އަދުގެ ޚާއްސަ

Print

ޑިމޮކްރަސީގެ ސަބަބުން ދިވެހިންނަށް ލިބެނީ ފައިދާ ހެއްޔެވެ؟

ޝާޢިއުކުރީ އާމިނަތު އަފީފާ . ހިމެނޭބަޔަކީ އިޖުތިމާޢީ

އާމިނަތު އަފީފާ

ދޮންވާ ކްރީމް ފުޅިއެއް ގަންނަން ފިހާރަޔަކަށް ދިޔަ އަންހެންކުއްޖެކެވެ. އެތާގައި ހުރި އެބާވަތުގެ ކްރީމް ގިނަކަމުން ގަންނާނެ ވައްތަރެއް އިޚްތިޔާރުކުރުމަށް އެތައް ވަގުތެއް ނެގިއެވެ. އެންމެފަހުން އޭނާ ނީންމީ "ސައިޑް އިފެކްޓްސް"  އެންމެ މަދު ބާވަތެއް ގަތުމަށެވެ. އަދި ނަތީޖާއަށް ބަލައި ބަދަލުކުރަންޖެހިއްޖެނަމަ ބަދަލުކުރުމަށެވެ. ދާދި މިދާކަށްދުވަހު ދިވެހިންވެސް ވަނީ މިފަދަ " ފިހާރައަކަށް " ވަދެފައެވެ. ވެރިކަންކުރާ އެތައް ނިޒާމެއް އޮތްއިރު އެންމެ ރަނގަޅު ނިޒާމެއް ހޮވުމަށްޓަކައެވެ. ސުވާލަކީ މިނިޒާމު ހޮވިއިރު، ކްރީމްފުޅި ގަތް އަންހެން ކުއްޖާފަދައިން އަޅުގަނޑުމެން " ސައިޑް އިފެކްޓްސް ތަކަށް " ވިސްނިބާވައެވެ.

ލިބޭ ނަތީޖާއަކަށް ބަލައި ބަދަލުކުރުމުގެ ޚިޔާލެއް ގެންގުޅުނު ބާވައެވެ. ކޮންމެ ގޮތަކަށް މިކަން އޮތްކަމުގައިވިޔަސް، ޑިމޮކްރަސީ، ދިވެހިންނަށް ހޯދައިދިނީ ގެއްލުންތޯ؟ ނުވަތަ ފައިދާތޯ؟ މިއީ މިއަދު އުފައްދަން ޖެހިފައިވާ ސުވާލެކެވެ.
ރިޔާސީ އިންތިޚާބެއްގެ ފެންނަ ނުފެންނަ ވޯޓެއް ބޯމަތިވެގެން އައިއިރު، މަގު މެދުގައި ދަމާފައިވާ ފޮތިގަނޑެއްގައި އޭރު ހުންނެވި ރައީސްގެ ފޮޓޯއެއް ޖަހާފައި އޭގެ އެއްފަރާތުގައި " އައި ނީޑް ޓް ބިލްޑް ޓް ޔޫ އަ ބެޓަރ ޑިމޮކްރަސީ " މިހެން ލިޔެފައިވާތީ ދުށީމެވެ. ޢުމުރުން ހަގުކަމާއެކު ޑިމޮކްރަސީގެ މާނަ ނޭނގޭތީ އެނގޭނެހެން ހީވާ ހަރު މީހަކު ގާތުގައި ޑިމޮކްރަސީގެ މާނަ އަހާލީމެވެ. ޖަވާބުގައި އޭނާ ބުނީ އެއީ " އޭރު ހުންނެވި ރައީސްގެ ވެރިކަން" ކަމުގައެވެ. ނަމަވެސް އެއީ ރަނގަޅު ޖަވާބުނޫންކަން ޔަޤީންވާތީ ދެވަނަ މީހަކާވެސް ހަމަ އެސުވާލު ކޮށްލީމެވެ. ޖަވާބުގައި " ތިޔަކަހަލަ ވާހަކަ ނުދައްކާށޭ ކުށްވެރިވެދާނެޔޭ " އޭނާ ބުނުމުން ލިބުނު ހިތްހަމަޖެހުމަށްވުރެ އުފެދުނު ސުވާލު އަދި މާގިނަވިނަމަވެސް  "ސިޔާސީ ކުށްވެރިޔަކަށް ވެދާނެތީ " އެދުވަހު ހަނުހުރީމެވެ. މިއަދު އެދުވަސް ހަނދާންވުމާއެކު ހިތަށް އަރައެވެ. އަޅުގަނޑުމެން އެދުވަހު ހަނުތިބީ ކުށްވެރި ވެދާނެތީއެވެ. މިއަދު ހިތަށްއެރި ކޮންމެ ވާހަކައެއް ދައްކަނީ ކުށްވެރި ނުވާނެކަން އެނގޭތީއެވެ. "ޒަމާނީ ޑިމޮކްރަސީ " ގެނެސްދިން މިނިވަންކަމާއެކު އަޅުގަނޑުމެންގެ ދޫތައް ވީއްލިފައިވާތީއެވެ. ނަމަވެސް މިކަމުން ލިބެނީ ދިވެހިން އެންމެ އެދޭ ނަތީޖާ ބާވައެވެ.


