އަދުގެ ޚާއްސަ

Print

ހުވަދު އަތޮޅުގެ ވިދުންގަދަ ޝަޚްޞިއްޔަތްތައް (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

ޢަލީ ނަޞީރު (މަޑަވެލި)

ހުވަދުއަތޮޅުގެ ފޯކްލޯރެއްގައި ކިޔާގޮތުން، މީލާދީން 1388 ގައި ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެދަލިކުރެއްވި ފެހެންދޫ ޢުޘްމާނު ރަސްގެފާނުގެ ރަސްކަމުގައި، ހުވަދުއަތޮޅުގެ ވާރުއޮޑި (ކޮންމެއަހަރަކު ސަރުކާރަށް ގެންދާ ވާރުމުދަލާއެކު) މާލެދިޔަ އެވެ. އަދި އެދަތުގައި ވާރުމުދަލާއެކު ރަސްގެފާނަށް ވެދުމަށް ގެންދިޔަ ތަކެތި ގަނޑުވަރަށް ގެންދިއުމަށްޓަކައި ހުވަދުއަތޮޅު ވާރުވެރިޔާ (ވާރުވެރި ކަލޭފާނު) ގަނޑުވަރަށް ދުރުވީ،

އަތިރިމަތީގައި އޭނާ ބަހައްޓާފައިހުރި ތަކެތި ކާޅުގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި، ކާޅުފައްސަން ކުއްޖަކު ބަހައްޓާފަ އެވެ. އެކުއްޖަކީ، އެވަގުތު އަތިރިމަތީގައިހުރި ބީރައްޓެހި (ބަންގާޅު) ކުއްޖެކެވެ. އެކުއްޖާއަށް ދޭން ބުނި އުޖޫރައަކީ، ހުވަދޫ ބޮނޑިގަނޑެކެވެ. ވާރުވެރިކަލޭފާނު ގަނޑުވަރުން އެނބުރި ދުރުވުމުން އެކުއްޖާ އުޖޫރައަށް އެދުމުނެވެ.

އެކުއްޖާއަށް ދެއްވަން ބުނުއްވި އުޖޫރަ ކަމަށްވާ ހުވަދޫ ބޮނޑިގަނޑެއް (ފައިން) އެކުއްޖާއާއި ދިމާއަށް ހޫރާލުމުން އެބޮނޑި ގަނޑާއެކު، އެކުއްޖާގެ ގަޔަށް ވެލި ބުރައިގެން ދިޔައެވެ. އަދި ފައިންވެސް ޖެހުނެވެ.

އާދެ! އަހަރުތައް ފާއިތުވަމުންގޮސް އޭގެ ވިއްސަކަށް އަހަރުފަހުގެ ތާރީޚެއްގައި ވާރުވެރިކަލޭފާނު މާލެ ދުރުވި އިރު ތަޚުތުގައި އިންނެވީ އައްސުލްޠާން ނާޞުއްދީނުލްކަލާވަހީ އެވެ. އެރަދުން ރަސްކަންކުރެއްވީ 1409 ން 1411 އަށެވެ. ބުނެވޭގޮތުގައި، ބަންގާޅުގެ ބޭފުޅެއްކަމަށްވާ އެރަދުންނަކީ، ހުވަދޫ ވާރުވެރިކަލޭފާނު، ކާޅުފައްސަން އަތިރިމަތީގައި ބެހެއްޓި އަދި ހުވަދޫ ބޮޑިގަނޑެއްދިން ކުއްޖާ އެވެ. މީނާގެ އިތުރު ތަފްޞީލް ބުރާރަމުހައްމަދު ކިޔާފައިވާ ބޮޑުތަކުރުފާނު ވާހަކައިގައި ލިޔެފައިވާނެ އެވެ. އެ ތަފްޞީލުން އެނގޭގޮތުގައި އެރަދުންގެ ރަސްކަމުގެ (މިސަބަބަށްޓަކައި) ތިންފަހަރެއްގެ މަތިން ހުވަދޫ ވާރުވެރިކަލޭފާނުގެ ފައިބުރިކުރަން ރަދުން މަސައްކަތްކުރެއްވި އެވެ. ނަމަވެސް އެކަން ނުކުރެއްވުނީ، ވާރުވެރިކަލޭފާނުގެ ދަނބިދަރި ހޯނޑެއްދޫ ތިންރުއް މުޙައްމަދު، މާލެ ގޮސް ރަދުންގެ ދަރިކަނބަލުންނާއި ވަރަށް ގާތް ގުޅުމެއް އުފައްދައި، އެކަމަށް މަސައްކަތްކުރުމުގެ ސަބަބުން ނެވެ.

ހޯނޑެއްދޫގައި ވާރުކުރިކަން އެނގެނީ ވެސް ވާރުވެރިކަލޭފާނުގެ ފައިކަނޑަށް ރަދުން ކުރެއްވި އަމުރާއި ގުޅިގެން ވާރުވެރިކަލޭފާނު ރަށަށް (ހޯނޑެއްދުވަށް ދުރުވެ) އެކަމާއި ކަންބޮޑުގެ ވާރުގޭ އުނދޯލީގައި އިންނަވަނިކޮށް މިދެންނެވި ތިންރުއްމުޙައްމަދު ވާރުގެއަށް ގޮސް ވާރުވެރިޔާ އިންނެވި މޮޅިވެރިކަމާއިމެދު ސުވާލުރުމުން، ކަންހިނގާފައިވާ ގޮތް ކިޔައިދެއްވުމުން ނެވެ. ވާރުވެރިޔާ އެކަމުން ސަލާމަތްކޮށްދިނުމަށް، ތިންރުއް މުޙައްމަދު (ހަމައެކަނި ތިންރުއް އަރާ ރާވެރި މުޙައްމަދު) އެއްބަސްވީ، ވާރުވެރިޔާގެ ދަރިފުޅާއި ކައިވެނި ކޮށްދޭން ޝަރުޠުކޮށް، އެއްބަސްވުމުންނެވެ.


