އަދުގެ ޚާއްސަ

Print

"ހަވަރު" ދިވެހިދައުލަތުގެ އަސްކަރީބާރު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ފަންވަތް


ޢަލީ ނަޞީރު / މަޑަވެލި

ހަވަރު:  (1) ހަނގުބޭކަލުން ބެހިފައި އޮންނަ ހަބައި.
(2) ރަދުންގެ ލަޝްކަރު. (ދިވެހި ބަސްފޮތް. ޞ،20)

ދިވެހިރާއްޖޭގެ އެންމެ މުސްކުޅި ޚަބަރަކުން އަޅުގަނޑުމެންނަށް އެނގިފައިވާ ތާރީޚީ ޚަބަރަކީ، ހިޖްރައިން 332 ވަނަ އަހަރުގެ ތެރޭގައި އަލްމަސްއޫދީ އޭ ކިއުނު ބޮޑު ދަންނަބެއިކަލަކު އަދި ސައްޔާޙުންގެތެރެއިން އަރައިހުރި މީހަކު ހެއްދެވި "މުރޫޖުއްޒަހަބް" ވޭ ކިއުނު ތާރީޚެއްގައި، ރާއްޖޭގެ ޚަބަރުތައް ލިއުއްވާފައިވާ ގޮތްތަކެވެ.

އެކަލޭގެފާނު ލިއުއްވަފައި ވަނީ، އެ ޒަމާނުގައި ވެސް ރާއްޖޭގައި އަމިއްލަ މުސްތަޤިއްލު ރަސްކަމެއްކުރާ ކަމަށެވެ. ރަސްކަލަކީ، އަންހެން ބޭފުޅަކު ކަމަށެވެ. މިތާގެ މީހުންގެ ފައިސާއަކީ ބޮލި ކަމުގަ އެވެ. އަތުމަސައްކަތަށާއި، ފޭރާންވިއުމަށް ކުޅަދާނަ ބަޔަކުކަމުގަ އެވެ. އެތަނަކީ، ވަރަށް މާވަހަރު ލައްގާ ތަނެއް ކަމުގަ އެވެ.

ދިވެހިރާއްޖެއަށް، އިސްލާމް ދީނުގެ ވަރަށް ކުރީކޮޅުގައި ވެސް އިސްލާމުން އައިސް އުޅުނު ކަމަކު، ރަސްކަން އިސްލާމް ދީނަށް އެނބުރުނީ، ހިޖްރައިން 548 ވަނަ އަހަރުއެވެ. އެޒަމާނުއްސުރެ މިހާރަށްދާންދެން ވެސް ރާއްޖޭގެ ރަސްކަމަކީ، ވިރާޘީ، އިންތިޚާބީ ރަސްކަމެކެވެ. މިބަހީ، ރަސްދަރި ކޮޅުން ރައްޔިތުންގެ ޤަބޫލާއެކުގައި، ތަޚްތަށް އިސްކުރެވޭ ރަސްކަމެކެވެ. މިނޫން ގޮތަކަށް އިސްވި ރަސްކަލުން އިސްލާމްދީނަށް ރަސްކަން އެނބުރުމަށްފަހަށް، މިހާތަނަށް އިސްވި 90 (ނުވަދިހަ) އެތައް ރަސްކަލުންގެ ތެރޭގައި، ދިހަ ވަރަކަށް ރަސްކަލުން ވެސް ނުތިއްބަވާނެތެވެ. ރަސްކަން ހިންގެވުމުގެ މުޅި ބާރު އޮންނަނީ، ރަސްކަލަކަށެވެ. އެކަމާއިއެކު، ރަސްގެފާނުން، ވެރިކަންއޮންނަނީ، އެތައް ބަޔަކަށް ބައްސަވައި، ވެރިން ލައްވައި، އެމީސްމީހުންނާ ޙަވާލުކުރައްވައިފަ އެވެ. ރަސްގެފާނާއި ދާދި ގާތް ޢިއްޒަތް ދެއްވައި، ގާތްކުރައްވައިފައި ރަސްގެފާނަށް ހުރިހައި ކަމެއްގައި ނަސޭޙަތްޕުޅު އެރުވުމަށާ، ރަސްގެފާނަށް ޖެހިވަޑައިގަންތް ކޮންމެ ބުރަކަމެއްގައި ބައިވެރިވާ 10 ބެއިކަލުންގެ މަޖްލިސެއް އޮވެއެވެ. މި މަޖްލިސްގެ ބެއިކަލުން ގިނަފަހަރަށް ފެންނަނީ، ރަސްގެފާނުގެ ގާތް ބެއިފުޅުންކަމުގައި ވަނިކޮށެވެ.

