އަދުގެ ޚާއްސަ

Print

ގދ. މަޑަވެލީގެ ރަށްވެހިކަން (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ޖޯގްރަފީ

މަޑަވެލީ ޢަލީ ނަޞީރު

މަޑަވެއްޔަކީ، ހުވަދުއަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެތެރެއިން ރަށެކެވެ. ވުމާއެކު، މިބަޔާނުގައި ގެނެސްދީފައިމިވަނީ އެރަށުގެ ރަށްވެހިކަމުގެ ބައެއް މަޢުލޫމާތެވެ. ހުވަދު އަތޮޅު އޮންނަނީ، އުތުރު އަރުޟުން 0°  .11′.30″ N އާއި 0°  .55′.01″ N އާއި އިރުމަތީ ޠޫލުން 72°  .56′.00″ E އާއި 73°  .31′.00″ E އާއި ދެމެދުއެވެ.

ހުވަދު އަތޮޅު އޮތީ، އީކްއޭޓަރުގެ އުތުރުގައެވެ. އީކްއޭޓަރުގެ ދެކުނުގައިއޮތީ، ފުވައްމުލަކު އަތޮޅެވެ. ފުވައްމުލަކާ ޖެހިގެން ދެކުނަށްއޮތީ، އައްޑު އަތޮޅެވެ. ހުވަދޫ ކަނޑާ، ފުވައްމުލައް ކަނޑާ ދެމެދު އޮތް ހުވަދު އަތޮޅަކީ، އެއްއަތޮޅެއްގެގޮތުގައި (މުރަކައިން އުފެދިފައިއޮތް) އެންމެ ބޮޑު އަތޮޅެވެ. ހުވަދު އަތޮޅަކީ، ހައްދުންމަތީގެ ދެކުނުން ގާތްގަނޑަކަށް 54 މޭލު ދެކުނުގައި ހުވަދޫ ކަނޑު ތެރޭގައި ވަކި އުސްގަނޑެއްގައި އުފެދިފައި އޮތް އަތޮޅެކެވެ. މި އަތޮޅަށް ހުވަދުންމަތި އަދި ސުވައިދު ވެސް ކިޔާފައިވެއެވެ. މި އަތޮޅަކީ، ރާއްޖޭގައި އޮތް އެންމެ ފުޅާ އަދި އެންމެ ހަލަބޮލި ކަނޑު ހުރަސްކޮށްގެން ދެވޭ އަތޮޅެވެ. އެ އަތޮޅުގެ އެންމެދިގު ގޮތަކީ، އުތުރު ދުނީގައި އޮތް މާފަރު ފަޅުގެ ބޭރުން، އަތޮޅުގެ ދެކުނު ދުނީގައި އޮތް މާފަރެސް މުލީގެ ދެކުނު ބޭރަށެވެ. މި ދެމެދުގައި ހުރީ 42.5 މޭލެވެ. އެންމެފުޅާގޮތަކީ ދިޔަދޫ އިރުމަތީ ބޭރުން މަޑަވެލީ ބޭރަށެވެ. މި ދެމެދުގައި ހުރީ 34 މޭލެވެ. އެންމެ ހަނި ގޮތަކީ، އެކެފަރު މުލީގެ އިރުމަތީ ބޭރުން ބޭރުމައުއްޑޫ ބޭރަށެވެ. މި ދެމެދުގައި ހުރީ 22.5 މޭލެވެ.
މަޑަވެއްޔަށް ދެވިފައިވާ އިނގިރޭސި އަކުރަކީ Q-1 އެވެ. އެރަށް އޮތީ، ހުވަދުއަތޮޅު (ގއ،ގދ.އަތޮޅު) ގެ ހުޅަނގުފަރުގައި އުތުރުން ދެކުނަށެވެ. އެއީ އެ އަތޮޅުގެ އެންމެ ފުޅާ ދެމެދެވެ. މަޑަވެލި އޮތީ، ކާނޑެއްދޫ ކަނޑާ ޖެހިގެން ދެކުނަށް އޮތް ފަރުގަ އެވެ. އެއީ ދިވެހި ރާއްޖޭގައި އެއްފަރެއްގެ ގޮތުގައި އޮތް އެންމެ ދިގު ފަރެވެ. އެފަރުގެ ދިގުމިނަކީ 19 މޭލެވެ. އެ ފަރު ނިމެނީ ގދ.ފިޔޯރީގެ ދެކުނަށެވެ. ގދ.އަތޮޅުގެ ހުޅަނގުދެކުނު ދުނީގައި ފިޔޯރީއާ ޖެހިގެން އޮތީ ފިޔޯރީ ކަނޑެވެ. އެއީ ހުވަދުއަތޮޅުގެ ހުޅަނގުދެކުނު ދުންޏެވެ.
ގދ.އަތޮޅުގެ ހުޅަނގު ދުނީގައި ނުވަތަ އެއްފަރެއްގައި އޮތް މީހުން އުޅޭ ރަށްތަކަކީ (އުތުރުން ދެކުނަށް) މަޑަވެލި، ހޯނޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ އެވެ. އެރަށްތަކަށް (ފަރުމަތިން ހިނގާފައި) މީހުން ގޮސްއައިސް އުޅެއެވެ. (ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު)
   
