އަދުގެ ޚާއްސަ

Print

ރާއްޖޭގެ ތަޢުލީމު ކުރިއަރައިގެން އައީ ސިޔާސީ ގޮތުން އެ ކަމަށް ބޭނުން ވުމުންނެވެ.

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

އަޙްމަދު ނާއިދު

ފެށުން:
ރާއްޖޭގެ ތައުލީމު ކުރިއަރައިގެން އައީ ސިޔާސީ ގޮތުން އެކަމަށް ބޭނުވުމުންނެވެ. ސަރުކާރުން ތައުލީމު ކުރިއެރުވުމަށް ވަރަށް ގިނަގުނަ މަސައްކަތްކޮށް އަދި އެމަސައްކަތްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ތައުލީމާ މެދު ބެލެނިވެރިން ހޭލުންތެރި ކުރުމަށް ޤައުމީ ފެންވަރުގައި އަސާސީ ތައުލީމު ޕޮރުގުރާމެއް ފެށްޓެވިއެވެ. (ޢަބްދުއްރަޙީމް ޙަސަން، 1997). 

ކިޔަވައިދިނުމުގެ ނިޒާމަށް ބަދަލުގެންނެވިއެވެ. އިނގިރޭސި އަދި ޢަރަބި މީޑިއަމަށް ކިޔަވައިދޭން ފެއްޓެވިއެވެ. ދުނިޔޭގެ އެކިއެކި އިމްތިޙާނުތަކުގައި ދިވެހި ކުދިން ބައިވެރިކުރުވަން ފެއްޓެވިއެވެ. ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނުދާނެހެން ސަރުކާރުން ތައުލީމީ ޚަރަދުތައް ފެއްޓެވިއެވެ. ސްކޫލު މަދަރުސާތަކާއި ކޮލެޖުތައް އަޅައި ދަރިވަރުން ކިޔަވާ ހިތްވާ، ކިޔަވަން ފަސޭހަ މާޙައުލެއް ސަރުކާރުން ހޯދައިދިނެވެ. ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކިޔަވަދޭން ފެއްޓުނެވެ. ތައުލިމީ ރޮގުން ރަން ވަނަ ހޯދާ ދަރިވަރުންނަށް އެވޯޑު ދޭން ނިންމެވިއެވެ. މި ކަންތައްތަކަށް ބަލާއިރު، ރާއްޖޭގެ ތައުލީމު ކުރިއަރައިގެން އައީ ސަރުކާރުން އެކަމަށް ބޭނުންވެގެންނެވެ.


މިދިރާސާގައި ބަލައިލެވިފައި ވާނީ ތައުލީމާމެދު ބެލެނިވެރިން ހޭލުންތެރި ކުރަން ސަރުކާރުން ކުރި މަސައްކަތާއި، ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު ބަދަލުތަކާއި، ސަރުކާރުން ތައުލީމަށް ކުރި ޚަރަދުތަކައި އަދި ދަރިވަރުން ތައުލީމަށް ޝަރުޤުވެރިކުރުވުމަށް ސަރުކާރުން ކުރެއްވި ކަންތައްތަކުގެ މައްޗަށެވެ. މިދިރާސާއިން އެނގުނީ ރާއްޖޭގެ ތައުލީމު ކުރިއަރައިގެން އައީ ސަރުކާރުން އެކަމަށް ބޭނުންވެގެންކަމެވެ.