ކިލެގެބޭކަލުން:

1 ފާށަނާކިލެގެ،        2 ރަންނަބަނޑޭރިކިލެގެ،        3 ދޮށިމޭނާކިލެގެ،        4 މާފަތްކިލެގެ،
5 ފާމުލަދޭރިކިލެގެ،        6 ދަހަރަދަ ކިލެގެ،          7 އޮޅިގިނައިކިލެގެ،        8 ކައުޅަންނާކިލެގެ،
9 ކުޑަރަންނަބަނޑޭރިކިލެގެ،    10 ކުޑަދޮށިމޭނާކިލެގެ، މިއެވެ. ރަސްގެފާނަކީވެސް އިހުމީހުންގެ ގޮތުގައި، ކިލެގެ އެކެވެ. އެއީ ރަސްކިލެގެ އެވެ. މިހެންވީމާ، މިމަޖިލިސް ފުރިހަމަ ވަނީ 11 ކިލެގެ ބޭކަލުން ތިއްބެވުމުން ނެވެ. އަދި އަންހެން 3 ކިލަގެ ތިއްބަވަ އެވެ. އެއީ: 1 ރަނިކިލެގެ، 2 މާވާކިލެގެ، 3 ކަނބާދި ކިލެގެ، މި އެވެ.

ރާއްޖޭގެ ޢާދަކާދައިގެ ކަންކަމުގައްޔާއި، ރަސްކަމުގެ ޢިއްޒަތުގެ ކަންކަމުގައި މިތިން  (އަންހެން)  ކިލަގެ ކިބައިން ލަފާ
ހޯއްވަތެވެ. ޢިއްޒަތުގެ ބައެއްބައެއް ކަންކަމުގައި މިތިން ކިލަގެއަށް ބޭނުން ކުރައްވަތެވެ. ރަނި ކިލަގެ އަކީ ރަސްކިލަގެ އަނބި ކަނބަލުން ނެވެ. މާވާކިލަގެކަން ލިބެނީ، މައިކަނބަލަކަށެވެ. ކަނބާދިކިލަގެކަން ލިބެނީ، ރަސްކަލަގެ ނުވަތަ ރަނިކިލަގެ ދައިތާ ނުވަތަ ކޮއްކޯފުޅަށެވެ. ކުރީގައި ނަންގަތް 10 ކިލަގެ އެއްނަމުން އަނެއްނަމަށް އެއްދަރަޖައިން، އަނެއްދަރަޖައަށް ބަދަލު ކުރެއްވި ފައި ވަނިކޮށްފެނެ އެވެ. ވަރަށްމަދު ޒަމާނެއްގައި މެނުވީ، ހުރިހައި ކިލަގެ ހަމަޔަކަށް ނުތިއްބަވަތެވެ. މިނަންގަތް ކިލަގެ ބޭކަލުންގެ މަޝްވަރާޔާއެކު، ރަސްގެފާނު ހިންގަވާ ވެރިކަން އޮންނަނީ، ފަސްބަޔަށްބައްސަވައި ފަސްވަޒީރުންނާ ޙަވާލުކު ރައްވާފައިކަމަށް ފެނެ އެވެ. މި 5 ވަޒީރުންނަށް އެންމެ އިހުގެ ލިޔުން ލިޔުމުގައި "ފަންސަފުރަދާނަ" (ނުވަތަ ފަސްފުރަދާނަ) މިނަމުން ނަން ކިއިފައިވެ އެވެ. އެއީ 1 ފަނޑިޔާރު  2 ހަދެއިގިރި 3 މާފަތް 4 ފާމުލަދޭރި 5 ދަހަރަދަ މިއެވެ. "ފުރަދާނަ" މިއީ މުސްކުޅި ސާންސިކިރިތު ނުވަތަ ސިންގަޅަ ބަހެއްކަމުގައި ހީވެ އެވެ. ފަހަކަށްއައިސް ޢަރަބިބަހުގެ ވަޒީރުންގެ ލަފުޒް އިސްތިޢުމާލު ވެވޭން ފަށައިގެން ހަވަރު ހެއްދެވުމަށްފަހު އޭގެތެރެއަށް އިސްކުރެއްވި 3 ބޮޑުބޭކަލުންނަށް ވަޒީރުން، އަނެއް 3 ބޭކަލުންނަށް ފުރަދާނަ ކިޔާން ފަށައިފޫ އެވެ. އެހެންނާ މިތާގެގޮތުގައި އެބޭކަލުންނަކީ ބޮޑުފުރަދާނަ ނުވަތަ މުޤައްދިމު ބޭކަލުންނެވެ. އެއީ 1 ދޮށިނާ 2 ހަކުރާ 3 ވެލާނާމިއެވެ.

