www.fanvai.info

Print

ވޯރާވިޔަފާރިވެރިން އެހާ ނުފޫޒުގަދަވީ ކީއްވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

އަންވަރު އިބްރާހީމް

ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސް، މާލޭގައި ވިޔަފާރިކުރަންތިބުމުގެ ހުއްދަ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (4) ދެއްވީ 1857 ވަނަ އަހަރުއެވެ. އެ ހުއްދަ ދެވުނުތާ 30 އަހަރު ނުވަނީސް، މުޅި ދިވެހި ބާޒާރު އެމީހުންގެ މުށުތެރެއަށް ލިއެވެ. މުދާ ވިއްކުމާއި ގަތުމުގެ ކޮންޓްރޯލް

އެމީހުން އަތުލިއެވެ. އަހަރުތަކެއް ނުވަނީސް، ދައުލަތުގެ އިގްތިޞާދީ ސިޔާސަތަށް ފާޅުގައި ދެކޮޅުހަދަން ފެށިއެވެ. އެމީހުންނާ ދެކޮޅަށް ތެދުވެ ހަރަކާތްތެރިވުމަށް ސަރުކާރުގެ ބައެއް ބޮޑުންނަށްވެސް ބައެއްފަހަރު އުނދަގޫފުޅު ވިއެވެ. ނަތީޖާއަކަށްވީ 105 އަހަރުގެ ދިގު މުއްދަތަކަށް ނުފޫޒާއެކު އެމީހުން މިރާއްޖޭގައި ވިޔަފާރިކުރުމެވެ. އެހެންކަމުން މިދިރާސާ މަޒުމޫނުގައި ބަލައިލާނީ ވޯރާ ވިޔަފާރިވެރިން މިރާއްޖޭގައި އެހާ ނުފޫޒުގަދަވި ސަބަބުތަކުގެ މައްޗަށެވެ.
ވޯރާ ވިޔަފާރިވެރިންގެ ނޫފޫޒު މިރާއްޖޭގައި ގަދަވި އެންމެ މުހިންމު އެއް ސަބަބަކީ ދިވެހި ބޮޑުންނާއި ވޯރާ ވިޔަފާރިވެރިންނާ އޮންނަ ގުޅުން ބޮޑުވުމެވެ. 1857 ވަނަ އަހަރަށް އެޅުނުއިރު، ރާއްޖޭގެ ސިޔާސީ މައިދާނުގައި އެދުވަސްވަރު އެންމެބާރުގަދަ އެއް ބޭފުޅަކީ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެފެފާނުކަމަށް ނަސީމާ މުޙައްމަދު (2010) ހާމަކުރައްވައެވެ. އަބުދުލް ހަކީމް ޙުސައިންމަނިކު (1997) ވިދާޅުވާ ގޮތުގައި ދިވެހިރާއްޖެއަށް ވޯރާ ވިޔަފާރިވެރިން ގެނެސް ވަޒަންވެރިކުރުވީ ކުރިން ދެންނެވި ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނުގެ އާއިލާއިންނެވެ. ބޭނުންފުޅަކީ ގަލޮޅުގޭ އަލީ ދޮށިމޭނޭކިލެގެފާނުގެ ވިޔަފާރި ބަލިކޮށް، ސިޔާސީ ބާރު ކަނޑުވާލުމެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ، އެޒަމާނުގައި ދިވެހިރާއްޖޭގައި ހުންނެވި އެންމެ ބޮޑު ވިޔަފާރިވެރިޔާ، ޢަލީ ދޮށިމޭނާކިލެގެފާނު ރާއްޖެ ދޫކުރައްވާ ސިލޯނުގެ ގާއްޔަށް ވަޑައިގަތް، އެރަށުގައި ވަޒަންވެރިވެ ވަޑައިގަތުންކަމަށް ނަސީމާ(2010) ހާމަކުރައްވައެވެ. ދެންފެނިގެން ދިޔައީ ކާކާގޭ އާއިލާއިން ވިޔަފާރީގެ ގުޅުންބާއްވަމުންދާ، ވޯރާއިންގެ ޖީވަންޖީ ކުންފުންޏަށްވުރެ މާބޮޑު، އަދި މާ ބިޔަ، ވޯރާ ވިޔަފާރިވެރި ކުންފުންޏެއްކަމަށްވާ ކަރީމްޖީ ޖަޢުފަރުޖީ ކުންފުންޏާ، އަލީ ދޮށިމޭނާ ކިލެގެފާނު ގުޅާލެއްވި ތަނެވެ. އޭގެ ދުވަސްކޮޅެއް ފަހުން ފެނިގެން ދިޔައީ އެއްގަމުގޭ ބޭފުޅުން އެމް.