ތައުލީމާ މެދު ބެލެނިވެރިން ހޭލުންތެރި ކުރުން


ސަރުކާރުން ބެލެނިވެރިން ހޭލުންތެރިކުރިއެވެ. ޤައުމީ ފެންވަރުގައި އަސާސީ ތައުލީމު ޕޮރުގުރާމެއް ސަރުކާރުން ފެއްޓެވީ 2 ފެބުރުއަރީ 1980 ގައެވެ. (އަބްދުއްރަޙީމް ޙަސަން، 1997). މި ޕޮރުގުރާމު ފެއްޓުމުގެ ކުރީގައި ދިވެހިންނަށް ކިޔެވުމުގެ މާބޮޑު ފުރުޞަތު ތަކެއް ނުލިބޭކަމަށް ވެދާނެއެވެ. ނަމަވެސް ރަށުގެ މުއްސަނދި ޢާއިލާތަކުން ދިޔައީ އެއިރަކު ލިބެން ހުރި ތައުލީމު އެމީހުންގެ ދަރިންނަށް ހޯދައި ދެމުންނެވެ. (ކަށިމާ އަޙްމަދު ޝާކިރު، 2006). އެހެން ނަމަވެސް އަސާސީ ތައުލީމު ޕޮރުގުރާމު ފެށުމާއެކު ޤައުމުގެ ލިޔަން ކިޔަން ދަންނަ ނިސްބަތް އިތުރުވެގެން ދިޔަކަން ފާހަގަކުރެވެއެވެ. މިޕޮރުގުރާމު ފެށިއިރު ލަފާކުރެވޭ ލިޔަންކިޔަން ދަންނަ އިންސައްތަ އަކީ 70 އެވެ. (އަބްދުއްރަޙީމް ޙަސަން، 1997).


ތާވަލު 01 އިން ދައްކާ ގޮތުގައި އޭރު ރާއްޖޭގެ ލިޔަންކިޔަން ދަންނަ ނިސްބަތް ވަރަށް ދަށެވެ. ލިޔަން ކިޔަން ދަންނަ ނިސްބަތް އިތުރުކުރުމަށްޓަކައި ސަރުކާރުން އަސާސީ ތައުލީމު ޕޮރުގުރާމެއް ފެއްޓެވިއެވެ. 1 ޖެނުއަރީ 1980 ވަނަ އަހަރު ރައީސުލް ޖުމުހޫރިއްޔާ އިޢުލާންކުރި 6 އަހަރުދުވަހުގެ އަސާސީ ތައުލީމު ޕޮރުގުރާމުގެ ފުރަތަމަ ބައިގައި ހިމެނެނީ، ލިޔަން ކިޔަން ދަސްކޮށްދިނުމެވެ. އަދި ބެލެނިވެރިންނަށް ޖަމާޢަތުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގައި އިސްދައުރެއް އަދާކުރުމަށް ބާރުއެޅުމެވެ. ބެލެނިވެރިންނަށް އައު ހުނަރާއި ތައުލީމު އަދި ރިވެތި އާދަތައް ދަސްކޮށްދިނުމެވެ. (އަބްދުއްރަޙީމް ޙަސަން، 1997). އަސާސީ ތައުލީމު ޕޮރުގުރާމުގެ ސަބަބުން ބެލެނިވެރިން ދަރިންނަށް ތައުލީމު ހޯދައި ދިނުމުގެ މުހިންމުކަން އެގުނެވެ. އަދި ދަރިންނަށް ތައުލީމު ހޯދައި ދިނުމަށް ބެލެނިވެރިން މަސައްކަތް ކުރަން ފެށިއެވެ. މިކަމުގެ ސަބަބަބުން ލިޔަން ކިޔަން ދަންނަ ނިސްބަތް އިތުރުވީކަމަށް ވެދާނެއެވެ. ދަރިންނަށް ތައުލީމު ހޯދައިދިނުމަށް މަސައްކަތް ކުރުމާއި، ޖަމާޢަތުގެ ތަރައްޤީގައި ޙިއްސާވާން ފެށުމަކީ ބެލެނިވެރިން ހޭލުންތެރިވިކަން އަންގައިދޭ ހެއްކެކެވެ.


ނިޒާމަށް ގެނެވުނު ބަދަލު


ސަރުކާރުން ތައުލީމީ ނިޒާމަށް ބަދަލު ގެންނެވިއެވެ. މިބަދަލާއި ގުޅިގެން ރާއްޖޭގެ ތައުލީމު ކުރިއަރައިގެން ދިޔައެވެ.
[ތަނެއްގައި ހިނގަމުންދާ ތައުލީމީ ނިޒާމެއް ބަދަލުކޮށްލުމަކީ ކުޑަކަމެއް ނޫނެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ތައުލީމަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އެހިނދަކަށް ދޭންޖެހިއްޖެ ތައުލީމެއް ދީގެން މެނުވީ އެއްވެސް ޤައުމަކަށް ތަރައްޤީއެއް ނުވެނޭވެ. އަމުދުން ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ޤައުމެއްގައި ޒަމާނުއްސުރެ ހިންގަމުން އައި އުސޫލާއި ގޮތް ދޫކޮށް ހޭލުންތެރިވުމުގެ މަގަށް ލެނބިގެން މެނުވީ ކުރިއަކަށް ނުދެވޭނެއެވެ. މިކަން އެންމެ ބޮޑަށް ވިސްނާވަޑައިގަތީ އޭރުގެ ސިޔާސީ މުޙައްނިކުންނެވެ.] (ކަށިމާ އަޙްމަދު ޝާކިރު، 2006).


