އަދުގެ ޚާއްސަ

Print

ބަހުގެ މައިގަނޑުބައިތައް ދިރާސާކުރުމަށް ބޮޑަށް ރަނގަޅީ ކޮން ގޮތެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ފަންވަތް

 
އަންވަރު އިބްރާހީމް

1.    ތަޢާރަފު
އިންސާނުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްބަސް ދިރާސާކޮށް ބަސްބަހުގައި ހިމެނޭ މުހިންމު ބައިތަކާއި ސިފަތައް ދެނެގަތުމަކީ ވަރަށް ކުރީއްސުރެވެސް އިންސާނުން ކުރަމުން އައިސްފައިވާ ކަމެކެވެ. މިގޮތުން ބަހުގައި ހިމެނޭ މުހިންމު ބައިތަކާއި ޕްރޮޕަޓީސްތައް ދެނެގަތުމަށްޓަކައި ތަފާތު ތަހުލީލުތަކާއި ދިރާސާތައް އަންނަނީ ކުރެވެމުންނެވެ. މިފަދަ ތަހުލީލުތަކާއި ދިރާސާތަކާއި ހޯދުންތައް ހޯދާއިރު ބަހަވީ ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ދިރާސާކުރަމުންގެންދާކަން ފާހަގަކުރެވެއެވެ.


        މިގޮތުން ފާހަގަކުރެވޭ އެއްގޮތަކީ ބަހަވީ ޢިލްމުވެރިން އަމިއްލައަށް ޖުމުލަ ހަދާ އެޖުމުލަތައް ދިރާސާކުރުމެވެ. އަނެއްގޮތަކީ ކޮންވަޒޭޝަން (ދެކެވޭވާހަކަ) އެއް ދިރާސާ ކުރުމެވެ. މިދެގޮތަކީވެސް ބަހުގެ ޢިލްމުވެރިންގެ ނަޒަރުގައި ބަހުގެ މުހިންމު ބައިތަކާއި ޕްރޮޕަޓީސްތައް ދެނެގަތުމަށް ދިރާސާ ކުރެވިދާނެ ދެ ގޮތެވެ.
        މި ދިރާސާގައި ބަލައިލާނީ މިދެގޮތުންކުރެ ބަހުގެ ޕްރޮޕަޓީސްތައް ދެނެގަތުމަށް ބޮޑަށް ރަނގަޅީ ކޮންގޮތެއްތޯއާއި، ބޮޑަށް ރަނގަޅުގޮތް ރަނގަޅުވި ސަބަބުތަކާއި، ކޮންވަޒޭޝަން އެނަލިސިސް ހަދާއިރު ދިމާވާ ބައެއް ދަތިތަކާއި ބަހަވީ ޢިލްމުވެރިން ޖުމުލަ ހަދައިގެން އެނަލިސިސް ކުރާއިރު ދިމާވާ ދަތިތަކުގެ މައްޗަށެވެ. މީގެއިތުރުން މިދެންނެވި ދެ ގޮތާމެދު ވާހަކަދެއްކުމަށްފަހު އެދެގޮތުންކުރެ އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ނިންމޭނެއެވެ.

2.    ލިޓްރެޗަރރިވިއު

        އިންސާނުން ވާހަކަދައްކާ ބަސް، ދިރާސާކުރަމުން އަންނަތާ އެތައް އަހަރެއް ވެއްޖެކަމަށް ޑޭވިޑް ކްރިސްޓަލް (2003) ހާމަކުރައްވައެވެ. މިފަދަ ދިރާސާތައްކުރުމުގައި ތަފާތު ގޮތްތަކެއް ބަހަވީ ޢިލްމުވެރިން ގެންގުޅުއްވައެވެ. އެގޮތުން ބަހަވީ ޢީލްމުވެރިން ގެންގުޅުއްވި އެއްގޮތަކީ ބަހުގެ ބައިތަކާއި، ބަހާ ގުޅުންހުރިކަންކަން ދެނެގަތުމަށް ބަހުގެ ޢިލްމުވެރިން ޖުމުލަހެއްދެވުމަށްފަހު އެޖުމުލަތައް ދިރާސާ ކުރެއްވުންކަމަށް ޖޯޖްޔޫލް (1996) ހާމަކުރައްވައެވެ. ބައެއް ބަހަވީ ޢިލްމުވެރިންގެ ނަޒަރުގައި މިއީ ބަސް ދިރާސާ ކުރުމަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ޑޭވިޑްކްރިސްޓަލް (2003) ހާމަކުރައްވާފައިވަނީ ޖުމުލަހަދައިގެން ދިރާސާ ކުރިދުވަސްވަރު އޮތް އެއް ކަންބޮޑުވުމަކީ އެނަލައިޒް ކުރަން ބޭނުންވާ ކަމެއް ދެނެގަތުމަށް ލިންގުއިސްޓުން ޖުމުލަހެދުން ކަމަށެވެ.

ޖުމުލައަކީ ސިންޓެކްޓިކް ގުޅުންތަކަކުން ބަނދެވިފައިވާ އެއް ލަފުޒަށްވުރެ ގިނަ ލަފުޒު އެކުލެވޭ ގަވައިދުގެ ބައެއްކަމަށް އެޑްވާޑް ފިނެގަން (1999) ހާމަކުރައްވައެވެ. ގެރާލްޑް ނެލްސަން (2001) ހާމަކުރައްވަނީ ޖުމުލައަކީ ސިންޓެކްޓިކް ގުޅުންތަކެއް ހިމެނިފައިވާ ލަފުޒުތަކަކުން ކްލޯޒެއް ނުވަތަ ކްލޯޒްތަކެއްގެ އުފައްދާ ޔުނިޓެއްކަމަށެވެ. ބަހުގެ މައިގަނޑު ބައިތަކާއި މުހިންމު ބައިތައް ދެނެގަތުމަށް ބައެއް ލިންގްއިސްޓުން މި ޔުނިޓް ބޭނުން ކޮށްގެން ދިރާސާ ކުރެއެވެ. މިގޮތުން އަމިއްލައަށް ޖުމުލަ ހަދައިގެން ދިރާސާ ކުރާނަމަ ބަހުގެ މުހިންމު ބައިތައް ދެނެގަތުމަށް ދިމާވާ ހުރަސްތަކެއް ހުރިކަމަށް ޖޯޖް ޔޫލް (1996) ހާމަކުރައްވައެވެ. މިގޮތުން ދިމާވާ އެއްކަމަކީ ބަހުރުވައާއި ބަހުގައިވާ ރާގުތަކުން ދޭހަވާ މާނަތަކާއި މަފްހޫމުތަކަށް އަންނަ ބަދަލުތައް ޖުމުލަތަކަކުން ނުފެނުންކަމަށް އެޓްކިންސަން (1992) ހާމަކުރައްވައެވެ. މީގެއިތުރުން ވާހަކަދައްކާ މާހައުލުގެ އަޑުތައް ބަހުގެ ބައިތައް ދެނެގަތުމުގައި ބައެއް ފަހަރު މުހިންމު ރޯލެއް ކުޅޭއިރު، ބަހުގެ މާހިރުން ހައްދަވާ ޖުމުލަތަކުން އެކަން ދެނެގަތުމަކީ އުނދަގޫ ކަމެއްކަމަށް އީވިން ގޯފްމޭން (1959) ހާމަކުރައްވައެވެ.
       

ބަހަވީއިލްމުވެރިން ޖުމުލަހަދައިގެން ކުރި ދިރާސާތަކަށް މިއަދުވަނީ ބަދަލުތަކެއް އައިސްފައެވެ. ޑޭވިޑްކްރިސްޓަލް (2003) ވިދާޅުވާގޮތުގައި ބަސްދިރާސާކުރުމަށް ކުރެވޭ މަސައްކަތް ފަހުން ތަރައްގީވެގެންދިޔައީ ޑިސްކޯސްގެ ތެރެއަށެވެ. ޑިސްކޯޒްއެނަލިސިސް މައިގަނޑު ދެގޮތަކަށް ބެހިގެންދާކަމަށް ޑެވިޑްކްރިސްޓަލް (2003) ހާމަކުރައްވައެވެ. އެއީ ކޮންވަޒޭޝަން އެއް (ދެކެވޭވާހަކަ) އެނަލައިޒް ކުރުމާއި ޓެކްސްޓް (ލިޔުންތައް) އެނަލައިޒް ކުރުމެވެ.
    