އެސް.ހިބަތުއްލާބަހީ ކުންފުންޏާ ގުޅާލައިގެން އުޅުނުތަންކަމަށް އަބުދުލްހަކީމް ހުސައިންމަނިކު (1998) ހާމަކުރައްވައެވެ. މިކަންކަމުން އެނގިގެންދަނީ އެދުވަސްވަރު  ތިބި ވޯރާއިން މިރާއްޖޭގައި ފައިހަރުކުރުމުގައި މިރާއްޖޭގެ ބޮޑުންގެ ބޮޑު ދައުރެއް އޮތްކަމެވެ. އަދި ވޯރާއިންގެ ނުފޫޒު ފެތުރިގެން ދިއުމުގައި ބޮޑުންގެ ފުޅާ ދައުރެއް އޮތްކަމެވެ.
ވޯރާ ވިޔަފާރިވެރިން ރާއްޖެއައިސްތިބީ ރާއްޖޭގެ ބޮޑުންނާ ގުޅިގެންކަމަށްވާތީވެ، ސިޔާސީ ކަންކަމުގައި އެ ވިޔަފާރިވެރިން ބައްސަމުން ގެންދިޔަކަން ފާހަގަ ކުރެވެއެވެ. މިކަން ބަޔާންކޮށްދެއްވަމުން ދިވެހި ބަހާއި  ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު (1990) ހާމަކުރައްވާފައިވަނީ " މިއިން ކޮންމެ ބައެއްމެ ދިވެހި ރާއްޖޭގެ ސަރުކާރުގެ ކޮންމެވެސް ޕާޓީއަކަށް އެހީވެ ވާގިދެއެވެ. އަދި އަބަދުވެސް މަސައްކަތްކުރަނީ ވާދަވެރި އަނެއްބައެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކަސްޓަމުގައި އިނާޔަތްތެރިކަމެއް ހޯދުމަށެވެ"(ޞ.711). އެހެންކަމުން މުޙައްމަދު އަމީން (އަހަރުނެތް) ހާމަކުރައްވަނީ "ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން، އެދުވަސްވަރުގެ ތެރޭގައި ދިވެހި ސިޔާސަތާ އެންމެ މަތިވެރި ދަރަޖައަކަށް ކުޅެކުޅެތިބީ، ވޯރާ ވިޔަފާރިވެރިންގެ ކުރިއަށް ތިބި މީހުންނެވެ" (ޞ.44).
ދިވެހިރާއްޖޭގައި ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ގަދަވެގެން ދިއުމަށް މެދުވެރިވި އަނެއް ސަބަބަކީ ދިވެހިންގެ މާލީ ތަނަވަސްކަން ދަށްވެ، ވެރިންގެ އިގުތިޞާދީ ސިޔާސަތު ބަލިކަށިވުމެވެ. ސަރުކާރުގެ ޚަރަދުތައް ބޮޑުވަމުންގޮސް އަތުނުޖެހޭ ހިސާބަށް ދަރަނިއަރައިގެން ދިއުމެވެ. އަލީ ހުސައިން (2007) ހާމަކުރައްވަނީ މާލޭގެ ގިނަ މީހުންނަކީ ވޯރާ ވިޔަފާރިވެރިންގެ ފިހާރަތަކަށް ދަރާފައެވެ. ބޮޑުންގެ އެތައްބަޔަކުވެސް ތިއްބެވީ މިގޮތަށް ދަރަނިވެރިވެފައިކަމަށް އަލީ ހުސައިން (2007) ހާމަކުރައްވާއިރު، މުޙައްމަދު ނަޝީދު. (އަހަރުނެތް) ހާމަކުރައްވަނީ 1887 ވަނަ އަހަރާ ޖެހުނުއިރު، ރާއްޖޭގައި ހަރަކާތްތެރިވި ވޯރާއިންގެ ކަރީމްޖީ ޖަޢުފަރުޖީ ކުންފުންޏަށް ދިވެހި ސަރުކާރު އެއްލައްކަ ރުފިޔާއަށް ދަރާފައިވާ ކަމަށެވެ.  