www.fanvai.info

Print

މަޖުބޫރު ލޯބި (46)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ އާދަކާދަ

 

ގައްދޫ މުޙަންމަދު ރަޝީދު

އޭނާ ހީކުރިގޮތަށް އެއްވެސް ކަމެއް ނުވިއެވެ.

ޖަލާލީ ދިޔައީ ސީދާ އޭނާގެ ކޮޓަރިއަށެވެ.

ޖަޔާ ކާގޭގައިހުރި ތަށިތައް ބަދިގެއަށް ގެންގޮސް ކާގެ ރީތިކުރިއެވެ. ހުރިހާތަނެއް ބޭސް ޖަހައިގެން ދޮވެ ސާފުކުރިއެވެ. ބަރު ސޯފާތަކާ މޭޒުތައް އެއްތަނުން އަނެއްތަނަށް ގެންގޮސް ކުނިކަހާ ހެދިއެވެ. ދޮރުތައް ބާރުބާރަށް ލައްޕާފައި ހުޅުވިއެވެ.

އެކަމަކު ޖަލާލީ ބޭރަށް ނުކުންނަ ގޮތެއް ނުވިއެވެ.

ބަދިގެ ތެރެ ސާފުކުރުމުގައި ފުރިހަމަ އެއްގަޑިއިރު ވޭތުވެގެން ހިނގައްޖެއެވެ.

ބޭރަށް އަނދިރިވިތާ ކިތަންމެއިރެކެވެ. ހޮޅިބުރިތަކާ ފާޑުފާޑުގެ ބޮކިތަކުގެ އަލިން ހުރިހާ އެއްޗެއް ފެންވަރަމުން ދިޔައެވެ. ނޫރުގެ ސައިލާބު ދެމިފައި އޮތެވެ. އެކަމަކު ހިތުގެ އަނދިރިކަމަށް އެއްވެސް ކަހަލަ އަލިކަމެއް ނުލިބުނެވެ. ވަގުތުތައް ހޭދަވަމުން ދިޔަވަރަކަށް ޖަޔާގެ އުންމީދުގެ ހުޅުކޮޅުވެސް ކުޑަވަމުން ދިޔައެވެ. ފުން މާޔޫސްކަމެއް ހިތަށް ވެރިވަމުން ދިޔައެވެ. އޭނާގެ ފަރާތުން ޕާޓީގެ ތެރޭގައި ވަރަށްބޮޑު ހަނގުރާމައެއް ކުރިއެވެ. ހިތްވަރާއެކު ސިއްރު ފާޅުވިޔަ ނުދިނުމަށްޓަކައި އިންތިހާއަށް މަސައްކަތް ކުރިއެވެ.

އެކަމަކު...... ލިބުނީ ކޮންއެއްޗެއް ހެއްޔެވެ؟

އަހަރެމެން އެއްބަސްވިޔަސް ނުވިޔަސް މިއީ ހަމަ ޙަޤީޤަތެވެ. އަހަރެމެން ކޮންމެ މީހަކަށް ކަމެއްކޮށްދިން ކަމުގައިވިޔަސް އިނާމުގެ އުންމީދު ކުރެވެއެވެ. ކޮންމެފަދަ ސިފައެއްގައި ނަމަވެސް އިނާމުލިބުމަށް ހިތް އެދެއެވެ. މިހަދިޔާއަކީ ލޯބީގެ ދެތިން ލަފްޒު ކަމުގައިވެސް ވެދާނެއެވެ. ކޮންމެ އެއްޗެއް މާއްދިއްޔަތުގެ ތިލަފަތުން ކިރުމަކީ ކޮންމެހެން ބޭނުންކަމެއް ނޫނެވެ. ބައެއް ނާޒުކް ޖަޒްބާތަކީ ހަމައެކަނި ލޯބީގެ އިޝާރާތަކުން ހަމަޖެހުން ލިއްބައިދޭ އެއްޗެކެވެ.

ޖަޔާ ހުރިހާކަމަކުން ނިމިގެން ކޮޓަރިއަށް އަތުވެއްޖެއެވެ. ސާޅީ ބާލާފައި އެނދުމަތީގައި އޮތެވެ. އޭނާ އެސާޅި ރީތިކޮށް ފަށްޖެހިއެވެ. ބްލައުޒާއި ޕެޓީ ކޯޓް ނަގާ ރީތި ތަރުތީބަކުން ކޮނޑުތަކުގައި އެޅުވިއެވެ.

ޖަލާލީ އަދިވެސް ބޭރަކަށް ނުނިކުމެއެވެ.

[އަނެއްކާ ބޭރަށް ދިޔައީ ނޫން ބާވައެވެ.] ނާޖިޔާ ވިސްނާލިއެވެ. ދެން ހަލުއިކޮށް ހިނގާފައިގޮސް ގަރާޖާ ދިމާއަށް ބަލާލިއެވެ.

ޖަލާލީގެ ކާރު އެބައޮތެވެ. ކޮޓަރީގެ ބޮކިވެސް ހުރީ ދިއްލާފައެވެ. އެތެރޭގައި އެބައުޅޭކަން ހަމަގައިމެވެ.

ނާޖިޔާހުރީ ރުޅިއައިސް ރަތްވެފައެވެ. އެކަމަކު ކުއްލިއަކަށް ޖަލާލީގެ ޠަބީޢަތް ރަނގަޅު ނޫންކަމުގެ ޚިޔާލު އޭނާއަށް ކުރެވިއްޖެއެވެ. އޭނާއަށް ބޭސް ދޭވާހަކަވެސް މަންސޫރު ބުނެފައިވެއެވެ.

ރަޙުމްގެ ޖަޒުބާތު އޭނާގެ ހިތު ތެރޭގައި މޯޅިއަކަށް ދެމިލައިފިއެވެ. ރުޅިވެރިކަން ދުރަށް ހިނގައްޖެއެވެ. މިހާރު ޖަލާލީގެ ބޮލުގައި ގަދައަށް ރިއްސާނެކަން ހަމަ ޔަޤީނެވެ.

އެކަމަކު..... އޭނާ ހަދަންވީ ކިހިނެއް ހެއްޔެވެ.