އާދެ! މަތީގައި މިދެންނެވި ފޯކްލޯރަށްބަލާއިރު (ހޯނޑެއްދޫގައި ވާރުވެރިކަންކުރަން ފެށުނު ދުވަސްވަރެއް އެނގެން ނެތްކަމަށް ވިއަސް) މީލާދީން 1388 ން ފެށިގެން 1930 ވަނަ އަހަރާއި ހަމައަށް (މަދުވެގެން) 540 ވަރަކަށް އަހަރުވަންދެން ހުވަދު އަތޮޅުގެ ވާރުވެރިކަމުގެ މައި އިދާރާ ހުރީ އެރަށުގަ އެވެ. މިހާދުވަސްވަންދެން އެރަށެއްގައި ހުރި އެފަދަ އިދާރާއެއް އެހެން ރަށަކަށް ބަދަލުކުރުމަކީ، އެރަށު މީހުން .................. އެވެ! އެރަށުގައި ހުރި ވާރުގެ ރޫޅާލައްވައި، އަތޮޅުގޭގެ ނަމުގައި ހަވަރުތިނަދުވަށް ބަދަލުކުރެއްވީ 1930 ވަނަ އަހަރު ހަވަރުތިނަދޫ ޙާޖީ މުޙައްމަދު ކަލޭފާނެވެ. ހ.ތެވެލި މުޙައްމަދު ޝަރީފަކީ، މި މުޙައްމަދު ކަލޭފާނުގެ ބޭފުޅެއްކަމަށްވާ މުސްޠަފާ މަންޞޫރު (ދޮންތައްކާނު) ގެ ބޭފުޅެކެވެ.

ހުޅުވާރުލު ގުއްބަޑިއާ: މީނާއަކީ ހުވަދުއަތޮޅު ހުޅުވާރުލަށް އުފަން ބޭކަލެއްކަމަށް ބުނެވެ އެވެ. އޭރު އަތޮޅުވެރިކަންކުރި ރަށެއް އެނގޭކަށް ނެތެވެ. ނަމަވެސް އެއަތޮޅުގެ ފޯކްލޯރަކުން އެނގޭގޮތުގައި މީލާދީން 1368 ގައި އެ އަތޮޅުގެ ވާރުވެރިކަންކުރީ، ހޯނޑެއްދޫގަ އެވެ. އެރަށުގައިހުރި ވާރުގެ ހަވަރުތިނަދުވަށް ބަދަލުކުރެއްވީ ޙާޖީ މުޙައްމަދުކަލޭފާނުގެ އަތޮޅުވެރިކަމުގައި، ޑިސެމްބަރ 16، 1930މ. ގައެވެ. މިއީ ޙަޤީޤަތެއްކަމަށްވާނަމަ 562 އަހަރަށްވުރެ ގިނައަހަރުވަންދެން ވާރުގެ ހުރީ އެރަށުގަ އެވެ. ލިޔުންތަކުން އެނގެންހުރީ ހޯނޑެއްދޫގައި ވާރުގެ ހުރިކަމާއި (1962 ން 1968 ށް) ގައްދޫގައި އަތޮޅުގެ ހުރިކަމާއި 1968 ން 2008 ށް ތިނަދޫގައި އަތޮޅުގެ ހުރިކަމެވެ. އޭގެފަހުން އެއީ އަތޮޅުކައުންސިލުގެ އިދާރާއެވެ. ގައްދޫގައި އާބާދުވީ، ހުޅުވާރުލު ފަޅުވުމަށް ފަހުގައިކަމަށް ބުނެވެ އެވެ.

ކުބުރުދޫ ދޮންތަކުރު: މީނާއަކީ، ޙާޖީބަންޑާރައިން ކަނޑުފެއްތި ނަވުގެ ވެރިއަކަށްހުރި މީހާ އެވެ. ބުނެވޭ ގޮތުގައި އޭނާ ކުރެއްވި ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަންކޮށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން އޭނާ އަށް ދެއްވީ މާލީގޮތުން، ދިވެހިރަސްކަމާއި އެއްވަރުގެ ތަނަވަސް ކަމެއް ހަމަޖެއްސުމުގެ ގޮތުންނެވެ. އެދުވަސްވަރުގެ އެންމެބޮޑު ޢާއްމުދަނީއަކީ، ރުއްގަހުން ލިބޭ ނަފާ އެވެ. ހުވަދުއަތޮޅަކީ 150 ފަޅުރަށް އޮންނަ އަތޮޅެކެވެ. ކުބުރުދޫ ދޮންތަކުގެ މިދުވަސްވަރަކީ މީލާދީން 1774 ން 1779 ށް ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން އިސްކަންދަރުގެ ރަސްކަމުގެ ދުވަސްވަރެވެ. މި މުޢިއްޒުއްދީނަކީ، ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުޙައްމަދު މަނިކުފާނެވެ.
ހަވަރުތިނަދޫ މާކަނާ ބަނޑޭރީގެ އާދަނު: މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭފާނު: މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