އަދި ޢަބުދުލް އުލާ ކުންފުނީގެ ވަކީލާ ހަވާލާ، ދެއްވާ އެކުންފުންޏަށްވެސް ދިވެހި ސަރުކާރާއި ރައްޔިތުންގެ ދަރަނި 60 ހާސް ރުފިޔާއަށް އަރާފައިވާކަމަށް ނަޝީދު (އަހަރުނެތް) ހާމަކުރައްވައެވެ. މުހައްމަދު ވަހީދު (1987) ހާމަކުރައްވަނީ ހުރިހާ މައްސަލައަކަށްވުރެވެސް ދިވެހި ސަރުކާރަށް (އެދުވަސްވަރު) ބޮޑުވެފައިވާ މައްސަލައަކީ ވޯރާވިޔަފާރިވެރިންނަށް ދިވެހިން ދަރަނިވެރިވެފައި ވުމެވެ. ނޫރައްދީން ބަންޑާރައިންގެ ފުރަތަމަ  ރަސްކަމުގެ ދުވަސްވަރާއި އަދި އޭގެ ފަހުންވެސް މިކަމާ ބެހޭގޮތުން ވަރަށް ގިނަ މަޝްވަރާތައް އިނގިރޭސިންނާވެސް ދިވެހި ސަރުކާރުން ކުރައްވާފައިވާކަމަށް މުހައްމަދު ވަހީދު (1987) ހާމަކުރައްވައެވެ. އެހެންކަމުން މިކަމުން އެނގެނީ ދިވެހިންގެ މާލީ ތަނަވަސްކަން ދަށްވެ، ވޯރާއިންނަށް ދިވެހިން ދަރަމުން ދިއުމަކީ އެމީހުންގެ މައްޗަށް ބާރުފޯރުވަން ދިވެހިންނަށް އުނދަގޫވި ސަބަބެއް ކަމެވެ. އޭގެ ބަދަލުގައި އެމީހުންގެ ނުފޫޒު ދިވެހިންގެ މައްޗަށް ފޯރުމަށް މަގުފަހިވި ކަމެއްކަމެވެ.
    ވޯރާ ވިޔަފާރިވެރިންނަށް ދިވެހިންގެ އެތައްބަޔަކާއި ސަރުކާރު ދަރާފައިވުމުގެ ނަތީޖާއަކަށްވެގެންދިޔައީ އެމީހުންގެ ނުފޫޒުގަދަވެ، އެމީހުންގެ ފައި މިބިމުގައި ހަރުވުމަށް އިތުރު ހިތްވަރެއް ލިބުމެވެ. މިގޮތުން ދިވެހިން ހިމާޔަތް ހޯދައިގެން ތިބި، އިނގިރޭސިންވެސް އެމީހުންނާ އެއްކޮޅަށް ވާހަކަދައްކަންޖެހުނީ އެދަރަނީގެ ސަބަބުންނެވެ. މުހައްމަދު ނަޝީދު (އަހަރުނެތް) ހާމަކުރައްވާ ގޮތުގައި އިންޑިއާއާއި ލަންކާ އޮންނަނީ އިނގިރޭސި ވެރިކަމުގެ ދަށުގައިކަމުން ރާއްޖޭގައި ވަޒަންވެރިވެ ތިބޭ ވިޔަފާރިވެރިންނަކީ އިނގިރޭސިރައްޔިތުންކަމަށް ބެލިފައި އޮންނަހިނދު، އެބައިމީހުންނަށްލިބޭ ގެއްލުންތަކުގެ ޝަކުވާވެސް ކުރަނީ ހަމަ އިނގިރޭސިންގެ ގާތުގައެވެ. ނަތީޖާއަކަށްވެގެން ދިޔައީ ވޯރާވިޔަފާރިވެރިން މިރާއްޖެއިން ބޭރުކުރުމަށް އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ކުރެއްވި މަސައްކަތްޕުޅު ނާކާމިޔާބު ވެގެންދިޔުމެވެ. އެކަން ބަޔާންކުރައްވަމުން މުހައްމަދު ނަޝީދު (އަހަރުނެތް) ހާމަކުރައްވަނީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ، ކަރީމްޖީ ކުންފުނި ފިޔަވާ އެހެން ވިޔަފާރިވެރިން މާލެއިން ފޮނުވާލުމުގެ ޚިޔާލަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތްކުރެއްވި ނަމަވެސް އިނގިރޭސި ދައުލަތް އެގޮތާ ގަބޫލުނުވެ، ބާރުއަޅަމުން ގެންދިޔައީ ހުރިހާ ވިޔަފާރިވެރިންވެސް މާލޭގައި ބައިތިއްބަން ކަމަށެވެ. ނަތީޖާއަކަށްވީ ވޯރާވިޔަފާރިވެރިންނަށް އިތުރަށް ތިބުމުގެ ފުރުޞަތު ފަހިވެގެން ދިއުމެވެ. އެމީހުންގެ ނުފޫޒު އިތުރަށް ގަދަވުމަށް މަގުފަހިވުމެވެ.
