އަދުގެ ޚާއްސަ

Print

ގުރައިދޫ ބޮޑުގެ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

 

 

މަޑަވެލީ ޢަލީ ނަޞީރު

ޖުޒާމްބައްޔަކީ، ސަލާމްލެއްވި ނޫޙުގެފާނުގެ ޒަމާނުގައިވެސް ފާހަގަކުރެވިފައިވާ ބައްޔެއްކަމަށް ބުނެވެ އެވެ. އަދި އޭގެ ފަހުން ބަނީއިސްރާއީލުންގެ ދުވަސްވަރުގައިވެސް އެބަލި ވަނީ ފާހަގަކުރެވިފަ އެވެ. އެ ބަލީގެ ފަރުވާ އީޖާދުކުރެވުނު ތާރީޚާ ހަމަޔަށްވެސް، ބަލިޖެހޭ މީހުންނާއިމެދު ޢަމަލުކުރެވެނީ، ވަރަށްވެސް ތަފާތު ގޮތަކަށެވެ. އެގޮތުން ބަލިޖެހޭ މީހުން ލާންޖެހެނީ، ވަކިވައްތަރެގެ ހެދުމެވެ. އަދި ފައްޓާއެއްވެސް އަޅަން ޖެހެ އެވެ.

ބޭސްފަރުވާގެ ޒަމާން ފެށުމާއި ހަމަޔަށްވެސް އެމީހުން ޢަމަލުކުރުމަށް ހަމަޖެހިފައި އޮންނަ އުޞޫލެއް އޮވެ އެވެ. އެ އުޞޫލު ބުނާގޮތުން، މަގުމަތީގައި އެމީހުން ހިނގަން ޖެހެނީ، ދެއްސަޅަށް ފަހިކޮށް، މަގުގެ އެއްފަރާތުންނެވެ.
ޖުޒާމްބަލީގެ މީހުން އެކަހެރި ކުރި، އެމެރިކާގެ ހަވާއީ ސްޓޭޓްގެ "މޮލަކައި" ސަރަހައްދަށް އޭރު ކިޔާ ނަމަކީ "ދިރިތިބީންގެ ޤަބްރުސްތާން" އެވެ. ބޭސްފަރުވާގެ ފެށުންކަމަށްވާ "އަލްޕޯލިން" ޓެސްޓް ކުރުމަށް ބޭނުންކުރީ މިދެންނެވި އެކަހެރިކުރި މީހުންނެވެ. ޖުޒާމްބަލީގެ ޖަރާސީމު ހޯދީ ގެހާރޑް އަމަރ ހެންސަން އެވެ. ސަލްފޯން ޑްރަގް އީޖާދުކުރީ، އެމެރިކާގެ ކާރވިލާ ރިސާރޗް ސެންޓަރުންނެވެ.
ދިވެހިރާއްޖޭގައި ޖުޒާމްބަލި ފެތުރުނީ، މީލާދީން 1779 ވަނަ އަހަރު ހުވަދު އަތޮޅަށް އުރުނު ނަވަކުން އައި (ޖުޒާމްބަލި ޖެހިފައި ހުރި) މީހެއްގެ ފަރާތުންކަމަށް ބުނެވެ ނެވެ. އެގޮތުން ފުރަތަމަ ހުވަދު އަތޮޅާއި އަދި އޭގެފަހުން ރާއްޖޭގެ ކަންކޮޅުތަކުގައި އެބަލި ފެތުރެން ފެށުމާއި ގުޅިގެން ދިވެހިސަރުކާރުން އެޅުއްވި ފިޔަވަޅަކީ، ބަލިޖެހޭ މީހުން (އެމީހުން ދިރިއުޅޭ ރަށްރަށުގައި) މީހުން ދިރިނޫޅޭ ސަރަޙައްދުތަކުގައި ނުވަތަ ވަލުތެރޭގައި އެކަހެރި ކުރުމެވެ. ހޯދުން ތަކުން ދައްކާގޮތުން އެކަމުގެ ޢަމަލީ މަސައްކަތް ފެށުނީ 1930 ގެ އަހަރު ތަކުގަ އެވެ. މިދެންނެވި ސަޙައްދުތަކަށް ޚާއްޞަ ނަމެއް ކިޔާފައިނުވިކަމަށްވިއަސް ފައިލޭރިއާ ނުވަތަ ފައިފަލަބަލި ޖެހޭ މީހުން އެކަހެރިކުރި ސަރަޙައްދުތަކަށް "ބަރާސީލް" އެވެ، ކިޔާފައިވެ އެވެ. އެމީހުން އެކަހެރިކުރީވެސް މީހުންނާއި ދުރު ހިސާބުގައި ނުވަތަ ރަށްރަށުގެ އެއްކޮޅެއްގަ އެވެ.
ޖުޒާމްބަލި ޖެހޭ މީހުން، ފަޅުރަށްރަށުގައި އެކަހެރިކުރުމުގެ ޤާނޫނު ތަޞްދީޤު ކުރެއްވުމުގެ ކުރިން ހުވަދު އަތޮޅުގައި ތިބި ބަލިމީހުންގެ ތެރެއިން އަންހެނުން، އެއަތޮޅު ހަވޮޑިގަލާގައި، ފިރިހެނުން ހުނަދޫގައި އެކަހެރި ކުރުމުގެ ޢަމަލީ މަސައްކަތް ފެށިފައި ވަނީ 1935 ހާ ތަނުގަ އެވެ. ފުރަތަމަ އެކަހެރި ކުރެއްވީ، މިދެންނެވި ދެރަށުގައި ކަމަށް ވިއަސް އޭގެފަހުން ހަވޮޑިގަލާގައި ތިބި އަންހެނުން، ހުނަދުއަށް އަދި ހުނަދޫގައި ތިބި ފިރިހެނުން، ހަވޮއްޑާއަށް ވަނީ، ބަދަލު ކުރައްވާފަ އެވެ.
މާލެއަތޮޅު ވިލިގިނލިވަރާއި، ބިޔައިދޫގައި އެކަހެރިކުރައްވާފައި ތިބި ޖުޒާމްބަލީގެ ބަލިމީހުންގެ ޙާލު ބެއްލެވު މަށްޓަކައި، "އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާކިލެގެފާނު" އެ ދެރަށަށް ވަޑައިގަތީ 14 ޖުލައި 1953 ގައެވެ.
ހުވަދު އަތޮޅުން 4 ރަށެއް ފާހަގަކޮށް (ޖުޒާމްބަލި ޖެހިފައި ތިބި މީހުން ދަރަޖަކޮށް) މުޅިރާއްޖޭގައި އެބަލި ޖެހިފައި ތިބި މީހުން އެ 4 ރަށުގައި އެކަހެރި ކުރުމުގެ ޤާނޫނު ތަޞްދީޤް ކުރެއްވީ 23 ޖުލައި 1938 (19 ޖުމާދަލްއޫލާ 1352ހ.) ގަ އެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރައްވާފައެއް ނުވެ އެވެ.