"މަޑަވެލި" މި ބަހުގެ މާނަ، ދެނެގަތުމަކީ، އެހާ އުނދަގޫ ކަމެއް ނޫނެވެ. "މަޑަ" ކިޔާފައި އޮތަސް އެއީ މަޑު ކަމަށް ލަފާކުރެވެ
އެވެ. އެއީ ފިލި ޖެހުމުގައި އައިސްފައިވާ ބަދަލެކެވެ. (މިސާލަކަށް: ކިއުމުމުގައި ކިޔަނީ، ނަޑައްލާ އެވެ. ނަމަވެސް ލިޔުމުގައި އޮންނަނީ "ނަޑެއްލާ" އެވެ.)

ވެލި އެއީ އިނގިރޭސިބަހުން ކިޔާ "ވެލީ" އެއް ނޫނެވެ. އެއީ ދިވެހިބަހުން މިކިޔާ ވެއްޔެވެ. ވުމާއެކު، އެ ރަށުގެ ނަމަކީ "މަޑުވެލި" (Soft Sands)   އެވެ. އެ ރަށުގެ ބިމުގެ ބޮޑުމިނުގެ 3/2 (ޖުމްލަގޮތެއްގައި) ވަރަށް މަޑެވެ. ނަމަވެސް ރަށުގެ ހުޅަނގު ފަރާތް އެހާމަޑެއް ނޫނެވެ. ގަދަފަދަ އާނުގަނޑެއްގެމަތީގައި އަކިރިން އުފެދިފައިވާ އެބައިގެ ފެންފަށަލަ ވެސް އެހާތިލައެއް ނޫނެވެ. ކޮންމެއަކަސް "މަޑަވެލި" އެނަމަކީ، އެރަށާ ވަރަށް ގުޅޭ ނަމެކެވެ. ރަށަކީ، ފަސްގަނޑު ވަރަށްމަޑު ވެލިއަކިރިން އުފެދިފައިވާ ރަށެކެވެ. ޢާއްމުގޮތެއްގައި
ރަށުގެ ފެންފަށަލަ ވަރަށްތިލަ އެވެ. ރަށުގެ އިރުމަތީ ބައިގެ އަތިރިމައްޗާއި ކައިރި ހިސާބުގެ ބިންގަނޑު ވަރަށް މަޑެވެ. އަތްފޯރާ ފަށުގައި އާނުގަނޑެއް ނެތޭ ބުނާހާ ވެސް ބިންގަނޑު މަޑުމަށް ބުނެވިދާނެ އެވެ. އެރަށުގެ ފެން ވަރަށް ބަރުކަމަށް ފާހަގަ ކުރެވެއެވެ. ފެންތައްޓެއް ވަރު ބޮއިފިނަ ބަނޑަށް ކިލޯއެއްގެ ބަރުދަން ވަރު އިތުރުވެއްޖެ ކަމުގެ އިޙްސާސް ކުރެވޭނެ އެވެ.

