Print

ރާބޮއްލާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ

 

 

އަލީ ނަޞީރު / މަޑަވެލީ

ހިތާމަވެރި މި ޙާދިސާއަކީ، ގއ.އަތޮޅުގެ ފަޅުރަށެއް ކަމަށްވާ "މާރެހާ" ގައި ހުރި ރާއްބޮއްލާ (ރާބޮނދި، ތުން ދިގު ކުޑަ ކޮށްޖަހާ ދޫންޏެއް.) އެވެ، ނަމަކަށް ކިޔާ ރުކަކާއި ގުޅިފައިވާ ޙާދިސާ އެކެވެ. ކުޑަދޯންޏެއްގައި އެމީހުން ފުރީ މީލާދީން 1978 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދުވަހެއްގަ އެވެ. އެއީ ހިޖްރައިން 1398 ވަނަ އަހަރުގެ ޛުލްޤައިދާ މަހެވެ. "އެއީ އަތަ ނުވަތަ ހިތަ ނަކަތެވެ." ކުރިއަށް އޮތީ، އުފާވެރި އަޟުޙާ ޢީދު

ނުވަތަ ބޮޑުޢީދެވެ. ވިލިގިނލީ އާދަނާ އާއި، ރަތަފަންދޫ ޢަބްދުﷲ (އަބްދޫ) އާއި އެރަށު ތަރިޖެހިގޭ އިބްރާހިމް ދީދީ އާއި، އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮ ޙަސަން ދީދީ އާއި ހަތަރު މީހުންގެ އެދަތުރަކީ، ވިޔަފާރި ދަތުރެކެވެ. ދަތުރުކުރީ ގއ.އަތޮޅަށެވެ. މައިގަނޑުގޮތެއްގައި އެމީހުން ގެންދިޔަ (ވިޔަފާރި) މުދަލަކީ، ދޮންކޭލާއި ދިޔާހަކުރާއި، ކާއްޓާއި، ގަހަނާގެ ބާވަތްތަކެވެ. (މަޢުލޫމާތު: ރަތަފަންދޫ ޖަޢުފަރު ރަޝީދު، އެރަށު ތަރިޖެހިގޭ ފާޠުމަތު ޔޫސުފް.)

އެންމެ ފުރަތަމަ އެމީހުން ލެފީ ގއ. އަތޮޅުގެ ފަޅުރަށެއްކަމަށްވާ މާރެހާ އަށެވެ. ދިޔަދޫ އާއި 200 ވަރަކަށް ފޫޓު ދުރުގައި އެއްފަޅުމަތީގައި އޮންނަ މާރެހާއިން ފުރައިގެން އެމީހުން އައީ ދިޔަދޫ އަށެވެ. (މާރެހާ އަކީ، ދިޔަދޫ ތުއްތުބެ، ނުވަތަ ބޮޑުތުއްތު ވަރުވާއަށް ލިޔުއްވައިފައި އޮތް ރަށެކެވެ.) އެމީހުން ރަށަށް ލެފިއިރު، ދިޔަދޫ ފަޅުތެރޭގައި ރަށުގެ މީހަކު މޫދަށްގޮސް އޮތެވެ. އެމީހުން ރަށަށް ލެފުމުން އެމީހާ ދޯނިދޮށަށް ގޮސް ބެލިއިރު އެދޯނީގައި ކުރުނބާ ހުއްޓެވެ. އެމީހާ ކުރުނބާތައް ބެލުމަށްފަހު، އެއްގަމަށް ގޮސް ތުއްތުބޭ ގާތު ބުނީ، އެ ދޯނީގައި އެހުރީ މާރެހާގެ ގޮނޑުދޮށުގައި ހުންނަ ރާބޮއްލާގެ ކުރުނބާ ކަމަށެވެ. މިވާހަކަ އެމީހާ ބުނުމުން ތުއްތުބޭގެ މީހުން އަތިރިމައްޗަށް އައިސް އެ ދޯނީގައި ހުރިހާ މުދާތަކާއި، ދޯނީގެ ސާމާނު (ރިޔަލާއި، ކުނބާއި، ފަރުމާއި، ވާވެލާވެލި) އަތުލައި، އެ ދޯނި ވެސް އެއްގަމަށް އެހެލައި، ދޯނީން އައި ހަތަރު މީހުން ރަށުއޮފީހުގެ ގުދަނުގައި ބަންދުކޮށް، އެމީހުން ވަގުރުކުއެޅިކަމުގެ މަސްއަލަ އަތޮޅު އޮފީހުގައި ދެންނެވީ އެވެ.

