވަހަށް ބުންޏެވެ. [ހެނދުނުއްސުރެ އަހަރެންގެ ޠަބީޢަތު ރަނގަޅެއް ނޫނެވެ. ބޮލުގައި ރިއްސަނީއެވެ.]

[މާބޮޑަށް ރިއްސަންޏާ ބޭސްކާން ޖެހޭނެއެވެ.]

[އެހާބޮޑަކަށް ނުރިއްސައެވެ. އެކަމަކު ފުރިހަމައަށް ކަލޭމެންގެ ވާހަކައަކާ ބައިވެރިއެއް ނުވެވެއެވެ.] ޖަލާލީ ސޯފާގައި ލެނގިލަމުން ބުންޏެވެ.

ހަމައެވަގުތު ނާޖިޔާ ކުރިމަތިން ހުރަސް ކުރުމުން މަންސޫރު ގޮވާލިއެވެ.

[ކީކޭތޯއެވެ.]

[ޖަލާލީގެ ބޮލުގައި ރިއްސަނީއެވެ.] މަންސޫރު ޖަލާލީއާ ދިމާއަށް އިޝާރާތް ކުރަމުން ބުންޏެވެ.

[ހަމަ ރަނގަޅަށް ތޯއެވެ.] ޖަޔާ މަޑުމަޑުން ބުންޏެވެ.

[އާނއެކެވެ. އަހާބަލާށެވެ.]

[ބޭސް ގެންނަންތޯއެވެ؟] ޖަޔާ ވަރަށް އުނދަގުލުން ބުންޏެވެ.

ޖަލާލީ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. އޭނާއާ ދިމާއަށް ބަލާލާފައި އެގޮތަށް ސުވާލުކުރުމަކީ ޖަޔާގެ ކުޅަދާނަކަމެވެ. އެކަމަކު ޖަލާލީއަށް މިކަންވީ އަނިޔާ އަކަށެވެ.

[ފަހަރީއެވެ. ބޭހެއް ނޫނެވެ. އޭނާ ބޭނުންވަނީ އެހެން ކަމެކެވެ.] އެންމެން ހޭން ފަށައިފިއެވެ.

[ނާޖިޔާގެ މަޑުއަތުން ބޮލުގައި ފިރުމާ ދިނުމެވެ.]

ނާޖިޔާ ބާރަށް ހީނގަތެވެ.

[ކަލާނގެ ރަސްކަންފުޅަށްޓަކައި ކޮންމެވެސް އެހެން ވާހަކައެއް ދައްކަބަލާށެވެ.] ޖަލާލީ ހާސްވެފައި ބުންޏެވެ.

ސަމާސާ ވާހަކަތައް ކުރިއަށް ދިޔައެވެ. އަދި ޖަލާލީގެ ހިތަށް ތީރުހެރެމުން ދިޔައެވެ.

ސައިގެ ކަންތަކުން ނިމިގެން އެންމެން ބައްދަލުކުރާ ކޮޓަރިއަށް އަތުވެއްޖެއެވެ.

[ޖަލާލީގެ ދެމަފިރިންނަށް ވަރަށްބޮޑަށް ޝުކުރިއްޔާއެވެ. [މަންސޫރު އެންމެންގެ ފަރާތުން ބުނި ކަހަލައެވެ.

[އެކަމަކު މިއީ އަދި ކާވެނި ސައެއް ނޫނެވެ.] ތާބުޝް ބުންޏެވެ.

ޖަޔާ ލަދުގެންފިއެވެ. މުޅި މޫނު ރަތްވެއްޖެއެވެ.

[ކާވެނި ސައި އޮންނާނީ ކޮންއިރަކު ހެއްޔެވެ.......] ޖަލާލީ ގާތުގައި ސަލީމު އެހިއެވެ.

