Print

ދިވެހި ރުއް އުފެދުނު ގޮތުގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ވާހަކަ


ޢަބްދުލްމުޢީދު ޙަސަން

އިހުޒަމާނުގެ އިންޑިޔާގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ އަރިހުގައި، ވަރަށް ބުއްދިވެރި ޙަކީމަކު އުޅުއްވިއެވެ. އެ ޙަކީމަކީ، ރަސްގެފާނާ، ވަރަށް އަރިސް ބޭކަލެއް ކަމުގައި ވިއެވެ. ރަސްގެފާނާއެކު، އެއް ދޮލަނގުން ފަރިއްކުޅުއްވުމުގެ އިޒުނަ ދެއްވާފައިވަނީ ހަމައެކަނި އެ ޙަކީމަށެވެ. މިކަމާމެދު، ބޮޑު ވަޒީރު ހުންނަނީ، ޙަސަދަވެރިވެފައެވެ.

އެއްދުވަހަކު، ރަސްގެފާނުގެ އަރިހުގައި ބޮޑުވަޒީރު ދެންނެވިއެވެ.
"މާތް މަނިކުފާނެވެ! މަނިކުފާނުގެ އަރިހުގައި ތިޔަ އުޅުއްވާ ޙަކީމަކީ، ވަރަށް މާތް، ވަރަށް ބުއްދިވެރި ބޭކަލެކެވެ."

ރަސްގެފާނު ވިދާޅުވިއެވެ.
"ތިއީ، ތިމަން ރަސްގެފާނު ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމެކެވެ. އޭނާއަށް މާތްކޮށް މިހިތަނީ އެހެންވެގެންނެވެ."

ވަޒީރު ދެންނެވިއެވެ.
"އެކަމަކު އަޅުގަނޑު ނުހަނު ބިރުގަންނަ ކަމެއް އެބައޮތެވެ. މަނިކުފާނު އިޒުނަފުޅު ދެއްވައިފިނަމަ، ދަންނަވާފާނަމެވެ."

ރަސްގެފާނު ވިދާޅުވިއެވެ.
"ވަޒީރާއެވެ! ބިރުގަންނާނެ ކަމެއް ނެތެވެ. އަވަހަށް ބުނާށެވެ."

ވަޒީރު ދެންނެވިއެވެ.
"މާދަމާވެސް ޙަކީމު އަވަހާރަވެއްޖެނަމަ، އޭނާއާ އެކުގައި، އޭނާގެ ހުރިހައި ޙިކުމަތެއް ވަޅުލެވޭނެއެވެ. އެއީ ކިހާ ދެރަކަމެއްތޯއެވެ."

ރަސްގެފާނު ވިދާޅުވިއެވެ.
"އަދި ޙަކީމުގެ ޢުމުރުންވީ އެންމެ ސާޅީހަކަށް އަހަރު ނޫންހެއްޔެވެ؟ އެއީ ގާތްގަނޑަކަށް މީހެއްގެ ޢުމުރުގެ ދެބައިކުޅަ އެއްބައި ނޫންހެއްޔެވެ؟"

ވަޒީރު ދެންނެވިއެވެ.
"މާތް ސާހިބާއެވެ! ޙަކީމުންނަކީ ނިކަން ޢުމުރު ކުރު ބަޔެކެވެ. ފޮތްކިއުމާއި ވިސްނާ ފިކުރުކުރުމުގައި އެމީހުން ގިނަވަގުތު ހޭދަކުރެއެވެ. އެކަމުގެ ސަބަބުން، އެމީހުންގެ ޢުމުރުން ދެބައިކުޅަ އެއްބައި އުނިވެއެވެ."

ރަސްގެފާނު ވިދާޅުވިއެވެ.
"ވަޒީރާއެވެ! އެހެންވިއްޔާ، ޙަކީމުގެ ޙިކުމަތްތައް އަބަދަށް ދަމަހައްޓާ ދޭނޭ މޮޅު ބުއްދިއެއް ނިކަން ބުނެދީބަލާށެވެ!"

ވަޒީރު ދެންނެވިއެވެ.
"އަޅުގަނޑު ދޭ ބުއްދިއާ މެދު، މަނިކުފާނު ހިތްޕުޅާ ނުވެއްޖެނަމަ، އަޅުގަނޑު ޤަތުލުކުރައްވާނެކަން އެނގެއެވެ. އެހެންވީމާ، ހަމަހިލާ އެ ބުއްދި ދަންނަވާކަށް ނުކެރޭނެއެވެ."

ރަސްގެފާނު ވިދާޅުވިއެވެ.
"ކަލާންގެ ގަންދީ ހުވާކޮށްފައި ވިދާޅުވަމެވެ. ތިޔައީ މޮޅު ބުއްދިއަކަށް ވެއްޖެނަމަ، ތިމަން ރަސްގެފާނު، ތިޔަ ވަޒީރު ޤަތުލު ނުކުރައްވާނަމެވެ. އަވަހަށް ބުނެދޭށެވެ!"