ޝައްކެއްވެސް ނެތެވެ. މިނިވަން ކަން ހަމަ ކޮންމެ އިންސާނަކުވެސް ބޭނުންވާނެއެވެ. އެއީ އިންސާނާގެ އަސާސީ ޙައްޤެކެވެ. ވުމާއެކު ވެރިކަމެއް ކުރުމަށް އެންމެ ރަނގަޅު ނިޒާމަކަށްވެސް ވާނީ އެ މިނިވަންކަން އެންމެ ފުރިހަމަޔަށް ހޯދައިދޭ ނިޒާމެކެވެ. ޑިމޮކްރަސީ އަކީ މި މަޤުޞަދުގައި ޔޫނާނުން ތަޢާރަފުކުރި ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމު ބަދަލުވަމުން ތަރައްޤީވަމުން އައިސް މިއަދު މިވަނީ " ފައްކާ " ވެފައެވެ. އެހެން ނަމަވެސް މިފައްކާ ނިޒާމު ގަތުމަށް އަޅުގަޑުމެން ދިން އަގަކީ މިޔާ އެންމެ އެކަށީގެންވާ އަގު ބާވައެވެ؟ އެ އަގަކީ ތޯއެވެ؟ އަނެކުންނަށް ކުރާ އިޙުތިރާމެވެ. ލަދުވެތިކަމެވެ. ތިމާއާއި އެއްވަރަށް އަނެކާއަށް ލިބެންޖެހޭ ޙައްޤެވެ. އަނެކާގެ ޢިއްޒަތާ ކަރާމާތެވެ. ކުރުކޮށް ދަންނަވާނަމަ " ރިވެތި އަޚުލާޤު ކަމުގައި ހިމެނޭ ހުރިހާކަމެއް " އަޅުގަނޑުމެން މިތިބީ އޭގެ އަގަކަށް ދީގެންނެވެ. ބަދަލުގައި ލިބުނީކޯއްޗެއްތޯ ވިސްނާލީ ކިތައް މީހުންބާވައެވެ.
މިއަދު ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ މި ޑިމޮކްރަސީ ހޯދައިދިން މިނިވަންކަމާއެކު ޙަރަކާތް ތެރިވާ ދޫތަކެވެ. އަނެކާ ބަދުނާމުކޮށް އަގުވައްޓާ ލުމާއި، ދޮގު ވާހަކަ ދެއްކުމާއި، މުޖުތަމަޢުގައި ބައިބައިވުން އުފެއްދުމާއި ތިމާގެ މޮޅުވާހަކަ ދެއްކުމުގައި އަވަދިނެތި ޙަރަކާތްތެރިވާ ދޫތަކެވެ. ތެދާއި ދޮގު، އަސްލާއި ވަހުމް އޮޅުވާލުމާއިގެން މަޝްޣޫލް ވެފައިވާ ގަލަންތަކެވެ. މާދަމާގެ ދަރިން މިއަދުގެ ތާރީޚު ދިރާސާކުރާއިރު، ހޭޅިއެއް ހާއަޅާތަންކޮޅެއް ނެތް އޮޅުންބޮޅުންބޮޑު ޖަންގައްޔެއްގެ  ތެރެއަށް ވަންނާނެވަރު ތަސައްވަރުކުރެވޭ ސިކުނޑިއެއް މިޤައުމުގައި ވޭބާވައެވެ؟ އެއްކަމެއްގެ ވާހަކަ އެތައް ގޮތަކަށް ލިޔެ ޙަޤީޤަތް އޮޅުވާލާއިރު، އެއީވެސް ޑިމޮކްރަސީ ގެނެސްދިން މިނިވަންކަމާއެކު ހެލިފެލިވާ ގަލަންތަކެކޯލައެވެ. މިކަންކަމާމެދު ވިސްނާލުމުން ފެންނަނީ ޤައުމުގެ ތާރީޚަށްވެސް މި "ޑިމޮކްރަސީ"، ޚިޔާނާތްތެރިވަމުންދާތަނެވެ.