ހަވަރު ހެއްދެވުމުގެ ކުރީގައި ވެރިކަން ބެހެވިފައި އޮތްގޮތާމެދު ފެންނަނީ؛

1 ފަނޑިޔާރު: އެއީ، މިޒަމާނުގެ ގޮތުގައި ވަޒީރުލްޙައްޤާނިއްޔާއެވެ، ކިޔޭ ވަޒީރުކަމުގެ ވެރިޔާ ކަމަށްވެ، މިބޭކަލަކުގެ ނާއިބަކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެއެވެ. ރާއްޖޭގެ މީސްތަކުންގެ މެދުގައި ޚުޞޫމާތު އިންޞާފުކުރައްވައި އެމައްޗަށް ފަތް ލިޔުއްވައި ހައްދަވަނީ، މިބެއިކަލަކުގެ މަޖްލިސުގެ ފަރާތުން ނެވެ. ރާއްޖޭގެ ރަށްރަށުގައި ހިނގާ އަރައިރުންތައް ޞުލްޙަކުރުވައި، އިންޞާފު ކުރައްވައި ޢަދާލަތު ޤައިމުކުރެއްވެނީ، މި ބެއިކަލަކުގެ މަޖްލިސުގެ ފަރާތުން ނެވެ. މާއިއްސުރެ ލިޔެވެމުންއަންނަ ނާއިބު ފަތުގެ ޢިބާރާތްތަކުން މި ގޮތް އެނގެ އެވެ.

2 ހަދެއިގިރި: (ހޯމް މިނިސްޓަރ) އެއީ، ރައްޔިތުންގެ މެދުގައި ހިނގާ ހުރިހައި ކަމެއްގެ ބެލެނިވެރިކަން އޮވެގެން، ރައްޔިތުންނާއި، ރަސް ކިލެގެއާއި، ދެމެދުގައި ހުންނަވާ ވަޒީރުން ކަމުގައި ފެނެ އެވެ. ވަރަށް ގިނަ ފަހަރަށް މި ނަން ކިޔާ ވަޒީރުން ބޮޑުބަނޑޭރިކަން، ބައެއް ފަހަރަށް މާބަނޑޭރިކަން އޮވެ އެވެ. ރާއްޖޭގެ ތެރެއަށް ރަސްގެފާނުންގެ ފަރާތްޕުޅުން ހިނގާ ގިނަ ފަތްތޫރަތައް ހިނގަނީ، މި ވަޒީރު މެދުވެރިވެގެންނެވެ. ކާރުދަވެރިކަމުގެ ފަތްކޮޅުހިނގަނީ، ބޮޑުބަނޑޭރި ބެއިކަލަކު މެދުވެރި ވެގެންނެވެ. ކަންގަތިކޮލީގެ މީހުންނާއި، ރަސްކިލެގެ އާއި، ދެމެދުގެ ވާސިޠާއަކީ ވެސް މިވަޒީރެވެ. މިޒަމާނުގެ ގޮތުގައި ވަޒީރުއްދާޚިލިއްޔާ އެވެ، ކިޔޭ ވަޒީރުކަމާއި، މިވަޒީރުގެ ކަންތައް ވަރަށް ގާތެވެ. ކަންގަތިކޮލި، މިއީ ރާއްޖޭގެ ކޮންމެ އަތޮޅަކުން، ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް، ރަސްގެފާނުން ލައްވާ ކޮލި ތަކެކެވެ. މިބައިމީހުންނަކަށް ދަވްލަތުގެ ފަރާތުން މުސާރައެއް ނުހުރެ އެވެ. މަބައި މީހުން ހަނދޭގިރިއަކުގެ ވާސިޠާއިން ރަސްކަމުގެ ތެރޭގައި ހިނގާ ކޮންމެ ކަމަކާއި، ރަސްގެފާނުންގެ އަރިހުގައި ބަސް ދަންނަވައި ލަފާ ދަންނަވައި ހަދަތެވެ.