ރަށުގެ ދެ ކަތީބުންނަކީ، ބޮޑު އިބްރާހިމް ދީދީ އާއި، ކުޑަ އިބްރާހިމް ދީދީ އެވެ. އެތަނުން އެއްބޭފުޅަކީ ތުއްތުބޭގެ ދަނބިދަރި އެކެވެ. (ރަށަކީ، ވަރަށް މަދު މީސްކޮޅެއް ދިރިއުޅޭ ރަށަކަށްވާތީ، ރަށުގެ އެންމެންނަކީ ވެސް ގާތްގަނޑަކަށްހެން އެއްޢާއިލާއެއްގެ ބައެކެވެ.)
މިމައްސަލަބެއްލެވުމަށް ގއ.އަތޮޅު އޮފީހުން ފޮނުއްވި ގއ.މާމެންދޫ ތުއްތުކަތީބު އެރަށަށް ވަޑައިގެން އެމީހުން ގުދަނުބަންދުން ދޫކޮށްލައްވައި އަދި ދޯނި ވެސް ދޫކޮށްލެއްވީ އެވެ. ނަމަވެސް މުދާ ފެންނާކަށް ނެތެވެ. މުދާ ފެނުނީ، ރަށު އޮފީހުގެ މަތިވަޑާންގަނޑު މަތީގައި ފޮރުވާފައި ހުއްޓައެވެ. (ނަމަވެސް އެމީހުން އެރަށުން ރުކުއެޅި ކަމަކަށް ސާބިތެއް ނުވިއެވެ.) މިކަމާއި ގުޅިގެން އެމީހުން ރަށުން ފުރިއިރު ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ. އެރުކުން އަޅާނަމޭ ވެސް ބުނިކަމަށް ވެ އެވެ. (މަޢުލޫމާތު: އެމަސްއަލަ ތަޙްޤީޤު ކުރެއްވުމަށް ގއ.އަތޮޅު އޮފީހުން ފޮނުއްވި ގއ.މާމެންދޫ ތުއްތުކަތީބު)

އެނގިފައިވާ ގޮތުގައި ދިޔަދޫން ފުރައިގެން އެމީހުން ދެން ދިޔައީ ވިލިގިއްޔަށެވެ. މޫސުން ދައްކާގޮތުން ވިލިގިނލީ އާދަންބެ ރަށުގައި މަޑުކުރީ އެވެ. އިރުއޮއްސުނު އިރު އެބޮއްކުރާ "ދެއްވަދޫ" ފަސްދީ ދަތުރުކުރަނީ އެވެ.  ފަހުން ޚަބަރު ލިބުނުގޮތުގައި އެ ދޯނި ފެނުނީ މާރެހާގެ ފަޅުތެރެއިން ނެވެ. ދޯނި އޮތީ ބަންޑުން ނެވެ. އެއްވެސް މީހަކު ދޯނީގައި ނެތެވެ. މީހެއްގެ އިނގިއްޔެއްގެ ބުރިވަރެއް ދޯނީން ފެނުނު ކަމަށާއި، ދޯނި އޮތީ ނަލިގި ލާފައި ނުވަތަ ނަގިލި ވެއްޓުމުގެ ސަބަބުން ފަޅުމަތީގައި ހަރުލާފަ އެވެ. ވަރަށް ގިނަދުވަސްވަންދެން ތަޙްޤީޤުކުރިކަމަށް ވިއަސް މިއަދާ ހަމަޔަށް ވެސް އޭގެތެރެއިން އެއްވެސް މީހެއްގެ ޚަބަރެއް އަދި ވީގޮތެއްވެސް އަދިއަދަށް ވެސް ނޭނގެ އެވެ. (މުޙައްމަދު ޢަލީ / ދާންދޫ ކައުސިލް އިދާރާގެ ޒިންމާދާރު ވެރިޔާ)
   
މިކަމާއި ގުޅިގެން އިވިފައިވާ އެކިއެކި އަޑުތަކަށްބަލާއިރު މިއިން އެއްވެސް ޚަބަރެއްގެ އެކަމުގެ ޙަޤީޤަތެއް ނޭނގެ އެވެ. ބުނެވޭ ގޮތުގައި، އެރުކުން އަޅާނަމޭ ބުނެފައި އެމީހުން ފުރުމަށްފަހު، ދިޔަދޫގެ ތިންހަތަރު މީހަކު ތިބީ އެކަމަށް ފާރަލައިގެން ނެވެ. މިގޮތަށް ތިއްބާ (ދިޔަދޫން ފުރިތާ ދެވަނައަށް ވީދުވަހުގެރޭ) އެމީހުން އެމީހުން އެރަށަށް ލެފުމުން އެމީހުނާއި ޙަމަލަ ދިނީ އެވެ. އެރޭ އެރަށުގައި އުވަވަޅެއް ރޯކޮށްފައި ހުއްޓެވެ. އަދި އެރަށުގައި ޢުމުރުން ދުވަސްވެފައިވާ އަންހެނަކާއި، ކުޑަވަރެއްގެ ކުއްޖަކު ވެސް އުޅެ އެވެ. އެއަންހެން މީހާ ތަޙްޤީޤުގައި ބުނިކަމަށް ވަނީ، ތިމަންމެން ނުމަރާށޭ، އުވަޅަށް އެއްލާނުލާށޭ ގޮވައި ބަޔަކު ހަޅޭއްލެވި އަޑުއިވުނު ކަމަށެވެ. ނަމަވެސް ފަހުން އެމީހާ އެކަމަށް އިންކާރު ކުރީ އެވެ. (މިއީ ރަތަފަންދޫ ކަތީބު މަރުޙޫމް މުޙައްމަދު ބަޝީރުގެ ފަރާތުން އިވުނު އަޑެކެވެ.)