ސަރުކާރުން ވިސްނެވުމަށްފަހު، މަކުތަބުތައް މަދަރުސާތަކަށް ބަދަލުވެގެން ދިޔައީ 1957 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ކުރީގައި ކިޔަވަމުން އައީ މުސްލިމަކަށް ވީތީ ކޮނެމެހެން އެނގެންޖެހޭ ކަންކަމެވެ. އެގޮތުން ދީނިއްޔާތު، ޢަރަބި ފަދަ މާއްދާތައް ކިޔަވާފައިވެއެވެ. ކަށިމާ އަޙްމަދު ޝާކިރު (2006) ވިދާޅުވާ ގޮތުގައި އިގިރޭސި މީޑިއަމަށް ކިޔަވައި ދިނުން ބަދަލުކުރުމަށް ލަންކާއިން ޓީޗަރުން ގެންނެވިއެވެ. އެއީ 1957 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ އިނގިރޭސި މަންހަޖެއް ރާއްޖެއަށް ތަޢާރަފު ކުރެވުނީ 1960 ވަނަ އަހަރު ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާޞިރުއެވެ. (މުސްޠަފާ ލުޠުފީ، 2011). އިބްރާހިމް ނާޞިރު 1960 ވަނަ އަހަރު މާލޭގެ މަދަރުސަތުލް އަމީނިއްޔާ (މިހާރުގެ އަމީނިއްޔާ ސްކޫލް) އަދި މަދަރުސަތުލް މަޖީދިއްޔާ (މިހާރުގެ މަޖީދިއްޔާ ސްކޫލް) އިނގިރޭސި މީޑިއަމަށް ބަދަލުކުރެއްވިއެވެ. މި ދެ ސްކޫލަކީ ޔުނިވަރސިޓީ އޮފް ލަންޑަންގެ ޖެނެރަލް ސަރޓިފިކެޓް އެފް އެޑިއުކޭޝަން (ޖީ.ސީ.އީ) އޯޑިނަރީ ލެވެލް (އޯ ލެވެލް) އަށް ކިޔަވަދޭ ދެ ސްކޫލުކަމުގައި ހެއްދެވިއެވެ. (މުސްޠަފާ ލުޠުފީ، 2011). ސަރުކާރުގެ ފަރާތުން އެންމެ ފުރަތަމަ ޖީ.ސީ.އޯ ލެވެލްގައި ބައިވެރިކުރުވީ އަމީނިއްޔާ ސްކޫލުގެ 4 ދަރިވަރުންނެވެ. އެއީ 1967 ވަނަ އަހަރުގެ ޖެނުއަރީ މަހުގެތެރޭގައެވެ. (ކަށިމާ އަޙްމަދު ޝާކިރު، 2006). އިގިރޭސި މީޑިއަމަށް ކިޔަވަދޭން ފެށުނީ އިގިރޭސި އިމްތިޙާނުގައި ބައިވެރިވާން ކަމަށްވެސް ވެދާނެއެވެ.