ކުޑަކޮށް ވިސްނާލާފައި އޭނާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އަވަސް އަވަހަށް ސައިތަށްޓެއް ހެދިއެވެ.

ރީތި ތަށްޓަކަށް ސައި އެޅުމަށްފަހު ވަތްގަނޑުން ބޮލުތަދުގެ ބޭސްގުޅައެއް ނެގިއެވެ. މިއީ މީގެ ދުވަސްކޮޅެއް ކުރީގައި އޭނާއަށް މިސިޒް ހެރަލްޑް ދިން ބޮލުތަދު ބޭހެވެ.

މިއެއްޗެހި ހިފައިގެން ޖަޔާ ބަދިގޭން ނުކުމެއްޖެއެވެ.

އޭނާގެ ހިތްތެޅެމުން ދިޔައެވެ. ލަދުވެތިކަމާ ޖެހިލުންވުން އޭނާގެ ފައިގައި ހިލިހިލާ އަޅަމުން ދިޔައެވެ. އެކަމަކު ކޮންކަހަލަ ޖަޒްބާތެއްކަމެއް ނޭގެއެވެ. ކޮންކަހަލަ ބާރެއްކަމެއް ނޭގެއެވެ. އޭނާ ދަމާފައި ޖަލާލީގެ ކޮޓަރިއާ ދިމާއަށް ގެންދިޔައެވެ.

ދޮރުކައިރިއަށް ހުއްޓިއްޖެއެވެ.

އޭނާއަށް ހީވީ ދެފައިތިލަ ބިމަށް ވަދެގެންދަނީ ކަމުގައެވެ. އޭނާއަށް ފައި ހަލުވާވެސް ނުލެވުނެވެ. ދާހިއްލާ ފޯވެއްޖެއެވެ. ހިތް މޭގެތެރޭގައި އޮވެގެން ތެޅިފޮޅެމުން ދިޔައެވެ. ޒަޚަމްވެފައިވާ ދޫންޏެއް ފަދައިންނެވެ. ޖަލާލީ އެތެރޭގައި އުޅެނިކޮށް މިކޮޓަރިއާ ދިމާއަށް އޭނާ އައި މިއީ ފުރަތަމަ ފަހަރެވެ.

ކޮންމެއަކަސް މިގޮތަށް އިރުކޮޅަކު ހުރުމަށްފަހު ހިތްވަރުކޮށްލާފައި ދޮރުފަތުގައި އިނގިލި ޖައްސާ އެތެރެއަށް ކޮށްޕާލިއެވެ.

ދޮރުހުރީ ހުޅުވާފައެވެ.

ދެފަހަރަކު މަޑުމަޑުން ޓަކިޖަހާލުމުން ޖަލާލީގެ ފިޔަވަޅުގެ އަޑު އިވިއްޖެއެވެ.

އަދި ދޮރުފަތް ހުޅުވާލިއެވެ.

އޭނާ އެއްޗެކޭ ނުބުނެއެވެ. ޖަޔާ އެތެރެއަށް އަތުވެއްޖެއެވެ. އަދި މޭޒުމަތީގައި ސައިތަށި ބެހެއްޓިއެވެ.

ޖަލާލީ އޭނާއާ ދިމާއަށް ބަލާލިއެވެ. ބޮލުން ފެށިގެން ފައިގެ ނިވައި ބޮނޑިއާއި ހަމައަށް ބަލާލިއެވެ. ދެން ސައިތަށްޓަށް ބަލާލިއެވެ.

[އަހަރެން ސައިހަދާކަށް ނުބުނަމެވެ.] އޭނާ މަޑުމަޑުން ބުންޏެވެ.

[އަޅުގަނޑު އަމިއްލައަށް ގެނައީއެވެ.]

[ކީއްކުރަން ހެއްޔެވެ؟]

[ޖަލާލީގެ ބޮލުގައި ރިއްސާ ވާހަކަ ބުނުއްވާފައި އޮތީމައެވެ.]

[އެހެންދޯއެވެ.]

ޖަލާލީ ދޮރުކަރިގައި ހުރެފައި އައިސް ނާޖިޔާގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ޖަޔާ އެއްފަހަރު ބަލާލިއެވެ.

އޭނާ ސީރިއަސްވެފައިވާ ކަހަލައެވެ.

[ކޮންކަހަލަ ޚިޔާލެއް އައީ ހެއްޔެވެ؟] އޭނާ ވަރަށް ނުރުހުންވެފައި ބުންޏެވެ.

ޖަޔާ މައްސަލަ ގޯސްވިޔަނުދިނުމަށް މަސައްކަތް ކުރަމުން ބުންޏެވެ. [މިސިޒް ހެރަލްޑް ހުރީ ޗުއްޓީގައެވެ. އޭނާގެ ހުރިހާ ޒިންމާއެއް އޮތީ އަޅުގަނޑުގެ ބޮލުގައެވެ.]

[ނާޖިޔާ އެއްވެސް ޒިންމާ ދާރީއެއް ބޮލުގައި އަޅާކަށް ނުޖެހެއެވެ.] ޖަލާލީ ހަރުކަށި ގޮތަކަށް ބުންޏެވެ.

ހިނދުކޮޅަކަށް ޖަޔާގެ ހިތްހުއްޓުނު ކަހަލައެވެ. އޭނާއަށް ހީވީ ޖަލާލީ އޭނާގެ ކަންކަށި މަތީގައި ޖެހީހެންނެވެ.

އެކަމަކުވެސް......

އޭނާ ޖެހިބުދެއްހެން ކޮޅަށް ހުއްޓެވެ.

ޖަލާލީގެ ހިތް އަތުލައިގަތުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެންމެ ފުރަތަމަ ދުވަހު ކުށްހީގެ ޙަމަލާއިން އޭނާގެ ހިތުގައި ހޮއި ހައްދާލާފައިވެއެވެ. އެޒަޚަމް ފަސޭހަކޮށްލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.

އޭނާ މަތިހަށި ނަގާފައި އެހުންނަނީ އެހެންވެގެންނެވެ.

ހިނދުކޮޅެއް ވޭތުވެގެން ހިނގައްޖެއެވެ.

