Print

"ހަވަރު" ދިވެހިދައުލަތުގެ އަސްކަރީބާރު (3)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

ޢަލީ ނަޞީރު / މަޑަވެލި


"ދިވެހިސަރުކާރުން ދިވެހީންނާއިކުރި ހަނގުރާމަ" ހުވަދުއަތޮޅު ތިނަދޫ ފިޔަވައި، ރާއްޖޭގެ އެއްވެސް ރަށެއްގެ ބަޔަކާއި، ދިވެހިސަރުކާރުން ހަނގުރާމައެއް ކޮށްފައިވާމެއް ތާރީޚުން އެނގޭކަށް ނެތެވެ. ނަމަވެސް މީލާދީން 1573 އާއި 1585 އާއި ދެމެދު "ދަވްލަތުގެ ލަޝްކަރެއް" ފުރަތަމަ ފަހަރަށް ހުވަދު އަތޮޅު ތިނަދުވަށް ގޮސް ޣައިރުދީނުގައިތިބި މީހުންނަށް ނަސޭހަތްދެއްވައި

އިސްލާމްދީނަށް ވެއްދި ކަމަށާއި، އޭގެފަހުން އަނެއްކާ ވެސް ދެވަނަ ފަހަރަށް އެރަށު މީހުން ޣައިރުދީން ޚިޔާރުކުރުމުން ދެވަނަ ފަހަރަށް ދަވްލަތުން އެރަށަށް ލަޝްކަރެއް ފޮނުއްވައިގެން ޣައިރުދީނަށް އެބުރުނު މީހުން ޤަތުލުކޮށް އެރަށް ހަވަރުގެ ބެއްލެވުމުގެދަށަށް ގެނައިވާހަކަ އަކީ، (ތާރީޚުގައި ލިޔެފައި ނެތްކަމަށް ވިއަސް) އައު ވާހަކައެއް ނޫނެވެ. އެ ޙާދިސާއަށްފަހުން ހުވަދުއަތޮޅު ތިނަދޫގެ ނަމަކީ "ހަވަރުތިނަދޫ" ކަމުގައި ބުނެވެ އެވެ. ކުޑަވެސް ޝައްކެއް ނެތެވެ. ހަވަރަކީ، ބާރެކެވެ. ބާރަކީ، ރައްޔިތުންނެވެ. ބާރުތައް ފެށެނީ، ރައްޔިތުންގެ ކިބައިންނެވެ. ހަވަރުގެ "ހަަ ބާރުގެ" ދަށުގައި، ހަވަރަށް ތަކެތިދައްކަންޖެހޭ ގޮތަށް ހަވަރުތިނަދޫ އޮތީ، ސަރުކާރު ހިންގާ އެންމެމަތީ ބާރުން އެގޮތަށް އެކަން ނިންމެވުމުން ނެވެ.

