އަދުގެ ޚާއްސަ

Print

މީލާދުން 17ވަނަ ޤަރުނާއި 18ވަނަ ޤަރުނުގައި ދިވެހި ރަސްކަމުގައި ހިނގައި ދިޔަ، ސިޔާސީ ބޮޑެތި ހަމަ ނުޖެހުންތައް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

 

އާދަމް ނަޞީރު އިބްރާހީމް


ދިވެހިރާއްޖޭގެ ވެރިކަމުގެ ތާރީޚުގައި ސިޔާސީ ގޮތުން ހަމަ ނުޖެހުންތައް ހިނގައިފައިވެއެވެ. ލިޔެވިފައިވާ ދިވެހިތާރީޚުގައި މި ފަދަ ކަންކަން ފާހަގަކުރެވިފައި އެބަހުއްޓެވެ. ބައެއް ކަންކަން ތަފުޞީލުކޮށެވެ. ބައެއް ކަންކަން ކުރުކޮށެވެ. މި ފަދަ ހަމަ ނުޖެހުންތައް އުފެދުމުގައި ތަފާތު ސަބަބުތައް ހިމެނިފައިވެއެވެ. ހަމަ އެހެންމެ މި ކަންކަމާ ގުޅިގެން

ތަފާތު އެކި ނަތީޖާ ނިކުމެފައި ވާ ކަން ތާރީޚުން އެނގޭން އެބަ އޮތެވެ. ތާރީޚުގެ އެކި ދުވަސްވަރުގައި އެކި ގޮތަށެވެ. މި ގޮތުން މީލާދުން 17ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގެ ތެރޭގައި ވެސް ފާހަގަ ކޮށްލެވޭ ސިޔާސީ މައްސަލަތައް އުފެދި، އެކި މައްސަލައިގައި އެކި ސަބަބުތަކާހުރެ، އެކި  ނަތީޖާ ނިކުމެފައި އެބަހުއްޓެވެ.


މި މަޒުމޫނުގައި ބަލައިލާނީ، މި ގޮތުން މީލާދުން 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި ދިވެހި ރަސްކަމުގެ ތެރޭގައި އުފެދުނު ސިޔާސީ ބައެއް މައްސަލަތަކާއި، އެ މައްސަލަތައް އުފެދެން މެދުވެރިވި ސަބަބުތަކާއި، އެ ކަންކަމުގެ  ސަބަބުން އުފެދުނު ޚާރުޖީ، ދާޚިލީ، އިޖުތިމާޢީ، އިންސާނީ މައްސަލަތަކުގެ މައްޗަށެވެ.


މި މަޒުމޫނުގައި ހިމެނުމަށް މައްސަލަތައް އިޚުތިޔާރު ކުރުމުގައި އިސްކަން ދިނީ މައިގަނޑު ދެ މިންގަނޑެއްގެ މައްޗަށެވެ.  އެއް މިންގަނޑަކީ، ގިނަ މުއައްރިޚުން އެ މައްސަލައަކާ މެދު ވާހަކަ ދައްކައިފައި ވާ ނަމަ، ތާރީޚީ ގޮތުން، ބޮޑަށް ފާހަގަ ކުރެވޭ މައްސަލައަކަށް، އެ މައްސަލަ ވަނީ ކަމަށް ބެލުމެވެ. އަނެއް މިންގަނޑަކީ، ސިޔާސީ ގޮތުންނާއި، ޚާރުޖީ ގޮތުންނާއި، ދާޚިލީ ގޮތުންނާއި، އިޖުތިމާޢީ އަދި އިންސާނީ ގޮތުން އެ މައްސަލައެއް ރާއްޖެއަށް ނުވަތަ ދިވެހި ރަސްކަމާއި ޤައުމަށް އަސަރު ފޯރުވި މިންވަރެއް ވަޒަންކުރެވޭތޯ ބަލައި، އެ މައްސަލައެއް ފޯރުވާ ނުފޫޒުގެ ގޮތުން، ބޮޑު ދައުރެއް ހިމެނޭ ކަމަށް ފެންނަ ނަމަ އެ މައްސަލައަކަށް އިސްކަން ދިނުމެވެ.


މީލާދުން 17ޤަރުނު ފެށުނު އިރު ދިވެހި ތަޚުތުގައި ރެދަލި ކުރައްވަމުން ގެންދަވަނީ، އައްސުލްޠާނު އިބްރާހީމް (III) ކަލާފާނު ސިރީ ސުއްދަ ސުވަރުދަ މަހާރަދުންނެވެ. އައްސުލްޠާނު އިބްރާހީމް (III) ރަސްކަން ކުރެއްވީ، މީލާދުން 1585ން 1609 އަށް ކަމަށާއި، އެ  ރަދުންނީ އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމު ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު)ގެ ދަރިކަލުން ކަމުގައި މުޙަންމަދު އަމީން (2002) ހާމަ ކުރައްވައެވެ. [ތާރީޚުގައި މި ރަދުން މަޝްހޫރުވެވަޑައިގެންފައި ވަނީ، ކަލާފާނުގެ ނަންފުޅުންނެވެ.] (ނަސީމާ މުޙަންމަދު، 2010، ޞ: 125).އެހެންކަމުން 17 ވަނަ ޤަރުނު ފެށުމުގެ ކުރިން، (16ވަނަ ޤަރުނުގެ ފަހުކޮޅުގައި) ކަލާފާނު ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްވެވަޑައިގަތްކަމާއި،އެ ރަދުން މަޝްހުރުވެވަޑައިގެންފައި ވަނީ [އިސްކަންދަރު ރަސްގެފާނު] ގެނަންފުޅުން ކަމާއި، އެ ރަދުން ރަސްކަން ކުރެއްވީ (1585- 1609) އަށް ގާތް ގަނޑަކަށް ސައުވީހަކަށް އަހަރު ދުވަސް ވާންދެން ކަން، މުޙަންމަދު އަމީނު (2002) ގެ ބަޔާނުންނާއި، ނަސީމާ (2010)ގެ ބަޔާނުން އެނގެއެވެ.