ތާރީޚެއް އެނގެން ނެތްކަމަށްވިއަސް، މާލެއަތޮޅު ކަނޑުމާފުއްޓާއި، އަސްދުވާއި، ވިލިގިނލިވަރާއި، އަދި ބިޔައިދޫގައިވެސް ބަލިމީހުން އެކަހެރިކުރެއްވި އެވެ. އައްޑުއަތޮޅާއި، ފުވައްމުލަކާއި، ހުވަދުއަތޮޅުގެ މީހުން އެކަހެރި ކުރެއްވީ ހުވަދުއަތޮޅުގެ ދެރަށެއްގައެވެ. މެދުއަތޮޅުތަކާއި، އުތުރުގެ އަތޮޅުތަކުގެ މީހުން (މާލެ އާއި ކަރި ފަޅުރަށްރަށް ފިޔަވައި) އެނޫން ހިސާބެއްގެ ފަޅުރަށްރަށުގައި އެކަހެރި ކުރެއްވި ކަމެއް އެނގޭކަށް ނެތެވެ.
ހުވަދުއަތޮޅު ހަވޮއްޑާއި، ހަވޮޑިގަލާގައި ތިބި ބަލިމީހުން (ބޭސްފަރުވާ ކުރެއްވުމަށްޓަކައި) ވިލިގިނލިވަރާއި، ބިޔައިދުއަށް ބަދަލުކުރެއްވީ 01 ޖަނަވަރީ 1964 ގައެވެ. ޖުޒާމްބަލި ޖެހިފައިތިބި މީހުންނަށް ބޭސްފަރުވާކޮށް، އެބަލި ރާއްޖެއިން ނައްތާލުމުގެ ޢަމަލީ މަސައްކަތް ސަރުކާރުން ފެއްޓެވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި، ބަލިޖެހިފައި އެންމެން ވިލިގިނލިވަރާއި، ބިޔައިދުވަށް ގެނެސްގެންނެވެ. ވިލިގިނލިވަރުގައި ތިބީ (އ) ބިޔައިދޫގައި ތިބީ (ފ) ނެވެ.
ވުޒާރަތުއްޞިއްޙާއިން ނެރުއްވާފައިވާ ނަންބަރ 62/26 އިޢުލާނުން އެނގޭގޮތުގައި ބޭސްފަރުވާއަށްފަހު، ވިލިގިނލިވަރާއި ބިޔާދޫން ދޫކުރި ފުރަތަމަ 5 މީހުން ދޫކޮށްލައްވާފައި ވަނީ 16 ޑިސެމްބަރ 1962 ގައެވެ. އެއީ ބޭސްފަރުވާގެ ޅަފަތުގެ ދުވަސްވަރެވެ. އެ ދެ ރަށުގައި ތިބި ބަލިމީހުން ދޫކޮށް މުޅިން ނިމުނީ 17 ޖުލައި 1977 ގައެވެ.
ޖުޒާމްބައްޔަށް ބޭސްފަރުވާކުރުމަށް ފުރަތަމަ ބޭނުންކުރީ ޝޫލްމޫގްރާއިން ތެޔޮހާނައި، އެތެލުން އިންޖެކްޝަން ކޮށްގެން ނެވެ. އޭގެފަހުން އެބައްޔަށް ފަރުވާކުރުމަށްޓަކައި ޑައިމިނޯ ޑައިފެނީލް ސަލްފޯން ނުވަތަ "ސަލްފޯން ޑްރަގް" އުފެއްދީ 1950 ގައެވެ. އެ ފަރުވާ ރާއްޖޭގައި ފެއްޓެވީ (އޭގެ 11 އަހަރު ފަހުން) 1961 ގައެވެ.

