އަދުގެ ޚާއްސަ

Print

ފަސޭހައީ ޝަކުވާކުރަންތޯ ނޫނީ ޙައްލުކުރަންތޯ؟

ޝާޢިއުކުރީ އަޙްމަދު ސަމީޢު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޢަލީ ނަޢީމް ( ވޭވަށް )

ރަސްގެފާނަކީ އާންމު ރައްޔިތުންގެ ޙާލު އަހުވާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ރަސްކަލެކެވެ. ހަމައެކަނި ޙާލެއްނޫނެވެ. މުޖުތަމަޢުގެ މީހުންނަށް ވަގުތުން ވަގުތަށް ދޭންޖެހޭ ތަޢުލީމާއި ހޭލުންތެރިކުރުވަންވީ ދާއިރާތަށްވެސް މިދެންނެވި ރަސްގެފާނު ތަފާތު ކަންކަމުން ބައްލަވައެވެ.

އެއްދުވަހަކު ރަސްގެފާނުގެ އަމުރަށް ވެރިކަންކުރާރަށުގެ ބޮޑުމަގެއްގައި ބިޔަވެގެންވާ ހިލަގަނޑެއް މަގުމެދުގައި ބޭއްވިއެވެ. އެހިލަގަނޑުގެ ބޮޑުކަމާއި ބިޔަކަމުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި

ސަވާރީންނަށް މަގު މުޅީންހެން ބައްދުވިއެވެ. އެހިސާބުން ގިރާ ކުރެވޭނީ ނުހަނު އުނދަގުލާއި ދައްޗަށްފަހުގައެވެ.

މިހެން ހެއްދުވަމަށް ރަސްގެފާނު އަމުރުކުރެއްވުމުގެ އިތުރުން އެސަރަހައްދުން ހިނގާބިނގާވެ އުޅޭމީހުންނާއި ސަވާރީންގެ ޢަމަލުތަކާއި ވާހަކަތަކުގެ ތަފްޞީލް ރަސްގެފާނަށް އެރުވުމަށްޓަކައި ވަޒީރުބޭފުޅަކު އެސަރަހައްދުގައި ފިއްލަވައިހުންނެވުމަށް ފޮނުއްވިއެވެ.

އިއްތިފާގުން އެސަރަހައްދަށް އެންމެ ފުރަތަމަވެސް އާދެވުނީ އެސަހަރުގެ ބޮޑު މަހުޖަނަކަށެވެ. އެހިލަގަނޑާ ދިމާލަށް ފުރަމަތަވެސް ބަލާލީ ވަރަށް ރުޅިވެރި ނަޒަރަކުންނެވެ. އެހިލަގަނޑު އެތަނުގައި ބޭއްވީ ރަސްގެފާނުގެ އަމުރަށްކަން ނޭނގި އެފަދަ ކަންކަމުގެ ޒިންމާ ނަގަންޖެހޭ ހުރިހާ ފަރާތްތަކަށް ހިތަށް އައިހައި އެއްޗެއް ގޮވާލިއެވެ. އެހިލަގަނޑު ވަށައިގެން ދެތިން ބުރު ޖަހާލުމަށްފަހު ހަރު އަޑުންބުންޏެވެ. "ވެރިންގެ އަރިހުގައި މިކަމުގެ ޒިންމާ ނަގަންޖެހޭ މީހުންނާމެދު ޝަކުވާކޮށް އެމީހުންނަށް އަދަބު ނުލިބޭހައި ހިނދަކު ތިމަންނާ މަޑަކުން ނުހުންނާނަމެވެ." މިހެން ކިޔަމުން މިމުއްސަނދި މީހާ ހިންގައްޖެއެވެ.

އެއަށްފަހު ޢިމާރާތް ކުރުމާއިބެހޭ ތަނެއްގެ ވޮޗަރަކު އެތަނަށްއައެވެ. މިމީހާގެ ޢަމަލުތައްހުރީ ގާތްގަނޑަކަށް ކުރިން ދިޔަ ވިޔަފާރިވެރިޔާ އާއި ދާދިއެއްގޮތަކަށެވެ. ނަމަވެސް ހަރުކަށިކަމުގައި މަހުޖަނުގެ ބަސްމޮށުން ތެރިންކަން ހުރީ މާމަތީގައެވެ. ވާނީވެސް އެހެންތާއެވެ. ދެމީހުންގެ ޙައްސިއްޔަތާއި ދަރަޖަވެސް އެހާ ތަފާތުވިއްޔާއެވެ.

އެއަށްފަހު ދެން އެތަނަށް އައީ ނޫކަށީ ތިންޒުވާނުންނެވެ. މިމީހުން އެކުގައި ނުކުމެ އުޅުނީ ވަޒީފާއެއް ހޯދުމަށެވެ. މިތިން މީހުން ހިލަގަނޑު ކައިރީގައި ތިބެ އެކަންތައް ކުރިމީހުންނާ ދިމާލަށް ޖާހިލު، ތަންދޮރުނުދަންނަ، ވިޔާނުދާބައެކޭ ކިޔާހެދިއެވެ. އަދި އެމީހުއްނާ ދިމާލަށް މިފަދައިން އެއްޗިހިކިޔައި ފުރައްސާރަކުރަމުން މިތިން ޒުވާނުން ގެއަށް ހިނގައްޖެއެވެ           .