ހަމައެއާއެކު އެންމެން އެވާހަކައަށް ތާޢީދުކޮށް ޖަލާލީއާ ސުވާލުކުރަން ފަށައިފިއެވެ. ހަދަންވީ ގޮތެއް އަދި ދޭނެ ޖަވާބެއް ޖަލާލީގެ ވިސްނުމަކަށް ނައެވެ. އޭނާ ނާޖިޔާ ދެކެވެސް ރުޅި އަތުވެއްޖެއެވެ. ތަމްސީލު ދައްކައިގެން މިއެންމެން ވާވެއްދީތީއެވެ. އޭނާ އެގޮތަށް ކަންތައް ނުކުރިނަމަ މިއަދު އެންމެނަށްވެސް ޙަޤީޤަތް އެނގުނީހެވެ. އެގޮތަށް ދިމާވިނަމަ ވަރަށް ރަނގަޅެވެ. ޖަލާލީ ހުރީވެސް މިކަމަށް ތައްޔާރު ވެގެންނެވެ.

އެކަމަކު ނާޖިޔާ މިކަން ސިއްރުކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ..... ޖަލާލީ ވިސްނަމުން ދިޔައެވެ. އެހެން މީހުން ޕާޓީ ބާއްވާނެތަނަކާ ވަގުތަކާ ބެހޭގޮތުން ވާހަކަދައްކަމުން ދިޔައެވެ. އެންމެފަހުން ދުވަހެއްވެސް ހަމަ ޖައްސައިފިއެވެ.

[ފަހަރީއެވެ. މިކޮޅަށް އަންނާށެވެ.] ޕްރާން ޖަޔާއަށް ގޮވާލިއެވެ. އަދި ޖަޔާ އިންތަނުން ތެދުނުވުމުން ޝަވާލީ އޭނާގެ އަތުގައި ހިފާ ދަމާފައި ޖަލާލީގެ ކައިރިއަށް ގެނެސްފިއެވެ. އަދި އެންމެން ތެދުވެ އެދެމީހުން ވަށާލައިފިއެވެ.

ޖަލާލީ ތެޅިގެންފައި ކޮޅަށް ތެދުވެއްޖެއެވެ.

[ދެމީހުން ބުނާށެވެ. މިޕާޓީ ދޭން އެއްބަސްވަމު ހެއްޔެވެ.] މަންސޫރު ކަންކޮޅެއް ބާރަށް ބުންޏެވެ.

[ދެން ބުނެބަލާށެވެ. އެއްޗެއް ނުބުނެ ތިތިބީ ކީއްވެފައި ހެއްޔެވެ. ފަހަރީއެވެ. ބުނެބަލާށެވެ. ޕާޓީ ދޭން ޤަބޫލު ހެއްޔެވެ.] ޕްރާން ބުންޏެވެ.

ޖަޔާ ފޮޅުވާލާފައި ދާން އުޅުނެވެ. އެކަމަކު ޖައްގޫއާއި ފައުޒިއްޔާ އޭނާ ހިފަހައްޓައިފިއެވެ. ހުނުމުގެ އަޑު ގަދަވަގެން ހިނގައްޖެއެވެ.

ޖަލާލީވެސް އެމީހުންގެ އަތްދަށުން ދެމިގަނެގެން ދާން އުޅުނެވެ. ނަމަވެސް ދެވޭގޮތެއް ނުވިއެވެ.

[ބުނާށެވެ. ޤަބޫލު ހެއްޔެވެ؟] އެންމެން އެއްފަހަރާ ބުންޏެވެ.

[ޖަޔާ ގާތުގައި އަހާބަލާށެވެ.] އެންމެފަހުން ޖަލާލީއަށް ބުނަން ޖެހުނެވެ. [އަހަރެން އެއްފަހަރަކުވެސް ނޫނެކޭ ބުނިން ހެއްޔެވެ.]

[ވޭތުވެދިޔަ ތަނުގެ ވާހަކަ ނުދައްކާށެވެ. ކާވެނި ޕާޓީގެ ވާހަކަ ދައްކާށެވެ.] މަންސޫރު ބުންޏެވެ.

