އަދުގެ ޚާއްސަ

Print

"ހަވަރު" ދިވެހިދައުލަތުގެ އަސްކަރީބާރު (2)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

ޢަލީ ނަޞީރު / މަޑަވެލި


ދައުލަތަށް ތަކެތި ލިބޭ ގޮތް: 1 ރައްޔިތުންގެ ކިބައިން ނެނގޭ ވާރު،  2 ދަނޑުފަނގު ގޮއި، 3 ފުރަބަންޑާރަ ރަށްރަށުގެ ތަކެތި، 4 ކަނޑުން ލައްގާ ތަކެތި، 5 ވިޔަފާރިވެރީންގެ އަތުން ނެގެވޭ ތަކެތި. މިއިން ކޮންމެ ތަކެއްޗަކާއިމެދުގައި އެކިއެކި ޒަމާނުގައި، އެކިއެކި ގޮތްގޮތަށް ނެގެވި ފައިވާކަމަށް ފެންނާން އެބަހުއްޓެވެ.



ދަވްލަތުން ކުރެވޭ ޚަރަދު:  މިކަންތައްތަކުގެ ވަކިމިވެނި އިންތިޒާމެއް އެއްވެސް ޒަމާނެއްގައި އޮތްކަމަށެއް ނުފެނެ އެވެ. ތަޢުލީމުގެ މައްޗަކަށް، ބޭސްވެރި ކަމުގެ މައްޗަކަށް ޚަރަދެއް ހިނގި ޒަމާނެއް ނުފެނެ އެވެ. އިސްކަންދަރު ރަސްގެފާނުގެ ޒަމާނުން ފެށިގެން ދެއްވަދޫ ރަސްގެފާނުގެ ޒާމާނުގެ ނިޔަލަށް ދާންދެން ދީނުގެ ޢިލްމު އުނގެންނެވުމަށް ޒާތަކުގެ ބާރެއް ދަވްލަތުގެ ފަރާތުން ހުއްޓަތީ ފެނެ އެވެ. ޚަރަދެއް ކުޅައުމަށް ކޮންމެހެން ބޭނުން ވެއްޖެ ކޮންމެ ކަމަކަށް ޚަރަދު ހިންގަނީ އެވެ.

އެ ވަގުތަކަށް ކުރާން ވެއްޖެ ކަމަކަށް އަބަދަށްމެ ރައްޔިތުންގެ ކިބައިން އެކިއެކިޒާތްޒާތަށް ތަކެތި ހިފެވެމުންދާތީ ފެނެ އެވެ. ރަސްގެފާނުންގެ ކޮއިލުތެރޭގެ ފުދިވަޑައި ގަންނަވާ ވަރަށް ދުވަހު ޚަރަދާއި، މަހު އެއްޗެތިކޮޅާއި، އަހަރު އެއްޗެތިކޮޅު ވަނީ، ލައްވަވައިފަ އެވެ. މީގެ އިތުރުން އެއްވެސް އެއްޗެއް ރަސްމީގޮތުން އޮއްވައެއް މީގެ ސާޅީހަކަށް އަހަރުގެ ކުރިއަކުން ނުފެނެ އެވެ. އެފަދަ ބެއިފުޅުންގެ އަރިއަހަށްވެސް ވަނީ، ހިސާބު ހިސާބަށް މީހުންލައްވައި އެމީހަކަށް ކޮއްތާއި، ބަނޑުހަނޑުލާއި، ހެދުން ދެއްވައިފަ އެވެ.

ރަނަހަމައިދި ބެއިކަލަކާއި، ކަލާސީން: ދިޔަމިގިލީ މުޙަންމަދު ޢިމާދުއްޘާނީގެ ޒަމާނާއި ޖެހޭދެން މާލޭގައި ކުރާންޖެހޭ ބޮޑަތި މަސައްކަތްތައް ދަވްލަތުގެ ފަރާތުން ކުރުވަނީ ފަޅުއޮޑިފަހަރުގެ މީހުންލައްވަ އެވެ. އެރަސްގެފާނުން މިކަން ރައްޔިތުންގެ ކިބައިން ނަންގަވައި، ލުއިކުރައްވާން ހީފުޅު ކުރައްވައި، ރާއްޖޭގެ ތެރެއަށް އަރުމާދު ވަޑައިގެން ރަށްރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވައި، އެމީހުންގެ ރުހުން ހޯއްދަވައި، އެކަމުގެ މުޤާބިލުގައި، ބަޔަކަށް ދެއްވާނޭތަކެތި ރައްޔިތުންގެ ކިބައިން ހޯއްދަވައިގެން "ކަލާސީންގެ" ކަންތައްތައް ތަރުތީބު ކުރެއްވި ކަމުގައި ފެނެ އެވެ.

