އަދުގެ ޚާއްސަ

Print

ދިވެހި ރުކާ ބެހޭ ބައެއް ޙަޤީޤަތްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތިމާވެށި


ޢަބްދުލްމުޢީދު ޙަސަން

1. ގާތްގަނޑަކަށް، ރުކުގެ 1500 ނައުޢު ވެއެވެ. ދިވެހި ރުކަކީ، އޭގެ ތެރެއިން އެއް ވައްތަރެވެ.

2. ދިވެހި ރުކުގެ ބިދޭސި ނަން އައިސްފައިވަނީ، ފުރެތިކާލު (ޕޯޗުގަލް) (1) ބަހުންނެވެ. އެ ބަހުން، Coco ކިޔަނީ ރާމާމަކުނަށެވެ. މި ނަމުން ދިވެހި ރުކަށް ނަން ކިއިފައިވަނީ، ކާށި، ރާމާމަކުނުގެ މޫނާ ވައްތަރު ކަމުންނެވެ.

3. ތުރުކީވިލާތުގައި ކާށްޓަށް ކިޔަނީ، "ނާރުޖީލު" އެވެ. އީރާނުގައި ކިޔަނީ، "ބާރިންޖު" އެވެ. އިބުނު ސީނާ، އެއަށް ދެއްވާފައިވާ ނަމަކީ، "ޖައުޒުލްހިންދު" އެވެ.

4. ދިވެހި ރުކެއްގެ އުސްމިނުގައި 25 މީޓަރު ހުންނަ ވަރަށް ހެދި ބޮޑުވެދާނެ ކަމަށް ބުނެވެއެވެ. އަދި އޭގެ ފަނެއްގެ ދިގުމިން 5 މީޓަރަށް، ފުޅާމިން ދޮޅު މީޓަރަށް ވާސިލުވެދާނެއެވެ.

5. ދިވެހި ރުކަށް ކިޔާ ޢިލްމީ ނަމަކީ، Cocos nucifera އެވެ.

6. އިނގިރޭސި ބަހުން ކާށްޓަށް ކިޔަނީ Coconut އެވެ.

7. ދިވެހި ރުކުގެ އަސްލު ވަޒަން ކަމުގައި ބެލެވެނީ، އިންޑޮނީޝިއާ އާއި ޝްރީލަންކާ އާއި މެލޭޝިޔާ އާއި މުސިންބީ އާއި މެކްސިކޯ އެވެ.

8. ދުނިޔޭގައިވާ، ކާށި އުފައްދާ މަޝްހޫރު ޤައުމުތަކަކީ: ފިލިޕީންސް، އިންޑިއާ، ބްރެޒިލް، ޝްރީލަންކާ، ތައިލޭންޑް، މެކްސިކޯ، ވިއެޓްނާމް، މެލޭޝިއާ އަދި ނިއުގީނިއާ އެވެ.

9. އިހުޒަމާނުގެ ބޭސްވެރިކަމުގައި، ކާށި ބޭނުންކޮށްފައިވެއެވެ. އަދި މިޒަމާނުގެ ޑަކުޓަރީ ބޭސްވެރިކަމުގައި ބޭނުންކުރެވޭ ބައެއް ބޭސް ހެދުމުގައި ކާށި ބޭނުންކުރެވެއެވެ.

10. ކާށްޓަކީ، ކިޑްނީގެ ބަލިތަކަށް ފަރުވާއެކެވެ. ކުރުނބާ ފެނަކީ، ކިޑްނީއާއި ކުޑަކަމުދާ ނިޒާމު ދޮވެދޭ އެއްޗެކެވެ.

11. ކާށިން އުފައްދާ އެންމެ މުހިންމު އެއްޗަކީ، ތެލެވެ.

12. ކާށި ތެޔޮ ހަދާގޮތް: ކާށީގެ ކިރު ފެލާފައި 24 ގަޑިއިރު ވަންދެން ތެއްޔެއް ފަދަ އެއްޗަކަށް އަޅާފައި ބަހައްޓައެވެ. އޭގައި މަތި ޖަހަން ވާނެއެވެ. އެ މުއްދަތު 36 ގަޑިއިރަށް އިތުރު ކުރަން ޖެހިދާނެއެވެ. އެ މުއްދަތު ފާއިތުވާއިރު، ކިރުން ތެޔޮ ވާނީ އަމިއްލައަށް ވަކިވެފައެވެ. މިނޫން ގޮތްގޮތަށް ވެސް ކާށިން ތެޔޮ އުފައްދައެވެ.

