އަދުގެ ޚާއްސަ

Print

ދެންނެވުން، ވިދާޅުވުން

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ މާދަރީބަސް


މުޙަންމަދު ޝާހިދު ޙަލީމު

"މި ޕްރޮގްރާމު ބައްލަވާ/އަޑުއައްސަވާ ބޭފުޅުންނަށް (މަނިކުފާނު) ދަންނަވާނީ ކީކޭތޯ؟" މިއީ ބައެއް ޓީވީ / ރެޑިއޯ ޕްރޮގްރާމުތަކުގައި ޕްރޮގްރާމުގެ ހުށަހެޅުންތެރިޔާ އެކި ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ކުރައްވާތީ ބައެއް ފަހަރަށް އަޑުއިވޭ ސުވާލެކެވެ. މި ސުވާލު ބައެއް ބޭފުޅުން މި ގޮތަށް ކުރައްވާ އިރު، އަނެއްބައި ބޭފުޅުން ހަމަ މި ސުވާލު ކުރައްވަނީ އެހެން ގޮތަކަށެވެ. "މި ޕްރޮގްރާމު ބައްލަވާ/އަޑުއައްސަވާ  ބޭފުޅުންނަށް (މަނިކުފާނު) ވިދާޅުވާނީ ކީކޭތޯ؟" މިހެންނެވެ.

ދެންނެވުމާއި ވިދާޅުވުމަކީ އެންމެ މާތް ބަހުން ވާހަކަދެއްކުމުގައި ބޭނުންކުރާ ދެ ލަފުޒެވެ. އެންމެ މާތް ބަހުން ވާހަކަދެއްކުމުގައި މި ދެ ލަފުޒާއި، މި ދެ ލަފުޒުން އުފެދޭ އެހެން ލަފުޒުތައް ބޭނުންކުރަނީ އާދައިގެ ބަހުން ވާހަކަދެއްކުމުގައި ބުނުމާއި، ކިއުމާއި، ގޮވުމާއި، މި ތިން ލަފުޒުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ. އަދި މާތް ބަހުން ވާހަކަދެއްކުމުގައި ބުނުއްވުމާއި، ކިއުއްވުމާއި، ގޮވައިލެއްވުމާއި، ނަންގަތުމާއި، މި ހަތަރު ލަފުޒުން އުފެދޭ ލަފުޒުތައް ބޭނުންކުރާ ތަންތާނގައެވެ.

އެންމެންނާ ވެސް އެންމެ މާތް ބަހުން ވާހަކަދައްކާ އިރު، މި ދެ ލަފުޒުގެ ތެރެއިން،
1- ދެންނެވުން ބޭނުންކުރާނީ، ކަންކުރާ (ބުނާމީހާ، ނުވަތަ ކިއާމީހާ، ނުވަތަ ގޮވާމީހާ) އަކީ ފުރަތަމަމީހާ (އަހަރެން) ކަމަށް ވެފައި އޭނާ އެ ކުރި ކަން (އެ ބުނުން، ނުވަތަ އެ ކިއުން، ނުވަތަ އެ ގޮވުން) ދެވަނަމީހާ (ކަލޭ) ނުވަތަ ތިންވަނަމީހާ (އޭނާ / މީނާ) އަށް ރައްދުވާ ނަމައެވެ.
2- ވިދާޅުވުން ބޭނުންކުރާނީ، ކަންކުރާ (ބުނާމީހާ، ނުވަތަ ކިއާމީހާ، ނުވަތަ ގޮވާމީހާ) އަކީ ދެވަނަމީހާ (ކަލޭ) ނުވަތަ ތިންވަނަމީހާ (އޭނާ / މީނާ) ކަމަށް ވާ ނަމައެވެ.


މިސާލު:

އަޙްމަދު:    (ހާޝިމަށް) ތިޔަ ވާހަކަ ހާޝިމު، ރަޝީދު އަރިހުގައި ވިދާޅުވޭ!
ހާޝިމު:    އަޅުގަނޑު މިހާރު ރަޝީދަށް ދަންނަވައިފިން.
އަޙްމަދު:    މިރޭގެ ބައްދަލުވުމަށް ޙަމީދަށް ވިދާޅުވައްޗޭ!
ހާޝިމު:    އަޅުގަނޑު އޮންނާނީ ޙަމީދަށް ދަންނަވައިފައި.
އަޙްމަދު:    ހާޝިމު ވަޑައިގަންނަވަމުން، ޢަލީއަށް ވިދާޅުވެ ދެއްވައްޗޭ!
ހާޝިމު:    އާދެ! އަޅުގަނޑު ދަމުން ދަންނަވައިލާނަން.

މި ހަމަ، ވަރަށް ކުރުކޮށް ދަންނަވާ ނަމަ، "ދެންނެވުން" މި ލަފުޒާއި މި ލަފުޒުން އުފެދޭ ލަފުޒުތައް ބޭނުންކުރާނީ، ތިމާ ދައްކާ ވާހަކައިގައި، ތިމާ ބުނާ / ކިޔާ / ގޮވާ ވާހަކަ ބަޔާންކުރާށެވެ. "ވިދާޅުވުން" މި ލަފުޒާއި މި ލަފުޒުން އުފެދޭ ލަފުޒުތައް ބޭނުންކުރާނީ، ތިމާ ދައްކާ ވާހަކައިގައި، ތިމާ ނޫން މީހުން ބުނާ / ކިޔާ / ގޮވާ ވާހަކަ ބަޔާންކުރާށެވެ.

(މި މައުޟޫޢުގައި ތަންކޮޅެއް ދިގުކޮށް (އިތުރު މިސާލާއި، އިތުރު ތަފުސީލާއެކު) ލިޔެފައިވާ ލިޔުމެއް ބައްލަވާލައްވަން ބޭނުންފުޅުނަމަ މިތަނަށް ކްލިކްކޮށްލައްވާށެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