ޖަލާލީ އަނެއްކާވެސް އެނބުރި ބަލާލިއެވެ. ޖަޔާ އިސްޖަހައިގެން ހިމޭނުން ހުންނައިރު ވަރަށް ލޯތްބެވެ. ވަރަށް މަޢުޞޫމެވެ.

އެކަމަކު.....

އެއީ މަޢުޞޫމު ކުއްޖެއް ނޫނެވެ. މިއަދު ޖަލާލީއަށް އެކަން އިޙްސާސް ކުރެވިއްޖެއެވެ.

[ނާޖިޔާއަކީ ގޮތްދެއްކުމަށް ވަރަށް ކުޅަދާނަ އަންހެނެކެވެ.] ޖަލާލީ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

ޖަޔާ ހާސްވެފައި ބަލާލިއެވެ.

[މިއަދު ތިޔަ ދައްކާލީ ވަރަށް ފުރިހަމަ ގޮތްދެއްކުމެކެވެ.] ޖަލާލީ ހަމައެއަޑުން ބުންޏެވެ. ޖަޔާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. އަދި އޭނާގެ ހިމޭން ހިނިތުންވުން މަތަކުރެވޭތޯ މަސައްކަތް ކުރިއެވެ. މިމަންޒަރެއް ޖަލާލީއަކަށް ނުފެނެއެވެ.

[އެގޮތަށް ކަންތައްކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.] އެކި ލަފްޒަށް ބާރުލަމުން ނުރުހުންވެފައި އޭނާ ހަޅޭލަވައި ގަތް ކަހަލައެވެ.

ޖަޔާ ރޫރޫ އަޅައިގަތެވެ. އަދި ކުއްލިއަކަށް އެނބުރިލާފައި ޙައިރާން ކަމާއެކު ބަލާލިއެވެ.

[ނާޖިޔާ އަހަރެންގެ ހާސްކަމުގައި އިތުރު ކުލައެއް ޖައްސައިފީމުއެވެ. އެމީހުންނަށް އެނގެން ބޭނުންވާ ސިއްރު މިއަދު ފާޅުވިޔަނުދިނީ ކީއްވެގެން ހެއްޔެވެ. ޖަޔާގެ ނުރުހުންވުމާ ނަފްރަތު އެމީހުންގެ ކުރިމަތީގައި ހާމަކުރުން ބޭނުމެވެ. ތިޔަގޮތަށް މަތިއޮމާން ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އެވަގުތު ޖަޔާގެ ހިތުގައިވާ ހުރިހާ އެއްޗެއް އެމީހުންގެ ކުރިމައްޗަށް އޮއްސާލިނަމަ އިތުރު ހާސްކަމެއް ނުއުފެދުނީހެވެ. ނާޖިޔާ ތިޔަ މަސައްކަތް ކުރަނީ އެމީހުންގެ ކުރިމަތީގައި އަހަރެންގެ އަގު ވައްޓާލުމަށެވެ..... މާދަމާ އަހަރެން އެމީހުންނަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ. މިއަދު ތިޔަދެއްކި ދަޅައާމެދު އެމީހުން ގާތުގައި އަހަރެން ބުނާނީ ކީކޭ ހެއްޔެވެ. ދިފާޢުގައި އަހަރެން ދައްކާނީ ކޮންވާހަކައެއް ހެއްޔެވެ.]

ޖަޔާ ޙައިރާންވެފައި އޭނާގެ މޫނަށް ބަލަމުން ގެންދިޔައެވެ. އޭނާގެ ރުޅި އަދިވެސް ގަދަވަނީއެވެ. ޖަޔާއަށް އެކައްޗެކޭވެސް ނުބުނެވުނެވެ.

[ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނާޖިޔާ އެނބުރި ރަށަށް ދަނީކަން ހަމަރަނގަޅަށް އެނގޭނެއެވެ. ވީއިރު އެގޮތަށް ޑްރާމާކުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟] ޖަލާލީ ފުރަގަހަށް އެނބުރި ފައި ހަރުއަޑުން ސުވާލުކުރިއެވެ.

ޖަލާލީ ހުރީ ވަރަށް ދެރަވެފައެވެ.

އެކަމަކު......

ޖަލާލީގެ މިސުވާލާމެދު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

[ބުނެބަލާށެވެ. އެގޮތަށް ކަންތައްކުރީ ކީއްކުރަން ހެއްޔެވެ....؟] ޖަލާލީ ތުރުތުރު އަޅަމުން ޖަޔާއާ ދިމާއަށް އެނބުރުނެވެ.

ޖަޔާވެސް ރުޅި އަތުވެއްޖެއެވެ. އެސުވާލު ތަންކޮޅެއް މަޑުމައިތިރި ގޮތަކަށްވެސް ކުރެވިދާނެ ނޫން ހެއްޔެވެ. އެހާ އަޑުގަދަކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. ޖަޔާގެ ނިތްކުރިއަށް ރޫއަރައިފިއެވެ. ދެލޯ ރަތްވެއްޖެއެވެ. އަދި ހަރުއަޑުން ބުންޏެވެ.

[އަޅުގަނޑު ރަށަށް ދާން ގަސްތުނުކުރާތީ އެގޮތަށް ކަންތައް ކުރީއެވެ.]

އޭނާގެ ޖުމްލަ ޖަލާލީއަށް ނުވިސްނުނު ކަހަލައެވެ. ކުޑަޙަރަކާތެއް ބޮލަށް ގެނައެވެ. އަދި ލޯބޮޑުކޮށްލަމުން ޔަޤީންކަން ކުޑަގޮތަކަށް ބަލާލަމުން ބުންޏެވެ. [ކީކޭ ހެއްޔެވެ...... ކީކޭ ހެއްޔެވެ.....؟

[އަޅުގަނޑު ރަށަކަށް ނުދާނަމެވެ.] ޖަޔާ އެކި އަކުރަށް ބާރުލާފައި ބުންޏެވެ.

ޖަލާލީގެ ރުޅި މައިތިރި ވެއްޖެއެވެ. އަދި ޙަރިއާން ކަމާއެކު ޖަޔާގެ މޫނަށް ބަލަން ފަށައިފިއެވެ.