[ޖަލާލީ އެއްބަސް ވެއްޖެއެވެ. ދެން ފަހަރި އެއްބަސްވާށެވެ.] ސަލީމު ކުޑަކޮށް ގުދުވެލާފައި ކަރު އެލުވާލަމުން ބުންޏެވެ.

ޖަގޫ އޭނާގައިގާ ކޮއްޓާލިއެވެ. ޝަވާލީ ފައިން ކޮއްޓާލިއެވެ.] ބުނެބަލާށެވެ. ޕާޓީ ދޭނަން ދޯއެވެ.]

ޖަޔާ ލަދުން ހަލާކުވާވަރު ވެއްޖެއެވެ. އެއްޗެކޭ ބުނަން އުޅުނެވެ. އެކަމަކު ބުނެވޭގޮތެއް ނުވިއެވެ. ހުރިހާ މީހުން އޭނާއާ ދިމާއަށް ބަލަބަލާފައި ހޭން ފަށައިފިއެވެ.

[އަހަރެންގެ ކަންފަތް ދޮށުގައި ބުނާށެވެ.] ޝަވާލީ ބުންޏެވެ.

[އަޅުގަނޑަކަށް ނޭނގެއެވެ. ފެނިލައްވާ ގޮތަކަށް ހަމަޖައްސަވާށެވެ.] ޖަޔާ މަޑުމަޑުން އިސްއުފުލާފައި ބުންޏެވެ. ޖަލާލީގެ ލޮލާ ލޯ ބައްދަލުވުމުން އަނެއްކާވެސް އިސް ޖަހާލިއެވެ.

[ޒިންދާބާދު! ޒިންދާބާދު!] ހަޅޭއްކެއްގެ އަޑު އުފުލިގެން ހިނގައްޖެއެވެ. ޕްރާން ނަށައިގަތެވެ.

ކުޑަހިނދުކޮޅެއްގެ ތެރޭގައި މާޙައުލު ބަދަލުވެގެން ހިނގައްޖެއެވެ. ޝަވާލީއާ މަންސޫރުވެސް ޑާންސްކުރަން ފަށައިފިއެވެ. ދެން ތިބި މީހުން އަތްތިލަބަޑި ޖަހަން ފަށައިފިއެވެ.

މިއީ އެމީހުންގެ އުފަލެވެ. މިކަމުން ޖަޔާއަށްވެސް އަސަރުކުރަން ފަށައިފިއެވެ. އެމީހުންގެ އުފާވެރިކަން އިތުރުވަމުން ދިޔަވަރަކަށް ނާޖިޔާގެ މޮޅިވެރިކަމާ ލަދުވެތިކަންވެސް އިތުރުވަމުން ދިޔައެވެ. އޭނާ ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ހުއްޓެވެ.

ނެށުމުގައި ސަލީމުގެ ދެމަފިރިންވެސް ބައިވެރި ވެއްޖެއެވެ. އެމީހުނަށް ޑާންސްކުރާކަށް ނޭގެއެވެ. އެކަމަކުވެސް ގޮތްގޮތަށް ވައްތަރު ޖައްސަމުން ދިޔައެވެ. ކައިރީގައި ތިބިމީހުން ފޯރިދެމުން ދިޔައެވެ. އަތްތިލަބަޑި ޖަހަމުން ދިޔައެވެ. އަދި ނެށުމަށް ޖާގަދެމުން ދާއިރާ ފުޅާކުރަމުން އެންމެން ފަހަތަށް ޖެހެމުން ދިޔައެވެ.

ޖަޔާވެސް ފަހަތަށް ޖެހިލައިފިއެވެ.

އަދި މިސިޒް ފަހްދު ޖަޔާގެ ފައިގައި ދަތިއެޅުވިކަން ނޭގެއެވެ. ޖަޔާ ފުރަގަހަށްގޮސް ކޮންމެވެސް މީހެއްގެ މޭގައި ޖެހިއްޖެއެވެ. އެއާއެކު އެނބުރި ބަލާލިއެވެ.

އެއީ ޖަލާލީއެވެ.