ގިނަބޭސް އެއްކޮށްގެންކުރާ ފަރުވާ (މަލްޓިޑަރަގް ތެރަޕީ) މޯލްޓާ އައިލެންޑްގައި 1970 ވަނަ އަހަރު ތަޢާރަފްކޮށް، އެބޭހުން ޖުޒާމްބައްޔަށް ފަރުވާކުރުމަށް ޑަބްލިޔޯ.އެޗް.އޯ އިން ލަފާދެއްވީ 1981 ގައެވެ. ރާއްޖޭގައި އެފަރުވާ ފެށްޓީ (އޭގެ 2 އަހަރު ފަހުން) 1983 ގައެވެ. (ކުރުމުއްދަތަކަށް ފަރުވާކޮށްގެން ބަލިފަސޭހަކުރުމަށް މިހާރު ބޭނުންކުރާ ފަރުވާއަކީ އެއީ އެވެ.)

ގުރައިދޫ "ބޮޑުގެ" މިނަމުން މަޝްހޫރުވެފައިވާ އެގެއަކީ މާލެއަތޮޅު ގުރައިދޫގައި 1975 ވަނަ އަހަރު ދަނޑިފަނުން ޢިމާރާތް ކުރެއްވި ގެއެކެވެ. 28 ފެބްރުއަރީ 1976 (27ޞަފަރު 1396ހ.) ހޮނިހިރު ދުވަހު "ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް" (ފ.ބ.ވ.އ) މިނަމުގައި، ޚިދުމަތް ފޯރުކޮށްދެއްވަން ފެއްޓެވި، އެ އޮފީސް، ރަސްމީގޮތުން ހުޅުވީ 6 ޖޫން 1976 (8 ޖުމާދައްޘާނީ 1396ހ.) އާދީއްތަ ދުވަހު އެވެ. ފަޤީރުންބަލަހައްޓާ ވެރިޔާގެ އޮފީހުން ސިކުނޑީގެ ބަލިމީހުންނަށް (މަރުކަޒީ އުޞޫލުން) އެހީތެރިކަން ފޯރުކޮށްދެއްވަން ފެށްޓެވީ 21 މެއި 1979 ގައެވެ.
ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީހަކީ، ޖުޒާމްބަލިޖެހުމުގެ ސަބަބުން އަތްފައިގެ ބައެއް ގުނަވަންތައް އެމީހުންނާއި ވަކިވުމުގެ ސަބަބުން "ޟަރޫރީ ކަންކަން" ފުއްދުމަށް ނުކުޅެދުންތެރިވި، މީހުންނަށް ކެއިންބުއިމާއި، ހިޔާވަހިކަން ފޯރުކޮށްދެއްވުމަށްޓަކައި ސަރުކާރުން ޢިމާރާތްކުރެއްވި އޮފީހެކެވެ. (އެއީ އޮފީހަކާއި 2 ގެއާއި ބަދިގެ އެކެވެ.) އެބިމުގެ ނުވަތަ އެކޮށީގެ ބޮޑުމިނަކީ 103964 އަކަފޫޓެވެ. އެތަނުގެ އިންވަކިކޮށް، އިންފާރު ރޭނީ 1990 ވަނަ އަހަރު އެވެ.
ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް ނާޞިރުގެ ބެއްލެވުމުގެދަށުން ޤާއިމުކުރެއްވި އެއޮފީސް އެންމެ ފުރަތަމަ ހިނގަމުންދިޔައީ، އެމަނިކުފާނުގެ އޮފީހުގެ ބެލެނިވެރިކަމުގެ ދަށުގައެވެ.
ޖުޒާމްބަލި ޖެހުމުގެ ސަބަބުން ނުކުޅެދުންތެރިވި މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދެއްވުމަށްޓަކައި ދިވެހި ސަރުކާރުން ޤާއިމުކުރެއްވި، އެ އޮފީހުން އެންމެ ފުރަތަމަ ޚިދުމަތް ފޯރުކޮށްދެއްވި މީހުންގެ ޒަމާން މާޒީވެ، އެތަނުގެ ޙާލަތާއި، ޚިދުމަތާއި އަދި ނަންވެސް މިހާރު މިވަނީ، ބަދަލު ވެފައެވެ.

ފ.ބ.އ ނުވަތަ މަރުކަޒުގެ ބެލެނިވެރިކަން އޮތް އޮފީސްތައް

 (1976 ން 2013 ށް)


1     ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
2     މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ (ސްޕެޝަލް ވެލްވެއަރ ޑިވިޝަން)
3     މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ (ސޯޝަލް ވެލްފެއަރ ޑިވިޝަން)
4    މިނިސްޓްރީ އޮފް ހެލްތް އެންޑް ވެފެއަރ (ވެލްފެއަރ ސެކްޝަން)
5    މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ވެލްފެއަރ ސެކްޝަން)
6    މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެމްޕްލޯއިމަން އެންޑް ސޯޝަލް ސެކިއުރިޓީ (ވެލްފެއަރ ސެކްޝަން)
7    މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ (ޑީޖީއެފްޕީއެސް)
8    މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ޑީޖީއެފްޕީއެސް)
9    މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
 

ނަމަށްއައި ބަދަލުތައް
(1976 ން 2013 ށް)

1    ފަޤީރުން ބަލަހައްޓާ ވެރިޔާގެ އޮފީސް (ފ.ބ.ވ އޮފީސް) 6 ޖޫން 1976
2    ދަވްލަތުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް (11 ފެބްރުއަރީ 1991)
3    ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒް (27 އޮގަސްޓް 2001)
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫންޢަބްދުލްޤައްޔޫމް މާލެއަތޮޅު ގުރައިދޫއަށް ވަޑައިގަތީ، އޮކްޓޫބަރ 13 1981 ގަ އެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ، ފުރަތަމަ ފަހަރަށް ރާއްޖޭގައި ފާހަގަކުރެއްވި ނުކުޅެދޭ މީހުންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

 

 

 

އިދާރާ

އެނގޭތަ؟

ވާހަކަ