ނާޖިޔާ އެނބުރިލާފައި ކޮޓަރިން ނުކުންނަން ފިޔަވަޅު ނެގިއެވެ.

[ތިޔަބުނީ ރަށަށް ނުދާނަމޭ ނޫން ހެއްޔެވެ.] ޖަލާލީ ނާޖިޔާގެ ފުރަގަހުން ކޮނޑުގައި ހިފެހެއްޓުމުގެ ނިޔަތުގައި އަތް ދިއްކޮށްލިއެވެ. އެކަމަކު ދެތިން އިންޗީގެ ދުރުމިނުގައި އަތް ހުއްޓިއްޖެއެވެ.

[އެހެންވީއިރު ނާޖިޔާ ރަށަށް ނުދާގޮތަށް މިހާރު ނިންމީދޯއެވެ.] ޖަލާލީ އޭނާގެ ކުރިމައްޗަށް އަރާފައި ބުންޏެވެ. އޭނާ އަދިވެސް ބޮޑަށް ޔަޤީންކުރަން މަސައްކަތް ކުރަނީއެވެ.

[ލައްބައެވެ. ނުދާނަމެވެ.] ޖަޔާ ވަރަށްބޮޑަށް ރުޅި އަތުވެއްޖެއެވެ.

[ރަށަށް ނުގޮސް ހުންނާނީ ކޮންތާކު ހެއްޔެވެ.] ޖަލާލީ ބުންޏެވެ.

[ޖާގަ ލިބުނު ތަނެއްގައެވެ.] އޭނާ ބާރަށް ހިނގާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

ޖަލާލީގެ ހަށިގަނޑަށް ކުއްލި ލޮޅުމެއް އެރި ކަހަލައެވެ. އޭނާ ކައިރީގައި ހުރި ގޮނޑިއަށް ވެއްޓިއްގަތެވެ.

ޖަޔާ ނުދާގޮތަށް ނިންމުނުން އުންމީދުގެ ދޯދިތައް ވިދާ ބަބުޅައިގަތެވެ. އަލިފާން ހުޅުކޮޅެއް ފަދައިންނެވެ.

އެކަމަކު އޭނާގެ ފަހުގެ ޖުމްލައިން މިހުޅުކޮޅު ނިވިގެން ހިނގައްޖެއެވެ.

***********************

 

މިހާ އަވަހަށް މިކަންތައް ވެދާނެ ކަމަކަށް އެއްވެސް މީހަކު އުއްމީދެއް ނުކުރެއެވެ.

މިކަންތައް މިވީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ.

ސޯފިޔާ، ރައިޙާންއާއި އަމްޖަދު ގެއަށް ގެނުވައިގެން ޖަލާލީގެ ފޯނާބެހޭގޮތުން ވާހަކަދެއްކިއެވެ.

[އޭނާ ލަންޑަނުގައި ހުންނަ ފާމުން ތިޔަ ދެކުދިންނަށް ވަޒީފާދޭން ގަސްތުކުރައްވައެވެ. މިކަމާ ގުޅޭގޮތުން ފޯނުކޮށް ވާހަކަ ދެއްކެވިއެވެ.

އޭނާ ބުނުއްވި ގޮތުގައި ލަންޑަނު އޮފީހުގެ މެނޭޖަރ މިސްޓަރ ފޭލަރއަށް އޭނާ ހުރިހާ ވާހަކައެއް ކިޔާ ދެއްވައިފިއެވެ. އަވަހަށް ކަލޭމެން ޕާސްޕޯޓް ހައްދާށެވެ. އަދި ޕާސްޕޯޓް ނަމްބަރު އޭނާއަށް ފޮނުވާށެވެ. ވިސާ އަވަހަށް ލިބޭނީ އޭރުންނެވެ.]

[އަޅުގަނޑުމެން ޕާސްޕޯޓް ހައްދައިފީމެވެ.]

[ވަރަށް ރަނގަޅެވެ. މާދަމާ ހަތަރެއްޖެހުމާ ކައިރި ވަގުތެއްގައި މެނޭޖަރު ފޯނުކުރާނެއެވެ. އެގަޑިއަށް ކަލޭމެން އަންނާށެވެ. އޭރުން އަމިއްލަ އަޑުން އޭނާއާ ވާހަކަ ދެކެވިދާނެއެވެ. ބައްޕަވެސް ގޮވައިގެން އަންނާށެވެ. އެންމެ ރަނގަޅެވެ. ގޮތަކީ އަމިއްލައަށް ވާހަކަ ދައްކައިގެން ކަންތައް ނިންމުމެވެ.]

[އެންމެ ރަނގަޅެވެ. އަޅުގަނޑުމެން މާދަމާ ހަތަރެއް ޖަހާއިރު އަންނާނަމެވެ.]

[ވަރަށް ރަނގަޅެވެ.]

[އަޅުގަނޑުމެން ޖަލާލީއަށް ޝުކުރުވެރިވަމެވެ. އޭނާ އަޅުގަނޑުމެނާމެދު ކަންތައް ކުރެއްވީ ވަރަށް ރަނގަޅަށެވެ.]

 [ޖަލާލީއަކީވަރަށް މާތް އިންސާނެކެވެ. ހަމައެކަނި ޖަޔާއަކަށް ނޫނެވެ. އެފަދަ އިންސާނަކު ލިބުމުން ކަލޭމެންގެ މުޅި ޢާއިލާއަށްވެސް އުފާވެރިކަން ލިބިއްޖެއެވެ.]

[މޫސުމް ރަނގަޅަށް ބަދަލުވާނީ ކަލޭމެން ދެކުދިން ލަންޑަނަށް ދިއުމުންނެވެ. އަދި އަމިއްލަ ކަމެއްގެ ގޮތުގައި ޖަލާލީގެ މަސައްކަތާ ޙަވާލުވި ދުވަހަކުންނެވެ.]

[އިރާދަކުރެއްވިއްޔާ ތިޔަކަންތައް ވަރަށް އަވަހަށް ކުރެވިދާނެއެވެ.]