މިދެގޮތުންކުރެ ފުރަތަމަ ގޮތުގައި ހިމެނޭ ކޮންވަޒޭޝަން އަކީ ބަހެއްގެ އެންމެ އަސާސީ މާހައުލުކަމަށް ކެން ހައިލޭންޑް އަދި ބްރެއިން ޕެލްޓްރިޖް (2011) ހާމަކުރައްވައެވެ. ލެވިންސަން (1983) ހާމަކުރައްވާ ގޮތުގައި ކޮންވަޒޭޝަން އަކީ ބައެއްގެ މެދުގައި ހިނގާ މުއާމަލާތެއްގެ ނަތީޖާ އެވެ. ލެޑިކޯޓް (2007) ހާމަކުރައްވާ ގޮތުގައި ކޮންވަޒޭޝަން އަކީ އިންސާނުން ވާހަކަދެއްކުމުގެ އެންމެ އާއްމު ވައްތަރެވެ. އާއްމު އުސޫލުން ކޮންމެ އިންސާނަކުވެސް ދިރިއުޅުމުގައި ކޮންވަޒޭޝަން ބޭނުންކުރެއެވެ. އެހެންކަމުން އިންސާނީ ދަރިފަސްކޮޅުގެ ދިރިއުޅުން ގުޅިގެންދަނީ އެބަޔަކު ކޮންވަޒޭޝަން ކުރިއަށް ގެންދާ ގޮތެއްގެ މައްޗަށެވެ. ކޮންވަޒޭޝަން އަކީ އެކަކު އެނެކަކުގެ ގުޅުން ދަމަހައްޓާ، އެމީހުން އިޖުތިމާޢީވެ ތަރައްގީވުން ދަމަހައްޓައިދޭ ވަޞީލަތެކެވެ. މިހާ މުހިންމު ވަޞީލަތަކަށް ކޮންވަޒޭޝަން ވާއިރު ބަސް ދިރާސާކުރުމުގައި ކޮންވަޒޭޝަން އެނަލިސިސްހެދުމަކީ ބަހުގެ ބައިތައް ދެނެގަތުމަށް ފަސޭހަވެގެންދާނެ ކަމެއްކަމަށް ބައެއް ބަހަވީ ޢިލްމުވެރިން ވިދާޅުވެއެވެ.
       

ކޮންވަޒޭޝަންއަކީ ދެފަރާތެއްގެ މެދުގައި ދެކެވޭ ވާހަކައަކަށްވުމުން އޭގެ މަގުޞަދަކަށްވަނީ ކޮންމެވެސް ކަމެއް ޙާޞިލުކުރުމެވެ. މިކަން ހާޞިލުކުރުމުގައި ޓާންރޓޭކން، ސީކްއެންސް، އަދި ގެނެވޭ ޙަރަކާތްތަކުގެ ދައުރު ވަރަށް މުހިންމުކަމަށް ޖޯޖްޔޫލް (2010) ހާމަކުރައްވައެވެ. މިދެންނެވިފަދަ ކޮންވަޒޭޝަން ބޭނުންކޮށްގެން އެނަލިސިސް ކުރުމުގެ މަސައްކަތް ފެށުނީ 1960 ގެ ފަހުންކަމަށް ޖޯޖްޔޫލް (2010) ހާމަކުރައްވައެވެ.
       

ކޮންވަޒޭޝަނަލް އެނަލިސިސް އުފެދުނީ އެތޮނޯމެތަޑޮލިކަލް ޓްރެޑިޝަން ތަރައްގީ ކުރުމުގެ ތެރޭން ކަމަށް ހެރެލްޑް ގަރފިންކަލްކަމަށް ބްރެއިން ޕެލްޓްރިޖް (2011) ހާމަކުރައްވައެވެ. މި މައިގަނޑު ޚިޔާލުތައް ފުރަތަމަ ތަޢާރަފްކުރީ ހެރެލްޑް ގަރފިންކަލް ލިޔުނު "ސްޓަޑީޒް އިން އެތޮނޯމެތަޑޮލޮޖީ" މި ފޮތުން ކަމަށް ކެން ހައިލޭންޑް އަދި ބްރެއިން ޕެލްޓްރިޖް (2011) ހާމަކުރައްވައެވެ. ނަމަވެސް ކޮންވަޒޭޝަނަލް އެނަލިސިސް ތަޢާރަފުކުރީ ސޯޝިއޮލޮޖިސްޓެއްކަމުގައިވާ ހާރވީ ސެކްސް އާއި އޭނާގެ ބައިވެރިނކަމަށް ސްޓެފެން ސީ. ލެވިންސަން (1983) ހާމަކުރައްވާފައިވެއެވެ. މި ދެންނެވި ކޮންވަޒޭޝަންގެ އެންމެ މުހިންމު އެއްބަޔަކީ ކޮންޓެކްސްޓް (ޙާލަތު) ކަމަށް ޖޯޖް ޔޫލް (1996) ހާމަކުރައްވައެވެ. ކޮންޓެކްސްޓް މުހިންމުވަނީ ކޮންޓެކްސްޓް އެނގިގެންމެނުވީ ޖުމުލައިގެ މައިގަނޑު މަޤުޞަދު ދެނެނުގަނެވޭތީކަމަށް ލެޑިކޯޓް (2007) ހާމަކުރައްވައެވެ. އެހެންކަމުން ކޮންވަޒޭޝަނެއް އެނަލައިޒް ކުރާއިރު ހާލަތު އެނގުން ވަރަށް މުހިންމުކަމަށް ގަބޫލުކުރެވެއެވެ.
       

އިސްވެދެންނެވި ދެގޮތަކީވެސް، އެނަލިސިސް ކުރުމަށް ބޭނުން ކުރާ ދެގޮތް ކަމަށްވާއިރު، މިދެގޮތުންވެސް ބަހުގެ މޭޖަރ ޕްރޮޕަޓީސްތައް (މައިގަނޑު ބައިތައް) ދެނެގަނެވެއެވެ. އެގޮތުން ބަހުގެ މައިގަނޑު ބައިތަކުގެ ގޮތުގައި އެކި ޢިލްމުވެރިން ފާހަގަ ކުރައްވާ ކަންތައްތަކުގެ ޢަދަދު ތަފާތެވެ. ނަމަވެސް ފާހަގަ ކުރައްވާފައި ހުންނަނީ އެއް ކަންތައްތަކެކެވެ. އެގޮތުން އެއިޗިސަން (2007) މައިގަނޑު 7 ކަމެއް ފާހަގަ ކުރައްވާފައިވާއިރު، ޖޯޖު ޔޫލް (2005) 9 ކަމެއް ފާހަގަ ކުރައްވައެވެ. އެކަންތައްތަކުގެ ތެރޭގައި ހިމެނެނީ ބަހުގެ އަރބިޓެރަރިނަސް އާއި، ޑްވެލިޓީއާއި، ސިސްޓެމެޓިސިޓީ/ ސެމޭންޓިސިޓީއާއި، ޑިސްކްރިޕްޓްނަސްއާއި، ޕްރޮޑަކްޓިވިޓީއާއި، ޑިސްޕްލޭސްމަންޓާއި، ކަލްޗަރަލް ޓްރާންސްމިޝަންއާއި، އިންޓަޗޭންޖިބިލިޓީގެ އިތުރުން ސްޓްރަކްޗަރ ޑިޕެންޑެންސް އެވެ. މި ޕްރޮޕަޓީސްތަކުގެ ތެރޭން ބަހުގެ މައިގަނޑު ބައިތަކާއި، ބަހާއި އިންސާނުން ގުޅިފައިވާ ގޮތާއި، ބަސް ތަރައްގީވެ ކުރިއަރަމުން އަންނަގޮތާއި، ބަހުގެ ސިފަތައް ފަދަ މުހިންމު ކަންތައްތައް ފެނިގެން ދެއެވެ. މީގެ އިތުރުން ބަހުގެ ކުދިކުދި ބައިތައްވެސް  ފެނިގެންދާކަމަށް ސްޓެފެން ސީ. ލެވިންސަން (1983) ހާމަކުރައްވައެވެ.

3.    ދިރާސާ ހެދިގޮތާއި އެނަލައިޒްކުރެވުނު ގޮތް

        މިދިރާސާއަކީ ބަހުގެ ޕްރޮޕަޓީސްތައް ދެނެގަތުމަށް ބޮޑަށް ރަނގަޅީ ކޮންވަޒޭޝަން އެނަލިސިސްތޯ؟ ނުވަތަ ލިންގްއިސްޓުން ޖުމުލަހެދުންތޯ؟ މިދެގޮތުންކުރެ ކޮންގޮތެއްތޯ ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. ދިރާސާގައި ހެކިދެއްކުމަށް ބައެއް ލިންގުއިސްޓުންގެ ނިންމުންތަކާއި އެބޭބޭފުޅުންގެ ނަޒަރިއްޔާތުތައް ހިމަނާފައިވާނެއެވެ. އޭގެ އިތުރުން އެކަން ސާބިތުކުރުމަށް ކޮންވަޒޭޝަން ހިމެނޭ ޑައިލޮގު ކޮޅުތަކެއް ބޭނުން ކުރެވިފައިވާނެއެވެ. މި ޑައިލޮގުކޮޅުތަކަކީ އަމަލީމައިދާނުގައި ހިނގާފައިވާ ކޮންވަޒޭޝަން ތަކަކުން ނަގާފައިވާ ޑައިލޮގު ކޮޅުތަކެކެވެ.
       