އިބްނުބަޠޫޠާގެ ޒަމާނުގައި ލަޝްކަރަށް މުސާރަދެއްވާގޮތް އޭނާގެ ތާރީޚުގައި އެބައޮތެވެ. އުތީމު ޣާޒީރަދުންގެ ޒަމާނުން ފަށައިގެން ދިޔަމިގިލީ ޢިމާދުއްދީން ރަދުންނާހަމަޔަށް "ބަޑު" ދެއްވީ ހަވަރަށް ބެރުޖައްސަވައިގެންކަމަށް ބުނެވެ އެވެ. އަދިއަދަށް ދާންދެން ވެސް ލަޝްކަރަށް ފަރުޟު ޒަކާތް ދެއްވަނީ، އެގޮތަށެވެ. (ދިވެހިރާއްޖޭގެ ޤާނޫނީ ޙަޔާތް: ޞ 5 ން 10 ށް)

    "ގުޅަކުޅޭފަސްގަޑަށް ހަވަރު އެއްވެ، ސަރުކާރު ބަދަލުކޮށްލައި ހައްޔަރުކުރަން އަދި ރަށުން ބޭރުކުރަން ރައްޔިތުން ބޭނުންވާ މީހުން ރަށުން ފޮނުވާލުން ލަސްވުމުން ރައްޔިތުން އަޑުގަދަކޮށް ހޯބޯލައްވައި އެއްގޮތަކަށް ވެސް ކިޔަމަންނުވުމުން އިބްރާހިމް ފާމުލަ ދޭރި ކިލެގެފާނުގެ އެންމެ ބަސްފުޅަކަށް މުޅި ހަވަރު ހަމަހިމޭންވެގެންދިޔަ އެވެ." (ފަތްތޫރަ: 348 މާރޗް 2008މ. ޞ،16)
ހަވަރާ ބެހޭ ބައެއް މަޢުލޫމާތު

    ހަވަރަކީ، ހަނގުބޭކަލުން ބެހިފައި އޮންނަ ހަބަޔަށް ކިޔާ ނަމެކެވެ. މި ހަބަޔަކީ، ބަނޑުހަނޑޫ ދެއްވާފައިވާ ރަދުންގެ ލަޝްކަރެވެ. މިލަޝްކަރު އޮންނަނީ، ހަވަރުގެ މައްޗަށް ބެހިފައެވެ. މިއިންކޮންމެބަޔަކީ، ވަރެކެވެ. މިވަރުތަކަކީ: 1 ދޮށިމޭނާވަރު (އިސްވަރު) ހަވަރުގެތެރެއިން އެންމެ އިސް ބައި. 2 ހަކުރާވަރު 3 ވެލާނާވަރު 4 މާފަތްވަރު 5 ދަހަރާވަރު 6 ފާމުލަދޭރިވަރު، މިއެވެ. އިހުގައި މިއިން ކޮންމެ ވަރަކަށް ބޮޑުބޭކަލަކު ހުންނަވާނެ އެވެ. އެއީ އެ ވަރުތަކުގެ ވެރީން ނެވެ. މި ބޭކަލުންނަންކީ، ކޮލިލައްވާ އަސާ ދެއްވާފައިވާ ބޭކަލުންނެވެ.

ވަރުތަކަށްބަލާއިރު: ހ.އިސްވަރުގައި، ދޮށިމޭނާ ބޭކަލަކު، ށ.ހަކުރާވަރުގައި، ހަކުރާބޭކަލަކު ނ.ވެލާނާވަރުގައި، ވެލާނާ ބޭކަލަކު ރ.މާފަތްވަރުގައި، މާފަތް ބޭކަލަކު ބ.ދަހަރާވަރުގައި، ދަހަރާ ބޭކަލަކު، މިއެވެ. ފާމުލަދޭރި ވަރުގައި، ފާމުލަދޭރި ބޭކަލަކު މިގޮތަ ށެވެ. ނަމަވެސް ޖުމްލަގޮތެއްގައި ހަވަރުގެ ވެރިއަކީ، ދޮށިމޭނާ ބޭކަލެކެވެ. މި ބޭކަލުންގެ ދަށުން ތިއްބަވާނީ، އަސްކަރު މުސްޅީން ނެވެ. ދެން ތިއްބަވާނީ، މަޖިލީހަށްއަރާ ބޭކަލުންނެވެ.