(ކަންގަތިކޮލި) މި ކޮލިތަކަކީ:

01 ރަންނާ،    02 ފެންނާ،    03 ކާންނާ،    40 ދާންނާ،    50 މޭނާ،    06 ގަދަހަމާދި،
07 ހިރިހަމައިދި، 08 މާރާދަ،    09 ކުޑަބަނޑޭރި،    10 ވަތަބަނޑޭރި،    11 އަރުވާކަހާ،    12 ފަޑިއަތް،
13 ދޮއްތަޑަފި، މި އެވެ.

ކޮންމެ އަހަރަކު އުތުރު ނަކަތުގައި، ކަންގަތިކޮލީގެމީހުން މާލެއައިސް ހަދޭގިރިއަކާއި ވާހަކަދައްކައި، އެ އަހަރަށް ބައިތިލް މާލުގައި، ކަންތައް ހިނގިގޮތް ބަލައި، ބޭރުން އަންނާންހުރި ނުރައްކައުތަކާއިމެދުގައި، ރައްޔިތުން ކަންތައް ކުރާންވީ ގޮތަކާއި، އުޅޭންވީ ގޮތްތައް ހޯދައި އުޅޭކަމަށް ބުނާތީ އިވެ އެވެ.


ޢަސްކަރުވެރީންނަކީ: 1 މާފަތް، 2 ފާމުލަދޭރި، 3 ދަހަރަދަ މިއެވެ. މި 3 ބެއިކަލުންނަކީ، ހަވަރުހެއްދެވުމުގެ ކުރީގައިއޮތް ޢަސްކަރުގެ ވެރީންނެވެ. މުޅިޢަސްކަރުގެ ވެރިކަން މި 3 ބެއި ކަލުންގެ މަތީން ދޮށިމޭނާކިލެގެ ބެއިކަލަކަށް އޮންނަކަމަށް ފެނެ އެވެ. މާފަތް ބެއިކަލަކީ، ދަވްލަތުގެ މަސައްކަތްތަކުގެ ވެރިޔާކަމަށް ފާމުލަދޭރި ބެއިކަލަކީ، ދީވާސްގެ ވެރިޔާ ކަމަށް އިބްނި ބަޠޫޠާ ބުނުއްވަ އެވެ.