13. ކާށިތެލަކީ، ސާފު އެއްޗެކެވެ. އެއީ ރަހަމީރު، ވަސްމީރު އެއްޗެކެވެ.

14. ކާށިތެލުގެ ޢާއްމު ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގެ ހަން ހިކުނަ ނުދީ ތެތްކޮށް ބެހެއްޓުމާއި އިސްތަށިގަނޑުގެ ސިއްޙަތާއި ރީތިކަން އިތުރުކޮށްދިނުމާއި ބޮލުން ހަންފޮޅުން މަނާކުރުން ހިމެނެއެވެ.

15. ކާށިތެލުގެ އިތުރު ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމާއި، ގޮހޮރުގެ ބައެއް ޖަރާސީމުތައް ނައްތާލުމާއި ހަޖަމްކުރުމުގެ ނިޒާމުގެ މައްސަލަތައް ހަމަޖައްސާ ދިނުމާއި ހަށިގަނޑުގެ ހަކަތަ އާކޮށްދިނުން ހިމެނެއެވެ.

16. މިޒަމާނުގައި އޭޑްސް އަށާއި ކެންސަރަށް ފަރުވާދިނުމުގައި ކާށި ތެލުން ނެރެވޭ މާއްދާތައް ބޭނުންކުރެވެއެވެ.

17. ހަށިގަނޑުގެ ހަމާއި އިސްތަށިގަނޑުގައި ބޭނުންކުރާ ކްރީމް ފަދަ ތަކެއްޗާއި ޠަބީޢީ ސައިބޯނި އުފެއްދުމަށް ކާށި ތެޔޮ ބޭނުންކުރެވެއެވެ.

18. ކާށިތެލަކީ، ކެއްކުމުގައި ބޭނުން ކުރަން ރަނގަޅު، ޞިއްޙަތަށް ފައިދާހުރި އެއްޗެކެވެ. ތަރުކާރީން އުފައްދާ ތެލުގައި ނުހުންނަ، ޚާއްޞަ ސިފަތަކެއް ކާށިތެލުގައި ވެއެވެ.

19. ކާށިތެލަކީ، ދިގު މުއްދަތަކަށް ރައްކާކޮށްފައި ބެހެއްޓިދާނެ އެއްޗެކެވެ.

20. ކާށި ތެލަކީ، މަސާޖުކުރުމުގައި ބޭނުންކުރެވޭ އަދި އެކަމަށް ވަރަށް ކަމުދާ އެއްޗެކެވެ. އެއިން ޞިއްޙަތަށް ލިބޭ ގެއްލުމެއް ނެތެވެ.

21. ޢަރަބި ޤައުމުތަކުގެ ތެރެއިން ޢުމާންގެ ދެކުނުގައި ދިވެހި ރުއް ހެދެއެވެ. އެ ޤައުމުގައި ދިވެހި ރުކަށް ކިޔަނީ، "ޖައުޒުލްހިންދު" އެވެ.

22. ކާށި ކެއުމުން ލިބޭ ފައިދާތަކުގެ ތެރޭގައި، ކަރުތެރޭން ދަވަ ފިލުވުމާއި، ހިތާއި މައިބަދައިގެ ތަދަށް ފަރުވާ ދިނުމުގައި އެހީތެރިވެދިނުމާއި، ދަރިމައިވުމުގެ ބާރު ވަރުގަދަކޮށްދިނުމާއި، ސިކުނޑީގައި ލޭ ހިނގުން ހީވާގިކޮށްދިނުމާއި، މޭގެ ވަޒީފާ ހީވާގިކޮށްދިނުމާއި، މިޒާޖު ރަނގަޅުކޮށް ދިނުމާއި، ގުރުދާއާއި ކުޑަކަމު ދިއުމުގެ ނިޒާމުގެ މަސައްކަތް ފުރިހަމަކޮށްދިނުމާއި، ފުރަގަސް ފަރާތުގެ ބޭރާއި އެތެރޭގެ ބަލިކަމަށް ފަރުވާދިނުމާއި، ބަރުދަން ލުއިކޮށްދިނުމާއި އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތަށި ފެޅުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

23. ކާށްޓަކީ، ގަސްގަހާގެހީގެ އޮށްތަކުގެ ތެރެއިން އެންމެ ބޮޑު އޮށެވެ. ކާށްޓެއްގެ ބަރުދަނުގައި 18 ކިލޯގްރާމް ހުރެދާނެ ކަމަށް ބުނެވެއެވެ.