ހަނގުބޭކަލުންނާއި، އެ ބޭކަލުންގެ ވަޒީފާ ހަނގުބޭކަލަކުކަމުގައި ވާނީ، އެމީހަކަށް ދަވްލަތުން ބަނޑުހަނޑޫ ދެއްވީމަ އެވެ. ހަނގުބޭކަލުންގެ ވަޒީފާއަކީ، ތިންރެއިން އެއްރޭ ގަނޑުވަރުތެރެއަށް ދަމަށްދިއުމާއި، ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު އަރިހުގައި ސިލޭހަ ހިފައިގެން ރަސްމީހެދުމުގައި އެތަންތަނަށް ދިއުމާއި، ހަވަރުގެރި ގެރިހިފުމާއި، ބޮޑުގަނޑުވަރާ، މާލޭގެ ބުރުޒުތަކާ އެފަދަ ތަންތަން ދޮވެ ހުނިލުމާއި، ކޮށީ މީހުންނާ އެކު، ބޮޑުބަޑި އުފުލުމާ، ދަންކޮޅުހިފުމާ، އަދި މިނުނަސް މިފަދަ ކަންތައްތަކެވެ.

ރަސްމީގޮތުން ގަނޑުވަރުތެރޭގައި ހުންނަ، ހަނގުބޭކަލުން ދަމަށްދުރުވާ 5 އަށި

1    ފުލިދޮށު އަށި. މި އަށި ހުންނަނީ، ކުއްލާބުގެއާއި ޖެހިގެން ދެކުނަށެވެ.
2    އިސްވަރު އަށި. މި އަށި ހުންނަނީ، ދާންމަތީ ވަޅުގެ ހުޅަނގުފަރާތުގަ އެވެ.
3    ވެލާނާވަރު އަށި. މި އަށި ހުންނަނީ، ފާރަވެރީންގެ ދޮރޯށީގެ އުތުރުން އިންވެގެން ނެވެ.
4    ހަވަރު އަށި. މި އަށި ހުންނަނީ، ހިއްތަން ދޮރާށީން ވަދެގެން އަންނައިރު ހުޅަނގުފަރާތުގަ އެވެ.
5    ބޭރުބޮޑުއަށި. މިއަށިހުންނަނީ، ގަނޑުވަރުގެބޭރުން ނާބުސްޚާނުގެކައިރިން ގުޅަކުޅޭފަސްގަނޑުގެ އިރުމަތީ ދެކުނު
ކައިރީގަ އެވެ.

މިފަސް އައްޓަކީ، އިހުގައި ޤަވާޢިދުން ކޮންމެރެއަކުވެސް  ހަނގުބޭކަލުން ދަމަށްދުރުވެ އިރު އޮއްސުނީއް ސުރެން ފަތިހު ފަހެއްޖަހަންދެން ފުޅިބަހައިގެން "ފުޅިއަށް ޖަހަން" ހޭލާތިބެގެންއައި އަށިއައްޓެވެ. ފުޅިއަށްޖެހުމަކީ، ދަންފުޅިން ގަޑިއެއްގެ އިރުވީމާ، އަށީގައިއެލުވާފައިހުންނަ ލޯގަނޑެއްގައި މުގުރުގަނޑަކުން އެގަޑިއަކަށް ޖަހަންވާ ޢަދަދަށް ޖެހުމެވެ.