މީލާދީން 1980މ. ގެ އަހަރުތައް ފެށުނުއިރު ވެސް ބޯން ބޭނުންކުރަނީ، މިސްކިތު ވަޅުންން ނުވަތަ ބިމުން ނަގާ ފެނެވެ. ބައެއް ފަހަރަށް ފެންބޯން ބޭނުންކުރާ ވަޅުގެ ކައިރީގައި ޤަބުރެއް ވަޅުލާތާ ދެތިން ހަފުތާފަހުން ކާފޫރުވަސް ދުވައެވެ. އަދި ފާޑެއްގެ "ފާ" ރަހައެއް ހުރެ އެވެ. ފެންތައްޓެއްވަރު "ބޮއިފިނަމަ" ކިލޯއެއްވަރުގެ ބަރުދަން ބަނޑަށް އިތުރުވެއްޖެ ކަމުގެ އިޙްސާސް ކުރެވޭނެ އެވެ. ރަށުގެ މީހުންނަށް ބޯން ޢާއްމުކޮށް ވާރޭ ފެން ލިބެން ފެއްޓީ 1986މ. ވަނަ އަހަރު ޔޫ.އެން.ސީ.ޑީ.އެފް. ގެ އެހީގައި ފޯރުކޮށްދެއްވި ފައިބަރގްލާސް (10 ހާސް ލީޓަރ) ދެ ތާނގީ ބެހެއްޓުމުން ނެވެ. ބައު އިސްކޫލު ދޮށުގައި އެ ދެ ތާނގީ ބެހެއްޓީ، އެމް.ޑަބްލިޔޫ. އެސް ސީ އާއި، އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން ނެވެ. އެ ދެ ތާނގީ އުވާލީ 2010މ. ވަނަ އަހަރު އެވެ. މިހާރު ބޯފެނުގެ ޙާލަތަށް ބަލާ އިރު ރަށުގެ ކޮންމެ ގެއެއްގައި ވެސް މަދުވެގެން 5 ހާސް ލީޓަރުގެ 2 ތާނގީ (ކަޅުހަން) ހުންނާނެ އެވެ. ވަޅުފެން ބުއިމުގެ ޒަމާން އެއީ މިހާރު މާޒީވެ ހަނދާން ނެތިފައިވާ ކަމެކެވެ.

އެރަށަކީ، ބިންގަނޑު ވަރަށްފަގީރު ރަށެކެވެ. ވުމާއެކު، ދަނޑުވެރިކަންކުރުމަށް އެކަށޭނަބިމެއް ނެތްކަމުގައި ދަންނަވަން ޖެހެއެވެ. އާދެ! ރަށުގެ ވެށީގެ ބައެއް މަޢުލޫމާތަށްބަލާއިރު، ރަށުގެ ހުރިހާ ފަރާތަކުން ވެސް ރަށް ގިރަ އެވެ. އަދި ކޮންމެވެސް ވަރަކަށް ވޮޑެ އެވެ. އެ ރަށު ހުޅަނގު ދެކުނު ފަރާތު ޖެހިގެން އޮތް ކުދެހުޅައްދުވަކީ، ކޮންމެ ވެސް ޒަމާނެއްގައި އެ ރަށުގެ ބައެއްކަމަށް ބެލެވޭނެ ފުރުޞަތު އެބައޮތެވެ. ފުލޯކް ވާހަކަތަކުނާއި އަދި އަޅުގަނޑުގެ ކާފަގެ ފަރާތުން އެނގިފައިވަނީ، އެބައި (ކުދެހުޅައްދޫ) ވަކިވީ، ކޮންމެ ވެސް ޒަމާނެއްގައި (އިންޑޮނޯޝިއާގެ "ބަންޑާ އަޗޭ) އަސޭކަރަޔަށް ކުރިމަތިވި ބިންހެލުމުގެ ޙާދިޘާއެއްގައި ބޮޑުރާޅުއެރުމުގެ ސަބަބުން ކަމަށެވެ.