އެހިލަގަނޑު އެތާ އޮންނަތާ ދެ ދުވަސް ފަހުން އެސަރަހައްދުގައި އުޅޭ ނުހަނު ފަޤީރު ދަނޑުވެރިޔަކު އެހިސާބަށް އަތުވެއްޖެއެވެ. ކުރީ މީހުންނާ ތަފާތުކޮށް މިމުސްކުޅި މީހާ ޢެއްވެސް ޝަކުވާއެއްނުކޮށް ވިސްނަމުން ދިޔައީ އެހިލަގަނޑު އެތާގައި އޮތުމުން ޢާންމުންނަށްވާނެ އުނދަގުލާމެދުގައެވެ. އަދި އެމުސްކުޅި މީހާ ބޭނުންވަނީ މީހުންނަށް އުނދަގޫ ނުވާނޭ ގޮތަށް ކޮންމެވެސް ގޮތަކުން އެހިލަގަނޑު އެތަނުން އެއްފަރާތް ކުރުމަށެވެ. އެއަށްފަހު އެސަރަހައްދަށް އަންނަމުންދިޔަ މީހުންނާއި ވާހަކަދައްކަމުންދިޔައީ އޭގެންވާ އުނދަގުލާމެދުގައެވެ. އަދި އެއުނދަގޫ ފިލުވާލުމަށް މީހުންގެ އެހީތެރިކަން ބޭނުންވާކަމަށް ބުނުމުން އެތައްބަޔަކު އެހިލަގަނޑު އެތަނުން ދުރަށްޖެއްސުމަށް އެހީތެރިވާން އަތުވެއްޖެއެވެ. އަދި މާއުނދަގުލަކާއި ނުލައި އެހިލަގަނޑު މަގުން އެއްފަރާތް ކޮށްލައިފިއެވެ.

އެހިލަގަނޑު އެތަނުން އެއްފަރާތްކުރިތަނާހެން އެމުސްކުޅިޔާއަށް ފެނުނީ އެހިލަގަނޑު އޮތްތަނުގައި ވަޅުލާފައި އޮތް ކުޑަ ފޮށްޓެކެވެ. ހުޅުވާބަލައިލިއިރު އޭގެތެރޭގައި އޮތީ ރަންފައުނަކާއި ސިޓީއެކެވެ. ސިޓީގައި ލިޔެފައި އޮތީ ރަސްގެފާނުގެ ފަރާތްޕުޅުން ހިލަގަނޑު މަގުން އެއްފަރާތްކުރިފަރާތަށް ސަލާމަށްފަހު ލިޔަމެވެ. މިހަދިޔާއަކީ ތިބާގެ ހަރުދަނާ ވިސްނުން ބޭނުންކޮށް މައްސަލައާމެދު ޝަކުވާކުރުމުގެ ބަދަލުގައި އެކަމަށް އިސްނަގައި ޙައްލުކުރުމަށް އިސްކަންދިނީތީ ތިބާއަށް ރަސްގެފާނުގެ އެރުވި ހަދިޔާއެކެވެ.

ކިޔުންތެރިންނޭވެ! ވިސްނާލާށެވެ. ހިލަގަނޑުކައިރިއަށް އެންމެފުރަތަމަ އާދެވުނީ ތަނަވަސްކަމުގައި އުދުހެމުންދިޔަ ފަރާތެކެވެ. އާރައިބާރު ލިބިގެންވެއެވެ. ނަމަވެސް ވިސްނީ އެކަންޙައްލުކުމުގެ ބަދަލުގައި ޝަކުވާ އުފުލާށެވެ. ފުރަތަމަ ދާންވީ ރަސްމީފަރާތްތަކާ ހަމަޔަށެވެ. ދެ ދުވަސްވީއިރުވެސް ކަމަށް ޙައްލަށްނައެވެ. ދެވަނައަށް އައި މީހާވެސް ކުރީ ޝަކުވާއެވެ. ކީ އެއްޗިއްސެވެ. ތިންޒުވަނުން ކުރީ ފުރައްސާރަ އާއި މަލާމާތެވެ. މައްސަލައަށް އައި ޙައްލަކީ ކޮބައިތޯއެވެ. އެއްވެސް ޙައްލެއްނައެވެ. ދިޔައީ ދިގުދެމިގެންނެވެ. ނަމަވެސް ޢާއްމުރައްޔިތުންގެ އެއުދާސްތައް ފިލުވާލަދިނީ ނިކަމެތި ފަޤީރު ދަނޑުވެރިއެކެވެ.

ތިބާގެ ވިސްނުންހުރީ ކިހިނަކުންތޯއެވެ؟ އަހަރެމެންގެ ވަށައިގެން ބަލާލުމުންވެސް ޝަކުވާއަކާނުލައި ގިނަބަޔަކު އިސްނަގައިފިނަމަ ޙައްލުކުރެވޭނޭ ކިތައްމައްސަލަ އެބަހުރިނޫންތޯއެވެ. ހުރިހާ ޝަކުވާއެއްކުރުން ދޫކޮށްލައި އެފަދަ މައްސަލަތައް ޙައްލުކުރުމަށް އަތުގުޅާލަމާތޯއެވެ.
( ނިމުނީ )

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