Print

ދީނީ ޚިލާފުތަކުގެ ތާރީޚުގައި ދިވެހިރާއްޖެ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

 އަބޫ ބަކުރު ދާވޫދު

ހިޖުރައިން 548ވަނަ އަހަރު، (1153މ) އޭރު ދިވެހި ތަޚުތުގައި ރެދަނލިކަން ކުރައްވަމުން ގެންދެވި ތީމުގޭ މަހާ ކަލަމިންޖާ އިސްލާމްދީން ޤަބޫލު ކުރެއްވުމަށްފަހު މިވޭތުވެދިޔަ ދިގުމުއްދަތުގައި ދިވެހިރާއްޖެ މިވަނީ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ ޝަރަފް ހޯދާފައެވެ. ނަމަވެސް މި މަތިވެރި ޝަރަފާއި އެކުވެސް ދީނީ ތަފާތު ފިކުރުތަކުގެ ސަބަބުން 

މިކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް އެކިއެކި ދުވަސްވަރު ވަނީ އެކިވަރުވަރުގެ ހަމަނުޖެހުންތައް ހިނގާފައެވެ. މިދިރާސާގައި ބަލައިލާނީ ދިވެހިން އިސްލާމް ދީން ޤަބޫލު ކުރުމަށްފަހު އެކި ދުވަސްވަރު ދިވެހިންގެ މެދުގައިހުރި ދީނީ ތަފާތު ފިކުރުތަކާއި އެކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި އަދި އެކަންކަމާއި ގުޅިގެން ހިގައިފައިވާ އެކިވަރުވަރުގެ ހަމަނުޖެހުން ތަކުގެ މައްޗަށެވެ.


މަޝްހޫރު ތާރިޚް ލިޔުންތެރިޔާ އިބްނު ބަޠޫތާ ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާފައިވަނީ ރާއްޖެ އިސްލާމްވީތާ 200 ވަރަކަށް އަހަރު ފަހުންނެވެ. އޭރުވެސް ދިވެހި އަންހެނުންނަކީ އެމީހުންގެ އައުރަ ނިވާނުކޮށް އުޅޭ ބައެކެވެ. މަގުތަކުގެ މަތީގަޔާއި ބާޒާރު މަތީގައިވެސް މިބައި މީހުން އުޅޭ ކަމަށްވަނީ އައުރަ ނިވާ ނުކޮށެވެ. އިބްނުބަޠޫތާ އާއި ޙަވާލާ ދެއްވައި މުޙައްމަދު އަމީން(1949). ލިޔުއްވާ ގޮތުގައި ތަފާތު މައްސަލަ ތަކާއި ގުޅިގެން ދިވެހި އަންހެނުންނަށް ފަނޑިޔާރުގެއަށް އަންނަން އެންގުމުން އެމީހުންގެ އައުރަ ނިވާކޮށްގެން އަންނަން ޖެހޭތީ ފަނޑިޔާރުގެއަކަށް ހާޟިރެއް ނުވެއެވެ. އަދި މިފަދަ އަންހެނުން ގަދަކަމުން ފަނޑިޔާރުގެއަށް ގެނެސް އަދަބުދޭން ޖެހިފައިވާ ކަމުގައިވެސް އަމީނުގެ ލިޔުއްވުމުގައި ވެއެވެ. މިހެންކަމުން، އައުރަ ނިވާކުރުމަކީ ކޮންމެ މުސްލިމަކުމެ ކުރަންޖެހޭ ކަމަކަށް ވީހިނދު. އެކަން ނުކުރުމަކީ ދީނީގޮތުން އެކަމުގައި ވިސްނުން ތަފާތުވުމާއި ގުޅިގެން ހިގާފައިވާ ހަމަނުޖެހުމެއް ކަމުގައި ދެކެމެވެ.


ހިޖްރައިން 981 ވަނަ އަހަރު އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ވާދޫ ދަންނަ ކަލޭފާނު) ދީނީ ތަޢުލީމް ޙާޞިލް ކުރައްވައި ރާއްޖެ ވަޑައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދިވެހި ދަރިންނަށް ދީނުގެ ކަންކަން އޮޅުން ފިލުވައި ދެއްވައި ގިނަ އަދަދެއްގެ އިމާމުންނާއި ޤާޟީން އުފެއްދެވިއެވެ. ނަމަވެސް ޒިޔާރަތްތަކަށްނަދުރު ބުނުމާއި ޒިޔާރަތްތަކާއި މިސްކިތްތަކުގައި ދުން ބަހައްޓައިގެން ހުކުރު ހޯމަވިލޭރޭ ޞަލަވާތް ފާތިހާ ކިޔެވުންފަދަ ކަންކަމަކީ ވަރަށް ފަހަކާއި ޖެހެންދެންވެސް ވަރަށް އިސްކަމެއް ދީގެން ދިވެހިންގެ ތެރޭގައި ހިނގަމުން އައިސްފައިވާ ކަންތައް ތަކެވެ. އަޙުމަދުޝާކިރު (2013، މާޗް 21).އިތުރަށް ވިދާޅުވި ގޮތުގައި، އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ބޮޑުވަޒީރު ކަމުގައި އެއްދުވަހަކު އަޙުމަދު ކާމިލްދީދީ، މެދުޒިޔާރަތާއި އަރާ ހަމަވެފައި ޒިޔާރަތަށް ފުރަގަސް ދެއްވައި  ފޫކޮޅުގައި އަތް އުނގުޅައި ލެއްވިއެވެ. އެކަމާއި ޢާއްމު ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ހަމަނުޖެހުން އުފެދި އެކަމުގެ ޝަކުވާ ސަރުކާރުގެ އިސްފަރާތްތަކަށް ގެންދެވިއެވެ. އެވަގުތު ކާމިލް ދީދީ، ރަސްކަމުގެ ދަރުބާރަށް ގެންނަވައި ޢާއްމުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ޒާތުގެ ކަންކަން ނުކުރެއްވުމަށް ކާމިލްދީދީ އަށް އެންގެވުމަށްފަހު ރައްޔިތުންގެ މެދުގައިވާ ހަމަނުޖެހުން ސުލްހަ ކުރެއްވުމަށްޓަކައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ރައްޔިތުންނާއި ބައްދަލު ކުރެއްވި ކަމަށެވެ. ވީމާ މިކަމަކީ ދީނީގޮތުން ޚިޔާލު ތަފާތުވުމެއްގެ ތެރެއިން ދިޔަ އިޖުތިމާޢީ ބޮޑު މައްސަލައެއް ކަމަށް ދެކެމެވެ. 


އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރަކީ މާލޭގައި ވަރަށް ފޯރީގައި މިޔުޒިކު ކުޅެ އުޅުނު ދުވަސް ވަރެކެވެ. އަންހެނުން ފިރިހެން ހެދުން އަޅައިގެން، ފިރިހެނުން އަންހެން ހެދުން އަޅައިގެން ނަށާ އުޅުނު ދުވަސް ވަރެކެވެ. އޭރުވެސް ހުކުރު ޚުޠުބާއަކީ ވެރިކަމުގެ ފަރާތުން ލިޔެ ތައްޔާރު ކުރެއްވުމަށް މަށްފަހު ހުކުރު ކުރައްވާ ބޭފުޅަކަށް ފޯރުކޮށް ދެވޭ އެއްޗެކެވެ. (ޢަބްދުއްޝަކޫރު ޢަބްދުﷲ، 2013، މާޗް 26). ވިދާޅުވިގޮގައި އިބްރާހީމް ނާސިރުގެ ބޮޑު ވަޒީރު ކަމުގައި މާލޭގެ ހުކުރުމިސްކިތުގައި އަލްޙާފިޒު އާދަމް ސަޢީދު އިމާމުވެ ހުކުރު ކުރެއްވި ދުވަހެއްގައި ޚުޠުބާ ވިދާޅުވީ ހިތުންކަމަށާއި އަދި  އެދުވަހު ޙުޠުބާ ދެއްވަމުން، މިޔުޒިކު ކުޅުމަކީ ޙަރާމް ކަމެކޭ. އެކަން ކުރަނީ ފަހެ ކާކު ބުނެގެންހޭ ؟ އަންހެނުން ފިރިހެން ހެދުން އަޅައިގެން ފިރިހެނުން އަންހެން ހެދުން އަޅައިގެން ދެޖިންސް އެއްކޮށް ނެށުމަކީ ﷲ ނަހީ ކުރައްވާ ފައިވާ ކަމެކޭ. މިކަން މިކުރަނީ ފަހެ ކާކު ބުނެގެންހޭ ؟ މިފަދަ ޢިބާރާތްތަކެއް އާދަމް ސަޢީދު އެދުވަހުގެ ޚުޠުބާގައި ވިދާޅުވެފައިވާ ކަމަށެވެ.އަދި ހުކުރުނަމާދު ނިމުނު ތަނުން ވެރިކަމުގެ ފަރާތުން އާދަމް ސަޢީދު ބަންދު ކުރައްވާ ފައިވާ ކަމަށްވެސް ( ޢަބްދުއްޝަކޫރު 2013، މާޗް 26) ވިދާޅު ވެފައި ވެއެވެ. މިފަދަ ކޮންމެ ހަމަނުޖެހުމެއް ހިގާފައިވަނީ ދީނީ ގޮތުން ތަފާތުވާ ޚިޔާލު ތަފާތު ވުމުގެ ތެރެއިންނެވެ.


ނަމާދު ކުރާއިރު ކޮންމެހެންވެސް ބޮލުގައި އެއްޗެއް އަޅަން ޖެހޭނެ ކަމަށާއި ބޮލުގައި އެއްޗެއް ނާޅައިފިނަމަ ނަމާދު މަކްރޫޙް ވާނޭ ކަމަށް ޤަބޫލުކުރެވި، ދިވެހިން ދިޔައީ އެއްދުވަސް ވަރެއްގައި އެގޮތަށް ޢަމަލު ކުރަމުންނެވެ. ނަމާދު ކުރާވަގުތު ބޮލުގައި އަޅާނޭ އެއްޗެއް ނެތްނަމަ ލައިގެން ހުރި ސޯޓް ނުވަތަ ހަރުވާޅު ނަމަވެސް ބޮލުގައި އަޅައިގެން ނަމާދު ކުރުމަކީ ދިވެހިންގެ ތެރޭގައި އެއްދުވަސް ވަރެއްގައި އޮތް ވަރަށް ބޮޑު އާދަ އެކެވެ.  އަހުމަދު ޢަބްދުﷲ ސަޢީދު (2013). ލިޔުއްވައިފައިވާ ގޮތުގައި 1980 ގެ ފަހުކޮޅުގެ އަހަރެއްގައި ބޮޑުޗުއްޓީ އަކަށް ދަރަވަންދުއަށް ދިޔަ ދަތުރުގައި އެރަށު މިސްކިތުގައި އަސުރުނަމާދަށް ހުއްޓައި، މީހަކު އައިސް ފިސާރި ބާރަށް މުލައްދަޑީގައި ހިފައި މިސްކިތުން ބޭރަށް ނެރެލި ކަމަށެވެ. އަދި އުމުރުން ދުވަސްވި އެމީހާ، ރުޅިވެރި މޫނަކައިގެން ބޮލަށް ބަލަހައްޓައިގެން ހުރެ، "ތިފާޑަކަށް މިސްކިތަށް އަރައިގެން ނުވާނެ" އޭ ބުނެ އެއްޗެހި ކިޔާފައި ވާ ކަމަށެވެ. އެބޭބެގެ އެބުނުމުން އިތުރު ސުވާލެއްނެތި އެވީގޮތެއް ވިސްނުނު ކަމާއި އެއީ ބޮލުގައި އެއްޗެއް ނާޅައި މިސްކިތަށް އެރީމާ ކަމަށްވެސް( އަޙުމަދު ޢަބްދުﷲ،2013) ގެ އެލިޔުއްވުމުގައި ވެއެވެ. މިފަދަ ޢަމަލުތައް ސިފަ ވެގެންދަނީ ދީނީ ޚިޔާލު ތަފާތު ވުމުގެ ތެރެއިން ހިނގައިފައިވާ ވަރަށް ބޮޑެތި ހަމަ ނުޖެހުން ތަކެއްގެ ގޮތުގައެވެ.


 1990ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ބައެއް ސެކަންޑަރީ ސްކޫލް ތަކުގެ އިސްލާމް މުދައްރިސުންގެ ގޮތުގައި ޕާކިސްތާން، ސަޢުދީފަދަ ޤައުމު ތަކުން ވަޑައިގެންނެވި ބައެއް ދިވެހިން ކިޔަވައި ދެއްވިއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެސްކޫލް ތަކުން އެކަށަ އަޅުއްވާފައިވާ ޤަވާޢިދު ތަކާއި އުޞޫލުތަކާއި ތަޢާރުޒު ވާފަދަ ވާހަކަތައް މިދެންނެވި އިސްލާމް މުދައްރިސުންގެ ފަރާތުން އެސްކޫލްތަކުގެ ދަރިވަރުންނަށް ދިޔައީ ފޯރަމުންނެވެ. ތުނބުޅި ބެހެއްޓުމަށާއި ފަޓްލޫނުގެ ފައިކުރި ކުރު ކުރުން ފަދަ ކަންކަން ކުރެއްވުމަށް އެދަރިވަރުންނަށްނަސޭޙަތްތެރި ވެފައި ވެއެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ އާއި ޖައުފަރު ޢަބްދުއްރަޙުމާނު ( 2013 މާޗް 26) ވިދާޅުވި ގޮތުގައި ސްކޫލްގެ ޤަވާޢިދާއި ތަޢާރުޒުވާފަދަ ގިނަ ކަންތައް ތަކެއްބައެއް އިސްލާމް މުދައްރިސުންގެ ފަރާތުންއެފަދަ ސްކޫލްތަކުގެ ދަރިވަރުންނަށް ވިސްނައިދިނުމުގެ ނަތީޖާއެއްގެ ގޮތުން ސްކޫލްގެ ޤަވާޢިދާއި ޚިލާފުވުމާއި މައިން ބަފައިންނާއި ސްކޫލުގެ ވެރިންގެ ބަސް ޤަބޫލު ނުކުރުން ފަދަ ހިތާމަވެރި ކަންކަން 1990 ގެ އަހަރު ތަކުގައި ހިނގާފައި ވެއެވެ. އަދި އެފަދަ ބައެއް ދަރިވަރުން ސްކޫލްގެ އެންގުންތަކަށް ކިޔަމަން ނުވެ ސްކޫލަށް އައުން ހުއްޓާލުމުގެ ސަބަބުން ބައެއް ދަރިވަރުން އެކުދިންގެ ތަޢުލީމީ ޙަޔާތުން މަޙުރޫމް ވެފައިވާ ކަމަށްވެސް ޢަބްދުއްޝަކޫރު ޢަބްދުﷲ ، އ.އ.ފ(2013، މާޗް 26) ވިދާޅުވެފައި ވެއެވެ.


ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއްދާއިރާއެވެ. އެދާއިރާއަށް ލިބޭ އާމްދަނީ އަކީ ޣައިރު މުސްލިމުންގެ ފަރާތުން ލިބޭ އާމްދަނީއަށް ވާތީ އެފައިސާ މުސްލިމުން ބޭނުންކުރުމަކީ ދީނުގައި ހުއްދަ ކަމެއް ނޫންކަމަށް 1990ގެ އަހަރުތަކުގެ ކުރީކޮޅު ދިވެހިންގެ ތެރޭގައި ވަރަށް ބާރަށް އަޑު ފެތުރެމުން އައިސްފައި ވެއެވެ. އެފައިސާއިން މިސްކިތްތަކުގެ މުދިމުންނަށް މުސާރަ ދޭއިރު އެފަދަ މީހުންގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެކަމަށް ދިވެހިންގެ މެދުގައި ފަތުވާ ދެމުން ދިޔަ ކަމަށް ވެއެވެ. ޖައުފަރު ޢަބްދުއްރަޙުމާނު ( 2013 މާޗް 26) ވިދާޅުވި ގޮތުގައި 1990ގެ އަހަރު ތަކުގެ ތެރޭގައި ފާދިއްޕޮޅު ރަށެއްގައި މުދިންމީހާ އާއި އެކު ޖަމާޢަތުގައި ނަމާދު ނުކުރާ ރައްޔިތުންގެ ބަޔަކު އުޅުނެވެ. ކޮންމެ ވަގުތެއަގައިވެސް ޖަމާޢަތް ނިމުމުން މިސްކިތުގެ ވަކި ތަނެއްގައި ވަކި ޖަމާޢަތް ހަދައިގެން އެބައި މީހުން ނަމާދު ކުރަމުން ދިޔަކަމަށާއި އެކަމުގެ ސަބަބުން އެރަށު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި ދެކޮޅުވެރިކަން އިތުރުވެގެން ދިޔަކަމަށެވެ.


ޙުސައިން ޝާކިރު ( 2013 މާޗް 26) ވިދާޅުވި ގޮތުގައި މައުމޫނު ޢަބްދުލްޤައްޔޫމް، ދިވެހި ރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ވަނީ ވަކި އުޞޫލެއް ކަނޑަ އެޅިފައެވެ. ރަމަޟާން މަހަށް ނުވަތަ ޝައްވާލު މަހަށް ހަނދު ބަލާ ރޭ ރާއްޖޭގެ އެއްވެސް ތަނަކަށް ހަނދު ނުފެނުނު ނަމަވެސް ރާއްޖެއަށް އިރު އޮއްސުމުގެ ކުރިން ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރުހުރި ފަލަކީ ހިސާބުން ދައްކާ ރެއެއްގައި އިސްލާމީ ޤައުމަކަށް ހަނދު ފެނިއްޖެނަމަ ރާއްޖޭގައި ވެސް އެފަދަ އިސްލާމީ ޤައުމު ތަކުގައި ވެސް ޢަމަލު ކުރާ ފަދައިން ޢަމަލު ކުރުމުގެ އުޞޫލެވެ. ޢަބްދުއްޝަކޫރު ޢަބްދުﷲ ( 2013 ) ވިދާޅުވި ގޮތުގައި ހަނދު ސާބިތު ކުރުމުގައި ސަރުކާރުން ގެންގުޅުނު އުޞޫލަށް ހުރިހާ ދިވެހިން ޢަމަލު ކުރަމުން ދާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް 1990ގެ އަހަރު ތަކުގައި ރާއްޖޭގެ ވަރަށް މަދު ރަށެއްގައި އެހައިމެ މަދު ބަޔަކުވަނީ ހަނދާއި ބެހޭ ގޮތުން ޤައުމުގެ ޙާކިމާ ނިންމި ނިންމު މާއި ޚިލާފަށް ޢަމަލު ކޮށްފައެވެ. މިކަން ވެގެން ދިޔައީ ރާއްޖޭގެ ގިނަ ބަޔަކަށް ވަރަށް ބޮޑު ޙައިރާން ކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށްވެސް ޢަބްދުއްޝަކޫރު ޢަބްދުﷲވިދާޅުވިއެވެ. މިކަމަކީވެސް ބައެއް ރައްޔިތުންގެ މެދުގައި ބޮޑެތި ހަމަނުޖެހުން އުފެދިގެން ދިޔަ ކަމެކެވެ.


ދީނީ ޚިޔާލު ތަފާތު ވުމުގެ ތެރެއިން ވަކި ވަކި ޢާއިލާ ތަކުގެ މެދުގައި ވެސް ވަނީ ވަރަށް ހިތާމަވެރި ޙާދިޘާތައް ހިނގާފައެވެ. ދެމަފިރިންގެ ދޭތެރޭގައެވެ.މައިން ބަފައިންނާއި ދަރިންގެ މެދުގައެވެ. ޖަޢުފަރު ޢަބްދުއްރަޙުމާނު.( 2013، މާޗް 26) ވިދާޅުވި ގޮތުގައި މާލޭގެ ސާނަވީ ސްކޫލެއްގައި ކިޔަވަމުން ދިޔަ ދަރިވަރަކު އޭނާގެ މައިންބަފައިންނަށް ސިޓީއެއް ފޮނުވިއެވެ. އެސީޓީގައި ވާ ގޮތުން އެދަރިފުޅުގެ މަންމަޔާއި ބައްޕައަކީ ކާފަރެއް ކަމަށާއި ސަބަބީ މަންމަ މޫނު ބުރުގާ ނާޅާތީ އާއި ބައްޕަ ޖުއްބާ ނުލާތީ ކަމަށެވެ. ވީމާ އަވަހަށް މަންމަ މޫނުގާ އާޅާފައި ބައްޕަވެސް ޖުއްބާ ލުމަކީ އެދަރިފުޅު ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި އިތުރަށް ވިދާޅުވި ގޮތުގައި އެސިޓީ ފޮނުވި ކުއްޖާގެ މައިންބަފައިންނަކީ ދީނުގެ ކަންކަން ކުރުމަށް ވަރަށްބޮޑަށް ސަމާލުކަންދޭ ބައެއް ކަމަށެވެ. މިފަދަ ދީނީ ތަފާތު ފިކުރުގެ ސަބަބުން ޢާއިލާ ތަކުގެ މެދުގައި ޚިޔާލު ތަފާތުވެ މުޅި މުޖުތަމަޢު ފަސާދަވެ ދާކަމީ ވަރަށްވެސް ހިތާމަ ހުރި ކަމެކެވެ.


