އަދުގެ ޚާއްސަ

Print

އިނގިރޭސި ބަހަށް ދެވިފައިވާ މަގާމު ގެއްލިދާނެތަ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ފަންވަތް

އަންވަރު އިބްރާހިމް
5ވަނަ ގަރުނުން ފެށިގެން ދުނިޔޭގެ އެކި ހިސާބުތަކަށް އިނގިރޭސިބަސް ފެތުރެމުން ދިޔައީ އެ ހިސާބުތަކުގައި ވަޒަންވެރިވަމުންދިޔަ މީހުންގެ ފަރާތުންނެވެ. އެއާ ޚިލާފަށް 17 ވަނަ ގަރުނުގައި ދުނިޔޭގެ އެކި ހިސާބުތަކަށް އިނގިރޭސި ބަސް ފެތުރެމުންދިޔައީ އެ ދިދައަށް އިރު ނޯއްސޭނެ ކަމަށް ބުނެ، އިނގިރޭސިން ހިންގަމުން ދިޔަ ހަރަކާތްތަކުގެ ތެރޭންނެވެ. އޭގެ ފަހުން 20 ވަނަ ގަރުނުގައި އިނގިރޭސި ބަސް "ދުނިޔޭގެ ބަހެއްގެ" ގޮތުގައި ގަބޫލުކުރެވެންފެށީ ދުނިޔޭގެ ބޮޑުބާރަކަށް އެމެރިކާވެ، ދުނިޔޭގެ އިގުތިޞާދާއި، ޓެކްނޮލޮޖީއާއި ސަގާފީ ނުފޫޒު މުޅި ދުނިޔެއަށް ފޯރަމުން ދިއުމުންނެވެ.
ގަބޫލުކުރަންޖެހޭ ހަގީގަތަކީ

މިވަގުތު ދުނިޔޭގައި އޮތް އެންމެ ނުފޫޒުގަދަ ބަހަކީ އިނގިރޭސި ބަސްކަމެވެ. މިއީ އެންމެ މީހެއްގެ ނިންމުމެއް ނޫނެވެ. ވަރަށް ގިނަބައެއްގެ ހިތުން ނިންމާފައިވާ ނިންމުމެކެވެ. ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ނިންމުމެކެވެ. ބަހުގެ ގިނަ ޢިލްމުވެރިންވެސް އިއްތިފާގުވެވަޑައިގަންނަވާ ނިންމެވުމެކެވެ. މިނިންމުން ނިންމެވުމުގައި ބަހުގެ އިލްމުވެރިން ބައްލަވަނީ މާދަރީ ބަހެއްގެ ގޮތުގައި އެ ބަހަކުންވާހަކަދައްކާ މީހުންގެ ޢަދަދާއި، ދެވަނަ ބަހެއްގެ ގޮތުގައިވާހަކަދައްކާ މީހުންގެ ޢަދަދާއި، އެ ބަހެއް ބޭނުންކޮށްގެންޤައުމުތަކުގެ އިޤްތިޞާދީ ބާރު ހިފަހައްޓާ މިންވަރާއި. އިންސާނީ ޙަރަކާތްތަކުގެދާއިރާގައި އެބަހެއް ބޭނުންކުރެވޭ މިންވަރާއި، ބަސްބޭނުންކުރާޤައުމުތަކުގެ އާބާދީގެ އިތުރުން ބަހުގެ އިޖްތިމާޢީ އަދިއަދަބަށްދޭ ސަމާލުކަމުގެ މައްޗަށެވެ. މިހުރިހާ ކަމަކަށް ބެލިނަމަވެސް އިނގިރޭސިބަސް މިއަދުގެ ދުނިޔޭގައި ވެރިކަން ކުރަމުންދާކަމަށް ދެންނެވިދާނެއެވެ.