މަޖިލީހަށް އެރުން: މަޖިލީހަށް އެރުވުމަކީ، ރަސްގެފާނު ބަނޑުހަނޑޫ ދެއްވާފައި ތިއްބަވާ ހަނގު ބޭކަލުންގެ ތެރެއިން ބޭކަލަކު، މަޖިލީހަށް އަރުވާންވެ ވެއްޖެނަމަ  އެ ބޭކަލަކު، އެކަމާ ބެހޭ ތަނަށް ގެންދަވައި އެ ބޭކަލަކަށް މަޖިލީހަށް އަރާ ބޭކަލެއްގެ ދަރަޖަ ދެއްވުމެވެ. މިހެން ހެއްދެވުމުން މަޖިލީހަށް އެރުނީއެވެ. ދެން އަނެއްރޭ ގަނޑުވަރުތެރެއަށް ގެންގޮސް މަޖިލީހަށްއަރާ ބޭކަލުންގެ އަށީގައި (ފިޅިދޮށު އަށީގައި) ބައިންދަވައި ތިޔަ ކަލޭގެފާނަކީ، މި ދަމުރޭގެ މަޖިލީހަށްއަރާ ބޭކަލެކޭ، ދެން ދަމުރޭ ބައްލަވައިގެން ކޮންމެ ތިންރޭން އެއްރޭ މި އައްޓަށް ދުރުވާށޭ-މިހެން އަންގަވާނެއެވެ. ދަމުރޭއޮނާނީ، ތިން ބަޔަކަށެވެ. މިކަން އަންގަވާނީ،އަށީގެ ފަރާތުން އަސްކަރުމުސްޅީން ނުވަތަ މަޖިލީހަށް އަރާ ބޭކަލުންނެވެ. އެއީ، 1 އިސްވަރު ދަމުރެއި، 2 ހަކުރާވަރު ދަމުރެއި، 3 ވެލާނާވަރު ދަމުރެއި، މިގޮތަށެވެ.

މަޖިލީހަށްއަރާ ބޭކަލުން:
(މަޖިލީހަށްއަރާ ބޭކަލުން ތިބޭނީ ތިންބަޔަކަށެވެ.)

ފުރަތަމަ ބަޔަކީ: ހަވަރުގެ ހަސަރުދާރުންނެވެ. މި ބޭކަލުންގެ މަސައްކަތަކީ، ރަދުން ރަސްމީ ގޮތުގައި ތަންތަނަށް ވަޑައިގަންނަވާއިރު، އަރިހުގައި ދިއުމަށް ހަނގުބޭކަލުންނަށް މަސައްކަތު ގޮވުމާއި، މަޑައިގަންނަވާއިރު އަރިހުގައިދާ ބޭކަލުންގެ ފަތި ބެހެއްޓުމާއި، ދަމުރޭގެ ސަރުދާރުކަމާއި، ދަމުއަށީގެ އެކި މައްސަލަތައް އަސްކަރު މުސްކުޅިންނާއި ހަމަޔަށް ގެންގޮސް ހަމަޖައްސާ ހެދުމެވެ. އަދި ހަވަރަށްގޮވުމާއި، ހަވަރު ނުކުންނަވައިގެން އެކި ބައިބަޔަށް މަސައްކަތް ކުރައްވާއިރު، އެމަސައްކަތް ކުރުވުމުގެ ސަރުދާރުކަމާއި، މިއެންމެހައި ކަންތައްތަކެއް ކުރައްވާނީ، މަޖިލީހަށްއަރާ ބޭކަލުން ނެވެ.

ދެވަނަ ބަޔަކީ: މާލޭގެ އެކިއެކި ވަޒީފާގައި އުޅުއްވާ ބޭކަލުންގެ ތެރެއިން ދަރަޖަ މަތިވެރި ކުރެއްވުމުގެ ގޮތުން ބަނޑުހަނޑޫ ދެއްވާ މަޖިލީހަށް އަރުވާފައި ތިއްބަވާ ބޭކަލުން ނެވެ. މިބޭކަލުންވެސް ވަކިތާކަށް ވީއްލަވާފައިނެތީ ވިއްޔާ ގަނޑުވަރުތެރެއަށް ކޮންމެ ތިންރެއިން އެއްރެއި ދަމަށް ދުރުވާން ޖެހޭނެ އެވެ.

ތިންވަނަ ބަޔަކީ: ރާއްޖެތެރޭގެ އެކިއެކި ކަމުވޮށިގެންވާ ބޭކަލުންގެ ތެރެއިން މަޖިލީހަށް އަރުވާފައި ތިއްބަވާ ބޭކަލުން ނެވެ. މި ބޭކަލުންނަކަށް ބަނޑުހަނޑުލެއް ވެސް، ދަމަށް ދިއުމެއް ވެސް އަދި ހަވަރުގެ އެއްވެސް މަސައްކަތެއް ވިއަސް ނޯންނާނެ އެވެ. އަދި މި ބޭކަލުން މާލެ ދުރުވެއްޖެއްޔާ ދަމުއައްޓަށް "އަވެއްޔެއް" ފޮނުވާކަމުގައިވެ އެވެ. (އަސްކަރު މުސްކުޅިން ނަކީ، ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައިގަންނަވާއިރު ކާތްޕުޅުފަރާތުގައި އަސްކަރުންގެ ދަނޑި ހިއްޕަވައިގެން ރަސްމީ ހެދުމުގައި ދުރުވާ ބޭކަލުން ނެވެ.)