ކަލާފާނުގެ ރަސްކަމުގައިދިމާވި ސިޔާސީ ފުރަތަމަ މައްސަލައެއްކަމުގައި ފެންނާން އޮތީ،  ކޮއްޗޭ ވެލަވަޅުނަ ތަކުރުފާނު ރަސްކަން ބޭނުންފުޅުވި ކަމަށް ތުހުމަތު ކުރެވުނު މައްސަލައެވެ. ފްރޭންކޯއީ ޕިރާޑު (1888މ.) އާ ހަވާލާ ދެއްވައި، މުޙަންމަދު އިސްމާޢީލު ދީދީ (1995) ބަޔާން ކުރައްވާ ގޮތުގައި؛[އެއް ދުވަހަކު ލިބިވަޑައިގަތް ޚަބަރަކީ، ވެލާނާކަމުގައި ހުރި މެސްޓިފް (ވެލަވަޅުނަ ތަކުރުފާނު) ސިއްރުގޮތުގައި މަސައްކަތް ކުރަނީ ޕޯޗުގީޒުންނާ އެކުވެގެން މިތާނގެ ވެރިކަން އެ ބައިމީހުންނަށް ހޯދައިދިނުމަށް ފަހު، އެ ބައިމީހުންގެ ދަށުން މި ތާނގެ ރަސްކަމަށް އެރުމަށެވެ.] (ޞ؛ 311). ޢަބްދުﷲ ފާރޫޤު ޙަސަން (2010) ހާމަ ކުރައްވާ ގޮތުގައި އިސްލާމީ ޤައުމެއްގައި ޤާއިމު ވެފައިވާ އިސްލާމީ ވެރިކަމެއް ވައްޓާލުމަށް މުސްލިމުންގެ ޢަދާވާތްތެރި ބާރަކާގުޅިގެން މަސައްކަތް ކުރުމަކީ ދައުލަތުގެ ފަރާތުން އެ މީހަކާ މެދު ނުވަތަ އެ ބަޔަކާ މެދު ހަރުކަށި ފިޔަވަޅު އަޅާން ޖެހޭނެ ކަމެއްކަމަށް އިސްލާމީ ޢިލްމުވެރީން ވިދާޅުވެއެވެ.  ޕިރާޑު (1888) އާ ހަވާލާ ދެއްވައި އިސްމާޢީލު ދީދީ (1995) ބަޔާން ކުރައްވައިފައި ވާ ގޮތުގައި ވެލަވަޅުނަ ތަކުރުފާނުގެ ބޮޑާ ކަމާއި، އޭނާ ރަސްގެފާނަށް  ބޭ އިޙްތިރާމު ކުރާކަން ރަސްގެފާނަށް ފާހަގަ ވެފައި ވީ ނަމަވެސް، އެކަމާ ފިޔަވަޅެއް ނާޅުއްވައެވެ. ނަމަވެސް ރަސްކަން ފިރުކައިގަތުމަށް ރާވާކަމުގެ ރިޕޯޓުތައް ރަދުންނަށް ލިބިވަޑައިގަތުމުން ރަސްގެފާނުގެ ރޭއްވެވުމުގެ މަތިން،ހަތިޔާރު އެޅި ބަޔަކު މެދުވެރި ކުރައްވައި އޭނާ ޤަތުލުކުރެއްވީ އެވެ. އެހެންކަމުން ރަދުންނަށް ބޭއިޙްތިރާމު ކުރުމުން ފިޔަވަޅެއް އަޅުއްވައިފައި ނެތުމާއި، ޣައިރު ދީނުގެ ބާރަކާ ގުޅިގެން އިސްލާމީ ރަސްކަމެއް ފިރުކައިގަންނާން މަސައްކަތް ކުރުމުން ފިޔަވަޅު އެޅުމީ ދީނުގެ ފަރާތުން ރަސްގެފާނުގެ މައްޗަށް ލާޒިމު ކުރާކަމެއް ކަމުގައި ވީހިނދު، އެ ކަމާ މެދު ފިޔަވަޅު އެޅުއްވުމުން،  ވެލަވަޅުނަ އާ ކަލާފާނާ  ދެމެދު ހިނގައި ދިޔައީ ޒާތީ މައްސަލައަކަށް ވުރެ ބޮޑަށް، ސިޔާސީ ހަމަ ނުޖެހުމެއް ކަމަށް ބެލޭނެ ފުރުޞަތު އެބަ އޮތްކަމަށް ދެންނެވިދާނެއެވެ. 

ވެލަވަޅުނަ ތަކުރުފާނުގެ ސަބަބުން އުފެދުނު ސިޔާސީ ފުރަތަމަ  ހަމަ ނުޖެހުމުގައި  ދިމާވި މައްސަލަތަކުގެ ތެރޭގައި އާއިލީ ގޮތުން ރަދުންނާ ކުރިމަތިވި މައްސަލަ ހިމެނެއެވެ.ޕިރާޑު (1888) އާހަވާލާ ދެއްވައިއިސްމާޢީލު ދީދީ (1995) ބަޔާންކުރައްވާގޮތުގައިވެލަވަޅުނަތަކުރުފާނަކީ، ރާއްޖޭގެ ރަށަކަށް އުރުނު ޕޯޗުގީޒު ނަވަކުން މުޙަންމަދު ތަކުރުފާނު ގެންނެވި ޕޯޗުގީޒު ކުއްޖެކެވެ. ހަމަ އެހެންމެ އޭނާ ބޮޑުވީ ކަލާފާނާ އެކު އޭނާގެ އަޚެއްގެ ގޮތުގައި ކަމަށާއި، ކާވަނީގެ ގޮތުން ގުޅިފައިވަނީ ކަލާފާނުގެ ބޮޑުބޭބޭފުޅު ޙަސަންތަކުރުފާނުގެ ދަރިކަނބަލުން ދޮން ކަމަނާފާނާ ކަމަށް ޕިރާޑް(ތ.ނ) އާ ހަވާލާ ދެއްވައި ނަސީމާ (2012) ހާމަ ކުރައްވައެވެ. ނަސީމާ (2012)  އިތުރަށް ހާމަ ކުރައްވާ ގޮތުގައި ވެލަވަޅުނަ އާ މެދު ފިޔަވަޅެއް ނޭޅި ލަސްވުމުގައި ކަލާފާނާއި ވެލަވަޅުނައާ ދެ މެދު އޮތް ޅިޔަން ފަހަވަރިކަމުގެ ގުޅުން ސަބަބެއް ކަމުގައި ހިމެނެއެވެ. ޕިރާޑު (1888) އާ ހަވާލާ ދެއްވައި އިސްމާޢީލް ދީދީ (1995) ހާމަކުރައްވާ ގޮތުގައި ވެލަވަޅުނަ ޤަތުލު ކުރެއްވުނު ފަހުން، [ދެ އަހަރަށް ވުރެ ގިނަ ދުވަސް ވާންދެން  އެކަމަނާ ގަނޑުވަރަށް ވަޑައެއް ނުގަނެއެވެ] (ޞ: 312). އެހެންކަމުން ވެލަވަޅުނަ ތަކުރުފާނުގެ މައްސަލައިގައި ރަދުންގެ އާއިލީ ގުޅުމަށް ވެސް ނޭދެވޭ އަސަރު  ފޯރާފައިވާކަން އެނގެއެވެ.


