www.fanvai.info

Print

އިންސާނާގެ ސިކުނޑި

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސައިންސް

ޕްރޮފެސަރ ޙަސަން ޢުޤައިލް


ދުނިޔޭގައިވާ އެންމެހާ މަޚުލޫޤުންގެ ތެރެއިން އެންމެ އާދަޔާ ޚިލާފު ސިކުނޑިއެއް ދެއްވާފައިވަނީ އިންސާނުންނަށެވެ. އިންސާނާގެ ހަށިގަނޑުގެ ހަކަތައިގެ ވިހި އިންސައްތަ ސިކުނޑި ބޭނުންކުރި ނަމަވެސް ސިކުނޑި ހިއްސާކުރަނީ ހަށިގަނޑުގެ ބަރުދަނުގެ އެންމެ ދެއިންސައްތައެވެ. ސިކުނޑީގައި ދައުރުވަމުންދާ ލޭގެ ސަބަބުން ސިކުނޑި އޮންނަނީ މަޑު ފިޔާތޮށި ކުލައެއްގައެވެ. 

ބަލާބެލުމަށް ސިކުނޑި އެންމެ ވައްތަރުވަނީ ދޮންވެފައިވާ އެވަކާޑޯ އަކާއެވެ. އިންސާނާ ހޭލާ ހުންނަ ވަގުތުތުތަކުގައި ސިކުނޑި 25 ވޯޓުގެ ހަކަތަ އުފައްދައެވެ. މިއީ އާދައިގެ ބޮއްކެއް އަލި ކުރުމަށް ބޭނުން ކުރެވޭ މިންވަރުގެ ހަކަތައެވެ. 
ސައިންސްގެ އަލީގައި މާނަކުރާނަމަ، ސިކުނޑިއަކީ ނިއުރޯންސް ތަކާއި، އެހެނިހެން ސެލްތަކެއް އެއްތަނަކަށް ޖަމާވެގެން އުފެދިފައިވާ ގުނަވަނެކެވެ. (ނިއުރޯންސް އަކީ ސިކުނޑިއާއި މައިބަދައިގެ ޙާއްސަ ސެލްތަކަކަކށް ކިޔާ  ނަމެކެވެ.) އިންސާނުންނާއި އަދި އެހެނިހެން ޖަނަވާރުން ދިރިއުޅޭ ތަނަށް ނުވަތަ ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ހޭނުމަށްޓަކައި، ހަށިގަނޑަށް ގެންނަން ޖެހޭ ބަދަލްތައް ގެނައުމަށް ސިކުނޑި އެހީވެދެއެވެ. މީގެ އިތުރުންވެސް ސިކުނޑިއަކީ ހަށިގަނޑުގެ ހިއްސުތަކުން ފޮނުވައިދޭ މައުލޫމާތުތައް ލިބިގަނެ، އެމައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، އެމައުލޫމާތުތައް ބޭނުންކޮށްގެން ގެންނަން ޖެހޭ ބަދަލްތައް ހަށިގަނޑަށް ގެނައުމުގެ އިތުރުން، މިމައުލޫމާތުތަށް ފަހަށް ބޭނުން ކުރުމަށް ރައްކާކޮށްދޭ ހާއްސަ ގުނަވަނެކެވެ.


އެހެނިހެން ޖަނަވާރުންނާއި އަޅާބަލާއިރު، އިންސާނުންގެ ސިކުނޑި އުފެދިފައިވާ ގޮތް ފުރިހަމައެވެ. ސަބަބަކީ ޖަނަވާރުންނާއި ޙިލާފަށް އިންސާނުންގެ ސިކުނޑިން މުހިންމު ބޮޑެތި މަސައްކަތްތައް ކުރަން ޖެހުމެވެ. މީގެ ތެރޭގައި، ހެވާއި ނުބައި ދަނެގަތުމާއި، ކަންތައްތައް ޕްލޭންކުރުމާއި، އަނެކުންގެ އިހްސާސްތައް ދަނެގަތުމާއި، ކަންތައްތައް ނިންމުން ފަދަ ބޮޑެތި މަސައްކަތްތައް ހިމެނެއެވެ.