1 ހަވަރު ބޮޑުބޭކަލުންނަކީ: ކޮލިލައްވާ، އަސާދެއްވާފައި ތިއްބަވާ ބޭކަލުން ނެވެ. އެ ބޭކަލުންނަކީ، ރަދުން ރަސްމީ ޢިއްޒަތުގައި ތަންތަނަށް ވަޑައި ގަންނަވާއިރު ރަސްމީ ހެދުމުގައި އަސާހިއްޕަވައިގެން އަރިހުގައި ދުރުވާ ބޭކަލުން ނެވެ.

2 ހަވަރު ބެރަކީ: ހަވަރު އެއްކުރުމަށް ޖަހާ ބެރެކެވެ. މި ބެރު ޖަހާނީ، ރަސްކަލަކު، ރަސްކަލެއްގެ އަނބިކަނބަލަކު، ދަރި ކަލަކު، ދަރިކަނބަލަކު ނުވަތަ ވަޒީރު ބޭކަލަކު، ނުވަތަ ހަތްދޮށުކޮލީގެ ބޭފުޅަކު އަވާހަވެއްޖެ ނަމަ އެވެ. (ހަތްދޮށުކޮލީގެ ބޭކަލުންނަކީ، ކިލެގެކަމުގެ ކޮލިލައްވާފައި ތިއްބަވާ ބޭފުޅުންނެވެ.) ބޮޑުބޮލި ބެހުމާއި، ބޮޑޮފަތަފޮޅި ބައްސަވަން ވެސް ހަވަރަށް ބެރުޖަހަ އެވެ. އަދި ދިމާވާ އެކިއެކި ބޮޑެތި ކަންކަމުގައި މި ބެރު ޖަހަ އެވެ. ހަވަރުބެރުޖަހާނީ، ބެރުވެރީންގެ އެދުރުމީހާ ނުވަތަ އޭނާގެ ބަދަލުގައި ހުންނަ އިސް ދަރިވަރެވެ. މިބެރު ޖަހާ މީހާ ހުންނާނީ، މަޖިލީހަށްއަރާ ބޭކަލުންގެ ރަސްމީ ހެދުމުގަ އެވެ. މިބެރު
ޖަހާނީ، ރަދުންގެ އަމުރުފުޅަށް މާބަނޑޭރި ބޭކަލަކު އެންގެވީމަ އެވެ. ޢާއްމުކޮށް ހަވަރުބެރު ޖަހާނީ، ނާބުސްޚާނުގަ އެވެ.

1    ހަވަރު ބޮޑުބޮއްޔަކީ: އޮޅިމެދު ރަށްރަށުން އަހަރަކު އެއްފަހަރު (ހަނގުބޭކަލުންނަށް ރަސްމީގޮތުގައި ލާޖެހި ދަނޑި
ހިއްޕަވައިގެން ދުރުވެ) ނަންގަވާ ބޮއްޔެކެވެ. މިބޮލި އަހަރަކު އެއްފަހަރު ހަވަރަށް ބަހާނެ އެވެ. މިބެހުމަށްކިޔާނީ ބޮޑުބޮލި ބެހުމެވެ.
4 ހަވަރު ބޮޑުފަތަފޮޅިއަކީ: ހަވަރުތިނަދޫ ވަރުވާގެ ތެރޭގައި އަހަރަކު އެއްފަހަރު ހަވަރަށް ގެނެސް އުޅުނު، ބޯކޮށް ފިހެފައި ހުންނަ ފޮނިރަހަ ލާ ބޮޑު ފަތަފޮޅި އެވެ. އަދި ހަމަ އެއާއެކު ގެންނަ ފޭރާންދެރަ ހުދު ކުނަލަށް ވެސް ކިޔަނީ، ބޮޑުފަތަފޮޅިކުނާ އެވެ. މި ތަކެތި ބަހާނީ ވެސް ހަވަރަށް ބެރުޖަހައި ގުޅަކުޅޭ ފަސްގަނޑަށް ހަވަރު (ހަނގު ބޭކަލުން) އެއްކޮށް ބޮޑު އަށީގަ އެވެ. ގުޅަކުޅޭ ފަސްގަނޑަކީ، ސަލްޓަންޕާރކްގެ ކުރިމަތީގައި މިހާރު އެއޮތް ބުރުހުރިތަނާ، އެބުރުގެ ވަށައިގެން ހުސްކޮށް އެއޮތް ބިމެވެ. ބޭރުބޮޑުއައްޓަކީ، ސަލްޓަން ޕާރކްގެ ދޮރޮށީގެ އިރުމަތިން ހުސްކޮށް އެއޮތްތާނގައި ދެފުރާޅަށް ހިޔާކޮށް، ވަރަށް އުސް ތަޅުންގަނޑެއް އަޅާފައި ހުންނަ ތަނެކެވެ. މި ތަނަކީ، ހަނގުބޭކަލުން ދަމަށްދުރުވެ އަދި ހަވަރުގެ އެކިއެކި ބެހުންތައް ބަހައި ހަދާއުޅޭ ތަނެވެ.