ހަވަރުތިނަދޫ ރާގުޅި އަޙުމަދު ކަލޭފާނު: މީނާއަކީ، ވަރަށްބޮޑު މުއްސަންޖަކަށްވި މީހެކެވެ. އޭނާގެ މުއްސަނދިކަން އިންތިހާއަށްގޮސް، އެތައްކަމެއް މެދުވެރިވެ 3 ފަހަރެއްގެ މަތިން (ސަރުކާރުގެ ފަރާތުން) އޭނާގެމުދާ ފޭރިގަތްކަމަށް ބުނެވެ އެވެ. ފަހުން އޭނާ ހުންނެވީ އާރާއިބާރުގައި އެ އަތޮޅުގެ ވާރުވެރިކަމުގެ މަޤާމުގައި، ހަވޮއްޑޭ ތިރުގޭ ހައްވާ ކަނބުލޭގެފާނާއި ކައިވެނި ކުރައްވައިގެން ނެވެ. (ޢާއިލާ އެބައޮތެވެ.) އޭނާ ނިޔާވުމުން ހައްވާ ކަނބުލޭގެފާނު ދެން ކައިވެނިކުރެއްވީ އައްޑުއަތޮޅު ހިތަދޫ ދޮންކޮއްޔަގެ އަލިތައްކާނާއިއެވެ. އޭނާ މަޝްހޫރުވެފައިވަނީ ހަވޮއްޑޭ މޭނާކަލޭފާނުގެ ނަމުން ނެވެ. ޢާއިލާ އެބައޮތެވެ.

ގައްދޫ އާދަމްތަކުރުފާނު: މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

ފޯއްމުލަކު މުދިމް ގެދަރު ޢަލިމަނިކު: މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.


އައްޑުއަތޮޅު ފޭދޫ ފަސްގަނޑުގޭ އަލި ދީދީ: މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.


އައްޑު އަތޮޅު ފޭދޫ ފަސްގަނޑުގޭ އިބްރާހީމް ކަލޭފާނު: އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.


 ހަވަރުތިނަދޫ ދިހަރޭ ހުސައިން ކަލޭފާނު: އިތުރު މަޢުލޫމާތެއް ނޭނގެއެވެ.


ހުވަދު އަތޮޅު ދާންދޫ ދޮންކޮއްކޮ ކަލޭފާނު: އަތޮޅުވެރިކަމުގެ ދުވަސްވަރު މީނާ ހުންނެވީ އޭނާގެ އަމިއްލަ ރަށް ކަމަށްވާ ދާންދޫގަ އެވެ. އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.


 އައްޑު އަތޮޅު ވާރުގޭ ދީދީ: މީނާގެ އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.


މާލޭ ކުންނާރުމުދިންކަލޭފާނު: މީނާ މަޝްހޫރު ވެފައިވަނީ، ކަޅުވާރުވެރިޔާގެ ނަމުންނެވެ. އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.


އައްޑު އަތޮޅު ވާރުގޭ ޢަލި ދީދީ: މީނާ އަކީ އައްޑޫ ވާރުގޭ ދީދީގެ ބޭފުޅެކެވެ. އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.


މާލޭ ކަންޒުދޮށުގޭ ޢަބްދުލްމަޖީދު: އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.


 ހަވަރުތިނަދޫ ވަލުގޭ ޙަސަންތަކުރުފާނު: އިތުރު މަޢުލޫމާތެއް ނޭނގެ އެވެ.


 އައްޑޫ އައްޝައިޚް ޙުސައިން ރަހާ: މީނާ ހަމަޖެއްސެވީ ދެކުނުގެ 3 އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމަށެވެ. އޭނާއަށް ދެއްވި ފަތްކޮޅު މިބަޔާނުގައި އެވަނީ އެވެ.


ހަވަރުތިނަދޫ މެދުއަވަށު ދޮންހުސައިން ތަކުރުފާނު: މީނާ އަތޮޅުވެރިކަންކުރެއްވީ 1779 ން 1799 ށް ރަސްކަންކުރެއްވި އައްސުލްޠާނުލްޙާއްޖަ ޙަސަން ނޫރައްދީނުގެ ދުވަސްވަރުގަ އެވެ. މީނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.
      

ހަވަރުތިނަދޫ އަލްފާޟިލް އިސްމާޢީލް ޙާޖީ:  މީނާ އަތޮޅުވެރިކަންކުރެއްވީ ދެއަހަރެންހާ ދުވަހު އެވެ.  މީނާއަށް އެ މަޤާމު ލިބިވަޑައިގަތީ، ޙާޖީމުޙައްމަދު ކަލޭފާނުގެ ފުރަތަމަ ދަވްރުގެ ފަހުންނެވެ.
      