ހުވަދު އަތޮޅު ތިނަދޫ ހަނގުރާމަ

ހުވަދުއަތޮޅު ތިނަދޫ ހަނގުރާމައަކީ، އައްސުލްޠާނުލްޣާޒީ މުޙަންމާ ތަކުރުފާނުލްއައުޒަމް ސިރީސަވާދީއްތަ މަހާރަދުންގެ ރަސްކަމުގައި މާލެއިންބަޔަކު (ހަވަރު) ގޮސް ތިނަދޫގައި ކުރި ހަނގުރާމައެކެވެ. ތިނަދޫގެ ނަން ހަވަރުތިނަދޫ އަށް ބަދަލުކުރެއްވީ މިހަނގުރާމައާއި ގުޅިގެން ނެވެ. އުތީމު ރަދުންގެ ރަސްކަމުގައި މާލޭގެ ހަވަރު (ހުވަދުއަތޮޅު) ތިނަދުއަށްގޮސްކުރި ހަނގުރާމައިގައި ވަރަށް ގިނަ ލޭ އޮހޮރުނުކަމަށް ބުނެވެ އެވެ. ހަވަރަކީ، އެ ޒަމާނުގައި ރަސްކަމުގެ ފަރާތުގައި އޮންނަ ލަޝްކަރެވެ. މިފަދަ ލަޝްކަރީންގެ ބަޔަކު ތިނަދުއަށް ގޮސް ކުރަންޖެހުނު ހަނގުރާމަޔާމެދު ބަލައިލުމަކީ، އެންމެ ރަނގަޅު ކަމެކެވެ. ބައެއް މީހުން ބުނަނީ، އުތީމު ރަދުން ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު، ރާއްޖޭގެ ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ތިނަދުއަށް ވަޑައިގަތްއިރު އެރަށުގައި ތިބީ ޣައިރު ދީނުގެ ބައެއް ކަމަށެވެ. މިހެންކަމުން އެ ރަދުން އެމީހުންނާ ވާހަކަފުޅު ދައްކަވައި އިސްލާމް ދީނަށް ގޮވައިލެއްވުމުން އެމީހުން އިސްލާމްވީ ކަމަށެވެ. ކޮންމެއަކަސް ދެން ވީގޮތެއްކަމަށް ބުނެވެނީ، އުތީމު ރަދުން ތިނަދޫން ފުރާވަޑައިގަތްތާ ދުވަސްކޮޅެއްފަހުން ތިނަދޫގައި ވިހާ ކުދިން މަރުވަނީ އެވެ. މިކަން ބޮޑުވެ ރަށުގެ މީހުން ހަނދާނޭގޮތެއް ނޭނގިގެން މި ފިކުރުތެރޭ އުޅެނިކޮށް އޭރު މީހުން ދިރިއުޅުނު ރަށެއް ކަމުގައިވާ ރަހަދޫގައި އިން އަންހެނަކު، ތިނަދޫގެ ކުދީންމަރުވާ ސަބަބަކީ، ކުރީން އެމީހުން އުޅުނު ދީން ދޫކޮށްލީމާ ވާގޮތެއްކަމަށް ބުނުމުން އަނެއްކާ ތިނަދޫ މީހުން ޣައިރު ދީނަން ވަނީ އެވެ. މި ޚަބަރު މާލޭގެ ރަސްކަމުގެ ފަރާތަށް ލިބިވަޑައިގަތުމުން ތިނަދޫ މަގަށް އެޅުވުމަށް ލަޝްކަރު ފޮނުވީ އެވެ. މި ލަޝްކަރު އައިސް ލޭ އޮހޮރި އެތައްބަޔަކު މަރުވީކަމަށްބުނެ އުޅެއެވެ. އެމަރުވީ މީހުންގެ ޤަބްރުތަކެއް ތިނަދޫ މަސްޖިދުއްސުލްޠާނު މުޙަންމަދު (ހުޓިކޮޑޭ މިސްކިތް) އާއި ދިމާލުން، އެސަރަހައްދުގެ އުތުފަރާތު ގޮނޑުދޮށުންގިރަމުންދާ ދުވަސްވަރުގައި ފެނިފައިވެ އެވެ. މިހާރު އެތަނަކީ އެރަށު މިއުޒިކްހޯމް ގޭގެ އިރުއުތުރު ފަރާތެވެ. މިތަނަކީ، މިހާރު ތިނަދުވާއި މާފުއްޓާއި ދޭތެރެ ހިއްކުމުގައި މުޅިން ހިކިފައިވާ ތަނެކެވެ. ހަވަރުގެ ބެއްލެވުމުގެ ދަށަށް އެރަށްގެނެސް އޭގެފަހުން ވާރުގެއަށްފޮނުވާ ފަތްކޮޅުތަކުގެ ނަޤްލީކަރުދާހެއް ހަވަރުތިނަދުވަށް (އެރަށުގައި ހަވަރުގެ ފަރާތުން ހުންނަވާ ބޮޑުބޭކަލަކަށް) ފޮނުއްވައެވެ. އެއީ "އަލިފް" ޖެހި ފަތްކޮޅެވެ. (ގދ.ތިނަދޫ ޖަނަވަރީގޭ ޙަސަން ޙިލްމީގެ ބަޔާނަކާއި ޙަވާލާދެއްވައި، އެރަށު މަދަރުސާދޮށުގޭ ޢަބްދުﷲ ޙިލްމީ)