ސިޔާސީ ގޮތުން ބަލާއިރު، ވެލަވަޅުނަ  ތަކުރުފާނުގެ މައްސަލައަކީ ޤައުމުގެ މިނިވަންކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވި ކަމެކެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2011) ހާމަ ކުރައްވާ ގޮތުގައި މީލާދުން 1546- 1591 އާ ދެމެދު (16ވަނަ ޤަރުނުގެ ތެރޭގައި)  އައްސުލްޠާނު ޢަލީ (6ވަނަ) ޝަހީދުކުޅައީ، އިންޑިޔާގެ މަލާބާރުގައި އޮތް ޕޯޗުގީޒު ބާރުގެ ފަރާތުންނެވެ. ލުޠުފީ (2011) އިތުރަށް ކަށަވަރުކޮށްދެއްވާ ގޮތުގައި ޢަލީ (6ވަނަ) އަށްފަހު، ރާއްޖޭގެ ރަސްކަމާ ހަވާލުވެވަޑައިގަތީ، ޕޯޗުގީޒަށް ނިސްބަތްވާ އަނދިރި އަނދިރީންނެވެ. އަދި [އޭނާގެ އެޑްވަރިޒަރެއްގެ ގޮތުން ބެހެއްޓީ ކްރިސްޓިއަން ފާދިރީއެއް ކަމުގައި ވާ ވިޔަޒޯރުކަމަށް ދިވެހި ތާރީޚު ބުނެއެވެ. (ލުޠުފީ، 2011، ޞ: 80). ޕިރާޑު (1888) އާ ހަވާލާ ދެއްވައި އިސްމާޢީލު ދީދީ (1995) ބަޔާން ކުރައްވާ ގޮތުގައި ވެލަވަޅުނަ ތަކުރުފާނަކީ ވެސް، ޕޯޗުގީޒު ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ. ހަމަ އެހެންމެ ރާއްޖޭގެ ރަސްކަމުން ޕޯޗުގީޒުންނަށް ބައި އެޅޭގޮތަށް އޭނާ އެ މީހުންނާ ގުޅިގެން ރޭވި ކަމާއި، އެނާ ހުރީ ދިވެހި ރަސްކަމުގެ ކޮއިލުތެރޭގެ ހުރިހައި ސިއްރުތަކެއް އެނގޭ ނުފޫޒުވެރިއެއްގެ ގޮތުގައިކަމާއި އޭނާ ހުރީ 'ފެންވަރަށް ވުރެ ހިތް އުފުލިފައި' ކަމަށް، ޕިރާޑު (1888) އާ ހަވާލާ ދެއްވައި އިސްމާޢީލު ދީދީ (1995) ހަމާ ކުރައްވައެވެ. އެހެންކަމުން ކަލާފާނުގެ ރަސްކަމުގައި މި ދިމާވި ސިޔާސީ ފުރަތަމަ ބޮޑު މައްސަލަ ކުރިމަތިވުމުގައި އިސްތިޢުމާރީ ބާރަކާ ގުޅިފައިވާ، އެ މީހުންގެ ރައްޔިތަކު (ބިދޭސީއަކު) ދިވެހި ރަސްކަމުގެ އެތެރޭގެ ކަންކަމާ މަތިކޮށްފައިވުން، ސަބަބެއް ކަމުގައި ހިމެނޭ ކަމަށް ފެނެއެވެ.


ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރުގައި އުފެދުނު ދެވަނަ ހަމަ ނުޖެހުން އުފެދުނީ އާންމު ހަމަ ހަމަ ކަމުގެ އުސޫލުގެ މައްޗަށް އަމިއްލަ އެދުންފުޅު އިސްކުރެއްވުނިތީ ކަމަށް ވެދާނެއެވެ. ޕިރާޑު (1888) އާ ހަވާލާ ދެއްވައި އިސްމާޢީލު ދީދީ (1995) ވިދާޅުވާ ގޮތުގައި މުޙަންމަދު ތަކުރުފާނު އަވަހާރަވި އިރު ދުނިޔޭގައި އިންނެވި އަނބި ކަނބަލުން (މާނަޔާ ކިލެގެ) އަކީ ކަލާފާނުގެ ދޮންމަންމާފުޅެވެ. ބޮޑުތަކުރުފާނު އަވަހާރަވުމުގެ އާލާސްކަންފުޅު މަތީގައި އެ ކަމަނާއަށް ހެޔޮކޮށް ހިއްތެވުމަށް ކަލާފާނަށް ވަޞިއްޔަތް ކުރެވި ކަމަށް ޕިރާޑް (1888) އާ ހަވާލާ ދެއްވައި އިސްމާޢީ ދީދީ (1995) ބަޔާން ކުރައްވައެވެ. ނަމަވެސް އެ ކަމަށް އިހުމާލުވެވަޑައިގަތް ކަމާއި، އޭގެ ނަތީޖާއެއްގެ ގޮތުން އެ ކަމަނާގެ ހިތްޕުޅުގައި ކަލާފާނާ މެދު ނަފުރަތު އުފެދި، އެ ކަމަނާގެ ބޭބެއާއި އެއްބައިވެގެން ރަސްގެފާނުގެ އަވަހާރަކޮށްލާން މަސައްކަތްޕުޅު ކުރެއްވި ކަމަށް އިސްމާޢީލު ދީދީ (1995) ހާމަ ކުރައްވައެވެ. [މި ކަމަނާ އާއި، އޭނާގެ ބޭބޭފުޅު ފާމުލަދޭރި ކިލެގެ އާ ދެބޭފުޅުން ރޭއްވެވީ ރަދުން އަވަހާރަކޮށްލައްވައިފައި ފާމުލަދޭރި ކިލެގެގެ ދަރިކަލުން  ރަސްކަމަށް އިސްކުރުމަށެވެ.] (ނަސީމާ، 2010، ޞ. 127).  ޕިރާޑު (1888) އާ ހަވާލާ ދެއްވައި އިސްމާޢީލު ދީދީ (1995) ކަށަވަރުކޮށްދެއްވާ ގޮތުގައި މި ރޭވުން ފަޅާ އެރުމާ ގުޅިގެން، މި ކަމުގައި ބައިވެރިވި އެންމެންގެ މައްޗަށް ޝަރީޢަތް ކުރައްވައި އެއްބަޔަކު ހުވަދު އަތޮޅަށް އަރުވައި ލެވުނެވެ. [ބައިވެރިވި މީހުންގެ މައްޗަށް ޝަރީޢަތްކޮށް އެ މީހުންގެ އަތް ބުރިކުރެވުނެވެ. ...ދޮން މަންމާފުޅާއި އެކަމަނާގެ ބޭބޭފުޅު ފާމުލަދޭރި ކިލެގެފާނުގެ އަތްޕުޅުގައި ހުރި ހުރިހައި މުދަލެއް ވެސް އަތުލެއްވި އެވެ.] (ނަސީމާ، 2010، ޞ. 128). އެހެންކަމުން ކަލާފާނާއި އެރަދުންގެ ދޮންމައާ ދެމެދު މިހިނގި ކަންތައްތަކަކީ، ދޮންމަންމަގެ މައްޗަށް އަދުލުވެރިވެ ވަޑައިނުގެންނެވުމުގެ ސަބަބުން އުފަންވާން ޖެހުނު މައްސަލައެއް ކަމަށާއި، އެ ކަމާގުޅިގެން އުފެދުނު، ސިޔާސީ ހަމަ ނުޖެހުމުގެ ތެރެއަށް ރަސްކަން ވެއްޓޭން ޖެހުމުގެ އިތުރަށް، އިންސާނީ އިޖުތިމާއީ އެތައް ޖަރީމާތަކެއް އުފެދިގެން ދާން ޖެހުނީ  ރަދުންގެ ކިބައިގައި ހުންނާން ޖެހޭ ހަމަ ހަމަ ޢަދުލުވެރި ސިފައަށް ފަރުވާ ކުޑަ ކުރެއްވިގެން ކަމަށް ފެނެއެވެ.
މާލޭގެ ފައިސާވެރިއެއްގެ ސަބަބުން ވެސް އިސްކަންދަރު ރަސްގެފާނަށް ސިޔާސީ ގޮތުން ގޮންޖެހުންތަކާ ކުރިމަތި ލައްވާން ޖެހިވަޑައިގަތެވެ. ޕިރާޑު (1882) އާ ހަވާލާ ދެއްވައި ނަސީމާ (2010) ހާމަ ކުރައްވާ ގޮތުގައި ރަދުންގެ ދޮންމަންމާފުޅުގެ ފަރާތްޕުޅުން އިސްކަންދަރު ރަދުންނަށް ކުރިމަތިވެވަޑައިގަތް މައްސަލަތަކަށް ފަހު، މާލޭގެ މުއްސަންޖެއް ކަމަށްވާ ފާށަނާތަކުރުގެ ބަޣާވާތާ ކުރިމަތި ލައްވާން ޖެހިވަޑައިގަތެވެ. ޕިރާޑު (1888) އާ ހަވާލާ ދެއްވައި އިސްމާޢީލު ދީދީ (1995) ލިޔުއްވާ ގޮތުގައި ފާށަނާ ތަކުރަކީ މުދާވެރިކަމާއި ފައިސާވެރިކަމުގައި އަރާހުރި ބޮޑާ މީހެކެވެ. [އޭނާގެ އަތުގައި އެތައް އޮޑިއަކާއި، އަދި ބޮޑެތި ނާފަރު ހުއްޓެވެ. މި ތަކެތީގައި ގޮސް ރަށްރަށް ލޫޓުވައި މުދާތައް ފޭރި ހަދާނީއެވެ.] (އިސްމާޢީލު ދީދީ، 1995، ޞ: 314). އަޙްމަދު ޝާފިޢު (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، 15 ސެޕްޓެމްބަރު 2012). ވިދާޅުވަނީ، ދައުލަތެއްގައި އެ ދައުލަތެއްގެ ބާރަށްވުރެ ފައިސާއާއި ނުފޫޒުގެ ގޮތުން ވަރުގަދަ  މީހުން އުފެދުމަކީ ސިޔާސީ ލޮޅުންތައް އަރައިފާނެ ކަމެއް ކަމަށް ސިޔާސީ މާހިރުން ދެކިވަޑައިގަންނަވާ ކަމަށެވެ. ފާށަނާ ކިލެގެފާނާ މެދު ސިޔާސީ ގޮތުން ދުރާލާ އެޅުއްވި ވިސްނުންތެރި އެއްވެސް ފިޔަވަޅެއް އެއްވެސް މުއައްރިޚަކު ލިޔުއްވައިފައި ވާތީ، މި ދިރާސާއަށް ފެނިފައެއް ނެތެވެ.  އެހެންކަމުން ފާށަނާ ކިލެގެފާނުގެ ބަޣާވާތަށް މަގު ފަހިވުމުގައި އޭނާ އާ މެދު ހަރުދަނާ ސިޔާސީ ފިޔަވަޅެއް ދުރާލައި އެޅިފައި ނެތުން ސަބަބެއް ކަމުގައި ހިމެނިދާނެ ކަމަށް ބެލެވެއެވެ.


ފާށަނާ ކިލެގެގެ ސަބަބުން ރަދުންނަށާއި މުޖުތަމަޢަށް ބޮޑެތި އަސަރުތަކެއް ކުރިއެވެ. ޕިރާޑް (1888) އާ ހަވާލާ ދީ، އިސްމާޢީލު ދީދީ (1995) ވިދާޅުވެފައި ވަނީ، ފާށަނާ ކިލެގެ ރަށްރަށަށް އަރަނީ ރަސްކަލެއް ފަދައިން ހަތްކޮޅު ނަގައިގެން ކަމަށާއި، އޭނާއަށް ތަބާވާ ރައްޔިތުން ތިބޭ ކަމަށާއި، އަދި މި މައްސަލައާ ގުޅިގެން ދާޚިލީ ހަނގުރާމައެއް އުފެދި، ދައުލަތުގެ ލަޝްކަރާއި، ފާށަނާ ކިލެގެގެ ލަޝްކަރާ ދެމެދު ހަމަލާ ބަދަލުކުރެވުކަމަށެވެ.ހަމަ އެހެންމެ މި ހަމަ ނުޖެހުންތަކުގެ ތެރޭގައި ފާށަނާކިލެގެ ގެ ހަނގުރާމަވެރި އެތައް ނަވެއް  ބެހި، އެ ނައުފަހަރު ހާލުގައި ޖެހި، އަސޭކަރަޔަށް ދެވުނު ކަމަށާއި، ޖާނުފުޅަށް ރައްކާތެރިކަން ހޯއްދެވުމަށްޓަކައި، ރަސްގެފާނު މާލެ ދޫކުރައްވައި ގުރައިދުއަށް ވަޑައިގަންނަވާން މަޖުބޫރުވެވަޑައިގަތް ކަމަށް އިސްމާޢީލު ދީދީ (1995) ލިޔުއްވައެވެ. [ފާށަނާ ތަކުރު އަތުލައި ގަނެވުނީ އޭނާގެ ގިނަ އުޅަނދު ފަހަރު، ދެކުނު އަތޮޅުތަކުގައި ވަނިކޮށް، އޭގެ ތެރެއިން އެތައް އޮޑިއެއް އަސޭކަރައަށް ގޮސް، އެ ތަކުރުގެ މީހުންކޮޅު މަދުވެ، އޭނާގެ ބާރު ދެރަވެފައި ވީ ދުވަސް ވަރެއްގައެވެ. ފާށަނާތަކުރަށް ވާގިވެރިވި ގިނަ މީހުން ޤަތުލު ކުރެއްވީއެވެ. އަނެއްބައި މީހުން ކަނާއަތް ބުރިކުރައްވައި އަރުވައިލެއްވީއެވެ.] (ނަސީމާ، 2010، ޞ: 128). އެހެންކަމުން ފާށަނާ ތަކުރުފާނުގެ ބަޣާވާތަކީ އޭގެ ސަބަބުން ގިނަ ލޭ އޮހޮރުވުންތަކެއް ހިނގައި ދިޔަ، ނުރައްކާތެރި ސިޔާސީ ހަމަ ނުޖެހުމެއް ކަމަށް ދެންނެވިދާނެއެވެ. ހަމަ އެހެންމެ، އިޖުތިމާޢީ ގޮތުން ބަލާއިރު، ދިރިތިބީން ކުރެ އެތައް ބައެއްގެ އަތް ބުރި ކުރެވުމަކީ ޤައުމީ އުފެއްދުންތެރިކަމަށް ވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ.