މި ދިރާސާކުރުމަށް އެންމެ ފުރަތަމަ ބަހުގެ ޕްރޮޕަޓީސްތައް ދެނެގަނެވުނެވެ. އެއަށްފަހު އެޕްރޮޕަޓީސްތަކުގެ ދަށުން ހިމަނާނެ ސަބް ޕްއޮންޓްތަކެއް ނޯޓްކުރެވުނެވެ. އެއަށްފަހު އެ ސަބް ޕޮއިންޓްތަކުގެ ހިމަނާބައިތަކާ ގުޅޭ ކޮންވަޒޭޝަންތައް ހިތްމައްޗަށް ގެނެސް ލިޔުމަށް ޑައިލޮގު ގޮތުގައި ލިޔެވުނެވެ. ޑިސްކަސް ކުރެވުނީ އޭގެ ފަހުންނެވެ.

4.    ޑިސްކަޝަން

          ތިރީގައި ޑިސްކަސް މިކުރެވެނީ ބަހުގެ ޕްރޮޕަޓީސްތައް ދެނެގަތުމުގައި ބޮޑަށް ރަނގަޅީ ނުވަތަ ގިނަ ބައިތައް ދެނެގަނެވޭނީ ކޮންވަޒޭޝަން އެނަލިސިސް އެއް ހަދައިގެންތޯ ނުވަތަ ލިންގްއިސްޓުން ޖުމުލަ ހަދައިގެންތޯއެވެ. މިކަން ދެނެގަތުމަށް ކުރެވޭ މަސައްކަތުގައި ތަފާތު ޢިލްމުވެރިންގެ ވާހަކަތަކަށް ބަލައި އަދި ކުރެވުނު ދިރާސާގެ ހެކިތަކަށް ބަލައި ބޮޑަށް ބުރަވެވޭ ކޮޅެއް ނިންމޭނެއެވެ.


4.1 - އަރބިއުޓެރަރިނަސް

        ޑޭވިޑް ކުރިސްޓަލް (2003) ހާމަކުރައްވާ ގޮތުގައި ބަހުގެ ޕްރޮޕަޓީސް ތަކުގެތެރޭގައި ހިމެނޭ އެއްކަމަކީ އަރބިއުޓެރަރިނަސް އެވެ. ލަފުޒާ އެ ލަފުޒުން އިޝާރާތް ކުރާ އެއްޗާ އެއްވެސް ގުޅުމެއް ނެތްއިރު އެ ދެމެދު އުފެދިފައިވާ ބާރެވެ. ބޭނުންކުރާ ލަފުޒާއި އޮބްޖެކްޓާ ދެމެދު އުފައްދައިދޭ  "ފެންނަން ނެތް" ގުޅުމެވެ. ބަހުގެ މި މުހިންމު ސިފަ ދެނެގަތުމަށް ބޮޑަށް އެހީތެރިވަނީ ބަހަވީ ޢިލްމުވެރިން ޖުމުލަ ހެދުމަށްވުރެ ކޮންވަޒޭޝަން އެނަލައިޒް ކޮށްގެންކަމަށް ގަބޫކުރެވެއެވެ. ލިންގްއިސްޓުން ޖުމުލަ ހަދާނަމަ އެޖުމުލައިގައި ބޭނުންކުރި ލަފުޒުތަކުގެ މާނަ ބަދަލުވެގެންދާގޮތް ދެނެގަތުމަށް ހުރަސްތަކެއް ދިމާވެއެވެ. ނަމަވެސް ކޮންވަޒޭޝަނެއް އެނަލައިޒް ކުރާނަމަ ލަފުޒުގެ މާނަ ބަދަލުކޮށްގެން ވާހަކަ ދައްކާނަމަ އެކަން ދެނެގަނެވޭނެއެވެ. ސަބަބެއްކަމަށް ޖޯޖު ޔޫލް (2005) ވިދާޅުވަނީ ލަފުޒާއި ޖުމުލަ ބޭނުންކުރި ޙާލަތު ކޮންވަޒޭޝަނެއް އެނަލިސިސްކުރާއިރު ބެލެވޭތީ އެވެ

.
            ކޮންވަޒޭޝަން ދިރާސާކުރުން

 

ކޮންވެޒޭޝަން: 1

ނާޝިދު: މިއަދުވެސް މީރުމީރަށް ދާންވާނެ.

އިމްރާމް: އެތަން މިހާރު އެއްގޮތަކަށްވެސް ކަމަކުނުދޭ.



     ކޮންވެޒޭޝަން:1 ގައިވާ މީރުމީރަކީ ހޮޓަލަކަށް ނިސްބަތްކޮށް ބަޔަކު ކިޔާނަމެކެވެ. އެއީ އަސްލު އެހޮޓަލުގެ ނަމެއް ނޫނެވެ. އަސްލުނަމަކީ "ހޮޓެލް މެމޯރިއަލް" އެވެ. "ހެޓެލް މެމޯރިއަލް" އޭ ބުނުމުން އެ ހޮޓާ ހިތަށް ވަންނަނީ އޭގައި އަރބިއުޓެރަރިނަސް ހިމެނޭތީއެވެ. އެނަން ދޫކޮށްލުމަށްފަހު، ހޮޓަލަށް އެހެން ނަމެއް ކީނަމަވެސް ހަމަ އެހޮޓަލުގެ ސިފަތައް ހަނދާނަށް އަންނާނެއެވެ. ހަމަ އެއުސޫލުން "ހޮޓެލް މޮމޯރިއަލް" އައްޑޫގައި ހުންނަ ހޮޓަލަކަށް ކީނަމަވެސް އެ ނަމާ އެ ހޮޓަލާ ގުޅިގެންދެއެވެ. މިކަމުން އެނގެނީ ހަގީގަތުގައި ނަމާ އެ ހޮޓަލާ ސީދާ ގުޅުމެއް ނެތްކަމެވެ. ބޭނުން ގޮތަކަށް ނަން ބަދަލުކޮށް ، ތަންތަނުގެ ސިފަތަކާ އެނަމާ ގުޅުވުމުގެ ބާރު ބަހަށް ލިބިގެންވާކަމެވެ.
 

ކޮންވަޒޭޝަން:1 ގައި މީރު މީރު ނިސްބަތްކޮށްފައިވަނީ "ހޮޓެލް މެމޯރިއަލް" އަށެވެ. އެ އޭގެ އިތުރުން "އެތަން" ނިސްބަތްކޮށްފައިވަނީވެސް ހަމަ އެ ހޮޓަލަށެވެ. އެ "އެތަން" އެ ހޮޓަލަށް ނިސްބަތްވާކަން އެނގެނީ ކުރިން ދެއްކިވާހަކައާ ގުޅުންތަކެއް ހުރުމުންނެވެ. އެހެންކަމުން މީރުމީރޭ ބުނުމުން، ވާހަކަދެއްކި ދެ މީހުންގެ ސިކުނޑިއަށް ގެނެވޭ ހޮޓާ "އެތަނޭ" ބުނުމުންވެސް ގެނެވުމަކީ ބަހުގެ އަރބިއުޓެރަރިނަސް ދެނެގަނެވޭ ކަމެކެވެ. "އެތަނޭ" އަކީ ޑިއިކްޓިކް ލަފުޒެކެވެ. އެޑްވާޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި މުއާމަލާތުކުރުމުގައި އިޝާރާތްކޮށް އެވާހަކަ ރައްދުވާ ފަރާތްދެނެގަނެވޭ ފަދަގޮތަކަށް ބޭނުންކުރެވޭ ލަފުޒުތަކަކީ ޑިއިކްޓިކް ލަފުޒުތަކެވެ. މިފަދަ ލަފުޒުތައް ތިން ބަޔަކަށް ބެހޭއިރު އެލަފުޒަކީ ޓެމްޕޯރަލް ޑިއިކްސިސްއެކެވެ. ވިކްޓޯރިޔާ ފްރޮކިންގ، ޑޭވިޑް ބްލޭއަރ، ޕީޓަރ ކޮލިންސް (1999) ވިދާޅުވަނީ ވާހަކަދައްކާ މީހާ އިޝާރާތްކުރާ ތަންތަން އަންގައި ޑިއިކްސިސްއަކީ ޓެމްޕޯރަލް ޑިއިކްސިސް ކަމަށެވެ. މިފަދަ ޑިއިކްޓިކް ލަފުޒުތަކުން ބަހުގެ އަރބިއުޓެރަރީ ދެނެގަނެވޭކަން ފާހަގަ ކުރެވެއެވެ. އެއް ނަމެއް އެތައް އެއްޗަކާ ގުޅުވުމުގެ ބާރު ބަހަށް ލިބިފައިވާކަން ކޮންވަޒޭޝަން:1 ން ސާބިތުވެއެވެ.
       