އެ ބަޔާނުގައި އެވާ އަންހެންމީހާގެ ވާހަކަޔަކީ، ޙަޤީޤަތެއްކަމަށްވާނަމަ، ކުރިން "ޣައިރު ދީނުގައި" ތިބޭނެ ބަޔަކީ ވެސް ހަމަ އެ ރަށުގެ އަހުލު ވެރީންނެވެ. މިހެނީ، އެމީހުންނަކީ ނުވަތަ ކުރިން ޣައިދީނުގައި ތިބި މީހުންނަކީ، ބޭރުން އައި ބައެއް ކަމަށް ވާނަމަ ދަރިފަސްކޮޅު ފެތުރި ހިނގަމުންދާނެ ކަމަކަށް ނުބެލެވޭތީ އެވެ. ކޮންމެއަކަސް ތިނަދޫ މީހުން ދީނުން ބަރީޢަވީ ޚަބަރު ސަރުކާރަށް ލިބުމާއެކު، އެފަހަރު ފޮނުއްވީ ހަވަރު ބޭކަލުން ނުވަތަ ސަލާމަތީ ބާރުތަކުންނެވެ. ސަލާމަތީ ބާރުތައް އެ ރަށަށް ގޮސް އެ މީހުންނާ ހަނގުރާމަކޮށް، ގިނަބަޔަކު ޤަތުލުކުރުމުން ދެންތިބި މީހުން އިސްލާމްދީން ޤަބޫލުކުރީއެވެ. އެކިގޮތްގޮތަށް ވަޅުލެވިފައިވާ، ގިނަބައެއްގެ ކަށިތައް މީގެ ތިރީހަކަށް އަހަރު ކުރިން އެތަނުން ފެނިފައިވާ ކަމަށް ބުނެ އެވެ. އެ ކަށިތައް ފެނިފައިވާ މީހުން މިހާރު ވެސް އެރަށުގައި އެބަތިބޫ އެވެ. ބުނެވޭގޮތުގައި އެދުވަސްވަރު ތިބި މީހުންނަށް ޝަހާދަތުގެ ދެކަލިމަ ދަސްކޮށްދެއްވީ ލާ އަކާއި، އިލާގަނޑެއް ބޭނުންކޮށްގެންކަމަށް ޙަސަން ޙިލްމީ ބުނުއްވި އެވެ.

ހަނގުރާމައަށްފަހު ތިނަދޫ (ހަވަރުތިނަދޫ) މީހުންނަށް ދެއްވާފައިވާ ބައެއް އިމްތިޔާޒްތަކާއި،
އެރަށު މީހުން، ސަރުކާރަށް ދައްކަންޖެހޭ (ޖިޒީ) ބައެއް ތަކެތި

ބުނެވޭގޮތުގައި އައްސުލްޠަނުލްޣާޒީ މުޙަންމާތަކުރުފާނުލްއައުޒަމް ސިރީސަވާދީއްތަ މަހަރަދުން ރާއްޖޭގެ ވެރިކަމާ ޙަވާލުވެ
ވަޑައިގެންނެވިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި އިސްލާމް ދީން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ވުމާއެކު، އެ މީސްމީހުންނަށް ނަޞޭހަތް ދެއްވައި، އިސްމާލީ ގިއުގަނޑުގެ ތެރޭގައި އަލުން ޤަރާރުކުރެއްވީ އެ ރަދުންނެވެ.

އެސިލްސިލާގައި އެރަސްގެފާނުގެ ސިފައިން ނުވަތަ ހަވަރު ބޮޑު ބޭކަލުން ނުވަތަ އެބޭކަލުންގެ ފަރާތުން ފޮނުއްވި ބަޔަކު
އެދުވަސްވަރު ހުވަދު އަތޮޅު ތިނަދޫގައި ތިބި ޣައިރުދީނުގެ މީހުންނާއި، ހަނގުރާމަ ކުރައްވައި އެ ރަށް ފަތަޙަކުރެއްވި އެވެ. މި ކަން ކޮންމެފަދަ ގޮތަށް ހިނގާފައި އޮތްކަމަށް ވިއަސް، ރަށެއްގެ ނަމުގު ކުރިއަށް ނުވަތަ ފަހަތަށް ވިއަސް ހަވަރު އިތުރުކޮށްގެން ނަން ކިޔާ އެހެން ރަށެއް "ހަވަރު ތިނަދޫ" ފިޔަވައި ރާއްޖެއަކު ނެތެވެ.