ދެވަނައަށްވީ ދުވަހު ހަވީރު ހަތެއްޖެހިއިރު ރައިޙާނާއި އަމްޖަދު ބައްޕަ ގޮވައިގެން އައިސް ސޯފިޔާގެ ސިޓިންގ ރޫމްގައި ތިއްބެވެ. އެމީހުން އިންތިޒާރު ކުރަމުން އެގެންދަނީ ލަންޑަނުން އަންނަ ފޯނަށެވެ.

ފަޔާޒް އަޙްމަދު ފައުޒިއްޔާއަށް ވަރަށްބޮޑަށް ޝުކުރުވެރިވެއެވެ. މިކަން އޭނާ ސޯފިޔާގެ ކުރިމަތީގައި ހާމަކުރަމުން ގެންދިޔައެވެ. އަސަރު ކުރުވަނިވި ޢިބާރާތުންނެވެ.

[ފަޔާޒް އަންކަލްއެވެ. ފައުޒިއްޔާއަކީ ހަމައެކަނި ވަސީލަތެކެވެ. އެއީ ހަމަ ނާޖިޔާގެ ނަސީބެވެ. އިއްތިފާޤުން މިގޭ ކުދިންނަށް ކިޔަވައިދޭން ނާޖިޔާއަށް އާދެވުނީއެވެ. އަދި ހަމަ އެދުވަސްކޮޅާ ދިމާކޮށް ފައުޒިއްޔާ ދައްތައަށްވެސް އާދެވުނީއެވެ.]

[އެއީ މާތްރަސްކަލާނގެ ދެއްވި ޢިނާޔަތެކެވެ. މިކަންތައް މިކުރެވުނީ ފައުޒިއްޔާ މެދުވެރިއަކަށް ވެގެންނެވެ. އޭނާއަށް ހެޔޮހިތުން ޝުކުރުވެރިވަމެވެ.]

[ޝުކުރިއްޔާއެވެ.]

[ފޯނު އަންނާނީ ލަންޑަނުން ހެއްޔެވެ. ނޫނީ އެމެރިކާއިން ޖަލާލީ ހެއްޔެވެ.]

[ލަންޑަނު އޮފީހުން ޖަލާލީގެ މެނޭޖަރު މިސްޓަރ ފޭލަރ ފޯނު ކުރާނެއެވެ. އޭނާއަށް ޖަލާލީގެ ފަރާތުން ހުރިހާ އިޚްތިޔާރެއް ލިބިފައިވެއެވެ.]

[ޖަލާލީގެ ވިޔަފާރި ވަރަށްބޮޑު ހެއްޔެވެ.]

[ލައްބައެވެ. ފައުޒިއްޔާ ދައްތަ ދެއްކި ވާހަކަތަކުން އަޅުގަނޑަށް މާބޮޑު ޔަޤީންކަމެއް ނުލިބެއެވެ. އެކަމަކު ޙަޤީޤަތުގައިވެސް އޭނާގެ ވިޔަފާރީގެ ދާއިރާ ވަރަށް ފުޅަލެވެ. ލަންޑަނު އޮފީހުގެ މުވައްޒަފުންވެސް އެހާގިނައެވެ. ހަމައެކަނި މުސާރަތަކުގެ ހިސާބު ބަލާލުމުންވެސް މަސައްކަތުގެ ތަނަވަސްކަން ހާމަވެގެން ދެއެވެ. ސްޓޭޓްގައިވެސް އޭނާގެ މަސައްކަތް ހިނގާ އެތައް ތަނެއް ހުރެއެވެ. އަދި މިހާރު ޚަބަރު ލިބޭގޮތުން ކޮންމެވެސް އެއަރލައިނެއްގެ ހިއްސާވެސް ގަންނަނީއެވެ.]

[ތިޔައީ އަހަރެން ހީވެސް ނުކުރާފަދަ ފެންވަރެކެވެ.]

[މިއީ ހަމަ ޖަޔާގެ ނަސީބޭ އަޅުގަނޑު މިބުނަނީ އެހެން ވެގެންނެވެ.] ސޯފިޔާ ބުންޏެވެ.

[ޖަޔާގެ ސަބަބުން އަޅުގަނޑުމެންނަށްވެސް ރަނގަޅު ގޮތްތަކެއް މެދުވެރިވާނެއެވެ.] ރައިޙާން ހިނިތުންވެލާފައި ބުންޏެވެ.

[ކަންތައްވާނީ ހަމަ ތިޔަގޮތަށެވެ.] ސޯފިޔާ ބުންޏެވެ. [މިހާރު ތިޔަކުދިންނަކީ ޖަލާލީގެ އެންމެގާތް ތިމާގެ މީހުންނެވެ. އޭނާއަކީ ވާލެއް އިޔާރެއްހުރި މީހެއް ނޫނެވެ.]

[އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ތިމާގެ މީހުނަށްވުރެވެސް ބޮޑަށް އޭނާއަށް މާތްކޮށް ހިތާނަމެވެ.] އަމްޖަދު ބުންޏެވެ. [ޖަލާލީއަށް އެއްވެސް އުނިކަމެއް އަޅުގަނޑުމެންގެ ފަރާތަކުން ނުފެންނާނެއެވެ.]

[މާތްރަސްކަލާނގެ ތިޔަގޮތަށް މެދުވެރި ކުރައްވާށިއެވެ......]

[ކަލާނގެ މިންވަރު ފުޅާއެކު މިގޮތަށް އަޅުގަނޑުމެން ޢަމަލުތައް ބަހައްޓާނަމެވެ.]

އެންމެން ޖަލާލީގެ ވާހަކަ ދައްކަމުން ދިޔައެވެ. ނާޖިޔާއާ ކާވެނިކުރުމަށްފަހު ރައިޙާނާއި އަމްޖަދަށް ވަޒީފާ ދިނުމަކީ ޖަލާލީގެ ދެވަނަ އިޙްސާންތެރިކަމެވެ.

[ޖަޔާގެ ސިޓީއެއް ލިބުނުތޯއެވެ؟] އެކިއެކި ވާހަކަ ދެއްކުމުގެ ތެރޭގައި ސޯފިޔާ ސުވާލުކުރިއެވެ.