ނަމަވެސް "އެތަން" ފަދަ ޑިއިކްސިސް އިތުރުވުމަކީ ބަސް ދިރާސާ ކުރުމަށް އެޅޭ ހުރަހެއްކަމަށް ކެންހައިލޭންޑް އަދި ބްރެއިން ޕްލެޓްރިޖް (2011) ހާމަކުރައްވައެވެ. ސަބަބަކީ މިފަދަ ކޮންވަޒޭޝަންތަކުގެ "ހާލަތު" އެނގުނުނަމަވެސް ލަފުޒު ނިސްބަތްކުރާ ފަރާތް ދެނެގަތުމަށް އުނދަގޫވުމެވެ. އަމިއްލަ މާނަތަކެއް ލަފުޒުތަކަށް ލައިގެން ވާހަކަދައްކަމުން ގެންދިއުމެވެ.
       

ގަބޫލުކުރެވޭ ހަގީގަތަކީ ލިންގުއިސްޓުން ޖުމުލައެއް ހަދައިގެން މިކަން ދެނެގަންނަން އުޅެފިނަމަ ދިމާވާނެ މައްސަލަތައް މާގިނަކަމެވެ. އެއްކަމަކީ ލަފުޒުގެ އުފެއްދުންތެރިކަން ދަށްވުމެވެ. ޖުމުލައެއް ހަދައިފިނަމަ އެލަފުޒު މާނަކުރާ ގޮތް އެނގޭނީ ހަމައެކަނި އެލަފުޒު ބޭނުން ކުރާމީހާއަށެވެ. އަނެކާއަށް އޭގެ މާނަ ދެނެގަނެވޭނީ ބުނީމައެވެ. ކޮންވަޒޭޝަންގެ ތަފާތަކީ ވާހަކަދައްކާ މީހާއާއި އަޑުއަހާ ފާރާތަށް، އޭގެ މާނަ އެނގިގެން ވާހަކަދެއްކުންކަމަށް ޓޯނީ ލެޑިކޯޓް (2007) ހާމަކުރައްވައެވެ. އެހެނަކަމުން ބަހުގެ އަރބިއުޓެރަރިނަސް ބޮޑަށް ދެނެގަމެވޭނީ ކޮންވެޒޭޝަން އެނަލައިޒް ކޮށްގެންކަމަށް ގަބޫލުކުރެވެއެވެ.

4.2  ސްޓްރަކްޗަރ ޑިޕެންޑެންސް އާއި ސެމޭންޓިސިޓީ

        ބަހުގެ މައިގަނޑު ޕްރޮޕަޓީސްތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ ސްޓްރަކްޗަރ ޑިޕެންޑެންސް އާއި ސެމޭންޓިސިޓީއެވެ. ސްޓްރަކްޗަރ ޑިޕެންޑެންސްއަކީ ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބެވެ. ސެމޭންޓިސިޓީއަކީ ވަކިތަރުތީބަކުން ލަފުޒު އެތުރި މާނަތަކެއް ނުކުތުމެވެ. މިގޮތަށް މާނަ ނުކުންނައިރު ލިޔާ ޖުމުލައިގައި ލަފުޒު ތަރުތީބު ވާގޮތާއި، ކޮންވަޒޭޝަންގައި ލަފުޒު ތަރުތީބު ވާގޮތް ބައެއް ހާލަތްތަކުގައި ތަފާތުވާކަމަށް ގްރޯސްޖީން (1982) ހާމަކުރައްވައެވެ. ދިވެހި ބަހަށް ބަލާއިރުވެސް މިތަފާތު ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ.

  ކޮންވަޒޭޝަން ދިރާސާކުރުން

 

ކޮންވެޒޭޝަން: 2

ޢަލީ : ހިނގާ ގެއަށް

އަޙުމަދު: އެހާ އަވަހަށް ކީއްކުރަން



        ކޮންވަޒޭޝަން:2 ށް ވިސްނާލާއިރު، "ހިނގާ ގެއަށް" މިބުނުމުގައި އެންމެ ފުރަތަމަ އައިސްފައިވަނީ ކަމެކެވެ. ނަން އައިސްފައިވަނީ އޭގެ ފަހަތަށެވެ. ނަމަވެސް ޖުމުލައެއްގެ ގޮތަށް އެބުނުން ބަދަލުކޮށްފިނަމަ ލިޔެވޭނީ "ގެއަށް ހިނގާށެވެ." މިގޮތަށެވެ. އެހެންކަމަށްވާނަމަ އޭގެ ސިންޓެކްޓިކް ތަރުތީބު މުޅިން ބަދަލުވެއެވެ. ބަހަވީ ޢިލްމުވެރިން ޖުމުލަ ހަދައިގެން ބަސް ދިރާސާކުރާނަމަ ފެންނާނީ ބަސްބޭނުން ކުރުމުގައި ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބުކަމަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން ގްރޯސްޖީން (1982) ވިދާޅުވަނީ ޖުމުލަ ހަދައިގެން އެނަލިސިސް ކުރާނަމަ ފެންނާނީ ލިޔުމުގައި ހުންނަ ސިންޓެކްޓިކް އުސޫލުތަކެއް ކަމަށެވެ.
      

ދިވެހި ބަހުގެ ޖުމުލައިގައި ލަފުޒު އެތުރޭ ތަރުތީބަކީ ކޮބައިތޯ ބަލައިލާއިރު 6 ގޮތަކަށް ޖުމުލައިގެ އޮނިގަނޑު އެތުރިދާނެކަމަށް ގަބޫލުކުރެވެއެވެ. އެ ހަ ގޮތަށް އެތުރުމުން ޖުމުލައިގައި މާނަ ހަމަޖެހޭތޯ ބެލިދާނެއެވެ. ތާވަލު:1 ގެ ' ކޮންވަޒޭޝަން' ކޮލަމްގައި އެވަނީ ކޮންވަޒޭޝަނަކުން ނަގާފައިވާ ޖުމުލަ ތަކެކެވެ. 'ހެދިޖުމުލަ' އިގެ ކޮލަމްގައި އެވަނީ ކޮންވަޒޭޝަންގައިވާ ބުނުން ޖުމުލައަކަށް ބަދަލުކޮށްފައެވެ. ' އޮނިގަނޑު ރޭވޭ  ގޮތު' ގެ ކޮލަމްގައި ވަނީ ޖުމުލަތަކުގެ އޮނިގަނޑު ތަރުތީބުވާ ގޮތުގެ ރަމްޒުތަކެވެ. އެގޮތުން  Sއަކީ ސްބްޖެކްޓް އެވެ. ނުވަތަ ކަންކުރާއެވެ.O  އަކީ އޮބްޖެކްޓެވެ.  އެއީ ރައްދުވާ އެވެ.  V  އަކީ ވަރބެވެ. ނުވަތަ ކަމެވެ.
       

ތާވަލު: 1ށް ބަލާއިރު، 'ކޮންވަޒޭޝަންގެ' ކޮލަމްގައި ހުރި ބުނުންތަކަކީ ހަމަޖެހޭ ބުނުން ތަކެކެވެ. ބަހުގެ ގަވައިދުގެ ގޮތުން މައްސަލައެއް ދިމާވާ ބުނުންތަކެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް 'ހެދި ޖުމުލަ' ތަކުގެ ކޮލަމްގައިވާ ބައެއް ޖުމުލަތަކަކީ (ހުދުކުލައިގެ ގޮޅިތަކުގައިވާ ޖުމުލަތަކަކީ) ގަވައިދުގެ ގޮތުން ބަލާއިރު ފުރިހަމަ ޖުމުލަތަކެއް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ލިޔުމުގައި ބޭނުން ކުރާއިރު އެއިން ފުރިހަމަ މާނައެއް ނުނެރެވޭތީއެވެ. މުޙައްމަދު ޖަމީލު (1960) ވިދާޅުވެފައިވަނީ ޖުމުލަ ނިމިއްޖެ ކަމުގެ މާނަ ދޭހަކުރުމަށްޓަކައި ‹އެވެ› މި ބަސް(ލަފުޒު) އިތުރު ކުރާ ކަމަށެވެ. އެހެންކަމުން އެލަފުޒު އިތުރުކުރާއިރު، ޖުމުލައަށް ފުރިހަމަ މާނައެއް ނާންނަނަމަ އެއީ ފުރިހަމަ ޖުމުލައެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެގޮތުން ތާވަލު:1 ގެ 1 ގައިވާ "އަލީ ދޭ ގެއަށެވެ." ބުނުމުން އެ  ޖުމުލައިން ފުރިހަމަ މާނައެއް ނެރެވޭކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ހަމައެގޮތަށް ތާވަލު:1ގެ 2، 4، އަދި 5 ގައިވާ ޖުމުލަތަކުން ފުރިހަމަ މާނައެއް ނުނެރެވެއެވެ.

ތާވަލު:1 ކޮންވަޒޭޝަން އާއި  ހަދާފައިވާ ޖުމުލަ ތަކުގެ އޮނިގަނޑު ރޭވޭ ގޮތް

 

ކޮންވަޒޭޝަން

ހެދި ޖުމުލަ

އޮނި ގަނޑު ރޭވޭގޮތް

1

އަލީ ދޭ ގެއަށް

އަލީ ދޭ ގެއަށެވެ.

SVO

2

ދޭ ގެއަށް އަލީ

ދޭ ގެއަށް އަލީ އެވެ.