މާދަރީ ބަހެއްގެ ގޮތުގައި އިނގިރޭސި ބަސް ބޭނުންކުރާ 375 މިލިއަން މީހުން ދުނިޔޭގައި އުޅެމުންދާއިރު، ދެވަނަ ބަހެއްގެ ގޮތުގައި 375 މިލިއަން މީހުން އިނގިރޭސި ބަސް ބޭނުންކުރަމުންދާކަމަށް ބްރިޓިސް ކައުންސިލްގެ ދިރާސާއާ ހަވާލާދެއްވާ ޑޭވިޑް ގްރެޑޯލް (1997) ހަހާމަކުރެއެވެ. އަދި ދުނިޔޭގެ ކޮންމެ ހަތަރު މީހަކުން އެކަކު އިނގިރޭސި ބަހުގެ ކޮންމެވެސް މިންވަރެއް ދަންނަކަމާއި، އިންޓަނެޓުން މުޢާމަލާތު ކުރާ މީހުންގެ ގިނަބަޔަކު ބޭނުންކުރަނީ އިނގިރޭސި ބަސްކަމާއި، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ރައްކާކުރެވޭ މައުލޫމާތުގެ 80 އިންސައްތައަކީ އިނގިރޭސި ބަހުން ލިޔެވިފައިވާ ތަކެތިކަން އެދިރާސާއިން ވަނީ ހާމަކޮށްފައެވެ. މިހަގީގަތްތައް އަޅުގަނޑުމެންގެ މިއަދުގެ ލޮލަށް ފެންނަމުންދިޔަ ނަމަވެސް މާދަމާގެ ލޮލުން އިނގިރޭސި ބަހަށް ނަޒަރު ހިނގާލާއިރު  ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ދައްކަންޖެހެނީ މުޅިން އެހެން ވާހަކައެކެވެ. ދޭންޖެހެނީވެސް މުޅިން އެހެން މެސެޖެކެވެ.


މާދަމާގެ ލޮލުން ބަލައިލައިފިނަމަ ފެންނަމުންދަނީ ދުނިޔޭގައި އޮތް އެންމެ ނުފޫޒުގަދަ އިނގިރޭސި ބަހަށް މާދަމާ އެމަގާމުގައި އޮވެވިދާނެތޯ ޝައްކު އުފެދޭފަދަ ހެކިތަކެވެ. ދައްކަންޖެހެނީ އިނގިރޭސިންގެ ބާރު ދުނިޔެއިން ސަރަހައްދުތަކުން ކެނޑިގެން ދިޔަ ފަދައިން ބަހުގެ ބާރުވެސް، ދުނިޔޭގެ ހަތަރު ބިތުން ކެނޑިގެން ހިނގައިދާނެ ކަމުގެ ވާހަކަތަކެވެ. ދޭންޖެހެނީ އިނގިރޭސި ބަހަށް ބަރޯސާވެ ހުރިހާކަމެއް އެބަހަށްޓަކައި އަޅުގަނޑުމެން ކުރަން ނުޖެހޭ ކަމުގެ މެސެޖެވެ. ކީއްވެތޯއެވެ؟
ވާހަކަދައްކާ ބަހެއްގެ ދިރުމާއި މަރުވުން ބިނާވަނީ އެބަސް ބޭނުންކުރާ ނިސްބަތަށާއި ބޭނުންކުރާ ގޮތަށެވެ. މިއުސޫލުން ބަލާއިރު، އިނގިރޭސި ބަހަށް ދެވިފައިވާ ދަރަޖަ މަތިވުމާއި ދަށްވުން ބިނާވަނީވެސް އެބަސް ބޭނުންކުރާ އާބާދީއާއި، ބަސް ބޭނުން ކުރާ ގޮތުގެ މައްޗަށެވެ.ޑޭވިޑް ގްރޭޑޮލް (1997) ވިދާޅުވަނީވާހަކަދައްކާ ބަހުން ދެ ނުފޫޒެއް ފާހަގަކުރެވޭ ކަމަށެވެ. އޭގެތެރެއިން އެއް ނުފޫޒަކީ އެއްބަހަށް ވުރެ ގިނަ ބަހުން ވާހަކަދައްކާ މީހުން ދުނިޔޭގައި އިތުރުވުމުން ފޯރާ ނުފޫޒެވެ. ދެވަނަ ނުފޫޒަކީ ތަފާތު ބޭނުންތަކަށް ބަސްދަސްކުރަން ޖެހުމުން ފޯރާ ނުފޫޒެވެ. މިދެނުފޫޒުގެ ސަބަބުންވެސް ބަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދެއެވެ. ޑޭވިޑް ގްރޭޑޮލް (1997) ވިދާޅުވާ ގޮތުގައި އެއް ބަހަށްވުރެ ގިނަ ބަސް ދަސްކުރަމުންދާ މާހައުލެއްގައި މާދަރީ ބަހުގެ ބަދަލުގައި ދެވަނަބަހަކަށް ޖާގަ ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެންކަމަށްވާނަމަ 50 އަހަރުގެ މުސްތަގުބަލަކަށް ބަލައިއިރު، އިނގިރޭސި ބަހަށް މިއަދު ދެވިފައިވާ ޖާގަ ގެއްލުމަކީ ވެދާނެ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.


