ދިވެހިރާއްޖެ އުފެދުނު ގޮތުގެ ވާހަކަ
ޢަބްދުލްމުޢީދު ޙަސަން
ދިވެހިރާއްޖެ އުފެދުނު ގޮތުގެ ވާހަކަ އެކި ގޮތްގޮތަށް އެކި މީސްމީހުން ކިޔައި އުޅެތެވެ. އޭގެތެރެއިން އެއް ވާހަކައެއްގައި ވެއެވެ.
ދިވެހިރާއްޖޭގެ މުތީތަކެއް ފަދަ ރިވެތި ޖަޒީރާތައް ހެއްދެވުމަށް، ކަލާނގެ ހިއްތަވައި ވޮޑިގެންފި ވޭލާ، ކަމަނައަކާއި ކަލޯއެއް ޚަލްޤުކުރެއްވިއެވެ. އެއަށްފަހު، އެ ދެ މީހުންނަށް ވިއްސާރަ ދުންޏެއް ހެއްދެވިއެވެ. ދެން، އެ ދެ މީހުން، ވިއްސާރަދުނީގެ މައްޗަށް އެކަލާނގެ ފޮނުއްވިއެވެ. އޭރު މުޅި ދުނިޔޭގައި އޮތީ މާސިންގާ ބިޔަ ކަނޑެވެ. އެތާކު ބިމެއް، ގަހެއް، ރުކެއް، އިންސިއެއް، ޖިންނިއެއް، ކިއެއްތަ! ޖަނަވާރެއް ނެތެވެ.
އެތަނުގައި އެ ދެ މީހުން، އުފާފާގަތިކަންމަތީ، ހިތްހަމަޖެހިގެން ތިބެ، ދުވަސްތައް ހޭދަކުރަމުން ގެންދިޔައެވެ. އެގޮތުގައި ދުވަސްތަކެއް ވޭތުވެގެން ދިޔައިރު، އެތަނުގައި ތިބުމަށް އެ ދެ މީހުން ފޫހިވިއެވެ. އެހިނދު، ކަލާނގެ، އެ ދެ މީހުންނަށް ލޮންސިއެއް ފޮނުއްވިއެވެ.
ދެން ކަލޯ އެ ލޮންސި ނަގައިގެން، އޭތި ވިއްސާރަ ދުނީގައި ޖެއްސިއެވެ. އެހިނދު، މަޑުމަޑުން ވިރިގެން، ވިއްސާރަދުނި، ތިކިތަކެއްގެ ސިފައިގައި ފައިބަން ފެށިއެވެ. އެ ތިކިތައް ދުނިޔޭގެ ކަނޑަށް އެޅެމުން އެޅެމުން ގޮސް އެއިން ވަރަށް ރީތި ކުދިކުދި ޖަޒީރާތަކެއް އުފެދުނެވެ. އެ ޖަޒީރާތައްވީ، ދިވެހިރާއްޖޭގެ ރަށްތައް ކަމުގައެވެ.
ޖަޒީރާތަކުގެ ފަސްގަނޑު ހަމަޖެހުމުން، ކަމަނަ އާއި ކަލޯ، އެ ޖަޒީރާތަކުގެ މެދުގައި އޮތް ރަށަކަށް ފައިބައި، ރަށުގެ ދެކޮޅުގައި ދެ މީހުން ދިރިއުޅެން ފެށިއެވެ. ކުޑަ ދުވަސްކޮޅެއް ވީތަނާ، ދެ މީހުން ދެތަނުގައި ދިރިއުޅުމަށް، އެ ދެ މީހުން ފޫހިވެއްޖެއެވެ. ދެން އެ ދެ މީހުން ކާވެނިކުރިއެވެ.
ކާވެނި ކުރުމަށްފަހު، ފުރަތަމަ ފަހަރު ބަލިވެ އިނދެ، ފިރިމީހާގެ ގާތުން ކަމަނަ އެހިއެވެ.
"ލޯބިވާ ފިރިކަލޯއެވެ. ތިބާގެ ކިޔަމަންތެރި އަނބިކަމަނަ މިފަހަރު ވިހާނީ ކޮންއެއްޗެއް ހެއްޔެވެ؟"
ކަލޯ ބުންޏެވެ.
"އަހަރެންގެ ލޯބިވާ އަނބިކަމަނަ މިފަހަރު ވިހާނީ، ދިވެހި ރުކެވެ."
ދެން، ނުވަމަހާއި ދިހަ ދުވަސް ހަމަކުރުމަށްފަހު، ކަމަނަ ސާޅީސް ދިވެހި ރުއް ވިހައިފިއެވެ. ދެން، އެ ރުއްތައް ރަށުގެ އެތަން މިތަނުގައި ކަލޯ އިންދިއެވެ.
ދެވަނަ ފަހަރު ބަލިވެ އިނދެ، ފިރިމީހާގެ ގާތުން ކަމަނަ އެހިއެވެ.