ރާއްޖޭގައި ސްކޫލު ނިޒާމުގެ ދަށުން ކިޔެވުން ފެށި ސްކޫލުތައް ބިނާކުރެވުނެވެ. ސްކޫލުތަކަށް ޕްރިންސިޕަލުން ހަމަޖެއްސެވިއެވެ. އަދި ސްކޫލު ހިންގާނެ ވަކި ގޮތްތަކެއް ކަނޑައަޅުއްވައި ސަރުކާރުގެ ހުރިހާ ސްކޫލެއްގައި އެގޮތް ތަޢާރަފުކުރެއްވިއެވެ. އެއް ދަންފަޅިއެއްގައި ކިޔަވައިދޭ ސްކޫލުތަކެއް ކަމުގައި ގިނަ ސްކޫލުތައް ހަމަޖެއްސެވިއެވެ. ނިޒާމަށް ގެނެވުނު ބަދަލާއި ގުޅިގެން ކޮންމެ ކުއްޖަކަށް ތައުލީމު އުގެނުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔައެވެ. ރާއްޖޭގައި މިހާރު އުފަންވާ ކޮންމެ ކުއްޖަކަށް ސަރުކާރުގެ ފަރާތުން ދަނީ ތައުލީމު ދެމުންނެވެ. އެގޮތުން ގުރޭޑު 1 އިން 12 އާއި ހަމައަށް ކިޔެވުމުގެ ފުރުޞަތު ކޮންމެ ދިވެއްސަކަށް ވެސް ލިބިގެންވެއެވެ. [ސަރުކާރުގެ ސިޔާސަތަކީ، ޢުމުރުން 18 އަހަރު ފުރެންދެން ކޮންމެ ކުއްޖަކަށްވެސް ތައުލީމީ ކޮންމެވެސް ޕްރޮގްރާމެއްގައި ބައިވެރިވެވޭނެ ގޮތް ހަމަޖެއްސުން.] (މުޙައްމަދު ވަޙީދު ހަސަން މަނިކް، 2013).


މި ދެންނެވި ސަބަބުތަކަށް ބަލާއިރު ނިޒަމަށް ގެނެވުނު ބަދަލުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމު ކުރިއަރާފައިވެއެވެ.

ތައުލީމީ ޚަރަދުތައް ސަރުކާރުން ފެއްޓެވުން


ސަރުކާރުން ތައުލީމީ ޚަރަދުތައް ފެއްޓެވުމާއި ގުޅިގެން ތައުލީމު ކުރިއަރައިގެން އައެވެ.  1978 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ޚަރަދުގައި ހިންގަމުން އައީ 4 ސްކޫލެވެ. އެއީ މާލޭގައި ހިންގާ 3 ސްކޫލާއި ރާއްޖެތެރޭގައި ހިންގަމުންދިޔަ 1 ސްކޫލެވެ. (މައުމޫނު އަބްދުލް ޤައްޔޫމް، 1980). ނަމަވެސް ސަރުކަރަށް ލިބެމުންދިޔަ އާމުދަނީ އާއި އެއްވަރަށް ތައުލީމީ ޚަރަދުތައް ކުރެވެމުންދިޔައެވެ. އެގޮތުން 1979 ވަނަ އަހަރު ނިމުނު އިރު ސަރުކަރުން ހިންގާ 24 ސްކޫލު ހުރިއެވެ. އެގެތެރޭގައި މާލޭގެ 3 ސްކޫލާއި ރާއްޖެތެރޭގެ 21 ސްކޫލު ހިމެނެއެވެ.

ތާވަލު 2
     
ތާވަލު 2 އިން ދައްކަނީ 1911 އާއި 1921 ގައި މުޅި ރާއްޖެގައި ތިބި ކިޔަވައި ދިނުމުގެ ދާއިރާގައި ތިބި މީހުންނާއި ތަންތަނުގެ ޢަދަދުތަކެވެ. ނަމަވެސް 2009 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މާލޭގެ ސްކޫލުތަކުގައި 1468 ޓީޗަރުން ކިޔަވައިދެއެވެ. އަތޮޅުތަކުގެ ސްކޫލުތަކުގައި 5388 ޓީޗަރުން ކިޔަވައިދެއެވެ. (މިނިސްޓްރީ އޮފް އެޑިއުކޭޝަން، 2009). ޓިޗަރުން އުފެއްދުމަށް ސަރުކާރުން ވަރަށް ބޮޑު ޚަރަދެއް ކުރާކަމަށް ފެނެއެވެ. އެގޮތުން މޯލްޑިވިސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން އިން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތައް ހިންގައެވެ.