ޙާޖީމުޙައްމަދުކަލޭފާނު: މީނާއަށް ފުރަތަމަ ފަހަރަށް އަތޮޅުވެރިކަން ލިބިވަޑައިގަތީ، މުޙައްމަދު ޝަމްސުއްދީނު ރަދުންގެ ފުރަތަމަ ރަސްކަމުގެ ދަވްރުގަ އެވެ. އޭނާއަށް ދެވަނަ ފަހަރަށް އަތޮޅުވެރިކަން ލިބިވަޑައިގަތީ އެ ރަދުންނަށް ދެވަނަ ފަހަރަށް ރަސްކަން ލިބިވަޑައި ގަތުމުންނެވެ. ހޯނޑެއްދޫގައިހުރި ވާރުގެ، ޑިސެމްބަރ 16، 1930މ. ގައި އަތޮޅުގޭގެ ނަމުގައި ހަވަރުތިނަދުވަށް ބަދަލުކުރެއްވީ އޭނާ އެވެ. ދެފަހަރެއްގެ މަތިން 31 އަހަރު އެއަތޮޅުވެރިކަންކުރެއްވި ޙާޖީ މުޙައްމަދު ކަލޭފާނުގެ އަތޮޅުވެރިކަން ނިމުނީ، ޖުލައި 29، 1943މ. ގައެވެ. އެއަތޮޅުގެ އުފަން ބޭފުޅަކަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން އެންމެ ފަހުން ކުރެއްވީ އޭނާއެވެ. އޭނާގެ ސިޔަރަތަކީ ތާރީޚައްޓަކައި ވަރަށް މުހިންމު ސިޔަރެތެވެ. (ނަމަވެސް އެއީ އެހެން ބަޔާނެކެވެ.) އޭނާ އަވަހާރަވީ މެއި 31، 1951މ. ގަ އެވެ. މާލޭ ވީރު ޢަލި ދީދީ: މީނާއަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ލިބިވަޑައިގަތީ، ޖުލައި 29، 1943މ. ގައެވެ. ދެފަހަރެއްގެމަތިން 9 އަހަރެއްހާދުވަހު އެމަޤާމުގައި އޭނާ ހުންނެވި އެވެ. ޢަލި ދީދީ އަވަހާރަވީ ސިޙުރު ހަދައިގެން ކަމަށް ތާރީޚުގައި ލިޔެފައި ވެއެވެ. އޭނާއަށް އަތޮޅުވެރިކަމުގެ މަޤާމު ދެއްވީ އަލްއަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. ޢަލި ދީދީގެ އިތުރު ތަފްޞީލް "ކަނޑުން ފިރުކެމުން ވައިން އުނދު ހެމުން" މި ފޮތުގައި ލިފައިވާނެ އެވެ.

މާލޭ ކުއްޅަވައް ޢަލި ދީދީ: މީނާ އެމަޤާމު ފުރުއްވީ ހައެއްކަމަސްދުވަހު އެވެ. އިތުރު މަޢުލޫމާތެއް އެނގޭކަށް ނެތެވެ.

ވާދޫ ގެދަރުޢަލިމަނިކު: މީނާ އަކީ، އައްޑު އަތޮޅު ބޭކަލެކެވެ. ނަމަވެސް އޭނާ ދިރިއުޅުއްވީ ހުވަދު އަތޮޅު ވާދޫގަ އެވެ. މަޝްހޫރު ރުއްގަލު ބޭސްވެރިޔާ ވާދޫ (މާލޭ) ގައްދަޑު ލަޠީފުގެ ބައްޕައަކީ، މީނާ އެވެ. މީނާއަށް އެ މަޤާމުގައި ހުންނެވުނީ ދެތިން މަސްދުވަހު އެވެ. ވީރުޢަލި ދީދީގެ ދުވަސްވަރު އޭނާ ހުންނެވީ، އެއަތޮޅުގެ މުސްތަޝާރު ކަމުގެ މަޤާމުގަ އެވެ. ހަވަރުގެ ތިނަދޫގެ ފުރަތަމަ ބަޣާވާތަށްފަހު މީނާއަކީ، ހުވަދުއަތޮޅުގައި ހުންނެވި ސުވާދީބު ސަރުކާރު ރައީސް ވެސް މެއެވެ. އެމައްސަލާގައި ޖަލަށް ލައްވާފައި ޖަލުގައި ހުންނަވަނިކޮށް، ފަންޑިތަ ހެދިކަމަށް ސާބިތުވެ، ތަޢުޒީރުކުރުމަށްފަހު، މީނާ އަރުވާލެއްވީ ހއ.މޮޅަދުވަށެވެ. ދެ އަހަރެންހާ ދުވަސް ފަހުން އޭނާ އަވަހާރަވީ، އެރަށުގަ އެވެ. ހުވަދުއަތޮޅު ހަވަރުތިނަދޫގައި ފުރަތަމަ ފަހަރަށް ބަޣާވާތްކުރީ ފެބްރުއަރީ 16، 1959މ. ވަނަ ދުވަހުގެރޭ 8:30 އެހާކަންހާ އިރު އެވެ.

އަލްޙާއްޖަ މޫސާ ހިރިހަމައިދިކަލޭފާނު: މީނާ އަކީ، އައްޑު އަތޮޅު ހުޅުދޫ ބޭކަލެކެވެ. އަތޮޅުވެރިކަން ދެއްވީ 17 އޭޕްރީލް 1953 ވަނަ އަހަރު  އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އޭނާ އެމަޤާމުން ވަކިކުރެއްވީ 1958 ވަނަ އަހަރު އިބްރާހިމް ނާޞިރެވެ. ހަވަރުތިނަދޫގެ ބަޣާވާތާއި ގުޅިގެން އޭނާ ޖަލަށް ލެއްވިއެވެ. އޭނާ ޖަލުގައި ނިޔާވީ 13 ޖެނުއަރީ 1962 (15 ޝަޢުބާން 1381 (ހޮނިހިރު) ދުވަހު އެވެ. (މިއީ ތާރީޚައްޓަކައި ވަރަށް މުހިންމު ސިޔަރެތެވެ. ނަމަވެސް އެއީ އެހެން ބަޔާނެކެވެ.)

