އަދުގެ ޚާއްސަ

Print

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖައްސާނީ ކިހިނެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ފަންވަތް

 

 

 

އަޙްމަދު ޢަބްދުއްރަޙްމާނު


ދިވެހިބަހަކީ އަސަރުގަދަބަހެކެވެ. ފަށުއިބަހެކެވެ. ދިވެހިން ވާހަކަދައްކައި ލިޔެ ކިޔައި ހަދަނީ ދިވެހިބަހުންނެވެ. ކާބަފައިން ވާރުތަކޮށްދިން ބަހަކީވެސް ދިވެހި ބަހެވެ. ދިވެހިން ބުނަން ބޭނުންވާ ކޮންމެ ވާހަކައެއް ބުނަމުން ގެންދަނީ ދިވެހިބަހުންނެވެ. އެހެންނަމަވެސް، މިއަދު މިފެންނަނީ ދިވެހިބަހާމެދު ފަރުވާކުޑަކުރާތަނެވެ. އަޅައި ނުލެވޭތަނެވެ. ބަހުގެ ޤަދަރު ކުޑަ ކުރެވޭތަނެވެ. އެކިއެކި ބޭފުޅުންގެ އަރިއަހުގައެވެ.

ސަރުކާރާއި ވިޔަފާރިވެރިންގެ ގާތުގައެވެ. މުޅި މުޖުތަމަޢުގައެވެ. ޚާއްޞަކޮށް ދަރިވަރުންގެ ހިތްތަކުގައެވެ. އެހެންކަމުން، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށްލޯބި ޖައްސާނީ ކިހިނެއްތޯ ބަލައިލުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ.
       

ޝައްކެއްނެތެވެ. ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއްސުމަށްޓަކައި އެންމެފުރަތަމަ ކުރާން ޖެހޭ އެއްކަމަކީ ގޭތެރޭގެ ވެށި އެއީ، ދިވެހިބަހާ ރައްޓެހި ވެށްޓަކަށް ހެދުމެވެ.  މިކަން ކުރެވޭނީ އެ ކުދިންގެ ޅަފަތުގައި ދިވެހިބަހުން ދަރިފުޅަށް ވާހަކަދައްކަން ދަސްކޮށްދީގެންނެވެ. ކާ އެއްޗެއްސަށް ކިޔާ ނަންތަކާއި ކުޅޭ އެއްޗެއްސަށް ކިޔާ ނަންތައް ބޭނުންކުރުމުގައިވެސް، ދިވެހިބަހުން އެ އެއްޗެއްސަށް ކިޔާ ނަންތައް ދަސްކޮށްދީގެންނެވެ. "ޑެޑީ" ކިޔުމުގެ ބަދަލުގައި ބައްޕަ ކިޔަން ދަސްކޮށްދެވިގެންނެވެ. ކުރުކޮށް ދަންނަވާނަމަ، މުޢާމަލާތްކުރުމުގައި ދިވެހިބަހަށް އިސްކަމެއް ދީގެންނެވެ. އެހެންކަމުން، މިފަދަ އެކިއެކި ކަންކަމުގެ ތެރެއިން، ގޭތެރޭގެ ވެށްޓަކީ ދަރިވަރުންގެ ދިވެހިބަހަށް ލޯބި ޖައްސައިދޭ ތަނަކަށް ހެދިދާނެއެވެ.
       