ރަށްގިރުމުގެ މިންވަރު އަންދާޒާކުރާއިރު 1960މ. ގެ އަހަރުތައް ނިމުނުއިރު އެރަށުގެ ހުޅަނގު ދެކުނުގައި އޮންނަ އާނުގަނޑެއް
ކަމަށްވާ "ފޮޅާނެގަލެއްހުއްޓާ" އެވެ، ކިޔާ އާނުގަނޑާއި، ރަށުގެ ހޭޅިފަށާ ދެމެދު ހުންނާނީ، ގާތްގަނޑަކަށް ތިރީހަކަށް ފޫޓެވެ. ނަމަވެސް
މިހާރު (2010މ.) އެބަޔާއި ހޭޅިފަށާ ދެމެދުގެ ދުރުމިނަކީ، ގާތްގަނޑަކަށް އައްޑިހަވަރަކަށް ފޫޓެވެ. ހުޅަނދު ފަރާތު އަޑިގުޑާމަގުގެ (އިރުފެންނަގޭގެ މަގު) އަތިރިން ފަންސާހަކަށް ފޫޓު ގިރާފައިވާކަމަށް ބެލެވެ އެވެ. އަދި ހުޅިދޮއްވީމަގުގެ (ރަތްވިލާމަގު) އަތިރިން ވެސް ހަމަ އެވަރަށް ގިރާފައިވާކަމަށް ބެލެވެ އެވެ. އެ މަގުގެ ހުޅަނގުފަރާތު މައި ތޮށީގައި ފުޅާ ކެންޑުމެއް އޮވެއެވެ. (އެތަނުގެ ނަމަކީ، "ބަޑެބެއްޔާ ހެރު ދަނގާ" އެވެ.) ކަނުކޮޑުން (ރަށުގެ ހުޅަނގު އުތުރު) ސަތޭކަވަރަކަށް ފޫޓު ގިރާފައިވާއިރު، ރަށުގެ އިރުއުތުރު ކޮޅުގައި ކުރިން އޮތް "ބޮޑުކުޅީ" ގެ އުތުރުން ސަތޭކަ ވަރަށް ފޫޓުގެ ބޮޑު ބިމެއް، ކުރިން އޮތްކަމަށް ވިއަސް މިހާރު އެބައި ވަނީ، މުޅިން ގިރައިގެންގޮސް މޫދަށްވެ އަދި ކުޅި ވެސް ހަލާކު ވެފަ އެވެ. މި ކުޅީގެ އިރުދެކުނަށް ހަނި އަދި ތިލަ ކެންޑުމެއް އޮވެ އެވެ. އެބައި އޮންނަނީ، ކަނޑުފެންނަގޭގެ އުތުރުން 200 ވަރަކަށް ފޫޓު އުތުރުން އަދި 50 ފޫޓު އިރުމަތީގަ އެވެ. ފޮއިދިޔައިގައި އެބައި އިތުރަށް ފުޅާވެ ކުޅީގެތެރެއަށް ލޮނުގަނޑު ދެމިގެންދާތީ އެދުވަސްވަރު ރައްޔިތުން ނިކުމެ އެތަން ޙިމާޔަތްކުރެ އެވެ. ކުޅި ޙިމާޔަތްކުރުމުގެ
މަސައްކަތް އެންމެފަހުން ކޮށްފައިވަނީ 1971މ. ހާ ތަނުގަ އެވެ. އެދުވަސް ރަށުގެ ކަތީބަކީ، ސީނާޒް އަލްމަރްޙޫމް ޢަބްދުލްހާދީ އެވެ.