ވޯރާވިޔަފާރިވެރިންނަކީ ވިޔަފާރީގެ ހުނަރުތައް ދެނެތިބި ފިސާރި ޗާލާކު ބައެކެވެ. އެހެންކަމުން ރާއްޖެތެރެއިން މަސްހިފައިގެން އަންނަ އުޅަނދުފަހަރުގެ ނެވިން އެމީހުންގެ ޖީބަށް ލަނީ މާބޮޑު އުނދަގުލަކާ ނުލާކަމަށް އިބްރާހިމް ޝިހާބު (1990) ވިދާޅުވެއެވެ. މިފަދަ ބަޔަކު ރާއްޖެކަހަލަ ހޭލުންތެރިކަންކުޑަތަނެއްގައި އުޅޭއިރު އެމީހުން އަމަލުކުރަންޖެހޭ ގަވައިދުތަކެއް ހެދިފައިނެތްކަން ފާހަގަކުރެވެއެވެ. އެހެން ނޫންނަމަ، އަޅުގަނޑުމެންނަށް ކުރީގައި ބިދޭސިން މާލޭގައި އުޅުމާމެދު ގަވައިދެއް ރޭވިފައި ނެތްކަމީ ވަރަށް ދެރަކަމެކޭ އިބްރާހިމް ޝިހާބު (1990) ވިދާޅެއް ނުވީހެވެ. އެހެންކަމުން، ވޯރާއިންގެ ނުފޫޒު ގަދަވެގެން ދިއުމުގައި އެކަށީގެންވާ ގަވައިދުތަކެއް ހެދި، ތަންފީޒުކުރެވެމުން ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ. ފުރަތަމަ ގާނޫނު އަސާސީއަށްފަހު އެކުލަވާލެވުނު ގާނޫނުތަކުގައި ވޯރާއިންނާ ދެކޮޅަށް ގިނަ ގާނޫނުތަކެއް ހެދިފައިވުމުން ފާހަގަކުރެވެނީ ކުރިން އެފަދަ ގާނޫނުތަކެއް ހެދިފައި ނުވާކަމެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވުނީ ވިޔަފާރިވެރިންގެ ކަންތައްތައް ހުންނަންވީ ގޮތްތަކާމެދު 1352 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނުގެ 4 ވަނަ މާއްދާގައި މުދަލުގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރު ސަރުކާރަށް ނަގާފައި ވުމުގެ ނަމްބަރެވެ. މީގެ އިތުރުން، ބާޒާރު ބެލެހެއްޓުމުގެ ގާނޫނާއި، ބާޒާރުގައި މިނެކިރުމުގެ ގާނޫނާއި  ބިދޭސީ ވިޔަފާރިވެރިންނާމެދު ފާސްވި ގާނޫނާއި، ދައުލަތަށް އާގުބޯޓެއް ހޯއްދެވުމުގެ ގާނޫނާއި، ވިޔަފާރިވެރިން ގާނޫނާ ޚިލާފުވުމުން ވާ ކުށްތަކުގެ އުގޫބާތުގެ ގާނޫނާއި، ވިޔަފާރިވެރިންގެ ގާނޫނު ފާހަގަކޮށްލެވޭކަމަށް ކަށިމާ އަޙުމަދު ޝާކިރު (2006) ހާމަކުރައްވައެވެ. މިފަދަ ގާނޫނުތަކެއް ވުޖޫނުވިތާ 30 އަހަރު ނުވަނީސް ވީރާއިން މިރާއްޖެ ދިއުމަށް މަޖްބޫރުވިކަމީ މިފަދަ ގާނޫނުތަކެއް ނެތުމުގެ ނުރަނގަޅު އަސަރުކޮށްފައިވާކަމުގެ ހެއްކެކެވެ.
ވޯރާ ވިޔަފާރިވެރިން މިރާއްޖެއަށް ނުފޫޒު ފޯރުވީ ދަތުރުފަތުރުކުރުމުގެ ބާރުވެސް އަތުލައިގެންނެވެ. ވޯރާއިންގެ މަސައްކަތް ފެށިގެންދިޔަ ދުވަސްވަރު، ބުންބާ މީހުންގެ 7 ފިހާރަ ހުއްޓަސް 1950 ވަނަ އަހަރާ ހަމައަށް އައިއިރު އެމީހުންގެ ގާތްގަނޑަކަށް 50 ފިހާރަ ހުންނާނެކަމަށް ޢަބުދުﷲ މުފީދު. (2009) ހާމަކުރައްވައެވެ. މުފީދު (2008) އިތުރަށް ވިދާޅުވަނީ އޭގެ ކުރިން ރާއްޖެއިން ބޭރަށް މުދާހިފައިގެން ގޮސް، އަދި ބޭރުން މުދާ ހިފައިގެން އަންނަ 28 ގަނޑެތި ދިވެހިންގެ މިލްކުގައި އޮތްކަމަށެވެ.  