    ޕޯޗްގީޒުންގެ އަޅުވެތިކަމުން (1573 ގައި) ދިވެހި ރާއްޖެ މިނިވަން ކުރެއްވުމަށްފަހު، ބޮޑުތަކުރުފާނު ދެކުނަށް ކުރެއްވި ދަތުރުފުޅުގައި ހުވަދު އަތޮޅަށް ވަޑައިގަތެވެ. އެއްބަޔަކު ކިޔާއުޅެމުން އައިސްފައިވާ ގޮތުގައި ބޮޑުތަކުރުފާނު އެ ދަތުރު ހުވަދު އަތޮޅު ތިނަދުވަށް ވަޑައިގަތްއިރު އެ ރަށުގައި ތިބީ ބުދަން އަޅުކަންކުރާ މީހުން ނެވެ. ދެން ބޮޑުތަކުރުފާނު ދީނަށް ގޮވާލައްވާ އެ ރަށު މީހުނަށް ނަޞޭޙަތް ދެއްވުމުން އެ ރަށުގެ މީހުން އިސްލާމް ވެއްޖެ އެވެ. ބޮޑުތަކުރުފާނުގެ ދަތުރު ނިންމަވާފައި ވަޑައިގަތްފަހުން ދުވަސްކޮޅެއްވީތަނާ، ތިނަދޫގެ އަންހެނުން ވިހާ ކުދިން މާގިނައިން މަރުވާން ފަށައިފި އެވެ. ދެން އެ ރަށުގެ މީހުން ވަރަށް ކަންބޮޑު ވެއްޖެ އެވެ. އަދި މިކަމާމެދު އެމީހުން ވަރަށް ވިސްނާ ފިކުރު ކޮށް އެމީހުންނަށް ކުރެވެން ހުރި ކަމެއްކޮށް ވެސް ހަމަ އެއްގޮތެއް ނުވި އެވެ. މީހުން ވިހާކުދި ދަރިން ހަމަ މަރުވަނީ އެވެ. މިގޮތުން ތިނަދޫ މީހުން ކަންބޮޑުވެގެން އުޅެނިކޮށް މި ވާހަކަ އިވިގެން ހުވަދު އަތޮޅު ރަހަދޫގައި އިން އަންހެނަކު ލަފައެއް ދީފި އެވެ. އޭނާ ބުނީ ކަލޭމެން ކުރިން ތިބިގޮތަށް ތިބި ނަމަ ތިޔަގޮތަށްކުދިން މަރެއްނުވީ ހެވެ. ރަހަދޫ އަންހެންމީހާ މިބުނިވާހަކަ ތިނަދޫ މީހުންނަށްއިވިގެން ރަށުތެރޭގައި މިވާހަކަ ވަރަށް ބޮޑަށް ދެކެވެން ފަށައިފި އެވެ. އަދި އެންމެ ފަހުން ރަށުގެ މީހުން އަނެއްކާ ބުދުދީނަށް އެނބުރި އެ ދީނަށް އުޅެން ފަށައިފި އެވެ. ތިނަދޫ މީހުން ދެވަނަ ފަހަރަށް ބުދުދީނަށް އެބުރުނު ޚަބަރު މާލަހެއްނުވެ މާލެއާހަމައަށް އަތުވެއްޖެ އެވެ. މިޚަބަރު ލިބި ވަޑައިގަތުމުން ބޮޑުތަކުރުފާނު އެރަށުގެ މީހުން މަގަށް އަޅުވައި އިސްލާމް ކުރުމަށް މާލެ އިން ހަވަރު ފޮނުއްވައިފި އެވެ.

ހަވަރަކީ އެ ޒަމާނުގައި އޮންނަ ލަޝްކަރެކެވެ. މިލަޝްކަރު ހިމެނިފައިއޮންނަނީ، ހަވަރު ނުވަތަ ހަބައިގެ މައްޗަށެވެ. އެއީ ދޮށިމޭނާ ވަރާއި، ވެލާނާވަރާއި، ހަކުރާވަރެވެ. އަދި މާފަތްވަރާއި، ދަހަރާވަރާއި، ފާމުލަދޭރިވަރެވެ. މިއީ އިސް 3 ވަރާއި ފަސް 3 ވަރެވެ. ދެން މި ހަވަރު މާލެއިން ތައްޔާރުވެގެން ފުރައިގެން ހުވަދު އަތޮޅަށްގޮސް ހުވަދު އަތޮރާމަ ހިނގައި ލޭ ވެސް އޮހޮރު ނެވެ. ކޮންމެއަކަސް ހަވަރު، އެ ރަށް، ފަތަޙަ ކުރުމަށްފަހު، އަލުން އިސްލާމް ދީނަށް ވަދެއްޖެ އެވެ. އެއަށްފަހު ހަވަރު މާލެ އައުމުން ހުވަދު އަތޮޅު ތިނަދުވަށް ވަކި ކަންތައްތަކެއް އޭރުގެ ރަދުން ބޮޑުތަކުރުފާނު، އެހެންގޮތަކަށް ދަންނަވާނަމަ އަލްޣާޒީ މުޙަންމާތަކުރުފާނު ސިރީސަވާދީއްތަ މަހާރަދުން ހަމަހައްސަވައިފި އެވެ.