ރޯޝަނީގޭގެ އިރުމަތިން (ސަތޭކައެންހާ ފޫޓު އިރުމަތިން) ފެށިގެން އިރުމައްޗަށް 150 ވަރަކަށް ފޫޓުގެ ފުޅާ ގޮންޏެއް ކުރިން އެވެ އެވެ. އެބައި އުތުރުކޮޅުން ބެދިފައި އޮންނާތީ، އެތަނަކީ، މަސްހިފަން ބޭނުންކުރާ ތަނެކެވެ. އެ ގޮނީގެ އިރުމަތީގައި 300 ވަރަކަށް ފޫޓު ދިގު އަދި 50 ފޫޓު ފުޅާމިނުގެ ހިކިފަސް ވެލިއަކިރި ބިމެއް ކުރިން އޮވެ އެވެ. މިހާރުގެ މަޑަވެލީ އިސްކޫލުގެ ހުޅަނގު އިމަކީ، ކުރިން ގޮނޑޮދޮށެވެ. ވީނަސްގޭ އިރުމަތީ އިމަކީ ވެސް ކުރިން ގޮނޑޮދޮށެވެ. ދާދިފަހަކާ ޖެހެންދެން ވެސް އޯކަމްގޭގެ އިރުދެކުނުގައި ކުޑަވަރެއްގެ ކުޅިއެއް އޮތެވެ. އެތަނުގެ ނަމަކީ "ކައޮޑާ ކުޅިއާ" އެވެ. އެގޮތަށް ކިޔަނީ، އެތަނުން ކާޅު ފެންބޯތީ އެވެ. "ހައި" ފާޑުގެ ވިނައެއް އެތަނުގައި އޭރު (1980މ.ވަނަ ހަމަޔަށް) ހެދެ އެވެ. ފަޅުފުންކޮށް ބިންހިއްކުމުގެ މަޝްރޫޢާއެކު އެބައި މިހާރު ވަނީ ހިކިފަސް ވެފަ އެވެ. ކުރިން އޯކަމް ގެއިން ފެށިގެން ދެކުނަށް އޮންނަނީ، ހަނިކޮށް އޮންނަ ހިކިފަސް ބިމެކެވެ. އެ ބިމުގެ އިރުމަތީ ފަރާތަކީ މޫދެވެ. ހުޅަނގަ ފަރާތަކީ، ކޯރެވެ. އެ ބައި 500 ވަރަކަށް ފޫޓުގެ ދެކުނަށް ގޮސް ހުޅަނގަށް ހިކިބިން އޮވެ އެވެ އެވެ. ދެކުނަށްދިޔަ ބައި އޮންނަނީ، ކެންޑުމަކުން ދެކުނަށް ހުޅުވި ދިއްރާސް ވެފަ އެވެ. އެ ކެންޑުމުން ހުޅަގަން އޮންނަ ހިކިފަސް ބިމަކީ "ހަޅަނގެހުއްޓާ" އެވެ. އެބައި ފުޅާމިނަކީ، 300 ވަރަކަށް ފޫޓެވެ. ދިގުމިނަކީ 600 ވަރަކަށްފޫޓެވެ. ހާދޫމަގުން އިރަށް އެބައިގެ ދިގުމިނަކީ، ގާތްގަނޑަކަށް 1200 ވަރަކަށް ފޫޓެވެ. ހަޅަނގެހުއްޓާގެ އުތުރުފަރާތަކީ، ކޯރުގެ ގޮނޑުދޮށެވެ. ކޯރުގެ ހުޅަނގު އުތުރުފަރާތް ނިމެނީ "ހާދޫމަގަ" ށެވެ. އެމަގުގެ ހުޅަނފަރާތަކީ "އެއްޔޭދިހަރެއާ" އެވެ. ހާދޫމަގުގެ ހުޅަނގު (ލަކްސްލިން ގެއިން ދެކުނަށް) ހިކިފަސްބިމުގެ ފުޅާމިނަކީ (1980މ. ވަނަ އަހަރާ ހަމަޔަށް) 100 ވަރަކަށްފޫޓެވެ. ދިގުމިނަކީ 500 ވަރަކަށްފޫޓެވެ. އެބަޔަކީ އޭރު ޖަންގައްޔެވެ. އެއްޔޭދިހަރޭގެ ގޮނީގެ ބަނޑުދޮށަކީ، ދޭލިޔާގެ އާއި ނިވައިދޮށުގޭ ދެކުނު ފަރާތުގެ ގޮނޑުދޮށެވެ. އެއްޔޭދިހަރޭގެ ހުޅަނގުބައި ނިމެނީ މި މަޢުލޫމާތު ފެށި "ފޮޅާނެގަލެއްހުއްޓާ" ހަމަޔަށެވެ.