އޭގެ ފަހުން ދިވެހިން ފަގީރުވަމުންގޮސް ދަތުރުކުރާ 4 އުޅަނދަށް ބަދަލުވެގެން ދިޔަކަމަށް ނަސީމާ (2010) ހާމަކުރައްވައެވެ. ދިވެހިންގެ ތެރޭގައި އޭރު އޮތް ބޭރު ދަތުރުކުރުމުގެ 'ވަރަ' ބިންދާލީ ވޯރާ ވިޔަފާރިވެރިންގެ ނުފޫޒު ގަދަކުރުމުގެ ގޮތުން ކަމަށް ގަބޫލުކުރެވެއެވެ. ކަށިމާ އަޙުމަދު ޝާކިރު (2006) ވިދާޅުވާ ގޮތުގައި ސަރުކާރުން ބޮޑު އިސްޓޯރު ހުޅުވުމާ ގުޅިގެން އެމީހުންނަށް (ވޯރާވިޔަފާރިވެރިންނަށް) މަސްނުލިބޭނެތީ، ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މަސް ވިއްކަން މަޖުބޫރުކުރުމުގެ ގޮތުން އެމީހުންގެ އުޅަނދުގައި ކާބޯތަކެތި އެތެރެކޮށް ނުދިނުމަށް ނިންމިއެވެ. އެކަން މުހައްމަދު އަމީން ހަމަޖެއްސެވީ ކޮޅުބަށް ވަޑައިގެން، ކޮޅުނބުގައި ހުންނަވާ ކޮމާންޑަރއިންޗީފަށް އެކަން ދަންނަވައިގެންކަމަށްވެސް ޝާކިރު (2006) ވިދާޅުވެއެވެ. ރާއްޖެއަށް ދިމާވި ދެވަނަ ބޮޑުހަނގުރަމައިގެ ތަދުގައި ދިވެހިންނާމެދު އެފަދަ ފިޔަވަޅެއް އަޅަން ވޯރާއިން ނިންމި ނިންމުމުމަކީ ކުރިން ދެންނެވި ނުފޫޒު ބޭނުންކޮށްފައިވާ ކަމުގެ ހެއްކެކެވެ. އެހެންކަމުން ދިވެހިން ބޭރު ދަތުރުކުރުން ހުއްޓާލުމަކީ ވޯރާއިން ނުފޫޒު ފޯރުވުމަށް މަގުފަހިވެގެން ދިޔަ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.
ވޯރާވިޔަފާރިވެރިން ރާއްޖޭގައި ނޫފޫޒު ގަދަވެގެންދިޔައީ ދިވެހިން ކަންތައްތައް ކުރި ގޮތުން ކަމަށް ގަބޫލުކުރެވެއެވެ. އެންމެ ފުރަތަމަ، އެމީހުން މިރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ހުޅުވާލީވެސް މިރާއްޖޭގެ ބައެއް ބޮޑުންނެވެ. އެބޮޑުންގެ ސިޔާސީ ބޭނުންތައް ފުއްދުމަށް ވޯރާއިން ބެއްސުމަކީވެސް ދިވެހިންނަށް ކުރެވުނު ކަމެކެވެ. ހަމައެގޮތަށް އެމީހުންނަށް ވަކި އުސޫލުތަކެއް ކަނޑައެޅުމެއްނެތި ބޭނުންގޮތަކަށް ކަންކަން ކުރުމަށް މަގުފަހިވެފައި އޮތުމަކީވެސް އެމީހުންގެ ނުފޫޒު ގަދަވެގެން ދިއުމަށް ހުޅުވިގެންދިޔަ މަގެކެވެ. މީގެ އިތުރުން، އިނގިރޭސިންގެ ނުފޫޒުގެ ނާޖާއިޒު ފައިދާ ވޯރާއިން ހޯދާފައިވާއިރު، ދިވެހި ރާއްޖޭގެ ބޭރު ދަތުރުފަތުރު ކުރުމުގެ ކޮންޓްރޯލް ވޯރާއިންނަށް ދޫކޮށްލާފައި ބޭއްވުމަކީވެސް ދިވެހިންނަށް ވިސްނާނުލާ ކުރެވުނުކަމެކެވެ. މިހުރިހާ ކަމެއްގެ ސަބަބުން އެމީހުންގެ ނުފޫޒު މިރާއްޖޭގައި ގަދަވީއެވެ. މިހުރިހާ ކަމެއްވެސް ގުޅިފައިވަނީ ދިވެހިންގެ އިހުމާލުގެ ސަބަބުންކަމަށް ގަބޫލުކުރެވެއެވެ.
                              -----------------