ހުކުރުނަމާދު ފައްޓާ ގަޑިއަކީ 12:35 ކަމަށް ރާއްޖޭގައި ފުރަތަމަ ހަމަޖައްސާފައިވަނީ އިބްރާހީމް ނާޞިރުގެ ވެރިކަމުގައެވެ. ސަރުކާރުން އެގޮތަށް ހަމަޖައްސަވައި ފައިވަނީ ރާއްޖެއަށް މެންދުރު ވަގުތު ވާ އެންމެ ފަސްގަޑިއަކީ އާއްމު ކޮށް 12:25 ކަމަށް ވެފައި އެވަގުތުން ފެށިގެން ސުންނަތް ކޮށް ނިމި އެންމެ އަވަހަށް ވެސް ހުކުރު ނަމާދު ފައްޓަން އެންމެ އެކަށީގެންވާ ވަގުތަކީ 12:35ގައި ކަމަށް ގިނަ ބަޔަކަށް ޤަބޫކުރެވިގެން ކަމަށް ވެއެވެ. އަދި އެންމެންނަށްވެސް ސުންނަތް ކުރުމުގެ ފުރުޞަތު ލިބި އެކަމުގެ ސަބަބުން ޢާއްމުންގެ މެދުގައި އިތުރު ހަމަނުޖެހުމެއް އުފެދޭނެ ފަދަ ކަމެއް މެދުވެރި ނުވެ ޢާއްމު މަޞްލަހަތު ރައްކާތެރި ކުރެވޭނެ އެންމެ ރަގަޅު ގޮތަކީ 12:35 ގައި ހުކުރު ނަމާދު ފައްޓައިގެން ކަމަށް ސަރުކާރަށް ޤަބޫލު ކުރެވޭތީ ކަމަށް ވެއެވެ. ވެރިކަމުގެ ފަރާތުން މިގޮތަށް ހަމަޖައްސަވައިފައި ވީނަމަވެސް  2000 ގެ އަހަރު ތަކުގެ ކުރީ ކޮޅު މާލޭގައި ދިވެހިންގެ ބަޔަކު ވަނީ ހުކުރު ނަމާދު ނުކުރާ މިސްކިތްތައް ކަމުގައިވާ ކަޅުވަކަރު މިސްކިތުގަޔާއި ދަރުމަވަންތަ މިސްކިތުގައި ވަކި ޖަމާޢަތެއް ހަދައިގެން ހުކުރު ނަމާދު ކުރަމުން ގެންގޮސްފައި ކަމަށް ޢަބުދުއްޝަކޫރު ޢަބްދުﷲ ( 2013 މާޗް 26) ވިދާޅުވިއެވެ. މިކަން ހުއްޓުވުމަށް ޓަކައި މަޖީދީ މަގަށް ވާގޮތަށް ހުންނަ އޭރުގެ ކަޅުވަކަރު މިސްކިތް ބަންދު ކުރިއެވެ. އެކަމާއި ހިތް ހަމަ ނުޖެހިގެން އެމިސްކިތަށް ހުކުރަށް ދިޔަ މީހުންގެ ތެރެއިން ބަޔަކު ވަނީ ޕޭވްމަންޓް ގަލަކުން ޖަހާ ޕޮލިހެއްގެ ބޯ ފަޅައިލައި ފައެވެ. މިދެންނެވި ވަކިޖަމާޢަތް ހަދައިގެން ނަމާދު ކުރާ މީހުންގެ ތެރޭގައި ރާއްޖޭގައި ފާހަގަ ކުރެވޭ އެއްވެސް ދީނީ ޢިލްމު ވެރިޔަކު ނުހިމެނޭ ކަމަށްވެސް ޢަބްދުއްޝަކޫރު މަޢުލޫމާތު ދެއްވިއެވެ. ޤަބޫލު ކުރެވޭ ގޮތުގައި މިޖަމާޢަތަކީ ދީނީ ޢިލްމު ވެރިއެއްގެ ފަތުވާ އާއި އެއްގޮތަށް އުޅެމުންދާ އަދި ދީނީ ގޮތުން ހޭލުން ތެރިކަން ކުޑަ، ހަރުކަށި ޖަމާޢަތެއްގެ ގޮތުގައި ފާހަގަ ކުރެވޭ ބައެއް ކަމަށް ވެސް ޢަބްދުއްޝަކޫރު ވިދާޅު ވެފައި ވެއެވެ.
   

މީލާދީން2000ގެ ފަހު އަހަރު ތަކަކީ ދީނީ ގޮތުން ޚިޔާލު ތަފާތުވާ މީހުންގެ މެދުގައި އުފެދޭ މައްސަލަ ތައް ވަރަށް ބޮޑަށް އިތުރުވެ އެކިވަރު ވަރުގެ ހަމަނުޖެހުން ތައް ހިގައި ދިޔަ ދުވަސް ވަރެކެވެ. އެދުވަސް ވަރު ތަފާތު ހަމަނުޖެހުން ތައް ހިގައި ދިޔަ އެއްރަށަކީ އއ. ހިމަންދުއެވެ.އިބްރާހީމް ޢަބްދުއްރަޙުމާނު (2013 . މާޗް 28) ވިދާޅުވި ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ހިމަންދޫގައިވަކި ޖަމާޢަތެއް ހަދައިގެން ބަޔަކު އުޅުނު ކަމަށާއި ނަމާދު ކުރުން ފަދަ ދީނީ ކަންކަން ކުރަނީ ރަށުގެ އާއްމު ރައްޔިތުންނާއި މުޅިން ވަކިންނެވެ. ޕާކިސްތާނުގައި ކިޔަވަން އުޅެފައި އައި ދިވެއްސަކު، ހިމަންދު އަށް ހިޖުރަ ކުރި ހިސާބަކީ ދީނީ ގޮތުން ރައްޔިތުންގެ މެދުގައި ފުރަތަމަ ބައިބައި ވުން އުފެދެން ފެށި ހިސާބެވެ.
   

2004ވަނަ އަހަރު ހިމަންދޫގައި ދީނީގޮތުން އުފެދެން ފެށި ދެބަސްވުންތަކާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު އެރަށުގެ، އަތިރިމަތީގައި ވަކިން ޖަމާޢަތެއް ހަދައިގެން ނަމާދު ކުރަންފެށިއެވެ. އޭގެ ކުޑަ ދުވަސްކޮޅެއްގެ ފަހުން  ހިމަންދޫ ހުވަނދުމާގޭ ގޯތިތެރޭގައި ހަދާފަ ހުރިހޮޓަލެއްގެ ޢިމާރާތުގައި އެޖަމާޢަތުން ނަމާދު ކުރަން ފެށި ކަމަށް ވެއެވެ. ޢާއްމުންގެ ތެރެއިން އެޖަމާޢަތަށް ތަބާވާ މީހުންގެ ޢަދަދު ގިނަވުމާއެކު އެންމެ ފަހުން އެމީހުން ވަނީ އެރަށު ދާރުލް ޚައިރު ނަމަކަށް ކިޔާ ފަޅު ގޯއްޗެއްގައި މިސްކިތެއް އަޅައިގެން ނަމާދު ކުރަން ފަށައިފައެވެ. އިބްރާހީމް ޢަބްދުއްރަޙުމާނު ( 28  މާޗް  2013 ) ގައި މަޢުލޫމާތު ދެއްވި ގޮތުގައި އޭރު އެރަށުގެ އާބާދީގައި 600 އެއްހާ މީހުން ދިރިއުޅޭއިރު، ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އެޖަމާޢަތާއި ގުޅި އެމީހުން ޤަބޫލު ކުރާ އުޞޫލުތަކާއި އެއް ގޮތަށް އުޅެމުން ދާކަމަށެވެ. ވަކި ޖަމާޢަތުގައި ނަމާދުކުރަމުންދާ މިމީހުންގެ ތެރޭގައި 14 އަހަރުގެ އަންހެން ކުއްޖެއްގެ ކައިވެނި ޝަރުޢީ އެއްވެސް ފަރާތަކަށް އެގުމަކާއި ނުލައި އެޖަމާޢަތުގެ މީހުންގެ ތެރޭގައި ކޮށްފައިވާ ކަމަށްވެސްއިބްރާހީމް ޢަބްދުއްރަޙުމާނު (2013، މާޗް 28 )ގައި މަޢުލޫމާތު ދެއްވިއެވެ. މިކަމަކީވެސް ރަށުގެ ބައެއް ޢާއިލާތަކުގެ މެދުގައި ބޮޑެތި ދެބަސްވުންތައް އުފެދި ހަމަނުޖެހުން އިތުރުވެގެން ދިޔަ ކަމެކެވެ.


