އަދުގެ ޚާއްސަ

Print

ފިރިހެނުންދެކެ ރުޅިއަންނަ ސަބަބު..

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ ވާހަކަ

އަޙްމަދު ޝަކީލް ބ. ދަރަވަންދޫ

މިސްރުގައި އުޅުއްވި ރަސްކަލެކެވެ. ޢުމުރުފުޅުން ދެބައި ޢުމުރަށް ދިޔައިރުވެސް އެއްވެސް ދަރިކަލެއް އަދި ދަރިކަނބަލެއްވެސް ލިބިވަޑައެއް ނުގަންނަވަ އެވެ. މިގޮތުގައި ދުވަސްތައް ހޭދަވަމުން ދިޔައެވެ. އެއްދުވަހެއްގެ ހަވީރެވެ. ރަސްގެފާނުގެ އަނބިކަނބަލުން ބަގީޗާއަށް ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް ވައިރޯޅިއަކާ އެކު އައިސް ކޮންމެވެސް އެއްޗެއް ނޭފަތުގެ ހިނދުރީގެ ތެރެއަށް ވަދެގެން ދިޔައެވެ. ނަމަވެސް އެކަމުން އެއްވެސް އުނދަގޫފުޅެއް  ލިބިވަޑައިނުގަންނަވާތީ މާ ބޮޑުކަމަކަށް ނުހައްދަވައެވެ.



އޭގެ މަހެއްހާ ދުވަސް ފަހުން ގަނޑުވަރުތެރޭން އިވެމުން ދިޔަ ޚަބަރަކީ ރަސްގެފާނުގެ އަނބިކަނބަލުން އާލާސްވެއިންނެވި ވާހަކައެވެ. މިކަމުގައި ރަސްގެފާނެކޭ އެއްފަދައިން ގަނޑުވަރުތެރޭގެ ހުރިހާއެންމެން ވެސް ދިޔައީ އުފާ ކުރަމުންނެވެ.

ރަސްގެފާނަށް އަންހެން ބޭފުޅަކު ލިބިވަޑައިގަތުމާގުޅިގެން ރަސްގެފާނާއި ގަނޑުވަރުތެރޭގެ އެންމެންގެ އިތުރުން އެ ސަހަރުގެ މުޅި ރައްޔިތުން ދިޔައީ އުފާކުރަމުންނެވެ. ޒުވާންނާއި މުސްކުޅިންނެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނެވެ.

ރަސްގެފާނުގެ ދަރިކަނބަލުން ފުރާ ފުރިހަމަ ވަމުން އައިއިރު ސަހަރުގެ ހުރިހާ ޒުވާނުންގެ ހިތްތަކަށް ވެރިވަމުން ދިޔައީ އުފާވެރިކަމާއި އުންމީދު ތަކެއް ނޫނެވެ. ބިރުވެރިކަމާއި ނުތަނަވަސް ކަމެވެ. އެއީ އެކަމަނާގެ އަރިހުގައި ކައިވެނިފުޅުގެ ވާހަކަދައްކާ ކޮންމެ މީހަކުވެސް ކުރައްވަނީ ގަތުލެވެ. އެކަމަނާ ވިދާޅުވަނީ ފިރިހެނުންގެ ވާހަކަ ތިމަން ކަމަނާގެއަރިހުގައި ނުދައްކާށެވެ. ތިމަން ކަމަނާ އެންމެ ކޯފާވަނީ ފިރިހެނުންދެކެއެވެ.

މިކަމަނާގެ ކައިވެނިފުޅަށް އެދިވަޑައިގެން އެކިއެކި ސަހަރުގެ ރަސްރަސްކަލުންގެ ދަރިދަރިކަލުންވެސް ވަޑައިގަތެވެ. ނަމަވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވަނީ ނާކާމިޔާބާއެވެ.  އެކަމަނާގެ އަރިސް ބާނދީއަކަށްވެސް އަދި ގާތް ބޭފުޅަކަށްވެސް ފިރިހެނެއްގެ ވާހަކަ ދަންނަވާކަށެއް ނުކެރެއެވެ.

މިކަމަނާގެ ޚަބަރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔައީ ވައިރޯޅިއެއް ފަދައިންނެވެ. އިސާހިތަކު ރޫމު ރަސްގެފާނުގެ ދަރިކަލުންގެ ކަންފަތްޕުޅަށްވެސް މިޚަބަރު އިވިވަޑައިގެންފިއެވެ. މި މަނިކުފާނުގެހިތްޕުޅުގައިވެސް އެ ކަމަނާގެ މައްޗަށް ޝައުގު ވެރިކަން އުފެދި މިސްރަށް ވަޑައިގަތުމަށް ދަތުރު ތައްޔާރުކޮށްދެއްވުމަށް ބައްޕާފުޅުގެ އަރިހުގައި އެދިވަޑައިގެންނެވިހިނދު އެރަސްގެފާނުގެ އަރިސް ވަޒީރަކު ދެންނެވިއެވެ.  މިސުރު ރަސްގެފާނުގެ ދަރިކަނބަލުންނަކީ  ވަރަށް ނުރައްކާތެރި ބޭފުޅަކަށް ވުމާއެކު ތިމަން ވަޒީރު ގޮސް އެ ކަމަނާގެ ޚަބަރުދަބަރު ހޯދައިގެން ގެނަސްދޭންދެން ތިޔަ ދަތުރުގައި އެ މަނިކުފާނު ނުފޮނުއްވާ މަޑުކުރެއްވުން ކިޔެއްތޯއެވެ. މިވާހަކަތައް އައްސަވާ އެ މަނިކުފާނުވެސް މިގޮތާ ހިތްޕުޅާ ހަމަކުރައްވާ ދަތުރުފުޅު ފަސް ކުރައްވައިފިއެވެ.