ގއ.އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި މ.ރެޑްކޯސްޓް އަލްމަރުޙޫމް ޙުސައިން މޫސާ ވިދާޅުވެފައިވަނީ ކޮނޑޭ ގެ ހުޅަނގު ފަރާތުން ގޮނޑުދޮށުން ގިރާފައިވާ ހިސާބުގަނޑަކުން (1980 ގެ އަހަރު ތަކުގެ ފަހުކޮޅު) އިންސާނުންގެ ކަށިތަކެއް ފެނުނު ކަމަށާއި، އެއީ ދެތިން މީހެއްގެ ކަށިތަކެއް ކަމަށެވެ. ނަމަވެސް އެކަށިތަކާއި މެދު ވަކިއެއްޗެއް ބުނަން އެތަންދުށްބަޔަކަށް ނޭނގޭ ކަމަށެވެ. ކޮންމެއަކަސް، އެދުވަސްވަރު މިމަސްއަލަ ތަޙްޤީޤު ކުރެއްވިފަރާތުން މާރެހާއި، ދިޔަދޫ އާއި، ކޮނޑޭ އެތުރިފައިވާ ގޮތަށް ވިސްނަވާފައި ވަކިގޮތެއް ނިންމަވާފައިނެތުން އެއީ ވެދާނެ ކަމެކެވެ.

އަނެއްބަޔަކު ބުނަނީ، މިހާދިސާ ހިނގި ރޭ އެމީހުން ގޮވައިގެން އެކަންކުރިބަޔަކު ދިޔަދޫން ފުރީ ކަމަށެވެ. އެމީހުން ފުރީ އިންޖީނު އެޅުމަށް ތައްޔާރުކޮށްފައި އޮތް ދޯންޏެއް މާލެ ގެންދިއުމަށްޓަކައި، އެހެން ދޯންޏެއްގެ ކަފު ޖަހައިގެން ނެވެ. (މިއީ ދޯނީގެ ކޮޅުފަސްކޮޅު ބުރިކޮށްލައިގެން އިންޖީނު އެޅުމުގެ ކަންކަން ހިނގަމުން ދިޔަ ދުވަސްވަރެކެވެ.) ކޮންމެއަކަސް އެރެއަކީ، ވަރަށް ވިއްސާރަ ރެއެކެވެ. އެ ދެ ދޯނީގެ އެއްވެސް ޚަބަރެއް އަދި މިހާތަނަށް ވެސް އެނގިފައެއް ނެތެވެ. ބައެއް މީހުން ލަފާކުރާގޮތުގައި ހުވަދޫ ކަނޑުތެރެއިން އެދުވަސްކޮޅުގެ ގަދަ ވިއްސާރަގައި ޖެހި މީހުންނާއިއެކު ދެ ދޯނި ފެތުމަކީވެސް ވެދާނެކަމެކެވެ.

މިމައްސަލައާ ގުޅިގެން ދިޔަދޫގެ ދެކަތީބުންނާއި އަދި ވެސް ބައެއް މީހުން، ވަރަށް ގިނަދުވަސް ވަންދެން ޖަލުގައި ބަންދުކޮށް ތަޙްޤީޤު ކުރިކަމަށް ވިއަސް އެއިން އެއްވެސް މީހަކަށް މިކަން ހިނގިގޮތެއްގެ މަޢުލޫމާތު ލިބިފައި ނުވާތީ، ކަމުގެ ޙަޤީޤަތް އަދި މިހާތަނަށް ވެސް ވަނީ، ނޭނގުމުގެތެރޭގަ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެކަން ކުރި މީހުން ވެސް ގެއްލުނީ އެވެ. ވަﷲ އަޢުލަމް! އެ މަރުޙޫމުންގެ ފުރާނަތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން! (މިލިޔުމުގެ ފޮޓޯގައި އެވަނީ މިލިޔުމުގައިވާ ޙާދިސާ އާއި ގުޅުންހުރި ދޯންޏެއްނޫނެވެ.) ނިމުނީ

 

 

 

އިދާރާ

އެނގޭތަ؟

ވާހަކަ