[އަދި ނާދެއެވެ. އެކަމަކު ސިޓީ ލިބޭނެ ވާހަކަ ފައުޒިއްޔާ އެންގިއެވެ.]

]ލައްބައެވެ. ފޯނުން އެންގިއެވެ. އަދި ސިޓީވެސް ލިބޭނެއެވެ......]

[އަހަރެން ސިޓީ ލިޔުނީމެވެ. އޭގެ ޖަވާބުވެސް ލިބޭނެކަމުގައި އަހަރެމެން ހީކުރަމެވެ.]

[ފަޔާޒް އަންކަލްއެވެ.]

[ކީކޭ ހެއްޔެވެ؟]

[މިހާރު ދެން އަންކަލް ފޯނު ކުރައްވާށެވެ. އިދާރަކުރެއްވީތީ މިހާރު ނާޖިޔާއަކީ ދުވާލަކު އެއްފަހަރު ފޯނުކުރި ކަމުގައިވިޔަސް ޚަރަދު ދެވޭފަދަ ކުއްޖެކެވެ.

[ތެދެކެވެ. ބައްޕާއެވެ! އަޅުގަނޑުމެން ހިނގައްޖެއްޔާ ކޮންމެހެންވެސް ބައްޕަ ފޯނުކުރައްވަން ޖެހޭނެއެވެ.]

ފަޔާޒު އަޙްމަދު ހިނިތުންވެލާފައި ބޯޖަހާލިއެވެ. އޭނާ މާތްރަސްކަލާނގެ އޯގާވަންތަކަމާމެދު ޝުކުރުކުރަމުން ވިސްނަމުން ދިޔައެވެ.

ހަތަރުގަޑި ބައިވާން އުޅެނިކޮށް ފޯނު ރަނގަބީލުވާން ފަށައިފިއެވެ. ސޯފިޔާ ގެނައި ސައިތަށިތައްވެސް ހުރިގޮތަށް ހުރީއެވެ.

މިސްޓަރ ރޮކް ޖަލާލީގެ ވާހަކައިގެ އަލީގައި ހުރިހާކަމެއް އޮޅުންފިލުވާ ދިނެވެ. މުސާރައާއި އަދި މަސައްކަތާ ބެހޭގޮތުންނެވެ. އެމީހުން ތިބޭނެތަނަކާ ބެހޭގޮތުންވެސް ވާހަކަ ދެއްކިއެވެ.

ހުރިހާކަމެއް މިހާ ކުއްލިގޮތަކަށް ނިމިދާނެ ކަމަކަށް ރައިޙާނާއި އަމްޖަދު ޔަޤީނެއް ނުކުރެއެވެ. ހީވަނީ ފެންނަމުންދާ ހުވަފެނެއް ހެންނެވެ. ފަޔާޒު އަޙްމަދުވެސް ޖަލާލީގެ މިފިޔަވަޅާމެދު އިންތިހާއަށް އުފާވެފައި އިންކަން މޫނުމަތިން ސާބިތުވެއެވެ.

[އުފާވެރިކަން ހުއްޓެވެ.] ސޯފިޔާ އަހާލިއެވެ. ނިމުނީ ކޮންގޮތަކަށް ހެއްޔެވެ.]

ރައިޙާން ތަފްޞީލުކޮށް ކިޔައިދެމުން ބުންޏެވެ. [ސޯފިޔާ ދައްތާއެވެ. އަޅުގަނޑުމެންނަށް ހަތަރުވަނަ ދަރަޖައިގައި މަސައްކަތް ލިބުނު ކަމުގައިވިޔަސް ޣަނީމާއެއްކަމުގައި ދެކޭނަމެވެ. އެކަމަކު މިއީ ޖަލާލީގެ ލޯތްބާއި އިޚްލާޞްތެރި ކަމެވެ.]

[ކަލޭމެންވެސް މަސައްކަތްކުރާނީ އަމިއްލަ މަސައްކަތެއްގެ ގޮތުގައެވެ.]

[ލައްބައެވެ!]

ކުޑައިރުކޮޅަކު ތިންބަފައިން އެތާނގައި ތިއްބެވެ. ރައިޙާނާއި އަމްޖަދު ތިބީ ގެއަށް ދިއުން ލަސްވެފައެވެ. މިއުފާވެރި ޚަބަރު އެންމެނަށް އެންގުމަށްޓަކައި ކެތްމަދުވެފައެވެ.

[ފޯނު އައުމާ ވިދިގެން ސައިވެސް ހިހޫ ވެއްޖެއެވެ. އަދި ސައިހަދަން ތޯއެވެ.] ފަޔާޒް އަޙްމަދުގެ މޫނަށް ބަލާލާފައި ސޯފިޔާ ބުންޏެވެ.

ރައިޙާން ތެދުވަމުން ބުންޏެވެ. [ނޫނެކެވެ. ސޯފިޔާ ދައްތާއެވެ. ދެން ސައި ހައްދަވާނެ ކަމެއްނެތެވެ.]

[ސޯފިޔާއަށް ވަރަށް އުނދަގޫ ކުރެވިއްޖެއެވެ.] ފަޔާޟް އަޙްމަދުވެސް ތެދުވަމުން ބުންޏެވެ.

[އެއީ އެއްވެސް ކަމެއްނޫނެވެ.] ސޯފިޔާ ބުންޏެވެ. ތިޔަގެއަށް ފޯނު ނަރު ނުވެއްދޭހާ ހިނދަކު އަޅުގަނޑަށް މިގޮތަށް އުނދަގޫ ކުރައްވަން ޖެހޭނެއެވެ.]

އެންމެން ހިނިތުން ވެލިއެވެ. ދެން ތިންބަފައިން ސޯފިޔާއަށް ޝުކުރިވެރިވަމުން ގެއަށް އަތުވެއްޖެއެވެ.

ގެއަށް ވަދެވުމާއެކު ރައިޙާން މުބާރިކްބާދުގެ އަޑު އުފުލާލިއެވެ. ހުރިހާ މީހުން ބޭރަށް ނުކުމެއްޖެއެވެ.