17ވަނަ ޤަރުނުގެ ކުރީކޮޅުގެ ސިޔާސީ ހަމަ ނުޖެހުންތަކުގެ ތެރޭގައި، އޭރު އޮތް ރަސްކަމާ ދެކޮޅަށް  ސާމިޔާން ފާށަނާ ކިލެގެ ނިކުންނެވުން ހިމެނެއެވެ. ޢައްބާސް އިބްރާހީމް (2007) ބަޔާންކުރައްވާ ގޮތުގައި  މަލާބާރުން އައި ހަނގުރާމަވެރީން، ކަލާފާނު ޝަހީދު ކުޅައީ 1609 ވަނަ އަހަރުއެވެ. އެ އަށްފަހު އައްސުލްޠާނާ ކަޅުކަމަނާފާނު (1909- 1613) އާއި، އައްސުލްޠާނު ޙުސައިން ފާމުލަދޭރި ކިލެގެފާނު (1613- 1620) ދެ ބޭފުޅުން ދިވެހި ރަސްކަން ކުރެއްވި ކަމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2007) ބަޔާން ކުރައްވައެވެ. ހަމަ އެހެންމެ ޝުޖާޢީ މުޙަންމަދު ޢިމާދުއްދީނު (I) (ބޮޑު ރަސްގެފާނު/ކަޅުތުއްކަލާ) ރާއްޖޭގެ ރަސްކަމާ ހަވާލުވެވަޑައިގަތީ، 1621ވަނަ އަހަރުގައި ކަމާއި، އެ ދުވަސްވަރު ރާއްޖޭގައި ސިޔާސީ ބޮޑު ހަމަ ނުޖެހުމެއް ހިނގިކަމާއި، އެކަމުގައި އެންމެ އިސްކޮށް ހުރީ ސާމިޔާން ފާށަނާ ކިލެގެކަން ތާރީޚީ ފޮތްފޮތުން އެނގޭ ކަމަށް ޢައްބާސް އިބްރާހީމް (2007) ވިދާޅުވެއެވެ. ނަސީމާ (2010) ވިދާޅުވަނީ  ޕިރާޑުގެ ލިޔުއްވުންތަކަށް ބަލާއިރު، ސާމިޔާން ކިލެގެ ގެ އަސްލު ނަންފުޅަކީ 'މުޙަންމަދު ރަންނަ ބަނޑޭރި ތަކުރު' ކަމަށް ލަފާ ކުރެއްވޭކަމަށެވެ. ގައުމީ މަރުކަޒު (2007) ހާމަ ކުރައްވާ ގޮތުގައި ސާމިޔާން ކިލެގެ މާފިލާފުށީގައި ވަކި ރަސްކަމެއް ޤާއިމު ކުރެއްވުމުގައި އޭނާ މަދަދު ހޯއްދަވައިފައިވަނީ މަލާބާރުގެ ވެރީންގެ ކިބައިން ކަމަށް ބެލޭނެ ތާރީޚީ ސަބަބެއް ފެންނާން އެބަ އޮތެވެ. އެހެނީ ކަލާފާނު ޝަހީދުކުޅައުމަށް އައި މަލާބާރުގެ ނައުފަހަރުގައި ސާމިޔާން ކަންނައްނޫރަށް ދިޔަކަމާއި،އެ ދަތުރަކީ އެ މީހުންގެ ރަޙްމަތްތެރިކަމުގައި ކުރި ދަތުރެއްކަމާއި، އެ ދަތުރު ކުރީ އަލީރާޖާއާ ބައްދަލުކުރާންކަން އެނގިފައި ވާކަމަށް ޕިރާޑު (ތ.ނ) އާ ހަވާލާ ދެއްވައި ޤައުމީ މަރުކަޒު (2007) ހާމަ ކުރައްވައެވެ. ހަމަ އެހެންމެ ސާމިޔާން ފާށަނާ ކިލެގެ އަކީ، އައްސުލްޠާނު އިބްރާހީމް ކަލާފާނު (III) އާއި، އައްސުލްޠާނު ޙުސައިން ފާމުލަދޭރި ކިލެގެފާނާއި، އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީނު (I) އާ މި ތިން ރަސްކަލުންގެ ވެސް އަނބިކަނބަލަކު ކަމުގައި ވެވަޑައިގަތް، ކަނބާ ޢާއިޝާގެ އަޚެއް ކަމުގައި ގައުމީ މަރުކަޒު (2007) ކަށަވަރު ކޮށްދެއްވައިފައި ވާތީ، ވިދި ވިދިގެން އައި ތިން ރަސްކަމެއްގެ ރަދުންނާއި އޭނާ އާ މެދު  އޮތް މި ޅިޔަންކަމުގެ ގުޅުމަކީ، ރަސްކަމުގެ ކޮއިލުގެ ތެރެއަށް އޭނާ ފަރިތަވެ ރަސްކަމަށް ޝައުޤު އުފެދުނު ސަބަބެއް ކަމަށް ވެދާނެކަމަށް ބެލެވެއެވެ. ހަމަ އެހެންމެ ރާއްޖޭގެ ރަސްގެފާނު އަވަހާރަ ކޮށްލި މަލާބާރު ނާފަހަރުގައި އެމީހުންގެ ރަޙްމަތްތެރިކަމުގައި ގޮސް ކަންނައްނޫރު އަލީރާޖާއާ އޭނާ ގުޅުން ބަދަހި ކޮށްފައިވާ ކަމަށް  ޕިރާޑު (1888) ހަވާލާ ދެއްވައި އިސްމާޢީލު ދީދީ (1995) ހަމާ ކުރައްވައިފައިވާތީ، އެ ދުވަސްވަރު ވެސް ރާއްޖޭގައި ހިނގައިދިޔަ ސިޔާސީ ފިތުނަތަކުގައި ބޭރުގެ ނުފޫޒު އޮތްކަމާއި، އަދި އޭގެ ސަބަބުން ރާއްޖޭގައި ދާޚިލީ ހަމަ ނުޖެހުންތައް އުފެދި ލޭ އޮހޮރުވުންތައް ހިނގައިފައި ވާހަކަން އެނގެއެވެ. އަމީން (2002) ހާމަ ކުރައްވާ ގޮތުގައި ސާމިޔާ ކަލޯ ވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު މާލޭގެ ރަސްކަން އަތުލެއްވުމަށް ހަލާތައް ދެއްވައިފައެވެ. އޭނާ އަވަހާރަވީ ފިއްލަވައިގެން މަލިކުގައި ހުންވަނިކޮށް މާލޭ ލަޝްކަރު ގޮސް، ރިހީގެ ހިލިހިލާ ޖަހައިގެން ގެންނަވައި ފުވައްމުލަކަށް އަރުވައިލައްވައިފައި ހުންނަވަނިކޮށެވެ. (އަމީން، 2002، ޞ: 188).