ދުނިޔޭގެ ޖަމިއްޔާއިން އަންދާޒާކުރާ ގޮތުގައި 2050 ވަނަ އަހަރަށް ދާއިރު ބައެއް ބަސްބަހުން ވާހަކަދައްކާ މީހުންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެގެންދާނެއެވެ. އެގޮތުން 2050 ވަނަ އަހަރާ ހަމައަށްދާއިރުވެސް މާދަރީ ބަހެއްގެ ގޮތުގައި އެންމެ ގިނަ ބަޔަކު ވާހަކަދައްކާނެ ބަހަކަށް ވާނީ ޗައިނާ ބަހެވެ. ދެވަނައަށް އެންމެ ގިނަބަޔަކު ވާހަކަދައްކާނެ މާދަރީ ބަހަކީ ހިންދޫ ނުވަތަ އުރުދޫ ކަމަށްވާއިރު، އިނގިރޭސި ބަހަށް ދެވެނީ 3 ވަނަ އެވެ. 4 ވަނައަށް ސްޕެނިޝް ބަސް އޮތް އިރު 5 ވަނަ ލިބޭނެ ކަމަށް ބެލެވެނީ ޢަރަބި ބަހަށެވެ. މިގޮތަށް ކަންތައް މެދުވެރިވަނީ އާބާދީއަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. މިބަދަލުތައް އަންނަމުންދާއިރު، ޔޫރަޕްގެ ގައުމުތަކުގައި ކުޑަކުދިންނާއި ޒުވާނުންގެ އާބާދީ އިތުރުވާ ނިސްބަތް ދަށަށްދާ މަންޒަރު ފެންނަމުންދާކަމަށް ދަ އިކޮނޮމިސްޓް (1996) ހާމަކޮށްފައި ވެއެވެ. ނަމަވެސް އޭޝިއާގެ ގިނަ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކުގައި ކުޑަކުދިންނާއި ޒުވާނުން އިތުރުވަމުންދާ ނިސްބަތް މަތިވަމުންދާތީ، ބަހުގެ މާހިރުން ވިދާޅުވަނީ  ބަހަށް އަންނަ ތަރައްގީއާއި ކުރިއެރުމުގެ އެންމެ މުހިންމު ރޯލެއްކުޅޭނެ ފަރާތަކީ މިދެންނެވި ޒުވާނުންނެވެ. އެހެންކަމުން ކުރިއަށް އޮތް ގަރުނުގައި އޭޝިޔާގައި، ބަހުގެ ބަދަލުތަކެއް ފެންނާނެކަމަށްޑޭވިޑް ގްރޭޑޮލް (1997) ހާމަކުރައްވައެވެ. މިބަދަލު ގުޅެނީ އިނގިރޭސި ބަސް ބޭނުން ކުރާ ނިސްބަތާކަމަށް ވުމީ ގަބޫލުކުރެވޭ ކަމެކެވެ. އަދި އިނގިރޭސި ބަހުގެ މައްޗަށް އެހެން ބަހެއް ގަދަވުމަށް ކުރެވޭ މަސައްކަތާކަމަށް ވުމީ ދުރުކަމެއް ނޫނެވެ.
   