އަމްޖަދު މަންމަ ގައިގައި އޮޅުލައިގަތެވެ. ރައިޙާން ތާނޫ ދައްތަގެ ގުއްޑޫ ނަގާ ވައިގެ ތެރެއަށް އެއްލާފައި ހިފިއެވެ.

[ކޮންމެވެސް އެއްޗެކޭ ބުނެބަލާށެވެ.] ތާނޫ ކޮޅުފިލާ ގޮނޑީގައި އިށީނދެފައި ބުންޏެވެ.

[މަތީ ދަރަޖަ ލިބިއްޖެއެވެ. ތާނޫ ދައްތާއެވެ.] ރައިޙާން ބުންޏެވެ.

ބައްޕަ އިށީންނަށް ޢަތީޤާ އެތެރޭން ގޮނޑިއެއް ގެނެސްދީފިއެވެ. މަންމަ ތާނޫ ކައިރީ ކޮޅުފިލާ ގޮނޑީގައި އިށީދެއްޖެއެވެ.

[ވަޒީފާ ލިބުނީ ހެއްޔެވެ.] ރައިޙާނުގެ އަތުގައި ހިފާފައި ތާނޫ ސުވާލުކުރިއެވެ.

[އަމިއްލަ މަސައްކަތެވެ. ކޮން ވަޒީފާއެއް ހެއްޔެވެ؟] ރައިޙާން ފަޚުރުވެރި ކަމާއެކު މޭ ފުއްޕާލަމުން ބުންޏެވެ.

[ދާނީ ކޮންއިރަކު ހެއްޔެވެ؟]

[މާދަމާވެސް ދާންވީއެވެ.] އަމްޖަދު ބުންޏެވެ.

[މާދަމާ.......؟!] މަންމަ ޙައިރާންވެފައި އަހާލިއެވެ.

[ނޫނެކެވެ. މަންމާއެވެ. މިހެން ބުނިކަމުގައި ވިޔަސް ދޮޅުމަހެއްހާ ދުވަސްވާނެއެވެ. ޕާސްޕޯޓް ނަމްބަރާ ބޭނުންވާނެ އެހެނިހެން މަޢުލޫމާތު މާދަމާ ފޮނުވާގޮތަށް ހަމަޖެހުނީއެވެ. މަންމާއެވެ! ދެން މަންމަގެ ދެ ފިރިހެން ދަރިން ލަންޑަނަށް ހިނގައި ދާނެއެވެ.]

[ދަރިފުޅުމެން ހެޔޮ ޙާލުގައި ލަހައްޓަވާށިއެވެ.] މަންމަ ދުޢާކުރިއެވެ.

[އެކަމަކު މައްމާއެވެ!] ރައިޙާން ހުރީ ސަމާސާކުރުމުގެ މޫޑުގައެވެ.

[ކީކޭ ހެއްޔެވެ؟]

[މަންމަގެ ދަރިންތައް މަންމަގެ ލޯމަތިން ގެއްލެނީއެވެ. ޖަޔާ އެހެރީ އެތައްސަތޭކަ މޭލެއްގެ ދުރަށް ގޮހެވެ. މިހާރު ދާން މިއުޅެނީ ދެފިރިހެން ކުދިންނެވެ.]

ރައިޙާންގެ ސަމާސާ ބަސްކޮޅު ތީރެއް ފަދައިންގޮސް މަންމަގެ ހިތަށް ހެރިއްޖެއެވެ. އޭނާއަށް ހީވީ ޖަޔާ އެތައް ޒަމާނެއް ވަންދެން ލޯމަތިން ގެއްލިފައިވާ ކަމުގައެވެ. އޭނާގެ ލޯތެމިއްޖެއެވެ.

އަމްޖަދު ހެމުން މަންމަގެ ކަރުގައި އެލިގަތެވެ. އަދި ބުންޏެވެ. [މަންމާއެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރުކުރާށެވެ. އަހަރެމެންނަކީ ކޮންބައެއް ހެއްޔެވެ. އަދި މިހާރު ލިބެމުން މިދަނީ ކޮންފަދަ އުފާތަކެއް ހެއްޔެވެ. އެއްޗެއް ހޯދުމަށްޓަކައި އަނެކައްޗެއް ނަގާލަންވެސް ޖެހޭނެއެވެ.]

[މިކަހަލަ ކަންތައްތަކެއް ދިމާވެދާނެ ކަމަކަށް އަހަރެން ހުފެނެއްގައިވެސް ނުދެކެމެވެ.] ފަޔާޒު އަޙްމަދު ބުންޏެވެ.

[ޖަޔާގެ ކާވެނި ކުރެވުނީ ވަރަށް ބަރަކާތްތެރި ކަމާއެކުގައެވެ.] ތާނޫ ބުންޏެވެ. [އަނެއްކޮޅުން މިސިޒް ޖަޢުފަރުގެ އަންހެނުން ޢަތީޤާއަށް އެދެމުން ދަނީއެވެ. އެއީ މަތީފެންވަރުގެ މުއްސަނދި ބައެކެވެ.]

ފަޔާޟް އަޙްމަދުގެ މޫނުމަތިން ވިދުވަރެއް ފެނިގެން ދިޔައެވެ. މިސިޒް ޖަޢުފަރުގެ ނަން އިވުމާއެކު ޢަތީޤާ ދުވެފައި ގޭތެރެއަށް ހިނގައްޖެއެވެ..... މިސިޒް ޖަޢުފަރު ދެފަހަރު މަތިން ޢަތީޤާގެ ކާވެންޏަށް އެދިފައިވެއެވެ. އޭނާ ޢަތީޤާ ވަރަށް ބޭނުމެވެ. އޭނާ މިހާރުހުރީ މިކާވެނި ކުރުވުމަށް ޢަޒުމް ކަނޑައަޅައި ގެންނެވެ.