އާބާދީގެ ގޮތުން ކުދި ރަށްރަށުގެ ދެތަނެއްގައި ހުކުރު ނަމާދު ކުރުމަކީ ދިވެހިންގެ ތެރެއިން ކުރިން ފެނިފައިވާ ކަންކަމެއް ނޫނެވެ. ނަމަވެސް އއ. ހިމަންދުއަކީ އެއްދުވަސް ވަރެއްގައި އެކަމުގައި ފާހަގަ ކުރެވުނު އެއްރަށެވެ.ދާރުލް ޚައިރު ނަމަކަށް ކިޔާ ގޯތީގައި އެމީހުން އަޅާފައިވާ މިސްކިތުގައި ވަކިން ހުކުރު ކުރަމުން ދާއިރު އެމީހުން ކިޔަނީ އެމީހުންގެ އަމިއްލަ ޚުޠުބާ އެއް ކަމަށާއި އެޚުޠުބާ އަކީވެސް  އެ ޖަމާޢަތާއި ގުޅޭ މާލޭގަ އުޅޭ ބަޔަކު ފޮނުވާ ހުކުރު ޚުޠުބާ އިބްރާހީމް ޢަބްދުއްރަޙުމާނު.(2013، މާޗް 28) ވިދާޅުވެފައި ވެއެވެ. މިގޮތުގެ މަތިން ހިނގަމުން ދާ ކޮންމެ ދުވަހަކީ ހިމަންދޫ ރައްޔިތުންގެ މެދުގައި ތަފާތު ހަމަނުޖެހުން ތައް އިތުރުވެ ބޮޑެތި މާރާމާރީ ތައް ހިގައި ބިރުވެރި ކަމާއި ނާމާން ކަމެއްގެ ތެރޭގައި ޢާއްމު ރައްޔިތުން ވޭތު ކުރަމުން ދިޔަ ދުވަސް ތަކެއް ކަމަށްވެސް އިބްރާހީމް އަބްދުއްރަޙުމާނު މަޢުލޫމާތު ދެއްވައި ފައި ވެއެވެ.


 2006ވަނަ އަހަރު އއ. ހިމަންދޫ ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނެވީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ދަރުމަސީލަން ކިޔާ ބޭފުޅެކެވެ. އޭރު ސެކަންޑްރީ ކްލާސްތަކުގެ ދަރިވަރުންނަށް ރޭގަނޑު އެކްސްޓްރާ ކްލާސްތައް ހިންގާތީ އާއި ސްކޫލްގައި ކިޔަވައިދޭ މާއްދާ ތައް ކަމުނުދާތީ އެކަމާއި ހިތްހަމަ ނުޖެހިގެން ދީނީ ވަކި ޖަމާޢަތް ހަދައިގެން އުޅޭ ގުރޫޕުން ސްކޫލުގެ ޕްރިންސިޕަލާއި ބައްދަލު ކޮށް އެކަން ނުކުރުމަށް ވަރަށް ގިނަ ފަހަރު ވާހަކަ ދައްކާ ޕްރިންސިޕަލަށް އިންޒާރު ދީ ހަދާފައިވާ ކަމަށް ވެއެވެ. ވަކިޖަމާޢަތް ހަދައިގެން އުޅޭ މިގުރޫޕުން ޕްރިންސިޕަލާއި ދިމާކޮށް އިންޒާރުދެމުން ދިޔަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޕްރިންސިޕަލަށް ޙަމަލާ ދީ  ބޯ ފަޅާލައި، ވަރަށް ބޮޑަށް ޒަޚަމް ކޮށްލާފައި ވާ އާދަމް ޢަބްދުއްރަޙުމާނު (2013، މާޗް 28 ) ވިދާޅުވެއެވެ. މިފަދަ ލާ އިންސާނީ ބޮދެތި އަނިޔާތައް ހިގައިފައި މިވަނީ ދީނީ ތަފާތު ފިކުރާއި ޚިޔާލުގެ ތެރެއިން ކަމަށް ޤަބޫލު ކުރުމުގެ ފުރުޞަތު ބޮޑެވެ.


ހިމަންދޫ ދާރުލް ޚައިރު ގޯތީގައި މިސްކިތެއް ހަދާ ވަކި ޖަމާޢަތެއްގައި ނަމާދު ކުރަން ފެށުމާއެކު އުފެދުނު ހަމަނުޖެހުން އިތުރުވުމާއި ގުޅިގެން އެރަށު ބޮޑު ކަތީބު އިބްރާހީމް ޢަބްދުއްރަޙުމާނާއި ކުޑަކަތީބު އާދަމް މުޙައްމަދު އެއަތޮޅު ރަސްދުއަށާއި މާޅޮހަށް ބަދަލު ކުރެއްވި ކަމަށް ހަވިރު ނޫހުގެ ލިޔުން ތެރިޔާ އަޙުމަދު ހަމްދޫނު (2006، އޮކްޓޯބަރ 28) ލިޔުއްވައިފައި ވެއެވެ. އަދި ޖެހިގެން އައި 2007 ވަނަ އަހަރު މާޗް މަހުގެ 7 ވަނަ ދުވަހު ހަވީރު ނޫހުން ފާހަގަ ވެފައިވާ އަނެއް ޚަބަރަކީ ހިމަންދޫ ސްކޫލުގައި ބިދޭސީ ޓީޗަރުން ކިޔަވައިދޭތީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް ބައެއް ދަރިވަރުން ސްކޫލަށް ފޮނުވުން ހުއްޓާލި ކަމުގެ ޚަބަރެވެ. އެމީހުން ދެކޭ ގޮތުގައި ބިދޭސީ ޓީޗަރުން ކިޔަވައި ދިނުމަކީ ހުއްދަ ކަމަކަށް ނުވާތީ ދީނީ އެއްބައިވަންތަ ކަމުގެ ނަމުގައި ވަކި ޖަމާޢަތެއް ހަދައިގެން އުޅޭ މީހުގްގެ ޢާއިލާ ތަކަށް ނިސްބަތްވާ 15 ވަރަކަށް ކުދިން ސްކޫލަށް ނުފޮނުވާ ކަމަށް އެރަށު ބޮޑުކަތީބު އިބްރާހީމް ޢަބްދުއްރަޙުމާނާއި ހާވާލާދީ ފަޒީނާ އަޙުމަދު.(2007، މާޗް 3 ) ލިޔުއްވާފައި ވެއެވެ. ނަމަވެސް އެމީހުން ސްކޫލަށް ކުދިން ފޮނުވުން ހުއްޓާލި ނަމަވެސް، އަމިއްލަ އަށް ވަކި ތަނެއްގައި ޤުރްއާނާއި ޙަދީޘް ކިޔަވައިދެމުންދާ ކަމުގެ ޚަބަރުތައް ލިބެމުންދާ  ކަމަށްވެސް ބޮޑުކަތީބާއި ޙަވާލާ ދެއްވައި ލިޔުއްވާފައި ވެއެވެ. އަދި އެރަށުގެ މިސްކިތަށް ނުގޮސް ފަޅު ގޯއްޗެއްގައި ވަކި ޖަމާޢަތް ހަދައިގެން ނަމާދު ކުރަމުން ދަނިކޮށް 2006 ވަނަ އަހަރުގެ މެދެތެރޭގައި ފުލުހުން އެރަށަށް ގޮސް އެތަން ރޫޅާލައިފައިވާ ކަމަށް ވެސް ހަވީރު ނޫހުގެ މިޚަބަރުގައި ލިޔުއްވާފައި ވެއެވެ.