ރާއްޖެތެރޭގައި ގިނަ މަކްތަބުތަކެއް ނުވަތަ އެދުރުގެތަކެއް ހުރިނަމަވެސް އެތަންތަނަކީ އަމިއްލަ މީހުންގެ ތަންތަނެވެ. އެއީ ފައިސާ ދީގެން ކިޔެވޭ ތަންތަނެވެ. ފައިސާގެ ފޯރުންތެރިކަން ނެތް މީހުންނަށް މިފަދަ މަކްތަބަކުން ޖާގައެއް ނޯންނާނެއެވެ. މިހެން މިކަން އޮއްވައި މެދުނުކެނޑި 10 އަހަރު ވަންދެން ޚިދުމަތްދިން މަކުތަބު، މަދަރުސާތަކަށް ސަރުކާރުން އެހީދިނެވެ. އަދި ކުރިއަށް ވުރެ ގިނަ ކުދިންތަކަކާއި އެކު ކުލާސްތައް ފެށިގެން ދިޔައެވެ. އެއީ 1 މާޗް 1979 ވަނަ ދުވަހުން ފެށިގެންނެވެ. (ކަށިމާ އަހްމަދު ޝާކިރު، 2006). ސަރުކާރުގެ މިއެހީގެ ސަބަބުން ތައުލީމު ނުލިބި ތިބި ވަރަށް ގިނަބަޔަކަށް ތައުލީމު އުނގެނުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. އަދި މީގެ އިތުރުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށުގައި ޤުރުއާން، ދީނިއްޔާތު ޢަރަބި، ތާނަ ލިޔުން، ހިސާބު، އަދި އިނގިރޭސި ކިޔަވައިދޭނެ މަކުތަބު ފެންވަރު ތަނެއް ސަރުކާރުގެ ޚަރަދުގައި އެޅުއްވިއެވެ. (ކަށިމާ އަހްމަދު ޝާކިރު، 2006).


1978 ވަނަ އަހަރު ސަރުކާރުން ހިންގާ 4 ސްކޫލު ހުރިކަމުގައި ވީނަމަވެސް 2010 ވަނަ އަހަރާއި ހަމައަށް ސަރުކާރުން ހިންގާ 217 ސްކޫލު އެބަހުއްޓެވެ. ސަރުކާރުގެ ފަރާތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ސްކޫލެއް ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއެވެ.


ސަރުކާރުގެ ފަރާތުން އޭ ލެވެލް އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލިއެވެ. އެގޮތުން ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން 3 ޖުލައި 1979 ގައި ހުޅުވިއެވެ. ސްކޫލު ހުޅުވުނު އިރު ތިބީ 47 ކުދިންނާއި 4 ޓީޗަރުންނެވެ. ނަމަވެސް މިހާރު 1500 ދަރިވަރުން ކިޔަވަމުންދެއެވެ. އަދި 90 ޓީޗަރުން ކިޔަވައިދެއެވެ. (ސީ.އެޗް.އެސް.އީ، 2013).
ރާއްޖޭގައި މަތީ ތައުލީމު ދިނުމަށް 10 ސެންޓަރު 2010 ވަނަ އަހަރާއި ހަމައަށް އެބަހުއްޓެވެ. މިސެންޓަރުތަކަކީ :-


1.    ވިލާ ކޮލެޖް
2.    މެޕްސް އިންސްޓިޓިއުޓް
3.    އައި.ބީ.އެސް ސިޓީ ކެމްޕަސް
4.    މަންދު ކޮލެޖް
5.    ސައިރެކްސް ކޮލެޖް
6.    ފޯކަސް އެޑިއުކޭޝަން ސެންޓަރ
7.    މޯލްޑިވިސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން
8.    ކްލިކް ކޮލެޖް
9.    ކުލިއްޔަތުއް ދިރާސާރިލް އިސްލާމިއްޔާ
10.     އެމް.އައި.ވީ.އީ.ޓީ