ޒަމާނީ ޑިމޮކްރަސީ މިޤައުމަށް ފުންމާލީ ދާދި މިދާކަށް ދުވަހުއެވެ. އަދި މިއުޅެނީ " ފައިން ލޮނުވެސް ނުހިކި" އެވެ. އެކަމަކު ތިންލައްކައެއްހާ މީހުންއުޅޭ މިޤައުމުގައި މިހާރު 15 ސިޔާސީ ޕާޓީ އެބައޮތެވެ. ކޮންމެ ޕާޓީއަކުންވެސް މަސައްކަތްކުރަނީ ތިމާމެން މަތިފަޑިޔަށް އަރައި ދެންތިބިމީހުން ގަންބާލައި " ކަރުބުޑުގައި ހިތިރަހަ ލައްވާލެވޭތޯ" އެވެ. މިއާ ގުޅިގެން މިހާރު ފެތުރިގެން ގޮސްފައިވާ ބިރުވެރި އަނެއް ޚަބަރަކީ މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު އޮގަސްޓް މަހު ޝާއިއުކުރި  ރިޕޯޓެއްގައި، ސިޔާސީ ޕާޓީ ތަކުން އެ ޕާޓީތަކުގެ މަޤްޞަދު ޙާޞިލްކުރުމަށް ގޭންގުތަކުގެ ބޭނުން ހިފާ ކަމުގެ ޚަބަރެވެ. މިއީ ރާއްޖޭގައި ކުރެވުނު މިބާވަތުގެ ފުރަތަމަ ދިރާސާއެވެ. މިދިރާސާގެ ނަތީޖާ މިދެއްކީ އިންތިހާއަށް ބިރުވެރި ގޮތަކަށެވެ. ކުށްކުރުން ހުއްޓުވުމަށް އެންމެ އިސްރޯލެއް އަދާކުރަންތިބި މީހުން، ފައިސާ ދީގެން ކުށް ކުރުވާ ކަމުގައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތް ނޫންތޯއެވެ. "ޑިމޮކްރަސީގެ ހުތުރުކަމުގެ " ހައްދެއްވެސް ނެތީއެވެ.