    5 ހަވަރު ހުއްޓިލެއްވުމަކީ: ހަވަރު (ހަނގުބޭކަލުން) ރަދުންގެ އަރިހުގައި ރަސްމީގޮތުން ކޮންމެވެސް ބޮޑުކަމަކާމެދު
އެއްޗެއް ދެންނެވުމަށްޓަކައި، ގުޅަކުޅޭ ފަސްގަނޑަށް އެއްވާ އެއްވުމެވެ. ގިނަފަހަރަށް އެއްވާނީ، ހުކުރު ދުވަހު ހުކުރުން ފޭބުމަށް ފަހުގަ އެވެ. ހަވަރު ހުއްޓިލެއްވުމަކީ ވެސް ހަވަރު އެއްވު މެވެ.

2    ހަވަރަށް ދެއްކުމަކީ: ދަވްލަތަށް ނުވަތަ ރަދުންނަށް ބޮޑުކުށެއް ކޮށްފިމީހަކަށް އަދަބުދިނުމަށްޓަކާ، ޚާއްޞަގޮތެއްގައި
ހަނގުބޭކަލުން ބޭނުންކޮންމެ ގޮތެއް އެމީހާއަށް ހަދާލުމަށް، ރަދުން އެމީހަކު، އެބޭކަލުންނަށް (ހަވަރަށް) ދެއްވު މެވެ.

7 ހަވަރު ބަލިކުޅައަކީ: ފަންވަތެއްގައި ޖަހާ، ބަވަތެއްގެ ގޮށެކެވެ. މިގޮށަކީ، އޭރު ހުންނެވި ރަސްކަލެއްގެ އަނބިކަނބަ ލަކު ފަންވަތެއްގައި ޖެއްސެވި ގޮށެކެވެ. މި ގޮށް ޖައްސަވާފައި ހަވަރަށް މި ފަންވަތް ފޮނުއްވާފައި މިވާޅުވިއޭ މި ގޮށް ތިޔަބޭކަލުން މޮއްސަވައި ބައްލަވާ ށެވެ. ދެން މި ބޭކަލުން މި ގޮށް މޮއްސަވަން އުޅުއްވައުޅުއްވާ ވެސް މި ގޮށެއް ނުމޮއްސެވުނެވެ. މިހެންވީމާ،
މި ގޮށަށް މީގެ ފަހުން ކިޔަނީ، ހަވަރު "ބަލިކުޅަ" ކޮށެވެ.

8 ހަވަރުކެނބަކީ: އިހުގައި ނާފަހަރުގެ ނަގިލީގައި ޖެހުމަށާއި، އަދިވެސް، ބޮޑެތި އެއްޗެހި އެހިލުމަށް ޖަހާ ފަލަ ވަލަކަށް ކިޔާ ނަމެކެވެ. މި ވަލަށް ބޮޑު ސަލާމަތި އަދި ބިލާދަރުވެސް ކިޔަ އެވެ. އިހުގައި މިކަހަލަ ފަލަ ކެނބު އަޅާނީ، ހަވަރު ނުކުންނަ ވައިގެން އަތިރިމަތީގައި ނުވަތަ މަގުމަތީގަ އެވެ. އެ ވައު އަޅައިއުޅުނު މަގަށް އޭރު ކިޔަނީ، ކެނބުއަޅާ މަގު މިހެން ނެވެ. މިހާރު އެމަގަކީ، ސޯސަންމަގެވެ.

9 ހަވަރު އޮޑިއަކީ: ހަވަރު ތިނަދޫން އަހަރަކު އެއްފަހަރު އެރަށުގެ ވަރުވާ ހިފައިގެން އަންނަ އޮޑި އެވެ.