އިނގިރޭސި ބަހަށް ދެވިފައިވާ ޖާގައަށް ބަދަލުއައުމަށް ދިމާވާނެ ދެވަނަ ސަބަބަކީ ބައިނަލް އަގުވާމީ ވިޔަފާރިއަށް އަންނަ ބަދަލުތަކެވެ. ދުނިޔޭގައި ބައިނަލްއަގުވާމީ ވިޔަފާރި ހީވެސް ނުކުރާ މިންވަރަކަށް އިތުރުވެފައިވާކަމަށް ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ (1995) ހާމަކުރައްވައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން 1990 ވަނަ އަހަރު ދުނިޔޭގެ މުއްސަނދިކަމުގެ 55 އިންސައްތަ ހިއްސާކުރީ މުއްސަނދި ގައުމުތަކުންނެވެ. ޚާއްޞަކޮށް އުތުރު އެމެރިކާ، ޔޫރަޕިއަން ޔުނިއަން، އަދި ޖަޕާނުންނެވެ. ނަމަވެސް ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ (1995) އަންދާޒާކުރާ ގޮތުގައި 2050 ވަނަ އަހަރު ދުނިޔޭގެ މުއްސަނދިކަން ހިއްސާކުރާ ނިސްބަތް މުޅިން ބަދަލުވެގެންދާނެއެވެ. އެގޮތުން ދުނިޔޭގެ މުއްސަނދިކަމުގެ 60 އިންސައްތަ ހިއްސާކުރާނީ އޭޝިއާ އެވެ. މިއަދު މުއްސަނދި ކަމުގައި އުޅުމެންދާ ގައުމުތަކުން ހިއްސާކުރާނީ 12 އިންސައްތަކަށް އެޖަމިއްޔާއިން އަންދާޒާ ކުރެއެވެ. ބާކީ އޮތް 28 އިންސައްތަ ހިއްސާކުރާނީ އެހެން ގައުމުތަކުންނެވެ. މިކަމުގެ ނަތީޖާއަކަށްވާނީ ވިޔަފާރީގައި މިއަދު ބޭނުންކުރެވޭ އިނގިރޭސި ބަހުގެ ބަދަލުގައި ޗައިނާ ބަހާއި ހިންދީ ބަހާއި، އުރުދޫ ބަހާއި އޭޝިއާގެ އެހެންބަސްތައް ބޭނުން ކުރަން މަޖުބޫރުވުމެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ވިޔާފާރި ފުޅާވެގެން ދިއުމުގައިވެސް މިބަސްތައް ބޭނުން ކުރަން ޖެހުމެވެ.

ދުނިޔޭގެ ފަތުރުވެރުކަމަކީ އިނގިރޭސި ބަހަށް ދެވިފައިވާ ޖާގައަށް ބަދަލު އައުމުގައި ބައިވެރިއެކެވެ. މިކަމަށް ބާރުދެއްވަމުން ޑޭވިޑް ގްރޭޑޮލް (1996) ވިދާޅުވަނީ ފަތުރުވެރިކަމަކީ އެކަމުގެ ސަބަބުން އިނގިރޭސި ބަހަށް ވަރަށް ބޮޑު އަސަރެއް ކުރަމުންދާ ކަމެއް ކަމެވެ. ފަތުރުވެރިކަމުގެ ސަބަބުން އެތައް ބަހަކުން މުއާމަލާތުކޮށް ތަފާތު ބަސްތައް ބޭނުން ކުރަން ޖެހެއެވެ. އިނގިރޭސި ބަހަށްވުރެ ބޮޑަށް އެހެން ބަސްބަހަށް ސަމާލުކަންދޭންޖެހޭ ހާލަތްތައްވެސް ދިމާވެއެވެ. އެހެން ކަމުން ފަތުރުވެރިކަމަކީ ބަހާ ވަރަށް ބޮޑަށް ގުޅިފައިވާ ޚިދުމަތެއްކަމަށް ގަބޫލުކުރެވެއެވެ. ފަތުރުވެރިކަމުން 2010 ވަނަ އަހަރު ދުނިޔެއަށް 919 ބިލިއަން ޑޮލަރު ލިބިފައިވެއެވެ. 940 މިލިއަން މީހުން ފަތުރުވެރިންގެ ގޮތުގައި ދުނިޔޭގެ ތަފާތު މަންޒިލްތަކަށް ޒިޔާރަތް ކޮށްފައިވެއެވެ. ނަތީޖާއަކަށްވެގެން ދިޔައީ މިއަދުގެ ދުނިޔޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އިގުތިޞާދީ މަސައްކަތަކަށް ފަތުރުވެރިކަން ވުމެވެ.