މީގެ ދުވަސް ކޮޅެއް ފަހުން ރޫމުރަސްގެފާނުގެ އަރިސް ވަޒީރު މިސްރަށް ވަޑައިގަތުމަށްޓަކައި ދަތުރުފުޅު ފަށްޓަވައިފިއެވެ. މިޞްރުގެ ރަށްބޭރަށް ވަޑައިގެންނެވުމާއެކު ލޯފުޅު އަނދިރި ބޭފުޅަކަށް ވެވަޑައިގެންނެވިއެވެ. އަދި  އަތްޕުޅުގައިއޮތް ސަރިންދާ ނަންގަވައި ފުމެން ފައްޓަވައިފިއެވެ. މާކަ ގިނަ އިރުތަކެއް ނުވެ  މުޅި ހިސާބުގަނޑު ފުރެންދެން މީހުންތައް  އެއްވެއްޖެއެވެ.  މިތަނުގައި ހުރި

ވިޔަފާރި އެއްގެ ހިތަށް އެރިއެވެ. މިކަލޭގެއަކީ މުސާފިރެކެވެ. އަޅާލާނެ މީހަކުވެސް ނެތެވެ. މިމީހާ ގެންގޮސް ތިމަންގެ ފިހާރަކައިރީގައި ބައިންދާނީއެވެ. އޭރުން ވިޔަފާރި ރަނގަޅުވާނެއެވެ. މިހެން ހިތައި ސަރިންދާ ފުމޭ ކަލޭގެ އަތުގައި ހިފައިގެން ހިނގައްޖެއެވެ. އަދި އޭނާގެ ފިހާރަ ކައިރީގައި ބައިންދައި، ކަމޭހިތައި ކެއުމާއި ބުއިން ދެއްވައި، ސަރިންދާ ފުމުމަށްއެދުނެވެ. ގިނަ އިރުތަކެއްނުވެ ފިހާރަ ކައިރިއަށް މީހުންތައް ޖަމާވާން ފަށައިފިއެވެ. އެދުވަހުގެ ހުރިހާ ވިޔަފާރިއެއްވީ މިފިހާރައަށެވެ. މިގޮތަށް ދެތިން ދުވަސް ވީތަނާ އެހިސާބުގަނޑުގެވިޔަފާރިވެރިންގެ މެދުގައި ޚިޔާލުތަފާތުވެ ސަރިންދާފުމޭ މީހާޔާ މެދު ގޮތެއްނިންމަންޖެހިއްޖެއެވެ. ހުރިހާއެންމެން ނިންމީ ސަރިންދާ ފުމޭ މީހާ، ދުވާލަކު ފިހާރައެއްގެ ކައިރީގައި ބޭންދުމަށެވެ.

ޖެހިގެން އައި ދުވަހުގެ ވަގުތެއްގައި ވަޒީރު ބާޒާރަށް ވަޑައިގެންފިއެވެ. އަދި އެންމެން އެއްތަނަކަށް އެއްވެފައި ވަނިކޮށް ފެނިވަޑައިގެން އެތަނަށް ވަޑައިގެންފިއެވެ. އެއްވެފައި ތިބި މީހުންގެތެރެއިން ފުރޭނެމުން އެތެރެއަށް ވެދެވަޑައިގެންފިއެވެ. ވަޒީރަކީވެސް ސަރިންދާފުމޭއަޑު އެއްސެވުމަށް ވަރަށް ޝައުގުވެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ވުމާއެކު ސަރިންދާ ފުމޭމީހާ ގެންދެވީ ވަޒީރުގެ ގަނޑުވަރަށެވެ. ވަޒީރުގެ ހުންނަވަނީ ދަރިކަނބަލެއް އެކަންޏެވެ. ވަޒީރު ގަނޑުވަރަށް ވަޑައިގެން ވިދާޅުވިއެވެ. މިއީ ލޯ އަނދިރި މީހެކެވެ. މީނާގެ ހުރިހާކަމަކާ ކަމަނާ ހަހާލުވެ ވަޑައިގަންނަވާށެވެ.  މީނަ ބޭނުންވާ ހުރިހާކަމެއް ފުރިހަމަ ކޮށްދެއްވަން ވާނެއެވެ.

އޭގެފަހުން އެކަމަނާ ކޮންމެ ދުވަހަކު ވަޒީރު ގަނޑުވަރަށް ވަޑައިގަންނަވާން ވާއިރަށް ސަރިންދާ ފުމޭމީހާ ފެންވަރުވައި ރީތިކުރުވުމަށްފަހު ބަގީޗާގައި ބައިންދަވައެވެ. ރޭގަނޑުގެ ދަމެއް ހުސްވަންދެން ސަރިންދާ ފުމުމަށްފަހު އަވަހާރަފުޅު ލައްޕަވަތެވެ.

ކަމަނާގެ ބައްޕައަކީ ވަޒީރެއްތަ؟ ސަރިންދާ ފުމޭ މީހާ ސުވާލު ކޮށްލިއެވެ

އާނ! އެއީ އެންމެ އިސް ވަޒީރު. އެކަމަނާ ޖަވާބުގައި ވިދާޅުވިއެވެ.

އެހެންވީއިރު ރަސްގެފާނުގެ ގަނޑުވަރަށް ކަމަނާ ވަޑައިގަންނަވަންތަ؟ ސަރިންދާ ފުމޭ މީހާ އިތުރަށް އޮޅުންފިލުވުމުގެ ގޮތޮން އެއްސެވެ.