އައްސުލްޠާނުލްޣާޒީ މުޙަންމަދުލްއުތައިމީ، މިރަދުންގެ ޒަމާނުން ފެށިގެން އައިސް ދެއްވަދޫ ރަސްގެފާނުގެ ޒަމާނާއި މި ދެމެދުގައި، ހަވަރުގެ ކަންތަކާއި، ވަރުހަނގުންގެ ކަންތައް އިންތިޒާމުވެ، ދޮށިމޭނާ، ހަކުރާ، ވެލާނާ، މި 3 ބެއިކަލުން ތިއްބަވާން ފެއްޓުމަށްފަހު، ދޮށިމޭނާ ބެއިކަލަކީ، ވަޒީރުލްޢަސްކަރިއްޔާ ކަމުގައްޔާއި، ހަކުރާ ބެއިކަލަކީ، ވަޒީރުލްއަޝްޣާލު ކަމުގައްޔާއި، ވެލާނާ ބެއި ކަލަކީ، ވަޒީރުލްޚާރިޖިއްޔާ ކަމުގައިވާކަމަށް ފެނެ އެވެ. އިހު ތިއްބެވި މާފަތް، ފާމުލަދޭރި، ދަހަރާ މި 3 ބެއިކަލުންނަކީ ވެސް ހަވަރުގެ ހަ ބައިކުޅަ އެއްބައިގެ ވެރީން ކަމުގައި ވެއްޖެ އެވެ. މިގޮތުން ވެރިކަން އިހުގައި 5 ބަޔަކަށް ބެހިފައި އޮތްކަމަށް ފެނިއްޖެ އެވެ. އެއިގެ އިތުރަށް ބޮޑުބަނޑޭރި ބެއިކަލަކު އަބަދަށްވެސް ހުންނަވަތް މެ އެވެ. އިހުބުނި ފަދައިން ގިނަފަހަރަށް އެކަން އޮންނަނީ، ހަދެއިގިރި ބެއިކަލަކަށެވެ. ބޮޑުބަނޑޭރި ބެއިކަލަކީ، މި ޒަމާނުގޮތުގައި ވިއްޔާ ވަޒީރުލްމާލިއްޔާ ކަމުގައި ފެނެ އެވެ. ދަވްލަތަށް ލިބޭ ހުރިހައި ތަކެއްޗެއް ބެލެހެއްޓުމާއި، އެއިން ހޭދަކުރެއްވެވުންދަނީ، އެ ބެއިކަލަކުގެ މައްޗަށެވެ.

އަތޮޅު އަތޮޅުން މީހުންގެ ކިބައިން ވާރު ނެގުމާއި، ގޮއި، ވަރުވާ ފަޅުރަށްތަކުގެވެރިކަން އޮންނަނީ، އެބެއިކަލަކަށެވެ. ވާރުނަގާން ފޮނުވާ މީހުންނަށް ކިޔެނީ "ކާރުދަ" ވެރީން ނެވެ. މިހާރު އަތޮޅުވެރިކަމޭ ކިޔަނީ، އެމީހުންނަށެވެ. އެމީހުންނަށް ދެއްވޭ ފަތްކޮޅުން، އެމީހުން ކުރާންވީކަންތައް ރީތިކޮށް އޮޅުންފިލާން ހުންނާނެ އެވެ. އެ ފަތްކޮޅު ދެއްވަނީވެސް "ޚާއްޞަ" ރަދުންގެ އަރިއަހުން ނެވެ.

2 މާބަނޑޭރި: މިއީ ދަވްލަތުގެ ޚާއްޞަ ޚަޒާނާ ކަމުގައި ފެނެ އެވެ. އިހުގައި ކަން ހިނގަމުން އައި ގޮތުން މި ޒަމާނުގައި މިކިޔޭ، ބުރައި (ޕްރައިމް) މިނިސްޓަރަކު ވަކީން ހުންނަވާކަމަކަށް ނުފެނެ އެވެ. ހަދޭގިރިއަކަށްވުރެ ބޮޑު، (އެހެން) ވަޒީރަކު ނުފެނެ އެވެ. ބައެއް ފަހަރަށް ވެލާނާ ކަމާއި، ޝާހުބަންދަރުކަމާއި ވަކީންވެސް އޮއްވައި ނުފެނެ އެވެ. އަމީރުލްބަޙްރަކީ، ޝާހްބަންދަރުގެ އަމުރުދަށުން ރަށްތައް ހިންގަވާ ބެއިކަލެކެވެ. ގިނަފަހަރަށް ޝާހްބަންދަރުކަން އޮންނަނީ، ވެލާނާ ބެއިކަލަކަށް މެ އެވެ.