 މާފަންނު މާނެލް އަލްއުސްތާޒް ނ.ތ. ޙަސަން ދީދީ: މީނާ އަށް ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ދެއްވީ 1958މ.ގަ އެވެ. 1959 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 26 (ހުކުރު) ދުވަހުގެ ރޭ ހަވަރުތިނަދޫގައި ބަޣާވާތްކޮށް އެރަށު މީހުން އޭނާ ގޭގައި ބަންދުކުރީ އެވެ. ބޮޑުވަޒީރު އިބްރާހިމް ނާޞިރު ހަވަރުތިނަދުވަށް ވަޑައިގެން އޭނާ ސަލާމަތްކުރެއްވީ 17 ޖުލައި 1959 ގަ އެވެ. ބޮޑުވަޒީރު ވަޑައިގެންނެވިއިރު އޭނާ އޮންނެވީ، ދެފައިންޕުޅުގައި ހިލިހިލާ އަޅުއްވައި، އެރަށު ގުދަނުގައި ބަންދުކޮށްފައެވެ. އެކަމުގެތެރޭގައި ގިނަގުނަ ހާނީއްކަތައް ލިބިވަޑައިގަތުގެ އިތުރަށް، ރޯމާދުވާލު މަގުމަތީގައި (ބަރަނާ ހާލުކޮޅުގައި) ދުވެވަޑައިގަތުމަށް ވެސް ޖެހިވަޑައިގަތެވެ. ބޮޑުހުވަދުއަތޮޅުގެ އަތޮޅުވެރިކަން އެންމެފަހުން ކުރެއްވީ ނ.ތޙަސަން ދީދީ އެވެ.  އޭގެފަހުން 1961 ގައި ހުވަދު އަތޮޅު ދެބައިކުރައްވައި ގއ. އަދި ގހ. އުފައްދަވައި ގ.އަތޮޅުގެ ހުޅަނގުބުރީގެ އަތޮޅުއޮފީސް ވަގުތީގޮތުން ހިންގެވުން ދެތިންބޭފުޅަކާއި ޙަވާލު ކުރެއްވިކަމަށްވިއަސް އަތޮޅުވެރިކަން ދެއްވީ ހ.ވައިޓްވިލާ ޢަލިކަލޭފާނު ކުޑަތުއް އަށެވެ. އޭނާ އެމަޤާމުގައި ހުންނަވަނިކޮށް ދެވަނަ ފަހަރަށް ޖޫން 16، 1961މ.ގައި ބަޣާވާތްކޮށް އެކަމުގެތެރޭގައި އޭނާއަށް ހާނީއްކަވުމާއި ގުޅިގެން އައްޑުއަތޮޅަށް ގެންދިޔައީ އެވެ. އޭގެ ފަހުން އަނެއްކާވެސް ކުރިން އަތޮޅު ދެބައިކުރެއްވި ރޮނގަށް ބަދަލުގެނެސް ގއ.ގދ. އަތޮޅު އުފެދުނީ، ފެބްރުއަރީ 7، 1962މ ގައެވެ.

ގދ. ގައްދޫ ޙުސައިން މަނިކު: ފެބްރުއަރީ 7. 1962 ގައި ގދ.އަތޮޅުގެ އަތޮޅުވެރިކަން މީނާއަށް ދެއްވީ ޒާތެއްގެ އިންތިޚާބެއް (އަނގަބަހުން ކަހަލަ ގޮތަށް) ބާއްވައި ގެންނެވެ. ނަމަވެސް އޭރު މުއްދަތެއް ކަނޑައެޅިފައި ނުވާތީ 1962 ން 1970 ށް އެމަޤާމުގައި ހުންނެވީ އޭނާއެވެ. ރަސްމީ އުޞޫލުން އިންތިޚާބު ބާއްވައިގެން ގދ.އަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމުގައި 1971 ން 1973 ށް ހުންނެވީ ހަވަރުތިނަދޫ މޫސާ ފަތުޙީ އެވެ. އެންމެ ގިނަވޯޓް ލިބޭ މީހަކަށް އޭރުވެސް މަޤާމު ޙަވާލު ކުރައްވަނީ ފަތަކުންނެވެ. ދުވަހު ނޫސް މޫންލައިޓް (ވޮލިމުން 9 ނަންބަރ 61) 9 ޖޫން 1973 ހޮނިހިރު ދުވަހުގެ އެންމެފަހު ޚަބަރު ގދ.އަތޮޅުވެރިކަން: ގދ.ހަވަރު ތިނަދޫ މާކޯނި ޢަބްދުއްޞަމަދު ޙުސައިނަށް، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅުވެރިކަމުގެ ފަތްކޮޅު މިއަދު 10:30 ގައި ރައީސުލްޖުމްހޫރިއްޔާ ދެއްވައިފި އެވެ.