އާނ! އަހަރެންނަކީ ރަސްގެފާނުގެ ދަރިކަނބަލުންގެ އެންމެ އަރިސް މީހާ. އުފަލާއެކު އެކަމަނާ ވިދާޅުވިއެވެ.

ސަރިންދާ ފުމޭމީހާގެ ބޭނުން ފުދިއްޖެ ކަހަލައެވެ. ހަމަހިމޭން ކަމާއެކު އެކަމަނާގެ މޫނުފުޅަށް އަންނަމުން ދިޔަ ބަދަލުތައް ސިއްރު ސިއްރުން ބަލަމުން ދިޔައެވެ.

މިގޮތުގައި ދެ ދުވަހެއް ވީތަނާ ވަޒީރުގެ ހިތްޕުޅަށް އަރާވަޑައިގަތެވެ. ތިމަން ވަޒީރު ދެންނެވުމުގެ ކުރިން ރަސްގެފާނަށް މިކަމުގެ ޚަބަރު ލިބިވަޑައިގެންފި ނަމަ އަޅުގަނޑު ކުށްވެރި ވެދާނެއެވެ. މިހެން ހިތްތަވައި ރަސްގެފާނުގެ އަރިހަށް ވަޑައިގެން ދަންނަވައިފިއެވެ. ރަސްގެފާނެވެ. މަނިކުފާނަކީވެސް ސަރިންދާފުމޭއަޑު އައްސަވާ ހިތްޕުޅުވާ  ބޭފުޅެކެވެ. ތިމަން މަނިކުފާނުގެ ގޭގައި އެފަދަ މީހަކު ހުއްޓަތީވެ މިވާހަކަ ދަންނަވައިނުލާ ނުހުރެވިގެން ދަންނަވައި ލެވުނީއެވެ.

ރަސްގެފާނު ވަރަށް ހިތްޕުޅާ ހަމަކުރައްވާ ވިދާޅުވީ މިރޭ އެކަލޭގެ ގެންނާށެވެ. ތިމަން މަނިކުފާނުގެ ގަނޑުވަރުތެރެ މިވަގުތު ވަރަށް ފަޅެވެ. ތިޔަ ކަލޭގެ ގެ ސަބަބުން މިގަނޑުވަރުގެ ތެރެއަށް އިތުރު ދިރުމެއް ގެނެސްދީފާނެއެވެ.

ޖެހިގެން އައި ރެއެވެ. ސަރިންދާފުމޭ ކަލޭގެ ރަސްގެފާނުގެ ގަނޑުވަރަށް ގެންދަވައިފިއެވެ. ރަސްގެފާނުގެ ދަރުބާރުގައި ގަނޑުވަރުގެ އެންމެހާ ބޮޑުންނައި ޚާދިމުންވެސް ތިއްބެވިއެވެ. ރަސްގެފާނު ވަޑައިގެން ދަރުބާރަށް ވެދެ ވަޑައިގަތުމާއު އެންމެން ކޮޅަށް ތެދުވިއެވެ. އެވަގުތު ވަޒީރު ތެދުވެ ވަޑައިގަންނަމުން އެއްކަލަ ލޯފަން މީހާގެ އަތުގައި ހިފައިގެ ތެދުވެ ވަޑައިގަތެވެ. އަދި އެންމެން އިށީނުމުން އަރިސް ވަޒީރު ދެންނެވިއެވެ. މިއީ ބީރަށްޓެހި އަދި ލޯފަން މީހެއްވެސް މެއެވެ. ނަމަވެސް މީނާއަކީ ސަރިންދާފުމުމުގައި ލާމަސީލު މީހެކެވެ.

ރަސްގެފާނު ހިނިފުޅުވަޑުވައި ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެންގެވިއެވެ.

އެވަގުތު ސަރިންދާގައި ރާގު އަޅުވައިލިއެވެ. މަޖިލީހަށް ޙާޟިރުވެ ތިބި އެންމެންނަށް ތިބެވުނީ އާޝޯޚް ވެފައެވެ. ރަސްގެ ފާނުވެސް  އަތްޕުޅުޖައްސަވައި އަރިއަރިޔަށް ލެނގިވަޑައިގަންނަވާތީ ފެނުނެވެ. މިގޮތުގައި މެންދަމުން އަލިވަންދެން ތިއްބެވިއެވެ.  ދަރުބާރު ނިންމަވާލީ މާދަމާރޭވެސް މިޙަރަކާތްބާއްވާގޮތަށެވެ.

ހެނދުނުގެ ނާސްތާއަށްފަހު ވަޒީރުގެ ދަރިކަނބަލުން އެއްސެވިއެވެ.   ރޭގެ މަހެފިލް ކިހިނެއްހެއްޔެވެ؟

"ވަރަށް ރަނގަޅު! ރަސްގެފާނާއި ދަރިކަނބަލުންވެސް ވަރަށް ހިތްޕުޅާ ހަމަކުރެއްވި! " ދަރިކަނބަލުންގެ ވާހަކަދެންނެވީ ސަރިންދާ ފުމޭމީހާ ގަސްތުގައި އެކަމަނާގެ ވާހަކަތައް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ.

ވަޒީރުގެ ދަރިކަނބަލުން ވިދާޅުވިއެވެ. "ރަސްގެފާނުގެ ދަރިކަނބަލުންނަކީ ތިޔަކަހަލަ ތަންތަނަށް ނުކުމެވަޑައިގަންނަވާ ބޭފުޅެއްނޫން! އެކަމަނާއަކީ ފިރިހެނަކު ހުރިތަނަކަށް ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅެއް ނޫން! އެތާކު އެކަމަނާއެއް ނުހުންނަވާނެ!"