ދުނިޔެއަށް ބަލާއިރު އެންމެ ހަލުއިކޮށް އަދި އެންމެ ފުޅާދާއިރާއެއްގައި ފަތުރުވެރިކަން ކުރިއަރަމުން އަންނަނީ އޭޝިއާ ސަރަހައްދުގައިކަމަށް ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ (2010) ހާމަކުރައްވައެވެ.  2010 ވަނަ އަހަރު މުޅި ދުނިޔެއަށް ބަލައިއިރު، 3 ވަނައަށް އެންމެ ގިނައިން ބައިނަލްއަގުވާމީ ފަތުރުވެރިން ދަތުރުކޮށްފައިވަނީ ޗައިނާއަށެވެ. އެއީ ފަތުރުވެރިކަމުގައި މަޝްހޫރު، ސްޕެއިން ފަހަތަށް ޖައްސާލުމަށްފަހު އެވެ. ފާއިތުވީ 10އަހަރު ތެރޭ ފަތުރުވެރިކަމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީވެސް ޗައިނާ އެވެ. އެހެންކަމުން އޭޝިއާގެ ފަތުރުވެރިކަން ފުޅާވެ ކުރިއަރައި، އެތައްބަޔަކު ޚިދުމަތުގެ ތެރެއަށް ނެރުމުގެ ނަތީޖާއަކަށްވަނީ ފަތުރުވެރިކަމުގައިވެސް އިނގިރޭސި ބަހުގެ ނުފޫޒު ދަށަށް ދިއުންކަމަށްޑޭވިޑް ގްރޭޑޮލް (1997) ވިދާޅުވެއެވެ.
   

މިޒަމާން އަޅުގަނޑުމެން ސިފަކުރަނީ ޓެކްނޮލޮޖީގެ ޒަމާނުގެ ގޮތުގައެވެ. އެޓެކްނޮލޮޖީން ގެނެސްދިން އެންމެ ފަސޭހަ އެއް ޚިދުމަތް، ނުވަތަ އިންޓަނެޓުން ފެތުރިގެން ދިޔަ އެންމެ ވަރުގަދަ ނުފޫޒަކީ އިނގިރޭސި ބަހުގެ ނުފޫޒެވެ. އެހެންކަމުން 90 ގެ އަހަރުތަކުގެ ކުރީކޮޅު، އިންޓަނެޓް ބޭނުންކުރީ ހަމައެކަނި އިނގިރޭސި ބަސް ނިސްބަތްވާ އަހުލުވެރިންނެވެ. ނަމަވެސް ޒަމާން ބަދަލުވެ، އިންޓަނެޓް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ، ދުނިޔޭގެ އެހެން ބަސްބަސްވެސް އިންޓަނެޓްގައި މިއަދު ދަނީ ބޭނުން ކުރެވެމުންނެވެ. ވޮލްރޮފް (2000) ހާމަކުރައްވާ ގޮތުގައި އިންޓަނެޓް ބޭނުންކުރާ ނިސްބަތް މިއަދު އެންމެބޮޑަށް އިތުރުވަމުންދަނީ އިނގިރޭސި ބަސް ނުދަންނަ މީހުންގެ ތެރޭގައެއެވެ. ގެޑޯލް (2006) ހާމަކުރައްވާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި އިނގިރޭސި ބަހަށްވުރެ ގިނައިން އެހެނިހެން ބަސްބަސް އިންޓަނެޓްގައި ބޭނުން ކުރެވޭނެއެވެ. ގްރެޑޯލް (2006) ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލައިއިރު، އިންޓަނެޓްގައި ބޭނުންކުރެވޭ އިނގިރޭސި ބަހުގެ ނިސްބަތް ދަށްވަމުންދާކަން ހާމަވައެވެ. 1996 ވަނަ އަހަރު އިންޓަނެޓްގައި ބޭނުންކުރެވުނު އިނގިރޭސި ބަހުގެ ނިސްބަތް 80 އިންސައްތައިގައި އުޅުނު އިރު، 2000 ވަނަ އަހަރު އިންޓަނެޓްގައި އިނގިރޭސި ބަސް ބޭނުން ކުރެވުނު ނިސްބަތް އުޅެނީ 49 އިންސައްތައިގައެވެ. 2005 ވަނަ އަހަރު މި ނިސްބަތްވަނީ 28 އިންސައްތައަށް ވެއްޓިފައިވާކަމަށް ގްރެޑޯލް (2006) ހާމަކުރައްވައެވެ. މިތަފާސްހިސާބުތަކަށް ނަޒަރު ހިންގާލުމުން ހާމަވަނީ އިނގިރޭސި ބަހަށް ދެވިފައިވާ ދަރަޖައަށް ބަދަލުތަކެއް އަތުވެދާނެ ކަމެވެ. އިނގިރޭސި ބަސް ބޭނުން ކުރާ ނިސްބަތް ދަށްވެގެންދާ ކަމެވެ.
   