ރަށުގެ ނެރުތަކަށްބަލާއިރު އިރުއުތުރު ފަރުގައި އޭރު އޮންނަ ނެރަކީ، އަލިކެބާ މަގެވެ. ކުރިން (1940މ. ހާ ތަނުގައި އެ މަގަށްކިޔާ ނަމަކީ، "ވަޑާންކަންޓޭ" މަގާ އެވެ. (އަލްއަމީރު މުޙައްމަދު އަމީނު އެރަށަށް ވަޑައިގަތުމަށް ބޭފުޅުކުރެއްވީ އެމަގެވެ.) އެ މަގުގެ ދެކުނަށް އިތުމަތީގައި އޮންނަނީ، އަލިކެބާ މަގެވެ. އެމަގުގެ ދެކުނަށް އޮންނަނީ، "ހެދީ" މަގެވެ. މިހާރު ބޭނުންކުރާ ނެރަކީ ހެދި ނެރުގެ ދެކުނުން (ފަޅުފުންކޮށް ބިންހިއްކިއިރު) އަލުން ހެދި ނެރެކެވެ.

މީލާދީން 1950 ގެ އަހަރުތަކާހަމަޔަށް ރަށުގެ އިރުދެކުނު (ހަޅަނގެހުއްޓޭގެ) އިރުދެކުނު ކަނުގައި (ވިއްސަކަށްފޫޓު ފުޅާ އަދި ސާޅީހަކަށް ފޫޓް ދިގު) ކުޑަވަރެއްގެ ވިލެއް އޮވެ އެވެ. އެ ވިލާއި ހާދުވާއި ދެމެދު ކުދެހާދޫ އެވެ، ކިޔާ ރަށެއް ވެސް އެދުވަސްވަރު އޮތެވެ. އެއީ މޫސުނީ ޙާދިޘާ އެއްގައި "ހާދޫ" އިން ވަކިވި ބައެކެވެ. (ކުދެހާދޫ މިހާރު ވަނީ މުޅި ގިރައިގެން ގޮސްފަ އެވެ.) ހާދޫގެ އިރު ދެކުނުގައި އޮތީ "ހޯނޑެއްދޫ" އެވެ. ހޯނޑެއްދޫގެ ހުޅަނގަށް (މައިތޮށީގައި) އޮތީ ކަންނިގިއްލާ އަދި "ދިންމަނަ" އެވެ. އެއީ ދެ ފަޅުރަށެވެ. ހޯނޑެއްދޫ ހުޅަގަށް އޮތީ "ހުނިގޮނޑިރެހާ" އެވެ. އެއީ ވަރަށް ކުޑަކުޑަ ފަޅުރަށެކެވެ. މަޑަވެއްޔާއި ހޯނޑެއްވާ ދެމެދު އޮތް އެންމެ ބޮޑު ފަޅުރަށަކީ "ހާދޫ" އެވެ. މަޑަވެލީގެ ދިގުމަކަށް ނަންކިޔާފައިވަނީ (އެރަށު ދިންމަ މުޙައްމަދު ރަޝާދު) އެރަށަށް ނިސްބަތް ކޮށެވެ. (ހާދުވާއި، ކަންނިގިއްލާއި ދެމެދު އެ ދެރަށުގެ ހުޅަންގުން މައިތޮށީގައި) ކުރިން ރަށެއް އޮތް ތަނެއްކަމަށް ބެލެވޭ އާނުގަނޑެއް އޮވެ އެވެ. (އެތަނަށް ކިޔަނީ "ފަރެބަދަގަލެހުއްޓާ" އެވެ.)

މަޑަވެލީކޯރަކީ، ވަރަށް ތާރީޚީ ތަނެކެވެ. އެ ކޯރުގެ އުތުރުފަރާތު ގޮނި ނިމެނީ މިހާރުގެ ގަމަރީގޭގެ ދެކުނުފަރާތު އިމާހަމަޔަށެވެ. ދެކުނު ފަރާތް ނިމެނީ ހަޅަގެހުއްޓާގެ އުތުރު ފަރާތު ގޮނޑުދޮށަށެވެ. (މިހާރުގެ އިންޖީނުގެ އެހުރީ ވެސް ކޯރުތެރޭގައެވެ.) ހުޅަނފަރާތް ނިމެނީ، ސިންކޯނާގޭ އިރުމަތީ ފަރާތު އިމަށެވެ. އިރުމަތީ ފަރާތް ނިމެނީ ހެޕީލައިގޭ ހުޅަނގު ފަރާތު އިމަށެވެ. ކޯރުގެ އެންެމެ ފުން ހިސާބުގެ ފުންމިން 4 ފޫޓުވަރު ވާނެއެވެ. ދެކުނު ފަރާތަށް ހުޅުވިފައިއޮންނަ އެ ކޯރުގެ ބިމަކީ، ގެނބުންހުންނަ ޗަސްބިމެކެވެ. އެތަނުގެ ކޯރުގެ ފުޅާމިން ގާތްގަނޑަކަށް 200 ފޫޓެވެ. މުޅި ކޯރުގައި ވެސް މޫދުވިނަ ވަރަށްގިނައެވެ. ފެންދަވްރުވުން ވަރަށްކުޑައެވެ. އެހެންވެ ވަރަށްނުބައި ވަސް ދުވައެވެ. އެ ވަހުގެ ސަބަބުން (ޚާއްޞަކޮށް) އިރުވައި މޫސުމުގައި ރަށުތެރޭގެ އާބްހަވާ އޮންނަނީ ތަޣައްޔަރުވެފައެވެ. ކުރީޒަމާނުގައި ބޮނބި ފާކުރަން ބޭނުންކުރަނީ އެ ކޯރެވެ. އަދި ލަކުޑިވެސް އެ ކޯރުގައި ވަޅުލައެވެ.