އާދެ! އެރަށަކީ "ހަވަރު" ގޮސް ފަތަޙަކުރި ރަށަކަށްވާތީ، ހަވަރުގެ ރަށަކަށް އެރަށް ހައްދަވައި، އެރަށުގެ ނަމަކީ، "ހަވަރުތިނަދޫ" ކަމުގައި ހަމަޖެއްސެވީ ބޮޑުތަކުރުފާނު ކަމަށް ބުނެވެ އެވެ. އެ ރަށް ހިފުމަށް ހަވަރުކުރި މަސައްކަތަށްޓަކައި، ބައެއް ތަންތަން ހަވަރަށް ދެއްވި އެވެ. އެގޮތުން ތިނަދޫ ދަނޑުކޮޅު، މެދުރުއްގަނޑު އަދި ބަރާސިލު މިއީ ހަވަރުގެ އަމިއްލަ ތަންތަން ކަމުގައި ހަމަޖެއްސެވިއެވެ. އަދި މީގެއިތުރަށް ތިނަދޫ މާފުށި، ކާޑެއްދޫ، ކޫއްޑޫ މި 3 ރަށް ވެސް ހަވަރަށް ދެއްވިއެވެ. މި ގޮތުން ހަވަރަށް މި ނަންގަނެވުނު 6 ތަން ލިބުމަށްފަހު، ހެއްދެވި ގޮތަކީ މި 6 ތަންމެ ހަވަރުތިނަދޫގެ ރައްޔިތުންނަށް ވަރުވާ އަށް ދޫކުރެއްވީ އެވެ.

ހަވަރުތިނަދޫގެ ރައްޔިތުންނަށް ޖެހެނީ، ކޮންމެ އަހަރަކު މިތަންތަނުގެ ވަރުވާއަށް ކަނޑައެޅިފައިވާ ވަކި އެއްޗެތިތަކެއް ހަވަރަށް ދައްކާށެވެ. ހަވަރުގެ ފަރާތުން ޢައްޔަންކޮށް ބަހައްޓަފައި ހުންނަ ބޮޑު ބޭކަލަކު ހަވަރު ތިނަދޫގައި ހުންނަގޮތަށް ސަރުކާރުން ހަމަޖެއްސެވިއެވެ. މީނާއަކީ، ހަވަރު ތިނަދޫގެ ކަންތައްތައް ހިންގުމާއި، ހަވަރަށް އެރަށުގެ ރައްޔިތުން ދޭންޖެހޭ ވަރުވާ
ރައްޔިތުން އަތުންނަގާ ޖަމާކޮށް މާލެ ފޮނުވުމަށްޓަކާ އެ ރަށުގައި ބެހެއްޓިފައި ހުންނަ ހަވަރުގެ ބޮޑު ބޭކަލެކެވެ.

މީލާދީން 1799 ން 1835 ށް (1214ހ. ން 1251ހ. ށް) ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްޠާން މުޙަންމަދު މުޢީނުއްދީން (1ވަނަ) ގެ ރަސްކަމުގެ ދުވަސްވަރާހަމަޔަށް މިގޮތަށް އެރަށުގައި ވެރިއަކަށް، ބޮޑުބޭކަލަކު ހުންނެވުމުގެ އާދަ ހިންގަމުން އައިސް ފައިވެ އެވެ. އޭރު ހަމަޖެހުން ގޮތުން ހަވަރު ތިނަދުވަކީ، މުޅިން ހަވަރުގެ ރަށެއްކަމުން، އެ ރަށުގެ ވެރީންނަށް ފަތްކޮޅު ދެއްވަނީ ވެސް ހަވަރުގެ ވެރިއަކަށް މާލޭގައި ހުންނަވާ ބޭފުޅެކެވެ. މިފަދަ ފަތްކޮޅުތަކުގައި ޖަހާފައިހުންނަ ސިއްކައިގައި ހުންނަނީ ޢަރަބި އަކުރުގެ ހަ އަލިފެވެ. އެއީ ހަވަރު ދެހަކޮށްދޭ ހަ އަލިފުކަމަށްވުން އެކަށިގެންވެ އެވެ. ކޮންމެއަކަސް މިފަދަ ފަތްކޮޅަށް މީހުން ކިޔާއުޅެނީ "އަލިފު" ޖެހި ފަތްކޮޅެވެ.

ހަވަރުތިނަދޫ ރައްޔިތުންއަތުން ހަވަރަށްނެގޭ ބައެއްތަކެތި
(މި ތަކެތި ނަގަނީ ޢުމުރުން 15 އަހަރު ވީ މީހުންގެ އަތުންނެވެ.)