ސިކުނޑީގެ ހުރިހާ މަސައްކަތެއް ކުރިއަށްދަނީ "އިލެކްޓްރޯކެމިކަލް ސިގްނަލް" ތަކެއްގެ ގޮތުގައެވެ. މިސިގްނަލްތައް ފޮނުވުމުގައި ކަރަންޓްގެ އިތުރުން ހަށިގަނޑުގެ ކެމިކަލްތައް މުހިންމު ދައުރެއް އަދާކުރެއެވެ. މިސިގްނަލްތަކުން ފުރިހަމަ ކޮށްދޭ މަސައްކަތްތައް ބިނާވެގެންވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ސިގްނަލްތައް ފޮނުވައިދޭ ސިކުނޑީގެ ހިސާބާއި، ސިގްނަލްތައް ފޮނުވައިދޭ މިންވަރާއި، ސިގްނަލްތަކުގެ ކުޑަބޮޑުމިނުގެ އިތުރުން، ސިގްނަލްތައް ހުންނަ ބައްޓަމާއި، ސިކުނޑިން އެސިގްނަލްތައް ފޮނުވައިދޭ ހަށިގަނޑުގެ ގުނަވަން ނުވަތަ، ހަށިގަނޑުގެ ހިސާބު ހިމެނެއެވެ.


ސިކުނޑީގެ މަސައްކަތްތައް ކޮމްޕިއުޓަރެއްގެ މަސައްކަތާއި ވަރަށްވެސް ވައްތަރެވެ. އެހެންނަމަވެސް، ކޮމްޕިއުޓަރގެ މަސައްކަތަށްވުރެ، ސިކުނޑީގެ  މަސައްކަތް މާފުރިހަމަވެފައި ބާރުގަދައެވެ. ގިނަބަޔަކު "ވިސްނުން"  މާނަކުރަނީ، ސިކުނޑީގެ ސިގްނަލްތަކުގެ ތެރެއިން އެސިގްނަލެއް ފޮނުވާކަން އަހަރުމެންނަށް އެނގިގެން ނުވަތަ އަހަރެމެންނަށް ކޮންޓްރޯލް ކުރެވޭ ސިކުނޑީގެ ސިގްނަލްތަކަށެވެ. އެހެންނަމަވެސް އަހަރުމެންގެ ކޮންޓްރޯލުން ބޭރުގައިވާ ބައެއް ސިގްނަލްތައްވެސް ސިކުނޑިން ފޮނުވައިދެއެވެ. މިސާލަކަށް ހިތުގެ ހިނގުމާއި، ހަށިގަނޑުގެ ބައެއް މަސްތައް ކޮންޓްރޯލް ކުރުމަށްޓަކައި ފޮނުވައިދޭ ސިގްނަލްތަކެވެ.


ކަމެއްގެ ހައްލެއް ހޯދުމަށް ނުވަތަ، ޖަވާބެއް ހޯދުމަށް ސިކުނޑި މަސައްކަތް ކުރާގޮތަށް ބަލާލާއިރު، މިކަމުގައި، ސިކުނޑި ދެގޮތަކަށް މަސައްކަތް ކުރެއެވެ. އެއީ ވިސްނުމެއް ނުވަތަ ހިސާބު ކުރުމެއްގެ ގޮތުގައެވެ. މިގޮތުން އެންމެ ފުރަތަމަ ސިކުނޑީގައި އެކަމަކާގުޅޭގޮތުން ރައްކާކުރެވިފައިވާ މައުލޫމާތުތަށް ސިކުނޑި ނަގައިގަނެވެ. އެއަށްފަހު އެމައުލޫމާތުތަށް ފުރޭނުމަށްފަހު، އާމައުލޫމާތުތަކާއި، ކުރީގެ މައުލޫމާތުތަށް އަޅާ ކިޔާލުމަށްފަހު، އެމައްސަލައަކަށް އެންމެ އެކަށީގެންވާ ހައްލުތައް ސިކުނޑި ހޯދައެވެ. ހައްލުތައް ހޯދުމުގައި ސިކުނޑި ބައެއް ފަހަރު ހީވާ ހީވުންތަކަށްވެސް ބުރަވެއެއެވެ. މިނިންމުންތަކަކީ ސިކުނޑީގައި އެންމެ ކުރިން ރައްކާކުރެވިފައިވާ އިހްސާސްތަކުން ކުއްލިއަކަށް ނިންމާ ނިންމުންތަކެވެ. ސައިންޓިފިކް ބަހުން މިނިންމުންތަކަށް "ރިފްލެކްސް" ކިޔާއުޅެވެ.