ރައިޙާނާއި އަމްޖަދު ލަންޑަނަށްދިއުމުގެ ޚަބަރު މުޅިހިސާބުގަނޑަށް ފެތުރިއްޖެއެވެ. ބޮޑުބޭބެއަށް، ފަހަރިއަށްވެސް އިވިއްޖެއެވެ. ނަވީދުގެ ކަންފަތުގައިވެސް މިޚަބަރު ޖެހިއްޖެއެވެ. މިހާރު އޭނާ ދެރަވެއެވެ. މަންމަމެންނާ އެއްބަނޑު މީހުންގެ ބަހަށް ހެއްލިގެން ނާޖިޔާ ދޫކޮށް ނާދިރާއާ ގުޅުވުނީތީއެވެ.

މިއީ ކޮންކަހަލަ ޖަޒުބާތެއް ހެއްޔެވެ. އޭނާ ހިތުތެރޭގައި ޖަޔާގެ ލޯބި އުފެދިފައިވިކަން ދެނެވޮޑިގެންވާނީ ﷲއެވެ. އެކަމަކު އެދުވަސްވެސް ހިނގައްޖެއެވެ.

ޖަޔާގެ ގޭގައި އުފާވެރިކަމުގެ ދައުރެއް ފެށިއްޖެއެވެ.

ދެވަނައަށް ވީދުވަހު ރައިޙާނާއި އަމްޖަދު ހެނދުނު ހެނދުނާ ޕާސްޕޯޓް ހިފައިގެން ނުކުމެއްޖެއެވެ. މިސްޓަރ ރޮކް ދީފައިވާ ތަފްޞީލާ އެއްގޮތަށް ޢަމަލުކުރުމަށެވެ.

ޖެހިގެން އައިދުވަހު ޖަޔާގެ ސިޓީއެއް ލިބިއްޖެއެވެ.

މަންމައާ ބައްޕައަށް އަދި ތާނޫއަށް ވަކިވަކިން ސިޓީ ލިޔެފައިވެއެވެ. އެކަމަކު މިދުވަސްކޮޅު އޭނާ ދުވަސްތައް ކަޑައްތު ކުރަމުންގެންދާ ގޮތުގެ އެއްވެސް ވާހަކައެއް ސިޓީއަކު ނެތެވެ. އޭނާ ފުރިދުވަހުން ފެށިގެން މިއަދާ ހަމައަށް ކަންތައްތައް ހިނގިގޮތުގެ ވާހަކަ ލިޔެފައިވާއިރު ހީވަނީ ކުލަގަދަ އަފްސާނާއެއް ހެންނެވެ.

މަންމަ ދެފަހަރު ސިޓީކިޔެވެ. އެއްފަހަރު ތާނޫ ލައްވާ ކިއުއްވިއެވެ. އަދި ފަޔާޟް އަޙްމަދަށް އަޑުއިވޭ ވަރަށް އެއްފަހަރު ކިޔެވެ.

އޭނާ ހެޔޮހިތުން ކަލާނގެ ރަސްކަންފުޅަށް ޝުކުރުކުރަމުން ބުންޏެވެ. [މިއަދު އަހަރެންގެ ހިތްހަމަ ޖެހިއްޖެއެވެ.]

ޖަޔާ ސިޓީ ލިޔެފައިއޮތީ ވަރަށް މަޖާ ޢިބާރާތް ތަކަކުންނެވެ. އެއީ އޭނާގެ ބުއްދިވެރިކަމެވެ. ސިޓީގައި އެއްވެސް ކަހަލަ ހިތާމަވެރި ވާހަކައެއް ލިޔެފިއްޔާ ގޭގެ ހުރިހާ މީހުންގެ އުފާތަކަށް ކިލަނބުކަން އަންނާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ.

****************************

 

ނާޖިޔާ ޖަލާލީގެ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ޖަލާލީގެ ފައި ބިމުގައި ހަރުލާފައިވާ ކަހަލައެވެ. އޭނާއަށް ޖަޔާގެ ވާހަކަ އަޑުއިވި ވިސްނުނީ ކަންނޭގެއެވެ.

އެކަމަކު އަޑެއްއިވި އެއީ ކޮންއަޑެއްކަން އެނގުމަކުން ވާނެއެއްކަމެއްވެސް ނޯންނާނެއެވެ. އެއަޑާމެދު ޔަޤީންކަން ހޯދުމަކީ އެންމެބޮޑު މަރްޙަލާއެވެ.

އަދިވެސް އޭނާ އެގޮތަށް ގާވެފައި ހުރީއެވެ. ހިރިވެސް ނުލައެވެ. ހުރިތަނުން ގުޑިލައިފިއްޔާ ޖަޔާގެ ޖުމްލަތައް ގެއްލިދާނެކަމުގެ ބިރު ހީވެފައި ހުރިކަހަލައެވެ. ބައެއް ފަހަރު އެއީ ހުވަފެނެއް ކަމުގައިވެސް އޭނާ ހީކުރެއެވެ.

ޖަޔާހުރީ ރުޅިއައިސް ރަތްވެފައެވެ.

އެކަން ފާޅުކުރުމަށްޓަކައި އޭނާ ބޭނުންކުރި ހަތިޔާރަކީ ހަމައެކަނި ކަރުނައެވެ.

އޭނާ ވަރަށް އުނދަގުލުން ލިވިންގރޫމާ ހަމައަށް ހިނގައްޖެއެވެ. ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރިގަތެވެ. އަދި ސޯފާގައި އިށީނުމާއެކު އަތު މުލައްދަނޑީގައި ބޯޖައްސާލައިގެން ރޯން ފަށައިފިއެވެ.

ރޮމުންވެސް އޭނާ ޖަލާލީ އަތުވެދާނެ ކަމުގައި ހީކުރިއެވެ. އޭނާ ހީކުރިގޮތުގައި ޖަލާލީ އުފަލުން ފޮޅެމުން އޭނާގެ ފަހަތުން އަންނާނެއެވެ. އޭނާގެ ވާހަކަ ޔަޤީން ކުރުމަށްޓަކައި ފަށްފަށްކޮށް ސުވާލުކުރާނެއެވެ.

އެކަމަކު އެހެނެއްވެސް ނުވިއެވެ.

(ނުނިމޭ...)

 
މި ލިޔުން؛
 
    ފޮނުވުން:     އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)

    އަލުންބެލުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު

    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)


www.fanvai.info