10 ހަވަރު ފެންފަތަފޮޅިއެޅުމަކީ: ހަވަރު ގޮވާލުމަށް ފެންފޮޅި ފިހާން މަޖިލީހަށް އަރާ ބޭކަލުން ގޭގެއަށް ހަނޑޫ ބެހުމެވެ. މި ބަހުގެ މަޖާޒަކީ، ތިމާއަށް އިވުނު ޚަބަރެއް ހުރިހާތާކަށް ފަތުރަމުން ހިނގު މެވެ.

11 ހަވަރުތުންފުއްސަކީ: ހަވަރުގޮވާލުމުން ދުރުވެ، ކޭންބައްލަވައިގެން އަތްފުއްސަވާން އެލުވާފައިހުންނަ ފޮތިގަނޑަށްކިޔާ ނަމެކެވެ. މިބަހުގެ މަޖާޒަކީ، ޝަހުވާނީ ގޮތުން، ތިމާގާތަށް އައި ކޮންމެފިރިހެނަކާ ޤަބޫލުވާ އަންހެނުންނަށް ހަވަރުތުންފުއްސޭ މި
ގޮތަށް ކިއުމެވެ.

12 ހަވަރަށް ގޮވައިލުމަކީ: ވަޒީރުންނާއި، ފުރަދާނައިން ޢީދު ރޯދައަށް ހަވަރަށް ދެއްވާ ޖާފަތެވެ.

13 ހަވަރު ގެރިއަކީ: ހަވަރު (ހަނގުބޭކަލުން) އުޟުޙިއްޔާ ކަތިލެއްވުމަށް ރަދުން ދެއްވާ ގެރިއެކެވެ.

14 ހަވަރު ހިފުމަކީ: އިހުޒަމާނުގައި، ޒުލްޙިއްޔާ މަހު 6 ވަނަރޭ ގެރިހިއްޕަވަން ހަވަރަށް ގޮވާލު މެވެ. މި ގޮވާ ގޮތަކީ

ހަނގު ބޭކަލުންގެ ގޭގޭދޮށަށް މަޖިލީހަށްއަރާ ބޭބޭކަލުން ދުރުވެ، ތަކުރާ، ތަކުރާ، ތަކުރާ މާދަމާ ހެނދުނު ހަތްފިޔަވަޅަށް، މައްޗަށްގޮޅީ މައިޒާން ދޮށަށް ގެރިހިއްޕަވަން ނުކުންނަވާ! މިހެން ނެވެ. (އިތުރު ތަފްޞީލް ފޮތުގައި އެބަހުރި)

15 ހަވަރުގެރި ކަތިލާގޮތަކީ: ދިހަރޯދަ ޢިދު ދުވަހު ރަދުން ޢީދު ނަމާދުން ފައިބައިވަޑައިގެން ގަނޑުވަރަށް ވަޑައިގެން ނެވީމާ، ހަނގުބޭކަލުން، އެ ބޭކަލުންގެ ރަސްމީ ކަންކަން ނިމުމަށްފަހު، ދެން ހަނގު ބޭކަލުން ދުރުވާނީ، ބަނޑޭރިގޭ ދޮށަށް ގެރި ބައްލަވަ އެވެ. ދުރުވާއިރު ބަނޑޭރިގޭގައި ހަވަރުގެރި އޮންނާނީ ބަނދެފަ އެވެ. (ދިވެހި އާދަކާދަ: ޞ،125 ން 136 ށް)

"ހަވަރު އެއްކުރުމާއި، ހަވަރުބެރުޖެހުން ހުއްޓާލެއްވީ، ނޮވެމްބަރ 20، 1961މ. (ޖުމާދަލްއާޚިރާ 11، 1381ހ.ހޯމަ) ދުވަހު އެވެ." (ޤަރުނުފޮތުން)