އއ. ހިމަންދޫ ދިލްކުސާގޭ އިބްރާހީމް ޝަހީމް(27އަހަރު) އަކީ ،ރަށު އޮފީހުގެ މަސައްކަތު މީހެއްގެ ވަޒީފާގައި އުޅެމުން ދިޔަ ޒުވާނެކެވެ. 2004 ވަނަ އަހަރުން ފެށިގެން ރަށުގެ ރައްޔިތުންގެ މެދުގައި އުފެދެމުން ދިޔަ ދީނީ ޚިޔާލު ތަފާތު ވުން ތަކާއި ގުޅިގެން އުފެދޭ މައްސަލަ ތަކާއި ގުޅިގެން ރަށު އޮފީހަށް އައުމަށް ޢާއްމުންގެ އެކިއެކި މީސް މީހުންނަށް އެފަދަ އެންގުން އެންގުމަށް ގޮސް އުޅެނީ އިބްރާހީމް ޝަހީމެވެ. މިގޮތަށް އޮފީހަށް އައުމަށް އަންގަމުން ދިއުމުން ވަކި ޖަމާޢަތް ހަދައިގެން އުޅުނު މީސްމީހުންގެ ފަރާތުން އިބްރާހީމް ޝަހީމަށް ތަކުރާރު ކޮށް ބަހުގެ ޙމަލާތައް ދީފައިވާ ކަމަށް ވެއެވެ. 2006 ވަނަ އަހަރު ޑިސެމްބަރ 14 ވަނަ ދުވަހު ވެސް އާދައިގެމަތިން އޮފީސް ނިންމާފައި އިބްރާހީމް ޝަހީމް ދިޔައީ ލައިގެން ކާނެ އެއްޗެއް ހޯދުމަށް ރަށުގެ ހުޅަނގު ކޮޅަށް މަސްބާނަން ކަމަށް ވެއެވެ. ނަމަވެސް އެދުވަހުގެ ހަވީރު 5 ޖަހާކަށް ހާއިރު ފަޅުތެރެއިން، ގޮޑު ދޮށާއި ވަރަށް ކައިރިން ބޮއްކުރައެއްގެ ދަތުރު ކޮށްފައި ދިޔަ ބަޔަކަށް ފެނުނީ އިބްރާހީމް ޝަހީމް އެރަށުގެ ހުޅަނގު ފަރާތު އަތިރިމަތީ އާނު ގަނޑެއްގެ މަތީގައި މަރުވެފައި އޮއްވައެވެ. އިބްރާހީމް ޝަހީމްގެ ހަށިގަޑުގެ ބޭރުން ފެންނަން ހުރި ނިޝާންތަކަށް ގަސްދު ގައި ބަޔަކު މަރާލާފައިވާކަން ދޭހަވާފަދަ ބޮޑެތި ނިޝާންތައް ހަށިގަނޑުން ފެންނަން ހުރިކަމަށް އޭރުގެ ބޮޑުކަތީބު އިބްރާހީމް ޢަބްދުއްރަޙުމާނު(2013، މާޗް 28 ) މަޢުލޫމާތު ދެއްވި އެވެ. ހަށިގަޑުގެ އެތަން މިތާ ތަޅައި ބޯވެސް ވަނީ ފަޅައިލާފައެވެ. ރަށުގެ ޢާއްމުން ޤަބޫލު ކުރާ ގޮތުގައި މިކަމަކީވެސް ރަށުގައި ހިނގަމުންދާ ދީނީ ޚިޔާލު ތަފާތުވުމާއި ގުޅިގެން ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅުން ހުރިކަމެއްކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް އިބްރާހީމް ޢަބްދުއްރަޙުމާނު ވިދާޅުވެފައި ވެއެވެ.
  

  2007ވަނަ އަހަރު ސެޕްޓެމްބަރ 29ވަނަ ދުވަހު ސަލްޓަންޕާކުގައި ހިނގައި ދިޔަ ބޮން ގޮއްވުމުގެ ނުރައްކާތެރި، ބިރުވެރި ޙާދިސާ އަކީވެސް ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ބަޔާކާއި ގުޅުން ހުރި ކަމެއް ކަމަށް ދިވެހިންގެ ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. މިކަމާއި ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހޯދުމަށާއި ޖިނާއީ ކުށްތަކާއި ގުޅިގެން ހޯދަން ބޭނުންވާ ބަޔަކު އަތުލައި ގަތުމަށް ޓަކައި ޤައުމީ ސަލާމަތީ ބާރުތަކުން އއ. ހިމަންދުއަށް ދިޔައެވެ. ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި އެރަށުގައި ވަކިޖަމާޢަތް ހަދައިގެން ނަމާދު ކުރަމުންދާ ދާރުލް ޚައިރު ގޯތިތެރެ ބަލައި ޗެކްކުރަން އެދުމުން އެޖަމާޢަތަށް ނިސްބަތްވާ މީހުން ވަނީ ސާލާމަތީ ބާރުތަކާއި ދެކޮޅަށް ބާރުގެ ބޭނުން ކޮށްފައެވެ. އިބްރާހީމް ޢަބްދުއްރަޙުމާނު އާދަމް ޢަބްދުއްރަޙުމާނު (2013، މާޗް 28 ) މަޢުލޫމާތު ދެއްވި ގޮތުގައި މިޖަމާޢަތުގެ މީހުން ހަތިޔާރުގެ ގޮތުގައި އަތުބޮމާއި ކަނޑިއާއި ކަތިވަޅިޔާއި ދާވަންޏާއި މަޑަޔާއި ދަގަނޑު ބުރިބުރި ފަދަ ތަކެތީގެ އިތުރުން ލަކުޑި ބުރިޔާއި އޮށް ގައު ބޭނުން ކޮށްފައި ވެއެވެ. ސަލާމަތީ ބާރުތަކުގެ ތިރީހަކަށްހާ މީހުނާއި އެކު ހިނގި މި ކުރިމަތި ލުމުގައި ދެފަރާތުގެ މީހުންނަށް ނުރައްކާތެރި ބޮޑެތި އަނިޔާތައް ވެފައިވެއެވެ. ދެފަރާތުގައި ހިނގައި ދިޔަ މިހަނގުރާމަ ކޮންޓްރޯލް ކުރެވުނީ ޖެހިގެން އައި ދުވަހު ސަލާމަތީ ބާރުތަކުގެ 100 އެއްހާ މީހުން ހިމަންދުއަށް ގޮސް ޕްރެޝަރު ގައި ފެން ޖެހުމުންނެވެ. މިޙާދިސާގައި އެޖަމާޢަތުގެ 63 މީހަކު ހައްޔަރު ކުރެވުނު ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5 ކުއްޖަކު ވެސް ހިމެނޭ ކަމަށް ހަވީރު ނޫހުގެ ރިޕޯޓަރ މުޙައްމަދު ހަމްދޫން (2007، އޮކްޓޯބަރ 9 ) ލިޔުވައި ފައި ވެއެވެ. އއ. ހިމަންދޫގައި މިހިނގައި ދިޔަ އަނިޔާވެރި ޢަމަލު ތަކަކީ ދީނީ ހަރުކަށި ޚިޔާލު ތަކުގެ ސަބަބުން އުފެދިގެން ހިނގާފައިވާ ޢަމަލުތަކެކޭ ނުދެންނެވޭނެ ބާވައެވެ.