ފެބްރުވަރީ 4، 1962މ. އޮގަސްޓް 22، 1966މ. އަށް ހަވަރު ތިނަދުވަކީ ފަޅުރަށެކެވެ. އޭގެފަހުން ހަވަރުތިނަދޫގައި މީހުން އާބާދުކުރެއްވުމަށްފަހު، އަނެއްކާވެސް އަތޮޅުވެރިކން އެރަށަށް ބަދަލުކުރެއްވީ 1968މ. ވަނަ އަހަރު އެވެ. އެރު ވެސް އަތޮޅުވެރިއަކީ، ގައްދޫ ހުސައިން މަނިކެވެ. ނޯޓް: އަތޮޅުވެރިކަމުގެ ދަވްރަކީ 2 އަހަރު ކަމަށްވާތީ ޢަބްދުއްޞަމަދު ޙުސައިން މަޤާމާއި ޙަވާލުވާން ޖެހިވަޑައިގަންނަވާނީ 1 ޖެނުއަރީ 1973 ގައި ކަމަށްވިއަސް، އިންތިޚާބާއި ގުޅިގެން ހުށަހެޅުނު މައްސަ ލަތަކާއި ގުޅިގެން ފަތްކޮޅު ދެއްވުން ލަސްވީ އެވެ. ޢަބްދުއްޞަމަދު މަޤާމުން ވަކިކުރެއްވި ސަބަބު ކުރީގެ ބަޔާނެއްގައި ލިޔެފައިވާނެއެވެ.

ވޯޓުން ހޮވޭ ބޭފުޅަކަށް ފަތްކޮޅު ދެއްވުމުގެ މި ނިޒާމުގެ ދަށުން ގދ.އަތޮޅަށް އުފަން ބޭފުޅަކަށް އެންމެފަހަށް ފަތްކޮޅު ދެއްވި ބޭފުޅަކީ، ހަވަރުތިނަދޫ މާކޯނި އަލްފާޟިލް ޢަބްދުއްޞަމަދު ޙުސައިނު އެވެ. އޭގެފަހުން ދެން ބަދަލުވީ އިންތިޚާބީ އަތޮޅުވެރިކަމުގެ ނިޒާމަކަށެވެ. އެނިޒާމުގައި ހަމަޖެހިފައި އޮތީ، އެ މަޤާމަށް ބޭފުޅަކު ރައީސުލްޖުމް ޢައްޔަންކުރައްވާ ގޮތަށެވެ. އެގޮތަށް ހަމަޖެއްސެވީ 1975މ. ގަ އެވެ. އެ ނިޒާމުގެ ދަށުން ހުވަދުއަތޮޅުގެ އަތޮޅުވެރިކަން ފުރަތަމަ ދެއްވިބޭފުޅަކީ މާލޭ އަލްފާޟިލް ކަރޯޅަތުއްތު އެވެ. ނޮވެމްބަރ 11، 2008 ގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލްޤައްޔޫމުގެ ރައީސްކަން ނިމި އަދި އެނިޒާމު ބަދަލުވުމާއި ހަމަޔަށްވެސް ހުވަދު އަތޮޅަށް އުފަން އެއްވެސް ބޭފުޅަކު އެއަތޮޅުގައި ނުވަތަ ރާއްޖޭގެ އެހެން އަތޮޅެއްގައި ވެސް އަތޮޅުވެރިކަން ކުރައްވާފައެއް ނުވެ އެވެ. ނޮވެމްބަރ 11 2008 ގައި ފަހުން އަތޮޅުވެރީންގެ ބަދަލުގައި އަތޮޅުތަކަށް (ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު) ހަމަޖެއްސެވީ ކައުންސެލަރުންނެވެ. އެއަތޮޅުގެ ކައުންސެލަރުންގެ މަޤާމަށް އެންމެ ފުރަތަމަ ހަމަޖެއްސެވީ ގދ.ތިނަދޫ މިއުޒިކްހޯމް މުޙައްމަދު ނިޔާޒެވެ. އޭނާގެ ދެން ހަމަޖެއްސެވީ ގދ.ތިނަދޫ ހިންދޫސް މުޙައްމަދު ޙަސަން ދީދީ އެވެ. ރައްޔިތުން ވޯޓުލައިގެން ކައުންސެލަރުން އިންތިޚާބުކުރީ، ފެބްރުއަރީ 2011 ގަ އެވެ. އަތޮޅުކައުންސެލަރުކަމަށް ހޮވުނު 8 ބޭފުޅުންގެ ތެރެއިން ކައުންސިލުގެ ރައީސކަށް ހޮވުނީ ގައްދޫ މުޙައްމަދު ނިޒާމެވެ. ނާއިބުރައީސަކަށް ހޮވުނީ މަޑަވެލީ އަދުންގޭ ސާހިރު ޙަސަން އެވެ.