މިސެންޓަރުތަކުން ކޮންމެ އަހަރަކު އެތަކެއް ދަރިވަރުންނެއް ދަސްވެނިވި ވެގެން މުޖުތަމަޢައަށް ނިކުމެއެވެ.
[ ރާއްޖޭގެ ހުރިހާ އަމިއްލަ ސްކޫލެއްވެސް ހިންގަނީ ރަޖިސްޓްރީ ކޮށްގެން، އެހެންވުމުން ސަރުކާރު ސްކޫލްގެ އިތުރުން ހުރިހާ އަމިއްލަ ސްކޫލްތަކެއްގަވެސް ކިޔަވާ ކުދިންނަށް ޓެކްސްޓް ފޮތްތަކާއި ފޮތް ލިސްޓްގައި ހިމެނޭ ހުރިހާ އެއްޗެއް ދިނުމަށް ހަމަޖެހިފައިވަނީ. (އެޑިއުކޭޝަން މިނިސްޓްރިގެ ޑިރެކްޓަރ އަޙްމަދު ޝަފީއު)] (ޒީނާ ޒާހިރު، 2007). 2008 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ކުދިންނަށްވެސް ޓެކްސްޓް ފޮތާއި، ފޮތް ލިސްޓްގައި ހިމެނޭ ހުރިހާ ތަކެތި ހިލޭ ދަނީ ފޯރުކޮށްދެމުންނެވެ. (ޒީނާ ޒާހިރު، 2007). ގުރޭޑު 1 އިން 12 އާއި ހަމައަށް ކޮންމެ ކުއްޖަކަށްވެސް ފޮތް ލިސްޓަށް ހިލޭ ފޮތް ލިބެއެވެ.


ރާއްޖޭގެ ދަރިންނަށް ތައުލީމު ހޯދައި ދިނުމަށާއި އެކިއެކި ފަންނުގައި ރާއްޖެއިން ލިބެންނެތް ތަޖުރިބާތައް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ދަރިން ބޭރުގެ އެކިއެކި ޤައުމުތަކަށް ފޮނުވައިގެން ތައުލީމު ޙާސިލުކޮށްދެއެވެ. އެގޮތުން 1985 ވަނަ އަހަރު 232 ކުދިން ރާއްޖެއިން ބޭރަށް ތައުލީމު ޙާސިލުކުރުމަށް ގޮސްފައިވެއެވެ. އެއީ މަތީ ތައުލީމު ޙާސިލުކުރުމަށް 11 ކުދިންނާއި، އެނޫން ތަމްރީނު ކޯސްތަކަށް ދިޔަ 221 ކުދިންނެވެ. ރާއްޖެއިން ބޭރުން ތައުލީމު ޙާސިލުކޮށްގެން 2010 ވަނަ އަހަރު ރާއްޖެއަށް އައިސްފައިވަނީ، މަތީ ތައުލީމު ޙާސިލުކުރި 10 ކުދިންނާއި އެކިއެކި ތަމްރީނު ލިބިގެން އައި 184 ކުދިންނެވެ. (މުސްޠަފާ ލުޠުފީ، 2011). ސަރުކާރުން މިކުރައްވަން ފެއްޓެވި ޚަރަދުތަކަކީ ތައުލީމު ކުރިއެރުމަށް އޮތް ސަބަބެކެވެ.

ތާވަލު 4 އަށް ބަލައިލާއިރު ރާއްޖޭގައި އެންމެ ކިޔަވާ ކުދިން ގިނައީ ސަރުކާރު ސްކޫލުތަކުގައެވެ. 1979 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް ބަލާއިރު 6 ހާހުން 68 ހާހަށް ސަރުކާރު ސްކޫލުތަކުގެ ދަރިވަރުންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. މިހުރިހާ ކުދިންނަށް ސަރުކާރުން ތައުލީމު ދެވޭނީ ވަރަށް ބޮޑު ހޭދައެއް ކޮށްގެންނެވެ.



ދައުލަތުގެ ބަޖެޓު ދައްކާގޮތުން ތައުލީމަށް ވަރަށް ބޮޑު ބައެއް ހޭދަވެއެވެ. 2006 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައި ތައުލީމީ ވުޒާރާއަށް ބަޖެޓުގެ 9 އެއް އިންސައްތަ ޚަރަދުކުރުމަށް ކަނޑައަޅާފައިވެއެވެ. މިއީ ރާއްޖެގެ ތައުލީމު ކުރިއެރުމަށް އޮތް ސަބަބެކެވެ.