"އެއީ ކީއްވެ؟" ސަރިންދާކަލޭގެ އިތުރަށް އޮޅުންފިލުވުމުގެ ގޮތުން ދެންނެވިއެވެ.

"އެކަމަނާގެ ވާހަކައެއް ނާހަންތަ؟ އެއީ މުޅި ދުނިޔޭގައި ފެތުރިފައިއޮތް ޚަބަރެއް "

"އަނެއްކާ އެއީ ކޮންޚަބަރެއްތަ؟"  އެނގޭކަމަކަށް ވެސް ނުހެދިއެވެ.

"އެކަމަނާ ފިރިހެނުންދެކެ ވަރަށް ކޯފާވާނެ. އެކަމަކާހުރެ އެއްވެސް ބޭފުޅަކަށް އެކަމަނާގެ އަރިހުގައި އެއްވެސް ފިރިހެނެއްގެ ވާހަކައެއް ދެންނެވޭކަށް ނޯވެ، ބައެއްމީހުން ޤަތުލުކުރައްވާފައިވެސް އެބަހުރި." ނާސްތާ ކޮށް ނިމުމުން ތަށިތައް ނަގަމުން އެކަމަނާ ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ.

ސަރިންދާފުމޭ މީހާ ވަރަށް ގަޔާވެ ދިޔައީ އަޑުއަހަމުންނެވެ. ހަމަ އެއާއެކު އެކަމަނާގެ މޫނުފުޅު މަތިން ފެންނަމުންދާ ކުލަވަރުން އެކަމަނާގެ ހިތްޕުޅުގައި އޭނާގެ މައްޗަށް އޮތް ޝައުޤުވެރިކަންވެސް ދިޔައީ އިތުރަށް ހާމަވަމުންނެވެ.

'އެކަމަނާ ފިރިހެނުން ދެކެ އެހާ ކޯފާވާ ސަބަބެއްވެސް އޮންނާނެތާ، އެކަން ކަމަނަޔަށް އެނގިވަޑައިގަންނަވާތޯ؟"

ކުއްލިއަކަށް އެކަމަނާގެ މޫނުފުޅުމައްޗަށް އެރި މާޔޫސް ވުމުގެ ކުލަވަރާއެކު ކަތި ނަޒަރަކުން ބައްލަވައިލެއްވިއެވެ. ލޯ އަނދިރި މީހާގެ އެސުވާލަށް ޖަވާބުދޭނީ ކިހިނަކުން

ހެއްޔެވެ. އެކަމަނާގެ އެންމެ އަރިސް މީހަކީ ވެސް އަހަރެންނެވެ. އަހަރެންނަށްވެސް އެކަމެއް ނޭގެއެވެ.

"ނޫން! ނޭނގެ." ލޯއަނދިރި މީހާގެ އަތުގައި އެކަމަނާގެ ދެއަތްޕުޅުން ހިއްޕަވާލެއްވުމަށްފަހު ވިދާޅުވިއެވެ.

"އެހެން ވީއިރު އެކަމަނާ އަރިހުގައި ދަންނަވާބަލަ! ފިރިހެނުން ދެކެ ތިޔަހާ ކޯފާވަނީ ކީއްވެތޯ.؟"

"ތިޔައީ ވަރަށް ބޮޑުކަމެއް! ތިޔަކަހަލަ ވާހަކައެއް ދެންނެވި މީހަކުވެސް ޤަތުލު ކުރައްވާނެ. އެ އެ ކަ  މަ  ކު ތިބާ އެދޭނަމަ"....... ލަސްލަހުން އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ މިބަސްކޮޅުންވެސް އެކަމަނާގެ ހިތްޕުޅުގައި ސަރިންދާ ކަލޭގެއަށް ޚާއްޞަކަމެއް ދެއްވާފައިވާކަން ފާހަގަ ކުރެވެއެވެ. ކޮންމެފަދަ ޤުރުބާނީއެއް ވެވަޑައިގަންނަވަން ތައްޔާރުގައި ހުންނެވިކަމެވެ.

ޖެހިގެން އައި ދުވަހު އެކަމަނާ ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގަތެވެ. އެދުވަހުގެ ޙަރަކާތްތަކުގައި އެކަމަނާގެ އަރިހުގައި އުޅުއްވަމުން ފުރުޞަތު ހޯއްދެވިއެވެ.

"އަޅުގަޑު މިހުންނަނީ ކަމަނާ ގިނިކަންޏާ ހުންންވާ ދަނޑިވަޅަކަށް ބަލަބަލަ!"

"އަނެއްކާ ކިހިނެއްވީ؟"

ރަސްގެފާނުގެ ދަރިކަނބަލުން ހައިރާން ކަމާއެކު ވިދާޅުވިއެވެ.

"ތިމަން ކަމަނާގެ ބޮލާ ކަނދުރާ ސަލާމަތް ކުރައްވާ! ކަމަނާޔާ އަޅުގަނޑުގެ ނަފުސު ހަވާލު، ބޭނުންފުޅު ގޮތެއް ހެއްދެވުމުގެ ފުރިހަމަ އިޚްތިޔާރު ކަމަނާޔަށް ލިބިޑައިގެންވޭ، އަޅުގަނޑަކީ ކަމަނާގެ އެންމެ އަރިސްމީހާ ވީ އިރު ކަމަކާގެ ސިއްރުތަކަކީ ތިމަންކަމަނާގެވެސް ސިއްރުތަކެއް، އަޅުގަނޑު ދަންނަވަން މިއުޅެނީ ކަމަނާގެ ކިބައިގައިވާ ސިއްރެއް އަޅުގަނޑަށް ހާމަކޮށް ދެއްވުމަށް."