VOS

3

އަލީ ގެއަށްދޭ

އަލީ ގެއަށް ދެއެވެ.

SOV

4

ގެއަށްދޭ އަލީ

ގެއަށް ދޭ އަލީ އެވެ.

OVS

5

ދޭ އަލީ ގެއަށް

ދޭ އަލީ ގެއަށެވެ.

VSO

6

ގެއަށް އަލީ ދޭ

ގެއަށް އަލީ ދެއެވެ.

OSV


ނަމަވެސް ތާވަލު:1 ގެ 'ހެދިޖުމުލަ' ކޮލަމްގެ 3 އަދި 6 ގައި ރީނދޫ ކުލަ ޖައްސާފައިވާ ދެ ޖުމުލައިން ފުރިހަމަ މާނައެއް ނެރެވެއެވެ. އެއީ ފުރިހަމަ ދެ ޖުމުލަ ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން ކޮންވަޒޭޝަން ބުނުމުގައި ލަފުޒު އެތުރޭ ހުރިހާ ގޮތަކަށް ލިޔުމުގައި ބޭނުން ކުރާ ޖުމުލަތަކުގައި ލަފުޒު ނޭތުރޭކަން ތާވަލު:1 ން ހާމަވެއެވެ. ތާވަލު: 1 ން އެނގެނީ ކޮންވަޒޭޝަންގައި އޮނިގަނޑު 6 ގޮތަކަށް އެތުރޭ ކަމެވެ. ނަމަވެސް ލިޔުމުގައި އެ ބުނުމުގެ އޮނިގަނޑު އެތުރެނީ 2 ގޮތަކަށް ކަމެވެ.

 

ތާވަލު:2 ކޮންވަޒޭޝަން އާއި  ހަދާފައިވާ ޖުމުލަ ތަކުގެ އޮނިގަނޑު ރޭވޭ ގޮތް

 

ކޮންވަޒޭޝަން

ހެދި ޖުމުލަ

އޮނި ގަނޑު ރޭވޭގޮތް

1

އަލީ ދޭ ގެއަށް

އަލީ ދިޔައީ ގެއަށެވެ.

SVO

2

ދޭ ގެއަށް އަލީ

ދޭ ގެއަށް އަލީ އެވެ.

VOS

3

އަލީ ގެއަށްދޭ

އަލީ ގެއަށް ދެއެވެ.

SOV

4

ގެއަށްދޭ އަލީ

ގެއަށް ދިޔައީ އަލީ އެވެ.

OVS

5

ދޭ އަލީ ގެއަށް

ދިޔައީ އަލީ ގެއަށެވެ.

VSO

6

ގެއަށް އަލީ ދޭ

ގެއަށް އަލީ ދެއެވެ.

OSV


ތާވަލު:2 ގައި އެވަނީ ތާވަލު:1 ގައި ބޭނުންކުރި ބުނުމުގެ ބަދަލުގައި އެހެން ބުނުމެއް ނަމަވެސް ޖުމުލައިގެ އޮނިގަނޑު ރޭވޭ 6 ގޮތަށް ޖުމުލަ ހެދޭތޯ ބެލިފައެވެ. ތާވަލު: 2 ން ނޫކުލައިން ފާހަގަ ކުރެވުނީ ތާވަލު: 1 ގައި ހެދިފައިނުވާ އޮނިގަނޑުތަކަކަށް ޖުމުލަ ހެދިފައިވާ ތަނެވެ. ނަމަވެސް VOS އޮނިގަނޑަށް ޖުމުލަ ހެދިފައި ނުވާކަން ފާހަގަ ކުރެވެއެވެ.  މިކަމުން އަންގައިދެނީ ސްޓްރަކްޗަރ ޑިޕެންޑެންސްގެ ފުޅާކަން ބޮޑަށް ފެނިގެންދަނީ ކޮންވަޒޭޝަން އެނަލިސިސް ކޮށްގެން ކަމެވެ.
      

ސެމޭންޓިސިޓީއަކީ ވަކިތަރުތީބަކުން ލަފުޒު އެތުރި މާނަތަކެއް ނުކުތުންކަމަށްވާއިރު، އެ މާނަ ނުކުންނަގޮތް އެކި ހާލަތްތަކުގައި ބަދަލު އާދެއެވެ. މިބަދަލު އަންނަކަން އޮސްޓިން(1962) ތަޢާރަފުކޮށްފައިވާ ސްޕީޗްއެކްޓް ތިއަރީ ނުވަތަ ލޭންގްއޭޖް ފަންކްޝަންތަކުން ހާމަވެއެވެ. އޮސްޓިން(1962) ވިދާޅުވާ ޑައިރެކްޓިވްސްއާއި، ރެޕްރެޒެންޓޭޓިވްސް އާއި ކޮމިސިވްސްއާއި ވަރޑިކްޓިވަސް އާއި ޑިކްލަރޭޝަން، ވާހަކަ ދެއްކުމުގައި ބޭނުން ކުރާއިރު އޭގެ މާނައަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޖުމުލަތަކެއް ހަދައިގެން ދިރާސާކުރުމަކީ އުނދަގޫ ކަމެކެވެ. ސަބަބެއްކަމަށް ވިކްޓޯރިޔާ ފްރޮކިންގ، ޑޭވިޑް ބްލޭއަރ، ޕީޓަރ ކޮލިންސް (1999) ފާހަގަކުރައްވާފައިވަނީ ރާގުގެ ސަބަބުން ޖުމުލައިގެ ފަންކްޝަން ބައެއް ފަހަރު ބަދަލުވެގެންދާ ދިއުމެވެ.
       

ކޮންވަޒޭޝަން 3 ގައި "ދެން ނުކާކަން" މި ބުނުން ބުނާ ރާގުގެ ސަބަބުން އެއީ ސުވާލެއްކަމަށް ނިންމިދާނެ އެވެ. ހަމަ އެގޮތަށް އެއީ ނިންމުމެއް ކަމަށްވެސް ނިންމިދާނެއެވެ. އެބުނުމުގައި ރާގު ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

 

ކޮންވަޒޭޝަން ދިރާސާކުރުން

ކޮންވެޒޭޝަން:3

ފިރާގު: ދެން ނުކާނަން

އަންވަރު: އެއީ ކީއްވެ؟

އިމްރާން: ފިރާގަށް ލެވުނީ



ހަމައެގޮތަށް ކޮންވަޒޭޝަން 3 ގައިވާ "ފިރާގަށް ލެވުނީ"  އެބުނުން ބުނާ ރާގުގެ ސަބަބުން އެއީ ސުވާލެއް ކަމަށްވެސް ނިންމިދާނެއެވެ. އަދި ނިންމުމެއް ކަމަށްވެސް ނިންމިދާނެއެވެ. މިފަދަ ޖުމުލަތައް ބަހަވީ ޢލްމުވެރިން ހެދުމަށްފަހު، ބަހުގައި "ސުވާލު އުފެދޭގޮތް" ދިރާސާ ކުރާނަމަ ރާގުން ސުވާލު އުފައްދާ ގޮތްތައް ދެނެގަތުމަކީ އުނދަގޫކަމެކެވެ. އެހެންކަމުން ރާގަކީ ބަހުގެ އުފެއްދުންތެރިކަމާއި ބުނާ ބަހުގެ މާނައަށް ބަދަލުތަކެއް ގެނުވާ އެއްޗަކަށްވާތީވެ، ޖުމުލަތަކެއް ހަދައިގެން އެނަލިސިސް ކުރުމަށްވުރެ ބޮޑަށް ރަނގަޅީ ކޮންވެޒޭޝަން (އަޑާއި/ވީޑިއޯ) އެނަލިސިސް ކުރުމެވެ.

4.3 އިންޓަޗޭންޖިބިލިޓީ

ބަހުގެ ޕްރޮޕްޓީސްތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ ބަހުގެ އިންޓަޗޭންޖިބިލިޓީ އެވެ. ތިބާއަށް އަޑުއިވޭ ވާހަކަތައް ދެނެގަނެވި އަނެކާއަށް އެވާހަކަތައް ފޯރުކޮށްދެވުމުގެ ގާބިލުކަމެވެ. ތިބާ ދައްކާ ވާހަކަ އަނެކާއަށް ފޯރުކޮށްދެވޭ ގޮތް އެންމެ ރަނގަށް ދެނެގަނެވޭނެ އެއް ގޮތަކީ ކޮންވެޒޭޝަން އެނަލިސިސްއަކުން ކަމަށް ގަބޫލުކުރެވެއެވެ. ބަހަވީ ޢިލްމުވެރިޔާ ޖުމުލަ ހަދައިގެން އެކަން ދެނެގަތުމަކީ އުނދަގޫކަމެކެވެ. ނަމަވެސް މީހުން ދައްކާ ވާހަކައާއި އެވާހަކަ ނަގައި ގަނެވޭ ގޮތާއި އެޖުމުލައިން ދޭން ބޭނުންވާ މެސެޖް ދޭހަވި މިންވަރު ބޮޑަށް ދެނެގަނެވޭނީ މީހުންދައްކާ ވާހަކަ އަޑުއަހައިގެން ކަމަށް ގަބޫލުކުރެވެއެވެ.