މައިގަނޑުގޮތެއްގައި އުނިޔަ، ތަންމަސް، އޮރި، ފިލޮޅު، ކޮރަކަލި، ބޭނގު، މެކުނު ގިނަޢަދަދަކަށް އުޅުނު މަޑަވެލީގެ ކޯރަކީ، ވެހިމަހުގެ ވަރަށް ބޮޑު ކޮށާރެކެވެ.  މެންދަމަށް ދިޔަވަރުބޮޑުވެ އަދި ހެނދުނަށް ދިޔަވަރު ހިކޭ ހޫނު މޫސުމުގައި، އިރުއަރާއިރު ދިޔަވަރު ވަރަށް ބޮޑަށް ހިކޭތީ، ހެނދުނުވާއިރު މިދެންނެވި ހުރިހާ ބައްތަރެއްގެ މަސްތައް ތިބެނީ، އެ ކޯރުގައި ހައްޔަރުވެފައެވެ. ވަރަށް ގިނަ މީހުން އެ މަސްތައް ހޮވައެވެ. ކޯރުގެ ގޮނޑުދޮށުން ފަނިނަގައިގެން ވަރަށްގިނައިން އުނިޔަ ބާނައެވެ. އެ ކޯރުގެ ރަންޒަމާނުގައި ލައިގެން ކާނެ އެއްވެސް އެއްޗެއް ނެތިގެން ނުވަތަ އެންމަހަށްއަޅާނެ އެއްޗެއް ނުލިބިގެން އެއްގޮތަކަށް ވެސް އުޅޭކަށް ނުޖެހެއެވެ. އާދެ! ފަޅުފުންކޮށް ބިންހިއްކުމުގެ މަޝްރޫޢާއެކު ކޯރުގެ ނުވަދިހައަށެއްއިންސައްތަ މިހާރު ވަނީ ހިއްކާފަ އެވެ. ފުޓްބޯޅަ ދަނޑާއި، މިސްކިތާއި، އިންޖީނުގެއާއި، އަދި ބައެއް ގޯތިތަކަށް ބިން ބޭނުންކުރީ އެތަނުންނެވެ. މީލާދީން 2000 ވަނަ އަހަރު ފެށުނުއިރު ކޯރުވަނީ ހިއްކާފައެވެ. ބޮލިރޯނުގެ ޒަމާނުގައި އެންމެބޮޑު ފައިދާއެއް (ޢާމްދަނީއެއް) ލިބިފައިވަނީ، އެތަނުންނެވެ. ކޯރުގައު ފަންއަޅައިގެން އެފަނަށް ބޮލިއެރުމުން ރަށުމީހުން ގިނަ ޢަދަދަކަށް ބޮލިވެސް ހިލައެވެ. މަސްނުލިބޭ ދުވަސްވަރު ލައިގެންކާނެ ތަކެތި ހޯދަނީ އެތަނުންނެވެ. ނަމަވެސް ކޯރު ހިއްކުމުގެ ސަބަބުން ރަށުގެ އާބަހަވާ މިހާރުވަނީ، މުޅިން ތާޒާވެފައެވެ. އާދެ! މީލާދީން 1960 ވަނަ އަހަރުތައް ނިމުނުއިރު ވެސް ދިޔަވަރު ބޮޑުވާ މޫސުމުގައި ކޯރުގެ ލޮނުގަނޑު ފުރި ބަންޑުންވެ އެއްގަމަށް މަސް އަރައެވެ. ފޮއިދިޔައިގައި ތިބްރޯޒުގެ އެހުރި ހިސާބުން އެދުވަސްވަރު ގިނަޢަދަދަކަށް މަސްހިފައެވެ. މައިގަނޑުގޮތެއްގައި ހިފަނީ ބޭނގެވެ. އޭރު އެތަކުގައި އޭރު ތިބްރޯޒުގެ ނުހުރެއެވެ. ކޯރުގެ އެންމެ ގޮނޑުދޮށުގައި ހުންނަނީ، ނަދީގެ، އަޅިވިލާގެ، ދިހަރޭގެ، މިސްކިތްދޮށުގެ އެވެ. ޤަމަރީގޭގެ ގޯއްޗާއި، ތިބްރޯޒުގޭ ގޯއްޗާއި، ގްރާމީޒް އަދި ދީނާރުގޭ ގޯއްޗަކީ 1970މ. ގެ ފަހުން ދިރިއުޅެންފެށި ގޯތިތަކެވެ. އަދި ރިވަސައިޑްގޭގައި ދިރިއުޅެން ފެއްޓީ 1990މ. ގެ އަހަރުތަކުގެ ފަހުންނެވެ.