"އެއީ އަނެއްކާ ކޮންކަމެއްބާ؟ އަހަރެންގެ ކަންކަމުގައި މިދަނީ ކަމަނާޔާ ހިއްސާ ކުރަމުން. އެއްވެސް ކަމެއް ނުފޮރުވަން"

ވަޒީރުގެ ދަރިކަނބަލުންގެ ވާހަކަ މެދުކަނޑާލައްވައި ރަސްގެފާނުގެ ދަރިކަނބަލުން ވިދާޅުވިއެވެ.

"މާތް ސާހިބާ! އަޅުގަނޑަކީވެސް ފުރާފުރިހަމަވެ ކައިވެންޏަކަށް ބޭނުންވެފައިވާ ކުއްޖަކީމު، ކަމަނާއެކޭ އެއްފަދައިން އަޅުގަނޑުވެސް ފިރިހެނުންދެކެ ރުޅިއަންނަން އެނގޭނީ ކަމަނާޔަށް ދިމާވެފައިވާ މައްސަލައެއް އަޅުގަނޑަށްވެސް އެނގިގެންނޫންތޯ؟ ކަމަނާ ފިރިހެނުންދެކެ ކޯފާ ވާ ސަބަބެއް ވިދާޅުވެދެއްވަފާނަންތޯ؟"

ރަސްގެފާނުގެ ދަރިކަނބަލުން އިސްދަށަށް ޖައްސަވާލައްވައި އިރުކޮޅަކު އިންނަވާ ވިދާޅުވިއެވެ.

" ކަމަނާނޫން މީހަކު ތިޔަކަމަށް އެދުނު ނަމަ ތިޔަސިއްރު ބުނެދޭނީ ތިމަން ކަމަނާގެ  އަތްޕުޅުގައި މިއޮތް ކަނޑިން. އެކަމަކު މިވާހަކަ މި ކިޔައިދެނީ ކަމަނާގެމައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުންނާ، މިވާހަކަ އެހެން އެއްވެސް މީހެއްގެ ކަންފަތުގައި ނުޖެހޭނެތީ، ރަގަޅަށް އަޑުއަހާ! އަހަރެންގެ މަންމާފުޅު ވިދާޅުވިގޮތުގައި މަންމާފުޅަކީ ކުއްޖަކު ލިބިވަޑައިނުގެން ވަރަށްގިނަ އަހަރުތަކެއްގައިތަފާތު އެކި ކަންތައްތައް ކުރައްވައި ތަފާތުބޭސްކުރައްވައިވެސް ކުއްޖަކު ލިބިވަޑައިނުގަންނަވައިގެން އެކަމުގެ ހިތާމައިގައި ގަނޑުވަރުގެ ބަގީޗާތަކަށް ގިނިކަންޏާ ނުކުމެ ވަޑައިގެން ކީރިތިކުރައްވައި އުޅުއްވިބޭފުޅެއް، މިގޮތުން އެއްދުވަހަކު މިފަދަ ހިތާމަފުޅެއްގައި ބަގީޗާއެއްގައި ހުންނަވަނިކޮށް، ވައިރޯޅިއަކާއެކު ނޭފަތްޕުޅުގެ ހިނދުރިއަށް އެއްޗެއްވަދެގެންދިޔަކަމަށް، އެދުވަހު މަންމައަށް ދުވީ ޖަނަވާރެއް އަނދައިފައިވާ އަޅީގައިދުވާ ވަހެއް، އަދި މަންމަ ބަލިވެއިނީ އެދުވަހުގެފަހުން، މަންމައަށް ލިބިވަޑައިގެންނެވި ހަމައެކަނި ކުއްޖަކީވެސް އަހަރެން، އަހަރެންނަކީ މިދުނިޔެއަށް އުފަން ވުމުގެ ކުރިން ޖަނަވާރުންގެ ތެރޭ ހިމެނޭ ޖަނަވާރެއް، ފުއްލާއެއް، ވަރަށް މިނިވަން ކަމާއެކު ޖަންގަލިތެރޭގައި އުޅެނިކޮށް އެއްދުވަހަކު ޖަންގައްޔަށް އައި ޝިކާރަވެރިއެއްގެ ދަލުގައި އަހަރެންނާ އަހަރެންގެ ފިރިމީހައާ ކުޑަކުޑަ ދަރިފުޅުވެސް ޖެހުނު، އެދުވަހުގެ ފަހުން އަހަރެމެންނަށް ތިބެން ޖެހުނީ އެ ޝިކާރަވެރިޔާގެ ގޭގައި ހުރި ކޮށްޓެއްގައި، އޭރު އަރެން އުޅުނީ ފަޔަށް އެއްޗެއް ހެރިގެން އެކަމުގެ ވޭން އުފުލައުފުލަ، ކުޑަދުވަސްކޮޅެއްގެ ފަހުން އަހަރެންނަށް ހިނގާބިނގާވެ އުޅުން ދަތިވެ އޮށޯވެ އޮންނަން ޖެހިއްޖެ، މިގޮތުގައި ދުވަސްތައް ގުނަމުން ދަނިކޮށް އެއްދުވަހަކު އިރުއޮއްސެން ދަނިކޮށް ފިރިމީހާ މާމަޑުމަޑެއްކޮށް އިންތަން ފެނިގެން ތިޔައިނީ ކީއްވެފައިތޯ އެހިން، ކަމެއްވީތޯވެސް އެހިން، އޭނާ އެއްވެސް ޖަވާބެއްނުދީ އިރުކޮޅަކު  އިނދެފައި ބުނީ އެ އިވެނީ އަލިފާނުގެ އަޑުކަމުގައި، އަދި ވަރަށް އަވަހަށް މިހިސާބަށް އެ އަލިފާންގަނޑު ފޯރަފާނެކަމުގައިވެސްބުނި، އަހަރެންނަށް ރޮއިގަނެވުނު، ހަމައެއާއެކު އާދޭސްކުރަން ފެށިން އަހަރެމެން ސަލާމަތްކުރަން އެދުނިން، ފިރިމީހާ ފުންމަފުންމައިގެން ޖެހިޖެހިފައި އިސާހިތަކު ކޮށީގެ ކުޑަތަންކޮޅެއް މަތިން ތަންގަނޑެއް ހަލާކުކޮށްލައިފައި އެތަނުން އޭނާ ފުންމައިލައިފި، އޭރުވެސް އަހަރެންނާއި ކުޑަދަރިފުޅާ ދެމީހުން ދިޔައީ ރޮއި އާދޭސް ކުރަމުން ނަމަވެސް އަހަރެމްގެ އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް. އޭނާ ކޮށިންނުކުމެގެން ދުވެފައި ގޮސް ލޯ މަތިން ގެއްލުމާއެކު، އަހަރެމެން ތިބި ކޮށީގައި އަލިފާން ހިފައި ރޯވެއްޖެ، އަހަރެންނާއި އަހަރެންގެދަރިފުޅު އަލިފާނުގައި އަނދާދިޔައީ،  މިއީ އަހަރެން ފިރިހެނުންދެކެ ރުޅިއައިސަބަބު.  މިވާހަކަތަކަކީ އަހަރެން ފިޔަވައި ކަމަނާނޫން އެއްވެސް މީހަކަށް އެނގޭނެ ވާހަކަތަކެއްނޫން.

" ތިޔައީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ފިލާވަޅެއް، ތިޔަވާހަކައަކީ އަޅުގަޑުމެން ދެމީހުންގެ މެދުގައި އޮތް ވާހަކައެއް."

ވަޒީރުގެ ދަރިކަނބަލުން ގަނޑުވަރަށް ވަޑައިގެން ލޯފަންމީހާއަށް ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދެއްވިއެވެ. އަދި މިވާހަކަ އެއްވެސް މީހަކަށް ކިޔައި ނުދިނުމަށް ވެސް އެދުނެވެ. ސަރިންދާފުމޭ ލޯފަން މީހާއަށް ވަނީ އެކަމަނާގެ ހިތްޕުޅުގައި ޚާއްޞަ ޤަދަރެއް ދެވިފައެވެ. އެކަމަނާގެ ހިތްޕުޅުގައި މިކަން ސިއްރު ކުރައްވާފައި ވީނަމަވެސް ސަރިންދާ ފުމޭ މީހާ އެކަމަނާގެ ހުރިހާ ކަމެއް ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ.

" އަޅުގަނޑު ތިޔަކަން ސިއްރު ކުރާނަން. އަދި ކަމަނާ ތިޔަކޮށްދެއްވީ އެހެން މީހަކަށް ކުރެވޭވަރުގެ މަސައްކަތެއްނޫން. " ސަރިންދާކަލޭގެ އޯގާތެރިކަމާއެކު ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ވަޒީރުގެ ދަރިކަނބަލުން އިންނެވީ ސަރިންދާކަލޭގެއަށް ނާސްތާ ތައްޔާރުކުރައްވައިގެން އޭނާގެ އިންތިޒާރުގައެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވިއެވެ. ދޮރުގައި ޓައިޖައްސައިވެސް ޚަބަރެއް ނުވުމުން ކޮޓަރީގެ ދޮރު ހުޅުވިއެވެ. ކޮޓައި ހުރީ ހުހަށެވެ އެއްވެސް މީހަކު ނެތެވެ. އެކަމަނާ ވަރަށް ކަންބޮޑުވިއެވެ.

" އޭނާ އެދިޔައީ ކޮންތާކަށްބާ؟ އެއީ ބީރައްޓެއްސެއް، ލޯފަން މީހެއް، މިރަށުގެ މަގުތަކުގައި ހިނގާކަށްވެސް ނޭނގޭނެ."

އެކަމަނާގެ ހިތްޕުޅު ނުތަނަވަސްވެ މުޅި ހިސާބު ހޯއްދަވައިވެސް އެމީހާ ފެނިވަޑައިނުގެންނެވުމުން  ބައްޕާފުޅުގެ އަރިހުގައި އެވާހަކަ ދަންނަވައިފިއެވެ. ވަޒީރުވެސް ހޯއްދަވައި ފެނިވަޑައެއްނުގަތެވެ. އެންމެ ފަހުން ރަސްގެފާނަށް ދަންނަވައި، ސިފައިން ފޮނުވައިގެން އެރަށުގެ އެތެރެއާއިބޭރަށް ދާންދެން ހޯދައިވެސް އެމީހެއް ނުފެނުނެވެ. އެ ލޯފަން މީހާ އެރަށް ދޫކޮށް އޭނާގެ ރަށަށް ރޫމަށް ދަތުރުކޮށފިއެވެ.

ރޫމުރަސްގެފާނުގެ ދަރިކަލުން ވަޒީރުގެ އިންތިޒާރުގައި ހުންނަވަނިކޮށް ވަޒީރު ވަޑައިގެން ބައްދަލު ކުރައްވައިފިއެވެ.