ދަރިވަރުން ތައުލީމަށް ޝައުޤުވެރިކުރުވުން


ކޮންމެ ކަމެއްވެސް ކާމިޔާބު ކަމާއިއެކު ކުރުމަށްޓަކައި ޝައުޤުވެރިކަމަކީ ވަރަށް މުހިންމުކަމެކެވެ. ކަމެއް ކުރުވުމަށްޓަކައި ޝައުޤުވެރި ކުރުވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ސަރުކާރުން ދަރިވަރުން ތައުލީމާމެދު ޝައުޤުވެރި ކުރުވުމަށްޓަކައި ވަރަށް ގިނަ ޕޮރުގުރާމުތައް ހިންގަމުން ގެންދެއެވެ. މިޕޮރުގުރާމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުން ރަގަޅުވެ ތައުލީމު ކުރިއަރައި ދެއެވެ.


[މަދަރުސާގައި ކުދިންނަށް ކިޔަވައިދެމުން ގެންދާއިރު ކިޔެވުމާއި އެކުއެކީގައި ކަހަލަ ގޮތަކަށް ގެންދާ އަނެއް ކަމަކީ ކުޅިވަރެވެ. ޢިލްމީ ގޮތުން ކުދިންނަށް ލިބެމުންދާ ފުރިހަމަކަން ޖިސްމާނީ ގޮތުންވެސް ލިބިދޭންޖެހެއެވެ. ނަފްސާނީ ގޮތުންވެސް ފުރާ ފުރިހަމަވާން ޖެހޭތީއެވެ. ވުމާއެކު މަދަރުސާތަކުގައި ކިޔަވަދެމުން ގެންދާއިރު  އިތުރު ޙަރަކާތްތަކުގެ ގޮތުގައި ތަފާތު ކަންތައްތައް ރާވައި ހިންގަމުން ގެންދެއެވެ. ފުޓުބޯޅަ މުބާރާތާއި، ކަސްރަތު މުބާރާތާއި، އަދި ސްކައުޓް ހަރަކާތް ފަދަ ތަފާތު އެތައް ކަމެކެވެ. މިޒަމާނުގައި އެޙަރަކާތްތަކުގެ ޢަދަދު އެތައް ގުނައަކަށް އިތުރުވެފައިވީނަމަވެސް ރާއްޖޭގެ ތައުލީމު ޅަނދޮޅުކޮށް ހެދި ބޮޑުވަމުން އައި އިރު  ހަމަޖެހިފައިވަނީ މަދުކަންތައްތަކެކެވެ. އެދުވަސްވަރު އިތުރު ޙަރަކާތުގެ ގޮތުގައި ފަށައިގަތް އެއްކަމަކީ ކެޑޭޓް ޙަރަކާތެވެ. މިހަރަކާތް . . . ] (ކަށިމާ އަޙްމަދު ޝާކިރު، 2006).
ސަރުކާރުން ރާއްޖޭގެ ސްކޫލުތަކުގައި ކެޑޭޓް ޙަރަކާތް ފެއްޓެވިއެވެ. ރަސްމީ ގޮތެއްގައި ކެޑޭޓް ހަރަކާތް ރާއްޖޭގައި ފެށިފައިވަނީ 15 ފެބުރުއަރީ 1945 ގައެވެ. (ކަށިމާ އަޙްމަދު ޝާކިރު، 2006).  ކެޑޭޓާއި، ގާލްގައިޑައި، ކަބްސް ސްކައުޓް އަދި ސްކައުޓް ފަދަ ކޮންމެވެސް ޙަރަކާތެއް ނުހިންގާ އެއްވެސް ސްކޫލެއް ރާއްޖެއަކުނެތެވެ. ކުދިންގެ ހިއްތަކުގައި ކިޔެވުމަށް ލޯބި ޖައްސައި ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ދުނިޔެގެ އެކިޤައުމުތަކުގައި މިފަދަ ޙަރަކާތްތައް ހިންގައެވެ.