މީލާދީން 1975 ން 2008 ށް ގދ.އަތޮޅުގެ އަތޮޅުވެރިކަންކުރެއްވި ބައެއް ބޭފުޅުން

މާލޭ އަލްފާޟިލް ކަރޯޅަތުއްތު ހ.ކަރޯގެ. އިންތިޚާބީ އަތޮޅުވެރިކަމުގެ ސަބަބުން ރާއްޖޭ އަތޮޅުތައް ހަލަބޮލިވެ، އެ ނިޒާމު އުވާލެއްވުމަށްފަހު، ފަތްކޮޅު ދެއްވާފައި، އަތޮޅުތަކަށް އަތޮޅުވެރީން، ސަރުކާރުން ފޮނުވަން ފެއްޓެވީ، އިބްރާހިމް ނާޞިރުގެ ބޮޑުވަޒީރު ކަމުގަ އެވެ. އެގޮތުން ހުވަދު އަތޮޅު ދެކުނުބުރިއަށް ފަތްކޮޅު ދެއްވާފައި އެންމެ ފުރަތަމަ ފޮނުވީ މާލޭ އަލްފާޟިލް ކަރޯޅަތުއްތު އެވެ. އޭނާ އެ މަޤާމުގައި ހުންނެވީ، ވަރަށްކުޑަ ދުވަސްކޮޅަކަށެވެ. އިންތިޚާބީ އަތޮޅުވެރިކަމުގެ ނިޒާމުގެ ސަބަބުން ރަށްރަށުގައި އުފެދުނު ބައިބައި ވުންތަކުގައި، ހުވަދު އަތޮޅު ދެކުނުބުރީގައި އޭރު އުފެދިފައިވާ ދެބައިގެ މެދުގައިފިތި، ދެފަރާތުން ވެސް އޭނާގެ ޝަކުވާތައް ސަރުކާރަށް ހުށަހެޅުމުގެ ނަތީޖާއަކަށްވީ، ބަޣާވާތްކުރުމަށް މަގުފަހިކުރާ މީހެއްގެ ނަމުގައި ހައެއްކަ މަސްދުވަހަށްވުރެ ގިނަދުވަހު އެމަޤާމުގައި ދެމި ހުންނެވޭނެ ގޮތެއް ނުވެ، އޭނާ މާލެ ގެންގޮސް މަޤާމުން ދުރުކުރެއްވުމެވެ. އޭނާ އެމަޤާމުގައި ހުންނެވީ 1975 އާއި 1976 އާއިދެމެދު އެވެ. ކަރޯޅަތުއްތުގެ ފަހުން ދެން ފޮނުވީ މާލޭ އަލްފާޟިލް ފުއްލާ ޢަލީ ޙުސައިން އެވެ. އޭރުވެސް އަދި ހަލަބޮލިކަން މިލާކަށް ނުފަށާތީވެ، އޭނާއަށް ވެސް މާކަގިނަދުވަހަކު މަޤާމުގައި ހުންނެވޭނެ ގޮތެއް ނުވި އެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 1976މ. ން 1977މ. އާއި ދެމެދު އެވެ. އަލްފާޟިލް ޢަބްދުލްޢަޒީޒް މުޙައްމަދު ގ.ގޮންގަލި (މީދޫ އަޒީ ދ.މީދޫ) އޭނާ އެ މަޤާމު ފުރުއްވީ 1977މ. ން 1978މ. އާ ދެމެދު އެވެ. އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ރިޔާސީ ދައުރު (11/11/1978 ގައި) ފެއްޓެވި އިރު ހުންނެވީ އޭނާ އެވެ. މައުމޫނު ޢަބްދުލްޤައްޔޫމު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު، އަތޮޅުވެރިކަމުގެ މަޤާމު ދެއްވީ، މ.ސްޓާރލިންގ އަލްފާޟިލް އާދަމް ޙަލީމް އަށެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 1978 ން 1981 އާއި ދެމެދު އެވެ. އޭނާގެ ފަހުން އެ މަޤާމު ދެއްވީ ގ.ކެތީރޯޒް އަލްފާޟިލް މުޙަންމަދު ޝަރީފް އަށެވެ. 1982 ވަނަ އަހަރު ޝިގެއްލާގެ ބަލިމަޑުކަން ފެށުނު އިރު ހުންނެވީ މުޙައްމަދު ޝަރީފު އެވެ. އޭނާ އެ މަޤާމުގައި ހުންނެވީ 1981މ. ން 1983މ. އާއި ދެމެދު އެވެ. މ.ރެޑްކޯސްޓް އަލްފާޟިލް ޙުސައިން މޫސާ 1983 ން 1990 އާއި ދެމެދު 2 ފަހަރު  އެމަޤާމު ފުރުއްވި އެވެ. 1978 ވަނަ އަހަރުގެ ފަހުން ފެށުނު ޢިމްރާނީ މަސައްކަތުގެ ތެރެއިން ތިނަދޫ ތަޢުލީމީ މަރުކަޒު ޤާއިމުކުރެއްވީ އޭނާގެ ފުރަތަމަ ދަވްރުގަ އެވެ. މ.ނިޔަމި އަލްފާޟިލް އަޙުމަދު ރަޝީދު 1984 ން 2005 އާއި ދެމެދު 3 ފަހަރު އެ މަޤާމު ފުރުއްވި އެވެ. އެނަމާބޯޓުގެ ޚާރިސާ ހިނގާފައިވަނީ، އަތޮޅުވެރިކަމުގެ މަޤާމުގައި 3 ވަނަ ފަހަރު އޭނާ ހުންނަވަނިކޮށެވެ. މާލޭ އަލްފާޟިލް ޚާލިދު މަނިކު އެ މަޤާމުގައި ހުންނެވީ 1985މ. ން 1990މ. އާ ދެމެދު އެވެ. މާލޭ އަލްފާޟިލް ޢަބުދުﷲ މުފީދު އެ މަޤާމު ފުރުއްވީ 1986 ން 1989 އާއި ދެމެދު އެވެ. މާލޭ އަލްފާޟިލް ލޯޖެހި ޢަލީ ވަޙީދު އެ މަޤާމު ފުރުއްވީ 1989ން 1991 އާއި ދެމެދު އެވެ. މާލޭ އިސްމާޢީލް ޝަފީގު އެ މަޤާމު ފުރއްވީ 1991މ. ން 1993މ. އާ ދެމެދު އެވެ. ފާދިއްޕޮޅު ނައިފަރު އަލްއުސްތާޛު އަޙުމަދު މުޙައްމަދު އެ މަޤާމު ފުރުއްވީ 1993މ. ން 1995މ. އާ ދެމެދު އެވެ. ލ.ދަނބިދޫ އަލްފާޟިލް ޙަސަން މޫސާ އެ މަޤާމު ފުރުއްވީ 1995މ. ން 1997މ. އާ ދެމެދު އެވެ. ބ.ހިތާދޫ އައްޝޭޚް ޝުޢައިބް ޔޫސުފް އެމަޤާމު ފުރުއްވީ 1998 ން 1999 އާއި ދެމެދު އެވެ. ހ.ކޮތަރިވިލާ އަލްފާޟިލް އަޙުމަދު މޫސާ 2000 ވަނަ އަހަރު އެވެ. ހއ.ހޯރަފުށީ އަލްފާޟިލް ޢަލީ ޝަރީފް އެ މަޤާމު ފުއްވީ 2001 ން 2007 އާއި ދެމެދު އެވެ. ވ.ދެއްސަ އަލްފާޟިލް އާދަމް ޙަލީމް އެ މަޤާމު ފުރުއްވީ 2007 ން 2008 އާއި ދެމެދު އެވެ. ޒަމާނުއްސުރެން ފެށިގެން ހިނގަމުން އައި ވާރުވެރިކަން ފަހުން އަތޮޅުވެރިކަމުގެ ނިޒާމު، ނޮވެމްބަރ 11، 2008 ގައި ބަދަލުވި އިރު ހުންނެވީ، އޭނާކަމަށްވާތީ، އެއަތޮޅުގެ އަތޮޅުވެރިކަމުގެ މަޤާމުގައި އެންމެ ފަހަށް ހުންނެވީ އޭނާ އެވެ.