" މާތް ސާހިބާ! އަޅުގަނޑު މިއައީ! މަނިކުފާނުގެ ދަތުރުފުޅު ފައްޓަވަންވީ، ނައުތައް ތައްޔާރުކުރައްވަންވީ، ކަން ކުރައްވަން ވާނީ އަޅުގަނޑު ދަންނަވާ ގޮތަށް،"

ކަން ކުރަންވީ ހުރިހާގޮތެއް ވަޒީރު ދެންނެވިއެވެ. އަދި ދެނައު ތައްޔާރު ކުރެއްވުމަށާއި އެއްނަވަށް މުދަލާއި ހަދިޔާ ބަދިޔާ ލައްވައި އަނެއްނަވަށް އެމަނިކުފާނާއި އަޝްކަރިއްޔާ އެރުއްވިއެވެ. މިދަތުރުގައި އެއްވެސް އަންހެނެއް، އަދި ޖާރިޔާއެއްވެސް ނުގެންދަވައެވެ.

ފިނި ރޭގަނޑެއްގެ އިރާކޮޅު ދިން ނަލަނަލަ ހަނދުވަރުގެ އަލީގައި  ނަވުގެ މިސްރާބުޖެހީ މިޞްރަށެވެ. ޖެހެމުންދިޔަ ހެޔޮވަރު ވައިގެ އެހީގައި ރާޅުތައް ކަފަމުން މިޞްރުގެ ރަށްބޭރަށް އާދެވުނީ ތިންދުވަސް ފަހުންނެވެ. މިޞްރުން ވާހަކަގޮވާމީހާ ނަވާ ވާހަކަ ގޮވިއެވެ. ނަވުން ޖަވާބު ދެއްވީ ވަޒީރެވެ.

"މިއީ ރޫމުރަސްގެފާނުގެ ދޮށީ ދަރިކަލުން ކުރައްވާ ދަތުރުފުޅެއް. ބޭނުން ފުޅަކީ އެއްވެސް އަންހެނަކު ނޫޅޭ ހިސާބެއްގައި ވަޒަންވެރިވުން. "

މި ޚަބަރު މިޞްރުރަސްގެފާނަށް ލިބިވަޑައިގަތުމާއެކު ހިތްޕުޅަށް އެރިއެވެ. މިއީ އަނެއް އަޖާއިބެވެ. މިފަހަރު މި ދިމާވީ އަންހެނުންދެކެ ރުޅިއަރާ މީހެކެވެ. ތިމަން މަނިކުފާނުގެ ދަރިކަނބަލުން ކޯފާވަނީ ފިރިހެނުންދެކެއެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަމުގެ ހަގީގަތެއް އެނގޭވަރެއްނުތްވެވެ. ފަހރެއްގައި މި މަނިކުފާނުގެ ކިބައިން މިކަމުގެ ޚަބަރެއް ވެދާނެކަން ނޭގެއެވެ. މި އުންމީދު ފުޅުގައި ހުންނަވައި ވަޒީރަށް ވިދާޅުވިއެވެ. ސަހަރުގެ ރަށްބޭރުގައި އޮތް ނަވަށް ވަޑައިގެން ރޫމުރަސްގެފާނުގެ ދަރިކަލުންނަށް ދަންނަވައިގެން މިސަހަރަށް ފައިބައި ވަޑައިގަންނަވަތްތޯ ބަލާބަލާށެވެ.

ވަޒީރު ނަވަށް ވަޑައިގެންފިއެވެ. އަދި ރަސްގެފާނުގެ އެދިވަޑައިގަތުން  ދަންނަވައިފިއެވެ.

" މިސަހަރަށް ފައިބައިވަޑައިގަންނަވާނީ ގޮތެއްގެ މަތިން. އެއީ މިރަށުގެ ހުރިހާ އަންހެނުން ރަށުން ބޭރު ކުރައްވައި ތިމަން މަނިކުފާނު ރަސްގެފާނުގެ ހަނޑުވަރަށް ހިންގަވާވަޑައިގަންނަވާ މަގުތަކުން ވެލި ބަދަލުކުރެއްވުމުން."

މި ވާހަކަވެސް ރަސްގެފާނުގެ އަރިހުގައި ދަންނަވައިފިއެވެ.

ރަސްގެފާނު ވިދާޅުވިއެވެ. މިސަހަރުގައި ތިބިނަމަ ތިބިހާ އަހެނުން ސަހަރުގެ ރަށްބޭރަށް ނެރެ، ދަތިކަމެއްނެތި ތިބެވޭނެ ގޮތް ހަމަޖައްސައިދޭށެވެ. އަދި ނަވުން ފައިބާވަޑައިގަންނަވާ ހިސާބުން ފެށިގެން މި ގަނޑުވަރާ ދެމެދުގައިވާ މަގުތަކުން ފަސް ބަދަލު ކޮށް ހަދާށެވެ.

ރަސްގެފާނުގެ އަމުރުފުޅާއެއްގޮތަށް ހުރިހައި މަސައްކަތެއް ނިންމައިފިއެވެ. އަދި ވަރަށް ފުރިހަމަޔަށް ގަނޑުވަރު ތައްޔާރުކުރައްވައި ފުރިހަމަ ރަސްމިއްޔާތެއް ބާއްވައި އެމަނިކުފާނަށް ދަޢުވަތު ދެއްވިއެވެ.