 

ކޮންވަޒޭޝަން ދިރާސާކުރުން

ކޮންވެޒޭޝަން:4

ލުތޫ: ނާޝިދު އުފަންދުވަހު ސަނީ ހަދިޔާއެއް ދޭނެތަ؟

މަރީ: ސަނީ ހުރީ ނާޝިދު ދެކެ ވަރަށް ރުޅިއައިސްފައި


        ކޮންވަޒޭޝަން:4 ށް ވިސްނާއިރު، އެއީ ދެ ޖުމުލައެވެ. އެއް ޖުމުލައަކީ 1. "ނާޝިދުގެ އުފަންދުވަހު ސަނީ ހަދިޔާއެއް ދޭނެހެއްޔެވެ؟" އަނެއް ޖުމުލައަކީ 2. "ސަނީހުރީ ނާޝިދުދެކެ ވަރަށް ރުޅިއައިސްފައެވެ." މިދެޖުމުލަ ބުނުމުން މާނަ ނަގައިގެނެވޭ ގޮތާއި މި ދެ ޖުމުލަ ކޮންވެޒޭޝަންއެއްގެ ގޮތުގައި އޮންނައިރު މާނަ ނެގޭ ގޮތް ތަފާތެވެ. އެތަފާތު ގުޅިފައިވަނީ ދެ މީހުން ދެއްކި ވާހަކަތަކާއެވެ.


ކޮންވެޒޭޝަން 4ށް ބަލާއިރު އެކޮންވެޒޭޝަންގެ ޕްރޮޕޮޒިޝަނަލް މާނައައި އިމްޕްލިކޭޗަރ ތަފާތެވެ. ގްރައިސް ޕޯލް. (1967) ހާމަކުރައްވާ ގޮތުގައި އިމްޕްލައިޑް މާނައަކީ ބުނުމަކުން ނުވަތަ ޖުމުލައަކުން ދޭހަކޮށްދެން ބޭނުންވާ މާނައެވެ. ޕްރޮޕޮޒިޝަނަލް މާނައަކީ ބުނާ ބުނުމުން ފެންނަން އޮންނަ މާނައެވެ. އެހެންކަމަށް ވާނަމަ ކޮންވަޒޭޝަން:4 ގެ ޕްރޮޕޮޒިޝަނަލް މާނައަކީ ނާޝިދުދެކެ ސަނީ ރުޅިއައިސްފައި ހުރިކަމެވެ. އޭގެ އިމްޕްލައިޑް މާނައަކީ ނާޝިދުގެ އުފަންދުވަހު ސަނީ ހަދިޔާއެއް ނުދޭނެ ކަމެވެ. މިދެންނެވި މާނަ ދޭހަވަނީ ކޮންވެޒޭޝަންއެއް ކުރިއަށް ގެންދިއުމުންނެވެ. ވަކިވަކިން ޖުމުލަހަދައިގެން އެނަލިސިސްކުރާނަމަ މިކަން ދެނެގަތުމަށް އުނދަގޫވާނެއެވެ.
       

ކޮންވަޒޭޝަންގެ އަސާސީ އެއްބަޔަކީ އޭގެ ސީކުއެންސްތަކެވެ. މި ސީކްއެންސްތަކުގެ ތެރޭގައި ހިމެނޭ އެޖެންސީ ޕެއަރ އަކީ ކޮންވަޒޭޝަންގެ ވަރަށް މުހިންމު ބައެއްކަމަށް ޓޯނީ ލެޑިކޯޓް (2007) ހާމަކުރައްވައެވެ. މިފަދަ ޕެއަރތައް ކުރިއަށްދާއިރު ބައެއްފަހަރު މެކްސީމުތްކަށް ސަމާލުކަން ނުދެވޭތަން ފެނެއެވެ. މިއީ ކޮންވަޒޭޝަން އެނަލިސިސް ހަދާއިރު ދިމާވާ ވަރަށް ބޮޑު ދައްޗެކެވެ. ބޭނުންވާ ވާހަކަ ނޫން އެހެން ވާހަކަތަކެއް ދައްކާފައި ހުރުމަކީ ކުރަން އުޅޭ މަސައްކަތަށް އެޅޭ ހުރަހެކެވެ. ލިންގްއިސްޓުން ޖުމުލަ ހަދާނަމަ އެމައްސަލަ ދިމާވުން ކުޑަވާނެކަމަށް ގްރައިސް ޕޯލް (1967) ހާމަކުރައްވައެވެ.
       

ކޮންވަޒޭޝަނެއް ކުރިއަށްދާއިރު ނޮންވަރބަލް ކޮމިއުނިކޭޝަން ހިނގާކަމަށް މާކްނެޕް އަދި ޖަޑިތް ހޯލް (2007) ހާމަކުރައްވައެވެ. މިގޮތުން ނޮންވަރބަލް ކޮމިއުނިކޭޝަންގައި ހިމެނޭ ބައެއް ބައިތައްކަމަށް މާކްނެޕް އަދި ޖަޑިތް ހޯލް (2007) ފާހަގަކުރައްވާ ބައިތަކަކީ ޕޯސްޗަރ އާއި، ގެސްޗަރއާއި، މޫނުމަތީގެ ހަރަކާތާއި، ހަށީގަނޑުގެ ހަރަކާތާއި، ލޮލުގެ ހަރަކާތާއި، ބީހުމާއި ދެމީހުން ތިބި ދުރުމިނާއި އަދި ލަފުޒުތަކަށް ބާރުލާ ގޮތެވެ. މިކަންތައްތަކަކީ ޖުމުލަތަކެއް ހަދައިގެން ދެނެގަނެވޭ ކަންކަމެއް ނޫނެވެ. ސަބަބަކީ މިފަދަ ހަރަކާތްތަކުން ވަރަށް ގިނަ މެސެޖްތައް ފޯރުކޮށްދޭތީއެވެ.

 

ކޮންވަޒޭޝަން ދިރާސާކުރުން

ކޮންވެޒޭޝަން:5

ފިރާޝާ: ތީ ހާދަރީތި މަލެއް

އިނާޝާ: ވަރަށް ރީތި



        ކޮންވަޒޭޝަން:5 ގައި ފިރާޝާ ތީ ހާދަ ރީތި މަލެކޭ ބުނުމުން އޭގެ ޖަވާބުދެމުން އިނާޝާ މޫނަށް ގެންނަ ބަދަލަކާއެކު ވަރަށް ރީއްޗޭ ބުނުމުން އެ ބުނުމުގެ މާނައަށް ބަދަލު އާދެއެވެ. ހަމައެފަދައިން ފިރާޝާ ތީ ހާދަރީތި މަލެކޭ ބުނުމުން އޭގެ ޖަވާބުދެމުން ބޯ ހޫރާލިޔަސް އޭގެ މާނައަށް އަސަރުކުރެއެވެ. މިފަދަ ކަންކަން ހުންނާތީވެ، އެންޑްސަން ޕީޓަރ (2007) ހާމަކުރައްވާ ގޮތުގައި ބަސްދިރާސާ ކުރާއިރު، ނޮންވަރބްލް ކޮމިއުނިކޭޝަން ވަރަށް މުހިންމެވެ. ނަމަވެސް މިގޮތަށް ކޮންވަޒޭޝަނެއް ދިރާސާ ކުރަންޖެހުމުން ބަހުން މުޢާމަލާތު ކުރުމުގެ ބަދަލުގައި އެ ހަރަކާތްތައް ބޭނުން ކުރެވެއެވެ. އެހެންކަމުން ބައެއް ޖުމުލަ ބުރިކޮށްލުމަށްފަހު ވާހަކަ ކުރިއަށް ގެންދެއެވެ. އަދި ދެމީހުނަށް އެއް ފަހަރާ ވާހަކަދެއްކުމާއި ވާހަކަދައްކާއިރު އަމިއްލައަށް ބައެއްކަންކަން ރަނގަޅުކުރުން ފަދަ ކަންކަމުން ދިރާސާކުރުމަށް ހުރަސްއެޅޭތަން އަންނަކަމަށް ނެޕްމާރކް އަދި ހޯލްޖެޑިތް (2007) ހާމަކުރައްވައެވެ.