ކަލޭފާނުކަންދެއްވި ބައެއް ބޭކަލުން

(ކަލޭގެ ކަމަކީ، ކަލޭފާނުކަމަށްވުރެ އިސް ކަމެކެވެ.)

ހަވަރުތިނަދޫ ރާގުޅިއަހަންމަދުކަލޭފާނު، ހަވަރުތިނަދޫ ޙާޖީމުޙަންމަދުކަލޭފާނު، ހަވަރުތިނަދޫ މާކޯނި ޙަސަންކަލޭފާނު، ހަވަރުތިނަދޫ މާކޯނި ހުސިންކަލޭފާނު، ހަވަރުތިނަދޫ މޫސާ ހިރިހަމައިދި ތިކަލޭފާނު، ހަވަރުތިނަދޫ މުޙަންމަދުކަލޭފާނު، {ހުތާބެއްޔާ} ހަވަރުތިނަދޫ ޢަބްދުﷲ ކަތީބުކަލޭފާނު، ހަވަރުތިނަދޫ މާލިއްޔާ ޢަލިކަލޭފާނު، ހަވަރުތިނަދޫ ތާޖަރު އަލިކަލޭފާނު، ހަވަރުތިނަދޫ އޮޅަކުއްދާކަލޭފާނު، ހަވަރުތިނަދޫ ހަސަންކަލޭފާނު، ހަވަރުތިނަދޫ ދިހަރޭ ހުސިންކަލޭފާނު، ހަވަރުތިނަދޫ ޢަލިކަލޭފާނު، ހަވަދުތިނަދޫ ގުލްދަސްތާގޭ މުޙަންމަދު ޖަމީލުކަލޭފާނު، ހަވަރުތިނަދޫ މުދިންބެއްޔަގެ ހުސިންކަލޭފާނު، ހަވަރުތިނަދޫ ޢަބްދުﷲ ނާޞިރުކަލޭފާނު، ހަވަރުތިނަދޫ ޢަބްދުﷲ ނާޞިރުކަލޭފާނު، މަޑަވެލީ އިސްމާޢީލްކަލޭގެ، މަޑަވެލީ މުޙަންމަދުކަތިއަކަލޭގެ، މަޑަވެލީ އީސާކަތިއަކެލޭގެ، ދާންދޫ ދޮންކޮއްކުކަލޭފާނު، މާމެންދޫ މުހަންމަދު ކަލޭފާނު،  ހަވޮއްޑޭ ހައްވާކަނބުލޭގެފާނު، ގައްދޫ ހަސަންކަލޭފާނު، ގައްދޫ ހަސަންކަލޭފާނު، ގައްދޫ އިސްމާޢީލް ވަތަބަނޑޭރިކަލޭފާނު، ގައްދޫ އިސްމާޢީލް ވަތަބަނޑޭރި ކަލޭފާނު، ގައްދޫ މާގަސްދޮށުގޭ ޖަމީލާކަނބުލޭގެފާނު، މާމެންދޫ ކާބޮލު ޙަސަންކަލޭފާނު، ރަތަފަންދޫ މުދިންކަލޭފާނު، ރަތަފަންދޫ ކަތީބުކަލޭފާނު، ރަތަފަންދޫ ކަތީބުކަލޭފާނު، ވިލިގިނލީ ތުއްތުކަތީބު ކަލޭފާނު، ވިލިގިނލީ މުދިންކަލޭފާނު، ހޯނޑެއްދޫ ބިއްދަރުކަލޭފާނު، ހޯނޑެއްދޫ ދޮރުމަތުކަލޭފާނު، ނިލަންދޫ އަލި ކަލޭފާނު، ނިލަންދޫ ވަކަރުގޭ މުޙަންމަދުކަލޭފާނު، ކޮލަމާފުށީ އިސްމާޢީލް ކަތީބުކަލޭފާނު، ފިޔޯރީ ބޮޑުގޭ ޢަލިކަލޭފާނު، ދާންދޫ ތުއްތުކަތީބުކަލޭފާނު، ދާންދޫ ދޮންކޮއްކޮ ކަލޭފާނު، މިއެވެ. (މިބައި ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