ޖަޔާގެ މުޅިހަށިގަނޑުގައި ކަރަންޓް އުފެދުނު ކަހަލައެވެ. ޖަލާލީވެސް ތެޅިގެންފައި ފަހަތަށް ޖެހިއްޖެއެވެ.

ޖަޔާ ހަލުއިކަމާއެކު ދުއްވައި ގެންފިއެވެ. އަދި ކޮޓަރިން ނުކުންނަން އުޅެނިކޮށް މިސިޒް ތާބުޝް އޭނާ ހިފަހައްޓައިފިއެވެ.

އަދި މިސިޒް ފަހްދު މިކުޅިގަނޑު ކުޅެފައި އެންމެންނަށް އަންގައިފިއެވެ. އެއާއެކު އެކަން މަޖަލަކަށްވެ އެންމެން ހޭން ފަށައިފިއެވެ.

ވަރަށް ގިނައިރު ވަންދެން ކުޅިމަޖާ ނަގަމުން ދިޔައެވެ.

އެއަށްފަހުން އެމީހުން އައިސް ގޮނޑިގޮނޑިއަށް ތިރިވެއްޖެއެވެ. އިރުކޮޅެއްގެ ހިމޭން ކަމަކަށްފަހު ޖަލާލީއާ ޖަޔާއަށް ދަޢުވަތު ދިނުމުގެ ވާހަކަތައް ފެށިއްޖެއެވެ.

[އެންމެ ފުރަތަމަ ދަޢުވަތު ދޭނީ އަހަރެމެންނެވެ......] ޝަވާލީ ބުންޏެވެ.

[ތިޔަކަމުގައި އެންމެ ޙައްޤުކަންބޮޑީ އަހަރެމެންނެވެ.] މިސިޒް ތާބުޝް ބުންޏެވެ. [ޖަލާލީގެ ކާވެނީގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރީ އަހަރެމެންނެވެ.]

[ތިޔަގޮތަށް ބަލަންޏާ އެންމެ ފުރަތަމަ ގެއަކީ އަހަރެމެން ގެއެވެ.] ރަފީޤު ބުންޏެވެ. [މިކާވެނި ކުރުވުމުގެ އެންމެ ބޮޑުބައި އަދާކުރީ އަހަރެންގެ އަންހެނުންނެވެ.]

[ތެދެކެވެ....... ތެދެކެވެ.......] މަންސޫރު ބުންޏެވެ.

[ތިޔަހެން ނުބުނާށެވެ. އެމީހުންނާ އެންމެ ކައިރީގައި އުޅެނީ އަހަރެމެންނެވެ.] މިސިޒް ސަލީމު ބުންޏެވެ. [ކަލޭމެން އެންމެންގެ ގެއަށްވުރެ އަހަރެމެންގެ ގެ ކައިރިވާނެއެވެ.]

[އެންމެ ރަނގަޅުވާނީ ގުރުއަތުން ތިޔަކަން ނިންމުމެވެ......] ފަހްދު ޚިޔާލު ދިނެވެ.

[ވަރަށް ރަނގަޅެވެ.] އެންމެން ބުނެފިއެވެ.

]ކަރުދާހާ ގަލަން ގެންނާށެވެ.] ޝަވާލީ ބުންޏެވެ.

[ޖަޔާ ސާހިބާއެވެ. ގަލަމާ ކަރުދާސް ގެންނާށެވެ.....] ތާބުޝް ބުންޏެވެ.

[އަޅުގަނޑު އަތަކު ނެތެވެ.] ޖަޔާ ބުންޏެވެ.

[އެހެންވިއްޔާ ޖަލާލީ އަތުގައި ހުންނާނެ ނޫން ހެއްޔެވެ.] ޖަލާލީއެވެ. އަވަސް ކުރާށެވެ.] ފަހްދު ބުންޏެވެ.

ޖަލާލީ ތެދުވެގެން ދިޔުމުން މިސިޒް ތާބުޝް ބުންޏެވެ. [ޖަޔާ ލަދުން އިންނައިރު ހީވަނީ މިއަދު ކާވެނި ކޮށްގެން އައި ހެންނެވެ.]