ޝައްކެއްވެސް ނެތެވެ. ޑިމޮކްރަސީ އަކީ ވެރިކަން ކުރުމަށް އޮތް އެންމެ ފުރިހަމަ ނިޒާމު ކަމުގައި ވަކާލާތުކުރާނޭ މީހުން ވަރަށްވެސް ގިނަވާނެއެވެ. " ދުނިޔެ ވަރުގެ" ބޮޑެތި ޖަމުޢިއްޔާ ޖަމާޢަތްތަކެވެ. ބޮޑެތި ޤައުމުތަކާއި ކުދި ޤައުމުތަކެވެ. ފިލޯސަފަރުންނާއި ސިޔާސީ މުފައްކިރުންނެވެ. އެހެންކަމުން މި ނިޒާމަކީ ގޯސް ނިޒާމެކޭ ދަންނަވާކަށް ނެތީމެވެ. އެހެންނަމަވެސް މިނިޒާމުގެ ސަބަބުން ދިވެހިންނަށް ލިބުނު ފައިދާއާއި ގެއްލުން އަޅާބަލައިފިނަމަ ބުރަވާނީ ގެއްލުމުގެ ކޮޅަށް ކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ ޑިމޮކްރަސީގެ ބޭނުން ނަހަމަގޮތުގައި ހިފާތީއެވެ. އަނެކުންނަށް ކަމޭހިތުމާއި އޯގާތެރިވުން ކަފުންކުރީތީ އެވެ. ބަހުންނާއި ޢަމަލުން އަނެކުންގެ ޙައްޤުތަކަށް އަރައިގަންނާތީ އެވެ. މާދިއްޔަތަށް " އަޅުކަން ކުރަން " މަޖުބޫރު ކުރުވާތީއެވެ. ދޮގު ޚަބަރު ފެތުރުމާއި ދޮގު ވާހަކަ ދެއްކުމުގައި އިންތިހާ ދަރަޖައިގެ " ތަރައްޤީ " ހޯދާފައި ވާތީއެވެ. ބޮޑެތި ކުށްކުރުމަށް ހިތްވަރުދީ އެހީތެރިވާތީއެވެ.


އަޅުގަނޑުގެ ރަށުގައި އުޅުނު ބުއްދިވެރިއަކު ބުނެއެވެ. ދިވެހިންނަށް މީހެއްގެ ނަން އިވޭއިރަށް އޮންނާނީ ގެނެސް އެތެރެގެޔަށް ވައްދައި މައި އެނދުގައި ނިންދަވާފައެވެ. އެއީ ކާކުކަން އެނގޭނީވެސް އަދި އޭގެފަހުންނެވެ. އެހައިރުންދެން އެވީ ހެދުނު ގޯހާމެދު ހިތާމަކުރާށެވެ. ނުވަތަ އޭނާ ދަސްކުރުމުގެ މަސައްކަތް ފަށާށެވެ. އޭރު އޮންނާނީ މާބޮޑަށްވެސް ލަސްވެފައެވެ. ދިވެހިންގެ އުޞޫލަކީ ހެދޭގޯހާމެދު ހިތާމަކުރުމެވެ. ގޯހެއް ހެދިދާނެކަމަށް ވިސްނައި ދުރާލާ ފިޔަޅު އެޅުމަކީ ދިވެހިންނަށް "މަނާ " ކަމެކެވެ. ތެދެކެވެ. ޑިމޮކްރަސީ އަކީ ކޮންއެއްޗެއްކަން އެނގޭ މީހުންނަށްވުރެ ނޭނގޭ މީހުން މިޤައުމުގައި އަދިވެސް މާގިނަވާނެއެވެ. އެހެން ނޫންނަމަ އެންމެ ފުރަތަމަ "ޕާޓީ" އެކޭ ނުބުނީހެވެ. " މަގޭ ޕާޓީން ހިކަންޖެއް ކުރިމަތިލިޔަސް މަ ހޮވާނީ އޭނާ"އެކޭ ނުބުނީހެވެ. އެނގޭނީ ސާވޭއެއް ކޮށްލީމައި ތާއެވެ. ސާވޭ ނުރިޔަސް ކަށަވަރުވާ އެއްކަމެއް ވެއެވެ. ޑިމޮކްރަސީގެ ސަބަބުން ދިވެހިންނަށް ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުކަމެވެ.

ނިމުނީ

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