އެންމެ އުފެއްދުންތެރި ހިޔާލްތައް ފޯރުކޮށްދެނީ ސިކުނޑީގެ "އަންކޮންޝަސް މައިންޑް" ކިޔާ ހިސާބުންނެވެ. މިއީ އަހަރުމެންގެ ކޮންޓްރޯލުން ބޭރުގައިވާ އަދި އަހަރުމެންނަށް ނޭނގި ކަންތައްތަކުގެ ޖަވާބުތައް ހޯދުމަށް މަސައްކަތްތައް ކުރަމުންދާ ސިކުނޑީގެ ހިސާބެވެ. މިބައިގައި، މައްސަލައިގެ ހައްލު ހޯދުމަށް ވަރަށް ފުންކޮށް މަސައްކަތްތައް ކުރިއަށްދެއެވެ.  އަދި އެންމެ ފަހުން ވަރަށްވެސް ފުރިހަމަ ހައްލެއް ސިކުނޑި ހޯދައިދެއެވެ.


ސިކުނޑިއަކީ މައުލޫމާތުތައް ރައްކާކުރުމަށްވެސް ވަރަށް ކުޅަދާނަ ގުނަވަނެކެވެ. އެކި ކަހަލަ މައުލޫމާތުތައް ސިކުނޑި ރައްކާކުރަނީ އެކިގޮތްގޮތަށެވެ. މިގޮތުން އިންސާނާގެ ހުނަރުތަކަށް ބޭނުންވާ މައުލޫމާތުތައް ވަކި ހިސާބެއްގައި ރައްކާކުރާއިރު، އެހެނިހެން މައުލޫމާތުތައް ސިކުނޑީގައި ރައްކާކުރަނީ އެކަމަށް ޙާއްސަ ކުރެވިފައިވާ ހިސާބުތަކުގައެވެ. އަހަރުމެންގެ "ހަނދާނަކީ" ނުވަތަ ސިކުނޑީގައި ރައްކާކުރެވޭ މައުލޫމާތުތައް ރައްކާކުރެވެނީ، ވަކިގޮތަކަށް ދައުރުކުރާ ސިގްނަލްތަކެއް ފޮނުވުމުގެ ފުރުސަތު އިތުރުކޮށްދޭ ފަދަ ބަދަލެއް ސިކުނޑީގެ ސިގްނަލްތަކަށް ގެނައުން ނުވަތަ އެސިގްނަލްތަކުގެ ސައިޒް އިތުރުކޮށް ސިގްނަލްތަކުގެ ބާރު އިތުރު ވުމުންނެވެ. އެންމެ ފުރަތަމަ މިސިގްނަލްތައް ފޮނުވަން ފެށުމުން އަންނަނީ ކުޑަބަދަލެކެވެ. އެހެންނަމަވެސް، ސިގްނަލްތައް ފޮނުވުން އިތުރުވެ، "ސިނަޕްސް" ތައް އިތުރުވާން ފަށައެވެ. ("ސިނަޕްސް" އަކީ އެއްނިއުރޯން އިން އަނެއް ނިއުރޯން އަށް ސިގްނަލް ތައް ނުވަތަ "އިމްޕަލްސް" ތައް ފޮނުވުމަށް އެހީވެދޭ ހުސްތަންކޮޅެކެވެ) ސިގްނަލްތަކުގެ މިންވަރު