ނާޖިޔާ ދެއަތުން މޫނު ފޮރުވައިފިއެވެ. އޭނާގެ މޫނު މަތީގެ އަސަރުތައް އެމީހުނަށް ދައްކަން ބޭނުން ނުވަނީ ކަހަލައެވެ.

ކަރުދާހާ ގަލަން އަތުވެއްޖެއެވެ. ނަންތައް ލިޔެވިއްޖެއެވެ. ކަރުދާސް ކޮޅުތައް ތަބަކުގައި ބެހެއްޓިއްޖެއެވެ. ދެން އެތަބައް ޖަޔާގެ ކުރިމަތީގައި ބެހެއްޓިއްޖެއެވެ.

[ނަގާށެވެ.......]

ނާޖިޔާ ކަރުދާސްކޮޅެއް ނަގައިފިއެވެ.

އޭގައި އޮތީ މަންސޫރާއި ޝަވާލީ ނަމެވެ.

އެއާއެކު މަންސޫރުގެ ދެމަފިރިން އުފަލުން ހަޅޭލަވައި ގަތެވެ. އެންމެން އަތްތިލަބަޑި ޖަހަން ފަށައިފިއެވެ. ޖަޔާ ހުރިހާ ކަރުދާސްތައް ތަރުތީބުން ނަގައިފިއެވެ.

އަދި މިގޮތުން ދަޢުވަތުގެ ސިލްސިލާ ތަރުތީބު ކުރެވިއްޖެއެވެ.

[ދަޢުވަތު އޮންނާނީ ކޮންމެ ހުކުރު ދުވަހަކުއެވެ.] މިސިޒް ތާބުޝް ބުންޏެވެ.

[އާދީއްތަ ދުވަހަކީވެސް ރަނގަޅު ދުވަހެކެވެ. އެއީ ޗުއްޓީ ދުވަހެވެ.] މިސިޒް ސަލީމު ބުންޏެވެ.

މިގޮތާމެދު އެންމެން ރުހި ޤަބޫލު ވެއްޖެއެވެ. ކޮންމެ އާދީއްތަ ދުވަހެއްގެ ހަވީރު ގެއަކަށް ދާގޮތަށް ހަމަ ޖެހިއްޖެއެވެ.

ޖަޔާ ހިތްހަމަޖެހި އުފަލުން އިންކަހަލައެވެ.

ޖަލާލީ އަދިވެސް އިނީ ޙައިރާންކަން މަތީގައެވެ. މިއީ މަސްދުވަހަށް ދެމިގެންދާނެ ސިލްސިލާއެކެވެ.

ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެނބުރި އަމިއްލަ ޤައުމަށް ދާންޖެހޭނެކަން ޖަޔާ ހަނދާން ނެތީބާވައެވެ.

އެކަމަކުވެސް.......

އޭނާ ހެމުން އުފަލުން ވަޢުދުވަމުން ދިޔައެވެ.

ޖަލާލީއަށް އެކައްޗެއްވެސް ނުވިސްނުނެވެ.

*************************

[މެހްމާނުން އުފާ އުފަލުން ޚުދާ ޙާފިޒް ކިއުމަށްފަހު ވަކިވެއްޖެއެވެ. ޖަލާލީއާ ޖަޔާ ދޮރުކައިރީގައި ތިއްބެވެ. އެންމެފަހު ކާރު ލޯމަތިން ގެއްލެންދެން އެމީހުން އަތްހޫރަމުން ދިޔައެވެ.

ކާރުތައް ދިއުމަށްފަހު ޖަލާލީއާ ޖަޔާ އެތެރެއަށް އަތުވެއްޖެއެވެ.

ހިމޭނުން ތިބެގެންނެވެ.

ދުރުހިލޭ މީހުންގެ ގޮތުގައެވެ.

ބީރަށްޓެހިންގެ ގޮތުގައެވެ.