ހަވަރުގެ ނަމުގައި ސަލާމަތީ ބާރެއް އެންމެ ފުރަތަމަ އެކުލަވައިލެއްވިކަމަށް ބުނެވެނީ، ބޮޑުތަކުފާނެވެ. ކޮންމެއަކަސް، އެ ތަކުރުފާނު އެކަން ކުރައްވާނީ، އެކަމަށް ބާރުލިބިދޭ މަސްދަރެއް އޮވެގެންކަމަށް ޤަބޫލުކުރެވެ އެވެ. ހަވަރުއެކުލަވައިލުމުގެކުރިން އޮންނަނީ، ފަސްވަރެވެ. އެއީ ފަސްފުރަދާނަ (ފަންސަފުރަދާނާ) އެވެ. މިދެންނެވި ހަވަރު ނުވަތަ ހަ މަޙްކަމާގެ ޢަދަދަށް އެކި ދުވަސްވަރު ބަދަލު އަންނަމުންގޮސް ބާރަ މަޙްކަމާއަށް، އެއަދަދު ބަދަލުވެ، ދިގުމުއްދަތަކަށް އެނަންތައް ދެމިގެންދިޔަ ދުވަސްވަރެއް ވެސް  މާޒީވެފައިވެ އެވެ. ރޯދަ، ޢީދު ހަނދު ފެނުމާއި، ހަނގުރާމައިގެ ޙާލަތު އިއުލާންކުރެއްވުމާއި، ހަވަރަށްކަންޒޫރި ދެއްވުމާއި، މިނޫނަސް އެފަދަ ބޮޑެތިކަންކަމުގައި ހަވަރަށް ބެރުޖަހާކަމަށް ބުނެވެ އެވެ.

ކަންޒޫރި" ދިނުމަކީ، ރަދުންނަށް ބޭފުޅަކު ލިބިވަޑައިގަތުން ނުވަތަ ތުއްޕުޅު ބޭފުޅެއްގެ އިސްތަށިފުޅު ތުރުކުރެއްވުން ނުވަތަ އެފަދަ ބޭފުޅެއްގެ ކައިވެނިފުޅު ކުރެއްވުމުން ހަވަރަށް ކާން ދިނުމެވެ.

ހަވަރަށް ދެއްކުމަކީ، ރައްޔިތުންނަށް ފެންނަގޮތަކަށް ޢަމަލުކުރުމަށް ޙަވާލުކުރުމެވެ. ގަންހިންގަނީ އެފަދަ މިސްމީހުންނެވެ. ބައެއް ޙާލަތްތަކުގައި ހަވަރަކީ، ރައްޔިތުންނެވެ. އެފަދަ ބައެއް ޙާލަތްތަކަކީ، ރައްޔިތުން އިސް ނަގައިގެން ކަމެއްކުރުން ނުވަތަ ރައްޔިތުން ލައްވައި ކަމެއް ކުރުވުން ކަމަށް ވެސް ވެފައި އެބަހުއްޓެވެ. މީގެއިތުރަށް ރައްޔިތުންނަށް ނިސްބަތްވާ ބައެއް ކަންތައްތަކަކީވެސް ހަވަރުކަމުގައި ބެލެވޭފަހަރު އާދެއެވެ. އަދި ޤަވްމު ނުވަތަ ރަށެއް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކު، ހަވަރުގެ ބާރުގެދަށަށް ގެނައުން ނުވަތަ ކާރފިއު ހިންގުން އެއީ ވެސް ހަވަރުގެ ބާރުގެ ދަށަށް ގެނައުމެކެވެ. ހަވަރު ބޮޑުބޭކަލުންނަކީ، އެބޭކަލުންގެ ނަމުގެ ކުރިއަށް ނުވަތަ ފަތަށް، ސަރުކާރުން ލަޤަބެއް އިތުރުކުރައްވާފައިވާ ބޭކަލުން ނެވެ. އެފަދަ ލަޤަބްތަކަށް އެކި ދުވަސްވަރު އުނިއިތުރު އައިސް، އެކިއެކި ދަރަޖަތަކަށް ބެހިފައި ވެއެވެ. އެގޮތުން، ދާންނާ، ކާންނާ، ފެންނާ، މޭނާ، ހިރިހަމައިދި، ވަތަބަނޑޭރި، އަރުވާކަހާ އަދި އަންހެން ބޭފުޅުންނަށް ކަނބާދި، މާނަޔާ، އާއި މިނޫންވެސް މިފަދަކިތައްމެގޮތަކަށް ބަދަލުވެފައި ވެއެވެ. ލަޤަބްތައް ދަރަޖަކޮށް ދަށްކުރެވިފައި ވަނީ، މާލޭ އާއި އަތޮޅުތައް ތަފާތުކުރުމުގެ ގޮތުންކަމަށް ފެނެ އެވެ. (ތާރީޚީ ފަތްފުށްތަކުން)

                          -------------------

                             (ނުނިމޭ)

 

 

 

އިދާރާ

ވާހަކަ