ޅަފަތުގެ ތަޢުލީމު ދިވެހިބަހުން ދިނުމަކީ، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއްސުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އެއީ، ކޮންމެކަމެއްވެސް ޅަފަތުގައި ފެށުމަކީ އެކަމެއް ދާއިމީ ގޮތެއްގައި އެމީހެއްގެ ކިބައިގައި ހަރުލުމަށް ލިބޭ ބާރަކަށް ވެއެވެ. ހަމައެހެންމެ، ޅަފަތުގައި މާދަރީބަހުން އުނގަންނައި ދިނުމަކީވެސް ކުދިންނަށް ދަސްކުރުމަށް ފަސޭހަ ވެގެންދާނެ ކަމެކެވެ. އޭޝިޔާގެ އަދީބުންގެ ތެރެއިން އެންމެ ފުރަތަމަ ނޯބަލް ޞުލްޙައިގެ އިނާމު ޙާޞިލްކުރެއްވި އަދީބު ކަމުގައިވާ، ރަބިންދްރަނާތު ޓޭގޯރގެ ޢިބާރާތެއްގައި ބަޔާންވެގެންވާގޮތުގައި ޢިލްމީ މާއްދާތައް ރަނގަޅީ ތިމާގެ މާދަރީ ބަހުން ކިޔަވައިދިނުމެވެ. އެހެނީ، ތިމާގެ އަމިއްލަ ބަހުގެ ޤަވާއިދުތައް ރަނގަޅަށް ފަހުމުނުވާ މީހަކަށް ބޭރުގެ ބަހެއްގެ ހަމަތައް ފަހުމުވުމުގައި ހުރަސްތަކެއް ކުރިމަތިވާނެއެވެ. އެހެންވީމާ، ޅަފަތުގައި ދެވޭ ތަޢުލީމު ދިވެހިބަހުން ދިނުމަކީ ދަރިވަރުން ދިވެހިބަހަށް ލޯބި ޖެއްސުމަށް ކުރެވިދާނެކަމެކެވެ.
         

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި، އުމުރުފުރައާގުޅޭ ފޮތްތައް، ސުކޫލާއި ގޭތެރެއިން ފަސޭހަކަމާއެކު ލިބެން ހުރުމަކީ ބޭނުންތެރި ކަމެކެވެ. އޭގެތެރޭގައި ތަސްވީރު ވާހަކަ ފޮތްތަކާއި ޅެން ފޮތްތަކެވެ. ކުޅިވަރާއި މުނިފޫހި ފިލުވުގެ ވާހަކަތައް ހިމެނޭ މަޖައްލާތަކެވެ. އެކިއެކި ނޫސްތަކެވެ. މި އެންމެހައި ލިޔުންތައް ކިޔުމަށް ފުރުޞަތު ލިބި އޭގެ ބޭނުން ހެޔޮގޮތުގައި އެ ކުދިން ހިފައިފިނަމަ، ދަރިވަރުން ބަހަށް އަހުލުވެރިވާނެއެވެ. ބަސްކޮށާރު މުއްސަނދިވެގެންދާނެއެވެ. ފޮތްތެރި ކުދިންނަށް  ވެގެންދާނެއެވެ. އެހެންކަމުން މިކަމަކީ، ދަރިވަރުން ދިވެހިބަހަށް ލޯބި ޖެއްސުމަށް ކުރެވިދާނެ ކަމެކެވެ.
       

 މާދަރީބަހަކީ ދިވެހިބަސްކަމަށް، ދަރިވަރުންނަށް ވިސްނައިދިނުމަކީ، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް ކުރެވޭނެކަމެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާރ ޑރ. ޙަސަން ޙަމީދު ލިޔުއްވައިފައިވާ ލިޔުއްވުމެއްގައިވެއެވެ. "ކުޑަކުއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުގަދަކުރުވާ ބާރަކީ މާދަރީ ބަހެވެ. މާދަރީ ބަސް މާދަރީ ބަހަކަށް ވަނީ (އެއީ) މަންމަގެ ބަހަށް ވާތީކީ ނޫނެވެ. މަންމަ ފަދައިން، ދަރިއެއްގެ ވިސްނުމާއި ޝުޢޫރުތައް ބައްޓަންކުރާ އެންމެ މުހިންމު ވާސިޠާއަށް އެ (ބަސް) ވާތީއެވެ. އެ ކުދީންނަށް ދޭހަވާ އެއްޗަކާއި، ދޭ އިޖާބައާއި އީޖާދީ ޙަރަކާތްތަކާއި ވިސްނުމާއި، ކަންކަން ތަޙުލީލުކުރުން އެންމެ މަތީ ފެންވަރަކަށް ތަރައްޤީކުރެވެނީ މާދަރީ ބަހުންނެވެ." ވީމާ، އެންމެ އެދެވޭ ގޮތަކީ ކިޔަވައިދިނުމުގެ ހުރިހައި ފިޔަވައްސެއްގައި ބޭނުންކުރާ ބަހަކީ މާދަރީ ބަހަށް ހެދުމެވެ. އެހެންކަމުން، މާދަރީބަހަކީ ދިވެހިބަސްކަމަށް، ދަރިވަރުންނަށް ވިސްނައިދިނުމަކީ، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖައްސައިދެވޭނެކަމެކެވެ.
         