17ވަނަ ޤަރުނުގައި ދިވެހި ރަސްކަމުގައި ހިނގައި ދިޔަ ސިޔާސީ ބޮޑެތި ހަމަ ނުޖެހުންތަކުގެ ތެރޭގައި އެނދިމަރިޔަނބުގެ ހާދިސާއަކީ، މުއައްރިޚުން ފާހަގަ ކުރައްވާ ކަމެކެވެ. ނަސީމާ (2010) ހާމަ ކުރައްވާ ގޮތުގައި އެނދިމަރިޔަނބަކީ އިސްކަންދަރު (I) ގެ ރަސްކަމުގައި އެ ރަދުންގެ ޖާރިއާއެއްގެ ގޮތުގައި ގަނޑުވަރުތެރޭގައި ގެންގުޅުއްވި ހިންދުކަރައިގެ ވަރަށް ރީތި އަންހެން ބޭކަނބަލެކެވެ. އައްސުލްޠާނު ކުޑަ މުޙަންމަދު ސިރީ މަނިރަން ލޯކަ މަހާރަދުން (1687 – 1691) ގެ މަންމާ ފުޅަކީ މި އެނދި މަރިޔަނުބަމަށާއި، އިސްކަންދަރު ރަސްގެފާނު އެ ދިޔެ އާ ކާވަނި ބައްލަވައިގަތީ އެ ރަދުންގެ އުމުރުފުޅުން 62 އަހަރުފުޅުގައި، ރަސްކަމުގެ 30 ވަނަ އަހަރުގައި ކަމަށް ނަސީމާ (2010) ހާމަ ކުރައްވައެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006)  ހާމަ ކުރައްވާ ގޮތުގައި އެނދި މަރިޔަނބަކީ، ދިވެހި ރަސްކަމުގެ ކޮއިލުތެރެ ދުށް ޢައްޔާޝީ އަންހެނެއްކަމަށް ތާރީޚު ބުނެއެވެ.  ޒަހަރު އަރުވައިގެން ރަދުން (އިސްކަންދަރު I) އަވަހާރަ ކޮށްލައި އޭނާގެ ތުއްޕުޅު ކުޑަ މުޙަންމަދަށް ރަސްކަން ލިބޭނެ ގޮތަށް އެނދި މަރިޔަނބު ކަންކަން ކުރީ، ރަސްކަމުގެ ހުރިހައި އާރަކާއި ބާރެއް އޭނާގެ އަތްމައްޗަށް ގެންނާން ވެގެން ކަމަށް ލުޠުފީ (2006) ހާމަ ކުރައްވައެވެ. އެހެންކަމުން އެނދި މަރިޔަނބުގެ ހާދިސާގައި ރަސްކަމަށް ޓަކައި ޒަހަރުދީގެން ރަސްގެފާނު އަވަހާރަކޮށްލެވިފައި ވުމާއި، އެ އަމަލު ހިންގައިފައި ވަނީ، ރަދުންގެ ބޭފުޅެއްގެ މަންމައެއްގެ މަޤާމުގައި އިން އަންހެނަކު ކަމަށްވީތީ، ސިޔާސީގޮތުން ދިވެހިތާރީޚުގައި ވަރަށް ލާއިންސާނީ ބައެއް އަމަލުތައް ހިނގައިފައިވާ ކަން އެނގެއެވެ.  ހަމަ އެހެންމެ ރަސްކަމުގެ ފަރާތުން ދީނީ ކަންކަމާ މެދު ޢަމަލު ކުރައްވަމުން ގެންދެވި ގޮތާއި ހިންގެވި ބޭ ދީނީ ޙަރަކާތްތަކާ ހެދި، ބައެއް ދީނީ ޢިލްމުވެރީން ރާއްޖެ ދޫކުރެއްވި ކަމަށް ލުޠުފީ (2006) ހާމަ ކުރައްވައިފައިވެއެވެ. އެހެންކަމުން ރާއްޖޭގެ ކުރީގެ ތާރީޚުގައި އިސްލާމްދީނަށް ކަމޭ ނުހިތާ ބައެއް ރަސްކަން ފެނިފައި ވާކަން ވެސް އެނގެއެވެ.