އިތުރުވުމުގެ ސަބަބުން ނިއުރޯންސް ތައް "އޮފިތަކެއް" ފަދައިން ގިނަވަމުން ދެއެވެ. އަހަރުމެންގެ ހަނދާނުގައި ރައްކާކުރެވޭ ތަކެއްޗަކީ އެއްގޮތަކަށް ހުންނަ ހަނދާން ތަކެއް ނޫނެވެ. ސިކުނޑިއަށް ޖަމާވާ މައުލޫމާތަކާއި އެއްވަރަށް ރައްކާކުރެވިފައިވާ މައުލޫމާތުތަށްވެސް ދާނީ "އަޕްޑޭޓް" ވަމުންނެވެ.
ދިރާސާ ކުރާ ފަރާތްތަކުން ގަބޫލް ކުރާގޮތުގައި، އަހަރެމެން ބޭނުންކުރަނީ ސިކުނޑީގެ އެކެއް އިންސައްތައާއި ދިހައެއް އިންސައްތައިގެ ދެމެދުގެ މިންވަރެކެވެ. އެހެންނަމަވެސް، ސިކުނޑީގެ ކޮންމެ ބަޔަކީވެސް، ވަކި ކަމަކަށް ހާއްސަކުރެވިފައިވަ ބައެއް ކަމުން، އަހަރުމެންނަށް ސިކުނޑީގެ އެކިއެކި ބައިތައް ދިރިއުޅުމުގެ އެކިހިސާބުތަކުގައި ބޭނުންކުރެވޭނެއެވެ. އެއްވަގުތެއްގައި ސިކުނޑީގައި ގިނަ މަސައްކަތްތަކެއް ކުރުމުން އެމީހަކީ މާވިސްނުންތޫނު މީހެއް ކަމަށް ގަބޫލް ކުރާ ބައެއްވެސް މަދެއް ނޫނެވެ. އެހެންނަމަވެސް، އެއްފަހަރާ ގިނަމަސައްކަތްތައް ކުރުމަކީ ސިކުނޑިއަށް އެންމެ ފައިދާ ހުރިގޮތެއް ނޫނެވެ. މިކަމުގެ ސަބަބުން ސިކުނޑީގެ ނާރުތަކުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. ސިކުނޑީގެ މަސައްކަތްތައް ގިނަވުމާއި، މީހާގެ ވިސްނޫންތޫނުކާއި ހުރި މާބޮޑު ގުޅުމެއް ނެތެވެ. އާދައިގެ ހިޔާލްތައް ގެންގުޅޭ މީހުންނާއި އަޅާބަލާއިރު، އުފެއްދުންތެރި ހިޔާލުތައް ގެންގުޅޭ މީހުންގެ ސިކުނޑީގެ "ވޭވްސް" ތައް މަޑުމައިތިރި ވެފައި ސިކުނޑީގައި މަސައްކަތްތައް މަދުކަން ފާހަގަ ކޮށްލެވެއެވެ. އެހެންކަމަށްވާނަމަ، މީހަކު ކަމަކަށް މޮޅުވަމުންދާވަރަކަށް، އެމީހެއްގެ ސިކުނޑީގެ މަސައްކަތްތައް މަޑުމައިތިރިވެއެވެ.