މިދިރާސީ އިން ފާހަގަވި މުހިންމު ކަންކަން:


އަޅުގަޑުގެ މިދިރާސާއަށް ބަލާއިރު ރާއްޖެ އިސްލާމް ވީއްސުރެ ދީނީ ތަފާތު ޚިޔާލުތަކާއި ފިކުރުތައް ދިވެހިންގެ ތެރޭގައި އަބަދުވެސް އޮތްކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަމާއި ގުޅިގެން އުފެދިފައިވާ ދެބަސް ވުންތަކާއި އެކިވަރުވަރުގެ ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވާ ކަން އެގެއެވެ. މީގެތެރޭގައި ބައެއް ކަންކަމަކީ އިސްލާމްދީން އައުމުގެކުރިން ދިވެހިންގެ ތެރޭގައި އާދަވެ ކުރަމުންއައި ބައެއް ކަންކަން ދޫނުކުރެވި އަދި ދިވެހިންގެ އާދަކާދައެއްގެ ގޮތުގައި ޤަބޫލު ކުރެވިފައިހުރި ކަންކަމުގެ ސަބަބުން ހިނގާފައިވާ ކަންތައްތަކެވެ. އަދި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔަދީނީ ޢިލްމުވެރިންގެ ސަބަބުން އުފެދިގެން ދިޔަމައްސަލަ ތައްވެސް މަދެއްނޫނެވެ. ހަމައެފަދައިން ބައެއް ދީނީޢިލްމުވެރިން ލިޔެ އެކަށައެޅުއްވި ދީނީ ފޮތްތަކުގައި ބަޔާން ކުރެވިފައިވާ ބައެއް ކަންކަން އެންމެ އެދެވޭގޮތަށް ބަޔާން ކުރެވިފައި ނެތުމުގެ ސަބަބުން ހިނގާފައިވާ ކަންކަން ހުރިކަންވެސް ފާހަގަ ކުރެވި ފައިވެއެވެ. ދީނީ ތަފާތު ފިކުރު ތަކާއި ތަފާތު ޚިޔާލުތައް އުފެދިފައިވަނީ އަޤީދާގެ މައްސަލަ ތަކަށްވުރެ ގިނައިން ފިޤްހީ މައްސަލަ ތަކާއި ގުޅިގެން ކަން ވެސް ސާބިތު ވެއެވެ. މިދިރާސާއިން ފާހަގަ ކުރެވިފައިވާ ދީނީ ތަފާތު ފިކުރާއި ޚިޔާލުގެ ސަބަބުން އުފެދުނު މައްސަލަތަކާއި ގުޅުންހުރި ކަންކަމުގައި، ބައެއް ދީނީ ޢިލްމު ވެރިންގެ ރަޢުޔު ހުށަހަޅައި ލަމެވެ.


"ޢަޤީދާގެ މައްސަލަތަކަކީ ފިޤްހީ މައްސަލަ ތައް ފަދައިން އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް ޢަމަލު ކުރުން ހުއްދަވާ ކަންތައް ތަކެއް ނޫނެވެ. ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާއި އަޑު ހަރުކޮށް ކިޔަވައި ނަމާދު ތަކުގައި އަލްޙަމްދު ކިޔަވާއިރު ބިސްމި ސިއްރުން ކިޔެވުމާއި، ހިލޭ އަންހެނެއްގެ ގައިގައި ހަންހުރަހަކާއި ނުލައި ބީހުމުން ވުޟޫ ގެއްލުމާއި މިފަދަ ކަންކަމަކީ ފިޤްހީ މައްސަލަ ތަކެވެ. މިފަދަ މައްސަލަ ތަކާއި މެދު ދެގޮތަކަށް ޢަމަލު ކުރެވިދާނެ ކަމުގެ ދަލީލުތައް އައިސްފައި ހުރުމުން މިއިން އެއްވެސް ގޮތަކަށް ޢަމަލު ކުރުމަކީ ނުބައި ގޮތެކޭ ބުނެވެން ނޯންނަ ފަދައިން ޒިޔާރަތްތަކަށް ނަދުރު ބުނުމާއި ވަލީވެރިންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން ފަދަ ކަންކަމަކީ ދެގޮތަކަށް ޢަމަލު ކުރެވިދާނެމައްސަލަތަކެއްނޫނެވެ." (ޢަބްދުލްމަޖީދު ޢަބްދުލްބާރީ ، "ދަރުމަ"  2008 މެއި)

"އިސްލާމީ ނަޒަރަކުން ބަލާއިރު ވަޙީ އާއި ބުއްދިއަކީ އިދިކޮޅު ދެ އެއްޗެއް ނޫނެވެ. އިސްލާމް ދީނުގެ ވަރަށް މުހިންމު އެއްސިފަ ކަމުގައިވާ ވަޒަން ހިފެހެއްޓުމުގެ ސިފައިގެ ދަށުން ވަޙީ އަށް އެއްކޮޅުން އީމާންވާއިރު އަނެއްކޮޅުން ބުއްދިއަށް އިޙުތިރާމް ކުރަން ޖެހެއެވެ. އެހެންކަމުން ޢިލްމު އުނގެނުމުގައި ވެސް ވަޙީ އާއި ބުއްދި ގުޅެން ޖެހެއެވެ."  
(ސަޢުދުﷲ ޢަލީ. 2012 ، އޮގަސްޓް 1. ހަވީރު)


ނިންމުން:


މިދިރާސާއިން އެގިގެން ދިޔަ ގޮތުގައި، އަނިޔާ ވެރި ބޮޑެތި އިންސާނިއްޔަތާއި ޚިލާފު ގިނަ ކަންކަން މި ކުޑަ ކުޑަ ދިވެހި މުޖުތަމަޢުގައި ހިގާފައި ވަނީ، އިސްލާމް ދީނުގައި ކަން ކަން އޮންނަ އެންމެ ރަގަޅު ގޮތް ގިނަ ޢިލްމު ވެރިންނަށް އޮޅުން ފިލާފައި ނެތުމުގެ ސަބަބުން ކަމަށް ދެކެމެވެ. ހަމަ އެފަދައިން ދީނީ ޢިލްމު ނޭގި ތިބެ ޢިލްމު ވެރިންގެ ނަމުގައި، ދީނީ ފަތުވާ ދެވިފައި ހުރުމުން ކަމަށްވެސް ދެކެމެވެ. ޚާއްޞަ ކޮށް އެފަދަ މީހުންނަށް ފިޤްހީ މައްސަލަ ތަކާއި ގުޅިގެން ކަންކަން ނިންމުމުގައި ބުއްދީގެ ބޭނުން އެންމެ ރަގަޅު ގޮތުގައި ހިފަން ނޭގުމުގެ ސަބަބުން އުފެދުނު މައްސަލަތައް ވެސް ވަކި މަދެއްނޫނެވެ. ވުމާއެކު ދިވެހިންގެ ތެރޭގައި ހުރި ދީނީ ތަފާތު ފިކުރުތަކުގެ ސަބަބުން މި ދިވެހި މުޖުތަމަޢުގައި އެކި ވަރުވަރުގެ ހަމަނުޖެހުންތައް ހިގާފައިވާ ކަމީ ދެބަސް ވެވެން ނެތް ޙަޤީޤަތެކެވެ.


ޙަވާލާ


- ޙަސަން މުޙައްމަދު.(2008، މާޗް 16). ހިމަންދޫ މައްސަލައިގެ ޝަރީޢަތް. ހަވީރު
- ޙުސައިން ރަޝީދު އަޙުމަދު.( ބަސްދީގަތުން، 11 މާޗް 2012 )
- ޙުސައިން ޝާކިރު ( ބަސްދީގަތުން،  26 މާޗް 2013)
- ނަސީމާ މުޙައްމަދު.(2010). ދިވެހި ރަހުންނާއި ރަނިން. މާލެ:ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު.
- ނަސީމާ މުޙައްމަދު.(2011، އޮކްޓޯބަރ 01). ދަރުމަވަންތަ މަހާރަދުން: އިސްލާމް ދިވެހިރާއްޖޭގެ ބައްޕަ. ހަވީރު
- އަޙުމަދު ހަމްދޫނު.(2006، އޮކްޓޯބަރ 28). ހިމަންދޫ ދެކަތީބުން ވަގުތީގޮތުން އެހެން ދެރަށަކަށް ބަދަލު ކުރައްވައިފި.ހަވީރު،
- އަޙުމަދު ހަމްދޫނު.(2007، އޮކްޓޯބަރ 05). ސަލްޓަންޕާކުގެ ބޮމުގެ ޙާދިސާ. ހަވީރު
- އަޙުމަދު ހަމްދޫނު.(2007، އޮކްޓޯބަރ 09). ސަލްޓަންޕާކުގެ ބޮމުގެ ޙާދިސާ. ހަވީރު
- އަޙުމަދު ޢަބްދުﷲ ސަޢީދު.(2008، ޖެނުއަރީ 02). ދީނީ ޚިލާފުތައް ޢިލްމުވެރިންނަށް ވުރެ ބޮޑީ އާންމުންގެ މެދުގައި:ޑރ.މަޖީދު. ހަވީރު
- އަޙުމަދު ޢަބްދުﷲ ސަޢީދު.(2008، ޖެނުއަރީ 05). ޚިލާފެއް ނެތް އިޚްތިލާފުތައް. ހަވީރު
- އަހުމަދު ޢަބްދުﷲ ސަޢީދު.(2008، ފެބްރުއަރީ 12). ރާއްޖެ އިސްލާމް ވިތާ 886 އަހަރު. ހަވީރު
- އަޙުމަދު ޢަބްދުﷲ ސަޢީދު.(2013، ޖެނުއަރީ 12). އިސްލާމީ ދަޢުވަތުގައި ގެންގުޅެންވާނީ މެދުމިނުގެ އުޞޫލް. ހަވީރު
- ޢަބްދުލް ޢަޒީޒު ޙުސައިން.( ބަސްދީ ގަތުން، 12  މާޗް 2013 )
- އަޙުމަދު ފަހުމީ ދީދީ (ބަސްދީގަތުން، 9 މާޗް 2013)
- އަޙުމަދު ޝާކިރު ( ބަސްދީގަތުން، 21  މާޗް 2013)
- އަބްދުއްޝަކޫރު ޢަބްދުﷲ ( ބަސްދީގަތުން، 26 މާޗް 2013)
- އާދަމް ޢަބްދުއްރަޙުމާނު ( ބަސްދީގަތުން، 28  މާޗް  2013)
- އިބްރާހީމް ޢަބްދުއްރަޙުމާނު ( ބަސްދީގަތުން، 28  މާޗް  2013)
- ޢަބުދުލް މަޖީދު ޢަބްދުލްބާރީ.(2008، މެއި) މުސްލިމުންގެ އެއްބައިވަންތަކަން. ދަރުމަ
- އާދަމްޝަމީމުބިންއިބްރާހީމް.(2012، އޭޕްރީލް).ރާއްޖޭގެ މުސްތަޤްބަލާއި މެދު ﷲއަށް ބިރުވެތިވާށެވެ.ދިއިސްލާމް ޢަދަދު 11
- އަޙުމަދު ފާރޫޤު މުޙައްންމަދު.( 2001، މެއި ).ދިވެހިން އިސްލާމީ ވަޙުދަތު ހިފެހެއްޓުމުގެ މުހިންމުކަން. އަލްމިންބަރު
- އަފްރާޝީމް ޢަލީ.(2011).އަލްޤަވާޢިދުލް ފިޤްހިއްޔަ.މާލެ:ވިލާކޮލެޖް
- އަފްރާޝީމް ޢަލީ.(2011).އުޞޫލުލް ފިޤްހި(2) މާލެ:ވިލާކޮލެޖް
- މުޙައްމަދު އަމީން (1949).ތަންޤިހު ކުރެވުނު ދިވެހި ރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު. ކޮޅުބު: އެވަރގްރީން
- މުޙައްމަދު އިބްރާހީމް ލުޠުފީ.(1991).އިބްނު ބަޠޫތާ ދިވެހިރާއްޖޭގައި.މާލެ: ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު،
- ފަޒީނާ އަޙުމަދު.(2007، މާޗް 03). ބިދޭސީ ޓީޗަރުން ކިޔަވައިދޭތީ ހިތްހަމަ ނުޖެހުން ފާޅުކޮށް ހިމަންދޫ... . ހަވީރު
- ދިވެހިރާއްޖޭގެ ތާރީޚް ލިޔާ ކޮމިޓީ (1990) ދިވެހި ތާރީޚަށް އައު އަލިކަމެއް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ
  ޤައުމީ މަރުކަޒު
- ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު(1993)ދިވެހިތާރީޚް. މާލެ:ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
- ސައުދުﷲ ޢަލީ.(2007، މާޗް 03). ބިދޭސީ ޓީޗަރުން ކިޔަވައިދޭތީ ހިތްހަމަ ނުޖެހުން ފާޅުކޮށް ހިމަންދޫ... . ހަވީރު
- ޖަޢުފަރު ޢަބްދުއްރަޙުމާނު ( ބަސްދީގަތުން، 28  މާޗް  2013)


 

 

 

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