1    ބޮޑުވައްޓޭ ބޯނޑި ނުވަތަ ބޮޑު ފަތަފޮޅި 300  މިއީ ދިވެހި ހަކުރާއި ގަބުޅިހުނިލައިގެން ވެރާ / އުރާ ނުވަތަ ކުދިބަތުން
ހިލައިގެން ހަދާ އެއްޗެކެވެ. ހިލުމަށްފަހު، ރޮށިދަމާގޮތަށް 1 ފޫޓް ޑައިމީޓަރުގައި 1 އިންޗި ބޯމިނުގައި ދަމާ، އުނިފަތުގައި އަތުރާ ފައި ދުމަށިމަތީގައި ބަހައްޓާ ހިއްކަނީ އެވެ. ހިކުނީމާ ފުޅަފިން ހަދާފައިވާ ވަށިގައި، ވައްޓެއްގައި އެތައް ފަތަފޮޅިއެއް ހުންނަގޮތަށް ބަންދުކޮށް ވެހަނީ އެވެ.

2    ކުދެވަޓި ނުވަތަ ވެށުން 1200 މިއީ ދިވެހި ހަކުރާއި ގަބުޅިހުންޏާ އެއްކޮށް ހިލާފައި {ދޮން} ކެޔޮފަތުގައި ބަންދުކޮށްގެން
ހަދާ އެއްޗެކެވެ.

3    ކާޑެއްދޫ ކުނާ 1200 {މިއީ ނިދަން އެޅޭ ބޮޑުމިނުގެ އެއްވެސް ރޮނގެއް ނުހުންނަ ފޭރާންދެރަ ކުނަލެވެ. މިއީ ހަވަރު
ތިނަދޫގައި ވިޔާ ވައްތަރެކެވެ. މިވައްތަރު ކުނަލަށް ދެފަލު ކުނަލޭ ކިޔަ އެވެ. ކުނާ ބޭނުންކުރަނީ ސަންދޯކުގައި އަޅާށެވެ.

4    ހުޅެހިކުނާ (މިވައްތަރުކުނާ ނަގަނީ ހަވަރު ތިނަދޫ ކޮންމެ ގެއަކުން ކުނަލެކެވެ.) މިއީ ނިދަންއަޅާ ބޮޑުމިނުގެ ކުނަލެކެވެ.
ކުނަލުގެ މެދުގައި ހުރަހަށް ކައިވަތެއްވަރު ފުޅާމިނުގެ ކަޅު ރޮނގެއް ހުރެ އެވެ. ކުނާ ދެއްވަނީ، ހަވަރުގެ ބޮޑު ބޭކަލުންނާއި އަދި
ސަރުކާރުގެ އެ ފަންތީގެ ބޭފުޅުންނަށެވެ.

5    ގޮއިއޮޑީގެ ބޮއްކުރާ 1 (މިއީ ހަވަރުގެ ބޭނުމަށް ކޮންމެއަހަރަކު މާލެ ގެންދިއުމަށް ބަންނަ އެއްޗެކެވެ.) މިބޮއްކުރާ ބޭނުން
ކުރަނީ، މާލޭ ކަނޑިއްމާގެ ބައްތި ދިއްލަން ދިއުމަ ށެވެ.  ހަވަރުތިނަދޫ މީހުން މިބޮއްކުރާއަށް ކިޔާ ނަމަކީ، ހަވަރު ފޮޅެޔާ ނުވަތަ ގޮއިވެރިގޭ ފޮޅެޔާ އެވެ.

6    ވަކަވައު (ވާނާ ވަލެ) 8 މިއިން ކޮންމެ ވަލެއް އޮންނަނީ، ދެބުރިއަށެވެ. އެހެންކަމުން އެކުގައި 16ބުރި އެވެ. މި ވައު
ބޭނުން ކުރަނީ، ރަސްގެފާނުގެ ޖަލިޔާކޮޅަށާއި، ގަނޑުވަރުތެރޭގެ ބޭނުންތަކަށެވެ.

7    ކާށިތެޔޮ 25 އަޑުބާ މި ތެޔޮ ނަގަނީ، ކޮންމެ ކޮންމެ މީހެއްގެއަތުން 2 ސަމްސާ ތެލެވެ.
8    ކޮންމެ ދެމީހެއްގެ އަތުން ބޮލިކޮއްޓޭ އެއް. (ކުރީގެ ހުވަދު އަތޮޅު،ޞަފްޙާ 86 ން 93 ށް)

"ވެހުމަކީ، ހިމަކޮށް ވަށާފައިހުންނަ، ރޯނުން ގޮޅިގޮޅިއަށްވާގޮތަށް ގެތުން ނުވަތަ ފުރުމެވެ. އެއް އަހަރުން މަތީގެ (ވާރުދޭޢުމުރުގެ) ކޮންމެ މީހެއްގެ އަތުންނަގާ މިތެލަކީ ގޮއިއޮޑީގައި ލުމަށް ނަގާ ތެލެވެ. މި ތެޔޮ މާލެއަށްގެންގޮސް ކަނޑިންމާގެ ބައްތި ދިއްލުމަށް ބޭނުންކުރެ އެވެ. (ބޮއްޔަކީ ކުރީޒަމާނުގައި ފައިސާގެގޮތުގައި ބޭނުންކުރި އެއްޗެކެވެ."