މީލާދުން 18ވަނަ ޤަރުނު ފެށުނު އިރު، ރާއްޖޭގެ ރަސްކަލަކަށް ހުންނެވީ އައްސުލްޠާނު މުޙަންމަދު ޝަމްސުއްދީނު ޙަމަވީއެވެ. އަމީން (2002) ހާމަ ކުރައްވާ ގޮތުގައި މީލާދުން 1692ގައި  ރާއްޖޭގެ ރަސްކަމުގެ ތަޚްތަށް އިސްވެވަޑައިގަތް،  އައްސުލްޠާނު މުޙަންމަދު ޝަމްސުއްދީނުލް ޙަމަވީ އަވަހާރަވީ 1701ގައެވެ. އެ ރަދުން އަވަހާރަވުމުން ދެން ތަޚުތުގައި ވަޑުވާނީ ކޮން ބޭފުޅެއްކަން ކަނޑަނޭޅި، ކުރެވުނު މަޝްވަރާއާ ދެކެވުނު ވާހަކަތަކާ ގުޅިގެން  ސިރާޖުއްދީނު ފަދަ ބައެއް ބޭފުޅުން މާލެ ދޫކުރައްވައި ހައްދުން މަތީ ފޮނަދުވަށް ހިޖުރަ ކުރެއްވި ކަމަށްވެސް އަމީން (2002) ހާމަ ކުރައްވައެވެ. ނަސީމާ (2010) ހާމަ ކުރައްވާ ގޮތުގައި ރަސްކަމުގެ ތަޚުތަށް ބޭފުޅަކު އިސްނުކުރެވި ދުވަސްތަކެއް ވުމަށްފަހުގައި އެންމެ ފަހުން އިސްކުޅަކީ، މުޙަންމަދު އިބްނު އަލްޙާޖީ ޢަލީ ތުއްކަލާ ދެއްވަދޫ ފަނޑިޔާރު މަނިކުފާނެވެ. ހަމަ އެހެންމެ އެ ކަލޭގެފާނު ތަޚުތުގައި ވެޑުވީ ގޮވައިގެން ގަނޑުވަރަށް ވަދެ، އަވަހާރަވީ ރަދުންގެ ހުވަފަތް އަނބިކަނބަލުންގެ ބައްޕައާއި، ފެންފުށީ ވެލާނާތަކުރުފާނާއި، އޭނާގެ އެކުވެރީންގެ އަތް ފައި، ބަނދެފައި ކަމަށް ނަސީމާ (2010) ހާމަ ކުރައްވައެވެ. އެހެންކަމުން މި ހާދިސާއިން އެނގޭ ގޮތުގައި 17 ވަނަ ޤަރުނުގެ ތެރޭގައި ވެސް ދިވެހިންގެ ތެރޭގައި ވެރިކަމާއި ރަސްކަމުގެ ކަންކަން ތަހުޒީބުކަމެއް ނެތް، ވަރަށް ހަރުކަށިގޮތުގައި ހިނގައިފައި އެބަހުއްޓެވެ.


މީލާދުން 18 ވަނަ ޤަރުނުގައި ހިނގައިދިޔަ ސިޔާސީ ކޯޅުންތަކުގެ ތެރޭގައި ޢަލީ ޝާހު ބަންދަރު ވެރިކަން ބޭނުންފުޅުވެގެން ކުރެއްވި ކަންކަން ހިމެނެއެވެ. ނަސީމާ (2010) ހާމަ ކުރައްވާ ގޮތުގައި 1701 ގައި ހިނގައި ދިޔަ މި ޙަރަކާތުގެ ތެރޭގައި އޭރު ރަސްކަމުގައި ހުންނެވި ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުންނަށް ޒަހަރު އަރުވައި އަވަހާރަ ކޮށްލެވުނެވެ. ރަދުން އަވަހާރަވުމުން ގާތް ތިމާގެ ބައެއް ބޭފުޅުން ދެއްވަދުއަށް ފޮނުވާލެވި އަރުވާލެވުނެވެ. މި ކަންކަމުގައި އިސްވެތިބީ ކުރެންދޫ ޢަލީ ޚަޠީބު ތަކުރުފާނާއި، ޝާހު ބަންދަރާ ދެކަލުން ކަމަށް ނަސީމާ (2010) ހާމަ ކުރައްވައިފައި ވާތީ، މީލާދުން 18 ވަނަ ޤަރުނުގައި ވެސް ދިވެހި ރަސްކަމާ ގުޅިފައިވާ ސިޔާސީ ޙަރަކާތްތަކުގައި އުސޫލެއް ނެތި ފިޔަވަޅު އެޅުމާއި، ގަސްތުގައި މީހުން މަރާފައި ވާކަން އެނގެއެވެ. ހަމަ އެހެންމެ ސުލްޠާނު މުޡުހިރުއްދީނު (1701- 1721) އެ ރަދުންގެ ދަރިކަލުންނާ ރަސްކަން މަތިކުރައްވައިފައި ޙައްޖުގެ ވާޖިބު އަދާކުރައްވާން ފުރައިވަޑައިގަތުމުން، ތަޚުތު ފިރުކައި ގަތުމަށްޓަކައި ޙުސައިން ވެލާނާ ތަކުރުފާނުގެ ނުފޫޒުގައި ރަދުންގެ އަނބި ކަނބަލުންނާއި އާއިލާގެ ބޭފުޅުން ގަނޑު ވަރުން ބޭރު ކުރެވުނު ކަމަށް ގައުމީ މަރުކަޒު (1981) ހާމަ ކުރެއެވެ. މި ހަމަ ނުޖެހުމުގައި ބައެއް ބޭފުޅުން ނައިފަރަށް އަރުވައިލެވި، އަދި ފަހުން ތަޚުތަށް ވެރިވެވަޑައިގަތީ، އޭރު ބޮޑުވަޒީރަކަށް ހުންނެވި މުޙަންމަދު ދޮށިމޭނާ ތަކުރުފާނު ކަމަށް މަރުކަޒު (1981) ބަޔާން ކުރެއެވެ. އެހެންކަމުން މިއީ ދިވެހި ސިޔާސީ ތާރީޚުގައި ވެރީންގެ އެންމެ އަރިހުގައި ތިއްބަވާ ބޭފުޅުން ވެރީންނަށް ޚިޔާނާތްތެރިވެވަޑައިގެންފައި ވާ ކަމުގެ ހެއްކެކެވެ.


ދިވެހިރާއްޖެ ހޮޅީންގެ އަތްދަށަށް ދިޔަ ދިޔުމަކީ ވެސް ސިޔާސީ ހަމަ ނުޖެހުމެއްގެ ތެރެއިން ހިނގައިފައި އޮތް ކަމެކެވެ. އަޙްމަދު ޝާޠިރު (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، 2002، ޖުލައި 3) ވިދާޅުވި ގޮތުގައި ހިޖުރައިން 1166ވަނަ އަހަރުގެ ޞަފަރު މަހު 13 ވިލުނު ރޭ ހޮޅީން މާލެ އެރައި މާލޭގެ ތިންބައިކުޅަ ދެބައިގައި ހުޅުޖަހައި އަންދައިލައި އޭރު ރަސްކަމުގައި ހުންނެވި އައްސުލްޠާނު މުކައްރަމު މުޙަންމަދު ޢިމާދުއްދީނު (1750- 1754) ހައްޔަރުކޮށްގެން މަލިކަށް ގެންގޮސް ޝަހީދު ކޮށްލީ، ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުންކަމުގައިވާ މުޙަންމަދު ޝަމްސުއްދީނާއި، އަޙްމަދު މުޙްޔިއްދީނުގެ ރޭވުމުގެ މަތީންނެވެ. މިހާދިސާގައި ބައެއް މިސްކިތާއި ވެޔޮދޮށު ގަނޑުވަރު އެކީގައި އަނދައިގެން ދިޔަކަމަށް ނަސީމާ (2010) ހާމަ ކުރައްވައެވެ. އެހެންކަމުން މި ހާދިސާއަކީ، އިންސާނީ ގެއްލުމުގެ އިތުރަށް ސަގާފީ ތާރީޚީ ވަރަށް ބޮޑު ގެއްލުމެއް ލިބުނު ހާދިސާއެއްކަމަށް ދެންނެވިދާނެއެވެ.