އިނގިރޭސި ބަހަކީ މާދަރީ އެހެން ބަސްތަކަށް އޮތް ނުރައްކަލެއްކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މި ގޮތަށް ގަބޫލުރެވެނީ އަމިއްލަ ގައުމިއްޔަތާ މެދު ވިސްނާ ފިކުރު ކުރާ ފަރާތްތަކަށެވެ. އަމިއްލަވަންތަކަމަށް ލޯބިކުރާ ފަރާތްތަކަށެވެ. ސަބަބަކީ އިނގިރޭސި ބަހުގެ ނުފޫޒުން ތިމާމެންގެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް އައުމަށް މަޖުބޫރުކޮށްފައިވާތީއެވެ.  ހަގީގަތަކީ މިއަދު، އިނގިރޭސި ބަސް ބޭނުން ކުރަން ބައެއް ފަރާތްތަކަށް މަޖުބޫރުވެފައި ވުމެވެ. އެމަޖުބޫރުކަން ފިލާނެ ފުރުޞަތު ދުނިޔެއަށް ފަހިވެއްޖެ ނަމަ، އިނގިރޭސި ބަސްދެކެ ރުޅިއަރައި، އެބަހަށް ނަފުރަތު ކުރާނެ ކިތަންމެ ބަޔަކު ދުނިޔޭގައި ތިބޭނެކަމީ ޔަގީންވާ ކަމެކެވެ. އެހެންކަމުން ޑޭވިޑްކްރިސްޓަލް (1997) ވިދާޅުވެފައިވަނީ މީހުންގެ މެދުގައި އިނގިރޭސި ބަހާމެދު ރުޅިވެރިކަން އުފެދި، ރުޅިވެރިކަމުގެ އިހްސާސް ބޭރުކުރުމަށް މަޖުބޫރުވަނީ އެބަސްބަހުގެ އަހުލުވެރިނަށް އެގައުމުގެ ތާރީޚު ހަނދާންކޮށްދޭތީއެވެ. ތެދެކެވެ. އިނގިރޭސިން އަޅުވެތި ކުރި ގައުމުތަކުގެ މާދަރީބަސް ފުނޑުފުނޑުވީ އިނގިރޭސި ބަހާ ހެދިނޫންތޯއެވެ؟ ގައުމުތަކުގެ ބަސްތައް މަސްހުނިވެ އަސްލު ގެއްލުނީ އިނގިރޭސި ބަހުގެ ސަބަބުން ނޫންތޯއެވެ؟ ކަންމިހެން އޮތް އިރު، އިނގިރޭސި ބަހުގެ ނުފޫޒުން ދުނިޔެ ހިންދެމިލުމަށް އެހެންބަހަކަށް ފުރުޞަތު ލިބޭނެކަމަށް އުންމީދު ކުރެވިއްޖެ ހިނދު، އިނގިރޭސި ބަހަށް ނަފުރަތުކޮށް އެބަސް އެކަހެރިކުރިމުގެ ރޫހެއް އުފެދުމަކީ ދުރުކަމެއް ނޫނެވެ.
   