ސިކުނޑީގައި ހިނގާ އާދަޔާ ޙިލާފް އަނެއް ކަމަކީ އަހަރެމެންނަށް ފެންނަ ހުވަފެންތަކެވެ. ސައިންސްގެ ރޮނގުން ބުނާނަމަ، ހުވަފެނަކީ ނިދީގައި ނުވަތަ، މަޑު ނިންޖެއްގައި ހިނގަމުންދާ ސިކުނޑީގެ މަސައްކަތެކެވެ. އެންމެ އަސްލާ އެއްގޮތްވާހެން ހީވާފަދަ ހުވަފެންތައް ފެންނާނީ "ރެމް" ނިދީގައެވެ. ("ރެމް"  ނުވަތަ "ރެޕިޑް އައި މޫމަންޓް" އަކީ ނިދީގެ ދެވަނަ މަރުހަލާއެވެ.) ހުވަފެންތައް ފެންނަ ގަޑީގައި ސިކުނޑީގެ ހިއްސުތައް ކޮންޓްރޯލްކުރާ ބައި ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. އެހެންކަމުން، ދިރާސާކުރާފަރާތްތައް ގަބޫލް ކުރާގޮތުގައި، ހުވަފެން ފެންނަ ވަގުތަކީ "އޮފްލައިން" މޯޑްގައި، ސިކުނޑިއަށް ޖަމާވެފައިވާ މައުލޫމާތުތައް "ފައިލް ކޮށް" އެމައުލޫމާތުތައް ތަރުތީބު ކުރާ މުހިންމު ވަގުތުކޮޅެކެވެ.
މިހާހިސާބުން އުފެދިދާނެ ސުވާލަކީ އަހަރުމެންނަށް މަސްނޫއީ ސިކުނޑިއެއް އުފެއްދިދާނެތޯއެވެ؟ ސައިންސްވެރިން ވަނީ މިކަމުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން، ދިރިހުރި ސެލްތަކެއް ބޭނުން ކޮށްގެން ކަރަންޓްގެ އެހީގައި، ދަސްކުރުމުގެ ގާބިލްކަން ހުރި "ސިކުނޑި" އެއް ސައިންސްވެރިން ވަނީ އުފައްދާފައެވެ. މިގޮތުން އިންސާނާގެ ހިތުގައި ލެއްވުމަށް އުފައްދާފައިވާ ޕޭސްމޭކާރ އާއި އެއްގޮތަށް ސައިންސްވެރިން އުފައްދާފައިވާ އާލާތްތަކުން، ސިކުނޑީގެ ބައެއް މަސައްކަތްތައް ކޮށްދެއެވެ.  މިފަދަ އާލާތްތަކުގެ އެހީގައި ނާރުގެ ބައެއް މައްސަލަތަކަށް ހައްލުހޯދައިދީ މަސްނޫއީ ގުނަވަންތައް ބޭނުންކުރާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އިހްސާސްވުންތަކެއް ކުރެވޭ ފަދަ އާލާތްތައް ސައިންސް ވަނީ ގެނެސްދީފައެވެ. މިފަދަ ތަކެތި ސައިންސްވެރިން އުފައްދާފައިވީނަމަވެސް، މަސްނޫއީ ސިކުނޑިއެއް އުފެއްދިދާނެތޯ ކުރެވޭ ސުވާލާމެދު ބުނެވޭނީ، އިންސާނާގެ ސިކުނޑިއާއި ގާތްކުރާ ވަރުގެ ސިކުނޑިއެއް ސައިންސްއަކަށް ނުގެނެވޭނެއެވެ.


އިންސާނާގެ ސިކުނޑިއާއި ބެހޭ ކަންތައްތަކުގެ ތެރެއިން އެންމެ ނޭނގުމެއްގައިވާ އެއްކަމަކީ، "ކޮންޝަންސްނެސް" އެވެ. ނުވަތަ އަހަރުމެންގެ އަމިއްލަވަންތަކަމާއި، އަހަރުމެންގެ އަމިލްނަފްސަށް ހޭލުންތެރިވުމާއި، އަމިއްލަ ނަފްސް އެނގިގަތުމެވެ. މިސިފައަކީ ފިލޯސަފަރުންވެސް އެންމެ ހައިރާން ކުރުވާ އެއްސިފައެއެވެ. ސިކުނޑީގެ ދިރާސާކުރާ ފަރާތްތަކުން ދާދި ފަހުން ވަނީ "ކޮންޝަސްނެސް" އާއި ގުޅިފައިވާ ސިކުނޑީގެ ހިސާބު ހޯދާފައެވެ. އެހެންނަމަވެސް، އަހަރުމެންގެ ކޮންޓްރޯލްގައިވާ އަދި އަހަރުމެންގެ ކޮންޓްރޯލުން ބޭރުގައިވާ ސިކުނޑީގެ މަސައްކަތްތައް ސައިންވެރިންނަށް ހޯދުނު ކަމުގައި ވީނަމަވެސް، ސިކުނޑީގައި ދައުރުކުރަމުން އަންނަ ކަރަންޓް އަދި ކެމިކަލް ސިގްނަލްތަކާއި ބެހޭ ސުވާލުތަކަށް ވަނީ ޖަވާބެއް ނުލިބިފައެވެ.
-------------------

www.fanvai.info