ރާއްޖޭގެ ދަރިވަރުން ޤައުމީ ފެންވަރުގެ އެވޯޑް ހޯދަމުން ދާކަން ފާހަގަ ކުރައްވަމުން 2013 ވަނަ އަހަރުގެ ރިޔާސި ބަޔާނުގައި ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކް ވިދާޅުވެފައިވަނީ، އެފަދަ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި މެޑަލް އެއް ދެއްވާނެކަމުގައެވެ. މިއީ ދަރިވަރުން ކުރާ މަސައްކަތުގެ އަޤު ސަރުކާރުން ވަޒަންކުރާކަމުގެ ހެއްކެކެވެ.
[އޯ ލެވެލް އިމްތިޙާނުގައި، އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށާއި އަދި އޭ ލެވެލް އިމްތިޙާނުގައި އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދާ ދަރިވަރުންނަށް، މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްޞަ މެޑެލެއް ދިނުމަށް އަޅުގަނޑު ގަސްދުކުރާ ވާހަކަ ދަންނަވަން.] (މުޙައްމަދު ވަޙީދު ހަސަން މަނިކް، 2013).


ނިންމުން


ރާއްޖޭގެ ތައުލީމު ކުރިއަރައިގެން އައީ ސިޔާސީ ގޮތުން އެކަމަށް ބޭނުންވުމުންނެވެ. އެއިރަކު ސަރުކާރަށް އާމުދަނީ ލެބޭ މިންވަރަކުން ތައުލީމަށް ހޭދަ ކޮށްފައިވާކަން އިނގެއެވެ. މީހުން ބިނާކުރުމުގައި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކޮފައިވާކަން އެނގެއެވެ. ރައްޔިތުންނަށް އަސާސީ ތައުލީމު އުގަންނައި ދިނުމަށް ސަރުކާރުން އަސާސީ ތައުލީމު ޕޮރުގުރާމެއް ހިންގާފައިވާކަން އެނގެއެވެ. މި ޕޮރުގުރާމުގެ ސަބަބަން ލިޔަންކިޔަން ދަންނަ އިންސައްތަ މައްޗައް ޖެހުނެވެ. ކުރީގައި ކިޔަވައި ދެމުން އައި ބޯދާ ގޮތްތައް ދޫކޮށް ޒަމާނީ ތައުލީމީ މަންހަޖެއް ތަޢާރަފުކޮށް ސްކޫލު ތަކުގެ ނިޒާމުން ކިޔަވަދޭން ފެށުނެވެ. ސަރުކާރުގެ ބަޖެޓުގެ ބޮޑު ބައެއް ތައުލީމީ ދާއިރާއަށް ހޭދަކުރެއެވެ. ސްކޫލުތައް ގިނަވެ ކިޔަވާ ކުދިންގެ ޢަދަދު އިތުރުވިއެވެ. ތައުލީމީ ފުރުޞަތުތައް ހުޅުވާލެވުނެވެ. ދަރިވަރުން ކިޔެވުމަށް ޝައުޤުވެރި ކުރުވުމަށެވެ. ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ފަދަ ކާމިޔާބީތައް ދިވެހި ކިޔަވާކުދިން ހޯދަން ފެށިއެވެ. މިކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑުތައް ދޭން ނިންމިއެވެ. މިހިރަ މިހިރަ ކަންކަމަށް ބަލައިލުމުން ފެނުނީ ރާއްޖޭގެ ތައުލީމު ކުރިއަރައިގެން އައީ ސަރުކާރުން ތައުލީމު ކުރިރައަރުވައިގެން ކަމެވެ. 
                             ------------------------


ހަވާލާ ލިސްޓް


ކަށިމާ އަޙްމަދު ޝާކިރު. (2006). ވިހިވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ 2. މާލެ: ނޮވެލްޓީ ޕްރެސް.
ކަށިމާ އަޙްމަދު ޝާކިރު. (2007). ޕްރެޒިޑެންޝަލް އެޑްރެސް 1980. މާލެ: ރައިސުލް ޖުމުހޫރިއްޔާގެ އޮފީސް
އަބްދުއް ރަޙީމް ޙަސަން. (1997). ލިޓްރަސީ އިން ދަ މޯލްޑިވިސް. މާލެ: މިނިސްޓްރީ އޮފް އެޑިއުކޭޝަން.
ސީ.އެޗް.އެސް.އީ. (2013). އެބައުޓް އަސް. ނެގީ
    http://www.chse.edu.mv/school/about.htmlން
ޒީނާ ޒާހިރު. (2007، ނޮވެމްބަރ 12). ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުދިންނަށް ފޮތް ލިބޭނެ. މިއަދު. ނެގީ
    http://www.miadhu.com/dv/?p=8040ން


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