ދަރިވަރުން ޝައުޤުވެރިވާ ގޮތަށް، މުދައްރިސުން ދިވެހިގަޑި  ނަންގަވައިދެއްވުމަކީވެސް ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. އެއީ ޝައުޤުވެރިކަމާއެކު ބަސް ދަސްކުރުމަކީ އެބަހެއް އަވަހަށް ދަސްވެ އެބަހަކަށް ލޯބި އިތުރުވާ ކަމެކެވެ. އެހެންކަމުން، ބަސްކިޔަވައިދެއްވާ މުދައްރިސުން މިކަމަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. އެއީ، ބަސްކިޔަވައިދެއްވާ ގޮތަކުން ބަހާމެދު ދަރިވަރުން ފޫހިވުމަކީ އެކަށީގެންވާކަމެކެވެ. ވީމާ، ބަސްކިޔަވައި ދެއްވާ މުދައްރިސުން، ޒަމާނީ އާލާތް ބޭނުންކުރައްވައި ދަރިވަރުންގެ ޝައުޤު ހިފެހެއްޓޭނެގޮތަކަށް ފިލާވަޅުތައް ރާވައި ހުށަހެޅުއްވުމަކީ މުހިއްމު ކަމެކެވެ.
       

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި މުޤައްރަރުގައި މިހާރަށްވުރެބޮޑަށް ބަހުގެބައިތަކާއި، ދިވެހިގަޑީގެ ޢަދަދު އިތުރުކުރަންޖެއެވެ. އެއީ، ފަށާ ތަޢުލީމާއި މެދު މަދަރުސީ ކުލާސްތަކުގައެވެ. ޚާއްޞަކޮށް ޘާނަވީއާއި މަތީ ޘާނަވީ ކުލާސްތަކުގައެވެ. މިހާރު މަތީ ޘާނަވީގައި ދިވެހިބަސް އޮންނަނީ ނަމަކަށެވެ. ބަހުގައި ހިމެނޭ ދެކެވޭ ވާހަކައާއި، ތަފާތު ތަމްސީލުތަކާއި، ވާހަކަދެއްކުންތެރިކަމާއި، ޅެމާއި ޅެންވެރިކަންމަތިން ވަނީ ހަނދާން ނެތިފައެވެ. ވުމާއެކު، ދަރިވަރުން ދިވެހިބަހަށް ލޯބި ޖެއްސޭނީ އިނގިރޭސި މާއްދާތަކަށް ވުރެ ދިވެހިމާއްދާތަކުގެ ގަޑި އިތުރުކޮށްގެންނެވެ. އަދިހަމައެންމެ މުޤައްރަރު އިސްލާޙުކޮށްގެނެވެ.
       

ސުކޫލުތަކުގައި ހިންގާ އަދަބީ ޙަރަކާތްތައް އިތުރުކުރުމަކީ ދަރިވަރުން ދިވެހިބަހަށް ލޯބިޖެއްސުމަށް ކުރެވޭނެ ކަމެކެވެ. އަދަބީ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންނަށް ބަހުގެ ތަފާތު އެކިއެކި ބައިތައް ދަސްވެގެންދެއެވެ. މަޒުމޫނުލިޔާށާއި ވާހަކަ ލިޔާށެވެ. އަދި ވާހަކަ ކިޔާށެވެ. ހަމައެއާއެކު ޅެންކިޔާށާއި ޅެން ހަދާށެވެ. ތަމްސީލު ލިޔާށާއި ކުޅޭށެވެ. ވާހަކަދެއްކުމާއި ބަހުޘްކުރުމެވެ. މިހެންގޮސް ބަހަވީ ކިތަންމެކަމެއް އަދަބީ ހަރަކާތްތަކުން ދަރިވަރުންނަށް ދަސްވެގެންދެއެވެ. އެހެންކަމުން، ސުކޫލުތަކުގައި އަދަބީ ޙަރަކާތްތައް އިތުރު ކުރުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި ކުރެވިދާނެ ކަމެކެވެ.
       