މީލާދުން އަށާރަވަނަ ޤަރުނުގެ ފަހުކޮޅަކީ ވެސް ރާއްޖޭގައި ސިޔާސީ ހަމަ ނުޖެހުންތައް އޮތް ދުވަސްވަރެކެވެ. އެ ގޮތުން، 1774 ވަނަ އަހަރު ޣިޔާޘުއްދީނު ޙައްޖުން ވަޑައިގެން، އޭރު ގަދަކަމުން ރަސްކަމަށް އިސްވެ ހުންނެވި އައްސުލްޠާނު މުޙަންމަދު މުޢިއްޒުންދީނުގެ އަރިހުން އަމާން ކަމަށް އެދިވަޑައިގަތުމުން ޢަސްކަރީން ފޮނުއްވައި އެ ރަދުން ކަނޑުފެއްތިކަން ފާހަގަ ކުރެވެއެވެ. ނަސީމާ (1998) ހާމަ ކުރައްވާ ގޮތުގައި މި ޣިޔާޘުއްދީނު ކަނޑުފައްތައި  ޝަހީދު ކޮށްލީ އެ ރަދުން މާފަށް އެދި ސިޓީއެއް ވެސް ފޮނުއްވި ފަހުންނެވެ. ހަމަ އެހެންމެ ފުވައްމުލަކަށް ފޮނުއްވައިލައްވައިފައި ހުންނެވި، ޣިޔާޘުއްދީނުގެ ދަރިކަލުން، އަލުން ރަސްކަމަށް ގެންނެވުމަށްޓަކައި، މުޙައްމަދު ދަހަރާ ތަކުރުފާނާއި އެހެނިހެން ބައެއް މީސް މީހުން މަސައްކަތް ކުރާކަން އެނގިވަޑައިގެން އެކަމުގެ ސަބަބުން ވެސް ސިޔާސީ މަސްރަޙު ހަލަބޮލިވެގެން ދިޔަކަމަށް ނަސީމާ (2010) ހާމަ ކުރައްވައެވެ.

ނިންމުން


ދިވެހިރާއްޖޭގެ ތާރީޚުން ފެންނާން ހުރި ހާދިސާތަކަށް ބަލާއިރު، މީލާދުން 17ވަނަ ޤަރުނާއި 18 ވަނަ ޤަރުނުތެރޭ ސިޔާސީ ގޮތުން ބޮޑެތި ހަމަ ނުޖެހުންތައް ހިނގައިފައި އެބަހުއްޓެވެ. ބޭރުގެ ލާދީނީ ބާރުތަކާ ގުޅިގެން ވެރިކަން ރަސްކަން ހޯދުމަށް ކުރެވިފައި ހުރި ހަނގުރާމަތަކެވެ. އާއިލީ ވާދަވެރިކަމުގެ ތެރޭގައި ހިނގައިފައިވާ ކަންކަމެވެ. މީހުން ކަތިލުމެވެ. ޒަހަރުދީ މެރުމެވެ. އެއްވެސް އުސޫލެއް ހަމަ އެއްނެތި ގެދޮރުން ބޭރުކޮށް ދުރު ރަށްރަށް ފޮނުވައިލުމެވެ. ރަސްގެފާނު ޤައުމުން ބޭރަށް ވަޑައިގެންފި ނަމަ، ކޮންމެ ވެސް މީހަކު އިސްވެ ހުރެގެން ގަދަ ބާރުން ވެރިކަން ފިރުކައިގަތުމެވެ. މި ކަންކަމުގެ ތެރޭގައި ދިވެހިންގެ ނަމަށް ހުތުރު ލިބިފައި އެބަހުއްޓެވެ. ދިވެހިންގެ ހަރު މުދަލާއި ސަގާފީ ތާރީޚީ ތަރިކަތަކުގައި އަލިފާން ޖެހެވި ރޯކުރެވިފައި އެބަހުއްޓެވެ. އެހެން ކަމުން މި ދިރާސާއިން އެނގުނު ގޮތުގައި މީލާދުން 17ވަނަ ޤަރުނާއި 18 ވަނަ ޤަރުނުގައި ހިނގައިފައިވާ ސިޔާސީ ބައެއް ޙަރަކާތްތަކަކީ، ތަހުޒީބުކަން ކުޑަ ހަރުކަށިގޮތެއްގައި ހިނގައިފައިވާ ކަންކަމެވެ.
                             -------------------
                                  (ނިމުނީ)

ރެފަރަންސް:
ނަސީމާ އަޙްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙަންމަދު އަމީނު. (2010). ތަންޤީޙު ކުރެވުނު ދިވެހިތާރީޚުގެ ތަންތަންކޮޅު. މާލެ: ނޮވެލްޓީ ޕްރެސް.
މުޙަންމަދު އިސްމާޢީލު ދީދީ. (1995). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ
  ޤައުމީ މަރުކަޒު.
މުޙަންމަދު އިސްމާޢީލު ދީދީ. (2007). ސާމިޔާ ފާށަނާ. ދިވެހި އަދީބުންގެ ދުވަސްވީ ލިޔުންތައް، 3.
    މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރޒް ޕވޓ. ލޓޑ.
މުޙަންމަދު އިބްރާހީމް ލުޠުފީ. (2011). މުޚްތަޞަރު ތާރީޚު ދީބާ ބަހަލް. މާލެ: ދިވެހިރާއްޖޭގެ ޤައުމީ
    ޔުނިވަރސިޓީ.
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2007). އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީން 1. މާލެ:
    ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ޢަބްދުﷲ ފާރޫޤު ޙަސަން. (2012). ޢާމިރުންނާ ދެކޮޅަށް ތެދުވެވޭނެއެވެ. މާލެ: ސަން




 

 

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