ހަވަރު އޮންނަނީ ހަމައެކަނި "ވެރިރަށް" މާލޭގައި

އެއްވެސް ޒަމާނެއްގައި މާލެފިޔަވައި، އެހެންރަށެއްގައި ހަވަރު އޮތްކަމެއް ތާރީޚުން އެނގޭކަށް ނެތެވެ. ހަވަރާ ގުޅޭގޮތުން
ކަމެއް ހިނގާފައި އޮތްނަމަ، ހިނގާފައިއޮތީ، ހަވަރުގެ ބާރުގެ ދަށަށް އެރަށެއް ނުވަތަ އެބަޔަކު ގެނައުންކަހަލަ ކަމެކެވެ. ހަވަރަކީ،
ބާރެކެވެ. ބާރަކީ، ރައްޔިތުންނެވެ. ބާރުތައް ތަންފީޒްކުރާފަރާތަކީ، ރަސްގެފާނެވެ. ނުވަތަ ރައްޔިތުން ނެވެ. މިދެންނެވި ދެގޮތަށް ވެސް އެކަން ހިނގާފައިވާކަން ތާރީޚުން އެނގެންއެބަ އޮތެވެ. "ހަވަރު" މި ނަން އެކިގޮތްގޮތަށް ބޭނުންކުރިކަމަށްވިއަސް "އެބަހުގެ އަޞްލާއެއްގޮތަށް" އެކަން ބޭނުންކޮށްފައިވަނީ، މިލިޓްރީ ކަންކަމުގަ އެވެ. އެފަދަ ޙާލަތްތަކުގައި ހަވަރުގެ ބޭނުން ހިފާފައިވާކަން އެއީ ތާރީޚީ ޙަޤީޤަތެކެވެ.

ތާރީޚީ މައިދާނުގައި ވަރަށްފުންނާބުއުސް ބޭފުޅުން ލަފާކޮށްފައިވަނީ، ހަވަރު ހެއްދެވީ ބޮޑުތަކުރުފާނު ކަމަށެވެ. އޭގެ ކުރިން އޮންނަނީ، ފަސްވަރު ކަމަށެވެ. އެއީ ފަސްފުރަދާނަ ނުވަތަ ފަންސަ ފުރަދާނަ ކަމަށެވެ. އެއީ ފަސްވަރެވެ. އެއިން ކޮންމެ ވަރެއްގައި އިސްކޮށްހުންނަވަނީ، ހަވަރެކޭ އެއްގޮތަށް ބޮޑުބޭކަލެކެވެ. މިއިން ކޮންމެ ބޭކަލަކީ، ކިލެގެ ބޭކަލެކެވެ. ރަސްގެފާނަކީވެސް ކިލެގެބޭކަލެކެވެ. އެނާއަކީ، ރަސްކިލެގެ އެވެ. މިއުޞޫލުން، ރަސްގެފާނަކީ ކިލެގެ ބޭކަލަށްވެފައި އަނެއް 5 ބޭކަލުންނަކީ ކިލެގެ (5) ބޭކަލުންކަމަށްވާތީ، ރަސްގެފާނާއެކު، ކިލެގެބޭކަލުންގެ ޢަދަދަކީ 6 ވެ. އެގޮތުން ބޮޑުތަކުރުފާނުގެ ކުރިންވެސް "ހަނގުރާމައިގެ ޚާއްޞަޙާލަތްތަކުގައި ރަސްކިލެގެއާއެކު ހަކިލެގެ ބޭލުންގެ މަޝްވަރާ މަޖިލީހެއް އޮންނާނެކަމަށް ޤަބޫލުކުރެވެ އެވެ. މިދެންނެވި ހަ ކިލެގެ ބޭކަލުންގެ ޖަމާޢަތަކީ ހަވަރެވެ. ނަމަވެސް ޢާއްމުކަންކަމުގައި އެއީ ފަސްފުރަދާނަ ބޭކަލުންގެ ޖަމާޢަތެކެވެ. އެއީ ރަސްކިލެގެ ކޮންމެހެން ބައިިވެރިވެވަޑައިގަންނަވަން ޖެހިވަޑައިނުގަންނަވާ ކަންކަން ވެސް ހުންނާނެތީ އެވެ. 