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި ހުރިހައި މުއައްސަސާ ތަކަކަށްވެސް ވަރަށް މުހިއްމު ދައުރެއް އަދާކުރެވިދާނެއެވެ. މިގޮތުން، އެ މުއައްސަސާތަކަށް ނަގާ މުއައްޒިފުންނަކީ ދިވެހިބަހުން ވަކިވަރެއްގެ ފާހެއް އޮންނަ މީހަކަށް ހެދިދާނެއެވެ. އަދި ބަސްދީގަތުން ދިވެހިބަހުން ބޭއްވިދާނެއެވެ. ހަމަ މިއާއެކު މުއައްސަސާތަކުން ލިޔާ ލިޔުންތަކަކީ ދިވެހިބަހުން ލިޔާ ލިޔުންތަކަށް ހެދިދާނެއެވެ. އަދި ޢިބާރާތްކުރުމުގެ މައްސަލަތަކުންނާއި ބަހުގެ ކުށުން ސަލާމަތް ކުރެވިފައިވާ ލިޔުންތަކަކަށް އެ ލިޔުންތައް ހެދުމަކީވެސް ބޭނުންތެރި ކަމެކެވެ. ވުމާއެކު ހުރިހައި މުއައްސަސާތަކުންވެސް ބަހަށް ސަމާލުކަން ދެއްވުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް ކުރެވޭނެކަމެކެވެ.   
         

ވިޔަފާރިވެރިންގެ ދީލަތި އެހީތަކަކީވެސް ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް ހުޅުވާލެވިދާނެ ދޮރެކެވެ. ސުކޫލުތަކުގައި ބާއްވާ އެކިއެކި އަދަބީ މުބާރާތްތަކަށް ވިޔަފާރިވެރިންނަށް އަގުހުރި އިނާމުތައް ހުށަހެޅިދާނެއެވެ. އެކަމުގެ ސަބަބުން ވާދަވެރި ރޫޙެއްގައި ދިވެހިބަސް ކުރިއެރިވުމަށް ދަރިވަރުން މަސައްކަތް ކުރަމުން ގެންދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ދަރިވަރުން ބަހަށް މޮޅުވުމެވެ. ބަހަށް ހިތްޖެހުމެވެ. ދިވެހިބަހާމެދު ލޯބި އުފެދުމެވެ. އަދި މީގެއިތުރުން ދަރިވަރުންގެ ބަހަވީ ދަތުރުތައް ސްޕޮންސާ ކުރުމަކީވެސް ވިޔަފާރިވެރިންނަށް ކޮށްދެވިދާނެ ކަމެކެވެ. މިކަންކަމުގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެހި ޝައުޤު އިތުރުވެގެންދާނެއެވެ.
       

ދިވެހިބަހަކީ މުއްސަނދި ބަހެއްކަން ދަރިވަރުންނަށް އަންގައިދިނުމަކީ، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް ކުރެވޭނެ ކަމެކެވެ. މިހެނީ، ބުނަން ބޭނުންވާ ކޮންމެ ވާހަކައެއްވެސް ދިވެހިބަހުން ބުނެވޭކަން ދަރިވަރުންނަށް އެނގިފައި އޮތުމަކީ ދަރިވަރުން ބަހާމެދު ގާތްކަމެއް އުފެދޭނެކަމެކެވެ. އަދި  ދިވެހި ކަނޑުތަކާއި ފަރުތަކާއި، އަދި މިނޫނަސް ދިވެހި މާޙައުލުގައި ހުންނަ ކޮންމެ އެއްޗަކަށް ކިޔާ ނަން ދިވެހިބަހުގައި ވާކަން ދަރިވަރުންނަށް އަންގައިދެވިދާނެއެވެ. މިގޮތުން، ދިވެހިރުކުގެ މޭވާގެ އެކި މަރުޙަލާތަކުގައި އެކިނަންތައް ކިޔާކަން ބުނެދެވިދާނެއެވެ. އަދި މިނޫނަސް އެކިގޮތްގޮތުން، ދިވެހިބަހަކީ މުއްސަނދި ބަހެއްކަން ދަރިވަރުންނަށް އަންގައިދިނުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް ކުރެވޭނެ ވަރަށް މުހިއްމު ކަމެކެވެ.
       