ޖަޔާ އެތެރެއަށް ވަދެއްޖެއެވެ. ޖަލާލީވެސް ކޮޓަރިއަށް އަތުވެއްޖެއެވެ.

އޭނާހުރީ އިންތިހާއަށް ފިކުރު ބޮޑުވެފައެވެ. ޚިޔާލުގެ ތެރެއަށް ގެއްލިފައެވެ. ޖަޔާގެ ޢަމަލުތައް މިހާރުވެސް އޭނާއަށް ތަޞައްވުރު ކުރެވެމުން ދިޔައެވެ. އެއީ އޭނާ ފަހަރެއްގައިވެސް ޚިޔާރުކުރި ގޮތެއް ނޫނެވެ.

ޖަޔާގެ ޢަމަލުތަކުން އޭނާ މިވެއްޓުނީ މުޅިން އާ ހާސްކަމެއްގެ ތެރެއަށެވެ. އެގޮތަށް ކަންތައްކުރުމުގެ ބޭނުމެއް ނެތެވެ. ވާންވީގޮތްވެ ބޭޒާރުވިނަމަ މާރަނގަޅުވީހެވެ.

މެހްމާނުން ދިއުމަށްފަހު ކުއްލިއަކަށް ގެ ފަޅުވެގެން ދިޔަ ކަހަލައެވެ.... އެއީ ކިހާ ހިތްހެޔޮ ބައެއް ހެއްޔެވެ. އެމީހުނާއެކު ވަގުތުކޮޅެއް ހޭދެކޮށްލެވުމުން ޖަޔާއަށް ހިތްހަމަ ޖެހުމެއް އިޙްސާސް ކުރެވުނެވެ. ޢާއިލާއާ ދުރުގައި ހުރެވޭކަން ހަނދާން ނެތުނު ކަހަލައެވެ.

އެކަމަކު އެމީހުން ދިއުމުން ވަގުތުން ހިތާމަވެރި ވެއްޖެއެވެ. ހިތްދަތިކަމުގެ އަސަރުތައް މޫނުމަތިން ފެންނަން ފަށައިފިއެވެ.

އޭނާގެ ސަބަބުން ޖަލާލީ މާޔޫސްވިއެވެ. އޭނާ ދެރަވަނީ މިކަންމިގޮތަށް ކުރެވުނީތީއެވެ. އަދި އޭނާ ޚިޔާލުކޮށްފައިވާ ގޮތަކީ މެހްމާނުންނާ އުފަލުން އިސްތިޤްބާލުކޮށް އެމީހުންގެ ކުރިމަތީގައި އެއްވެސް ކަހަލަ އުނިސިފައެއް ނުދެއްކުމަށެވެ. މިގޮތުން ޖަލާލީގެ ހިތް މައިތިރިވާނެ ކަމުގައި އޭނާ ހީކުރިއެވެ. އަދި މެހްމާނުން ދިއުމާއެކު އުފާވެރިކަމުގެ ޖަޒުބާތުގައި ފޯވެގެން ހުރެ އޭނާގެ ކައިރިއަށް އަންނާނެ ކަމުގައިވެސް ހީކުރިއެވެ.

އަދި.....

އޭނާ އެއުފާވެރި ވަގުތުކޮޅުގެ ހުރިހާ ހުރަހެއް ތަޅާ ފުނޑުފުނޑު ކޮށްލާނެއެވެ. ޖަލާލީގެ ކަރުގައި އެލުވިގެން އޮވެ ބޭއިޚްތިޔާރުގައި ރޯނެއެވެ. ލޮލުން ކަރުނަ އޮހޮރުވައިގެން ޖަލާލީގެ މޭމަތި ތެންމާލާނެއެވެ.

އެކަމަކު.....

އޭނާ ހީކުރިގޮތަށް އެއްވެސް ކަމެއް ނުވިއެވެ.

ޖަލާލީ ދިޔައީ ސީދާ އޭނާގެ ކޮޓަރިއަށެވެ.

(ނުނިމޭ...)

މި ލިޔުން؛

    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