4.4 ކަލްޗަރަލް ޓްރާންސްމިޝަން

        ބަހުގެ ޕްރޮޕްޓީސްތަކުގެ ތެރޭގައި ހިމެނޭ އަނެއްކަމަކީ ކަލްޗަރަލް ޓްރާންސްމިޝަން އެވެ. ބަސް ބޭނުންކޮށްގެން އެބައެއްގެ ސަގާފަތާއި އާދަކާދަ އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމެވެ. ބަސްދިރާސާކުރާއިރު ބަހުގައިވާ މިސިފަ ދެނެގަނެވެނީ މީހުން ގައި ހުންނަ ސިފަތަކުންނެވެ. ވާހަކަދެއްކުމުގައި ހުންނަ އިޖްތިމާޢީ ގޮތްތަކާއި ހަމަތަކާއި އުސޫލުތަކުންނެވެ. ޖޯޖް ޔޫލް. (2000) ހާމަކުރައްވާ ގޮތުގައި ކުރެވޭ ކޮންމެ މުއާޞަލާތަކުންވެސް ސީދާ އަދި ނުސީދާ އަސަރުތަކެއް ކުރެއެވެ. މިފަދަ އުޞޫލުތައް ގުޅެނީ ވާހަކަދެއްކުމުގައި ބޭނުންކުރާ އަދަބު އިޙްތިރާމްކުރުމުގެ އުޞޫލުތަކާއެވެ. ނުވަތަ ޕޮލައިޓްނަސް ތިއަރީއާ އެވެ. ޖޯން ކަޓިން(2002) ހާމަކުރައްވާ ގޮތުގައި ޕޮލައިޓްނެސް ތިއަރީއަކީ ވާހަކަދައްކާއިރު، އެ މީހަކު ނިސްބަތްވާ މުޖުތަމަޢެއްގައި ބޭނުންކުރާ އުޞޫލުތަކަށް އިޙްތިރާމްކުރުމެވެ. އެހެންކަމަށްވާނަމަ އެކި މުޖުތަމަޢުތަކުގައި ކަންކުރާގޮތް ތަފާތުވާނެއެވެ. އެކި މުޖުތަމަޢުތަކުގެ މީހުން ޤަބޫލުކުރާ ނުވަތަ ބަލައިގަންނަ އުޞޫލުތައް ތަފާތުވާފަދައިންނެވެ.
ކޮންވަޒޭޝަން ދިރާސާކުރުން

 

ކޮންވެޒޭޝަން:6

ފާތުން: ބޮޑުކަމަކަށް ނުވަންޏާ މަށާއެކު ފާޚާނާއަށް ދެވިދާނެތަ؟

ނަސީމާ: މަށެއް ނުދާނަން



        ކޮންވަޒޭޝަން 6 ގައި ފާތުން ބުނެފައިވަނީ ބޮޑުކަމަކަށް ނުވަންޏާ އޭނާއާއެކު ފާޚާނާއަށް ދިއުމަށެވެ. އެ ބުނުމުގެ ސެމޭންޓިކް މާނައަށް ވިސްނައިފި ނަމަ، އެއީ ކޮށްފައިވާ ސުވާލެކެވެ. ބައެއްމީހުން ކަމަކަށް އެދުމުގެ ބަދަލުގައި ސުވާލުކުރާކަމަށް ޖޯޖްޔޫލް (2000) ހާމަކުރައްވައެވެ. އެފަދަ މީހުންނަކީ "ފޭސް ސޭވިންގ" ގްރޫޕްގެ މީހުން ކަންކަމަށް ޖޯޖް ޔޫލް (2000) ހާމަކުރައްވައެވެ. މިފަދަ މީހުންގެ ވާހަކަތައް މެކްސީމްތަކާ ޚިލާފު ދިގުވެގެންދާކަމަށް ޖޯ ރޮބަރޓްސް (1992) ބަޔާންކުރައްވައެވެ.
      

ނަމަވެސް ކޮންވަޒޭޝަން 6 ގައި ނަސީމާ ދީފައިވާ ޖަވާބު "މަށެއް ނުދާނަން" އިން އެނގެނީ އެ ޖަވާބުގެ ސަބަބުން އަނެއް މީހާއަށް ކުރާނެ އަސަކަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމެވެ. މި ގޮތަށް ސަމާލުކަން ނުދީ ވާހަކަދެއްކުމަކީ "ފޭސް ތްރެޓްނިންގް" ކަމަށް ޖޯޖް ޔޫލް (2000) ހާމަކުރައްވައެވެ. މިފަދަ މީހުން ވާހަކދެއްކުމުގައި އަމުރުވެރި ގޮތްތައް ބޭނުންކުރެއެވެ.
       

ވާހަކަދެއްކުމުން ފެންނަ މިފަދަ އަސަރުތައް ގުޅިފައިވަނީ އިޖްތިމާއީ ގޮތުން އެމީހަކު ނިސްބަތްވާ ޖަމާޢަތާއި، އެމީހެއްގެ މާހައުލާ ކަމަށް ބްރައުން އެންޑް ލެވިންސަން (1987) ހާމަކުރައްވައެވެ. އެހެންކަމުން ބަހުގެ ޕްރޮޕްޓީސްތަކުގެ ތެރޭގައި ހިމެނޭ ކަލްޗަރަލް ޓްރާންސްމިޝަން ދެނެގަތުމަށް ބޮޑަށް ފަސޭހަވާނީ ކޮންވަޒޭޝަން އެނަލިސިސް ހަދައިގެންކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ކޮންވަޒޭޝަން ތަކުގައި މިފަދަ ތަފާތު ގޮތްގޮތަށް ވާހަކަދައްކާފައި ހުރުމުގެ ސަބަބުން ދިރާސާ ކުރަން ހުރަސްއެޅެއެވެ. ސަބަބަކީ ވާހަކަދައްކާ އިރު ބަހުގެ ސްޓޭންޑާރޑްއެއް ކަނޑައެޅިފައި ނުވުމެވެ. އެމީހަކު ބޭނުން ވާހަކައެއް މުއާމަލާތު ކުރުމުގެ މަގުޞަތު ފުރިހަވާނަމަ ދެއްކިދާނެއެވެ. މިގޮތަށް ދައްކާއިރު ހާލަތާއި މާހައުލު ކުޅެދޭ ރޯލުގެ ސަބަބުން އެ މުވާޞަލާތު ފަސޭހަކަމާއެކު އޮޅުން ފިލާގޮތްވެއެވެ. ނަމަވެސް ފަހުން އެވާހަކަ އަޑުއަހާ މީހުންނަށް އެމުވާޞަލާތުގައި ބުނާ ވާހަކަތައް ދެނެގަންނަން ދަތިވާކަމަށް ނެޕްމާރކް އަދި ހޯލްޖެޑިތް (2007) ހާމަކުރައްވައެވެ. އެހެންކަމުން ލިންގުއިންޓުން އަމިއްލައަށް ޖުމުލަ ހެދުމަށްވުރެ ކޮންވަޒޭޝަން އެނަލިސިސް ކުރުން ގިނަ ހާލަތްތަކުގައި ރަނގަޅު ކަމަށް ގަބޫލުކުރެވެއެވެ.


5.    ނިންމުން:
    

ބަހުގެ ޕްރޮޕްޓިސްތައް ދެނެގަތުމަށް ތަފާތު  ގޮތްގޮތަށް ދިރާސާ ކުރެވެއެވެ. މިގޮތުން ބަހުގެ ޢިލްމުވެރިން އިޚްތިރުކޮށްފައިވާ އެއްގޮތަކީ ޖުމުލަހަދައިގެން ބަހުގެ ބައިތައް ދެނެގަތުމެވެ. ނަމަވެސް ޒަމާން ބަދަލުވެ ދިރާސާ ކުރެވޭ ގޮތްތަކަށް ތަފާތު ބަދަލުތަކެއް އައިސް، މިއަދު ދިރާސާކުރެވޭ އެއް ގޮތަކީ ޑިކްކޯސް އެނަލިސިސް ކުރުމެވެ. މިގޮތުން ޓެކްސްޓް އެނަލިސިސްއާއި ކޮންވަޒޭޝަން އެނަލިސިސް ފާހަގަ ކުރެވެއެވެ.
       

ބަހުގެ މުހިންމު ސިފަތަކުގެ ތެރޭގައި ހިމެނޭ އަރބިއުޓެރަރިނަސްއާއި، ސްޓްރަކްޗަރ ޑިޕެންޑެންސް އާއި ސެމޭންޓިސިޓީއާއި އިންޓަޗޭންޖިބިލިޓީއާއި ކަލްޗަރަލް ޓްރާންސްމިޝަން ދެނެގަތުމަށް ބަހަވީ ޢިލްމުވެރިން ޖުމުލުހަދައިގެން އެނަލިސްސްކުރުމުން ހޯދޭ ހޯދުންތަކަށްވުރެ މާ ފުރިހަމަ ހޯދުންތަކެއް ކޮންވަޒޭޝަންތަކުން ހޯދޭނެކަމަށް ގަބޫލުކުރެވެއެވެ. މިގޮތުން ދިރާސާއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ދިވެހި ބަހުން ކުރިއަށް ގެންދާ ކޮންވަޒޭޝަންއާއި ހަދާ ޖުމުލަތަކުގައި، ލަފުޒު ތަރުތީބު ކުރެވޭ  ގޮތްތަކުގެ ތަފާތުތަކެއް ހުންނަކަމެވެ. ދެގޮތަށް އެނަލައިޒްކުރާއިރު ސިންޓެކްޓިކް ތަފާތުތައް ހުންނައިރު ސެމޭންޓީކް ތަފާތުތަކާއި ޕްރެގްމެޓިކްސް ތަފާތުތައްވެސް ފާހަގަ ކުރެވުނެވެ. މީގެ އިތުރުން ބަހުގެ ސޯޝަލޮޖީ ދެނެގަތުމާއި، އަދި ބަހާއި އޭގެ އުފެއްދުންތެރިކަން ދެނެގަތުމުގައިވެސް ކޮންވަޒޭޝަން ވަރަށް މުހިންމު ދައުރެއް އަދާކުރިކަމަށް ގަބޫލުކުރެވުނެވެ.
       