މިއަދު އިނގިރޭސި ބަހަށް ދެވިފައިވަނީ ވަރަށް މަތީ ދަރަޖައެކެވެ. އެބަސް ބޭނުން ނުކޮށް ދުނިޔެއަށް ނޭވާނުލެވޭނެކަމުގެ އިހުސާސް ބައެއް މީހުންނަށް ކުރެވެއެވެ. ނަމަވެސް ކޮންމެ ބަހެއްވެސް އޭގެ ނުފޫޒާއި ބާރު ބިނާވަނީ އެބަސް ބޭނުން ކުރާ ބައެއްގެ މައްޗަށެވެ. އެގޮތުން އިނގިރޭސި ބަސް ބޭނުންކުރަމުންދާ އަހުލުވެރިންގެ ބާރާމެދު ކުރިމަގު އެބަ ސުވާލުކުރެއެވެ. އާބާދީއާ ބެހޭ ގޮތުންނެވެ. ބައިނަލް އަގުވާމީ އިގްތިޞާދާއި ވިޔަފާރިއާ ބެހޭ ގޮތުންނެވެ. ފަތުރުވެރިކަމާއި، ޓެކްނޮލޮޖީގެ ޚިދުމަތްތަކާ ބެހޭ ގޮތުންނެވެ. އަދި އެހެން މީހުން ދެކޭ ގޮތާބެހޭ ގޮތުންނެވެ. މިހުރިހާ ކަމަކަށް އިނގިރޭސި ބަހުގެ އަހުލުވެރިންނަށް އެކަށީގެންވާ ޖަވާބެއް ކުރިމަގަށް ނުދެވިއްޖެނަމަ އިނގިރޭސި ބަހަށް ދެވިފައިވާ މަގާމު ގެއްލިދާނެކަމަށް ގަބޫލުކުރެވެއެވެ.

                          -----------------------

                                 (ނިމުނީ)
ރިފަރެންސް:


ޑޭވިޑް ކްރިސްޓަލް. (1997).އިންގްލިޝް އެޒް އަ ގްލޯބަލް ލޭންގުއޭޖް. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.
ޑޭވިޑް ގްރެޑޯލް. (2000). ދަ ފިއުޗަރ އޮފް އިންގްލިޝް. ލަންޑަން: ދަ ބްރިޓިޝް ކައުންސިލް.
ދި އިކޮނޮމިސްޓް. (1996). ލޭންގްއޭޖް އެންޑް އިލްކްޓްރޯނިކްސް: ދަ ކަމިންގް ގްލޯބަލް ޓަންގް.
 21 ޑިސެމްބަރ (ޞ.9-37).
ވޮލްރޮފް. (2000 ނޮވެމްބަރ). ވަޓް ގްލޯބަލް ލޭންގްއޭޖް؟ ދަ އެޓްލާންޓިކް.ނެގީ     http://www.theatantic.com/issues/2000/11wallraff.htmން.
ޑޭވިޑް ގެރެޑޯލް. (2006). އިންގްލިޝް ނެކްސްޓް. ލަންޑްން: ބްރިޓިސް ކައުންސިލް.
ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާ. (1995). ވޯލްޑް ޓްރޭޑް ރިޕޯޓް 2005. ނެގީ
    http://www.wto.org/english/res_e/booksp_e/anrep_e/world_trade_report05_e.pdf ން
ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާ. (2011). ޓުއަރިޒްމ ހައިލައިޓްސް (2011 އެޑިޝަން). ނެގީ
    http://mkt.unwto.org/en/content/tourism-highlights ން.

 

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