ނަސީމާ މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ކަށިމާ އަޙުމަދު ޝާކިރު. (2006). ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ 3.

    އަދުލްއިންސާފާއި ގާނޫނު އަސާސީ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
ކަށިމާ އަޙުމަދު ޝާކިރު. (2006).  20 ވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ 4

   ދިވެހިރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާ އާއި އެންމެ ފަހުގެ ރަސްކަން. މާލެ: ދިވެހިބަހާއި

    ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު.
ޢަބުދުﷲ މުފީދު. (2009). ކުރީގެ ވިޔަފާރިއާއި ބާޒާރުމަތި. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާޒް ފވޓ.ލމޑ.
އަބުދުލްހަކީމް ހުސައިންމަނިކު. (1997). އިއްޔެ. މާލެ. ނޮވެލްޓީ ޕްރެސް.
ޢަބުދުލް ހަކީމް ހުސައިން މަނިކު. (1998). ބޮޑުހުޅުގެ ތާރީޚް. މާލެ: ނޮވެލްޓީ ޕްރެސް.
ޢަލީ ހުސައިން. (2007). ފުރަމާލޭގެ ބޮޑުފާރުން އެއްގަން. މާލެ: ގޯލްޑަން ބުކްޝޮޕް.
އިބްރާހިމް ޝިހާބު. (1990). ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރޭން އައްސުލްޠާން މުޙައްމަދު

   ފަރީދުއްއައްވަލުގެ ރަސްކަން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުޙައްމަދު އަމީން. (އަހަރުނެތް). ސުމުއްވުލްއަމީރު އަލްޙާއްޖަ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު.

    މިޒަމާނުގެ ދިވެހިރާއްޖޭގެ ހަގީގީ ބައްޕަ. މާލެ: ނޮވެލްޓީ ޕްރެސް.
މުޙައްމަދު ނަޝީދު. (އަހަރުނެތް). ދަގަނޑު ދަހަނާ ދިވެހިރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ

    އުނގަށް. މާލެ: މާލޯފާނު ޕަބްލިޝާޒް.
މުހައްމަދު ވަހީދު. (1987). ސަތޭކަ އަހަރުގެ ހަނދާންތަކާއެކު ހިމާޔަތުގެ އަޅުވެތިކަން.

    ފަތްތޫރަ 100، (ޞ.55ން 57ށް).

www.fanvai.info