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް މިޒަމާނުގައި ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ޓެކުނޮލޮޖީ ބޭނުންކޮށްގެން ސުކޫލުތަކުގައި ކިޔަވައި ދިނުމެވެ. އޭގެތެރޭގައި މަލްޓިމީޑިޔާއާއި ކޮމްޕިޔުޓަރު ހިމެނެއެވެ. އަދި މިނޫނަސް އިލެކްޓްރޯނިކު ތަފާތު އެތައް އެއްޗެއްސެއް މިޒަމާނުގައި އުނގަންނައިދިނުމަށް ބޭނުން ކުރެވިދާނެއެވެ. މިކަމަކީ ދަރިވަރުން ބަސްކިޔެވުމަށް ޝައުޤުވެރިވާނެ ކަމެކެވެ. އަދި ބަސްކިޔަވާހިތުން ކިޔަވާނެ ކަމެކެވެ. ބަހަށް ލޯބި އިތުރުވާނެ ކަމެކެވެ. އެހެންކަމުން، ކިޔަވައިދިނުމުގައި ޓެކުނޮލޮޖީގެ ބޭނުން ކުރުމަކީ ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށް ކުރެވޭނެ ވަރަށް ބޭނުންތެރި ކަމެކެވެ.
       

ޓެކުނޮލޮޖީއާ ރައްޓެހި އެއްޗަކަށް ދިވެހިބަސް ހެދުމަކީވެސް ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި އިތުރުވުމަށް މަގުފަހިވެގެން ދާނެކަމެކެވެ. ދަރިވަރުން މުއާސަލާތުކުރުމަށް މިޒަމާނުގައި ބޭނުންކުރާ ފޯނާއި އައިޕެޑްފަދަ އިލެކްޓްރޯނިކް އެކިއެކި އާލާތްތަކީ ދިވެހިބަހުން ބޭނުންކުރެވޭ އެއްޗެއްސަށްވާނަމަ ދަރިވަރުންނަށް އުނގެނެން ފަސޭހަވާނެއެވެ. މިގޮތުން، މޯބައިލު ފޯނުން ފޮނުވާ މެސެޖާއި، ކުޑަކުދިން ކުޅޭ ގޭމާއި  ކާޓޫނަކީ ދިވެހިބަހާ ރަޙުމަތްތެރި އެއްޗަކަށް ވާނަމަ މިކަމަކީވެސް ދަރިވަރުން ދިވެހިބަސްދެކެ ލޯބިވާނެކަމެކެވެ. ބަހަށް ޤަދަރުކުރާނެކަމެކެވެ. އެހެންވީމާ ޓެކުނޮލޮޖީ އާއި ރައްޓެހި އެއްޗަކަށް ބަސް ހެދިއްޖެނަމަ، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި އިތުރުވެގެން ދިޔުމަށް މަގުފަހިވާނެއެވެ.
       

ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި އައު ލަފުޒު އުފެއްދުމަކީ ކުރެވިދާނެ ކަމެކެވެ. މިގޮތުން، އަލަށް ދަރިވަރުންނާ ހަމައަށް އަންނަ އެއްޗެއްސަށް ކިޔާނެ، ދިވެހި އަޑުތަކާ ގުޅޭ ނަންތައް އުފަންކުރުމަކީ ބަސް މުއްސަނދިވުމުގެ އިތުރުން ދަރިވަރުން ބަހަށް ސަމާލުކަން ދޭނެ ކަމެކެވެ. އަދި މީގެއިތުރުން،  ދަރިވަރުންގެ ހިތްތަކުގައި ބަހާމެދު ޔަޤީންކަން އިތުރުވެގެން ދާނެކަމެކެވެ. އަދި އެކި ކަންކަމާއި އެކި ޙާލަތްތަކާ ގުޅޭގޮތުން މުޢާމަލާތްކުރަން ޖެހިއްޖެ ހިނދެއްގައި އެކަމަށް ފަސް ނުޖެހި ކުރިއަށް ދިޔުމަށް ލިބޭ ހިތްވަރަކަށްވެސް މިކަން ވެގެން ދާނެއެވެ. ތިމާގހަމަމިއާއެ އަމިއްލަ ބަހަކީ ފުދުންތެރި، ބޭނުން ޝުޢޫރެއް ހާމަކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަހެއްކަން އެނގި އެކަމުގެ ފަޚުރު އިހްސާސްކުރެވުމުގެ ބާރަކަށް ވެގެން ދާނެއެވެ. ވީމާ، ބަހުގެ އައު ލަފުޒުތައް އުފެއްދުމަކީ ކުދިން ބަހަށް ލޯބިޖެއްސުމަށްޓަކައި ކުރެވިދާނެ ވަރަށް ފައިދާހުރި ކަމެކެވެ.
       

އިސްވެބަޔާން ކުރި ފަދައިން ދިވެހިބަހަށް ދަރިވަރުން ލޯބި ޖެއްސުމަށްޓަކައި ގޭތެރޭގެ ވެށި ދިވެހިބަހުގެ ވެށްޓަކަށް ހަދަންޖެހެއެވެ. ހަމަ މިއާއެކު ޅަފަތުގެ ތަޢުލީމު ދިވެހިބަހުން ދޭންޖެހެއެވެ. އަދި ދަރިވަރުންގެ  އުމުރުފުރައާގުޅޭ ފޮތްތައް، ސުކޫލާއި ގޭތެރެއިން ފަސޭހަކަމާއެކު ލިބެން ހުންނަންޖެހެއެވެ. މާދަރީބަހަކީ ދިވެހިބަސްކަމަށް، ދަރިވަރުންނަށް ވިސްނައިދޭންޖެހެއެވެ. ދަރިވަރުން ޝައުޤުވެރިވާ ގޮތަށް، މުދައްރިސުން ދިވެހިގަޑި  ނަންގަވައިދެއްވަންޖެހެއެވެ. މުޤައްރަރުގައި މިހާރަށްވުރެބޮޑަށް ބަހުގެބައިތަކާއި، ދިވެހިގަޑީގެ ޢަދަދު އިތުރުކުރަންޖެއެވެ. ސުކޫލުތަކުގައި ހިންގާ އަދަބީ ޙަރަކާތްތައް އިތުރުކުރަންޖެހެއެވެ. ވިޔަފާރިވެރިންގެ ދީލަތި އެހީތައް އިތުރު ކުރަންޖެހެއެވެ. ދިވެހިބަހަކީ މުއްސަނދި ބަހެއްކަން ދަރިވަރުންނަށް އަންގައިދޭންޖެހެއެވެ. ޓެކުނޮލޮޖީ ބޭނުންކޮށްގެން ސުކޫލުތަކުގައި ކިޔަވައި ދޭންޖެހެއެވެ. ޓެކުނޮލޮޖީއާ ރައްޓެހި އެއްޗަކަށް ދިވެހިބަސް ހަދައިދެންޖެހެއެވެ.  އައު ލަފުޒު އުފެއްދުމަކީވެސް ދަރިވަރުން ދިވެހިބަހަށް ލޯބިޖެއްސުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ. އެހެންކަމުން އަޅުގަނޑު ދަންނަވާނީ  މިކަންތައް ދަރިވަރުންނަށްޓަކައި ކޮށްދެވޭކަމަށްވާނަމަ ޝައްކެއްނެތި ދަރިވަރުންދިވެހިބަހަށް ލޯބި ޖެއްސޭނެއެވެ.
                                  -----------------------

 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