ވަޒީރު ދެންނެވިއެވެ.
"ޙަކީމުގެ ހުރިހާ ޙިކުމަތެއް ވަނީ އޭނާގެ ބޮލުގައެވެ. އޭނާގެ ބޯ ކަނޑާފައި، ކާނާހުރި މޮޅު ފަސްގަނޑެއްގައި ވަޅުލައިފިނަމަ، އެ ބޮލުން ގަހެއް ފަޅާނެއެވެ. އޭނާގެ ކިބައިގައިވާ ހުރިހައި ޙިކުމަތެއް އެ ގަހުގައި ވާނެއެވެ."

ރަސްގެފާނު ވިދާޅުވިއެވެ.
"ތިކަން ކުރުމުން ތިޔަބުނާ ގަހެއް ނުފަޅައިފިނަމަ، ތިޔަ ވަޒީރަށް ދޭނެ ޢުޤޫބާތެއް ބުނާށެވެ!"

ވަޒީރު ދެންނެވިއެވެ.
"މަނިކުފާނަށް ފެނިވަޑައިގެންނެވި އަދަބެއް، އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާގެ އެންމެނަށް ދެއްވާށެވެ! ދަންނަވަންތޯއެވެ. ޙަކީމުގެ ބޮލުގައިވާ ޙިކުމަތުން ފަޅާ ގަހުގައި ވަރަށް މީރު މޭވާއެއް ވެސް އަޅާނެއެވެ. އަދި ބޭނުން ނުހިފޭނެ ހަމަ އެކައްޗެއް ވެސް އެގަހުގައި ނުވާނެއެވެ."

ދެން، ޙިކުމަތުގެ ގަސް އިންދުމުގެ ރަސްމިއްޔާތުގެ ނަމުގައި، ބޮޑު ރަސްމިއްޔާތެއް ރަސްގެފާނު ބޭއްވެވިއެވެ. އެ ރަސްމިއްޔާތުގައި، ޙަކީމު ޤަތުލުކޮށް، އޭނާގެ ބޯ، ކާނާ ހުރި ފަސްގަނޑެއްގައި ވަޅުލެވުނެވެ. އަދި އެ ފަސްގަނޑު ހިމެނޭ ސަރަޙައްދު، ވަރަށް ރަނގަޅަށް ބަންދުކޮށްގެން ބެލެހެއްޓުން ބޮޑުވަޒީރާ ޙަވާލުކުރެވުނެވެ.

ދެންފަހެ، މަކަރުވެރި ބޮޑުވަޒީރު ކަންކުރި ގޮތުގެ ވާހަކަ އަޑުއައްސަވާށެވެ!

އެންމެން ނިދީމާ، ތެދުވެ، ޙަކީމުގެ ބޯވަޅުލާފައި އޮތްތަނަށް ދިޔައެވެ. ދެން އެތަން ކޮނެގެން ޙަކީމުގެ ބޯ ނެގިއެވެ. އަދި، ދުރު ކަރައެއްގެ ވަޒީރެއްގެ އަތުން ލިބިފައި އޮތް މޭވާއެއް އެތަނުގައި ވަޅުލިއެވެ. އެއަށްފަހު، ޙަކީމުގެ ބޯ ގެންގޮސް ކަނޑަށް އެއްލާލިއެވެ.

މިކަންކަން މިމަގަށް ހިނގާދިޔަތާ، ދުވަސްކޮޅެއް ވީތަނާ، އެއްކަލަ ތަނުން ގަހެއްގެ ކުރި ދައްކާލައިފިއެވެ. ދެން އެގަސް ހެދިބޮޑުވަމުން ގޮސް، ވަކިވަރެއް ވީ އިރު، އެތްތައް ނުކުމެ، އެތްތައް ފޮޅި، މޭވާ އަޅައިފިއެވެ. ކޮންމެ އިނހަލެއްގައި ތިރީހަށްވުރެ ގިނަ މޭވާ އަޅާފައި ވިއެވެ.

ދެން، މި ގަހާއި މި މޭވާގެ ފައިދާތައް، ރަސްގެފާނުގެ އަރިހުގައި ބޮޑުވަޒީރު ދަންނަވައިފިއެވެ. އެހިނދު، ރަސްގެފާނު ވަރަށް ބޮޑަށް އުފާފުޅު ކުރައްވައި، ވަޒީރަށް އަގުބޮޑު އިނާމުތައް ދެއްވިއެވެ. އަދި ރަސްގެފާނުގެ ރަސްކަމުގެ ދަށުގައިވާ ހުރިހައި ރަށްރަށެއްގައި މި ގަސް ހެއްދުމަށް އަމުރުކުރެއްވިއެވެ. ފަހެ، އެ ގަހަކީ، ދިވެހި ރުކެވެ. އިންޑިޔާގެ މޮޅު ޙަކީމުގެ ހުރިހައި ޙިކުމަތެއް އޭގައި ވާކަމަށް ރަސްގެފާނު ހީފުޅުކުރެއްވިއެވެ.

ފުލޯކު ވާހަކަ ކިޔާ މީހުން ކިޔާދޭ ގޮތުގައި، ދިވެހި ރުއް އުފެދުނު ގޮތުގެ ވާހަކައަކީ މިއީއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