ހަނގުރާމައިގެ ވަގުތުގައި އަމީރުލްބަޙުރަކުގެ އަމުރު ހިންގަވަނީ، ރަސްގެފާނެވެ. އެކަހަލަ ވަގުތުގައި އަމީރުލްބަޙްރަކު، ވެލާ ބެއިކަލަކާ ވާހަކަ ދައްކައި ވެސް ނުވެޔޭ ބުނާތީ އިވެ އެވެ. އެއީ ވެލާނާ ކަމަކީ، ބޭރުމީހުންނާ މާބޮޑަށް ބެހެވޭ، ރައްޓެހިކަން އޮންނަ ބެއިކަލަކު ކަމުން، އެއިން ނުރައްކަލެއް ލިބިދާނޭކަމަށް، ކަންހިންގަވާ ގޮތްކަމަށް ބުނެވެ އެވެ. އަދި ހަނގުރާމައިގެ ވަގުތުގައި، ރަސްގެފާނުން އަރިހުގައި، އަމުރު ހިންގެވުމަށް ހުންނަވާނީ، ހަކުރާ ބެއިކަލަކު ކަމަށް ވެސް ބުނެވެ އެވެ. ދޮށިމޭނާ ބެއިކަލަކު، ރަސްގެފާނުންގެ އަރިއަހަށް އައިސްގެން ވެސް ނުވާނޭ ކަމަށް ބުނެވެ އެވެ.

ރާއްޖޭގެ ރަސްކަމުގެ ކަންހިންގާ ވަޒީރުންނަކީ، ރައްޔިތުން އިންތިޚާބުކުރާ ބަޔަކުކަމަކަށް ނުފެނެ އެވެ. އެކަމަކު އެމީހުން ހިންގާ ހުރިހާ ކަމެއްމެ ހިންގަވަނީ، ރަސްގެފާނުގެ މަޖިލިސަށް ހުށަހަޅާ ޙާލުގަ އެވެ. ލިޔެގެން ދަންނަވަނީއެއް ނޫނެވެ. ހަމައެކަނި ދުލުން ދަންނަވަނީ އެވެ. މި ރަސްކަމާޖެހޭދެން ފަނޑިޔާރުގެއިން މަހެއްގެ ހުޅެވި ހަންދަކާ މެދުގައި، ޝަރީޢަތްވެ ހަނދު ލެއްވި އަސް ދަންނަވާންވަނީ، ރަސްގެފާނުގެ އަރިހުގަ އެވެ. ކިތައްމެ ފަހަރު އަޅުގަނޑު ވެސް އެވާހަކަ ދަންނަވާން ދިޔައީ މެވެ. ބޮޑު ބަނޑޭރިއަކު ކުރައްވާ ޚަރަދާއި، ބޮޑުބަނޑޭރި ގެއަށް އެއްވާ ތަކެއްޗެއްގެ ޙިސާބު ވެސް ރަސްގެފާނުގެ އަރިއަހަށް ހުށަހަޅައި އުޅެ ތެވެ. މިދެންނެވިދިޔަ ވާހަކައިން ފެންނަނީ، މިޒަމާނުގައި މިކިޔާގޮތްމަތީން މިރާއްޖޭގެ ރަސްކަމުގެ ތެރޭގައި ހަތް ވަޒީރުންގެމައްޗަށް ބެހެވިގެން ކަންތައް ހިނގާ ކަމަށެވެ. އެ ވަޒީރުންނަކީ: 1 ފަނޑިޔާރު، 2 ހަދެއިގިރި، 3 ދޮށިމޭނާ، 4 ވެލާނާ، 5 ހަކުރާ، 6 ބޮޑުބަނޑޭރި، 7 މާބަނޑޭރި މި އެވެ. މިއިން ކޮންމެ ބެއިކަލަކަށްމެ، ބައިތިލްމާލުގެ މުދަލުގެތެރެއިން ވަކިކުރައްވައިފައިވާ ވަކިން ޢައްޔަންވެގެންވާ ތަކެއްޗެއް ދެއްވައިފައިވާކަމަށް ފެނެއެވެ.

-------------------

(ނުނިމޭ)

 

 

 

އިދާރާ

އެނގޭތަ؟

ވާހަކަ