"ލޯބިވާ ފިރިކަލޯއެވެ. ތިބާގެ ކިޔަމަންތެރި އަނބިކަމަނަ މިފަހަރު ވިހާނީ ކޮންއެއްޗެއް ހެއްޔެވެ؟"
ކަލޯ ބުންޏެވެ.
"އަހަރެންގެ ލޯބިވާ އަނބިކަމަނަ މިފަހަރު ވިހާނީ، ބަނބުކެޔޮ ގަހެވެ."
ދެން، ނުވަމަހާއި ދިހަ ދުވަސް ހަމަކުރުމަށްފަހު، ކަމަނަ ސާޅީސް ބަބުކެޔޮ ގަސް ވިހައިފިއެވެ. ދެން އެ ގަސްތައް ރަށުގެ އެތަން މިތަނުގައި ކަލޯ އިންދިއެވެ.
ދިވެހި ރުކާއި ބަނބުކެޔޮ ގަސް ހެދި ބޮޑުވެ، ކަލޯގެ ދެމަފިރިންނަށް ރިޒުގު ތަނަވަސް ވުމުން، ކަމަނަ ބުންޏެވެ.
"ލޯބިވާ ފިރިކަލޯއެވެ. މިހާރު އަހަރެމެން ދެމަފިރިންނަށް މިވަނީ ރިޒުގު ތަނަވަސް ވެފައެވެ. ދަރިން ހޯދައިގެން ދިވެހިރާއްޖޭގެ ރަށްތަކުގައި އަހަރެމެންގެ ދަރީން ވަޒަންވެރިކުރުވަމާ ހިނގާށެވެ."
ކަލޯ ބުންޏެވެ.
"ތިޔައީ ވަރަށް ރަނގަޅު ކަމެކެވެ. އަވަހަށް ތިކަން ކުރަމާ ހިނގާށެވެ."
ދެން ތިންވަނަ ފަހަރު ބަލިވެ އިނދެ، ފިރިމީހާގެ ގާތުން ކަމަނަ އެހިއެވެ.
"ލޯބިވާ ފިރިކަލޯއެވެ. ތިބާގެ ކިޔަމަންތެރި އަނބިކަމަނަ މިފަހަރު ވިހާނީ ކޮންއެއްޗެއް ހެއްޔެވެ؟"
ކަލޯ ބުންޏެވެ.
"އަހަރެންގެ ލޯބިވާ އަނބިކަމަނަ މިފަހަރު ވިހާނީ، ފިރިހެން ދަރިންނެވެ."
ދެން، ނުވަމަހާއި ދިހަ ދުވަސް ހަމަކުރުމަށްފަހު، ކަމަނަ ސާޅީސް ފިރިހެން ދަރިން ވިހައިފިއެވެ.
ފިރިހެން ކުދިންނަށް އަހަރު ފުރުނުތަނާ، ހަތަރުވަނަ ފަހަރު ކަމަނަ ބަލިވެ އިނދެއްޖެއެވެ. ދެން އާދަކާދައިގެ މަތިން، ފިރިމީހާގެ ގާތުން ކަމަނަ އެހިއެވެ.
"ލޯބިވާ ފިރިކަލޯއެވެ. ތިބާގެ ކިޔަމަންތެރި އަނބިކަމަނަ މިފަހަރު ވިހާނީ ކޮންއެއްޗެއް ހެއްޔެވެ؟"
ކަލޯ ބުންޏެވެ.
"އަހަރެންގެ ލޯބިވާ އަނބިކަމަނަ މިފަހަރު ވިހާނީ، އަންހެން ދަރިންނެވެ."
ދެން، ނުވަމަހާއި ދިހަ ދުވަސް ހަމަކުރުމަށްފަހު، ކަމަނަ ސާޅީސް އަންހެން ދަރިން ވިހައިފިއެވެ.
އެ ކުދިންތައް ބޮޑެތިވަމުން ދިޔައިރު، ކޮންމެ އަހަރަކު ކަމަނަ ކޮންމެވެސް އެއްޗެއް ވިހައެވެ. ގަސްގަހާގެއްސާއި މަސްމަހާމެއްސާއި ދޫނިސޫފާސޫފިތައް ވިހައި ނިމުނުއިރު، ކަމަނަ އާއި ކަލޯގެ ދަރިންތައް ތިބީ ބޮޑެތިވެފައެވެ. ދެން އެ ކުދިން މީހުނާ އިނދެގެން ރަށްރަށަށް ދިޔައެވެ. ކޮންމެ ދެމަފިރިއަކު ވެސް ދިޔައީ، ގަސްގަހާގެއްސާއި މަސްމަހާމެއްސާއި ދޫނިސޫފާސޫފީގެ ތެރެއިން އެ ދެމަފިރިއަކަށް ބޭނުންވާ ވަރަށް ހިފައިގެންނެވެ.
މިގޮތުގެ މަތިން، ދިވެހިރާއްޖޭގެ ރަށްތަކުގައި މީހުން ވަޒަންވެރިވެ، ރަށްތައް އާބާދުވިއެވެ.