24. ތިމާވެށީގައިވާ ބައެއް ދަތި ކަންތައްތައް ތަޙައްމުލު ކުރުމުގެ ކުޅަދާނަކަން ދިވެހި ރުކަށް ލިބިފައިވެއެވެ. ފިނިހޫނުމިން 40 ޑިގްރީސަލްސިއަސް އަށް ދާންދެން ދިވެހި ރުއް ތަޙައްމުލުކުރެއެވެ. އަދި ބާރު ވަޔާއި ވެލީގައި ހުންނަ ލޮނުކަމަށް ވެސް، ދިވެހި ރުއް ވަނީ ހޭނިފައެވެ. ދިވެހި ރުއް ހެދެނީ ވައިގެ ތެތްކަން މަތި ތަންތަނުގައެވެ.

25. ޢުމްރާނީ ވެށި ފަރުމާކޮށް، ލޭންޑްސްކޭޕް ހެދުމުގައި، ބޭނުންކުރުމަށް ދިވެހި ރުކަކީ، ވަރަށް ރަނގަޅު އުންސުރެކެވެ.

26. ނާށިން ގަހަނާއާއި ޒީނަތްތެރިކަމުގެ ސާމާނު ހަދައެވެ.

27. ކާށިން، ކޭކާއި ބިސްކޯދާއި މެޓާ ހަދައެވެ.

28. ކުރުބާ ފެނަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާތަކެއް އޭގައި އެކުލެވިފައި ވެއެވެ. އޭގައި ފެޓް ހުންނަ މިންވަރު ވަރަށް ކުޑައެވެ. އަދި އޭގައި ކޮލިސްޓްރޯލް ނުހިމެނެއެވެ.

29. މައިމީހާ ގާތުންދޭ ކިރުގައި އެކުލެވޭ މާއްދާއެއް ކަމުގައިވާ ލައުރިކް އެސިޑް، ކުރުނބާ ފެނުގައި ހުރެއެވެ. އެ އެސިޑަކީ، ފަންގަސް އާއި ބެކްޓީރިއާ އާއި ވައިރަސް ފަދަ ޖަރާސީމުތަކުން ހަށިގަނޑު ސަލާމަތްކޮށްދޭ އެއްޗެކެވެ.

30. ދިވެހި ރުކުގެ ފަނުގައިވާ ފަންވަތަކީ، އިހުޒަމާނުގައި ސިޓީ ބަދަލު ކުރުމަށް ބޭނުންކުރި ވަސީލަތެކެވެ. އަދި ކަނޑު ހުރަސްކޮށް ދުރު ހިސާބުތަކަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމަށްޓަކައި ކާށި ބޭނުންކުރެވުނެވެ. ކާށްޓެއްގައި ސިޓީއެއް ލިޔެފައި، އެ ދާންޖެހޭ ތަނަކަށް ފޮނުވުމަށްޓަކައި މާކަނޑަށް އެ ދޫކޮށްލަނީ އޮޔާ ޙަވާލުކޮށްފައެވެ. އެއް ނަޒަރަކުން ބަލާއިރު، އެއީ، މިޒަމާނުގައި ފަޒާގެ ތެރެއަށް ރޮކެޓެއް އުދުއްސާލުން ކަހަލަ ކަމެއް ކަމަށް މިސާލު ޖެހިދާނެއެވެ.


(1) ދިވެހި ބަސްފޮތުގައި، "ފުރެތިކާލު" މިބަސް ނެތެވެ. އެހެންވެ، މިބަސް މިތާ ބޭނުންކުރީއެވެ. ފުށެތިކާލު ބޭނުންކުރާ މާނައިގައި ފުރެތިކާލު ބޭނުންކުރެވިދާނެ ކަމަށް ދެކެމެވެ.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