ރޫމުރަސްގެފާނުގެ ދަރިކަލުން މިޞްރުރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެން ރަސްގެފާނާ ބައްދަލުކުރައްވާ ގަހުވަ ހިއްޕަވައި، ނާޗަރަންގީ ކުޅެ މުނިފޫހި ހިލުވައި ހެއްދެވުގެ ތެރޭގައި މިޞްރުރަސްގެފާނު ވިދާޅުވިއެވެ.

" މަނިކުފާނު އަންހެނުންދެކެ ތިޔަހާ ކޯފާވަނީ ކީއްވެތޯ؟"

ރޫމުރަސްގެފާނުގެ ދަރިކަލުންގެ މޫނުފުޅަށް ކޯފާގެ ކުލަވަރު ގެންނަވައި ހިތްޕުޅާ ނުވާގޮތަކަށް ވިދާޅުވިއެވެ.

" ރަސްގެފާނުނޫން ބޭފުޅަކު ތިޔަހެން ވިދާޅުވިނަމަ ޖަވާބު ދޭނީ އަޅުގަނޑުގެ އަތުގައި މި އޮތް ކަނޑި،  ނަމަވެސް ރަސްގެފާނަށް ތިޔަކަމުގެ ޚަބަރު ދީފާނަން. މަނިކުފާނު ހިތްޕުޅާ ހަމަކުރައްވާނަމަ މަނިކުފާނުގެ ސިއްރު ވަޒީރު ފިޔަވައި އެހެން ބޭފުޅުން މިދަރުބާރުން ފޭކުރައްވާ!"

ރަސްގެފާނުންގެ ދަރުބާރުގައި ތިއްބެވި ބޭފުޅުންނާއި ނާޗަރަންގީ ކުޅޭ މީހުންތައް ދަރުބާރުން ދުރުކުރައްވައި އެމަނިކުފާނުގެ ހިތްޕުޅު ހަމަޖެހޭ ގޮތަށް ތަން ބަދަލުކުރައްވައި ވިދާޅުވިއެވެ. މަނިކުފާނުގެ ވާހަކަފުޅު ކުރިއައް ގެންދަވާށެވެ.

" މަނިކުފާނު އައްސަވާ! އަޅުގަނޑަކީ މީގެ ކުރިން އިންސާނެއްނޫން  ޖަނަވާރެއް. އަޅުގަނޑުގެ ހުރޭ އަނތްބަކާއި ކުޑަ ކުއްޖެއް. ޖަންގަލީގެތެރޭގައި ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައި. އެއްދުވަހަކު ދަރިފުޅު ގޮވައިގެން މަޖާކޮށްލަން ޖަންގަލީގެ ތެރޭގައި ދުވަނިކޮށް ފަޔަށް އެއްޗެއް ހެރިގެން ފައިނޭޅިގެން އުޅެން ޖެހިއްޖެ. މިގޮތުގައި އެއްދުވަހުން އަނެއްދުވަހަށް ހާލު ދިޔައީ ދެރަވަމުން.  އެއްމެފަހުން އޮތްތަނުން ނުތެދުވެވޭވަރު ވެއްޖެ. އެދުވަހުގެ މެންދުރެއްހާއިރު އަޅުގަނޑުގެ އަންހެނުން ވަރަށް ކަންބޮޑުވެ، ދެކަންފަތް ކޮޅަށް ޖަހައިގެން އިންތަން ފެނިގެން ތިޔައިނީ ކީއްވެފައިތޯ އެހުމުން ބުނީ އެއިވެނީ މިޖަންގަލީގައި އަލިފާން ރޯވެގެން އަނދާ އަޑު ކަމުގައި. އަޅުގަނޑު ރޮއިގެންފައި އާދޭސް ކުރަންފެށިން. އެކަމަކު އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކާނުލައި އެސަރަހައްދު ދޫކޮށް އަންހެނުންނާ ދަރިފުޅާ ހިނގައްޖެ. އެމީހުން ދިޔަތަނަހެން އަޅުގަނޑު ވަށައިގެން ހުރިގަސްތަކުގައި އަލިފާން ރޯވެ އަޅުގަނޑާއެކުގައި އަނދާ......."

މިހިސާބަށް ދިޔަތަނާ ކުރިމަތީގައި ހުރި ކޮޓަރިކޮޅުގެ ދޮރުކޮޅު ހުޅުވާލައްވައި ރަސްގެފާނުގެ ދަރިކަނބަލުން ނުކުމެވަޑައިގެން ހަރު އަޑުފުޅުން ގޮވައިލެއްވިއެވެ. " ބައްޕާފުޅާ! އެއީ ދޮގެއް! އެކަން ހިނގީއެހެންނެއްނޫން! ބަލިވެ އޮތީ އަޅުގަނޑު އޭނައެއްނޫން! "

ރަސްގެފާނު ހިނިފުޅު ވަޑުވައި ވިދާޅުވިއެވެ.

"ތިޔައީ މާކުރިން ވެ ނިމިފައި އޮތް ކައިވެންޏެއްތާ! އިންސާނުންގެ ގޮތުގައި ވީމާ އަޅާލުމާއި އޯގާތެރިކަންލިބޭނެ. އަވަހަށް ތިޔައިގެ ދެކުދިންގެ ކައިވެނީގެ ކަންތައް ނިންމަމާ ހިނގާ!"

-ވަގުތުން އެދެބޭފުޅުންގެ ކައިވެނި ތައްޔާރު ވީތަނާ ސަރިންދާ ފުމޭ ކަލޭގެ އައިސް ވަޒީރުގެ ދަރިކަނބަލުންނާވެސް ކައިވެނި ކުރައްވަން ހަމަޖައްސައިފިއެވެ.  

 

 - ނިމުނީ -

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