ކުރީޒަމާނުގައި ކަންކަން ހިނގާފައިވަނީ، މިދެންނެވި ގޮތަށްކަމަށްވާތީ (ޚާއްޞަ ޙާލަތްތަކުގައި) ބޮޑުތަކުރުފާނުގެ ކުރިން ވެސް ރަސް ކިލެގެއާއެކު، އެއޮތީ ހަމަ ހަވަރު ކަމަށް ލަފާކުރެވެ އެވެ.

ކޮންމެއަކަސް 1557މ. ން 1558މ. ށް ރަސްކަން ކުރެއްވި  (6 ވަނަ)  އަލި ރަސްގެފާނު ހަނގުރާމަޔަށް ނިކުމެ ވަޑައިގަތީ، މާލޭގެ ރައްޔިތުނާއެކުގައި ނުވަތަ ލަޝްކަރާއެކު އެވެ. ހަވަރޭ ކިޔާފައި ނެތްކަމަށް ވިއަސް އެއީ ވެސް ހަމަ މާލޭ ހަވަރެވެ. މިހެނީ، ބައެއް ލިޔުންތަކުގައި މާލޭ ހަވަރޭ އޮތުމާއި، ރާއްޖޭގެ އެނޫން އެހެން ރަށެއްގައި ހަވަރު އޮތްކަން އެނގޭނެ ލިޔުމެއް ފެންނަން ނެތުމެވެ.

ތިލަދުންމަތީގެ ރައްޔިތުން މާލެ އައުމަށް ކިޔަނީ ބޮޑުތިލަދުންމަތި އައުން ނުވަތަ އުތުރު ގަނޑުބަޑެވެ. އެއްވެސް ދުވަސް ދުވަސްވަރެއްގައި އަތޮޅުތަކުގެ ބަޔަކު މާލެއަށްގޮސް ހަވަރު އެއްވެގެންކުރާ ޒާތުގެކަމެއް ކޮށްފައިވާކަމެއް ތާރީޚުން އެނގޭކަށް ނެތެވެ.

ހަވަރުގެ ނަމުގައި ޢަސްކަރީ ބާރެއް ޙަރަކާތްތެރިވާންފެށި ދުވަސްވަރެއް "ތާރީޚީ ގޮތުން" އެނގެންނެތް ކަމުގައި ދަންނަ
ވަންޖެހެ އެވެ. ބޮޑުތަކުރުފާނުވެސް ކުރިއަށް ގެންދަވާފައި އެވަނީ އޭގެކުރިން އެކަށައެޅިފައި އޮތް ނިޒާމެއްކަމަށް ލަފާކުރެވެ އެވެ. އަލްފާޟިލް އަލްމަރްޙޫމް ހަސަން އަޙުމަދު މަނިކާއި، އަލްއުސްތާޒް އަލްމަރްޙޫމް މުހަންމަދު އިބްރާހިމް ލުޠުފީ ފަދަ ބޭބޭފުޅުން ލިއުއްވާފައިވަނީ "ހަވަރު" ހެއްދެވީ ބޮޑުތަކުރުފާނު ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ބޭފުޅެއްގެ ލިއުވުމަމުން އެކަން ކަށަވަރުކޮށްދޭނެ ހެއްކެއް އަދި އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެ ދެ ބޭފުޅުންވެސް އެގޮތަށް އެ ވިދާޅުވަނީ، މާޒީގައި ހިނގާފައިވާ ބައެއް ކަންތައްތަކާއި އަދި ހަވަރުތިނަދޫގެ ޙާދިޘާގެ އަލީގަ އެވެ.

 
އައްސުލްޠާން އިބްރާހިމް ނޫރައްދީން ދެވަނަފަހަރަށް ރަސްކަމަށް އިސްވެވަޑައިގެންނެވުމަށްފަހު މާލޭގެ ވިއްސަކަށް ޒުވާނުންނަށް ތަފާތުވައްތަރުގެ ހެވިކަމާއި އޮޅުލުން ދަސްކޮށްދިނުމުގެ މަސައްކަތް ކުރެއްވިއެވެ. މިކަންތައްތައް ހިނަގަމުންދިޔައީ އޭރުގެ އާގަނޑުވަރު (މިހާރު ރަށްދެބައިގެ) ގައެވެ. މިހާރު މިއޮތް އަސަކަރީ ނިޒާމުގެ ފެށުމަކީ މިއީ އެވެ. 

                                (ނިމުނީ)

 

 

 

 

އިދާރާ

އެނގޭތަ؟

ވާހަކަ