އާދެ! ކުރިން ވެސް ފާހަގަކޮށްފައިވާނެފަދައިން ކުޅިއަކީ، ރަށުގެ އިރުތުއުތުރުކޮޅުގައި އޮންނަ ކުޅިއެކެވެ. އެތަނަކީ ވެސް ބޭނުގެ ވަރަށްބޮޑު ޚަޒާނާއެކެވެ. ނަމަވެސް މޫސުމީ ބަދަލުތަކާއެކު، އެ ކުޅީގެ ބޮޑުބައެއް މިހާރުވަނީ، ވީރާނާވެފައެވެ. ކުޅީގެ އިރުއުތުރު ބަޔަކީ ބާރާސިލެވެ. ކުރީޒަމާނުގައި ފައިފަލަބަލިގެ މީހުން ދިރިއުޅުނީ އެ ސަރަޙައްދުގައެވެ. ނަމަވެސް މިހާރު އެއީ ވަރަށް ތާޒާ ސަރަޙައްދެކެވެ. ކުރިން ބަރާސިލާއި، ކުޅި ހެމެނޭ ސަރަޙައްދަކީ، ވަރަށް ވެސް ބޮޑު ޗަސް ބިމެކެވެ. މިހާރު އެ ސަރަޙައްދަކީ، ފުލޫމިއާގެ އާއި ކެލިފޯނިއާ ގޭގެ އުތުރަށް ހާދޫމަގުން އިރުމައްޗަށް އަދި ރީގަލްގެއިން އުތުރަށާއި، ހުޅަނގަށް އޮތް ބަޔާއެކު، މިދެންނެވި ސަރަޙައްދުން ފެށިގެން އިރަށް އޮތް ސައްޙައްދެވެ. މިބަޔާއި، ކުރިން ލިޔެފައިވާ ކޯރުގެ ހިމެނޭ ސަރަޙައްދަކީ، ރަށުގެ ބިމުގެ ތިރީސްއިންސައްތަކަށް ކަމަށްވާތީ، ދާދި ފަހަކާޖެހެންދެން ވެސް ރަށަށް ލިބިފައިވާ ހިކިބިން ސަޙައްދުގެ މިންވަރު އެހާ ބޮޑެއްނޫނެވެ. އަދި އޭގެ އިތުރަށް ހާދޫ މަގުގެ ދެކުނުކޮޅުން ހުޅަނގު އުތުރަށް އޮތްބައިގައި ވަރަށް ބޮޑު ގޮންޏެއް އޮތުމާއެކު، އެއީ ވެސް ރަށުގެ ހިކިފަސްބިން ލިބިފައިވާ އިނިކަމެކެވެ. ހަމައެއާއެކު ލިލީޕާރކް ގޭގެ އުތުރަށް ޝީޒަން ގޭގެ އިރުމަތިން ގޮސް ރޯޝަނީގޭގެ އިރުމައްޗާ ހަމަޔަށް އެއީ ވެސް ގޮނޑުދޮށެވެ. ނަމަވެސް މިހާރު އެދުވަސް ވަނީ، މާޒީއާއެކުވެ (ބިންހިއްކުމުގެ ސަބަބުން) ބިމުގެ ތަނަވަސް ކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ހޯދިފައެވެ. އެރަށުގެ އިރުމަތީފަރާތު ފަޅަކީ، މޫދުވިނަ ވަރަށްގިނަ އަދި ވަރަށްފުޅާ ފަޅެކެވެ. ދާދިފަހަކާޖެހެންދެން ރަށުގެ އެސަރަޙައްދުގެ ގޮނޑުދޮށަކީ، މިހާރުގެ ރަށުއޮފީހުން ފެށިގެންއިރަށް ބޭރުތޮއްޓާ ހަމަޔަށެވެ. މަޑަވެއްޔަކީ ކުރިން ލަފާފުރުން ވަރަށްދަތިރަށެއްކަމަށްވިއަސް އެއީ ގާމަތިރަށެއްނޫނެވެ. އާދެ! މަޑަވެލީގެ ހުރަސްމަގާއި، ދިގުމަގާއި އޮޅުމަގަކީ، ރަށްވެހިކަމުގެ ދުވަސްވަރު (1945މ. ގައި) ހަދާފައިވާ ދެ މަގެވެ. ފޫޅުމާގޭ އިރުމަތިން އޮތް މަގު ހަދާފައިވަނީ 1962މ. ވަނަ އަހަރު "ގައްދޫ ޙުސައިން މަނިކުގެ އަތޮޅުގައި" އެވެ. އެންމެ ފަހުން (ބިންހިއްކުމުގެ ކުރިން) ހަދާފައިވާ މަގަކީ، ސީޕިޔާގެ އާއި، ފޯރވިންޑަސް ގޭގެ އިރުމަތިން އެއޮތް މަގެވެ. އެ މަގުހަދާފައިވަނީ، މޫސާފަތުޙީ އަތޮޅުވެރި ކަމުގެ ދުވަސްވަރު (1972މ.) ގަ އެވެ.

                           (ނިމުނީ)


މަޢުލޫމާތު:
ދިވެހިރާއްޖޭގެ ޖޯގުރަފީގެ ވަނަވަރު
ޢަލީ އިބްރާހީމް / ޒޫރިޔާގެ މަޑަވެލި

ހަމަމިގަލަމުން

އިދާރާ