ނަމަވެސް ވާހަކަދެއްކުމުގައި ކޮންވަޒޭޝަން ކުރިއަށްދާއިރު ބޭނުންކުރާ ހުރިހާ ހަމަތަކެއް ނުހޯދެއެވެ. ލިޔުމުގައި ސްޓޭންޑަޑެއް އެކުލެވޭއިރު ވާހަކަދެއްކުމުގައި އެސްޓޭންޑާރޑް އެކުލެވިފައި ނުވާތީ ބަސް ދިރާސާ ކުރަން އުނދަގޫވެއެވެ. މީގެ އިތުރުން އަމިއްލަ ބަސްތައް ބޭނުންކުރުމާއި، މާނަ ނޯންނަ ލަފުޒު ބޭނުން ކުރުމާއި، ޑިއިކްސިސް ބޭނުން ކުރުމާއި ޖުމުލަ ނުނިންމާ ދޫކޮށްލުން ފަދަ ކަންކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ރެޕެޓިޝަންއާއި ދެމީހުންނަށް އެއްފަހަރާ ވާހަކަދެއްކުން ފަދަ ކަންކަންވެސް ފާހަގަ ކުރެވެއެވެ. މިކަންކަމުން ބަހުގެ ޕްރޮޕްޓީސްތައް ދެނެގަތުމަށް ދަތިވެއެވެ.
       

ނަމަވެސް ބަހުގެ ޕްރޮޕަޓީސްތައް ދެނެގަނެ ދިރާސާކުރުމަށް ޖުމުލަ ހަދައިގެން އެނަލިސިސް ހެދުމަށްވުރެ ގިނަ ކަންކަން ހޯދޭނެކަމަށް ގަބޫލުކުރެވެނީ ކޮންވަޒޭޝަން އެނަލިސިސް ހަދައިގެންނެވެ. އެހެންކަމުން މިދިރާސާގެ އެހީގައި އިސްވެ ދެންނެވުނު ދެ ގޮތުންކުރެ ބަހުގެ ޕްރޮޕަޓިސްތައް ދެނެގަނެ، ދިރާސާކުރުމަށް ބޮޑަށް ރަނގަޅީ ކޮންވަޒޭޝަން އެނަލިސިސްކަމަށް ބުރަވެވެއެވެ.


-------------------

ރިފަރެންސް ލިސްޓް:


ނެޕްމާރކް އަދި ހޯލްޖެޑިތް. (2007). ނޮންވަރބަލް ކޮމިއުނިކޭޝަން އިން ހިއުމަން އިންޓެރަކްޝަން. ވެޑްދްވޯތް: ތޯމަސް

    ލާރނިންގް.
ބްރައުން އެންޑް ލެވިންސަން. (1987). ޕޮލިއިޓްނެސް. ސަމް ޔުނިވަރސަލް އިން ލޭންގުއޭޖް ޔޫސޭޖް. ކޭމްބްރިޖް:    

   ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ބެކަރ (2006). ޔޫސިންގް ކޯޕްރާ އިން ޑިސްކޯސް އެނަލިސިސް. ލަންޑަން: ކޮންޓިނިއަމް.
ކެންހައިލޭންޑް އަދި ބްރެއިން ޕްލެޓްރިޖް. (2011). ދަ ކޮންޓިނިއަމް ކޮމްޕޭނިއަން ޓު ޑިސްކޯސް އެނަލިސިސް. ނިއުޔޯކް:

    ބްރިޓިޝް ލައިބްރަރީ ކެޓޮލޯގްއިންގް އިން ޕަބްލިކޭޝަން.
އެންތޮނީ ޖޭ. ލެޑިކޯޓް. (2007). އެން އިންޓްރޮޑަކްޝަން ޓު ކޮންވަޒޭޝަން އެނަލިސިސް. ނިއުޔޯކް: މުސައްނިފް
އެންޑްސަން ޕީޓަރ. (2007). ނޮންވަރބަލް ކޮމިއުނިކޭޝަން. ފޯމް އެންޑް ފަންކްޝަން. ނިއުޔޯކް: ވޭވެލޭންޑް ޕްރެސް.
އެއިޗްސަން. (2007). ދަ އާރޓިކިއުލޭޓް މެމަލް: އެން އިންޓްރޮޑަކްޝަން ޓު ސައިކޯ ލިންގްއިސްޓިކް. ލަންޑަން:

    ރޫޓްލެޖް.
އީވިން ގޯފްމޭން. (1959). ދަ ޕްރެޒެންޓޭޝަން އޮފް ސެލްފް އިން އެވްރިޑޭ ލައިފް. ނިއުޔޯކް: އެންކަރ ބްކުސް.
އެޑްވަރޑް ފިނެގަން. (1999). ލޭންގްއޭޖް އިޓްސް ސްޓަރަކްޗަރ އެންޑް ޔޫޒް. އޮރްލެންޑޯ: ހާކޯޓްބްރޭސް ކޮލެޖް

    ޕަބްލިޝަރޒް.
އޮސްޓިން ޖޯން. (1962). ހައު ޑޫ ތިންގްސް ވިތް ވޯޑްސް. އޮކްސްފޯޑް: ކްލެރިންޑޮން.
ވިކްޓޯރިޔާ ފްރޮކިންގ، ޑޭވިޑް ބްލޭއަރ، ޕީޓަރ ކޮލިންސް. (1999). އޭން އިންޓްރޮޑަކްޝަން ޓޫ ލޭންގްއޭޖް. ސިޑްނީ:

   ހަރކޯޓް.
މާކްނެޕް އަދި ޖަޑިތް ހޯލް. (2007). ނޮންވަރބަލް ކޮމިއުނިކޭޝަން އެންޑު ހިއުމަން އިންޓަރެކްޝަން. ކެނެޑާ: ލައިން

   އުލް
މާޓިން އެޓްކިންސަން. (1992). ޗިލްޑްރެންސް ސިންޓެކްސް: އެން އިންޑްރޮޑަކްޝަން ޓު ޕްރިންސިޕަލްސް އެންޑް 

   ޕެރަމީޓްރސް ތިއަރީ. ނިއުޔޯކް: ބްލެކްވެލް ޕްބްލިޝަރ.
މުޙައްމަދު ޖަމީލު. (1960). ފިޔަވަޅު-1 ދިވެހި ބަހުގެ ގަވައިދު. ޗާޕްކުރިތަން އެނގޭކަށް ނެތް.
ގެރާލްޑް ނެލްސަން. (2001) އިންގްލިޝް އެން އެސެންޝިއަލް ގްރެމަރް. ނިއުޔޯކް: ރޫޓްލެޖް.
ގްރައިސް ޕޯލް. (1967). ސްޓަޑީ އިންދަ ވޭ އޮފް ވާޑްސް. މެސަޗުސެޓްސް: ހަވާރޑް ޔުނިވަރސިޓީ.
ގްރޯސްޖީން. (1982). ލައިފް ވިތް ޓު ލޭންގުއޭޖް. ކޭމްބްރިޖް: ހަވަރޑް ޔުނިވަރސިޓީ ޕްރެސް.
ސްޓެފްން ސީ. ލެވިންސަން. (1983). ޕްރެގްމެޓިކްސް. ނިއުޔޯކް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ޑޭވިޑްކްރިސްޓަލް. (2003). ދަ ކޭމްބްރިޖް އެންސައިކްލޮޕީޑިއާ އޮފް ލޭންގްއޭޖް. ނިއުޔޯކް: ކޭމްބްރިޖް ޔުނިވަރސިޓީ

  ޕްރެސް.
ޓޯނީ ލެޑިކޯޓް. (2007). އިންޓްރޮޑަކްޝަން ޓު ކޮންވަޒޭޝަން އެނަލިސިސް. ލަންޑަން: ކޮންޓިނިއަމް.
ޖޯޖްޔޫލް. (2010). ދަ ސްޓަޑީ އޮފް ލޭންގްއޭޖް. ޕްރެގްމެޓިކްސް. ނިއުޔޯކް: ކޭމްބްރިޖް ޔުނިވަރސިޓީ ޔުނިވަރސިޓީ ޕްރެސް.
ޖޯޖް ޔޫލް. (2005). ދަ ސްޓަޑީ އޮފް ލޭންގްއޭޖް. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ޖޯން ކަޓިން. (2002). ޕްރެގް މެޓިކްސް އެންޑް ޑިސްކޯސް. ލަންޑަން: ރޫޓްލެޖް.
ޖޯޖްޔޫލް. (1996). ޕްރެގްމެޓިކްސް. ނިއުޔޯކް: އެކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.


 

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